ad_banner
ދިވެހިރާއްޖެ މިނިވަންކަމަށް ވެދާނެއެވެ. އެކަމަކު ދިވެހި ޤައުމު މިނިވަނެއްނޫނެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

26 ޖުލައި 2025

ސާކުގެ ބައެއް ޒަޢީމުން: މި ބޭބޭފުޅންގެ ޤައުމީ ފިކުރު އަޅުވެއްޗެއް ނުކުރެވުނެވެ. (ފައިލް ފޮޓޯ/ސާކު)

މިނިވަންކަމަކީ ކޮބައިތޯއެވެ؟ މިނިވަންކަމާއި ހައްގުތައް އެންމެން މާނަކުރަނީ އެއް ގޮތަކަށްތޯއެވެ؟ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރިގެން އަޅުގަނޑުމެން އިޙުތިފާލުތައް ބާއްވަނީއެވެ. ނަމަވެސް ދިވެހި ގައުމު އަޅުވެތިވެފައިވާތާ އެތައް ޖީލެއް ވެއްޖެކަން އެނގިވަޑައިގަންނަވައިތޯއެވެ؟ އާދޭހެވެ! ދިވެހި ޤައުމީ ފިކުރުތައް މިނިވަނެއް ނޫނެވެ. މި މަގާލު ނިމެންދެން ވިދާޅުވެއްޖެ ނަމަ، އަޅުގަނޑު މި ދަންނަވާ އެއްޗެއް ސާފުވެވަޑައިގަންނަވާނެއެވެ.

މައުޟޫޢަށް ތަން ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފުރަތަމަ ޖެހިލާނަމެވެ. ދުނިޔޭގެ "އަނެއް ފަޅީގައި" ހުޅަނގުގެ ޣައިރު މުސްލިމު ގައުމުތަކުގައި އިންސާފާއި ޚިޔާލުފާޅުކުރުމާއި ހަގީގީ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ މާނަ އަޅުގަނޑުމެން އެ ކަންކަން މާނަކުރާ ގޮތާ ތަފާތުވެދާނެއެވެ. މިސާލަކަށް ފަލަޞްޠީނުން އިޒުރޭލަށް ގާބުރިއެއް އެއްލިޔަސް އެއީ ހުޅަނގުގެ ނަޒަރުގައި ނިރުބަވެރިކަމުގެ ޢަމަލެކެވެ. ނަމަވެސް ބަރު ހަތިޔާރާއެކު ފަލަޞްޠީނަށް އަރައި އެ ތަން ސުންނާފަތިކޮށް ރައްޔިތުން ޝަހީދުކުރުމަކީ ޤައުމު ދިފާޢުކުރުމަށް ޓަކައި އިސްރާއީލަށް ލިބިފައިވާ ޙައްޤެކެވެ. ޤައުމެއްގެ ތެރޭގައި މުސްލިމުންނަށް އަނިޔާކުރުމަކީ އެއީ އެ ބަޔެއްގެ ދާޚިލީ ކަމެކެވެ. މިއީ ހުޅަނގުގެ އިންސާފެވެ.

