އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 އޯގަސްޓް 2025
އީޔޫގެ ކުރީގެ 58 މަންދޫބުން ސޮއިކުރައްވައި 2025 ޖުލައި 31ގައި ޢާންމުކުރައްވައިފައިވާ [ހުޅުވައިލެވިފައިވާ ސިޓީއެއް]ގައި ވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓައިލައި، އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އެމީހުން ހިންގާ އަނިޔާވެރިކަމުގެ ޖަރީމާތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށް އެ އިއްތިޙާދަށް އިލްތިމާސްކުރައްވައިފައެވެ.
ތިރީގައި މި ވަނީ އެ ސިޓީގެ ޚުލާޞާ އަވަސް ތަރުޖަމާއެކެވެ.
ޔޫރަޕިއަން ކައުންސިލާއި، ޔޫރަޕިއަން ކޮމިޝަނާއި، ޔޫރަޕިއަން ޕާލަމެންޓްގެ ރައީސުންނާއި، [ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރީން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ]އަށް،
ވިލާތު އިއްތިޙާދުގެ މެންބަރު ގައުމުތަކުގެ ސަރުކާރުގެ އިސްވެރީންނާއި ޚާރިޖީ ވަޒީރުންނަށް،
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއާއި އެހެން ބަޔަކު، އިސްރާއީލުގެ މައުސޫމު ރައްޔިތުން މަރައި ރަހީނުކޮށްގެން ގެންދިޔުމުން އެ ކަމާ އަޅުގަނޑުމެން، ޔޫރަޕިއަން ޔޫނިއަންގެ ކުރީގެ 58 ސަފީރުން، ބިރުގަނެ ކަންބޮޑުވެ، ރުޅިގަދަވިއެވެ. މި ފަދަ އަމަލުތައް އެއްވެސް ސަބަބަކާހުރެ ބަލައިނުގަނެވޭނެކަމަށް ވާތީ އަޅުގަނޑުމެން އެ ކަންކަން ކަނޑައެޅިގެން ކުށްވެރިކުރަމެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް އަނިޔާވެރި ޖަރީމާތައް ހިންގާ ބިރުވެރި މަންޒަރެވެ. މީގެ އިތުރަށް ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ނިޒާމީ ގޮތެއްގައި އަނިޔާވެރި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައްހިންގައި ރައްޔިތުން މަރައި ވިއްސިވިހާލިކުރަމުން ގެންދާ މަންޒަރެވެ.
ވިލާތު އިއްތިޙާދާއި އަދި ގާތްގަނޑަކަށް މެންބަރު ހުރިހައި ގައުމުތަކުން ވެސް މި ބިރުވެރި ހާދިސާތަކަށް މާނަހުރި ރައްދެއް ދިނުމުގައި ވަނީ ފޭލިވެފައެވެ.
ވިލާތު އިއްތިޙާދުގެ ކުރީގެ ސަފީރުންގެ ގޮތުގައި އަޅުގަނޑުމެންގެ ދަންނީ ދިރިއުޅުން ޚާއްޞަކުރީ ވިލާތުގެ މައިގަނޑު ގިޔަމުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި ކުރިއެރުވުމަށާއި، ވިލާތު އިއްތިޙާދުގެ ގަދަރާއި ޝަރަފު ރައްކާތެރިކޮށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން އެ މަސްލަހަތުތަކާއި އެ ޝަރަފަށް މިހާރު ވަނީ ވަރަށް ބޮޑަށް ހިޔަނިއެޅި ތަޞައްވުރު ހުތުރުވެ، ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
21 މަހަށް ވުރެ، ގިނަ ދުވަސް ވަންދެން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި އަނިޔާވެރިކަމާއި ފަނާކުރަނިވި ޢުދުވާނެއް ހިންގަމުން އެ ގެންދަނީ އެއްވެސް ރަޙުމެއް ބެލުމެއް މަޑުޖެހުމެއް ނެތިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ތަނެއްދޮރެއް ނުބަލައި ބޮންއެޅުމުގެ ސަބަބުން ދިހަ ހާސް ކުޑަކުދީން ހިމެނޭ ގޮތަށް ޣައްޒާގެ މުޅި އާބާދީގެ ގާތްގަނޑަކަށް ދިހަ އިންސައްތަ ވަނީ ޝަހީދުވެފައެވެ. އަނެއް ބަޔަކު ވަނީ ނިކަމެތިވެ، ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ. ބޮމާއި ބަޑީގެ އުންޑަތަކުން ސަލާމަތްވެވޭ މީހުންނަށް ކުރިމަތިވަނީ ބަނޑުހައިހޫނުކަމާއި، ކާނޭބޯނޭ އެއްޗެއް ނެތުމާއި، ބަލިމަޑުކަމާއި، އިސްރާއީލުން ގަސްތުގައި ހަލާކުކޮށްލައިފައިވާ ސިއްހީ ނިޒާމަކާއެވެ.
