އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 އޯގަސްޓް 2025
އަޅުގަނޑުމެން އެންމެން ވެސް ޝަކުވާކުރާށާއި އާޑަކިޔާން ވަރަށް ހުޝިޔާރެވެ. އަޅުގަނޑު ދަންނަވާނީ އެ [ހުނަރު] ގިނަ މީހުންގެ އެބަހުރިވެސްކަމަށެވެ. ނަމަވެސް އަޅުގަނޑުމެން ލިބިގަންނާންވީ އެންމެ ޚާއްޞަ [ހުނަރަކީ] ޝުކުރުވެރިވުމާއި ތަޝައްކުރުކުރުމެވެ. މި ދެ ލަފުޒުގެ މާނަ މި މަގާލުގެ ތިރީން ފެނިވަޑައިގަންނަވާނެތީ، ލަފުޒުތަކުގެ މާނަ މި ތާނގައި ލިޔާކަށް ނެތީމެވެ.
މާލޭގައި މީހުން ގިނަ ކަމާއި ދުއްވާ ތަކެތީގެ މުޞީބާތާއި ބިދޭސީން އިތުރުވުމުގެ މައްސަލަތަކާއި އިޖުތިމާޢީ އެހެން އެތައް މައްސަލަތަކެއް އެއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ހިތި ހަގީގަތްތަކެކެވެ. މީގެ އިތުރަށް ބަދުއަޚުލާޤީ [ޚިދުމަތްދޭ] އެތައް ބައިވަރު ޓެލެގްރާމް ސަފުހާތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ހިންގުމާއި ވައްކަމާއި މާރާމާރީއާއި ޓެކުމާއި ޚިޔާނާތާއި އޮޅުވައިލުމާއި ރިޝްވަތާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި މި ފަދަ އެތައް ކަމެއް، މި އިސްލާމީ މުޖުތަމަޢުގައި މޫލައިފައިވާކަމުގެ ހިތި ހަގީގަތްތައް ހިތާމައާ އެކު ނަމަވެސް ޖެހެނީ ގަބޫލުކުރާށެވެ.
މި ހުރިހައި ކަމަކާއި އަދި މި ނޫނަސް އެތައް ކަމަކާ ކުރިމަތިލައްވާން މި ތިއްބަވަނީ އަޅުގަނޑުމެންގެ ފުލުހުންނެވެ. އެއީ ވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. މި ހުރިހައި މައްސަލަތަކެއް އެންމެ ފުރިހަމަ ގޮތުގައި އެ ބޭފުޅުންނަށް ހަމަ މިހާރުން މިހާރަށް ޙައްލުކުރެއްވޭނެތޯއެވެ؟ އެއީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ މި ފަދަ ހުރިހައި މައްސަލައެއްގައި ވެސް ފާރަލުމަކާއި ހޯދުމަކާއި އަތުލައިގަތުމަކާއި ބަންދުކުރުމަކާއި ތަހުގީގުކުރުމަކާއި އެ ތަހުގީގުތަކުގެ ރިޕޯޓުތައް ލިޔުމާއި ސޮއިކުރުވުމާއި ޝަރީޢަތަށް ހުށަހެޅުމަކާއި ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކުރުމަކާއި އެ މަޖިލީހަށް ޖަވާބުދާރީވުމަކާއި މި ހުރިހައި މަރުޙަލާތަކެއް އޮންނާނެތާއެވެ. އަދި މާލޭގެ މަގުތައް ބެލެހެއްޓުމާއި ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކުރުމާއި ސިއްރު މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމާއި މުރާގިބުކުރުމާއި މި ފަދަ ކިތަންމެ ކަމެއް އެ ބޭފުޅުންގެ ހަވާލަތުގެ ތެރޭގައި ހިމެނޭނެކަން ކަށަވަރެވެ.
އަޅުގަނޑަކީ ފުލުހުންގެ ޚިދުމަތުގައި އުޅުނު މީހަކީމެއް ނޫނެވެ. އަދި އެ ޚިދުމަތާ އެހައި އޮޅު މީހެއް ވެސް ނޫނެވެ. އެހެންވީމާ އެ ޚިދުމަތުގެ ހަވާލަތެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ލި ލިޔެލީ އެ ބޭފުޅުންގެ މަސްއޫލިއްޔަތަށް ވެދާނެކަމަށް އަޅުގަނޑަށް ލަފާކުރެވޭ ކަންކަމެވެ. މިއަށްވުރެ މާ ގިނަ ކަންކަމާއި މަސައްކަތްތައް އެ ޚިދުމަތުން ކުރައްވާކަމަށް ވުމީ އެންމެ އެކަށީގެންވާ ގޮތެވެ. އަޅުގަނޑުމެން ފަދަ އާދައިގެ މައް މީހަކަށް އެ ކަންކަން ރޭކައިވެސް ނުލާނެތާއެވެ.
