އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 އޯގަސްޓް 2025
މިރޭ ދަމުނަމާދަށް ތެދުވެވަޑައިގަންނަވާ ބޭފުޅުން މިރޭ (2025 އޮގަސްޓު 09) މެންދަމުން އަލިވެ، 3:55ގައި ހަނދަށް ބައްލަވައިލައްވާށެވެ! މާ ހަނދުގެ މި ރޭގެ އެންމެ އަލިގަދަ ވަގުތަކީ އެއީއެވެ. މި ރޭ [ފުލް ސްޓަރޖަން މޫން] ނުވަތަ މާހަނދު ފެނިވަޑައިގަންނަވާނެއެވެ.
ނަމަވެސް މި ހަނދު އެންމެ ފުރިހަމައަށް ދިމާވާނީ މި މަހު 12ވަނަ ދުވަހާއި 13ވަނަ ދުވަހުއެވެ. މި ހަނދުގެ ޚާއްޞަ ކަމަކީ ހަމަ އެކަނި ބޮޑުކޮށް ފެނުމެއް ނޫނެވެ. ފަލަކީ ޢިލްމުވެރިއެއްކަމަށްވާ ކެޕްޓަން މުޙަންމަދު ޝަރީފު ވިދާޅުވާ ގޮތުގައި 12ވަނަ ދުވަހު އެންމެ އަލިގަދަކޮށް ބޮޑުކޮށް ފެންނާނީ އެ ރޭ 10:00ގައެވެ. އާދައިގެ މަސްމަހު ހަނދުގެ އައްޔަށް ވުރެ އެ ރޭ %30 އަލި ގަދަވާނެއެވެ. އަދި އާންމުކޮށް ހަނދު ފެންނަ ވަރަށް ވުރެ %14 ބޮޑުވާނެއެވެ.
މިއަށް ވުރެ އަދި މާ ޚާއްޞަ އެހެން ކަމެއް ވެސް އެބަ އޮތެވެ. މި ފަހަރުގެ މާހަނދާ އެކު ގިނިހިލައިގެ [ވާރޭއެއް]ވެހޭނެއެވެ. މި ގިނިހިލަތައް ސިކުންތަކު 37 މެލު ބާރު މިނުގައި ދަތުރުކުރާނެކަމަށް ވެއެވެ. މި ގިނިހިލައިގެ [ވާރޭ] އެންމެ ރަނގަޅަށް ފެންނާނީ ވެސް މިރާއްޖެއަށެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ދެބައިހަމައިގައި އޮންނަ ގައުމަކަށްވާތީއެވެ.
މި ދެ ރޭ އުޑުމައްޗަށް ބަލައިލައިފި ނަމަ ވަރަށް ރީތި މަންޒަރެއް ފެންނާނެއެވެ- އަހަރުގެ އެންމެ ޝައުގުވެރި [ގިނިހިލައިގެ ވާރޭ]އާ އެކު މާހަނދު ފެނިވަޑައިގަންނާނެއެވެ.
ނިޔަމިކަމުގައި ބޭނުންކުރާ ފޮތެއްކަމަށްވާ [ނޯޓިކަލް އަލްމަނާކް] (ދިވެހީން ކިޔާ އަލިމަނިކު) ބުނާ ގޮތުގައި އޮގަސްޓް މަހުގެ [ފުލް ސްޓަރޖަން މޫން] (މާހަނދު) އޭގެ އެންމެ އަލިގަދަ ކުންނާ ހަމައަށް ވާސިލްވާނީ މިރޭ އިރުމަތީ ގަޑިން ފަތިހު 3:55ގައެވެ.
ނަމަވެސް ދިވެހިރާއްޖެއަށް މާ ހަނދު އުދަވާނީ މާދަމާ މެންދުރު 12:54ގައެވެ. އެހެންނަމަވެސް އެ ވަގުތަކީ ރާއްޖެއަށް ހަނދު އަރައިފައި ހުންނަ ވަގުތަކަށް ނުވާތީ، ދިވެހިރާއްޖެއަށް މާހަނދު އެންމެ އަލިގަދަކޮށް ފެންނާނީ މާދަމާ އިރު އޮއްސި 18:31ގައެވެ. އެއީ މާދަމާ ރޭ ހަނދުއަރާ ގަޑިއެވެ. ހަނދު އަރާ މިސްރާބަކީ °107.2 އެވެ.
އެންމެ ގިނައިން ގިނިހިލައިގެ [ވާރޭ] ވެހޭނެކަމަށް ވަނީ ކުރީން ވެސް ދެންނެވި ފަދައިން އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ. ނާސާއިން ބުނާ ގޮތުގައި އެރޭ ގަޑިއަކު (އެވްރެޖްކޮށް) 50 އާއި 100 އާއި ދެމެދުގެ ޢަދަދަކަށް އުޑުމަތީން ގިނިހިލަ ފެންނާނެއެވެ. ނަމަވެސް ދިވެހިރާއްޖެއަށް ފެންނާނީ އެވްރެޖުކޮށް ގަޑިއަކު 75 ގިނިހިލަކަމަށް ކެޕްޓަން ޝަރީފު ވިދާޅުވިއެވެ.
މި ގިނިހިލަތައް ފެނުމަށް ހުރަސް އެޅޭ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެއީ އެ ރޭ ހަނދުގެ އަލިގަދަކަމާއި ރަށްރަށުގައި އިލެކްޓްރިކް އަލީގެ ގަދަކަމެވެ. ނަމަވެސް މި ގިނަ ހިލަތައް ބައްލަވާން ބޭނުންފުޅުވާ ބޭފުޅުން ރަށުގެ ބިއްދޮށް ފަރާތުން އުދަރެހަށް ބައްލަވައިފި ނަމަ، ގިނިހިލަތައް ފެނުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މި ގިނި ހިލަތައް ފެންނާނީ ދުރުން ފެންނަ ތަރިތަކުގެ ސައިޒުގައި އަލި ބޯޅަތަކެއް ހެންނެވެ. ގިނިހިލަތައް އޮއްސެމުންދާނީ އުދަރެހާ ދިމާއަށެވެ. ނަމަވެސް އުދަރެހުގައި ވިލާ ގިނަވުމަކީ ވެސް މި ގިނިހިލަ ފެނުމަށް ހުރަސްއެޅޭ ސަބަބަކަށްވާނެއެވެ.
މާހަނދު އުފެދެނީ ދުނިޔެއިން ފެންނަ ގޮތަށް އިރު ހުންނަ ފަރާތުގެ ދިމާ އިދިކޮޅު ފަރާތުގައި ހަނދު ހުންނަ ވަގުތުތަކުގައެވެ. މާހަނދު ވަކި ވަގުތެއްގައި އެންމެ އަލިގަދަވާ އިރު، ހަނދުކުޑަވަމުން އަންނަ [ގިބަސް] ފިޔަވައްސަށް ބަދަލުވުމުގެ ކުރީން ދެ ދުވަސް ވަންދެން ފުރިހަމަ ހަނދު ފެނިދާނެކަމަށް ވެސް ނާސާއިން ބުނެއެވެ.