ad_banner
ޤައުމެއްގެ އިންސާނީ ވިސްނުން ތަރައްޤީނުކުރެވޭ ނަމަ، ގޮނގުރިޓު ބިނާތަކަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

5 އޯގަސްޓް 2025

ތަރައްގީއަށް ޓަކައި އެންމެ މުހިންމީ މުޖުތަމަޢުގެ ވިސްނުން ތަރައްގީކުރުމެވެ.

ޤަދީމީ ސީނުކަރައިގެ ރައްޔިތުން އަމާން ރައްކާތެރި ދިރިއުޅުމެއް އުޅޭން ބޭނުންވި ހިނދު، އެ މީހުން ސީނުކަރައިގެ ބޮޑުފާރު ބިނާކުރިއެވެ. އެ ފާރުގެ އުސްކަމާއި ފުޅާކަމުގެ ސަބަބުން އެއްވެސް މީހަކަށް، ބޭރުން އެ ފާރަށް އެރުމަކީ އުނދަގޫކަމެކެވެ. އަދި އެފާރު ފޫވައްޓައިލައިފައި އެތެރެއަށް ވަނުމަކީ ވެސް އެހާމެ ދަތި އުނދަގޫ ކަމެކެވެ.

އެކަމަކު، ބޮޑުފާރު ބިނާކުރިތާ ފުރަތަމަ ސަތޭކަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން، ބޮޑުފާރު ހުރަސްކޮށް ދުޝްމަނުން ސީނުކަރައަށް ޙަމަލާދިނެވެ. މިއިން އެއްވެސް ފަހަރަކު ދުޝްމަނުންގެ ލަޝްކަރުތަކުން ބޮޑުފާރު ހުރަސްކުރީ ފާރު ތަޅައިލައިގެނެއް ނޫނެވެ. އަދި އެ ފާރު ހުރަސްކުރުމަށް ޓަކައި، ފާރު މައްޗަށް އަރާކަށް ވެސް އެއްވެސް ބަޔަކު މަސައްކަތެއް ވެސް ނުކުރެއެވެ.

ދެން ދުޝްމަނުންގެ ލަޝްކަރުތަކުން ބޮޑުފާރު ހުރަސްކޮށް ސީނުކަރައަށް ޙަމަލާދިނީ ކިހިނެއްތޯއެވެ؟ ދުޝްމަނުންގެ ލަޝްކަރުތަކުން ކޮންމެ ފަހަރަކު، ފާރު ހުރަސްކޮށް އެތެރެއަށް ވަދެފައިވަނީ، އެ ތަނުގެ ދޮރުވާނުންނަށް ރިޝްވަތުދީގެން ފާރުގައި ހުރި ސިއްރު ދޮރުތައް ހުޅުވައިގެންނެވެ. ސީނުކަރައިގެ މީހުން ބޮޑުފާރު ބިނާކުރުމުގައި އަވަދިނެތި އުޅުނު އިރު، ދޮރުވާނުން ތަމްރީނުކުރާކަށް އެ މީހުން ހަނދާނެއްނެތެވެ.

މިއިން ލިބުނު ފިލާވަޅަކީ ކޮބައިތޯއެވެ؟ އެހެން އެއްވެސް ކަމެއް ކުރުމުގެ ކުރީން އިންސާނުން ބިނާކުރުމުގެ މުހިންމުކަމެވެ. ޤައުމެއް ތަރައްޤީކުރުމަށް ޓަކައި ކޮންކުރީޓު ބިނާތަކެއް ހެދިދާނެއެވެ. އެކަމަކު، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ތަރައްޤީނުކުރެވޭ ނަމަ، އަދި އިންސާނާގެ ސިކުނޑި ތަރުބިޔަތުނުކުރެވޭ ނަމަ، ގޮނގުރިޓު ބިނާތަކަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ދަރީންނަށް މިއަދު ދަސްކޮށްދޭންޖެހޭ އެންމެ މުހިންމު ފިލާވަޅެވެ.

