ad_banner
ދަންނަބޭކަލުން ކޮބާ؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

1 އޯގަސްޓް 2025

މިހާރު ދަންނަބޭކަލުން ކޮބާ؟

ލޮބުވެތި ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((إنَّ العُلماءَ ورثةُ الأنبياءِ إنَّ الأنبياءَ لم يورِّثوا دينارًا ولا دِرهمًا إنَّما ورَّثوا العِلمَ فمن أخذَ بِهِ فقد أخذَ بحظٍّ وافرٍ  ހަމަކަށަވަރުން ދަންނަބޭކަލުންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތައެއް ނުކުރައްވައެވެ. އެހެނަސް އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. އެއިން އެއްޗެއް ނަގައިފި މީހާ ފަހެ، ހަމަކަށަވަރުން މަތިވެރި ނަސީބެއް ހޯދައިފިކަން ކަށަވަރެވެ.))

ވީމާ ދަންނަބޭކަލުންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ. މުއްސަނދީންނާއި މަހުޖަނުންގެ ވާރިސުންނެއްނޫނެވެ.

ނަބިއްޔާ e މި ޙަދީސްފުޅުގައި މި ބަޔާންކޮށްދެއްވަނީ ދަންނަބޭކަލުންގެ ޤަދަރާއި ޝަރަފުގެ މަތިވެރި ވާހަކައެވެ. މާތް ﷲ އެ މީހުންގެ ދަރަޖަ ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلعُلَمَٰٓؤُا۟ [2]-  اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علمވެރީންނެވެ.))

ރަސޫލާ  އާ ހަމައިން ނަބީކަމާއި ރަސޫލުކަން ނިމުމާ ވިދިގެން މާތްﷲއާއި އެކަލާނގެ ރަސޫލާ e ޢިލްމުވެރީންނަށާއި ދަންނަބޭކަލުންނަށް މި ވަނީ ޚާއްޞަ މަތިވެރި މަޤާމެއް ދެއްވައިފައެވެ. ޢިލްމުވެރީން މި މަޤާމަށް ރައްކައުތެރިވާން ޖެހޭނެއެވެ. އެ މީހުންނަށް މާތްﷲ ދެއްވި ޢިލްމުގެ ޙައްޤު ރަނގަޅު ގޮތުގައި އަދާކުރާން ވާނެއެވެ.

މިއަދުގެ ޢިލްމުވެރީން އެހެންބާ؟

ޢިލްމުވެރީންނަކީ ރާޝިދު ޚަލީފާއިންގެ ޒަމާނުން ފެށިގެން ގޮސް އިސްލާމީ އުންމަތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދެވި ބަޔެކެވެ. އުންމަތާ ކުރިމަތިވާ ފިތުނަތަކާއި މުޞީބާތްތަކުގެ ވަގުތުގައި އެ ބޭފުޅުން އިސްނަންގަވައިގެން އެ ފަދަ މަސްއަލަތައް ޙައްލުކޮށްދެއްވައިފައިވެއެވެ. ހަނގުރާމައިގެ މައިދާންތަކުގައްޔާއި ޞުލްޙަމަސަލަސްކަމުގެ މާޙައުލުގައި ވެސް އެ ބޭފުޅުންނަކީ އުންމަތުގެ އިސްވާރުންނެވެ. އުންމަތަށް ހެޔޮ މަގު ދައްކައިދިން އާރުކާޓިންނެވެ. ﷲ ސުބްހާނަހޫ ވަ ތަޢާލާ އަންގަވައިފައިވާ ގޮތުގެ މަތީން މުސްލިމު ޖީލުތަކަށް ތަޢުލީމުދެއްވައި އެ ސިކުނޑިތައް ފައްކާކޮށްދެއްވިއެވެ. އިސްލާމީ ޢުލޫމުތަކުން އެ ސިކުނޑިތަކަށް ކާނާ ދެއްވިއެވެ. އުންމަތް  ރަނގަޅު މިސްރާބަށް ދަތުރުކުރުމަށް ޓަކައި އެ ބޭފުޅުން ސަމުގާތަކަކަށް ވިއެވެ. އިސްލާމީ އުންމަތުގެ ތާރީޚުގައި އެ ބޭފުޅުންގެ ނަންފުޅުތައް ރަން އަކުރުން ކަނޑައިނެގިފައިވަނީ މިހެންވެގެންނެވެ.

