އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 އޯގަސްޓް 2025
ތަރުކާރީ ތެލޭ މި ކިޔާ ބާވަތުގެ ތެލަކީ ހަގީގަތުގައި [ތެޔޮ ރުއް] (އޮއިލް ޕާމް) ކިޔާ ރުކެއްގެ މޭވާއިން އުފައްދާ އެއްޗެކެވެ. ޕާމް ޓްރީ ނުވަތަ [އޮއިލް ޕާމް]ގައި އަޅާ މޭވާއަކީ ބޮޑެތި އިހަލުގައި ފެންފޯއް ހެން ގަދަ ރަތްކުލައިގައި ހުންނަ އެއްޗެކެވެ. ރިޗީ ހަންނާ (2021) ބަޔާންކުރައްވާ ގޮތުގައި ދުނިޔޭގައި އުފައްދާ ކާ ތެލުގެ 36% އުފައްދަނީ މި ބާވަތުގެ ރުކުގެ މޭވާއިންނެވެ. މި ބާވަތުގެ މޭވާއިން އުފައްދާ ތެޔޮ ކާނާގެ ބާވަތްތައް އުފައްދާށާއި ރީތިވާ ސާމާނު އުފައްދާށާއި އަދި [ހަޔަވީ ތެޔޮ] (ބަޔޯފިއުލް) އުފައްދާން ވެސް ބޭނުންކުރެއެވެ.
ތެޔޮ ރުކުން ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމުގައިވާ މެލޭޝިއާގައި މި ފަދަ ތެޔޮ އުފައްދާ [ތެޔޮ ކާރުޚާނާ]އަކަށް ޒިޔާރަތްކޮށް މަޢުލޫތު ހޯދައި އަދި އެ މަސައްކަތް ކުރާ ގޮތް ލޮލުން ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބިފައިވާތީ، އަޅުގަނޑަށް ކުރެވުނު ބައެއް ތަޖުރިބާ ވެސް ދަންނަވައިލާނަމެވެ.
ހަގީގަތުގައި ކެއުމަށް ބޭނުންކުރާ ތެޔޮ އުފައްދަނީ މި ދެންނެވި މޭވާގެ ބޮނބިގަނޑުންނެވެ. ރީތިވާ ސާމާނު އުފައްދާން ބޭނުންކުރާ ތެޔޮ އުފައްދަނީ އޭގެ އޮށުންނެވެ.
ބޮޑެތި އިހާތައް ރުކުން ކަނޑައިގެން އަންނަ ގޮތަށް ވައްޓައިލަނީ ބޮޑު މެޝިނަކަށެވެ. އެ މެޝިނުން ފެލައިލީމާ ބޮނބީގައި ހުންނަ ތެޔޮ ނުކުމެގެން ވަކި ތާކަށް އެޅި އޮށްތައް ވަކިވަނީއެވެ. (އޮށުގެ ނާށީގަނޑުގެ އެތެރޭގައި އޮންނަ ބައިން ތެޔޮ ހަދަނީ އަދި ވަކި މަރުޙަލާއެއްގައެވެ.) ބޮނބީން ފެލި ތެޔޮތައް ފުރަތަމަ ހުންނަނީ ވަރަށް ނުސާފު ކިސަޑު ކުލައެއްގައެވެ. ދެން އެ ތެޔޮ ފުރޭނުމަށް ފަހު ފޮނުވައިލާ ތަނުން، ކަނޑައެޅިފައިވާ ވަކި ހޫނު މިނެއްގައި ކައްކަނީއެވެ. އެއީ އޭގައި ހުރެދާނެ ހުރިހައި ޖަރާސީމެއް މަރައިލުމަށް ޓަކައެވެ. ތެޔޮ ކެއްކުމަށް ފަހު، އަލުން އެ ކެއްކި ތެޔޮތައް ފުރާނައިލަނީއެވެ. ދެން އެ ފުރާނާ ތެޔޮ ހުންނާނީ ސާފުކޮށެވެ. ނަމަވެސް ކުލަ އައްޔެއް ނުވާނެއެވެ. ހުންނަނީ ފާޑެއްގެ ކިސަޑުކުލައެއްގައެވެ. އެ ހިސާބުން ވަކި ވަތްގަނޑަކަށް އެ ތެޔޮ ބަދަލުކުރުމަށް ފަހު ޚާއްޞަ ކެމިކަލެއް އެ ތެލަށް ޖަހައިލުމުން މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ސާފު އަލިކަމާ އެކު ތެޔޮ އުފެދެނީއެވެ. ދެން ފުޅިފުޅީގައި ބަނދުކޮށް ލޭބަލުކޮށް ފޮށިފޮށީގައި ބަނދުކުރަނީއެވެ.