އިރުމަތީ ޢިލްމުވެރިއަކު ބުނެފައިވެއެވެ. ޤައުމެއްގެ ޙަޟާރަތު ނައްތައިލާން ބޭނުން ނަމަ އެ ކަން ކުރާނޭ ތިންގޮތެއް އޮވެއެވެ.

އެއީ

1. ޢާއިލީ ނިޒާމު ހަލާކުކޮށްލުން.

2. ތަޢުލީމީ ނިޒާމު ހަލާކުކޮށްލުން.

3. ޢިލްމުވެރީންނާއި ތަޖުރިބާކާރުންނާއި އިސްވާރުންގެ އަގުވައްޓައިލުން.

·      ޢާއިލީ ނިޒާމު ހަލާކުކުރުމަށް ޓަކައި، ޢާއިލާ ބިނާކުރުމުގެ އެންމެ މުހިންމު ތަނބުކަމުގައިވާ މަންމަގެ ދައުރު ހަނިކޮށްލާށެވެ. އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި އަންހެނުން ގެއިން ބޭރުކޮށް ޢާއިލާއަށް ވަގުތު ނުދެވޭނެ ގޮތް ހަދާށެވެ. [ހައުސް ވައިފް]އެކޭ (ގެވެހި އަންހެނެކޭ) ބުނާން އަންހެނުން ލަދުގަންނަ މިންވަރަށް ކެންޕޭނުކޮށް، ދަރީން ތަރުބިއްޔަތުކުރުމަށް އޮންނަ ހުރިހައި މަގެއް ބަންދުކޮށްލާށެވެ!

·      ތަޢުލީމީ ނިޒާމު ހަލާކުކުރުމަށް ޓަކައި، މުދައްރިސުންގެ އަގު ވައްޓައިލައި މުދައްރިސުން މާޔޫސްކޮށްލާށެވެ! މުޖުތަމަޢުގައި މުދައްރިސުންގެ މުހިންމުކަމާއި މުދައްރިސުންނަށް ދޭންވާ ޤަދަރާއި އިޙުތިރާމު ދަރިވަރުންގެ ކުރިމަތީގައި ކުޑަވާނެ ގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރާށެވެ!

·      ޢިލްމުވެރީންނާއި ތަޖުރިބާކާރުންނާއި އަދި އިސްވާރުންގެ އަގު ވައްޓައިލުމަށް ޓަކައި، އެ މީހުންނާ ދެކޮޅަށް ރޭވުންތައް ރާވައި މުޖުތަމަޢުގެ ކުރިމަތީގައި އެ މީހުންގެ އުނިސިފަތަކުގެ ވާހަކަ ދައްކާ ފަޟީޙަތްކުރާށެވެ! އެ މީހުންގެ ވާހަކަ އަޑުނާހާނެ، ނުވަތަ އަޑުއެހިޔަސް އެ މީހުންނަށް އެއްވެސް މީހަކު އިތުބާރުނުކުރާނެ ނުވަތަ ތަބާނުވާނެ މިންވަރަށް އެ މީހުންނާ މެދު ޝައްކުތައްއުފައްދާށެވެ.

ހޭލުންތެރި އޯގާތެރި މަންމައެއް ގެއްލިއްޖެ ނަމަ، އެ ޢާއިލާއަކަށް ވާނީ ކިހިނެއްތޯއެވެ؟ އަދި ޤާބިލު، ވަފާތެރި މުދައްރިސެއް ގެއްލިއްޖެ ނަމަ، މުސްތަޤުބަލުގެ ޖީލުތަކަށް ވާނީ ކިހިނެއްތޯއެވެ؟ އަދި ޢިލްމުވެރިންނާއި ތަޖުރިބާކާރުންނާއި އަދި އިސްވާރުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިއްޖެ ނަމަ، އެ މުޖުތަމަޢަކަށް ވާނީ ކިހިނެއްތޯއެވެ؟ އަދި، ޒުވާނުން ތަރުބިއްޔަތުކޮށް އަޚުލާޤާއި ސުލޫކާއި އިޖުތިމާޢީ ގިޔަމުތައް ދަސްކޮށްދޭނީ ކޮން ބަޔެއްތޯއެވެ؟

