ad_banner
މެދުއިރުމަތީގެ ހުރިހައި ގައުމުތައް އިސްރާއީލުގެ ވިލާޔަތްތަކަކަށް ބަދަލުވާނީހެއްޔެވެ؟

އަބާ މުޙަންމަދު

19 އޯގަސްޓް 2025

އިސްރާއީލުން އިޫލާނުކޮށްފައިވާ "ބޮޑު އިސްރާއީލު"ގެ ތަޞައްވުރުގެ ޗާޓު ނަތަންޔާހޫ ދައްކައިލަނީ! މި ޗާޓުގައި ޢަރަބި ގިނަ ގައުމުތައް ހިމެނެއެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި އަދި ޚާއްޞަކޮށް މުސްލިމު ގައުމުތަކުގެ ކުރިމަތީގައި އިސްރާއީލުން، މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިން ތަޅައި ސުންނާފަތި ކޮށްލީއެވެ. އަދި އެ ބިމަކީ [ވަރުގަދަ] އިސްރާއީލުގެ ބަޔަކަށް ހަދާނެކަމަށް ކުރާ ތަސައްވުރަށް ޢަމަލީ ސިފަ ގެންނަނީއެވެ.

ސަބަބަކީ ކޮބައިހެއްޔެވެ؟ މުސްލިމުންގެ ބާރު ނެތީހެއްޔެވެ؟ ނޫނެކެވެ. މުސްލިމުންގެ ބާރު އެބަ ހުރިކަން ދާދިފަހުން އީރާނުން ވަނީ ސާބިތުކޮށްދީފައެވެ. އިރާނު ފިޔަވައި އަޒުމު ވަރުގަދަ، ސާބިތު، ހިތްވަރުގަދަ ކިޔާނެއް މުސްލިމުންގެ ތެރެއަކު ނެތެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ މަކަރުވެރި ރޭވުމުގެ ދަށުން އީރާނަކީ [ސުންނީ] މުސްލިމު ގައުމުތަކަށް ބިރެއްކަމަށް ވަނީ ގަބޫލުކުރުވައިފައެވެ. އެމެރިކާއާއި އިސްރާއީލަކީ ހެޔޮއެދޭ ރަޙުމަތްތެރީންގެ ގޮތުގައި ވަނީ ބަލައިގެންފައެވެ.

އީރާނު އޮތް މަގާމުގެ ގޮތުން ސީދާ އީރާނަށް ޙަމަލާ ނުދީފި ނަމަ، އީރާނަކަށް އިސްރާއީލަށް ޙަމަލާދެވޭކަށް ނޯވެއެވެ. އެހެން ހަދައިފި ނަމަ، ބައިނަލްއަގުވާމީ ގާނޫނުތަކާ އީރާނު ޚިލާފުވެއްޖެކަމަށް ކަނޑައަޅައި، ޢަރަބި ގައުމުތަކުގެ އެހީގައި އީރާނަށް ޙަމަލާތައް އޮއްސައިލައި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އެ މީހުން ގިއްގަޅުވައިލާނެއެވެ.

ކަން ހުރީ މިހެންކަމަށްވާތީ، އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ ޙޫޘީންނާއި، ޙަމާސާއި، ޙިޒުބުﷲ ފަދަ ޖަމާޢަތްތަކަށް [ސިއްރުން] އެހީތެރިވެދިނަސް ފާޅުގައި އިސްރާއީލާ ދެކޮޅަށް އީރާނަށް ޙަމަލާދޭނެ ގާނޫނީ ހައިސިއްޔަތެއް ނުލިބެއެވެ. އެހެންކަމުން ހިތްދަތިކަމާ އެކު، މަންޒަރު ބަލާން އީރާނުން އޮއްވައި، އިސްރާއީލުން އެ މީހުންގެ އަނިޔާވެރިކަން އިތުރުކޮށް ފަލަސްޠީނަކީ އެ މީހުން ހަދައިގެން އުޅޭ ދައުލަތުގެ ބިމުގެ އިތުރުވެންޏެއްކަމަށް ހަދައިލަނީއެވެ.

