އައްޝައިޚު ޝަފީޢު ޢަބްދުﷲ
2 އޯގަސްޓް 2025
މުސްލިމެއްގެ ދިރިއުޅުމުގެ މައިގަނޑު އަމާޒަކަށް ވާންޖެހެނީ އާޚިރަތެވެ. އޭނާގެ ހުރިހައި ޢަމަލުތަކަކާއި ވިސްނުންތަކެއް ބިނާވެފައި އޮންނާންވާނީ އުޚުރަވީ ޙަޔާތަށް ކުރާނެ އަސަރުތަކުގެ މައްޗަށެވެ. މުސްލިމު އަޅާގެ މުޅި ދިރިއުޅުމަކީ އަޅުކަމެއްގެ ގޮތުގައި ބެލެވެނީ މި ސަބަބަށް ޓަކައެވެ.
މާއްދީ ވިސްނުމަށް ޣަރަޤުވެފައިވާ މީހުންނާ ޚިލާފަށް، މުސްލިމު އަޅާ އިސްކަންދޭނީ ދީނީ ވިސްނުމަށެވެ. އޭނާގެ އެންމެ އިސް މަޤްޞަދަކީ މާތްﷲގެ ރުހިވޮޑިގަތުމާއި ފާފަފުއްސެވުން ހޯދުމެވެ. މާއްދީ ކަންކަމުގައި ވެސް އޭނާގެ އަމާޒަކަށް ވާނީ އުޚުރަވީ ދަރުމައެވެ. މި ފަދަ މީހަކު މާއްދިއްޔަތުގެ އަޅަކަށްވެގެނެއް ނުދާނެއެވެ.
ވަޒީފާގެ މައިދާނުގައި، މުސްލިމު އަޅާ އަމަލުކުރާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. އޭނާގެ އަބަދުގެ ވިސްނުމަކަށް ވާނީ ލިބޭ އާމްދަނީ ޙަލާލުކުރުމެވެ. ވަޒީފާގެ ޒިންމާތަކަށް ފަރުވާކުޑަކޮށް، ނުވަތަ ތާނކުންތާކުނުޖެހޭ ސަބަބުތަކާ ހުރެ މަސައްކަތަށް ހާޒިރުނުވެއެއް ނުހުންނާނެއެވެ. އެއީ މުސާރައިގެ ޙަލާލުކަން ގެއްލި، ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހިދާނެތީއެވެ.
ޚާއްޞަކޮށް، ރައްޔިތުންގެ ޙައްޤުތަކާ ގުޅުން ހުރި މަޤާމެއްގައި ހުރެއްޖެ ނަމަ، އިތުރަށް ފަރުވާތެރިކަމާ އެކު މަސައްކަތްކުރާނެއެވެ. އެއީ ޤިޔާމަތް ދުވަހުން އެ ރައްޔިތުންގެ ޙައްޤުތަކާ ބެހޭ ގޮތުން ސުވާލުކުރެވޭނެކަން އޭނާއަށް ކަށަވަރުވާތީއެވެ. އެ ދުވަހުގެ ސަލާމަތްތެރިކަން ލިބޭނީ މިއަދު އެ ޙައްޤުތައް ރައްކާތެރިކޮށް، ފުރިހަމައަށް އަދާކުރުމުންކަން އޭނާއަށް ޔަޤީންވެއެވެ.
ހިތާމަޔަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު، މަޤާމާއި ވަޒީފާ މަތިވުމަކީ ހަމައެކަނި ޝަރަފެއްކަމުގައި ދެކޭކަމެވެ. ހަމައެކަނި މާއްދީ ނަޒަރަކުން އެ ކަމާ މެދު ވިސްނާ ވިސްނުމެވެ. ނަމަވެސް އުޚުރަވީ ނަޒަރަކުން ބަލާ އިރު، އެ ފަދަ މަޤާމުތަކަކީ ބޮޑެތި މަސްއޫލިއްޔަތުތަކެކެވެ. އެ ކަންކަމާ ބެހޭ ގޮތުން ޤިޔާމަތް ދުވަހުން މާތްﷲ ވަރަށް ތަފުޞީލުކޮށް ސުވާލުކުރައްވާނޭ ޒިންމާތަކެކެވެ.