މި ދެންނެވި އެތައް ހާސް މައްސަލަތަކާ އެ ބޭފުޅުން ކުރިމަތިލައްވައި ހޯއްދަވާ ކާމިޔާބީގެ ވާހަކަދައްކައި ތަޝައްކުރުކުރަނީ ނުވަތަ ޝުކުރުވެރިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާވައެވެ. އަބަދުވެސް ދެއްކޭތޯ އުޅެނީ ނުކުރެވި އޮންނަ ކަމެކެވެ. އަބަދު ވެސް ކިޔެނީ އާޑައެވެ.
ނަމަވެސް މި ފާއިތުވި ޖުލައި މަހު އެކަނި ވެސް ގެއްލިގެން އާންމުން ރިޕޯޓުކުރި 69 ސައިކަލު ފުލުހުން ހޯއްދަވައިދެއްވައިފައިވެއެވެ. މި ސައިކަލުތަކުގެ އަގު -/3،412،530ރ. (ތިރީސް ހަތަރު ލައްކަ ބާރަ ހާސް ފައްސަތޭކަ ތިރީސް ރުފިޔާ)އަށް ވުރެ މަދު ނުވާނެކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރަށް 22 އަތުފޯނެއް ހޯއްދަވައިފައި ވާކަމަށާއި، އެ ފޯނުތަކުގެ އަގު 213،932.80ރ. (އެކާވީސް ލައްކަ ތިން ހާސް ނުވަ ސަތޭކަ ބައްތިރީސްރުފިޔާ އާހި ލާރި)އަށް އަރައެވެ. މީގެ އިތުރަށް އިލެކުޓުރޯނިކު ސާމާނު ހިމެނޭ ގޮތުން އިތުރު 68 އެއްޗެއް ފުލުހުން ވަނީ ހޯއްދަވައިފައެވެ. މި ތަކެތީގެ އަގު ވެސް 348075.80ރ. (ތިން ލައްކަ ސާޅީސް އަށް ހާސް ފަންސަހަތްތަރި ރުފިޔާ އާހި ލާރި)އަށް އަރާކަމަށް ވެއެވެ.
ފުލުހުން ހޯއްދެވި ތަކެތީގެ އިތުރަށް، ފައިސާއާ ގުޅުން ހުރި 43 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅި، ޖުމުލަ -/935972ރ. (ނުވަ ލައްކަ ތިރީސް ފަސް ހާސް ނުވަ ސަތޭކަ ބާހަތްތަރި ރުފިޔާ) ފުލުހުން ހޯއްދަވައިފައި ވެއެވެ.
މީގެ އިތުރަށް އަޅުގަނޑުމެންނަށް އަމާންކަމާ އެކު، މި ނިދައިލެވެނީ ފުލުހުން ހޭފުޅުލައްވައި ފާރައަށް، ފޯރިއަށް ތިއްބަވާތީކަމެއް އަޅުގަނޑުމެންނަކަށް އިޙުސާސެއް ވެސް ނުވެއެވެ. ވިއްސާރަވެ ބޯކޮށް ވާރޭވެހޭން ފަށައިފި ނަމަ އަޅުގަނޑުމެން ގެޔަށް ވަދެ އެނދަށް އަރައި ބޯ ރަޖާގަނޑެއްގެ ދަށަށް ވަދެ ހީފިލުވަލީއެވެ. ފުލުހުން ނުކުމެވަޑައިގަންނަވަނީ މަގުމައްޗަށެވެ. ފެންބޮޑުވެގެން ނުވަތަ ގަހެއް ވެއްޓިގެން މުޖުތަމަޢަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެއްވުމަށް ޓަކައެވެ. ފުރުސަތުގެ ބޭނުންކޮށްގެން ވަގުން ކޮށްފާނެ ވައްކަންތަކުން ފަރުދުން ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ.
މުޖުތަމަޢުގެ އަމާންކަމަށް ޓަކައި މި ދިޔަ މަހު ފުލުހުން ވަނީ މާލޭ 41574 ސަރަހައްދެއް ބަލައި ފާސްކުރައްވައިފައެވެ. އަދި 1196 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނަދެން ހަމައެކަނި ފައިމަގުގައި މާލެތެރެ ބަލަހައްޓަވައިފައިވެއެވެ.
