ad_banner
ފިޠުރު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

17 އޯގަސްޓް 2025

ޒަކާތަށް ދޭންޖެހެނީ އެންމެ 2.5 އިންސައްތައެވެ.

އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަދައިން އިސްލާމްކަމުގެ މައި ތަނބުތަކަކީ ނުވަތަ ރުކުންތަކަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ގަބޫލުކުރުމާއި، ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، މާލީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އަމާންކަމުގެ ގޮތުން ކުޅަދާނަވެއްޖެ މީހާ ގެފުޅަށް ގޮސް ޙައްޖުވުމާއެވެ.

މި ފަސް ރުކުނުގެ ތެރޭގައި ހިމެނޭ ޒަކާތްދިނުމަކީ ކިހައި މުހިންމު ކަމެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށެވެ. ގިނަ މީހުން ހީކުރަނީ ރަމަޟާން މަހު އަޅުގަނޑުމެން ދޭ ފިޠުރު ޒަކާތް ދައްކައިލުމުން ޒަކާތުގެ ފަރުޟު އަދާވީކަމަށެވެ. ނަމަވެސް އެއީ އިސްލާމް ދީނުގެ ރުކުނެއް ނޫނެވެ. ފިޠުރު ޒަކާތްދެއްކުމަކީ އެންމެންނަށް އޮތް ފަރުޟެކެވެ. ނަމަވެސް އިސްލާމް ދީނުގެ ރުކުނަކީ މުދަލު ޒަކާތެވެ.

މުދަލު ޒަކާތަކީ އެންމެން ދޭން ޖެހޭ އެއްޗެއް ނޫނެވެ. އެއީ ހަމަ އެކަނި މުއްސަނދީންނާއި ފިހާރަވެރީން ދައްކާން ޖެހޭ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އެއީ އެ މީހާގެ މުދަލުގައި ނިޞާބު ހަމަވެ، އެއަށްވުރެ މަދުނުވެ، ހަނދުމަހުގެ އެއް އަހަރު ހަމަވުމުން، އެ ހުރި މުދަލުގެ ސާޅީސްބައިކުޅަ އެއްބައި ދައްކާން ޖެހޭ އެއްޗެކެވެ. ނިޞާބު ކަނޑައަޅުއްވަނީ ދުނިޔޭގެ މާލީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލަށް ބައްލަވައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. ނުވަތަ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. އެންމެ ފަހުން، މި ދިޔަ އެޕްރީމް މަހު 22ވަނަ ދުވަހުން ފެށިގެން ޒަކާތުގެ ނިޞާބުގެ މިންވަރުކަމަށް ކަނޑައަޅުއްވައިފައި ވަނީ  9264.15 ރ. (ނުވަ ހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަނަރަ ލާރި)އެވެ. މި މިންވަރަށް ވުރެ މަދު ނުވެ އެއް އަހަރު ވެއްޖެ ނަމަ، އެ ހުރި މިންވަރެއްގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ދެއްކުން ވާޖިބުވާނެއެވެ. އެއީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. އެއީ އެންމެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ)އެވެ. 

ޒަކާތަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދީ އިގުތިސާދީ ހަމަހަމަކަން ގާއިމުކޮށް މުޖުތަމަޢަކީ ފުދުންތެރި ހަމަޖެހޭ ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ވަރަށް މުހިންމު ނިޒާމެކެވެ.

އެހެންކަމުން ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ޓަކައި ދިވެހި ދައުލަތުން ވަނީ ޚާއްޞަ ގާނޫނެއް ފާސްކުރުމަށް ޓަކައި ޒަކާތާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފައެވެ. މި އެކުލަވައިލެވޭ ޚާއްސަ ޤާނޫނާ އެކު، މުޅި އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ހަރުދަނާ ޒަކާތުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިހެން ވިދާޅުވީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް ޓަކައި ބޭއްވި ތާރީޚީ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ތާރީޚަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރާއްޖެއަށް އެކި ދާއިރާތަކުން އައި އިސްލާހީ ބަދަލުތަކުގެ ތެރެއިންވެސް ސިޔާސީ ގޮތުން ލޮޅުމެއް ނައިސް އޮތް ހަމައެކަނި ދާއިރާއަކީ ޒަކާތުގެ ދާއިރާކަމަށެވެ.

ޒަކާތު ހައުސްގެ ނަމުގައި ޒަކާތުގެ ކަންކަން ކުރިއަށްގެންދިޔުމަށް ޓަކައި ވަކި އިދާރާއެއް އުފައްދަވައި މިއަދު މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ އިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ޒަކާތު ހައުސްގެ މަސައްކަތްތައް ޒަމާނާ އެއް ގޮތަށް އިތުރަށް ވަރުގަދަވަމުންދާކަމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

[އަޅުގަނޑުމެންގެ ޤައުމުގައި ވަރަށް ފުރިހަމައަށް މި ކަން ތަރުތީބުކޮށް މި ކަން އިންތިޒާމުކޮށް މި ކަން ކުރިއެރުވޭނެ ހުރިހައި ވަސީލަތްތަކެއް މިއަދު އެބަހުރި]ކަމަށާއި  [އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި ނިޒާމު ތަރައްޤީކުރުމަށް ޓަކައި މި ހުރިހައި އަސާސްތައް] އެބަ ފުރިހަމަވާކަމަށް ވެސް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމީ ދުނިޔޭގެ މި އަދުގެ ތަސައްވުރަކީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުންކަމަށްވާ އިރު، ޒަމާނާ ގުޅޭ ގޮތަށް، ޒަކާތުގެ އިދާރާތައް ތަރައްޤީކުރަމުންދާކަމަށާއި ދުނިޔޭގެ އެންމެ ފުރިހަމަ ޒަކާތުގެ ނިޒާމެއް އޮންނަ އިސްލާމީ ޤައުމުތަކާ އެއް ގޮތަށް ރާއްޖޭގައި ވެސް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ޒަކާތުގެ ޤާނޫނު ފާސްވުމާ އެކު، ކުރެވޭ މަސައްކަތުން މުޅި އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހަރުދަނާ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