މިހާރު ކޮށްފައިވާ ޙިސާރުގެ ސަބަބުން އދ. ޔޫއެންއާރުޑަބްލިއުއޭ އާއި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ އެހެން ހުރިހައި ޖަމުއިއްޔާތަކެއް ޣައްޒާއިން ބޭރުކޮށް އޭގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލުގެ ކުލީ ސިފައިން ހިންގާ ސިޔާސީ އަދި އަސްކަރީ [އެހީ]ގެ ޙަރަކާތަކީ، އިންސާނީ އެހީތެރިކަމާއި ކާބޯތަކެތީގެ އެހީތެރިކަން ހުއްޓުވައި ރައްޔިތުން ބަނޑުހައިހޫނުކަމުގައި ޖައްސައި ބަނޑަށް މަރައި މީހުން ތަންތަނަށް އެއްކޮށް ޙަމަލާދީ މެރުމަށް ހިންގާ ޖަރީމާއެކެވެ.
ވިލާތު އިއްތިހާދުގެ އިސް މަންދޫބު ކާޖާ ކަލާސް އިސްރާއީލާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނާ ސާބިތު އިންސާނީ ފިޔަވަޅުތައް އާންމުކޮށްފައެއް ނުވެއެވެ. އެއާ ޚިލާފަށް، މިސް ކަލާސް މި އެއްބަސްވުން އިއުލާންކުރެއްވި ފަހުން، އާއިލާތަކަށް ކާނާއާއި ފެން ހޯދުމަށް ވަރަށް ބޮޑަށް މުހުތާދުވެފައި ބައިތިއްބައިގެން އިސްރާއީލުގެ ސިފައިންގެ އަނިޔާވެރި ޢަމަލުތަކުން އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދީންނާއި އަންހެނުން ވަނީ މަރައިލައިފައެވެ. މީގެ ތެރޭގައި ސަރަހައްދީ ރޮނގު ހުރަސްކުރާ މުހިންމު އެއް ނުކުތާކަމަށްވާ ޒިކިމްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބިރުވެރި ހަމަލާތަކުގައި ބަޑިޖަހައި މަރައިލި އަދަދު ހިމެނޭ އިރު، އެއީ އިސްރާއީލާއެކު ވިލާތު އިއްތިހާދުން ވެފައިވާ އިންސާނީ އެހީތެރިކަމުގެ އެއްބަސްވުމާ ޚިލާފުކަމެއްކަން އަޅުގަނޑުމެންނަށް ވިސްނެއެވެ.