މުސްލިމުންގެ އަތުގައި ބާރު އެބަ އޮތެވެ. އިގުތިޞާދީ ބާރެވެ. ގުދުރަތީ މުއްސަނދިކަމެވެ. ބިމެވެ. ނަމަވެސް އެ ބާރު ބޭނުންކުރާނޭ ބާރެއް މެދުއިރުމަތީގެ މުއްސަނދި ގައުމަކަށް ނެތެވެ. ނަގޫފިފައިވާތީއެވެ. ޢަރަބި ގައުމުތަކުގައި އެހެރީ އިސްރާއީލަށް އެހީވާނޭ، އަދި އިސްރާއީލަށް ދެކޮޅުހަދާ ގައުމުތަކަށް ޙަމަލާދޭނޭ މަރުކަޒުތައް ހަދައިފައެވެ. ވެރީންގެ ވެރިކަން ޙިމާޔަތްކުރެވޭނީ އެ ގޮތަށް ކަންތައް ކޮށްގެންކަމަށް ހީކޮށްގެންނެވެ.

ޢަރަބީންނަށާއި މުސްލިމުންނަށް އެންމެ ބޮޑު ވަރަކަށް ވެސް ކުރެވޭ ކަމަކީ ޖަލްސާއެއް ބާއްވައިގެން [ހަރުކަށި ޢިބާރާތުން] އެ ޢަމަލު ކުށްވެރިކޮށްލުމެވެ. އެ މީހުން ކުށްވެރިނުކުރިޔަސް އެއީ ކުށްވެރީންކަން އެ މީހުން ވެސް ދަނެއެވެ. ނަމަވެސް އިސްރާއީލުގެ މަދަދުގާރަށް ޢަރަބި ގައުމުތައް ތިބީ ސަނާކިޔައިލަކިޔައިލައެވެ. އެ ގައުމުތަކުގެ ދުޝްމަނަކީ އިސްރާއީލާ ދެކޮޅަށް އަބަދު ވެސް ވާހަކަދައްކާ އީރާނުކަމަށް ގަބޫލުކޮށްގެންނެވެ. [ސުންނީ] [ޝީޢީ]އަކީ ކައު ރަސޫލާ މި އުންމަށް ގެނެސްދެއްވި މަފުހޫމެއްކަމަށް ނުވިޔަސް މި އަރައިރުމުގައި މުސްލިމު ގައުމުތައް އޮތީ ބައިބައިކުރުވައިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ [ބޮޑު އިސްރާއީލެއް]ގެ ތަސައްވުރާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް އަރަބި ގައުމުތަކާއި މުސްލިމް ގައުމުތަކުގެ ކޯލިޝަނަކުން [އެންމެ ހަރުކަށި އިބާރާތުން] މި ދިޔަ ހުކުރުދުވަހު ކުށްވެރިކުރިއެވެ.

އިސްރާއީލުގެ އައި 24 ނިއުސް ޗެނަލުން ނަތަންޔާހޫއާ އިންޓަވިއުކުރި ޝެރޯން ގަލް [ބޮޑު އިސްރާއީލަކަށް] ކުރާ ތަސައްވުރު ހަގީގަތަކަށް ހެދޭނެތޯ ނަތަންޔާހޫއާ ސުވާލުކުރުމުން ބުނެފައިވަނީ އެ ކަން [ކަށަވަރު]ކަމަށެވެ. އަދި [ބޮޑު އިސްރާއީލު]ގެ އެ ތަޞައްވުރުގައި ކުލަޖެހޭނެކަމުގައި އިހުސާސްކުރަންތޯ އެހުމުން އެ ކަލޭގެ ބުނީ [ވަރަށް ބޮޑަށް] އެ އިޙުސާސްކުރެވޭކަމަށެވެ.

އިސްރާއީލުގެ ވަޠަނީ ފިކުރުގެ ހަރުކަށި މީހުން ތާއީދުކުރާ [ބޮޑު އިސްރާއީލް]ގެ މަފުހޫމަކީ ހިފައިފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާއާއި، ލުބުނާނާއި، ސޫރިއާއާއި؛ މިސްރާއި އުރުދުންގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލު ފުޅާކުރުމުގެ ތަސައްވުރެކެވެ.

