ad_banner
އުދަނގޫކުރާ ފަރާތްތަކާ އެއްކިބާވުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

8 އޯގަސްޓް 2025

ތިބާއަށް އުނދަގޫ ލިބޭ ކަންކަމުން ތިބާ އެއްކިބާވާށެވެ!

މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބަށް ނިސްބަތްކޮށް ބުނެވޭ ބަހެއްގައި އައިސްފައިވެއެވެ. ((اعتزل ما يؤذيك ولا تعترض لما لا يعنيك، واعتزل عدوك، واحذر صديقك إلا الأمين من الأقوام، ولا أمين إلا من خشي الله, ولا تصحب الفاجر فتعلم من فجوره, ولا تطلعه على سرك، واستشر في أمرك الذين يخشون الله  ތިބާއަށް އުނދަގޫ ލިބޭ ކަންކަމާ ތިބާ އެއްކިބާވާށެވެ! ތިބާއާ ނުބެހޭ ކަންކަމަށް ތިބާ ހުށަހޮޅިނުގަންނާށެވެ! އަދި ތިބާގެ ޢަދުއްވާ ތިބާ އެކަހެރިވާށެވެ! އަދި ތިބާގެ އެކުވެރިޔާގެ ކިބައިން ތިބާ ރައްކައުތެރިވާށެވެ! އަމާނަތްތެރި އެކުވެރިޔާގެ ކިބައިން  މެނުވީއެވެ. ﷲ ދެކެ ބިރުވެތިވާ މީހާ މެނުވީ އަމާނަތްތެރިއަކު ކަމުގައެއްނުވެއެވެ. ފާޖިރަކާ ރަޙުމަތްތެރިނުވާށެވެ! އޭނާގެ ފާޖިރުކަމުގެ ތެރެއަށް ތިބާ ވެއްޓިގެން ހިނގައިދާނެތީއެވެ. އޭނާއަށް ތިބާގެ ސިއްރުތައް ހާމަނުކުރާށެވެ! ﷲ ދެކެ ބިރުވެތިވާ މީހުންނާ އެކު ތިބާގެ ކަންތައްތަކުގައި މަޝްވަރާކުރާށެވެ!))

އިންސާނާއަށް ލިބޭ ގޯނާތަކުގެ ސަބަބުން އޭނާގެ ހިތް ޒަޚަމުވެ ހަލާކުވެގެންދެއެވެ. އޭނާއަށް ވޭނާއި ހިތުގައިޖެހުން ލިބެއެވެ. މިހެންވެ މީސްތަކުން މަތީގައި ދެންނެވި ބަސްފުޅު ވިދާޅުވީ ކޮން ބޭކަލެއްތޯ ދެނެގަތުމަށް ބޭނުންވެއެވެ. މީސްތަކުން ޤަބޫލުކުރާ ގޮތުގައި މީސްތަކުންގެ ގޯނާއަށާއި ދުއްތުރާތަކަށް ކެތްތެރިވާ މީހާއަށް މާތް ﷲ ގިނަގުނަ ސަވާބު ދެއްވާނެތެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާއާއި އެކަލާނގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم ވަނީ ކެރިކުޅަދާނަވީ ވަރަކުން މީސްތަކުންގެ ދުއްތުރާތަކަށް ކެތްތެރިވުމަށް އިރުޝާދުދެއްވައިފައިވެއެވެ. 

މަތީގައި ދެންނެވި ބަސްފުޅަކީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުބުނުލްޚައްޠާބުގެ ބަސްފުޅެކެވެ. އެ ކަލޭގެފާނަކީ ކީރިތި ރަސޫލާއާ ވަރަށް އަރިސް ބޭކަލެކެވެ. ތަފާތު ކަންކަމުގައި ރަސޫލުﷲގެފާނު ވަނީ ޢުމަރުގެފާނާ މަޝްވަރާކުރައްވައިފައެވެ. ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނަށް އަލްފާރޫޤުގެ ލަޤަބު ދެއްވައިފައެވެ.

