ad_banner
ފަލަސްތީނުގެ މައްސަލައިގެ މައްޗަށް އިތުރު ކަޅިއެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

8 އޯގަސްޓް 2025

ޣައްޒާގެ ޙާލަތު

ފަލަސްތީނުގެ މައްސަލައިގެ މައްޗަށް އިތުރު ކަޅިއެއް އެއްލާން ގަސްދުކުރާ އިރު، މި ލިޔުމުގައި، ދެތިން ނުކުތާއެއް ފާހަގަކޮށްލާން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ބޭނުން ވަނީ މިއަދު ޣައްޒާގައި ހިނގަމުންދާ މައްސަލައިގެ ފެށުމާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލުމެވެ. ދެން، އިޒުރޭލުގެ މި އުދުވާނީ ހަމަލަތަކުގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އަހުލުވެރީން ބަރުދާސްތުކުރަމުންދާ ދަތި އުނދަގޫތަކުގެ މައްޗަށް ބަލައިލުމާއި އިޒުރޭލުގެ އަދުގެ އުދުވާނީ ހަމަލާތަކުގެ ނިމުން އަތުވެދާނެ ގޮތުގެ މައްޗަށް ވެސް ބަލައިލުމެވެ. އަދި، ނިންމައިލުމުގެ ގޮތުން، ފަލަސްތީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެވޭނީ ކިހިނެއްކަމުގެ މައްޗަށް އެއްޗެއް ދަންނަވައިލާން ވެސް ގަސްދުކުރަމެވެ.

މިއަދު ހިނގަމުންދާ އިޒުރޭލުގެ އުދުވާނީގެ ހަމަލަ ފެށުމެއްކަމުގައި ފާހަގަކުރަނީ 2023 އޮކުޓޫބަރު 7ކަމުގައެވެ. އެ ދުވަހު ޣައްޒާގައި ޑިމޮކުރަސީގެ އުސޫލުން، ސަރުކާރެއް ގާއިމުކޮށް ވެރިކަން ހިންގައިލުމަށް ޓަކައި، އެ ތަނުގެ ރައްޔިތުން ހޮވި، ޕާޓީއެއްކަމުގައި ހަމާސްގެ ފަރާތުން އިޒުރޭލަށް ދިން ހަމަލާއާ ވިދިގެންނެވެ. ނަމަވެސް، މިއީ މައްސަލައިގެ ފެށުމެއް ކަމުގައެއް ނުބެލެވޭނެއެވެ. ފަލަސްތީނުގައި ފަލަސްތީނުގެ އަސްލު އަހުލުވެރީންކަމުގައިވާ އަރަބިން، އެތައް އަނިޔާތަކެއް ބަރުދާސްތުކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. 1948ގައި އިޒުރޭލު ގާއިމުކުރުމަށް ފަހު، ހުޅަނގު އައްސޭރީ ގައްޔާއި އިރުމަތީ ގުދުސްގައެވެ. ބައިނަލްއަގުވާމީ ގޮތުން ބަލާ އިރު، ޣައިރުގާނޫނީ ސިފައެއްގައި އެ ތަންތަނުގައި ވަޒަންވެރިވެގަތް ޔަހޫދީން ފަލަސްތީނުގެ އަހުލުވެރީންނަށް ހަމަލާދީ، މަރައި އަދި އެ މީހުންގެ ދަނޑު ބިންތަކަށް ގެއްލުންދީ ހަލާކުކުރުމަކީ ހުއްޓުމެއް ނެތި ހިނގަމުންދާ ކަންކަމެވެ. މީގެ އިތުރަށް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ހަމަތަކާއި އާންމު އިންސާނީ އަޚުލާގުގެ ހަމަތަކުން ބޭރުން، ފަލަސްތީނުގެ އަހުލުވެރީންގެ ގޭގެއަށް އިޒުރޭލު ސިފައިން ވަދެ، ފާސްކޮށް، މައިން އެ މައިންގެ ދަރީންގެ ކުރިމަތީ ބަރަހަނާކޮށް ހަދައެވެ. އަދިވެސް، އިޒުރޭލުގެ ދައުލަތުގެ ބާރުތައް ފަލަސްތީނުގެ ގެތަކާއި އިމާރަތްތައް ވެސް، އެކިއެކި ބަހަނާތައް ދައްކައިގެން - މިސާލަކަށް މިއީ ހުއްދަ ނެތި އެޅިފައިވާ ތަނެކޭ ކިޔައި - ތަޅާލައި ބިމާ ހަމަކޮށްލައެވެ. ދެން، ޣައްޒާގެ ހާލަތުތޯއެވެ؟ އެ ތަނަކީ، 2005 އިން ފެށިގެން، [ހުޅުވާލެވިފައިވާ ޖަލެކެވެ.] އެ ތަނުން ނިކުތުމާއި ވަނުން އޮތީ ސީދާ އިޒުރޭލުގެ އަތްދަށަށް ގެނެވިފައެވެ. އެއީ އެއްގަމު މަގުން ވިޔަސް ނޫނީ ކަނޑުމަގުން ވިޔަސް ވެހެވެ. ޣައްޒާގެ ވައިގެބަނދަރު ވަނީ 2006ގައި އިޒުރޭލު ހަލާކުކޮށްލައިފައެވެ.