މިއީ ޑރ. މުސްތަފާ މަޙްމޫދު (ރަޙިމަހު ﷲ) ލިޔުއްވައިފައިވާ [ދިރާސަތުލްމުސްތަޤްބިލު] މި ފޮތުން ނަގައިފައިވާ މަޢުލޫމާތުގެ ޚުލާސާއެކެވެ.

މި ވާހަކަކޮޅު ކިޔައިލުމުން، އަޅުގަނޑުމެންގެ، މި ޤައުމުގައި ވެސް ކަންތައްތައް ހިނގަމުންދަނީ މި ފަދަ ގޮތަކަށްކަން ފާހަގަކުރެއްވޭނެއެވެ. ޚާއްސަކޮށް، ހުޅަނގުގެ ޑިމޮކްރެސީއާ އެކު ލިބުނު އިމެއް ނެތް މިނިވަންކަމުގައި، މި ކަން މާބޮޑަށް ފާހަގަވެގެން ދާނެއެވެ.

ބޮޑުފާރު ބިނާކުރި ސީނުކަރައިގެ މީހުން، އިންސާނުން ބިނާކޮށް ރައްޔިތުންގެ ނަފުސުގައި މަތިވެރި އަދަބާއި ސުލޫކާއި ގައުމީ ލޯބި އުފެއްދުމަށް އެންމެ އިސްކަމެއް ދިނީ ބޮޑުފާރުން ލިބުނު ތަޖުރިބާއިންކަމަށް ވެދާނެއެވެ. މި ތަޖުރިބާގެ އަލީގައި އިންސާނީ ވަސީލަތްތައް ބިނާކުރިލެއް ވަރުގަދަވެފައި، މަސައްކަތުގެ އަޚުލާގު އާލާކުރުމުގެ ސަބަބުން އެ މީހުން ކުރިއަރައިގެންދާ ބާރު މިން ފާހަގަކުރެއްވޭނެއެވެ. މިއަދު އެއްވެސް މީހަކަށް ރިޝްވަތުދީގެން ބޮޑުފާރުގެ ސިއްރު ދޮރުތައް ހުޅުވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ރިޝްވަތު    ނ.    ޤަވާއިދާ ޚިލާފަށް ކަންތައްތައް ނިންމުމަށް ނުވަތަ ކުރުވުމަށްދޭ ފައިސާއާއި ތަކެތި. bribery

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ leader

ވަސީލަތް    ނ.    ކަމެއް ކުރާން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް. resource

ދޮރުވާނު    ނ.    (1) ދޮރުގެ ފާރަޔަށް ހުންނަމީހާ. (2) ދޮރުފާރަވެރިޔާ.  guard (at the door)

ގިޔަމު     ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ގޮނގުރިޓު   ނ.    ވެއްޔާއި އަކިރިއާއި ސިމެންތި ވަކި މިންތަކަކަށް އަޅައި އެއްކޮށް ފެން އަޅައިގެން ގަށައިފައި ހުންނަ އެއްޗެއް.  ހިލަވެއްޔާއި ހިލައާއި ސިމެންތި ވަކި މިންތަކަކަށް އަޅައި އެއްކޮށް ފެން އަޅައިގެން ގަށައިފައި ހުންނަ އެއްޗެއް. concrete

ގޮނގުރިޓު   ނއ.   ގޮނގުރިޓުން ހަދައިފައި ހުންނަ. concrete

ޖީލު       ނ.    (1) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް. generation

 

ކޮމެންޓު