ޢުމަރުގެފާނަކީ ވިސްނުންފުޅުތޫނު ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވި ވަރަށް ޙިކްމަތްތެރި ބަސްފުޅު ހަރުދަނާ ބޭކަލެކެވެ.

އިސްލާމީ ދައުލަތް ބިނާކުރެއްވުމަށް ޓަކައި ޢުމަރުގެފާނު ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެކަލޭގެފާނަކީ ޢިލްމުވެރި ފަޤީހު ބޭކަލެކެވެ.

މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ މި ބަސްފުޅު ކުރުކަމުގައި ވިޔަސް، ޖުމްލަކޮޅު މަދުކަމުގައި ވިޔަސް، އޭގެ އަސަރު ވަރަށް ބޮޑެވެ.

މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ މި ބަސްފުޅަކީ އިންސާނާގެ ޙަޔާތަށް ބޭނުންވާ ފުރިހަމަ މަންހަޖެކެވެ. މި ބަސްފުޅުގައި އެކަލޭގެފާނު މުއުމިނު އިންސާނާއަށް ނަސޭހަތްދެއްވައި މި ވިދާޅުވަނީ އޭނާއާ ނުބެހޭ ކަންކަމާ ނުބެހުމަށެވެ. އޭނާއަށް ދުއްތުރާކުރާ ޢަދުއްވާ އެކަހެރިވުމަށެވެ. އަމާނަތްތެރިކަން ނެތް ރަޙުމަތްތެރިޔާއަށް ސަމާލުވުމަށެވެ. އަމާނަތްތެރިކަން ނެތް ރަޙުމަތެރިޔާގެ ކިބައިން ގެއްލުން ލިބޭނެތީއެވެ. އޭނާގެ ސިއްރުތައް ބޭޒާރުކުރާނެތީއެވެ. އޭނާއަށް ޙަސަދަވެރިވާނޭތީއެވެ. އެކަލޭގެފާނު ދެން ވިދާޅުވީ ނުބައި މީހުން ފާސިޤުން ފާޖިރުން ރަޙުމަތްތެރީންކަމުގައި ނުބެލުމަށެވެ. އެ ފަދަ މީހާގެ ސަބަބުން އޭނާ ހަލާކުވެދާނެތީއެވެ. އެ ކަލޭގެފާނުގެ މި މާތް ނަސޭހަތް ނިންމަވައިލައްވައިފައިވަނީ ﷲ ދެކެ ބިރުގަންނަ މީހުންގެ ކިބައިން މަޝްވަރާހޯދުމަށެވެ.

ޢުމަރުގެފާނުގެ މި ޙިކުމަތްތެރި ބަސްފުޅުގައި އިންސާނާއަށް ގޯނާލިބިދާނެ ހުރިހައި ފަރާތްތަކެއް  ޖަމާކުރައްވައިފައިވެއެވެ. ޢަދުއްވުންނާއި އަމާނަތްތެރިކަމެއް ނެތް، ފާސިދު، ނުބައި ރަޙުމަތްތެރީންނެވެ. މި ފަދަ މީހުންނާ އެއްކިބާވާންޖެހޭނެއެވެ. އުދަނގުލާ ދުއްތުރާ ލިބޭ އެންމެންނާ އެކަހެރިވެ ޙަޔާތުގެ ދިގު ރާސްތާގައި ބައިތިއްބާންޖެހޭނީ ޞާލިޙު ހެޔޮ ލަފާ މީހުންނެވެ.  

