ad_banner
އަބްރަހަތާއި ޓުރަންޕު – އެއް ގޮތް ސިފަތަކެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

18 އޯގަސްޓް 2025

ޓުރަންޕާއި އަބުރަހާގެ ސިފަތައް ވަރަށް އެއް ގޮތެވެ

ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާ އިރު، ލޮބުވެތި ރަސޫލާގެ ސީރަތަކީ ވަރަށް ފުރިހަމަ މަރުޖާއެކެވެ. އިންސާނުންނަށް، ޚާއްޞަކޮށް މުސްލިމުންނާ ކުރިމަތިވަމުންދާ ދަތި އުނދަގޫ ސުވާލުތަކަށް މި ސީރަތުން ޖަވާބު ލިބެމުންދާތީއެވެ. ޒަމާން ތަފާތުވިޔަސް ތަން ތަފާތުވިޔަސް ކަންތައްތައް އެއް ގޮތްކަމުންނެވެ.  

މުސްލިމުންގެ ޢަދަދު ގިނަކަމުގައި ވިޔަސް މުސްލިމުންގެ ބިން ބޮޑުކަމުގައި ވިޔަސް އިސްރާއީލޭ މި ކިޔާ ކިޔާނުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތަކާއި ބަނޑަށްޖައްސައި މީހުން މެރުމުގެ ޤަތުލުއާންމުތަކާއި، ބިންތައް ފޭރިގަނެ ބިމުގެ ޙަޤީޤީ ވެރީން ގަދަކަމުން ފައްސައިލާ އަނިޔާވެރި ޢަމަލުތަކުގެ ކުރިމަތީގައި އުންމަތް މި ވަނީ އިނދަޖެހިފައެވެ. ހަދާނެ ގޮތެއް ނޭނގިގެން  ދެ އަތް އޮތީ އުރައިލައިފައެވެ.

ޙަޤީޤަތުގައި މިއީ  ބޮޑު ބަލާވެރިކަމެކެވެ. ބޭރަށް ނުކުންނާނެ ދޮރެއް ނެތުމުން ކުރިމަތިވެފައިވާ ކަންބޮޑުވުމެކެވެ. އަމިއްލަ ނަފްސު ދިފާޢުކުރާނެ ދަނޑިބުރިއެއް ވެސް ނެތް ބަޔަކު ޙިޞާރުކޮށްފައި ބައިތިއްބައިގެން އުޅޭތީއެވެ. މި ބައިމީހުންނަށް އެހީވާނެ އަތެއް ނެތެވެ.  ނަޞްރުދިނުމަށް ބަހެއް ބުނާން ކެރޭނެ ދުލެއް ނެތެވެ.  އުންމަތުގެ ކުރިމަގު އޮތީ މާ ދުރުގައި ހުރި މީހެއްގެ އަތުގައެވެ. ވެރިކަންކުރަނީ އޭނާއެވެ. އަމުރުކުރަނީ އޭނާއެވެ. އެއްވެސް ފަރާތެއްގެ ދެކޮޅުހެދުމެއް ނެތި  ދީ ހަދަނީ އޭނާއެވެ.  މަނާކުރަނީ ހަމަ އޭނާއެވެ. ހިތާމައަކީ ވެރިކަމުގެ ބައެއް ނިޒާމުތަކުން ވެސް ހުރިހައި ކަމެއްގައި އޭނާގެ އެހީއަށް އެދޭ ކަމެވެ. އޭނާގެ ފިރުމައިލުން ބޭނުންވެގެން އާދޭސްކުރާކަމެވެ. އޭނާގެ ހިތްރުއްސޭތޯ ބަލާކަމެވެ.

ހަނދާނަށް އަންނަނީ އެފްރިކާގެ ބޯ ޖަންގަލީން ނުކުމެގެން ގެފުޅުގެ އަމާން ބިމުގެ ވަށައިގެން އުޅެމުން ދިޔަ އަރަބި ޤަބީލާތަކަށް ވެރިވެގަނެ، ﷲގެ މާތް ޙަރަންފުޅު، ﷲގެ ގެފުޅު، ތަޅައިލާން އުޅުނު އަބްރަހަތުލްއަޝްރަމުގެ ޢަމަލުތަކެވެ. މި އަބުރަހަތާ މިއަދުގެ ޓުރަންޕާ ދެމެދުގައި ވަރަށް އެއް ގޮތް ކަންތައްތަކެއް ހުރީތީއެވެ.