މި ދެންނެވި ހުރިހައި މަރުޙަލާތަކެއްގައި ހުރިހައި ކަމެއް ވެސް ކުރަނީ ހަމަ މެޝިނަރީގެ އެހީގައެވެ.
ރީތިވުމަށް ޓަކައި ބޭނުންކުރާ ސާމާނު އުފައްދާން ބޭނުންކުރާ ތެޔޮ، އެ މޭވާގެ އޮށުން އުފައްދާ ތަނެއް އަޅުގަނޑަށް ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް އެ ކާރުޚާނާއިން މަޢުލޫމާތުދިން ގޮތުގައި ސާބޯންޏާއި ޝޭމްޕޫ ފަދަ ތަކެތި އުފައްދަނީ އެ މޭވާގެ އޮށުގެ އެތެރޭގެ ކާށިގަނޑުން އުފައްދާ ތެލުންނެވެ.
މި ކައްކާ ތެޔޮ (ނުވަތަ ވެޖެޓެބަލް އޮއިލް)އަކީ މިއަދު އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން މި ތެޔޮ އެންމެ ގިނައިން އުފައްދަނީ ކޮންކޮންކޮން ގައުމުތަކަކުންތޯ ބަލައިލުން ވެސް މުހިންމުކަމަށް ވެދާނެއެވެ. ދުނިޔޭގައި އުފައްދާ ކައްކާ ތެލުގެ %85 އިންސައްތަ އުފައްދަނީ އިންޑޮނޭޝިއާއާއި މެލޭޝިއާއިންނެވެ. ތިރީގައި މި ދަންނަވައިލަނީ [ތެޔޮ ރުކު]ގެ މޭވާއިން އެންމެ ގިނައިން ތެޔޮ އުފައްދާ 10 ގައުމާއި އެ ގައުމުތަކުން އަހަރަކު ގާތްގަނޑަކަށް ތެޔޮ އުފައްދާ މިންވަރެވެ.
އިންޑޮނޭޝިއާ 47000 މެޓުރިކުޓަނު
މެލޭޝިއާ 19300 މެޓުރިކުޓަނު
ތައިލެންޑް 3700 މެޓުރިކުޓަނު
ކޮލޮމްބިއާ 1900 މެޓުރިކުޓަނު
ނައިޖޭރިއާ 1500 މެޓުރިކުޓަނު
ގުއަޓެމާލާ 990 މެޓުރިކުޓަނު
ޕަޕުއާ ނިއު ގިނީ 830 މެޓުރިކުޓަނު
އައިވަރީ ކޯސްޓް 600 މެޓުރިކުޓަނު
ބްރެޒީލް 600 މެޓުރިކުޓަނު
ހޮންޑިއުރާސް 595 މެޓުރިކުޓަނު
މަތީގައިވާ ލިސްޓުން ސާފުކޮށް އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑޮނޭޝިއާއާއި މެލޭޝިއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން [ތަރުކާރީ ތެޔޮ] (ކުކިންގ އޮއިލް) އުފައްދާ ދެ ގައުމެވެ. މި ކަމުގައި ވަރަށް މުހިންމު ސަބަބުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ސަބަބަކީ އެ ދެ ގައުމު އޮތް ސަރަހައްދާއި މޫސުމެވެ. ދެވަނަ ސަބަބަކީ ބިމުގެ މުއްސަނދިކަމެވެ. ތިންވަނަ ސަބަބަކީ މަސައްކަތްކުރާނެ މީހުން ފަސޭހައިން ލިބުމެވެ. މި ސަބަބުތަކަށް ޓަކައި ދުނިޔޭގައި ވެސް އެންމެ ގިނައިން ކައްކާ ތެޔޮ (ނުވަތަ ޕާމް އޮއިލް، ނުވަތަ ތަރުކާރީ ތެޔޮ) އުފައްދާ ގައުމަކީ އިންޑޮނޭޝިއާއެވެ.
ލަފުޒެއްގެ މާނަ:
ހަޔަވީ ނ. ދިރޭ ތަކެއްޗާ ގުޅުން ހުރި.
ބައެއް މަޢުލޫމާތު:
Ritchie, Hannah (2021). “Palm Oil”, Our World in Data (9th Feb)