ގޯނާކުރާ ފަރާތްތަކާ އެކަހެރިވުން:

ވޭންދެނިވި ކަންތައްތަކާ އެކަހެރިވެ އެއްކިބާވުމަކީ އޭނާއަށް ފައިދާލިބެނިވި ކަމެކެވެ. މީސްތަކުންނަށް ބަލާ އިރު އޭގެ ތެރެއިން ގިނަ ބަޔަކީ އެ މީހުންނާ ކުރިމަތިވާ ދަތި ބުރަތައް  ތަޙައްމުލުކުރުމުގެ ޤާބިލުކަން ލިބިގެންވާ ބައެއްނޫނެވެ. ގާތްތިމާގެ މީހުންނާއި ދުރުހިލޭ މީހުންނާއި ރަޙުމަތްތެރީންނާއި މަސައްކަތުގެ ދާއިރާގެ އެކުވެރީންގެ ސަބަބުން ފައިސާއާއި މުދަލާއި ވަޒީފާއާއި ދުނިޔަވީ މަންފާތަކާ ހެދި އަރައިރުންތައް ހިނގައެވެ. ޙަސަދައިގެ އަލިފާން ރޯވެ އަނދައެވެ. އަވަށްޓެރީންގެ ޙައްޤުތަކާއި ގާތްތިމާގެ މީހުންގެ ޙައްޤުތަކާއި އެކުވެރީންގެ ޙައްޤުތަކާއި ދީނުގެ ޙައްޤުތައް ރިޢާޔަތްނުކުރުމުގެ ސަބަބުންނެވެ. މީގެ އިތުރަށް މި ޒަމާނަކީ ޔޯލަ ވާހަކަތައް ގިނަ ޒަމާނެކެވެ. މީސްމީޑިޔާގެ އޮޅިތަކުގެ ތެރެއިން ލައިފައި މީހުންގެ އަބުރާ ބެހުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުން ބޮޑުވެފައިވާ ޒަމާނެކެވެ. އެހެންކަމުން އުނދަނގޫތައް އަންނަ ދޮރުތައް ބަންދުކުރުމަކީ މިއަދުގެ ދުނިޔޭގައި ލާޒިމުވެފައިވާ ކަމެކެވެ. އެ ކަމުގެ ސަބަބުން ތިމާއަށް ރާޙަތާއި އަރާމު ލިބޭނޭތީއެވެ.

އިސްލާންދީން ގޮވައިލަނީ އެއްބަނޑު އެއްބަފާ ބަޔެއްގެ ގޮތުގައި މުސްލިމުން އުޅުމަށެވެ. އެކަކު އަނެކަކަށް އަޅައިލުމަށެވެ. ވާގިވެރިވުމަށެވެ. އާދެ! ހެޔޮ ކަންތައްތައް ކުރުމުގައެވެ. އެހެން ކަމުން މި ނޫން ޙާލަތުތަކުގައި އެކަހެރިވުމަކީ ފައިދާ ހުރި ކަމެކެވެ. އޭގެ ތެރޭގައި:

v    ގޯނާއާއި ދުއްތުރާތަކާ ހެދި މީހުންނާ އެއްކިބާވެ އެކަހެރިވުމަކީ އެ ކަންކަމުގެ ސަބަބުތަކާ ދުރުހެލިވެވޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ތިބާއަށް އަމާންކަމާއި އަރާމާއި ރާޙަތު ލިބޭނެއެވެ.

v    އަނިޔާވެރިޔާއަށް ނުވަތަ ގޯނާކުރާ މީހާއަށް އޭނާގެ ޢަމަލުގެ ހިތި ރަހަލުން. މި ކަމުގެ ސަބަބުން އޭނާ ދެރަވެ ތައުބާވެ ޞާލިޙު ރަނގަޅު މީހަކަށްވެ މުޖުތަމަޢަށް ފައިދާ ހުރި މީހަކަށް ބަދަލުވެދާނެއެވެ.

v    ބޮޑެތި ގޯނާކުރުންތަކާ ދުރުހެލިވެ އެކަހެރިވުމަކީ އަރައިރުންތަކާއި ކޯޅުންތައް ހުއްޓުވާނެ ކަމެކެވެ. މި ކަމުގެ ސަބަބުން ޢަދާވަތްތެރިކަމުގެ ދޮރުތައް ބަންދުވެދާނެއެވެ.