- ބިމުގެ މަރްކަޒުތަކަށް ވެރިވެގަނެ އެންމެން ބޯލެންބުވުން: އަބްރަހާ ޔަމަނުގައި ޙަސަދަވެރިކަމާއި ނަފުރަތްތެރިކަމާއެކު ބިނާކުރި ފައްޅިއަށް އަރަބީން ހައްޖުނުވާތީ މައްކާގައި ހުރި މުޤައްދަސް ކަޢުބަތުﷲ ގެފުޅު މުގުރައިލާން އޭނާ ނިންމިއެވެ. މި ގެފުޅު ހުރީމާ އަރަބީން އޭނާގެ ފައްޅިއަށް ޙައްޖަށް ނާންނާތީއެވެ. އޭނާގެ ހައިބަތަށާއި އޭނާގެ ސިންގާސަނާއަށް އެންމެން ބޯލެންބުވުމަށް ޓަކައެވެ. އެއަށް ފަހު އަރަބި ކަރައިގެ މުއްސަނދިކަން އޭނާގެ އެއްޗަކަށް ހަދައި އޭނާގެ ނުފޫޒު ފެތުރުމަށް ހުރަސްއަޅާނެ އެއްވެސް ބާރެއް އޮތަ ނުދިނުމަށް ޓަކައެވެ. މީސްތަކުންނާއި ވެރިކަމުގެ ނިޒާމުތައް އޭނާގެ ބާރުގެ ދަށުގައިވާ ތަންތަނަށް ހެދުމަށް ޓަކައެވެ.

- ޢަސްކަރީ ބާރުތަކާއި ފަންނިއްޔާތުގެ ކުރިއެރުން ޖަމާކުރުން: އަރަބީންގެ ވެރިކަމުގެ މަރުކަޒުތަކަށާއި ޤަބީލާތަކުގެ މައްޗަށް ވެރިވެގަތުމަށާއި ގެފުޅު ތަޅައިލައި މުގުރައިލުމަށް ޓަކައި އަބްރަހާ ޢަރަބީންގެ ޤަބީލާތަކުގެ މީހުންގެ ޢަދަދާއި އެ މީހުންގެ އަތުގައި ހުރި ހަތިޔާރުގެ ބާވަތްތައް ދިރާސާކޮށް އެ މީހުންނަށް ކުރިމަތިނުލެވޭ ފަދަ ޢަސްކަރީ ބާރަކާއި ތަމްރީނުލިބިފައިވާ ސިފައިންގެ ބިޔަ ލަޝްކަރެއް ތައްޔާރުކުރިއެވެ. ޢަސްކަރީ ގޮތުންނާއި ތަންޒީމުގެ ގޮތުން ގޮންނުޖެހޭ ފަދަ ބާރެއް އަބްރަހާ އަރަބީންނާ ދެކޮޅަށް ތައްޔާރުކުރިއެވެ. މި ކަމަށް ރަނގަޅަށް ތައްޔާރުނުވެ އަބްރަހާ އޭނާ ލަޝްކަރާއިގެން އަރަބިކަރައިގެ ބިމަށް އަރާން އުޅުނު ނަމަ އޭނާއާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިދާނެތީއެވެ. މިހެންވެ އޭނާ އެތްތަކާއި ގައު އުކާ ސާޅަގަތަކާއި ޢަރަބީންނަށް ވުރެ ޢަދަދު ގިނަ ސިފައިންގެ ލަޝްކަރެއް ތައްޔާރުކުރިއެވެ. މިއީ މި ޒަމާނުގައި ހަތިޔާރުގެ މައިދާނުގައި އެމެރިކާއާއި ހުޅަނގުގެ ފަންނިއްޔާތުގެ އުފެއްދުންތަކާ އެއް ފަދަ އުފެއްދުންތަކެކެވެ. މިއަދު އެމެރިކާގެ ޢަސްކަރީ ބޭސްތައް  ބާރުގަދަ ހަތިޔާރާ އެކު، ވަނީ ބައެއް އަރަބި ގައުމުތަކުގައްޔާއި އިސްލާމީ ގައުމުތަކުގައި ހާލިހަދައިފައެވެ. އަރަބީންގެ ބިމުގައި ތިބެގެން އަރަބީން ބިރުގެންނެވުމަށާއި އިސްރާއީލަށް އެހީވެދީ އަރަބީންނާ ދެކޮޅަށް ޙަމަލާތައް ދިނުމަށް ޓަކައެވެ.  

