އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
3 އޯގަސްޓް 2025
ސުޢޫދީ ޢަރަބިއްޔާގެ މުގައްދަސް އެއް ސިޓީކަމަށްވާ މާތްވެގެންވާ މައްކާގައި އިންޑޮނޭޝިއާގެ "ހައްޖު އަވަށެއް" ބިނާކުރުމުގެ ތަދުބީރުތައް އިންޑޮނޭޝިއާއިން ވަރަށް އިސް ކަމެއްގެ ގޮތުގައި ކުރަމުން އެބަ ގެންދެއެވެ. ހައްޖާއި އުމްރާގެ ދުވަސްވަރު އިންޑޮނޭޝިއާގެ ހައްޖުވެރީން ދިރިއުޅޭ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްދޭނެ މި ހަބު ބިނާކުރުމަށް ޓަކައި ބިން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް އިންޑިނޭޝިއާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ވުނަކުރުމާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިންވެސްޓްމެންޓް) ރޮސަން ރޮއެސްލާނީ މި ދިޔަ ބުދަ ދުވަހު ވިދާޅުވެފައިވަނީ އިންޑޮނޭޝިއާގެ ހައްޖުވެރީން ހައްޖަށް ގެންދިޔުން އަވަސްކުރުމަށާއި މައްކާގައި ތިބުމާއި އެހެނިހެން ޚިދުމަތްތައް ލުއިފަސޭހަކޮށްދީ ޚިދުމަތް ރަނގަޅު ކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތުގެ ތެރެއިން މައްކާއިން ބިން ހޯދުމުގެ މަސައްކަތް މުޅީން ނިހާއީކުރުމަށް ޓަކައި [ރޯޔަލް ކޮމިޝަން ފޮރ މައްކާ ސިޓީ]އާ އެކު، މިހާރު މަޝްވަރާތައްކުރެވެމުން އެބަ އަންނަ ކަމަށެވެ.
[ސުޢޫދީ އަރަބިއްޔާއިން ހުށަހަޅައިފައިވާ ބައެއް ބިންތަކުގެ ސައިޒު 25 ހެކުޓަރާއި 85 ހެކުޓަރާ ދެމެދުގެ ބޮޑުމިނެއް ހުރޭ. ބައެއް ބިންތައް ހުރީ މަސްޖިދުލްޙަރާމް ހުރި ސަރަޙައްދާ އެންމެ އެއް ކިލޯމީޓަރު ދުރުގައި.] ޖަކާޓާގެ ރިޔާސީ ގަނޑުވަރުގައި އިންނަވައިގެން، ރޮސާން ވިދާޅުވިއެވެ.
ރޯސަން ވިދާޅުވި ގޮތުގައި ހުށަހަޅައިފައިވާ ބައެއް ބިންތަކަކީ މައްކާގެ މެދު ތެރޭގެ ސަރަހައްދާ ޖެހިގެން ހުންނަ ބިންތަކަކަށް ވާތީ، އިންޑޮނޭޝިއާގެ ޙައްޖުވެރީންނާއި ޢުމްރާވެރީންނަށް ފަސޭހައިން ޙަރަމްފުޅަށް ދާން ފަސޭހަވާނެތީ އެ ފަދަ ބިންތައް ވެސް ހަމަ ރަނގަޅުކަމަށެވެ.
އެނގިވަޑައިގެންފައި ވާނޭ ފަދައިން ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޤައުމަކީ އިންޑޮނޭޝިއާއެވެ. އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 284 މިލިއަން މީހުންނެވެ. މީގެ ތެރެއިން 87 އިންސައްތައަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 230 ވަރަކަށް މިލިޔަނެވެ. އެހެންކަމުން އެތައް ލައްކަ ބަޔަކު ކޮންމެ އަހަރަކު ވެސް ޙައްޖަށްދާން ބޭނުންވެގެން ހުށަހަޅައެވެ. ނަތީޖާއެއްގެ ގޮތުން ބައެއް މީހުން 40 އަހަރު ވަންދެން ކިޔޫގައި އިންތިޒާރުކުރާން ތިބޭން ޖެހެއެވެ. އެއީ ސުޢޫދީ ޢަރަބިއްޔާއިން ދީފައި އޮންނަ ކޯޓާއަށް ވުރެ އިތުރަށް އެތައް ހާސް ބަޔަކު ޙައްޖަށް ދާން ބޭނުންވެގެން ނަން ނޯޓުކޮށްފައި އޮންނާތީއާއި، މައްކާއިން ކުއްޔަށް ހިފާން ތަންތަން ލިބުމުގެ ދަތުކަމުގެ ސަބަބުންނެވެ. އެހެންކަމުން 40 އަހަރު ވަންދެން ވެސް މީހުންނަށް ޙައްޖަށް ނުދެވި އިންތިޒާރުކުރާން ޖެހެއެވެ.