ވެރިކަމުގެ ނިޒާމު ރޫޅައިލުމަށް ޓަކައި، ވެރީންގެ ވަންސަވަރު ބަދަލުކޮށްލުމަށް ޓަކައި، ނިޔުކުލިޔަރު ހަތިޔާރޭ ފަޅޮލޭ ކިޔައިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދިނުމަކީ އެ މީހުންނަށް އޮންނާން ޖެހޭ، އަދި ލިބިފައިވާ ހައްގެކެވެ. މިއީ 'ހުޅަނގުގެ' އިންސާފެވެ. އަދި އޭގެ ރައްދުގައި އީރާނުން ޙަމަލާދިނީމާ، ރަޙުމެއް ހަމަދަރުދީއެއް ނެތޭ ކިޔައިގެން، އިސްރާއީލުގެ ބޮޑުވަޒީރު ވެސް މީޑިއާއަށް ބަޔާންތައް ވެސް ދިނީތާއެވެ. ނަމަވެސް ޚުދު އޭނާގެ އަމުރަށް ބޮންއަޅައި ފަލަސްޠީނުގެ ރައްޔިތުން  މަރަމުން، އަދި ކާއެއްޗެއް ލިބުނަ ނުދީ ބަނޑަށް ޖައްސަމުން، ސިއްހީ ފަރުވައެއް ދީފާނެ ކޮންމެ މަރުކަޒެއް ސުންނާފަތިކުރުމަކީ 'ނަފުސުގެ ދިފާޢުގައި' އިސްރޭލަށް އޮންނާން ޖެހޭ ހައްގެކެވެ. މިއީ ހުޅަނގުގެ ޢަދުލުވެރިކަމުގެ އަސާސެވެ. އަޅުގަނޑުމެން މި އުޅެނީ މިނިވަންކަމާއި އިންސާނީ ހައްގުތައް އެ މީހުންގެ ކިބައިން ދަސްކުރާށެވެ. އަޅުގަނޑުމެންގެ ސިކުނޑި މިނިވަންތޯއެވެ؟

ނޫސްވެރިކަމުގެ (މީޑީއާގެ) މިނިވަންކަން ވެސް އޮތީ މިހެންނެވެ. އިސްލާމްދީނަށް ފާޑުކިޔުމުގެ ފުރުޞަތު ފަހިވި ވަރަކަށް، އެ ކަމަށް ފުރުޞަތު ދިން ވަރަކަށް އެބައިމީހުންގެ ނަޒަރުގައި އެއީ ނޫސްވެރިކަމުގެ މިނިވަންކަން ބޮޑުވަނީއެވެ. އިސްލާމް ދީނާ ޚިލާފަށް ކޮންމެ ވާހަކައެއް ދައްކާން ވެސް އެ ނޫސްވެރިކަމުގައި މިނިވަންކަން އޮންނާނެއެވެ. ރަސޫލާއަށް ކާޓޫނުކުރަހައި ﷲގެ ވޮޑިގެންވުމާ މެދު ސުވާލުއުފެއްދުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. މިޔަންމާރާއި އުތުރުކަރައާއި ކަޝްމީރުން ފެންނަނީ އެ މަންޒަރެވެ. އެ ހުރިހައި ލާއިންސާނީ، ޢުދުވާނާއި އަނިޔާއަކީ އެ ޤައުމުގެ ދާޚިލީ ކަންކަމެވެ. ނަމަވެސް އެކަމާ އިދިކޮޅަށް އެއްޗެކޭ ބުނުމަކީ އިސްލާމް ދީން ޕްރޮމޯޓުކުރާން، އިސްލާމްދީން ފަތުރާން، މަސައްކަތްކުރުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. ނުވަތަ ނިރުބަވެރިކަމަށް ވާގިވެރިވުމެވެ. މަޝްހޫރު ޕީސްޓީވީ އާއި މުސްލިމް ދާޢީ ޑރ. ޒާކިރު ނައިކަށް ޣައިރު މުސްލިމު ޤައުމުތަކުން ދިމާވަނީ މި މައްސަލަތަކެވެ. ނަމަވެސް މި އިންސާފާ، ރޫސީ ރައީސް ދެކޮޅުކަން ވެސް ފާހަގަކޮށްލަމެވެ. އޭނާ ވިދާޅުވާ ގޮތުގައި މުސްލިމުންގެ ރަސޫލާއަށް ހަޖޫކިޔުމަކީ ޚިޔާލުފާލުކުރުމުގެ މިނިމަންކަމެއް ނޫނެވެ. އަދި އެއްޖިންސުން ކާވެނިކުރުމުގެ 'މިނވަންކަމަކީ' ވެސް އޭނާގެ ނަޒަރުގައި ރޫސީވިލާތުން ބަލައިނުގަންނާނެ، އަދި ޠަބީޢާތާ ޚިލާފު ކަމެކެވެ.