އިސްލާމީ ޚިލާފަތުގެ އަހަރުތަކުގައި ޢިލްމުވެރީންނަށް މި މަޤާމާއި ޤަދަރާއި އިޙުތިރާމު ޚަލީފާއިންގެ ދަރުބާރުތަކުންނާއި މިސްކިތްތަކުގެ ދަރުސްގާހުތަކުންނާއި މުޖުތަމަޢުގެ އާންމު ފަރުދުންގެ ފަރާތުން ވަނީ ލިބިވަޑައިގަތްފައެވެ. ބައެއް ޚަލީފާއިންނާއި ވާލީންގެ އަނިޔާވެރިކަމުގެ ސަބަބުން ބައެއް ޢާލިމުންނަށް ވޭނާއި ޢަޒާބު ތަޙައްމުލުކުރައްވަންޖެހިވަޑައިގެންނެވި ނަމަވެސް އެ ބޭކަލުންގެ ޝަރަފަކަށް ޤަދަރަކަށް ބަދަލެއް ނާދެއެވެ. އިސްލާމީ ޚިލާފަތު ވެއްޓުމުން އެ ކަމުގެ ނުބައި އަސަރު ޢިލްމުވެރީންނަށް ވެސް ކުރިއެވެ. މިހެންވެ ޢިލްމުވެރީން އަޒުހަރާއި ޤަޔިރުވާނު ފަދަ ޔުނިވަރސިޓިތަކާއި ޢިލްމީ މަރުކަޒުތައް ދިރުވައި ދެމެހެއްޓުމުގެ މަސައްކަތް ފެށްޓެވިއެވެ.  

އުންމަތުގެ ސަމުގާ:

ޢިލްމުވެރީންނަކީ އުންމަތުގެ ސަމުގާއެވެ. އެބޭފުޅުންގެ ތެދުވެވަޑައިގަތުމަކީ އުންމަތުގެ ވެސް ތެދުވުމެވެ. އެ ބޭފުޅުންގެ ވެއްޓުމަކީ އުންމަތުގެ ވެސް ވެއްޓުމެވެ. އެހެނަސް މިއަދު ޢިލްމުވެރީންގެ ދައުރާ މެދު ސުވާލު އުފެދެއެވެ. މިއަދު ދުނިޔޭގައި މުސްލިމުންނާ ކުރިމަތިވަމުންދާ މުޞީބާތްތަކާއި ޤަތުލުޢާންމުތައް ފަދަ ބަލާވެރިކަމާ ދެކޮޅަށް ޢިލްމުވެރީން ތެދުވެވަޑައިގަންނަވާ ތަނެއް ނުފެނެއެވެ. ފަލަސްޠީނުގެ ޣައްޒާއަށް ޞިހުޔޫނީ ކިޔާނުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގެ ކުރިމަތީގައި ޢިލްމުވެރީންގެ ނިދާތަކާއި ނިންމުންތަކުގެ އަސަރާއި ނުފޫޒު ވަރަށް ކުޑައެވެ. ކަޝްމީރުގެ މަސްއަލައާއި ބަރުމާގެ މުސްލިމުންނަށް ބޭއިންސާފުން ލިބެމުންދާ އަނިޔާތަކާއި ގެއްލިފައިވާ ޙައްޤުތަކާ މެދު ޢިލްމުވެރީން ވިދާޅުވާ ބަސްފުޅަކީ ހަމައެކަނި އެ ކަން ކުށްވެރިކޮށްލުމެކެވެ.

މުޖުތަމަޢުގައި ނުފޫޒު ކުޑަ ބަޔަކަށް ޢިލްމުވެރީން މިއަދު ބަދަލުވެފައިވަނީ ކީއްވެގެންހެއްޔެވެ؟ ޢިލްމުވެރީންގެ ނިދާތަކަށް މީސްތަކުން އިޖާބަނުދެނީ ކީއްވެގެންހެއްޔެވެ؟ އެއީ މުޞީބާތްތަކާއި ފިތުނަތައް މާ ގިނަވުމުގެ ސަބަބުންހެއްޔެވެ؟ ނުވަތަ ދީނުގެ ގިއުގަނޑުގެ ތެރޭގައި، ޒަމާނީ ފަންނިއްޔާތުގެ ތެރޭގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ޤާބިލުކަން ކުޑަކަމުންހެއްޔެވެ؟ ނުވަތަ އެއީ މަޒުހަބީ ފިކުރުގެ ތެރޭގައި ބަދެވިގެން ތިބުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއްހެއްޔެވެ؟ ނުވަތަ އެއީ ފިކުރީ ހަނގުރާމައިގެ ސަބަބުން އާންމުންގެ ސިކުނޑިތައް ދޮވެލައިފައިވާތީހެއްޔެވެ؟

