އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
28 ޖުލައި 2025
(2025 ޖުލައި 21ގެ ޢަދަދާ ގުޅޭ)
މި އާޔަތުގައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް މި ދެއްވާ ޚަބަރަކީ ކުރިމަގުގެ ހުރިހައި ކަންތައްތަކެއް (ޣައިބުތަކެއް) އެކަލާނގެ ދެނެވޮޑިގަންނަވާ ޚަބަރެވެ. ކުރިމަގުގެ ހުރިހައި ޣައިބުތަކެއްގެ ތަޅުދަނޑިތައް އެކަލާނގެ ޔަދުޤުދްރަތްފުޅުގެ ބާރުގެ ދަށުގައިވާކަމެވެ. އެހެން މީހަކަށް އެއިން އެއްވެސް ކަމެއް އެނގޭނީ ﷲ އެ ކަމެއް އަންގަވައިދެއްވީމައެވެ. الأنعام ސޫރަތުގެ 59ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )وَعِنْدَهُ مَفَاتِحُ الْغَيْبِ – އަދި ޣައިބުގެ ތަޅުދަނޑިތައް ވަނީ އެކަލާނގެ ޙަޟްރަތުގައެވެ.( البقرة ސޫރަތުގެ 235ވަނަ އާޔަތުގައި ވާ ބަސްފުޅުގައި އޮތީ )عَلِمَ اللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ - ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ.( މި ބަސްފުޅުން އެނގެނީ ކުރިމަގުގައި (މުސްތަޤްބަލުގައި) ވާނޭ ކަންތައް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމެވެ. އެ ކަމާ ބެހޭ ފުރިހަމަ ޢިލްމު އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެވެ. المزمل ސޫރަތުގެ 20ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )عَلِمَ أَنْ لَنْ تُحْصُوهُ - މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ.( މި އާޔަތުގައި ވެއެވެ. )عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ - ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ.(
މި ބަސްފުޅުތަކުން އެނގެނީ ވީ ކަންތައްތަކާއި ވަމުންދާ ކަންތައްތަކާއި ވާނޭ ކަންތައް ﷲ ފުރިހަމައަށް ދެނެވޮޑިގެންވާ ކަމެވެ. ޒަމާނަކީ އެކަލާނގެއަށް އޮތް އެއްޗެއް ނޫނެވެ. އެކަލާނގެ ހައްދަވާ އެއްޗެއްސަށް ޓަކައި އެކަލާނގެ ޒަމާން އުފައްދަވައެވެ. ހުރިހައި މަޚްލޫޤާތުތަކެއް އެކަލާނގެއަށް ކިޔަމަންގަންމުންދާއިރު ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެ ފަރާތްތަކަށް ކިޔަމަންވެވޮޑިނުގަންނަވަތެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުން ވަނީ ޒަމާން ފަހަނަޅައި ގޮސްފައެވެ. އެކަލާނގެ ހައްދަވާ އެއްޗަކަށް އެކަލާނގެ ތަބާވެވޮޑިގަތުމެއް ނޯންނާނެތެވެ.
ކީރިތި ޤުރްއާނުގައި އައިސްފައިވާ ޤަތަޢީ ދަލީލުތައް ތިބާއަށް މިހާރު ފެނިއްޖެއެވެ. ތިބާ ކިޔައިފީމުއެވެ. ތިބާ އަޑުއަހައިފީމުއެވެ.މިއީ މަންޠިޤީ ދަލީލުތަކެކެވެ. ލަފުޒީ ޤަރީނާތަކެކެވެ. ހިނގައިފައިވާ ތާރީޚި ތެދު ޙަޤީޤަތްތަކެކެވެ. އެކަލާނގެ މާޒީގައި ހިނގައިފައިވާ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތައް ދެނެވޮޑިގެންވާ ގޮތަށް ކުރިމަގުގެ ކަންތައްތައް ދެނެވޮޑިގެންވެއެވެ. البقرة ސޫރަތުގެ 282 ވަނަ އާޔަތުގައި އައިސްފައިވެއެވެ. )وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ - اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.( ﷲ ތައާލާގެ ދެނެވޮޑިގަތުމުގައި (ޢިލްމުފުޅުގައި) ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއް ޝާމިލުވެގެންވެއެވެ.
މި ބަސްފުޅުތަކުން އެނގެނީ ވީ ކަންތައްތަކާއި ވަމުންދާ ކަންތައްތަކާއި ވާނޭ ކަންތައް ﷲ ފުރިހަމައަށް ދެނެވޮޑިގެންވާކަމެވެ. ޒަމާނަކީ އެކަލާނގެއަށް އޮތް އެއްޗެއް ނޫނެވެ. އެކަލާނގެ ހައްދަވާ އެއްޗެއްސަށް ޓަކައި އެކަލާނގެ ޒަމާން އުފައްދަވައެވެ. ހުރިހައި މަޚުލޫޤާތުތަކެއް އެކަލާނގެއަށް ކިޔަމަންގަންމުންދާ އިރު، ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެ ފަރާތްތަކަށް ކިޔަމަންވެވޮޑިއެއްނުގަންނަވަތެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުން ވަނީ ޒަމާން ފަހަނަޅައި ގޮސްފައެވެ. އެކަލާނގެ ހައްދަވާ އެއްޗަކަށް އެކަލާނގެ ތަބާވެވޮޑިގަތުމެއް ނޯންނާނެތެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ޤަތަޢީ ދަލީލުތައް ތިބާއަށް މިހާރު ފެނިއްޖެއެވެ. ތިބާ ކިޔައިފީމުއެވެ. ތިބާ އަޑުއަހައިފީމުއެވެ. މިއީ މަންޠިޤީ ދަލީލުތަކެކެވެ. ލަފުޒީ ޤަރީނާތަކެކެވެ. ހިނގައިފައިވާ ތާރީޚި ތެދު ޙަޤީޤަތްތަކެކެވެ. މާޒީގައި ހިނގައިފައިވާ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވާ ގޮތަށް ކުރިމަގުގެ ކަންތައްތައް ދެނެވޮޑިގެންވެއެވެ. البقرة ސޫރަތުގެ 282 ވަނަ އާޔަތުގައި އައިސްފައިވެއެވެ. )وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ - اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.( ﷲ ތައާލާގެ ދެނެވޮޑިގަތުމުގައި (ޢިލްމުފުޅުގައި) ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއް ޝާމިލުވެގެންވެއެވެ.