މުޖުތަމަޢުގެ ރައްކާތެރިކަމާއި މަގުތަކުގެ އަމާންކަން ކަށަވަރުކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތުގެ ދަށުން، ފުލުހުންނަށް ޝައްކުކުރެއްވުނު 6389 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކުރައްވައިފައެވެ. އޭގެ ތެރޭގައި ކުށުގެ ރިކޯޑު އޮތް 6145 މީހުންނާއި ރިކޯޑު ނެތް 244 މީހުން ހިމެނޭކަމަށް ވެއެވެ. ބިދޭސީންނާ ގުޅޭގޮތުން ހިންގެވި [އޮޕަރޭޝަން]ތަކުގައި ގަވާއިދާ ޚިލާފަށް އުޅުނު ހަތް ބިދޭސީއަކު ހޯއްދަވައި އިމިގުރޭޝަނާ ހަވާލުކުރެއްވިއެވެ.
މި ދަންނަވައިލީ އެންމެ މަސްދުވަހެއްގެ ތެރޭގައި ފުލުހުން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. މި މިންވަރަކީ ވެސް ހާދަހާ މަސައްކަތެކެވެ.
އާދޭހެވެ! މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ޓަކައި ފުލުހުން އަބަދުވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައެވެ. އަޅުގަނޑުމެންނަށް އެ ކަމަށް ތަޝައްކުރުކޮށް ޝުކުރުވެރިވާން ނޭނގެނީއެވެ. ފުލުހުން އެ ކުރައްވަނީ ވަޒަންކުރާން ނޭނގޭ ފަދަ މަތިވެރި ޚިދުމަތެކެވެ. އެހެންކަމުން ޝުކުރުވެރިވުމާ އެކު ތަޝައްކުރުގެ ބަހެއް ލިޔެލާ ހިތްވީމާ މި މަގާލު ލިޔެލީއެވެ. މި ފަދައިން މާތް ﷲ ވަޙީކުރައްވައިފައިވާތީއެވެ. )لَئِن شَكَرْتُمْ لأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ( ("ހަމަކަށަވަރުން، ތިޔަބައިމީހުން شكرކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكرނުކޮށް) كافرވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.") (سورة إبراهيم:7)
ބައެއް ލަފުޒުގެ މާނަ
ހަވާލަތު ނ. ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate
ހުޝިޔާރު ނ. (1) ވިސްނުންތޫނު. (2) ކަންތަކަށް ކުޅަދާނަ. (3) ޗާލާކު. smart
ބަދުއަޚުލާޤީ ނއ. (1) ޖިންސީ ގޮތުން ނަހީކުރައްވައިފައިވާ ކަންތައްތައް ކުރުމާ ގުޅޭ. (2) ނުބައި އަޚުލާގާ ގުޅޭ. (3) ހުތުރުކޮށް އުޅުމާ ގުޅޭ. misdeed (ރަދީފަކު އަދި ނެތް)
އާޑަ ނ. މަލާމާތް. mockery
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article
މުރާގިބު ނ. (1) އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރުކުރާ މީހާ ނުވަތަ ފަރާތް. (2) ވޯޓުދިނުމުގެ ހައިސިއްޔަތެއް ނެތި ކަމެއް ނުވަތަ ހަރަކާތެއްގައި ބައިވެރިވާ ފަރާތް. observer
ތަޝައްކުރު ނ. (1) ކަމެއްގެ ހަގީގަތް ނުވަތަ ކޮންމެވެސް އެއްޗެއް ވުޖޫދުގައިވާކަން ގަބޫލުކޮށް އެ ކަން ބަލައިގަންނަ ބަލައިގަތުން. (2) ކޮންމެވެސް އެއްޗެއްގެ ނުވަތަ ކަމެއްގެ މުހިންމުކަން ނުވަތަ ފުރިހަމަކަން ނުވަތަ މޮޅުކަން އިޚުލާޞްތެރިކަމާ އެކު ބަލައިގަނެ، އެ ކަން ފާހަގަކުރާ ފާހަގަކުރުން. acknowledgement (ރަދީފަކު އަދި ނެތް)
ޝަކުވާ ނ. ކަންކަމާ މެދު، ހިތްހަމަނުޖެހިގެން ދައްކާ ވާހަކަތައް. complain
ޝުކުރު ނ. (1) ކޮށްދޭ ހެޔޮކަމެއްގެ އަގުވަޒަންކޮށް ފާޅުކުރާ ޝުއޫރު. (2) ﷲ ދެއްވާ ނިޢުމަތަކަށް ދަންނަވާ ތާރީފާއި ސަނާ. thank/ gratefulness