މިހާރު، ނުރައްކާތެރިކަމާއި ބިރުވެރިކަމާ އެކު، އިސްރާއީލުގެ އިސްވާރުން ގެންދަނީ ޣައްޒާގެ އާބާދީގެ ބޮޑު ބަޔެއް ވަކި ސަރަހައްދުތަކަކަށް ދާން މަޖުބޫރު ކުރަމުންނެވެ. ފެންނަމުންދަނީ އާންމުންނަށް ތަހައްމަލުނުކުރެވޭ ހާލަތްތަކުގައި ބަންދުކުރުމަށް ފަރުމާކޮށްފައިވާ އަސްކަރީ ހިސާރުކުރުންތަކެވެ. މިއީ ގަވާއިދާއި ގާނޫނާ ޚިލާފަށް ގަދަކަމުން އާބާދީ ބަދަލުކުރުމުގެ ގޮތުގައި ހިމެނޭނެ، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ބޮޑު ޖަރީމާއެކެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރާއި ސަލާމަތީ ވަޒީރާއި މާލީ ވަޒީރު ވެސް ފާޅުގައި ގޮވައިލަމުން ގެންދަނީ ފަލަސްތީނުގެ މީހުން ޣައްޒާއިން ދާއިމީކޮށް ބޭރުކުރުމަށެވެ. މިއީ ނަސްލު ސާފުކުރުމާ ދިމާއަށް ރާވައިގެން އަޅަމުންގެންދާ ފިޔަވަޅުތަކެކެވެ.
މީގެ އިތުރަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާގެ ފުރިހަމަ ހިމާޔަތާއެކު އިސްރާއީލުގެ އަނިޔާވެރި ވަޒަންވެރީން ވަނީ ފަލަސްތީނުގެ މުޖުތަމަޢާ ދެކޮޅަށް ނިރުބަވެރިކަމުގެ ކެމްޕޭނެއް ހިންގައިފައެވެ. ގެދޮރުގައި ހުޅުޖަހައި، ރައްޔިތުން މަރައި، އާއިލާތައް ވަޒަނުން ބޭރުކޮށް، ފެން ލިބޭ ތަންތަނަށް ވިހަލައި، ގިނަ ޢަދަދެއްގެ ނަޢަމް ސޫފިތައް ވަގަށް ނަގައި، ޒައިތޫނި ގަސްތައް ހަލާކުކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ބިންތައް ފެރިގެންފައެވެ. މި ފަދަ ޖަރީމާތައް ހިންގާ މުޖުރިމުންނަކީ އިސްރާއީލުގެ އޮފިޝަލުން މަދަދާއި ހިތްވަރުދޭ ހަތިޔާރު އެޅި، ބަޔެކެވެ. މި ވަޒަންވެރީންނަކީ މުމައްސިލުންނެއް ނޫނެވެ. އެއީ ފަލަސްތީނުގެ ބިންތައް މުޅީން ފޭރި، ނަސްލު ސާފުކުރުމަށް ޓަކައި ސަރުކާރުން ހިންގާ އެޖެންޑާގެ ކުރީ ސަފުގެ އެޖެންޓުންނެވެ.
އިސްރާއީލުން ގާނޫނާ ޚިލާފަށް އަމަލުކުރުމާއި، އިންސާނިއްޔަތާއި އިންސާނީ ހައްގުތަކާ ބެހޭ ހުރިހާ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވެފައިވާކަން ހާމަކަންބޮޑު ގޮތެއްގައި ވަނީ ސާބިތުވެފައެވެ. އދ.އާއި، އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކާއި، މިނިވަން މުރާގިބުން ވަނީ އިސްރާއީލާއި ޔަހޫދީ އަޑުތައް ހިމެނޭ ގޮތަށް މި ޖަރީމާތައް ތަފްސީލުކޮށް ފުރޭފުކޮށްފައެވެ. ބައިނަލްއަގްވާމީ ކޯޓުން ކަނޑައަޅައިފައި ވަނީ ޣައްޒާގައި ނަސްލުހޭދުގެ ނުރައްކާ އޮތް ކަމަށެވެ. އިސްރާއީލުން ފަލަސްތީނު ދިގު މުއްދަތަކަށް ހިސާރުކުރުމަކީ ހަމައެކަނި ގާނޫނާ ޚިލާފު ޢަމަލެއް ނޫންކަމަށާއި އެއީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށެވެ. ވިލާތުގެ އާންމު ޚިޔާލާއި ޖަރުމަނާއި އިޓަލީ ފަދަ ގައުމުތައް ހިމެނޭ ގޮތަށް ޒުވާނުންގެ ގިނަ ބަޔަކު ސާފުކޮށް ގޮވަމުން ގެންދާ ތަން ފެންނަނީ މި ބިރުވެރިކަން ހުއްޓުވުމަށް ޓަކައި އެ މީހުންގެ ސަރުކާރުތަކުން ފިޔަވަޅުއެޅުމަށެވެ.
ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތައް ވިލާތު އިއްތިހާދުގެ މެންބަރު 20 ޤައުމު ހިމެނޭ ގޮތަށް 28 ޚާރިޖީ ވަޒީރުން ދާދިފަހުން ކުށްވެރިކުރިކުރުމަށް އަޅުގަނޑުމެން މަރުޙަބާ ކިޔަމެވެ. އެކަމަކު ހަމައެކަނި ބަސްތަކުން ފުދޭކަށް ނެތެވެ.
ވިލާތުއިއްތިހާދުގެ ހުރިހައި އިސްވާރުންނާއި ސަރުކާރުތަކަށް، ޚާއްޞަކޮށް އިސްރާއީލުގެ ވެރީންނާއި އިންސާނިއްޔަތާއި އިންސާނީ ހައްގުތަކާ ދެކޮޅަށް ޢަމަލުކުރާ ހުރިހައި ފަރާތްތަކަށް، އަޅުގަނޑުމެން މި ގޮވައިލަނީ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ވިލާތު އިއްތިޙާދުގެ ގާނޫނުތަކާއި ޤައުމީ ޤާނޫނުތަކުގެ ދަށުން އަވަހަށް ފިޔަވަޅުއެޅުމަށެވެ. އެ ފަދަ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނިފައި އޮންނާންވާނެއެވެ.
1. ބައިނަލްއަޤްވާމީ އެހީ ފޯރުކޮށްދިނުން ވަގުތުން ފުޅާ ދާއިރާއެއްގައި އަލުން ފެށުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ މައިގަނޑު އުސޫލުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން.
2. ހަތިޔާރާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިފާނެ ހުރިހައި އެއްޗެއް އިސްރާއީލަށް އެކުސްޕޯޓުކުރުން މިހާރުން މިހާރަށް މެދުކަނޑައިލުން.
3. އިސްރާއީލުން ގާނޫނާ ޚިލާފަށް ފޭރިގެންފައިވާ ބިންތަކުގައި ހިންގާ އެއްވެސް ވިރަފާރިއެއްގައި ވިލާތު އިއްތިޙާދާއި ވިލާތު އިއްދިޙާދާ ގުޅިފައިވާ އެއްވެސް ގުނަވަނަކުން ބައިވެރިނުވުން. އަދި އިސްރާއީލުން ފޭރިގެންފައިވާ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ އެއްވެސް ކުންފުންޏަކަށް ނުވަތަ އެ ކުންފުނިތަކާ ގުޅިފައިވާ އެއްވެސް ފަރާތަކަށް ފައިދާއެއް މަންފާއެއް ލިބިދާނެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިނުވުމާއި އެ ސަރަހައްދުގައި ވުނަނުކުރުން.
4. އިސްރާއީލަށް އިސްކަންދީގެން ކުރާން އިންތިޒާމުކުރެވިފައިވާ ހުރިހައި ވިޔަފާރިއެއް މިހާރުން މިހާރަށް ހުއްޓުވުން.