މި ދެންނެވި ސަބަބުތަކަށް ޓަކައި ފަލަސްތީނުގެ އެކިއެކި ޖަމާއަތްތަކުން އައީ މިނިވަންކަމުގެ ހަނގުރާމައެއް އިޒުރޭލާ ކުރަމުންނެވެ. 1994ގައި ސޮއިކުރެވުނު އޮސްލޯ ސުލްހައިގެ އެއްބަސްވުންތަކަށް ފަހު، ފަލަސްތީނުގެ ގިނަ ޖަމާއަތްތަކުން، އިޒުރޭލާ ހަނގުރާމަކުރުން ހުއްޓައިލިއެވެ. ނަމަވެސް، އޮސްލޯގެ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން މާ ބޮޑު މިނިވަންކަމެއް ނުލިބުމާއި އަދިވެސް، އިޒުރޭލުގެ އިހުތިލާލާއި އަދި އެކަމާ ވިދިގެން ކުރިމަތިވާ އަނިޔާތަކުގެ ސަބަބުން، މިނިވަންކަން ހޯދުމުގެ ގޮތުން ހަމާސްގެ ފަރާތުން އިޒުރޭލާ ކުރިމަތިލިއެވެ. ހަމާސްގެ 7 އޮކްޓޯބަރުގެ ހަމަލާއަކީ ވެސް ހަމަ މި މިނިވަންކަން ހޯދުމުގެ ކުރިމަތިލުމުގެ ސިލްސިލާގެ ތެރެއިން ބޮޅެކެވެ. (މި ކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅައިލުމަކީ މި ލިޔުމުގެ މައުޟޫޢުން ބޭރު ކަމެކެވެ.)

