ad_banner
ޖެނެރަލް ޖިޔާއުލްޙައްޤުގެ އިސްތިރާޖީ ރޭވުމުން އިސްރާއީލާއި އިންޑިއާ ބިރުން ފަހަތަށް ޖެހުނު.

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

4 އޯގަސްޓް 2025

ޕާކިސްތާނުގެ ކުރީގެ ރައީސް ޝަހީދު ޖެނެރަލް ޒިޔާއުލްޙައްޤު

މީލާދީން 1981ވަނަ އަހަރު ޢިރާޤުގެ ނިއުކްލިއަރު ރިއެކްޓަރަށް ކާމިޔާބު ޙަމަލާއެއްދީ އެ ތަން ނައްތައިލުމަށް ފަހު، އިޒުރޭލުގެ ހިތްވަރު ވަރަށް ބޮޑަށް އާލާވެ، އިންޑިއާއާ ގުޅިގެން ޕާކިސްތާނުގެ ނިއުކުލިއަރު ފެސިލިޓީއަށް ޙަމަލާދޭން ރޭވިއެވެ.

މި ޙާދިސާގެ އެތައް ވާހަކައެއް [ދަ އޭޝިއަން އޭޖްގެ] ދެ ނޫސްވެރިއަކު ލިޔެފައިވާ މަޝްހޫރު ފޮތެއް ކަމަށްވާ [ޑިސެޕްޝަން ޕާކިސްތާން، އެމެރިކާ އެންޑް ގްލޯބަލް ވެޕަންސް ކޮންސްޕިރޭޝަން]ގައި ލިޔެފައިވެއެވެ.

އެއީ 80ގެ އަހަރުތަކުގެ މެދުތެރެއެވެ. އިންޑިއާގެ ގުޖުރާތުގެ ޖުމަންނަގަރު އެއަރފީލްޑްގައި އޮތް އިޒުރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި، އެ ބޯޓުތަކުން އައި އިޒުރޭލުގެ ވައިގެ ސިފައިންގެ ސްކޮޑްރަންއަކުން ޕާކިސްތާނުގެ ކަހޫޓާ ނިއުކުލިއަރު ޕްލާންޓަށް ހަމަލާދޭން ފުރިހަމައަށް ތައްޔާރުވެފައި އޮތެވެ. އެ މީހުން ރާވައިފައި އޮތީ ފަތިހުގެ ވަގުތެއްގައި އިންޑިއާ ކަނޑުގެ މަތީން އިސްލާމްއާބާދަށް ދަތުރުކުރާ، ޕާކިސްތާނުގެ މަދަނީ ބޮޑު މަތިންދާ ބޯޓެއް ވައްޓައިލުމަށެވެ. އެ މީހުންގެ ތަދުބީރަކީ ޕާކިސްތާނުގެ މަދަނީ މަތީންދާބޯޓު ވައްޓައިލުމުން، އެ ކަމުގެ ތެރޭގައި ރާޑަރުތައް ބަލަހައްޓާ މީހުން އަވަދިނެތި އުޅެނިކޮށް، ބޮޑު މަދަނީ މަތިންދާ ބޯޓެއްގެ ގްރޫޕް ފޯމޭޝަނެއްގައި އުދުހިފައި ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުމަށެވެ. އެއަށް ފަހު، އެ މީހުން ކަހޫޓާއަށް ބޮންއަޅައި އެ ތަން ފުނޑުފުނޑު ކޮށްލުމަށް ފަހު، ކަޝްމީރަށް ގޮސް އަލުން ތެޔޮއަޅައިގެން އެނބުރި އިޒުރޭލަށް ދިއުމަށެވެ.