5. [ހޮރައިޒަން ޔޫރަޕް]އާއި ވިލާތު އިއްތިހާދާ ގުޅިގެން ހިންގާ ދިރާސާތީ ޕްރޮގުރާމްތަކާއި، ޢިލްމީ ޕްރޮގްރާމްތަކާއި ފަންނިއްޔާތުގެ ޕްރޮގްރާމްތަކުގައި އިސްރާއީލުން ބައިވެރިވާ ބައިވެރިވުން ކެންސަލްކުރުން.
6. ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ނަސްލުހޭދަށް މަގުފަހިކޮށްދިން އިސްރާއީލުގެ ވަޒީރުންނާއި، ސަރުކާރުގެ އޮފިޝަލުންނާއި، އަސްކަރީ ކޮމާންޑަރުންނާއި، އަނިޔާވެރި ވަޒަންވެރީންނަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތައްއެޅުން.
7. ކުށްވެރީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި، ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓާއި އާންމު އިޚްތިޞާޞްގެ ދަށުގައިވާ ވަޠަނީ ކޯޓުތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ އަދި ޤައުމީ ޝަރުޢީ ނިޒާމުތަކަށް އެހީތެރިވުން.
8. އަނިޔާގެ ޝިކާރައަކަށްވާ ފަލަސްތީނުގެ މަދަނީންނާއި، އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކާއި، މުސްތަޙީލު ޙާލަތްތަކުގައި ހިންގާ އިންސާނީ އެހީތެރިކަމުގެ ޖަމާޢަތްތަކަށް ސިޔާސީ، ޤާނޫނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
9. ދެ ދައުލަތެއްގެ ހައްލަކަށް ބޭނުންވާ ޝަރުޠު ފުރިހަމަކުރުމަށް ޓަކައި ފަލަސްތީނުގެ ދައުލަތް ޤަބޫލުކުރުން.
ޖުލައި 17 ވަނަ ދުވަހު، ބައިނަލްއަޤްވާމީ ޖިނާއީ އަދުލުގެ ދުވަސް، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސާވިސްއިން ހަނދާންކޮށްދިނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލު ނައްތާލުމާ ގުޅޭ ގޮތުން [ބިރުވެރިކަމާ ގުޅިގެން ހިމޭންކަން އިޚުތިޔާރުކުރުމުގެ ވަރަށް ގިނަ ހާދިސާތައް ތާރީޚުން ފެންނާން އެބަހުރި]ކަމެވެ.
މި ޖަރިމާތަކާއި މުސީބާތަށް ވިލާތު އިއްތިޙާދާއި އެ ގައުމުގެ މެންބަރު ގައުމުތަކުން ރައްދުދޭ ގޮތް ދުނިޔެ ހަނދާން ހުންނާނެއެވެ. ނަސްލު ނައްތައިލުމުގެ އަނިޔާވެރި ޢަމަލުތަކުގެ ކުރިމަތީގައި ހިމޭންކަމާއި ވަކި އަތަކަށް ނުޖެހި ތިބުމަކީ ވެސް އެ އަނިޔާވެރި ޢަމަލުގައި ބައިވެރިވުމެވެ. މި ކަމަށް ފިޔަވަޅުނޭޅުމަކީ ކުށްވެރީންނަށް ހިތްވަރުދީ، ވިލާތު އިއްތިޙާދާއި ވިލާތު އިއްތިޙާދުގެ މެންބަރު ޤައުމުތަކުން ދަމަހައްޓާން ދަޢުވާކުރާ އަދި ހިފަހައްޓާ ކޮންމެ އުސޫލަކަށް ވެވޭ ޚިޔާނާތެކެވެ. އަދި އެއީ އެ އުޞޫލުތަކާ ޚިލާފުކަމެކެވެ.
ރަހީނުން އެނބުރި ގެނައުމާއި، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުކެނޑުމެއްނެތި ގޮވާލަމުންދާ އިރު، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަމުގެ ޗެމްޕިއަނުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތް ވިލާތު އިއްތިޙާދުން މިހާރު އަމަލުކުރާން ޖެހެނީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތާ އެއް ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭށެވެ.]