އަބުލްފިރާސުލް ޙަމްދާނީ އަސީރުކުރެވުނު ދުވަހު އޭނާ ވިދާޅުވި ފަދައިން އަޅުގަނޑުމެން މި އުޅެނީ ކަނުއަނދިރި ރެއެއްގައިކަމަށް ދެންނެވުން ދޮގަކަށް ނުވާނެއެވެ. އަޅުގަނޑުމެން މި އުޅެނީ ހަނދުވަރުނުދޭ ކަޅު އަނދިރި ރެއެއްގައެވެ. ޢިލްމުވެރީންގެ ހަނދު ނާރާތީއެވެ. މީސްތަކުން ތިބީ ބޮޑު ޙައިރާންކަމެއްގައެވެ. ދާންވީ ހުޅަނގަށް ކަމެއް ނުވަތަ އިރަށް ކަމެއް ނޭނގެއެވެ. ޢިލްމުވެރީންގެ މަގުތައް ކަފިކަފިވެފައި ވާލެއް ބޮޑުކަމުން އަޅަންވީ އަތެއް ނޭނގެއެވެ. އަމާޒުތައް ސިންދަފާތުކަމުން އެނބުރޭންވީ ކޮން ނާރެހެއްގެ ވަށައިގެން ކަމެއް ނޭނގެއެވެ. ޢިލްމުވެރީން ތިން ގިންތިއަކަށް ބެހިފައިވާ ކަހަލައެވެ. ފުރަތަމަ ގިންތިއަކީ  ފައިތިލަ ސާބިތުކޮށްގެން ކައްސައިނުލައިވޭތޯ މަސައްކަތްކުރާ ގިންތިއެވެ. މި ގިންތީގެ ގިނަ ބަޔަކު ތިބީ ހުރަގޭގައި ބަންދުކުރެވިފައެވެ. ދެވަނަ ގިންތި އިޚްތިޔާރުކޮށްފައިވަނީ ހަނުހުރުމެވެ. ޙާލަތު ބަދަލުވެދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ތިންވަނަ ގިންތި އިޚުތިޔާރުކޮށްފައިވަނީ ސަލާޠީނުންގެ ދޮރުކޮޅުތަކެވެ. އިސްކަންދީފައިވަނީ އާޚިރަތަށް ވުރެ ބޮޑަށް ފަނާވެދަނިވި ދުނިޔެއެވެ.

ޢިލްމުވެރީންގެ މާލީ މިނިވަންކަން:

ދާރިސުން ވިދާޅުވާ ގޮތުގައި މި ޒަމާނުގައި ޢިލްމުވެރީންގެ ބަސް ނުވިކެނީ މާލީ ގޮތުން ސަރުކާރަށް ނުވަތަ ވަކި މުއައްސަސާއަކަށް ބަރޯސާވާން ޖެހޭތީއެވެ. މިނިވަންކަން ނެތުމުގެ ސަބަބުން ވަޠަނުގެ ކުރިމަގަށާއި ރައްޔިތުންގެ ކުރިމަގަށް ހިޔަނިއެޅިފައިވާތީއެވެ. ޢިލްމުވެރިޔާ އޭނާގެ ބަތް ސުވާ ހޯދުމަށް ޓަކައި ބަރޯސާވާން ޖެހެނީ ސަރުކާރަށެވެ. ނުވަތަ އެހެން ފަރާތަކުން ދިއްކޮށްލާ ލާރި ފޮތްޗަށެވެ. އެހެންކަމުން އާންމުންގެ ނަޒަރުގައި އެއީ [ވިކިފައި ހުރި ޝައިޚު]އެކެވެ. އެއީ ސަރުކާރުގެ މުވައްޒަފެކެވެ. އެހެން މުވައްޒަފުންނާ ތަފާތެއް ނެތެވެ. އޭނާ ވާހަކަދައްކާނީ ސަރުކާރުން ބޭނުންވާ ގޮތަކަށެވެ. ފަތުވާދޭނީ ސަރުކާރުގެ ސިޔާސަތާ އެއް ގޮތަށެވެ.  