ބުނެވޭ ގޮތުގައި، މި ޙަމަލާ ރާވަމުން ދިޔަކަމުގެ ޚަބަރު ޖެނެރަލް ޒިޔާއުލްޙައްޤަށް ދެއްވައިފައިވަނީ ޕާކިސްތާނުގެ ތަބުލީޣީ ޖަމާއަތެއްގެ ރޫޙާނީ ލީޑަރެއްކަމަށްވާ، ޙާޖީ ޢަބުދުލްވައްހާބެވެ. އޭނާ ޖެނެރަލް ޒިޔާއަށް އިންޒާރުދެއްވައި ވިދާޅުވިކަމަށް ވެއެވެ. [ޕާކިސްތާނާއި ދެކޮޅަށް ބޮޑު ފިތުނަވެރި ރޭވުންތަކެއް ރާވަމުން އެބަދޭ! ކޮންމެވެސް ކަމެއް ކުރައްވާ! ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله!]

ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް އިންޓެލިޖެންސް، އައި.އެސް.އައި އިން ވަގުތުން މަސައްކަތް ފަށައި، ޙަމަލާދިނުމުގެ މަދު ގަޑިއިރުކޮޅެއް ކުރީން، އެ ޙަމަލާއާ ގުޅޭ އެންމެހައި މަޢުލޫމާތެއް ހޯދިއެވެ. ޙަމަލާ ދޭން ރާވަފައި އޮތީ ފަތިހު ހަތެރެއް ޖަހާއިރުއެވެ. އެ ކަން ޖެނެރަލް ޒިޔާއުލްޙައްޤަށް އަންގަވައިފައިވަނީ ދަންވަރު 12 ޖެހި އިރުއެވެ.

ޖެނެރަލް ޒިޔާ ވަރަށް އަވަހަށް ޙާލަތު ވަޒަންކޮށް، ވަގުތުން ނިންމެވީ، އެ ޙަމަލާ ހުއްޓުވުމުގެ ބަދަލުގައި، ޕާކިސްތާނުން ރައްދު ޙަމަލާތަކެއްދޭށެވެ. އަދި ވަގުތުން ފުޅާ ދާއިރާއެއްގައި ރައްދު ޙަމަލާގެ ޢަމަލީ ތަދުބީރެއް އެކުލަވައިލެވުނެވެ.

ޕާކިސްތާނު ވައިގެ ސިފައިންގެ ތިން ސްކޮޑްރަންއެއް އުފެއްދިއެވެ. ފުރަތަމަ ސްކޮޑުގެ މަސައްކަތަކީ އިޒުރޭލުގެ މަތިންދާބޯޓުތަކުގެ ޙަމަލާ ނާކާމިޔާބުކޮށް، އެ މަތިންދާ ބޯޓުތައް ވައްޓައިލުމެވެ. ދެވަނަ ސްކޮޑަށް ޙަވާލުކޮށްފައި ވަނީ މުމްބާއީގެ ޓްރޮމްބޭގައި ހުންނަ އިންޑިއާގެ ބާބާ ނިއުކުލިއަރ ޕްލާންޓް ފުނޑުފުނޑުކޮށްލުމެވެ. އަދި ތިންވަނަ ސްކޮޑަށް ޙަވާލުކޮށްފައި ވަނީ ފަލަސްޠީނުގެ ނެގޭވް ސަހަރާތެރޭގައި ހުންނަ އިޒުރޭލުގެ ދިމޯނާ ނިއުކުލިއަރު ޕްލާންޓް ފުނޑުފުނޑުކޮށްލުމެވެ.

އެކަމަކު، އިޒުރޭލަށް ޙަމަލާދިނުމުގައި ދިމާވި މައްސަލައަކީ ޕާކިސްތާނުގެ މަތީންދާބޯޓުތަކަށް އަލުން ތެޔޮ ނާޅައި ޙަމަލާއަށް ފަހު، އެނބުރި އައުމަކީ މުސްތަހީލު ކަމަކަށް ވުމެވެ. އެ ވަގުތު، ޖެނެރަލް ޒިޔާއުލްޙައްޤު ނިންމެވީ އެއީ، ފަހަތަށް އެނބުރި އައުމެއްނުވާ ޖާނުން ފިދާވުމުގެ މުހިންމަތެއްކަމަށެވެ. އެ ކަމަށް ބޭނުންވީ ހަތަރު ސިފައިންނެވެ. ޕާކިސްތާނުގެ ވައިގެ ސިފައިންނާ ސުވާލުކުރުމުން 10 މީހަކު އެ މިޝަންއަށް ތައްޔާރުވުމުން، އޭގެ ތެރެއިން ހަތަރު މީހަކު ގުރުއަތުލައިގެން ހޮވިއެވެ. ކޮންމެ ޒުވާނަކު ވެސް ހުރީ، އެ ޝަރަފު ލިބިގަތުމަށް ކެތްމަދުވެފައެވެ.