ދެވަނަ ނުކުތާއަކަށް އޮތީ ޣައްޒާގެ އަހުލުވެރީންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކާއި ހިތާމައެވެ. އެންމެ ފުރަތަމަ، އެ މީހުންގެ ގެތަށް ހަލާކުކޮށްލެވުނެވެ. އެ ތަންތަނަށް ބޮންއަޅައި ބިމާ ހަމަކޮށްލެވުނެވެ. ގިނަ ޚަރަދުތަކާއި ބުރަ މަސައްކަތުން ބިނާކޮށްފައިވާ ގެ ހަލާކުކޮށްލެވުމުން ދެން ވާނެ ގޮތް ވިސްނައިވަޑައިގެންބައްލަވާށެވެ. އުޅޭނެ ތަނެއް ނެތި މަގުމަތިވީއެވެ. ވަގުތީ ފޭލިގެތަކަށް ވަންނާންވީއެވެ. ދެން ކުރިމަތިވީ އުނދަގުލަކީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިޔުމެވެ. ޣައްޒާގެ އުތުރުން ދެކުނަށެވެ. އަސްކަރީ ބާރު ބޭނުންކޮށްގެންނެވެ. މި ގޮތަށް، އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ބަދަލުވާ އިރު، އަމިއްލަ ހުރިހާ އެއްޗެއްހެން ގެއްލޭ ގޮތް ވެއެވެ. އަމިއްލަ ހުރިހައި އެއްޗެއް ނުގެންދެވޭތީއެވެ. އެ އާ ސަރަހައްދަކަށް ދެވެންޏާ ދެވެނީ ހަމައެކަނި އަމިއްލަ ޖާނާއިގެންނެވެ. އެ ކަމުގެ ވެސް މާ ބޮޑު ޔަގީންކަމެއް ނޯވެއެވެ. އެތައް ބަޔަކު މަރުވެއެވެ. މިހާތަނަށް ފަސްދޮޅަސް ހާސް މީހުން ޝަހީދުވެއްޖެއެވެ. އިޒުރޭލުގެ ބޭރަހުމީ އަސްކަރިއްޔާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. ކާ އެތިކޮޅެއް ބަލައި ދިޔުން ވެސް ވެފައި އޮތީ ދޫނި މަޅިޖަހައި، ދޫނި ހިފާން އުޅޭ އުޅުމަކާއެވެ. ނުވަތަ އެން އުކައިގެން މަސްބޭނުން ފަދަ ކަމަކަށެވެ. އަދި ކިއެއްތޯއެވެ؟ އެއަށް ވުރެ ވެސް ގޯހެވެ. ދޫނިމަޅި ޖަހަނީ ދޫނި ހިފައިގެން ގެންގުޅޭށެވެ. ނަމަވެސް، ކާއެތިކޮޅު [މަޅީގެ ތެރެއަށް އަޅައި] ގެނެސް، ބަޑިޖަހައި ޝަހީދުކޮށްލެވެނީއެވެ. މި ފަދަ އުނދަގޫތަކާއި، ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރީން މަރުވެ ހިތާމަކުރާ ހިތާމަތަކުގެ އިތުރުން، މުޅި ޣައްޒާގައި އާންމު ބަނޑުހައިހޫނުކަމެއް ފެތުރިފައި ވެއެވެ. ދުވާލަކު އެންމެ ފަހަރަކު ކައިލައިގެން އުޅޭ މީހުންނާއި އެ ވަރު ވެސް ނުލިބޭ މީހުން އެބަ އުޅެއެވެ.

ދެން، ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮއެދޭ އެންމެންގެ ހިތުގައި ވެސް އުފެދޭ ސުއާލަކީ، މި މައުސާވީ އުނދަގޫތަކާއި ހިތާމަތައް ނިމުމަކަށް އަންނާނީ، ކިހިނެއް ކޮން އިރަކުންތޯއެވެ؟ މި ސުއާލުގެ ސީދާ ޖަވާބެއްދޭން ވަރަށް ވެސް ދައްޗެވެ. އެހެން ނަމަވެސް، އެ ކަމާ ބެހޭ ގޮތުން ވެސް ފާހަގަކޮށްލާން ޖެހޭ ދެތިން ކަމެއް އެބަ އޮތެވެ.

މި ގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލާން ޖެހެނީ މި އަނިޔާވެރި އުދުވާނީ ހަމަލާއަށް އިޒުރޭލުން ނިމުމެއް ގެންނާން ބޭނުންނުވާނެ ކަމެވެ. ސަބަބަކީ އިޒުރޭލު އުފެދުނިއް ސުރެން ވެސް އިޒުރޭލުގެ ސިޔާސަތު ބިނާވެފައި އޮތީ ފަލަސްތީނުގެ އަސްލު ވަޒަންވެރީން އެ ތަނުން ނެރުމެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑު ވަޒީރު ބެން ގޫރިޔޯން ފަދަ ސިޔާސީ ވެރީންގެ ސިޔާސަތަކީ ފަލަސްތީނުގެ އަސްލު ވަޒަންވެރީންނަށް ދަތިކުރުމެވެ. އަމިއްލައަށް ފަލަސްތީނު ދޫކޮށް ދޭތޯއެވެ. އިޒުރޭލުގެ އެހެން ބޮޑުވަޒީރެއްކަމުގައިވާ ގޯލްޑަ މޭޔާ ބުނެފައި ވަނީ ފަލަސްތީނަކީ މީހުން ނެތް ހުސްކޮށް އޮތް ތަނެއްކަމުގައެވެ. އިޒުރޭލުގެ މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުން ފަލަސްތީނުގެ އަސްލު އަހުލުވެރީން ތަނުން ނެރުމަށް ނޫނީ ނިޔުކިލިޔަރު ހަތިޔާރު ބޭނުންކޮށްގެން ނަމަވެސް މަރައިލުމަށް ވެސް ގޮވައިލައިފައި ވެއެވެ. މި ހުރިހައި ކަމަކުން އެނގެނީ ހަނގުރާމަ ހުއްޓާން އިޒުރޭލުން ބޭނުން ނުވާނޭކަމެވެ. އެމީހުން ބޭނުންވާނީ، އެ ކަން ވެވޭން އޮތިއްޔާ، އެ ތަނުން ފަލަސްތީނުގެ އަހުލުވެރީން ހުސްކުރުމެވެ. އެ މީހުންގެ 'ބޮޑު، އެބަހީ، ޖާގައިގެ ގޮތުން ތަނަވަސް އިޒުރޭލު އުފެއްދުމަށެވެ. މި ބޮޑު އިޒުރޭލުގައި ސަރަހައްދީ ބައެއް ގައުމުތަކުގެ ބިންތައް ވެސް ހިމެނެއެވެ. ލުބްނާނާއި ސީރިޔާއާއި ސުޢޫދީ ޢަރަބިއްޔާގެ ބައެއް ބިންތަކެވެ.

