ad_banner
ﷲ ތަޢާލާގެ ދެނެވޮޑިގަތުމަކީ މަޖުބޫރުކުރެއްވުމެއް ނެތް ހާމަކުރެއްވުމެއް (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

4 އޯގަސްޓް 2025

ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ.

(2025 ޖުލައި 28ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

العنكبوت ސޫރަތުގެ 10ވަނަ އާޔަތުން ފެށިގެން 12ވަނަ އާޔަތުގެ ނިޔަލަށް ކިޔަވައިވިދާޅުވާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. }وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَٰلَمِينَ ﴿١٠﴾‏ وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَٰفِقِينَ ﴿١١﴾‏ وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَٰيَٰكُمْ وَمَا هُم بِحَٰمِلِينَ مِنْ خَطَٰيَٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَٰذِبُونَ ﴿12 - ތިމަންމެން إيمانވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّهގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެ ނަމަ، މީސްތަކުންގެ އުނދަގޫތައް اللَّهގެ عذابއާ އެއްފަދަކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން نصرއެއް އަތުވެއްޖެ ނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالمތަކުގައިވާ އެންމެންގެ ހިތްތަކުގައިވާ ހައި އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟ (10)  އަދި ހަމަކަށަވަރުން، اللَّه، إيمانވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافقން ވެސް ދެނެވޮޑިގެންވެތެވެ. (11)   كافرވި މީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبعވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.  (12)އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ نفسގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު قيامة ދުވަހުން އެއުރެންނާ سؤالކުރައްވާހުށްޓެވެ.{

ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ކުރައްވާ ސުވާލަކީ (عالمތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟) މިއީ ތަޤްރީރީ ސުވާލެކެވެ. ޖަވާބަކީ ނޫނެކޭއެވެ. އެކަލާނގެ ދެނެވޮޑިގެންވެއެވެ. މި ބަސްފުޅަށް ފަހު ވަޙީކުރައްވަނީ މުނާފިޤުންނާއި މުއުމިނުންގެ ޙާލަތު އެކަލާނގެ ބަޔާންކުރައްވައި ހާމަކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، إيمان ވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافق ންވެސް ދެނެވޮޑިގެންވެތެވެ.  ދެން އައި އާޔަތްތަކުގައި މުއުމިނުން މަގުފުރެއްދުމަށް ޓަކައި ކާފިރުން ބޭނުންކުރާ ތަފާތު ވަސީލަތްތައް – ދޮގުހެދުން، އޮޅުވައިލުން، ހައްލައިލުން- ބަޔާންކުރައްވައިފައިވެއެވެ. މި ބަސްފުޅުގެ އަމާޒަކީ މުއުމިނުން ހޭލުންތެރިކުރެއްވުމާއި ސަމާލުކަމަށް ގެންނެވުމެވެ.

މި ބަސްފުޅުތަކުން އެނގެނީ ﷲ ތަޢާލާގެ ދެނެވޮޑިގަތުމަކީ ( ޢިލްމުފުޅަކީ) ޤަދީމީ އަޒަލީ އެއްޗެއް ކަމެވެ. އެއީ ކަންތައްތައް  ހާމަކުރާ (ކަޝްފުކުރާ) އެއްޗެކެވެ. އެއީ މަޖްބޫރުކުރުވާ އެއްޗެއް ނޫނެވެ. الحاقة ސޫރަތުގެ 49ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. }وَإِنَّا لَنَعْلَمُ أَنَّ مِنْكُمْ مُكَذِّبِينَ - އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.{ ق ސޫރަތުގެ 16 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. }وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ - އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށް ވުރެ ވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.{ މި ބަސްފުޅުން ﷲގެ ދެނެވޮޑިގަތުމަކީ ޤަދީމީ އަޒަލީ ކަމެއްކަން އެނގެއެވެ. ކީރިތި ޤުރްއާނުގެ އެހެން އާޔަތްތައް ވެސް މި އަށް ޤިޔާސްކުރެވިދާނެއެވެ.  البقرة  ސޫރަތުގެ 143 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. }وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ - رسول އާއަށް تبع ވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ قبلة އެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلة އެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ.{ الكهف ސޫރަތުގެ 12ވަނަ އާޔަތަށް ބަލާށެވެ. }ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَى لِمَا لَبِثُوا أَمَداً - ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ.{ محمد ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. }وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَٰهِدِينَ مِنكُمْ وَٱلصَّٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ  - އަދި ތިޔަބައިމީހުންގެ ތެރެއިން جهادކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحانކުރައްވާހުށީމެވެ.{ މި އާޔަތްތަކުގައި  (نعلم)  އައިސްފައި މި ވަނީ (نكشف ونظهر)ގެ މާނައިގައެވެ. ހާމަކުރުމާއި ފާޅުކުރުމުގެ މާނައިގައެވެ.