[ޙައްޖު އަވަށް] ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާން އިންޑޮނޭޝިއާއަށް ފުރުޞަތު ލިބުނީ ސުޢޫދީ ޢަރަބިއްޔާއިން ރާވައިފައިވާ ގާނޫނީ އިސްލާހުތަކުގެ ސަބަބުން، ބޭރުގެ މުއައްސަސާތަކަށް މައްކާގައި ބިން މިލްކުކުރެވޭނެ ގޮތް ހެދުމުންނެވެ. އާ ގާނޫނަށް އަމަލުކުރަން ފަށާނެކަމަށް ބެލެވެނީ 2026ވަނަ އަހަރު ޖެނުއަރީ މަހުގައެވެ.
[ޖެނުއަރީ މަހުން ފެށިގެން ބޭރުގެ ފަރާތްތަކަށް މައްކާއިން ބިން މިލްކުކުރުމުގެ ޙައްގު ލިބިދެވޭނެ. އަޅުގަނޑުމެން ގަސްތުކުރީ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާން.] ރޯސަން ވިދާޅުވި އެވެ.
އަދި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއާއި ސުޢޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙަންމަދު ބިން ސަލްމާނާ ދެމެދު އޮތް އަރިސް ގުޅުމާއި ފުރިހަމަ ޑިޕްލޮމެސީއަށް ވެސް އޭނާ ވަނީ ތަޢުލީފުކުރައްވައިފައެވެ. މި ކަން ނިހާއީވުމުން އިންޑޮނޭޝިއާއަށް ބިމުގެ ފުރިހަމަ މިލްކުވެރިކަމާއި، ހައްޖުވެރިންގެ ބޭނުންތަކަށް އަމާޒުކޮށް ބިނާރު ފަރުމާކޮށް ބިނާކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބޭނެއެވެ.
ހުށަހަޅާފައިވާ ބިންތަކުގެ ސަތަހައިގެ އަޑިއުސްމިން (ޓޮޕޮގްރަފީ) ތަފާތުކަމަށާއި އޭގެ ތެރޭގައި ހަމަބިންތަކާއި ފަރުބަދަމަތީގެ އަޑިގުޑަން ސަރަހައްދުތަކާއި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުތައް ވެސް ހިމެނޭކަމަށް ރޯސަން ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ސަރަހައްދުން ބިން ލިބޭ ނަމަ، އެ ސަރަހައްދުން މީހުން ބަދަލުކޮށް އެ ކަމާ ގުޅިގެން ކުރާންޖެހޭ ހުރިހައި ކަމެއް ސުޢޫދީ ސަރުކާރުން ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި އޭނާ ޔަގީންކުރަވަނީ އިންޑޮނޭޝިއާއާ ބިން ޙަވާލުކުރައްވާނީ [ސާފު ޙާލަތުގައި]ކަމަށެވެ.
އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި [ހުށައަޅާ ބިމުގެ އަގުގެ ތެރޭގައި މިހާރު އެ ތާނގައި ދިރިއުޅޭ މީހުން އެ ތަނުން ބަދަލުކުރުމާއި ބިން ސާފުކުރުމަށް ކުރާ ޚަރަދު ވެސް ހިމެނޭނެ]އެވެ.
ބިމުގެ އެއްބަސްވުމުގެ އިތުރަށް ހައްޖު އަވަށުގެ ފުރިހަމަ ތަފުސީލީ މާސްޓަރ ޕްލޭނެއް ހުށަހެޅުމުގެ މަސައްކަތްކުރުމުގެ ދަޢުވަތު އިންޑޮނޭޝިއާ ސަރުކާރަށް މިހާރު ވަނީ ދީފައެވެ. އޭގެ ތެރޭގައި ސަރަހައްދާއި ބިނާރުގެ ފަރުމާ ވެސް ހިމެނެ އެވެ. ތަދުބީރުކުރމުގެ (ޕްލޭނިން) މަރުހަލާ 2025ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް އިންޑޮނޭޝިއާއިން ލަފާކުރެއެވެ.
މި މަޝްރޫއަށް ޚަރަދުކުރާނީ އިންޑޮނޭޝިއާގެ ސިޔާދަތީ ތަނަވަސްކަމުގެ ފަންޑު (ދަނަންޓާރާ)އިންނެވެ. މި ފަންޑުގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް ރޮސަން ރޮއެސްލާނީއެވެ.