ބުނެވޭ ގޮތުގައި ޖެނެރަލް ޒިޔާއުލްޙައްޤުގެ ހިތްވަރުގަދަ ނިންމެވުމާއެކު، ޖެނެރަލް ޒިޔާއުލްޙައްޤުގެ ހަނގުރާމައިގެ އިސްތިރާޖީތަކަށް ބިރުން ސިހި، އިންޑިއާގެ ޖެނެރަލުން އެ ޙަމަލާއަށް ތާއީދުނުކޮށް، އެއީ އަމިއްލައަށް މަރުވުންކަމަށް ބުނަމުން ދިޔައެވެ. އެ މީހުންނަށް ވިސްނައި ދިނުމަށް އިޒުރޭލާއި، އިންދިރާ ގާނދީ ވަރަށް މަސައްކަތްކުރިއެވެ.

ޖެނެރަލް ޒިޔާ އާއި ޕާކިސްތާނުގެ ވައިގެ ސިފައިން ތިބީ އިޒުރޭލުގެ ޙަމަލާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެއީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ދެ ދުޝްމަނުން، ނިއުކުލިއަރު ބާރުން މަހުރޫމު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ މީހުން ދެކެމުން ދިޔައެވެ.

ޕާކިސްތާނުގެ އަސްކަރީ މަތީންދާބޯޓުތަކުގެ އާދަޔާއި ޚިލާފު ޙަރަކާތްތަކެއް، އެމެރިކާގެ ސެޓެލައިޓްތަކުން ވަގުތުން ފާހަގަކޮށް، އިޒުރޭލާއި އިންޑިއާއަށް އަންގައި، އިންޒާރުކުރުމުން، އެ ޤައުމުތަކުން ވަނީ މާޔޫސްކަމާ އެކު އެ މީހުންގެ ޙަމަލާތައް ވަގުތުން ހުއްޓައިލައިފައެވެ.

އަދި އެހައި ސިއްރުސިއްރުން ކުރާން އުޅުނު ކަމެއް، ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތްވެ، އެ ޙަމަލާ ނާކާމިޔާބުވުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގައި އެ ދެބައިމީހުންނަށް މަލާމާތް ރައްދުކޮށްފައި ވެއެވެ.

ޕާކިސްތާނަކީ ޢިރާޤު ނޫންކަމަށާއި، ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ޢިރާޤުގެ އަސްކަރިއްޔާ ނޫންކަމަށް ބުނެ، ޕާކިސްތާނުން އިޒުރޭލަށް އިންޒާރުދިނެވެ. ކުރިއަށް އޮތް ތަނުގައި މި ފަދަ އެއްވެސް ޙަމަލާއެއް ދީފި ނަމަ، އިޒުރޭލަށް އެ ކަން ވެގެންދާނީ ބިރުވެރި ހުވަފެނަކަށްކަމަށް ވެސް، ޒިޔާއުލްޙައްޤު ވިދާޅުވެފައިވެއެވެ.

ބައެއް ލަފުޒުގެ މާނަ:

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

ޢަމަލީ      ނއ.   (1) ކުރާ ކަންތަކާ ގުޅޭ. (2) މަސައްކަތާ ގުޅޭ

މުހިންމަތު    ނ.    މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ރާވައި ހިންގަން ކަނޑައަޅާ މައިގަނޑު ހަރަކާތް.

ތަދުބީރު      ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް.

ކޮމެންޓު