މުޖުތަމަޢުގައި ފެތުރިފައިވާ މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް ޓަކައި، އަޅުގަނޑުމެންނީ މުސްލިމުންކަން ހަނދާންކޮށް، އުޚުރަވީ ޙަޔާތަށް އަމާޒުހިފާން ޖެހެއެވެ. އަދި ކޮންމެ ޢަމަލެއްގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރާން ޖެހެއެވެ. އަދި، އަޅުގަނޑުމެންގެ ކޮންމެ ޢަމަލަކީ ވެސް އާޚިރަތަށް ފައިދާހުރި، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ހޯދައިދޭނެ ކަމަކަށް ހަދާން މަސައްކަތްކުރާން ޖެހެއެވެ.
އުޚުރަވީ ނަޒަރު ހިފެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެއީ މުސްލިމު އަޅާގެ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއްގައި ވެސް އަސަރުކުރާނެ ކަމެކެވެ. މިސާލަކަށް:
އާއިލީ ދިރިއުޅުމުގައި: އުޚުރަވީ ނަޒަރު ހުރި މީހަކު އޭނާގެ އަނބިދަރިންނަށް ހެޔޮކޮށް ހިތާނެއެވެ. އެ މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާނެއެވެ. އެއީ މި ކަންކަމަކީ އާޚިރަތުގައި ސުވާލުކުރެވޭނެ ކަންކަންކަން އޭނާއަށް އެނގޭތީއެވެ.
މުޢާމަލާތްތަކުގައި: ވިޔަފާރިއާއި އެހެނިހެން މުޢާމަލާތްތަކުގައި އިންސާފުވެރިކަމާއި ތެދުވެރިކަން ގެންގުޅޭނެއެވެ. އޮޅުވައިލުމާއި ޚިޔާނާތްތެރިވުމުން ދުރުހެލިވާނެއެވެ. އެއީ މިފަދަ ނުބައި ޢަމަލުތަކުގެ ނަތީޖާއާ އާޚިރަތުގައި ކުރިމަތިލާން ޖެހޭނެކަން އޭނާއަށް އެނގޭތީއެވެ.
އިޖުތިމާޢީ ގުޅުންތަކުގައި: އެހެން މީހުންނާ މެދު ހެޔޮކޮށް ހިތާނެއެވެ. އަވަށްޓެރީންނަށް އިޙުސާންތެރިވާނެއެވެ. ރަޙިމުގެ ގުޅުން ބަދަހިކުރާނެއެވެ. މިއީ އާޚިރަތުގައި ދަރުމަ ލިބޭނެ ކަންކަންކަން އެނގޭތީއެވެ.
ޢިލްމު ހޯދުމުގައި: ދުނިޔަވީ ޢިލްމާ އެކު، ދީނީ ޢިލްމު ހޯދާން މަސައްކަތްކުރާނެއެވެ. އެއީ ދީނީ ޢިލްމަކީ އާޚިރަތަށް މަންފާކުރަނިވި ޢިލްމެއްކަން އެނގޭތީއެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި މާތް ﷲއަށް ތަޤުވާވެރިވެ އަޅުކަން ކުރެވޭނީ ފުރިހަމަ ޢިލްމު ލިބިގެންކަން އޭނާއަށް އެނގޭތީއެވެ.
މުޖުތަމަޢުގެ ޚިދުމަތާއި ދީނީ ދަޢުވަތު: އިޖުތިމާޢީ ޚިދުމަތްތަކުގައި ބައިވެރިވެ، އެހެން މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާނެއެވެ. އަދި ދީނީ ދަޢުވަތުގައި އޭނާއަށް ކުރެވުނު މަސައްކަތެއްކުރާނެއެވެ. އެއީ މި ފަދަ ހެޔޮ ޢަމަލުތަކަކީ އާޚިރަތުގައި އިންތިހާއަށް އަޖުރުހުރި ޢަމަލުތައްކަން އޭނާއަށް އެނގޭތީއެވެ.
ނިންމައިލުމުގެ ގޮތުން ދަންނަވާނީ، އުޚުރަވީ ނަޒަރަކީ މުސްލިމު އަޅާގެ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި އިސްކުރާން ޖެހޭ ކަމެކެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހާސިލުކުރެވޭނީ އޭރުންނެވެ. އަދި މުޖުތަމަޢުގެ ޙާލަތު ރަނގަޅުވެ، އިސްލާމީ އަޚްލާޤާއި އާދަކާދަތައް ދިރުވާން މަގުފަހިވާނެއެވެ. ވީމާ، އަޅުގަނޑުމެން އެންމެން މި ކަމަށް ސަމާލުކަންދީ، އަޅުގަނޑުމެންގެ ދިރިއުޅުން އިސްލާހުކުރުމަށް މަސައްކަތްކުރަމާތޯއެވެ!