ޙަނަސުލްބަޞްރީއާއި އަބޫޙަނީފާއާއި މާލިކާއި ޝާފިޢީއާއި އިބްނު ތައިމިއްޔާއާއި އިބްނުލްޤައްޔިމު ފަދަ ބޮޑެތި އިމާމުންނާއި ޢާލިމުން ތަޙައްމުލުކުރެއްވި އަނިޔާތަކާ މެދު ވިސްނައިވަޑައިގަންނަވާށެވެ. ވެރިކަމުގައި ތިބި ޚަލީފާއިން ﷲގެ ޝަރީޢަތާ ޚިލާފަށް ކަންކަން ކުރައްވާތީ މި ބޭކަލުން ޚަލީފާއާ ދެކޮޅަށް ފާޑުވިދާޅުވިއެވެ. އެ ބޭކަލުންނަށް ވެރީންނާ ދެކޮޅަށް ބަސްފުޅު ވިދާޅުވާން ކެރިވަޑައިގަތީ މާއްދީ ގޮތުން މިނިވަންކަން ލިބިވަޑައިގަތްފައިވާތީއެވެ. އެ ބޭކަލުންނަކީ ނަބީބޭކަލުންގެ ވާރިސުންކަމުގައި ދެކެވަޑައިގަންނަވާތީއެވެ. އެ ބޭކަލުން ވިދާޅުވާ ގޮތުގައި ދައުލަތުގެ ބޭނުމަކީ ދީން ރައްކައުތެރިކުރުމެވެ. ދައުލަތް ޤާއިމުކުރެވުނީ ދީނަށް ޓަކައެވެ.

ދައުލަތުގެ ކުރިމަގާއި ޢިލްމުވެރީން:

އިސްލާމީ ތާރީޚަށް ބަލާއިރު ﷲދެކެ ބިރުގަންނަ ޢާލިމުންގެ ދައުރު ދައުލަތް ދެމެހެއްޓުމަށް މުހިންމުވާ މިންވަރު އެނގެއެވެ. މިސާލެއްގެ ގޮތުން އަލްޢިއްޒު ބުނު ޢަބްދުއްސަލާމަށް ބަލައިލަމާތޯއެވެ؟ މުޣޫލުންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތާ އިސްލާމީ އުންމަތަށް ކުރިމަތިލާން ޖެހުނު ޚުޠޫރަތްތެރި ދަނޑިވަޅުގައި މި ނުރައްކަލާ ކުރިމަތިލުމަށް ޓަކައި ރައްޔިތުންނަށާއި ޤުޠުޒު ރަސްގެފާނަށް ހިތްވަރުދެއްވި ގޮތަކީ ބޮޑު ދަރުހެކެވެ. ތާރީޚުގެ ފަތްފުށްތައް ބުނާ ގޮތުގައި މުޣޫލުންނާ ދެކޮޅަށް ޤުޠުޒުކުރެއްވި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމަށް ޓަކައި ރައްޔިތުން ގެ އަތުން މުދާތައް އެއް ކުރެއްވުމަށް އޭނާ ނިންމެވިއެވެ. މި ހަނގުރާމައަކީ މުސްލިމުން ބަލިވެއްޖެ ނަމަ، އިސްލާމީ ދައުލަތް ނެތިގެން ފަނާވެގެންދާނެ ހަނގުރާމައެއްކަމަށް ބެލެވުނެވެ. މިހެންވެ ޤުޠުޒު މި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތީ ދޭތިން އެކައްޗަށެވެ. ލަޝްކަރަށް ބޭނުންވާ ހަތިޔާރާއި ސަވާރީއާއި ކާބޯތަކެތި ފަދަ އެއްޗެހި ޖަމާކުރައްވާން ވެގެން ރައްޔިތުންގެ އަތުން މުދާތައް ނަންގަވާން ނިންމެވުމުން އެއްވެސް ޢިލްމުވެރިއަކު އެ ކަމާ ދެކޮޅެއް ނަހައްދަވައެވެ. ޝައިޚު ޢިއްޒު މެނުވީއެވެ. އަމީރުންނާއި ބޮޑެތި މުއްސަނދީން އެ މީހުންގެ އަތުގައި ހުރި ރަނާއި ރިއްސާއި ފައިސާ ނެރުމަށް ފަހު ސަރުކާރުގެ ޚަޒާނާ ހުސްވެގެން މެނުވީ އާންމު ރައްޔިތުންގެ އަތުން އެއްވެސް އެއްޗެއް ނުނެގޭނެކަމަށް އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ބައިތުލްމާލު ހުސްވެއްޖެ ނަމަ، ރައްޔިތުން އަތުން ޓެކުސް ނެންގެވުމަށް އޭނާ ދެންނެވިއެވެ. ޤުޠުޒު ރަސްގެފާނު ޝައިޚުގެ ބަސް ޤަބޫލުކުރެއްވިއެވެ. މި ކަމުގެ ސަބަބުން ހުރިހާ އިމާމުންނާއި ޚަޠީބުން މުޅި އުންމަތަށް ޖިހާދަށް ނުކުތުމަށް ހިތްވަރުދެއްވައި ޚުޠުބާތަކުން އުންމަތުގެ ލޭ ކައްކުވައިލިއެވެ. މުޅި ލަޝްކަރު ހަނގުރާމައަށް ނުކުތީ ފަތިސްނަމާދުކޮށްގެން ޝައިޚުގެ އަސަރުގަދަ ޚުޠުބާއަށް ފަހުގައެވެ. ޢިލްމުވެރީންގެ ވަޢުޡުތަކާއި ނަސޭޙަތްތަކާއި ޖިހާދުގެ މަތިވެރިކަމުގެ ވާހަކައިން އަސަރުކޮށްގެން މިޞްރުގެ ހުރިހާ ފިރިހެނުން ހަނގުރާމައަށް ނުކުމެ މުޣޫލުންނާ ދެކޮޅަށް ޤުޠުޒުގެ ޒަޢާމަތުގައި ހިނގި ޢައިން ޖާލޫތު ހަނގުރާމައިގައި މުޣޫލުން އަބަދުގެ އަބަދަށް ބަލިވެ ނެތިވެ ހަލާކުވެގެން ދިޔައީ މި އީމާންކަމާއި ކެތްތެރިކަމުގެ ސަބަބުންނެވެ.

