އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 އޯގަސްޓް 2025
ޗައިނާއިން ދާދި ފަހުން ދުނިޔެ ސިއްސުވައިލީ ދަތުރުފަތުރުގެ ދާއިރާއިން މީހުން ހައިރާންވެ އަންތަރީސްވާ ފަދަ، ބޮޑު ކުރިއެރުމަކާ އެކު، ގަޑިއަކު 1،000 ކިލޯމީޓަރު ބާރުމިނުގައި ދުއްވޭ [މެގްނެޓިކް ލެވިޓޭޝަން (މެގްލެވް)] ރޭލެއް ތައާރަފުކޮށްގެންނެވެ. އެއީ މަދަނީ މަތީންދާބޯޓުތަކުން ކުރާ ދަތުރަށް ވުރެ ދުވެލި ހަލި، އަދި، އޮމާން ހަލިމަގެއްގައި ކާރެއްގައި ދަތުރުކޮށްލެވޭ ވަރަށް ވުރެ ވެސް އޮމާން ދަތުރެކެވެ. މި [އަލްޓްރާ ހައި ސްޕީޑް] ރޭލުން މީހުން ދަތުރުކުރާ ގޮތާއި، ސިޓީތައް ގުޅުވައިލާ ގޮތް އަބަދަށް ޓަކައި ބަދަލުވާނެއެވެ.
އާ ރޭލުގައި ޒަމާނީ [ސުޕަރކޮންޑަކްޓިންގ މެގްނެޓިކް ލެވިޓޭޝަން] ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ، މި ފަންނިއްޔާތުގެ ސަބަބުން ރޭލު، ރޭލުދަގަނޑުމަތީން ހިއްލައިލައި ހުރިހައި [ފްރިކްޝަނެއް] (ދަގަނޑުގައި ކޭއްތުން) މުޅީން ނައްތައިލައެވެ. ފުރޮޅެއް ނެތި، އެއްވެސް އެއްޗެއްގައި ޖެހުމެއް ނެތި، އަދި ވަށައިގެންވާ ވައިގެއޮބުން ކުޑަ، ހޮޅިމަގުގައި އިދިކޮޅަށް ވައިނާޅާތީ، ރޭލު ކުރިއަށްދަނީ ހައިރާންވާ ފަދަ ބާރު އިސްޕީޑެއްގައެވެ. އޮމާން، ހިމޭން، އަމާން، އަދި ހައިރާންވާ ފަދަ ގޮތަކަށެވެ. އެއީ ބިމާ ކައިރީގައި އުދުހޭ ކަހަލަ ތަޖުރިބާއެކެވެ.
ޗައިނާގެ ދަތުރުފަތުރުގެ އުންމީދީ ކުރިމަގުގެ ތަދުބީރުގެ ތެރެއިން ތަރައްގީކޮށްފައިވާ މި ނިޒާމު (ނުވަތަ [ހައިޕަރލޫޕް އޮން ސްޓިރޯއިޑްސް]) މިހާރު ވަނީ ތަޖުރިބާކުރުމުގެ ގޮތުން ރޭލުދަގަނޑުމަތީގައި ކާމިޔާބުކަމާއެކު ދުއްވައިފައެވެ. އިންޖިނިއަރުން ބުނާ ގޮތުގައި މި ރޭލުގެ ސަބަބުން މިހާރު ބޯޓުގައި ފަސް ގަޑިއިރު ކުރާ ދަތުރުތައް 45 މިނެޓްގެ ރޭލު ދަތުރަކަށް ބަދަލުކޮށްލެވެނީއެވެ. ކޮފީ ތަށި ފިނިވުމުގެ ކުރީން ބެއިޖިން ސިޓީއިން ފުރައިގެން ޝަންހާއީއަށް ދަތުރުކުރެވޭނެކަމަށް އިންޖިނޭރުން މަޢުލޫމާތުދެއެވެ.
މި ހަލި ރޭލުގެ ސަބަބުން ހަމަ އެކަނި ދަތުރު އަވަސްވަނީކީ ނޫނެވެ. މިއީ ޗައިނާއިން ކުރިމަކަށް ކުރަހައި ތަސައްވުރުކޮށްފައިވާ ތަދުބީރުގެ ކުޑަކުޑަ ކާމިޔާބީއެކެވެ. ޗައިނާއިން ގެންދަނީ ކުރީން ދުވަހަކު ވެސް ތަޖުރިބާކޮށްފައި ނުވާ ބާރުމިނެއްގައި ދަތުރުކުރެވޭނެ ނިޒާމަކުން ބޮޑެތި ސިޓީތައް ގުޅައިލުމުގެ ވިޔުގައެއް ގާއިމުކުރަމުންނެވެ. މި ނިޒާމު ގާއިމުކުރަނީ ވައި ނުހުންނަ (ވޭކިއުމްކޮށްފައިވާ) ހޮޅިތަކެއްގެ ތެރެއިން ދަތުރުކުރެވޭ ފަދަ ގޮތަކަށެވެ. މި ވިޔުގައިގެ ސަބަބުން ވައިގެ ދަތުރުތަކުން ޖައްވަށް ދޫކުރާ ކާބަން މޮނޮކްސައިޑުގެ މިންވަރު ދަށްކުރެވި ހަލިމަގުތަކުގައި ތޮއްޖެހުމަށް ޙައްލެއް އަންނާނެކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. އެއީ ފުޅާ ދާއިރާއެއްގައި ރާވައިގެން ގާއިމުކުރެވޭ ދަތުރުފަތުރުގެ ސާފު، އަވަސް، ރައްކާތެރި އަދި ފަހި ދަތުރުތަކަށް ކުރާ ތަޞައްވުރުގެ މުހިންމު އެއް ބަޔެވެ.