އަރަބި އަދި އިސްލާމީ 31 ގައުމަކާއި އަރަބި ލީގުގެ ގުޅިފައިވާ އިއްތިހާދަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި ނުބައި ތަޞައްވުރާ ބެހޭ ގޮތުން ނެރޭ [ބަޔާންތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ ގުޅުންތަކުގެ އަސާސްތައް ވަރަށް ބޮޑަށް އިހުމާލުކޮށްލައިފައިވާ ނުރައްކާތެރި ކަމެއް]ކަމަށެވެ.

[އެއީ އަރަބި ގައުމީ ސަލާމަތަށާއި، އެ ދައުލަތްތަކުގެ އިސްތިގުލާލަށާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ވެސް ސީދާ ނުރައްކަލެއް]ގެ ގޮތުގައި ވެސް ހުކުރު ދުވަހު ނެރުނު އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ލީގު އޮފް އަރަބް ސްޓޭޓްސް އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހިމެނެއެވެ.

ހިފައިފައިވާ ހުޅަނގު އައްސޭރީގައި އާބާދީ ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ބުރާސްފަތި ދުވަހު އިއުލާނުކުރި ކުރުން ވެސް އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކުށްވެރިކޮށްލީމާ ނިމުނީތާއެވެ. އިސްރާއީލަށް ވާނީ ކޮން ގެއްލުމެއްހެއްޔެވެ؟ އެ މީހުން ހުއްޓުވާނެ ބާރެއް ނެތެވެ. އެ މީހުންކުރާނެ ކޮންމެ ކަމެއްކުރުމަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިވާން އިސްރާއީލުގެ މަދަދުގާރު އެމެރިކާ އޮތީ ތައްޔާރަށެވެ. މި ބަޔާން ނެރުނު ގައުމުތަކުން ވެސް އިސްރާއީލާ އެކީ އޮންނަ ވިޔަފާރީގެ ގުޅުންތައް ކުރިއަށް ދަނީއެވެ. އެހެންވީމާ އިސްރާއީލަށް އެއްވެސް ފިއްތުމެއް ނެތެވެ.

އިސްރާއީލުން އެ މީހުންގެ ބިން ފުޅާކުރާން އާންމުކޮށްފައިވާ ތަޞައްވުރުގައި ސަޢުދީ ޢަރަބިއްޔާ ހިމަނައިފައި ނެތަސް އެ މީހުންގެ ތަޞައްވުރުގައި މައްކާއާ ހަމައަށް ފުޅާކުރާން އޮތީ ކަނޑައަޅައިފައެވެ. ނަމަވެސް ޢަރަބީންނަށް ނުރައްކަލެއްކަމަށް ވިސްނައިދީފައި އޮންނަނީ ޙަމާސާއި އީރާނެވެ. މިއީ އިސްރާއީލަށް ހަމަ އެކަނި ނުރައްކަލެއް ކުރިމަތިވެދާނެ ދެ ކިޔާނެވެ. އެހެންވީމާ، ދުޝްމަނުންކަމަށް އަދިވެސް ޢަރަބި ގައުމުތަކުން ބަލަނީ އީރާނާއި ޙަމާސެވެ. އެހެންކަމުން ކޮންމެ ޙާލަތެއްގައި ވެސް މި ދެ ކިޔާނަށް ބާރެއް ލިބޭކަށް ޢަރަބީން ވެސް ބޭނުމެއް ނުވެއެވެ.

ދުނިޔޭގެ މަސްރަޙު ފެންނަ ގޮތުން މުޅި މެދުއިރުމަތީގެ ހުރިހައި ގައުމަކީ ވެސް އިސްރާއީލުގެ [ބޮޑު އިސްރާއީލު]ގެ ތެރޭގައި ހިމެނޭ އިސްރާއީލުގެ ވިލާޔަތްތަކެއްކަމަށް ހަދައިލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެން ހަދައިގެން ނަމަވެސް އެ ގައުމުތަކުގައި މިހާރު އޮތް ސަރުކާރުތަކަށް ވެރިކަމުގައި ތިބެވިއްޖެ ނަމަ، އަދި އީރާނާއި ޙަމާސަށް ބާރެއް ނުލިބިއްޖެ ނަމަ އެ މީހުންނަށް ވަރިހަމައޭ ވެސް މިހާރު ހިތަށް އަރައެވެ.

 

ލަފުޒެއްގެ މާނަ

ކިޔާނު ނ.   އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. entity

ކޮމެންޓު