މި ކަހަލަ އިތުރު އެއް މިސާލެއް ދަންނަވައިލާނަމެވެ. މި ފަހަރުގެ ޢާލިމަކީ އާޤު ޝަމްސުއްދީނެވެ. ޢުޘްމާނީ ދައުލަތް ޖިހާދުގެ މަގުގައި ފުތޫޙާތުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަހުލަވާނު މުޙައްމަދުލްފާތިޙު ކީރިތި ރަސޫލާދެއްވި ބިޝާރަތު ޙަޤީޤަތަކަށް ހެއްދެވުމަށް ޓަކައި ޝައިޚު ޝަމްސުއްދީނުގެ ދައުރަކީ ޝައިޚު ޢިއްޒުގެ ދައުރު ފަދަ ދައުރެކެވެ. ކައު ރަސުލާ e ޤުސްޠަންޠީނިއްޔާ (ކޮންސްޓޭންޓިނޯޕްލް) މުސްލިމުން ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރު ވަނީ ދެއްވައިފައެވެ. ޢުޘްމާނީ ދައުލަތް ބާރުގަދަ އެހެން މީހުން ޖެހިލުންވާ ދައުލަތަކަށް ވެގެންދިޔައީ މި ފަތަޙައިގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((لَتُفْتَحَنَّ القُسطَنْطِينِيَّةُ فلنعمَ الأميرُ أميرُها ولنعمَ الجيشُ ذلك الجيش[3] – ޤުސްޠަންޠީނިއްޔަތު ފަތަޙަކުރެވޭނެކަން ކަށަވަރެވެ. މި ރަށުގެ އަމީރު ކިހާ ރަނގަޅު އަމީރަކަށް ވާނެހެއްޔެވެ. އަދި މި ލަޝްކަރު ކިހާ ރަނގަޅު ލަޝްކަރަކަށް ވާނެހެއްޔެވެ.))[4] އައްސުލްޠާން މުޙައްމަދު މި ރަށް ފަތަޙަކުރެއްވުމާ ވިދިގެން މި ސުލްޠާނަށް މުޙައްމަދުލްފާތިޙުގެ ލަޤަބު ލިބިވަޑައިގަތެވެ. އަދި މުޙައްމަދުލްފާތިޙުގެ އެދުރުކަލޭގެފާނު މި ސަހަރުގެ މާނަވީ ފާތިޙުކަމުގައި މަޝްހޫރުވެގެންދިޔައެވެ. ރަސޫލާގެ މި ބިޝާރަތު ޙަޤީޤަތަކަށް ހެއްދެވޭތޯ ޝައިޚު ޝަމްސުއްދީން އޭނާގެ ދަރިވަރު މުޙައްމަދަށް ތުއްޕުޅު އިރުއްސުރެ ތަރުބިޔަތުދެއްވިއެވެ. އިސްލާމްދީން ފާޅުކުރެއްވީއްސުރެ މާތްﷲ މި ދީނަށް ޓަކައި މަސައްކަތްކުރާނެ ދަރީން އައީ ތަޢުލީމު އުނގެނި ތަމްރީނު ޙާޞިލުކުރަމުންނެވެ. ކީރިތި ރަސޫލާގެ މާތް މަދުރަސާއިން ދަސްވެނިވެ ވަޑައިގެންނެވި ބޭބޭކަލުން ދަސްވެނިވެވަޑައިގެން