މީގެ އިތުރަށް ދުނިޔޭގައި އެންމެ ގިނަ ބަޔަކު ޙައްދަށްދާ އިންޑޯނޭޝިއާގައި ޙައްޖުވެރީންގެ އެންމެހައި ކަނކަން ބެލެހެއްޓުމަށް ޓަކައި އިންޑޮނޭޝިއާގައި ޙައްޖާ ބެހޭ ވަކި ވުޒާރާއެއް އުފައްދަވާން ވެސް އެ ގައުމުން ވަނީ މިހާރު ނިންމައިފައެވެ.
މީގެ އަހަރުތަކެއް ކުރީން މައްކާގައި ހޮޓަލެއް ބިނާކުރުމަށް ޓަކައި ބިމެއް ދޫކުރާން ސުޢޫދީ ސަރުކާރުން އެއްބަސްވެފައި އޮތްކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ ފ. އަތޮޅުގައި ބިން ހިއްކައިގެން ސުޢޫދީ ޒަމާނީ ސިޓީއެއް ބިނާކުރުމަށް ރާއްޖެއިން އެއްބަސްވާ ގޮތަށެވެ. ނަމަވެސް [ދިމާވި ސަބަބަކާ ހުރެ] އެ މަޝްރޫޢު ރާއްޖެއަށް ނުލިބި، އެ މަޝްރޫޢު ވަނީ ސުޢޫދީ ޢަރަބިއްޔާގެ އައްސޭރިފަށުގައި ސިޓީއެއް ބިނާކުރުމަށް ބަދަލުކޮށްފައެވެ. މިހާރު އެ ސިޓީ ނިމެނީއެވެ. މިއީ ދިވެހި ތާރީޚުގައި ވެސް ދިވެހީންނަށް ލިބުނު އިގުތިސާދީ އަދި އިޖުތިމާޢީ ވަރަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް މި ވާހަކަ ތާރީޚުގެ ތެރެއަށް ގޮސް ހިނދިއްޖެތާއެވެ. ވީމާ، އެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ.
ކޮންމެއަކަސް މައްކާއިން ބިންގަނެގެން އިންޑޮނޭޝިއާގެ ޙައްޖުވެރީންނަށް ޓަކައި ވަކި [ހައްޖު އަވަށެއް] ބިނާކުރުމުގެ މަސައްކަތަށް އެ ގައުމުން ނެގި އިސްނެގުމަކީ ތާރީޚީ ކަމެކެވެ. އިންޑޮނޭޝިއާއަކީ ކުރިއަރަމުން އަންނަ ޞިނާޢީ އިގުތިޞާދެއް އޮންނަ އުފެއްދުންތެރި ގައުމެކެވެ. މި ދިޔަ އަހަރު އެ ގައުމުގެ ޖީޑީޕީއަކީ ގާތްގަނޑަކަށް 1,400,000,000,000 (އެއް ޓުރިލިއަން ހަތަރު ސަތޭކަ ބިލިއަން) އެމެރިކާ ޑޮލަރެވެ. ޓްރިލިއަނަކީ އެއްހާސް ބިލިއަން، ނުވަތަ މިލިއަން މިލިއަންކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން މި ފަދަ ބޮޑު އިގުތިސާދެއް އޮންނަ ބިޔަ ގައުމަކަށް މި ފަދަ ބޮޑު ވުނައެއް ކުރުމަކީ މާކަ އުނދަގޫކަމަށް ނުވެދާނެއެވެ. މި ކަމަށް ޓަކައި އިންޑޮނޭޝިއާއަށް ތަހުނިޔާކިޔަމެވެ.
(މަޢުލޫމާތު: ޖަކަރްތާގްލޯބް.އައިޑީ)
ބައެއް ލަފުޒުގެ މާނަ
ހަބު ނ. (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. hub
ނިހާއީ ނއ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތްތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހައި ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ބިނާކުރުން މ. (1) ޢިމާރާތްކުރުން. (2) ރާނައި ހިޔާކުރުން. build (v)
ވުނަކުރުން މ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest (v)
ފަރުމާކުރުން މ. (1) އެއްޗެއް ތައްޔާރުކުރާނެ ގޮތުގެ ޚިޔާލު ނަމޫނާއެއްގެ ސިފައިގައި ނުވަތަ މާދިރިއެއްގެ ސިފައިގައި ދެއްކުމަށް ކުރެހުން. (2) ތަނެއް ނުވަތަ އެއްޗެއް ހެދުމުގެ ކުރީން އެ ތަނެއް ނުވަތަ އެ އެއްޗެއް ހުންނާނޭ ގޮތުގެ ކުރެހުން ތައްޔާރުކުރުން ނުވަތަ އުފެއްދުން. disign
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan (n)
ސަތަހަ ނ. އެއްޗެއްގެ ނުވަތަ ތަނެއްގެ އެންމެ މަތީ ފަށަލަ. surface