އިޒުރޭލުން ހަނގުރާމަ ހުއްޓާން ބޭނުންނުވުމަކީ އެ ހަނގުރާމައަށް ވަގުތީ ނިމުމެއް ނައުމެއް ނޫނެވެ. އެކަން ކުރާން އިޒުރޭލަށް މަޖުބޫރުކުރުވައިފާނެ ދެ ސަބަބެއް އޮވެއެވެ. ހުޅަނގުގެ ދައުލަތްތަކުން އިޒުރޭލަށް ޕުރެޝަރުކުރާކުރުމެވެ. އެންމެ ފާޅު ގޮތެއްގައި މި ކަން އެންމެ ފުރަތަމަ ފެނިގެން ދިޔައީ އަޔަރލެންޑުންނެވެ. ދެން، އެއަށް ފަހު، ނޯވޭއާއި ފުރާންސުންނެވެ. އަދި، އިނގިރޭސިވިލާތާއި ކެނެޑާއިންނެވެ. މީގެ އިތުރަށް، މުޅި ދުނިޔޭގެ ހުރިހައި ގައުމެއްގެ ކުރިމަތީ ހެން އިޒުރޭލުގެ އަގުވެއްޓުމެވެ. އެ މީހުންގެ ހަގީގަތް ނެތް ވާހަކަތަކާއި އޮޅުވައިލުންތަކުގެ ހަގީގަތް ހާމަވެ، ފާޅުވެގެން ދިޔުމެވެ. މިސާލަކަށް، ހޮސްޕިޓާތަކަށާއި މިސްކިތްތަކަށާއި ކަނީސާތަކަށް ބޮން އަޅަނީ ހަމާސްގެ ހަނގުރާމަވެރީން އެތަންތާ ފިލާ ތިބޭތީއޭ ބުނުމާ ބުނުމުގެ ހަގީގަތެއް ނެތްކަން ސާފުވެ ފާޅުވުމެވެ.

ހަނގުރާމަ ހުއްޓައިލާން، އިޒުރޭލަށް ދެން މަޖުބޫރުކުރުވާނެ އަނެއް ސަބަބަކީ މިސްރާއި ސަޢުދީ ޢަރަބިއްޔާ ފަދަ އަރަބި ގައުމުތަކުން އެކަން ކުރުމަށް ތެދުވުމެވެ. 1973ގައި އޮކްޓޯބަރުގެ ހަނގުރާމައިގައި މަރުހޫމު މަލިކު ފައިސަލް އެޅިފަދަ ފިޔަވަޅެއް އަޅައިފާނެކަމުގެ ބިރުހީވުމެވެ. މިހާރު ކަންކަން އޮތް ގޮތުގެ މައްޗަށް ބަލައިލާ އިރު، މިއީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. މައިގަނޑު ސަބަބަކީ އަރަބީންގެ ވަރަށް ގިނަ ގައުމުތަކުން ދެކޭ ގޮތުގައި ހަމާސަކީ ވެސް އަރަބި ގައުމުތަކަށް އޮތް ނުރައްކަލެއްކަމުގައި ދުށުމެވެ. މި ފަދަ ގައުމުތައް ދެކޭ ގޮތުގައި – މިސާލަކަށް: މިޞްރާއި ސުޢޫދީ ޢަރަބިއްޔާ - ހަމާސަކީ ޓެރަރިސްޓު ޖަމާއަތެކެވެ. އެފަދަ ގައުމުތަކުގެ ނަޒަރުގައި ހަމާސްގެ ގަބޫލުކުރުންތަކަކީ އިޚުވާނުލްމުސްލިމޫންގެ ޖަމާއަތުގެ ގަބޫލުކުރުންތައް ގަބޫލުކުރާ ބަޔެކެވެ. އަރަބި ބައެއް ގައުމުތައް ދެކޭ ގޮތުގައި އިޚުވާނުންނަކީ ވެރިކަމަށް އިންގިލާބު ގެންނާން އުޅޭ ބަޔެކެވެ. އެހެންވެ، އިޚުވާނުންނަކީ ނުރައްކާތެރި ނިރުބަވެރި ބަޔެއްގެ ގޮތުގައި ކަނޑައަޅައި ހަމާސްއާ އިދިކޮޅުވެވެނީއެވެ. އަދި، ހަމާސް ބާރުވެރިކުރުވައިފާނޭ ފިޔަވަޅެއް އަޅާން ވެސް ބޭނުން ނުވަނީއެވެ.