ޙާޞިލުކުރައްވައިފައި ވަނީ ތަފާތު ސަނަދުތަކެވެ. އެކަލޭގެފާނު އަބޫބަކުރުގެފާނަށް ދެއްވައިފައިވަނީ ތެދުވެރިކަމުގެ ސަނަދެވެ. އައްޞިއްދީޤެވެ. ޢުމަރުގެފާނަށް ދެއްވައިފައިވަނީ ޙައްޤާއި ބާޠިލު ވަކިކޮށްދެއްވުމުގެ ސަނަދެވެ. އަލްފާރޫޤެވެ. ޢަލީގެފާނަށް ދެއްވަވައިފައިވަނީ ޤާޟީކަމުގެ ސަނަދެވެ. އަބޫ ޢުބައިދަތުގެފާނަށް ދެއްވައިފައި ވަނީ އަމާނަތްތެރިކަމުގެ ސަނަދެވެ. އަމީނުއްއުއްމަތިއެވެ. އައްޒުބައިރު ބުނުލްޢައްވާމަށް ދެއްވައިފައިވަނީ ޙަވާރީކަމުގެ ސަނަދެވެ. ޒައިދު ބުނު ޘާބިތަށް ދެއްވައިވަނީ ފަރާއިޟު ޢިލްމުގެ ޢިލްމުވެރިޔާގެ ސަނަދެވެ. މުޢާޛު ބުނު ޖަބަލަށް ދެއްވައިފައިވަނީ ޤާޟީކަމުގެ ސަނަދެވެ. ޢުޘްމާނު ބުނު ޢައްފާނަށް ދެއްވައިފައިވަނީ މަތިވެރި އަޚްލާޤުގެ ވެރިޔާކަމުގެ ސަނަދެވެ. އުބައްޔު ބުނު ކަޢުބަށް ދެއްވައިފައިވަނީ ޤާރީކަމުގެ ސަނަދެވެ. އިބްނު ޢައްބާސަށް ދެއްވައިވަނީ މި އުއްމަތުގެ ޙިބްރުގެ ސަނަދެވެ. މި ފަދަ މަތިވެރި ޢާލިމުންނާއި ޢާލިމުންގެ ދަރިވަރުންގެ އަސަރު މި އުއްމަތުން ފިލައިގެން ނުދާނެތެވެ. ބައެއް މީހުން ރަސްގެފާނުގެ ދަލުގައި ޖެހުނަސް އެއީ މަދު ބަޔެކެވެ. މަދު ބަޔަކީ ޙުއްޖަތެއްނޫނެވެ.

 

މަރުޖާ:


[1]  - أخرجه أبو داود (٣٦٤١)، والترمذي (٢٦٨٢)، وابن ماجه (٢٢٣)، وأحمد (٢١٧١٥

[2]  -   فاطر : 28

[3]  - أخرجه أحمد (١٨٩٥٧والبخاري في ((التاريخ الكبير)) (2/81)، والطبراني (2/38 )  (1216  )، والبغوي في ((معجم الصحابة)) (٢١٠)، وأبو نعيم في ((معرفة الصحابة)) (١١٧٧)

[4]  - މިއީ ކީރިތި ރަސޫލާގެ ނަބަވީ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މުސްލިމުން މި ސަހަރު – އޭރުގެ ރޯމަނުންގެ ވެރިރަށް - ފަތަޙަ ކުރީ މީލާދީން 1453 ވަނަ އަހަރުގައެވެ.

ކޮމެންޓު