- މީޑިއާއާއި ނަފުސާނީ ހަނގުރާމައިގެ ތެރެއިން ބިރުވެރިވެރިކަން އުފެއްދުން: އަބްރަހާ އޭނާގެ ލަޝްކަރު މައްކާގެ މުޤައްދަސް ގެފުޅު މުގުރައިލުމުގެ ދަތުރުކުރިއަށް ގެންގޮސްފައި ވަނީ ނަފްސާނީ ބޮޑު ހަނގުރާމައަކާ އެކުގައެވެ. ބިރުގެންނެވުމުގެ ބޮޑު ހަނދުގެއެއްއަޅައިގެންނެވެ. މައްކާއަށް ދަތުރުކުރި މަގުމަތީގައި ހޯދަމުން ދިޔަ ކުދިކުދި ކާމިޔާބީތައް ބޮޑެތި ނަޞްރުތަކެއްކަމުގައި ދައްކައިގެންނެވެ. މައްކާއަށް އަރާން ދިޔަ މަގުމަތީގައި ޔަމަނުގެ ބައެއް ޤަބީލާތައް ބަލިކުރިއެވެ. ޚަޘްޢަމު ޤަބީލާގެ ޒަޢީމު ނުފައިލު ބުނު ޙަބީބު ބަލިކުރިއެވެ. މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ޓަކައެވެ. އެއީ ބަލިނުކުރެވޭނެ ބާރެއްކަން ދެއްކުމަށް ޓަކައެވެ. ޓުރަންޕު މިއަދު ބާއްވާ ބައްދަލުވުންތަކުގައްޔާއި އެކްސްގައި ކުރާ ޕޯސްޓުތަކުގައްޔާއި ދުރަށް ދައްކާ ވީޑިއޯތަކުގައްޔާއި ދައްކާ ވާހަކަތަކުގައި މި ގެންގުޅެނީ އަބްރަހާގެ މި ސިޔާސަތެވެ. އޭނާ ބުނާގޮތުގައި އެމެރިކާގެ ޢަސްކަރިއްޔާއަކީ މި ބިމުގައިވާ އެންމެ ބާރުގަދަ ޢަސްކަރިއްޔާއެވެ. ޖަހަންނަމައިގެ ތަޅުދަނޑި އޮތީ އޭނާގެ އަތުގައެވެ. [މަށާ ދެކޮޅު ނަހަދާށެވެ! ނަރަކައަށް ލައިފާނަމެވެ. އަހުރެން ރުޅިއަރުވަން ކެރޭނެ މީހަކު ނުހުންނާނެއެވެ. އެކަކުވެސް މަށާ ވާދަކޮށްގެން ނުވާނެއެވެ. ޝީ ޖިން ޕިނަކަސް ޕޫޓިނަކަސް މަށަށް ސަޖިދަނުކުރާނަމަ ޓެރިފު މަތިކޮށް މައިތިރިކުރުވިދާނެއެވެ.]

- އުންމަތަށް ވާގިދޭ އެއްބާރުލުންތަކާއި ގުޅުންތައް ކިނބަކޮށް ބައިބައިކުރުން: ކީރިތި ރަސޫލާގެ ސީރަތުން އެނގޭގޮތުގައި ޘަޤީފު ވަންހައިގެ ޒަޢީމު މަސްޢޫދު ބުނު މުޢައްތިބު އަބްރަހާއާ އެއްބައިވިއެވެ. ޠާއިފަށް ނާރާނޭކަމުގެ ޔަޤީންކަން ދިނުމުން މައްކާއަށް ދަތުރުކުރާން އޮންނަ މަގު ދައްކައިދިނުމަށް ޓަކައި އަބޫ ރިޣާލު ނަމަކަށް ކިޔާ މީހަކު އޭނާއާ އެކު، ފޮނުވިއެވެ. އަބޫ ރިޣާލަކީ މި ޚިޔާނަތުގައި ބައިވެރިންގެ ތެރެއިން މީހެކެވެ. އަބޫ ރިޣާލު، އަބްރަހާއަށް މައްކާއަށް ދާނެ މަގު ކިޔައިދީ ދެއްކިއެވެ.  މިއަދު ޢަރަބީންގެ ވެރިކަމުގެ ގޮނޑިތަކުގައި ތިބި ބައެއް މީހުން އެމެރިކާއިން ދައްކާ އޮފުދާރުކޮށްފައިވާ އަމާންކަމުގެ ދަޅަތަކަށް ހެއްލުންތެރިވެފައިވާ ތަން ފެނެއެވެ. ސަލާމަތްކަމާއި ނަޖާވުން ހޯދުމަށް ޓަކައި ޓްރަމްޕަށް ފައިސާއާއި ހަދިޔާތައް ދެމުންދާ ތަން ފެނެއެވެ. އަބޫ ރިޣާލުތައް މަދެއްނޫނެވެ. 