v    މީހުންކުރާ ގޯނާތަކަށް އެ ފަދަ ގޯނާކުރުންތަކުން ރައްދުދީ ރޯކުރާން އުޅޭ އަލިފާންގަނޑަށް އިތުރަށް ތެޔޮ އޮއްސުމަށް ވުރެ ރަނގަޅީ އެ ކަންކަމާ ދުރުހެލިވުމެވެ. ބޭނުމެއް ނެތް އަރައިރުމެއްގެ ތެރެއަށް ވަނުމަށް ވުރެ ރަނގަޅީ ހަނުހުރުމެވެ.

v    ގޯނާކުރުމާއި ދުއްތުރާކުރުންތަކުން ދުރުހެލިވުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ޝަޚުޞީ ޙައްޤެކެވެ. ގޯނާތައް ތަޙައްމުލުކުރާން ޖެހުމަކީ  އިންސާނާ މި ޙަޔާތުގެ މަތިން ފޫހިކުރުވާނެ ކަމެކެވެ. އޭނާގެ ދީނާއި އޭނާގެ ޢަމަލާ ދުރުހެލިކުރުވާނެ ކަމެކެވެ.

v    ޢުމަރުގެފާނު މި ވިދާޅުވި ބަސްފުޅުން އެނގެނީ އެއީ މުސްލިމުންނަށް ލިބިގެންވާ ރުޚުޞާއެއް (ބުރައެއް ދުރަށްލެއްވުން)ކަމެވެ.

v    އިންސާނާއަށް އުނދަގޫކުރާ ކަންތައްތައް ތަޙައްމުލުކުރުމުގެ ސަބަބުން އޭނާގެ ޢަޤީދާ ބަލިކަށިވެދާނެއެވެ. އޭނާގެ އީމާންކަން ނިކަމެތިވެދާނެއެވެ. އެހެންކަމުން އެ ފަދަ ކަންކަމާ ދުރުހެލިވެ އެއްކިބާވުން ވާޖިބުކަމަކަށްވާނެއެވެ.

v    އިންސާނާއަށް އުދަނގޫވާ ކަންތައްތަކާ ފޭވެ ދުރަށް ދިޔުމަކީ ކަންބޮޑުވުމާއި ހާސްވުމާއި ހިތާމަވެރިކަމުން އޭނާގެ ނަފުސު ދުރަށްލައިދޭނެ ކަމެކެވެ.

އިސްލާންދީނުގައި ގޯނާއާ އެއްކިބާވުން:

އިސްލާންދީނަކީ ހެޔޮ ޢަމަލުތަކުގެ ދީނެވެ. އެ ދީން ހެޔޮކަމެއް މެނުވީ ބަލައިނުގަތެވެ. ހެޔޮ ރަނގަޅުކަމަކަށް ނޫނީ ގޮވައިނުލަތެވެ. ﷲ ސުބްޙާނަހޫ ވަ ތައާލާއާއި އެކަލާނގެ މާތް ރަސޫލާ ގޮވައިލައްވަނީ ﷲގެ އަޅުން އެކަކު އަނެކަކަށް ގޯނާނުކުރުމަށެވެ. ނުބައި ޢަމަލުތަކަށް އަރައިނުގަތުމަށެވެ. އެމީހުންނާ ކުރިމަތިވާ ދަތި އުދަނގޫތައް އެއްކިބާކުރުމަށެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނު ރަސޫލާ صلى الله عليه وسلمއަށް ދެންނެވިއެވެ. (( يا رسولَ اللهِ أيُّ العملِ أفضَلُ؟ قال:  إيمانٌ باللهِ وجهادٌ في سبيلِه قال: قُلْتُ: فأيُّ الرِّقابِ أفضَلُ؟  قال: أنفَسُها عندَ أهلِها وأغلاها ثمنًا قال: فإنْ لم أفعَلْ؟  قال: تُعينُ صانعًا أو تصنَعُ لأخرَقَ قُلْتُ: فإنْ ضعُفْتُ عن ذلك؟  قال: فدَعِ الشَّرَّ فإنَّها صدقةٌ تصَدَّقُ بها على نفسِكَ  - އޭ ﷲގެ ރަސޫލާއޭވެ! އެންމެ ރަނގަޅު ޢަމަލަކީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ﷲއަށް އީމާންވެ އެކަލާނގެ މަގުގައި ޖިހާދުކުރުމެވެ. ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. އެންމެ ރަނގަޅު އަޅަކީ ކޮން އަޅެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އޭނާގެ އަހުލުވެރީންނަށް އެންމެ ފައިދާ ބޮޑު އެ މީހުންގެ ގާތުގައި އެންމެ އަގު ބޮޑު އަޅާއެވެ. ވިދާޅުވިއެވެ. އެއިން ކަމެއް ނުކުރެވޭނަމަ؟ ޙަދީސް ކުރެއްވިއެވެ. ތިބާ މަސައްކަތްތެރިއަކަށް ވާގިވެރިވާށެވެ. ނުވަތަ މަސައްކަތެއްކުރާން ނޭނގޭ މީހާއަށް މަސައްކަތް ދަސްކޮށްދޭށެވެ! އަހުރެން ދެންނެވީމެވެ. ފަހެ އެއިން ކަމެއް ކުރުމަށް ބާރުވެރިކަން ނެތް ނަމަ؟ ޙަދީސްކުރެއްވިއެވެ. ނުބައި ކަންތައްތައް ދޫކޮށްލާށެވެ! ފަހެ ހަމަކަށަވަރުން އެއީ ތިބާގެ ނަފުސަށް ކުރާ ޞަދަޤާތެކެވެ.))

އިސްލާމްދީން މީހުންނަށް އުދަނގޫކުރުން ޤަބޫލުނުކުރިއަސް އަދި އެ ކަމާ ދެކޮޅުހެދިޔަސް މި ދީން މީހުންނާ އެކަހެރިވުމަށް ހިތްވަރެއް ނުދެއެވެ. ﷲ ތަޢާލާ މުސްލިމުންނަށް އަމުރުކުރައްވަނީ ގުޅިގެން ލާމެހިގެން އުޅުމަށެވެ. ޙައްޤުބަސް ބުނުމަށާއި ތެދުބުނުމަށާއި ހެޔޮ ޢަމަލުކުރުމަށާއި ތަޤުވާވެރިވުމަށް މީސްތަކުންނަށް ގޮވައިލުމަށެވެ. ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދާއި ޢީދުނަމާދު ފަދަ ޖަމާޢަތުގެ ނަމާދުތަކަކީ ޖަމާޢަތުގެ ރޫޙު އަށަގެންނެވުމަށާއި ވަރުގަދަކުރެއްވުމަށް ޓަކައި ޝަރުޢުކުރައްވައިފައިވާ ނަމާދުތަކެކެވެ. ޢީދާއި ރަމަޟާންމަހުގެ ރޯދައާއި ޒަކާތާއި ޙައްޖުގެ މަނާސިކުތަކަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ބިނާ ވަރުގަދަކުރެއްވުމަށް ޓަކައި ފަރުޟުކުރައްވައިފައިވާ އަސާސީ ރުކުންތަކެކެވެ. އުދަނގޫކުރުންތަކުން ސަލާމަތްވެވޭނެ ގޮތެއް ނެތް ނަމަ، ރިވެތި ގޮތުގައި ދުރުހެލިވުމަށް މާތް ﷲ އަންވައިފައިވެއެވެ. އަލްމުއްޒައްމިލު ސޫރަތުގެ 10ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا - އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ!)) ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި ދީނީ ކަމަކަށް ނުވާ ކަމެއްގައި ތިބާ، ތިބާގެ އަޚާ ދެކެ ރުޅިއައިސްގެން އޭނާއާ ވާހަކަނުދައްކައި އޭނާ ބޮއިކަޓުކޮށްފައި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އޭނާއާ އެކުގައި އުޅުމުގެ ސަބަބުން ދީނާއި ދުނިޔެ ފަސާދަވެގެންދާ ނަމަ އެ ކަން ހުއްދަވާނެތެވެ. މީހެއްގެ އަނބިމީހާގެ އަހުލުން އެ ދެމަފިރިންގެ ޙަޔާތް ފާސިދުކުރާތީ އޭނާގެ އަނބިމީހާގެ އަހުލުންނަށް ޒިޔާރަތްކުރުން ހުއްޓައިލުމާ ބެހޭ ގޮތުން ޝައިޚު އިބްނު ޢުޘައިމީން (رحمة الله)އާ ސުވާލުކުރުމުން އެ ކަން ހުއްދަވާނެކަމަށް ފަތުވާ ދެއްވައިފައިވެއެވެ.