ކީރިތި ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((إنَّ الرَّجُلَ لَيَعْمَلُ بعَمَلِ أهْلِ النّارِ، حتّى ما يَكونُ بيْنَهُ وبيْنَها إلّا ذِراعٌ، فَيَسْبِقُ عليه الكِتابُ فَيَعْمَلُ بعَمَلِ أهْلِ الجَنَّةِ فَيَدْخُلُ الجَنَّةَ، وإنَّ الرَّجُلَ لَيَعْمَلُ بعَمَلِ أهْلِ الجَنَّةِ، حتّى ما يَكونُ بيْنَهُ وبيْنَها إلّا ذِراعٌ، فَيَسْبِقُ عليه الكِتابُ، فَيَعْمَلُ بعَمَلِ أهْلِ النّارِ، فَيَدْخُلُ النّارَ[1]- ހަމަކަށަވަރުން އެ މީހާއާ ނަރަކައާ ދެމެދުގައިވާ ދުރުމިން މުށެއްގެ މިންވަރަށް ކައިރިވެއްޖައުމަށް ދާންދެން އޭނާ ނަރަކައިގެ އަހްލުވެރީންގެ ޢަމަލުތައް ކުރަމުންދާނެތެވެ. އެހިނދު އޭނާގެ ފަތް ކުރިއަށް ނުކުމެއެވެ. އަދި އޭނާ ސުވަރުގޭގެ އަހްލުވެރީންގެ ޢަމަލުތައް ކުރަން ފަށައެވެ. ފަހެ އޭނާ ސުވަރުގެ ވަދެތެވެ. އަދި  ހަމަކަށަވަރުން އެ މީހާއާ ސުވަރުގެއާ ދެމެދުގައިވާ ދުރުމިން މުށެއްގެ މިންވަރަށް ކައިރިވެއްޖައުމަށް ދާންދެން   އޭނާ ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތައް ކުރަމުންދާނެތެވެ. އެ ހިނދު އޭނާގެ ފަތް ކުރިއަށް ނުކުމެއެވެ. އަދި އޭނާ ނަރަކައިގެ އަހުލުވެރީންގެ ޢަމަލުތައް ކުރާން ފަށައެވެ. ފަހެ އޭނާ ނަރަކައަށް ވަދެތެވެ.)) މި ޙަދީސުގައި ރަސޫލާ އެ ޙަދީސްކުރައްވާ މީހަކީ މުނާފިޤެކެވެ. ބޭރުން އޭނާ ދައްކައިގެން އުޅެނީ އެހެން ކަމެކެވެ. އޭނާއަކީ މީސްތަކުންގެ ކުރިމަތީގައި ތަޤްވާވެރިއަކަށް ހެދިގެން ވަންހަނާގައި ފާޙިޝް ޢަމަލުތަކަށް އަރައިގަންނަމުންދާ މީހެކެވެ. އޭނާ ޞާލިޙު މީހެއްކަމަށް ބޭރުފުށުން ފެނުނަސް އެއީ ޞާލިޙު މީހެއްނޫނެވެ. މާތް ﷲ އެ ފަދަ މީހުން ފަޟީޙަތްކުރައްވައި ބޭޒާރުކުރައްވާނެތެވެ. އެ ފަދަ މީހުންގެ ކަންތައް ހާމަކުރައްވަވާނެތެވެ. މާތް ﷲ ވަނީ އެ ގޮތަށް އެ ކަން ކުރުމަށް ލިޔުއްވައިފައެވެ. މުސްލިމުންނާއި ތަޤުވާވެރިން އެ ފަދަ މީހުންގެ ކެހިވެރިކަމުން ސަލާމަތްކުރައްވާންވެގެންނެވެ. އެހިނދު އެ މުނާފިޤު މީހާ އޭނާ ވަންހަނާކޮށްގެން އުޅުނު މުނާފިޤުކަމާ އެއް ގޮތަށް އޭނާގެ ޢަމަލުތައް ފާޅުކުރާން ފަށާނެއެވެ. މާތްﷲ ޙައްޤަށް ނަޞްރަށް ދެއްވަނީ މި ފަދައިންނެވެ.