ޘަޤީފުންނަކީ މައްކާއާ އެންމެ ކައިރީގައި އުޅޭ މީހުންނެވެ. އެއީ މައްކާގެ އަވަށްޓެރީންނެވެ. ރަޙިމުގެ ގުޅުން އޮތް ތިމާގެ މީހުންނެވެ. ޠާއިފަކީ މައްކާގެ ބައެއް މުއްސަނދީންގެ ދަނޑުބިންތައް އޮތް ތަނެކެވެ. އެހެންކަމުން މަސްޢޫދާއި އަބޫ ރިޣާލުފަދަ މީހުންނަށް އައުލާވެގެން ވަނީ އަބްރަހާއަށް ފުރަގަސްދިނުމެވެ. ނަމަވެސް ނަފްސުގެ ޢިއްޒަތް ބަލިކަށި މީހުންނަށް، އަބަދުނވެސް އަތްދިއްކޮށްލެވޭނީ ދުޝްމަނުންނާ ދިމާއަށެވެ. ފުރަގަސްދެވޭނީ ގާތްތިމާގެ މީހުންނަށެވެ. 

- ޢުދްވާނީ ޙަމަލާއާއި ހަނގުރާމައިގެ ބިލް އަދާކުރާނީ ކާކު؟: އަބްރަހާގެ ލަޝްކަރު މައްކާއަށް ދޔަ މަގުމަތީ އަތުޖެހުނުހައި މުދަލަކާއި ނަޢަމުސޫފިތަކުގެ މައްޗަށް އަތްގަދަކޮށް ފޭރިގަތެވެ. އެކަމުގައި އެއްވެސް އަޚްލާޤެއް ޙުރްމަތްތެރިކަމެއް ނެތެވެ. މައްކާގެ ޒަޢީމު ޢަބްދުއްމުއްޠަލިބުގެފާނުގެ ބަކަރިތައް ވެސް އަތުލައިގަތެވެ. އެކަލޭގެފާނު އަބްރަހާގެ ގާތަށް ވަޑައިގެން އޭއްޗެހި ދިނުމަށް އެދިވަޑައިގަތެވެ. މިއަދު ޓުރަންޕު ވެސް ދައްކަނީ ހަމަ މި ކަހަލަ ވާހަކަތަކެކެވެ. އަބްރަހާގެ ޙަމަލާގެ ބިލްތައް އަރަބީންނަށް ދައްކާން ޖެއްސިގޮތަށް ޓުރަންޕު ވެސް ތަބާވަނީ ހަމަ މި ފަދަ ސިޔާސަތަކަށެވެ. ޣައްޒާގެ ނިކަމެތި ރައްޔިތުން މެރުމުގައްޔާއި ބަނޑަށް ޖެއްސުމަށް އިސްރާއީލުން ކުރާ ޚަރަދުތައް އަރަބީންނަށް ދައްކަންޖެހޭނެކަމަށް އޭނާ ދަނީ ބުނަމުންނެވެ. ޓްރަމްޕް ބުނާ ގޮތުގައި އަރަބި ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކާއި މަނަވަރުތަކަށް ޚަރަދުކުރާން ޖެހޭނީ ހަމަ އެ ޤައުމުތަކުންނެވެ. މި ތަންތަނުން އިސްރާއީލަށް އެހީވަނީ މި ގައުމުތަކުގެ ވެރީންނަށް ޓަކައެވެ.