ސޮއިކުރައްވައިފައިވާ ސަފީރުންގެ ނަންތައް:
1. މައިކަލް ބާފޯޑް
2. ޖެފްރީ ބެރެޓް
3. އެލެގްޒެންޑަރ ބައުމް
4. ތިއަރީ ބެޗެޓް
5. ކެނީ ބެލް
6. އާދު ބިއެސްބްރޮކް
7. ޖީން ކްލޯޑް ބޮއިޑިން
8. ޖިއޯޖިއޯ ބޮނާޗީ
9. ލޯރެންސް ޖޭން ބްރީންކޯސްޓް
10. ޖީން ފްރެންކޯސް ކައުޓޭން
11. ޕީޓާ ބެކް ކްރިސްޓިއަންސަން
12. ޓައިމް ކްލާކް
13. ފިލިޕް ދަރުމުޒޭ
14. ޑޮމިނިކް ޑެލިކޯރ
15. އަލްޑޯ ޑެލް’އަރިޗިއާ
16. ވިއެޕްކޭ ވެން ޑަރ ގޫޓް
17. މައިކަލް ޑޮއިލް
18. ޝޯން ޑޮއިލް
19. ޖިއާކޯމޯ ޑޫރާޒޯ
20. މައިކަލް އެމަރސަން
21. މަންފްރެޑޯ ފަންޓީ
22. ކާލޯ ޑި ފިލިޕީ
23. ކެރެން ފޮގް
24. އެރްވާން ފޫއެރޭ
25. މާކް ފްރާންކޯ
26. ޑޭވިޑް ގީއާ
27. ޖެރާޑަސް ގިއެލެން
28. ވިލިއަމް ހަނާ
29. ގީރޓް ހައިކެންސް
30. ޖިލްސް ހެރްވިއޯ
31. އެންޑްރޫ ޖެކޮބްސް
32. ރޫޕަރޓް ޖޯއީ
33. އައްޑޫ ކަމީނާރާ
34. ޖޯން ކްޖައާ
35. މައިކަލް ލައިޑްލަރ
36. އެނެކޯ ލަންޑަބުރޫ
37. ޖެރެމީ ލެސްޓަރ
38. ޑޭވިޑް މެކްރޭ
39. ކްރިސްޓިއަން މަނާލް
40. ބްރައިއަން މެކްޑޮނަލްޑް
41. ހޫގްސް މިންގަރެލީ
42. ޖޭމްސް މޮރަން
43. ފްރާންސެސްކާ މޮސްކާ
44. އަމީރު ނަގްވީ
45. ލުއިޖީ ނާރބޯނޭ
46. އަޓިލިއޯ ޕެސިފިކް
47. ކޮރާޑޯ ޕަމްޕަލޯނީ
48. އެލިޒަބަތު ޕޭޕް
49. މާކް ޕިއެރީނީ
50. ރެންސްޖޭ ޓީރީންކް
51. ޑެނިއެލާ ޓްރަމަސެރޭ
52. ފިލިޕް ވެން ޑަމް
53. މާސެލް ވެން އޮޕްސްޓަލް
54. ސްވެން ކޫން ފޮން ބާގްސްޑޯރފް
55. އެލަން ވަޑަމްސް
56. ކްލޯޑިއާ ވީޑީ
57. މާކް އެފް ވޯލްފް
58. ރިޗަޑް ރައިޓް
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide
އިސްވާރު ނ. (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ. leader
މަސްލަހަތު ނ. (1) ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް. (2) މަސަލަސް (3) ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ.
މުރާގިބު ނ. އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރުކުރާ މީހާ ނުވަތަ ފަރާތް. observer
ދަންނީ ނއ. ދަންނާ ގުޅޭ. professional
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values
ޝަރަފު ނ. (1) އިއްޒަތް. (2) މާތްކަން. (3) މަތިވެރިކަން. honour