ދުނިޔެ މަތީގައި އަދަބު ޙައްޤުވާ އަޅާއަށް މާތް ﷲ ފުރުޞަތު ދެއްވައެވެ. ބަލާވެރިކަމުން ސަލާމަތްވުމަށެވެ. ޢިޤާބުން ދުރުހެލިވުމަށެވެ. އޭނާ ތައުބާވެ ޞާލިޙު ޢަމަލުތައްކޮށް ދުޢާކޮށް އާދޭސް ދަންނަވައިފި ނަމަ އޭނާގެ ކިބައިން ބަލާވެރިކަން އުފުއްލަވާނެތެވެ. ކައު ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((لا يردُّ القضاءَ إلا الدُّعاء [2]-ތަޤްދީރުގައިވާ ކަމެއް ދުޢާއިން މެނުވީ ބަދަލުނުކުރެވޭނެތެވެ.)) އެހެން ޙަދީސްފުޅެއްގައި ވެއެވެ. ((صَنائعُ المعروفِ تقي مصارعَ السُّوءِ، والصدقةُ تُطفي غضبَ الرَّبِّ، وصلةُ الرَّحمِ تزيدُ في العمرِ[3] -  ހެޔޮ ޢަމަލުތަކުން މީހާ ނުބައި ނިމުމުން ސަލާމަތްކޮށްދެއެވެ. ޞަދަޤާތްކުރުމުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކޯފާ ނިއްވައިލައެވެ.ރަޙިމުގެ ގުޅުން ވާޞިލުކުރުމުން ޢުމުރު ދިގުވެއެވެ.))

ހެޔޮ ނަސީބެއް ނުވަތަ ރިޒްޤެއް ޙައްޤުވާ މީހާ ﷲއަށް އުރެދެމުންދާނަމަ  މާތް ﷲ އެމީހާ އެ ރިޒްޤަކުން ނުވަތަ ނަސިބަކުން މަޙްރޫމުކުރައްވައިފާނެއެވެ. ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ.  ((إِن العبدَ ليحرمُ الرزقَ بالذنبِ يصيبُه - ހަމަކަށަވަރުން އަޅާގެ ކުށްފާފައިގެ ސަބަބުން އޭނާއަށް ލިބެން އޮންނަ ރިޒްޤަކުން އޭނާ މަޙްރޫމުކުރެވިދާނެއެވެ.)) ﷲ ތަޢާލާގެ މި ބަސްފުޅަށް ބަލާށެވެ. (( يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ[4] ۖ- اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ.)) މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވެފައިވާ ފަދައިން މިއީ ޢާންމު ބަސްފުޅެކެވެ. ސަވާބުދެއްވުމާއި ޢަޒާބުދެއްވުން އޮންނާނީ އަޅާ ކުރާ ޢަމަލުތަކުގެ މަތީގައެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. ((مَنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ [5]- صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ.)) މި ކަން އިތުރަށް ބަޔާންކޮށްދެއްވައި ވަޙީކުރެއްވިއެވެ. ((إِنَّ اللَّهَ لا يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوا مَا بِأَنْفُسِهِمْ [6]- ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ.))

ﷲގެ އަޅަކު މަގުފުރެދުމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ކަމެއްނޫނެވެ. އޭނާ އެނބުރި ހިދާޔަތަށް ގެންދެވުމަށް ޓަކައި އޭނާއަށް ނުތަނަވަސްކަން ކުރިމަތިކުރައްވައިފާނެއެވެ. އެއީ ﷲގެ ރަޙްމަތްފުޅެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. (( اِسْتَقِيمُوا وَلَنْ تُحْصُوا [7] - ތިޔަބައިމީހުން ސީދާވެގަންނާށެވެ! އޭރުން ތިޔަބައިމީހުންނަށް ގުނައި ޢަދަދުނުކުރެވޭނެތެވެ.)) އެބަހީ ތިޔަބައިމީހުން ތެދުމަގަށް ސީދާވެގެންފި ނަމަ، މާތް ﷲ ތިޔަބައިމީހުން ދެއްވަވާ ހެޔޮކަންތައްތައް ތިޔަބައިމީހުންނަށް ގުނައި ޢަދަދުނުކުރެވޭހައި ގިނަވާނެއެވެ.  (ނިމުނީ) 

މަރުޖާ:

[1]  - وأخرجه البخاري (٣٢٠٨)، ومسلم (٢٦٤٣

[2]  - أخرجه الترمذي (٢١٣٩)، والبزار (٢٥٤٠)، والطبراني (٦/٢٥١) (٦١٢٨)

[3]  - أخرجه الطبراني في ((المعجم الأوسط)) (٦٠٨٦

[4]  - الرعد: 39

[5]  - الجاثية: 15

[6]  - الرعد: 11

[7]  - أخرجه ابن ماجه (٢٢٧)، وأحمد (٢٢٣٧٨) والطبراني (٧/٢٦) (٦٢٧٠)

ކޮމެންޓު