[އަޅުގަނޑުމެން ބޭނުންވަނީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ރަނގަޅު ޒަކާތުގެ ހަރުދަނާ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމްވުން]ކަމަށާއި [އިރާދަކުރެއްވިއްޔާ ޒަކާތުގެ ބިލު ފާސްވެ، ޤާނޫނީ ތަރަހައިގެ ތެރެއިން މި ކަންކަން ފުރިހަމަވާނެ]ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

އާދޭހެވެ! ޒަކާތަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ޒަކާތަކީ މުސްލިމުން ގެ މުދަލުގެ ތެރެއިން ނަގައިގެން އަދާކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިގެންވާ އަޅުކަމެކެވެ. ޒަކާތަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. ޤުރުއާނާއި ސުންނަތުންނާއި ދަންނަ ބޭކަލުންގެ އިޖުމާޢުން ވެސް ޒަކާތަކީ ސާބިތުވެގެންވާ އަޅުކަމެކެވެ. އިސްލާމްދީނުގެ ރުކުނެކެވެ. ޒަކާތް ފަރުޟު ކުރައްވާފައިވަނީ ހިޖުރައިން ދެވަނަ އަހަރު ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައެވެ. އެހެންކަމުން ނަމާދަށް ފަހު، ރޯދައިގެ ކުރީން މި އަންނަނީ ޒަކާތެވެ. މި ކަމުން ވެސް ޒަކާތުގެ މުހިންމުކަން ވަޒަންކުރެއްވޭނެއެވެ.

އަރަބި ބަހުގައި (އައްޒަކާތު) މި ލަފުޒު ވަރަށް ގިނަ މާނައިގައި ބޭނުންކުރެވެއެވެ. މީގެ ތެރޭގައި ގިނަވުމާއި އިތުރުވުމާއި ބޮޑުވުމާއި ޠާހިރުވުމާއި ބަރަކާތް ޙާސިލްވުން ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. ފިޤުހު ވެރީންގެ އިސްޠިލާޙުގައި ޒަކާތަކީ ޚާއްސަ ޝަރުޠުތަކާ އެކު، މުއްސަނދީންގެ މުދަލުން ނަގައި، ފަޤީރުންނާއި މިސްކީނުންނަށާއި ޒަކާތް ލިބުން ޙައްޤު ވެގެންވާ ހުރިހައި ފަރާތްތަކަށް ދެވޭ މުދަލެވެ. ޒަކާތް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ފިޠުރު ޢީދާ ގުޅިގެން ޢީދުދުވަހަށް ޓަކައި އަދާކުރާންޖެހޭ ފަރުޟެއްކަމަށް ވިޔަސް އިސްލާމް ދީނުގެ ތިންވަނަ ރުކުންކަމަށްވާ ޒަކާތަކީ މުދަލު ޒަކާތެވެ. މިއީ ދިވެހީންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރާން ޖެހިފައިވާ ދާއިރާއެކެވެ. ބައެއް މީހުން ހީކުރާ ގޮތުގައި މުދަލު ޒަކާތަކީ ހަމައެކަނި މުއްސަނދީން ދައްކާން ޖެހޭ އެއްޗެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެ މީހެއްގެ މުދަލުގައި ނިޞާބު ހަމަވެއްޖެ ކޮންމެ މީހަކު މުދަލު ޒަކާތަ ދައްކާންޖެހޭނެއެވެ.

ޒަކާތް ނެގުމަކީ ދައުލަތަށް ވެސް ލާޒިމުކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا(([އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!]) (سورة التوبة:102) އެހެންވީމާ، މުސްލިމުންގެ އަތުން ޒަކާތް ނެގުމަކީ އިސްލާމީ ދައުލަތަށް ލާޒިމުވެގެންވާ ކަމެކެވެ. ޒަކާތްދައްކާން އިންކާރުކުރާ މީހުންނާ ދެކޮޅަށް މުސްލިމުންގެ ޚަލީފާ އަބޫބަކުރުއްޞިއްދީޤު ހަނގުރާމަ އިޢުލާންކުރައްވީ މި ސަބަބާ ހުރެއެވެ.

ވީމާ، މުދަލު ޒަކާތާ މެދު ރައްކާތެރިވާން އެބަ ޖެހެއެވެ. ފިޠުރުޒަކާތަކީ އިސްލާމް ދީނުގެ ރުކުނެއްނޫން]ކަމަށާއި އެއީ ހަމައެކަނި ފަރުޟެއްކަން ދަންނާން އެބަޖެހެއެވެ. އިސްލާމްދީނުގެ ރުކުނެއްކަމަށްވާ ޒަކާތަކީ މުދަލު ޒަކާތްކަން ދަނެ، އެ ރުކުނަށް ސަމާލުކަން ދޭން އެބަޖެހެއެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޒަކާތާ ބެހޭ ބިލު ޤާނޫނަކަށް ވީމާ، މި ނިޒާމަށް ވަރަށް ބޮޑު ހަރުދަނާކަމެއް އަންނާނެކަން ކަށަވަރެވެ. އަދި އެ ބިލުގެ ސަބަބުން ދިވެހީން ޒަކާތާ މެދު ދެކޭ ގޮތަށް ވެސް ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ.

ކޮމެންޓު