ހަމަ ކަށަވަރުން ވެސް މި ކަމުގައި ވެސް ގޮންޖެހުންތަކެއް ހުންނާނެއެވެ. ބިނާރުގެ ޚަރަދާއި ސަލާމާތާއި ރައްކާތެރިކަމުގެ ނިޒާމުތަކާއި، އަދި މި ހައި ބާރު އިސްޕީޑުގައި ދަތުރުކުރާ އިރު ފަސިންޖަރުންނަށް އެއްވެސް ހިތްހަމަނުޖެހުމެއް ދިމާނުވާނެކަން ކަށަވަރުކުރުމަކީ ވެސް ވިސްނާން ޖެހޭ ކަންކަމެވެ. އެކަމަކު ދުނިޔޭގެ އެންމެ ދިގު ދާލަންތަކާއި އެންމެ އުސް ޓަވަރުތަކާއި އެންމެ ދުވެލި ބާރު ރޭލުތައް ކުރުމުއްދަތެއްގައި ތަޢާރަފުކުރުމުގެ ރެކޯޑު އޮތް ޗައިނާއިން މި ސާބިތުކޮށްދެނީ އެހެން ގައުމުތަކުން ފަސްޖެހިފައި ތިއްބަސް ތަރައްގީގެ ރޭހުގައި ޗައިނާއިން އެންމެ ތަންފުކެއް ވެސް ފަސްނުޖެހޭނެކަމެވެ.
މިއީ ހަމަ އެކަނި ބާރަށް ދުވާ ރޭލެއް ތަޢާރަފުކުރުމަށް ވުރެ މާ ބޮޑު ކާމިޔާބީއެކެވެ. އެއީ ކުރިމަގަށް އަވަސް ބަދަލުތަކެއް އަންނަކަމުގެ ރަމްޒެކެވެ. އަދި އެއީ މުސްތަގުބަލަށް ކުރާ އުންމީދުތަކާއި ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިލެވޭނެކަން ގަބޫލުކުރާ ގައުމުތަކަށް ވެސް ކުރިމަގުގައި ދަތުރުފަތުރުގެ މުޅި ނިޒާމާއި ޒަމާން ބައްޓަން ކުރެވޭނެ ގޮތުގެ ރަމްޒެކެވެ.
ދުވަހީ ދަތުރުފަތުރުގައި ބިމުންކުރެވޭ ދަތުރުތައް ވައިގެ ދަތުރަށް ވުރެ އަވަސް ނަމަ، ކުރިމަގުގައި ދަތުރުފަތުރުގެ ނިޒާމަށް އަންނާނީ ކޮން ފަދަ ބަދަލުތަކެއްބާވައެވެ!!
ބައެއް ލަފުޒުގެ މާނަ
ހަލި ނއ. (1) އަވަސް. (2) ހަލުވި. (3) ފަސޭހަ.
ހަލިމަގު ނ. (1) ބާރުދުވެލީގައި ދަތުރުކުރާން ހަދައިފައި ހުންނަ މަގު. (2) ކަމެއްކުރުމަށް އާންމު ގޮތެއްގައި އޮންނަ މަގަށްވުރެ ހަލުވި ނުވަތަ އަވަސް މަގު.highway
ނިޒާމު ނ. (1) ރޭވިފައިވާ ގޮތް. (2) އިންތިޒާމު. (3) ތަރުތީބު. system
ރޭލު ނ. އެތައް ގާޑިޔަލެއް ފަތީލައިގެން އިންޖީނެއްގެ ބާރުން ދަގަނޑު މަތީގައި ދުއްވާ ގާޑިޔާ. މީގެ ތަފާތު ބާވަތްތައް ހުރެއެވެ. އަދި މި ޒަމާނުގައި މީގެ މާ ތަފާތު ބާވަތްތައް ގިނައެވެ. train
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
އިސްޕީޑު ނ. (1) ކުރިއަށްދާ މިންވަރު. (2) ދުވެލި. speed
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު. network
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. Plan