(عليم – މޮޅަށް ދެނެވޮޑިގެންވުން) މި ސިފައަށް ޢަރަބިބަހުގައި ކިޔަނީ (صفة مشبهة) އެވެ. އެއިރުން ސާބިތުކަމާއި ދާއިމީކަމާއި ހުރިހައި ޒަމާނަކަށާއި ތަނެއްގައިވާކަން ދޭހަވެއެވެ. يس ސޫރަތުގެ 76ވަނަ އާޔަތުގައި )فَلا يَحْزُنْكَ قَوْلُهُمْ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ - ފަހެ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ.( މި އޮތީ المضارع ގެ ޞީޣާގައެވެ. އޭރުން މާނައަކީ [އަހުރެން މާޒީގައި ފާޅުކުރިހައި ކަންކަމާއި ވަންހަނާކުރިހައި ކަންކަން، އަދި އަހުރެން މި ވަގުތު ފާޅުކުރަމުންދާ ކަންކަމާއި ވަންހަނާކުރަމުންދާ ކަންކަން، އަދި އަހުރެން ކުރިމަގުގައި ފާޅުކުރާނޭ ކަންކަމާއި ވަންހަނާކުރާނޭ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެތެވެ.]
التوبة ސޫރަތުގެ 78ވަނަ އާޔަތުގައި ވެއެވެ. )أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَىٰهُمْ وَأَنَّ ٱللَّهَ عَلَّٰمُ ٱلْغُيُوبِ - ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟( މި އާޔަތުގައި މި އޮތީ ޖަމާ ޞީޣާ ގައެވެ. އެއީ މިހާރާއި (ޙާޒިރާއި) މާޒީއާއި މުސްތަޤްބަލު އެ ކަމުގައި ހިމެނޭކަން ދޭހަކޮށްދޭ ކަމެކެވެ.
ﷲ ތަޢާލާއާ ބެހޭ ގޮތުން ޚަބަރުދިނުމުގައި މުޟާރިޢު ފިޢުލަކަށް (قد) ވަނުމުން އެ ކަން ހިނގާނެކަން ކަށަވަރުވެގެންދެއެވެ. الحجر ސޫރަތުގެ 97ވަނަ އާޔަތަށް ބަލާށެވެ. )وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ - ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.( النحل ސޫރަތުގެ 103ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ - އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، إنسان އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمى ބަހެވެ. މިއީ ބަޔާންވެގެންވާ عرب ބަހެވެ.(
العنكبوت ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން ތިންވަނަ އާޔަތަށް ވަޙީކުރެއްވިއެވެ. ((الم * أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ * وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ - ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1) މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحانނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީހެއްޔެވެ؟ (2) އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحانކުރެއްވީމެވެ. ފަހެ (إيمانކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރީން ވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.( ﷲގެ ބަސްފުޅު )فليعلمن(ގެ މުރާދަކީ އެކަލާނގެ ތެދުވެރީންނާއި ދޮގުވެރީންގެ ޙާލަތު ހާމަކުރައްވައި އެބައިމީހުންގެ ޙަޤީޤަތް ހާމަކުރައްވަވާނެތެވެ. އެއީ ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާ އެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާ އެކު، ދިރިގެން އައުމަށެވެ. އެއީ މަކަރުވެރިއެއްގެ ނުވަތަ މުނާފިޤެއްގެ ނުވަތަ ކާފަރެއްގެ އޮޅުވައިލުމެއްގައި ޖެހި ގެއްލެނިވެގެންދިޔަނުދެއްވުމަށް ޓަކައެވެ. އެއީ މުނާފިޤުންގެ ދޮގުވެރިކަމާއި މަކަރުވެރިކަމާއި އޮޅުވައިލުމުގެ ޙާލަތު ބަޔާންކުރެއްވުމަށެވެ. މާތް ﷲ އެ މީހުން ދީނާއި ދުނިޔޭގެ ކަންތައްތަކުގައި އިމްތިޙާނުކުރައްވާނެތެވެ. ޖިހާދުކުރުމާއި ޒަކާތްދިނުމާއި މުޞީބާތްތަކަށް ކެތްތެރިވުމާއި އުރެދުންތަކާ ދުރުހެލިވުން ފަދަ ކަންތައްތަކުންނެވެ. މުނާފިޤުން އެ މީހުންގެ ހިތްތަކުގައި ވަންހަނާކޮށްގެން އުޅޭ ކަންތައްތައް އެ ހިސާބުން ފަޅައިއަރާނެތެވެ. އެމީހުންގެ ޙަޤީޤަތް މީސްތަކުންނަށް އެނގިގެންދާނެތެވެ. )فليعلمن(ގެ ތަފުސީރަކީ އެބައިމީހުންނަށް ހުރި ޖަޒާއާއި ސަޒާ ދެނެވޮޑިގެންވެތެވެ. ކުށްވެރިޔާ ކުރި ކުށް އަދަބުދޭ މީހާއަށް އެނގިގެން ނޫނީ އަދަބެއް ނުދެވޭނެއެވެ. (ނުނިމޭ)