- ޢުދްވާނުގައި ރިވެތި އުރައެއް ލެއްވުން:  އަބްރަހާ ބުނި ގޮތުގައި އޭނާ މައްކާއަށް މި ދަނީ އެއްވެސް މީހަކު މަރާކަށްނޫނެވެ. އޭނާގެ ބޭނުމަކީ ގެފުޅު ތަޅައިލުމެވެ. އޭނާގެ ފައްޅިއަށް މީހުން ޙައްޖުކުރުވުމެވެ. އެހެނަސް އޭނާ ދަތުރުކުރި މަގުމަތީގައި ދިޔައީ ފެނުނުހައި ބަޔަކު މަރަމުންނެވެ. ފެނުނު ހައި މުދަލެއް ހިފަމުންނެވެ. ތަންތަން ލޫޓުވަމުންނެވެ. ދެތިން ހަތަރު މީޓަރުގެ ދިގުމިން ހުރި ދެތިން ހަތަރު މީޓަރުގެ ފުޅައު ކުޑަކުޑަ ކޮޓަރިއެއް ތަޅައިލާން މި ވަރުގެ ލަޝްކަރަކަށް ބޭނުންވާނެހެއްޔެވެ؟ މިހައި ބިޔަ ހަތިޔާރުތަކަށް ބޭނުންވާނެހެއްޔެވެ؟ ބިރުވެރި އެތްތަކެއް ގެންދާން ޖެހޭނެހެއްޔެވެ؟ މިއަދު އެމެރިކާ ބުނާ ގޮތުގައި އެމެރިކާގެ ޢުދުވާނަކީ  އިންސާނިއްޔަތަށް ޓަކައި ކުރާ ކަމެކެވެ. އިސްރާއީލުގެ ޤަތުލުއާންމުތަކާއި ތަންތަން ޚަރާބުކުރުމާއި ބިނާރުތައް ހަލާކުކުރުން ހުއްޓުވުމަށް ޓަކައެވެ. މި ހުރިހައި ހާދިސާތަކެއްގެ ތެރޭގައި ޓްރަމްޕް ބޯދިއްކޮށްލައިފައި މި ބުނަނީ: އަހުރެން ބޭނުންވަނީ ޣައްޒާ ސުވަރުގެއަކަށް ހަދާށެވެ. ޣައްޒާގައި ވިލާސަ ޢިމާރާތްތަކެއް ބިނާކުރާށެވެ. އަހުރެން މި އައީ އެ ބިމުގައި ޞުލްމަސަލަސްކަން ޤާއިމުކުރާށެވެ.

ޚުދްމުޚްތާރު ބޮޑާ ދެ ވެރީންގެ ކިބައިގައި ހުރި އެއް ގޮތް ޢުންޞުރުތައް ވަރަށް ގިނައެވެ. އިއްޔެ އަބްރަހާއެވެ. މިއަދު ޓުރަންޕެވެ. އެސްފިޔަ ޖަހައިލާ ހައި ހިނދުކޮޅެއްގެ ތެރޭގައި ﷲ ފޮނުއްވި ޑްރޯންތަކަކުން (އަބާބީލު ދޫނިތަކުން) އަބްރަހާގެ ވެރިކަމާއި ލަޝްކަރާއި ހަތިޔާރުތައް ހަލާކުވެގެން ނެތިގެން ދިޔައީއެވެ. އަބްރަހާގެ ވާހަކަ އަލްފީލު ސޫރަތުގައި މާތް ﷲ އެ ވަނީ ރެކޯޑުކުރައްވައިފައެވެ. ޤިޔާމަތާ ޖެހެންދެން ކިޔެވޭ އާޔަތްތަކެއްގެ ގޮތުގައެވެ. ހަނދާންކޮށް ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ﴿١﴾‏ أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ ﴿٢﴾‏ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾‏ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾‏ فَجَعَلَهُمْ كَعَصْفٍ مَّأْكُولِۭ ﴿٥﴾‏ - އެތުގެ އެކުވެރިންނާމެދު (އެބަހީ: فيل ބާގައިމީހުންނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވި ގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ (1) އެކަލާނގެ އެއުރެންގެ މަކަރާއި حيلة، ގެއްލުމެއްގެ ތެރޭގައި ނުލައްވައިތޯއެވެ؟ (2) އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. (3) ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. (4) ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ. (5){

 

ދެ ލަފުޒެއްގެ މާނަ:

ވިލާސަ ނއ.  (1) ޚިދުމަތެއްގެ މަތީ ފެންވަރު. (2) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު. deluxe

މަރުޖާ  ނ.   ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. authoritative source

ކޮމެންޓު