އުދަނގުލަށް ކެތްތެރިވުމުގެ މާތްކަން:

އުދަނގުލަށް ޓަކައި މީހުންނާ އެކަހެރިވުން ހުއްދަ ކަމެއްކަމުގައި ވިޔަސް އިސްލާންދީން އަބަދު ވެސް ބާރުއަޅަނީ އުދަނގޫތަކަށް ކެތްތެރިވުމަށާއި އުދަނގޫތައް ތަޙައްމުލުކުރުމަށެވެ. އިންސާނާ ކެތްތެރިވި ވަރަކަށް މާތް ﷲ އޭނާއަށް ދެއްވާ ހެވާއި ފަޟުލުވަންތަކަން އިތުރުކުރައްވާނެއެވެ. އަރަހުށި މާތް ﷲ ޝޫރާ ސޫރަތުގެ 43ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَلَمَنْ صَبَرَ وَغَفَرَ إِنَّ ذَلِكَ لَمِنْ عَزْمِ الْأُمُورِ - އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفوކުރި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެ ކަންކަންވަނީ، عزم ކަނޑައަޅާންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.))

ރަސޫލާ  صلى الله عليه وسلم ޙދީސް  ކުރެއްވިއެވެ.  (( المسلِمُ إذا كانَ مخالطًا النّاسَ ويصبِرُ على أذاهم خيرٌ منَ المسلمِ الَّذي لا يخالطُ النّاسَ ولا يصبرُ على أذاهم  - މީސްތަކުންނާ ނުގުޅި އެމީހުންގެ އުދަނގޫތަކަށް ކެތްތެރިނުވާ މުސްލިމު މީހާއަށް ވުރެ  މީސްތަކުންނާ ގުޅިގެން އުޅޭ އަދި އެމީހުންގެ އުދަނގޫތަކަށް ކެތްތެރިވާ މުސްލިމު މީހާގެ ހެޔޮކަން ބޮޑުވެގެންވެއެވެ.))

ނަބިއްޔާ صلى الله عليه وسلمގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((مَن كَظَمَ غَيْظَه وهو يَقدِرُ على أنْ يَنتصِرَ، دَعاهُ اللهُ تبارَك وتعالى على رؤوسِ الخَلائقِ حتى يُخَيِّرَه في حُورِ العِينِ أيَّتِهِنَّ شاءَ  - އޭނާގެ މައްޗަށް ގަދަވެގަތުމުގެ ބާރުލިބިފައިވާ ޙާލުގައި ތިމާގެ ރުޅި ދިރުވައިލި މީހާއަށް ޤިޔާމަތް ދުވަހުން އެންމެންގެ ކުރިމަތީގައި އޭނާ ބޭނުން ޙޫރުލްޢީނަކު އިޚުތިޔާރުކުރުމަށް ﷲ އޭނާއަށް ގޮވައިލައްވާނެތެވެ.))

ކޮމެންޓު