މިހެން ކަން އޮތް ކަމުގައި ވިޔަސް، ހުޅަނގުގެ ގައުމުތަކޭ އެއް ފަދައިން ހަނގުރާމައަށް ނިމުމެއް ގެންނާން އަރަބިން ވެސް ބޭނުން ވެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވަނީ ހަނގުރާމައަށް ނިމުމެއް އަންނަ އިރު، ބާރުވެރިވެފައި ހަމާސް އޮތުމުގެ އިހުތިމާލު އޮތުމެވެ. އެންމެން ހެން ބޭނުން ވަނީ ހަމާސްގެ ބާރު ކަނޑުވާލައި އޭގެ ބަދަލުގައި ޣައްޒާ ވެސް އަދި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ވެސް [ޕެލެސްޓީނިއަން އޮތޯރިޓީ] (ޕީ.އޭ.)ގެ ބާރުގެ ދަށަށް ގެނައުމެވެ. ނޫން ނަމަ، ހަމާސް އަމާންދީ ހަތިޔާރު ބެހެއްޓުމެވެ. އަދި، އެ ހަތިޔާރުތައް ނައްތައިލައި، އިޒުރޭލާއި ހަނގުރާމަކުރުމުގެ ގާބިލުކަން މުޅިން އެއްކޮށް ނައްތައިލުމެވެ.

ކޮންމެއަކަސް. ލަފާކުރެވެނީ، ލަސްވެގެން، ކުރިއަށް އޮތް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް އަތުވެދާނޭކަމަށެވެ. މީގެ މާނައަކީ ފަލަސްތީނުގެ މައްސަލަ ހައްލުވުމެއް ނޫނެވެ. ހަނގުރާމަ ނިމުމަށް ފަހު، އެ ވާހަކަތައް ދެކެވޭނެކަމީ ޝައްކެއް ނެތް ކަމެކެވެ. ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ވާހަކަތަކެވެ. މި ކަން ވާނީ 1967 ހަމައަށް އޮތް އިޒުރޭލުގެ އިމުގެ ސަރަހައްދު އިޒުރޭލުން ބަލައިގަނެގެންނެވެ. މިހާރު ކަންތައް އޮތް ގޮތުން އެއީ ވާނޭ ކަމެއް ހެނެއް ހިޔެއް ނުވެއެވެ.

މިހާރު ކަން އޮތް ގޮތޭ ބުނާ ބުނުމުގެ މާނައަކީ ކޮބައިތޯއެވެ؟ މިހާރު ހަނގުރާމަކުރުމުގެ ހަގީގީ ބާރެއް އޮތީ އިޒުރޭލު އަތްމަތީ އެކަންޏެވެ. ފަލަސްތީނުގެ އަހުލުވެރީން ބޭނުން ވިޔަސް، އެ މީހުންގެ ޖާނާއި މާލު ދިފާއުކުރުމުގެ ހަގީގީ ބާރެއް އެ މީހުންގެ އަތުގައެއް ނެތެވެ. ތާރީޚު ބުނެދޭ ވާހަކައަކީ ސުލްހައެއް ގާއިމުވެ ދިޔުމަށް ޓަކައި، ހަނގުރާމަކުރާ ދެ ފަރާތައް ވެސް އެއް ވަރަކަށް ހަނގުރާމަކުރުމުގެ ބާރު ލިބިފައި އޮތުމެވެ. ދާދި ފަހުން އިޒުރޭލާއި އީރާނާ ދެމެދު ހިނގި ބާރަ ދުވަހުގެ ހަނގުރާމައިން ވެސް މި ކަން ފެނުނެވެ. 1979އިން ފެށިގެން އިރާނަކީ އިޒުރޭލަށް ވެސް އަދި އަރަބި ގައުމުތަކަށް ވެސް އޮތް ނުރައްކަލެއްކަމުގައި ބެލެވުނެވެ. އަދި، އިޒުރޭލުން ގޮވަމުން ދިޔައީ އީރާނު ލުބްނާނަކަށް ނޫނީ ސީރިޔާއަކަށް ހަދައިލުމެވެ. އިޒުރޭލު ބޭނުންވި ވަގުތެއްގައި ބޮން އެޅޭނޭ ތަނެއްގެ ގޮތުގައި އޮތުމެވެ. ނަމަވެސް، ނިމި ދިޔަ ބާރަ ދުވަހުގެ ހަނގުރާމައިން އެނގުނީ އީރާނު އަތުގައި ވެސް އިޒުރޭލާ ހަނގުރާމަކުރެވިދާނެކަމުގެ އެކަށޭނަކަމެއް އޮތްކަމެވެ. އެހެންވެ، ކީރިތި ގުރުއާނުގައި، ޔަހޫދީން ސިފަކުރެވިފައިވާ ފަދައިން، [ވަރުގަދައަށް ހިމާޔަތް ކުރެވިފައިވާ ރަށްތަކެއްގައި ނޫނީ ފާރެއްގެ ބިއްދޮށުގައި] (قُرًى مُّحَصَّنَةٍ أَوْ مِن وَرَاءِ جُدُرٍ) ތިބެގެން ހަނގުރާމަކުރެވޭން ނެތުމުން، މާނައަކީ އެއްވެސް ގެއްލުމެއް ތަހައްމުލުކުރާން ނުޖެހި ހަނގުރާމަކުރެވޭން ނެތުމުން، އީރާނާ އިދިކޮޅަށް މި ވަގުތު ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ނޭދުނީއެވެ. ކީރިތި ގުރުއާނުގެ ހަޝްރު ސޫރަތުގެ މި އާޔަތުގައި - ސާދަ ވަނަ އާޔަތުގައި - އިޝާރަތް އެ ކުރަނީ، ބާރަ ދުވަހުގެ ހަނގުރާމައިން އޭގެ ތެދުކަން ފެނިގެން ދިޔަ ހަގީގަތަށެވެ. ބާރުގެ ގޮތުން ހަމަހަމަ ގޮތެއްގައި ތިބެ، ހަނގުރާމަކުރުމުގެ ކެރުމާއި ހިއްވަރެއް ޔަހޫދީންގެ ނޯންނާނޭކަމެވެ.

އެހެންވިމާ މި ކަމަން ވެސް އެނގެނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އަމިއްލަ ނަފުސު ދިފާއުކުރުމުގެ އެކަށޭނަކަމަކާއި ބާރެއް އަރަބީން ލިބިގަނެ، އަދި، އެ އެކަށޭނަކަމާއި ބާރު ބޭނުންކޮށްފާނެކަމުގެ ބިރު ހީވާ ދުވަހަކުންނެވެ. މިކަން ލިބިގަނެވޭނީ، އެންމެ ފުރަތަމަ، ސިކުނޑިތައް ތަރައްގީ ކުރެވި، އަމިއްލަ ނަފުސަށް އިތުބާރުކުރެވި، ކަންކަން އަމިއްލައަށް ކުރެވޭނެކަން އަމިއްލަ ނަފުސަށް ޔަގީންކޮށްދެވިގެންނެވެ. ސިކުނޑިއާއި ވިސްނުން މާތްﷲ ދެއްވައިފައި ވަނީ ވަކި ބަޔަކަށް ނޫނެވެ. އެންމެނަށް ވެސް އެކަން ދެއްވައިފައި ވެއެވެ. ނަމަވެސް، އެންމެން އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރަނީއެވެ. އޭގެ ބޭނުންކޮށް، އަމިއްލަ ޖާނާއި މާލު ދިފާއުކުރުމުގެ އެކަށޭނަކަން އުފެއްދުނު ދުވަހަކުން މެނުވީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް އައުން ދުރުކަމުގައި ދެންނެވިދާނެއެވެ.

ކޮމެންޓު