ހުޅަނގުގެ ޑިމޮކްރެސީއަކީ އަދި އިންސާފަކީ އެމީހުންނަށް ބޭނުންވާ ކޮންމެ ގޮތެކެވެ. އިރާގު ގިތްގަޅުވައިލުމަށްޓަކައި ކެމިކަލް ހަތިޔާރޭ ފަޅޮލޭ ކިޔައި އެތަނަށް އަރައި މުޅި ޤައުމު ސުންނާފަތިކޮށްލައި އަގުހުރި މުދާތައް ފޭރިގަތީ މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައެވެ. އޭރު އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން ތިބީ "ފަސްގަނޑުތެރޭގައި ބޮނދައެވެ." މިއަދު ފަލަޞްޠީނަށް އަރައި އެތައް ހާސް ރައްޔިތުންނެއް މަރައި އެ މީހުން އެ ބުނާ އދ.ގެ ޤާނޫނުތަކާ ޚިލާފަށް ބިންތައް ހިފައި ގެދޮރު އަޅައި މީހުން އާބާދުކުރާއިރު މިހާރު މި ކަންކަން ޚަބަރަށް ނުވާހާ ޢާއްމު ކަންކަމަށް ވެއްޖެއެވެ. މުސްލިމު ކަޝްމީރުގައްޔާއި އުތުރުކަރައިގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ބޭއިންސާފު ޖަރީމާތަކަކީ ވެސް އެވެރީންގެ ނަޒަރުގައި ޑިމޮކްރެސީއެވެ. އެ ޤައުމުގެ ދާޚިލީ ކަންކަމެވެ. ސަބަބަކީ އިޒުރޭލާ ރަޙުމަތްތެރި، އެމެރިކާއާ އެކުވެރި، މުސްލިމުންނާ ދުޝްމަން ބަޔަކަށް އެ ޙަލަމާދޭ "މީހުން" ވާތީއެވެ. މި ޙާލަތުގައި ޞުލްޙަ ޤާއިމުކުރާ މުއައްސަސާތައް އޮނާނީ ވާގި ނެތިފައެވެ. ނުވަތަ އެއްލޯ އަވަރުވެފައެވެ. އިންސާނީޙައްޤުގެ މަންދޫބުންނާއި ސަރަހައްދީ އިމެއް ނެތި އުޅޭ ރިޕޯޓަރުން ވާތަނެއް ވެސް ނޭނގޭނެއެވެ. ޢާލަމީ ފަހެލިކަމުގެ ޖަމުޢިއްޔާ އޮނަނާނީ ނިދައިފައެވެ. އެހެންނަމަވެސް މި ދެންނެވި އަނިޔާވެރިކަމާއި ޢުދުވާނު އަނެއްކޮޅަށް އަމާޒުވި ނަމަ،....... ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށް، ކޮރަޕްޝަން ނައްތައިލައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ނަމުގައި ކުރީން މި ދެންނެވި އަޢުވާނުންތައް ހިލިގަންނާނެއެވެ. ހީވާނީ ޤިޔާމަތެއް ޤާއިމުވަނީހެންނެވެ. ދުނިޔޭގައި އިންސާފާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުރި ގޮތަކީ މިހިރީއެވެ.

އަސްލު މަޢުޟޫޢާ މި އުޅެވުނީ ތަންކޮޅެއް ދުރުގައެވެ. މާފުކުރެއްވުން އެދެމެވެ. ލިޔަން ފަށައިގަތީމާ ހިތަށް އަރައި ފައިބަމުން ދިޔަ ގިނަގުނަ ޝުޢޫރުތަކުގެ ސަބަބުން އެ ހެން ވީއެވެ. ދެން އަސްލު މައުޟޫޢަށް އެނބުރިލާނަމެވެ.

މި މަގާލުގެ މައިގަނޑު ނަމުގައިވާ ބަޔާނަކީ އަޅުގަނޑު އޮޅިގެން ލިޔުނު އެއްޗެއް ނޫނެވެ. އާދޭހެވެ! ސިޔާސީ ގޮތުން 'ދިވެހިރާއްޖެ'އޭ މި ކިޔާ ސަރަހައްދަށް މިނިވަންކަން އޮތްކަމަށް ވިޔަސް 'ދިވެހި ގައުމު' މިނިވަނެއް ނޫނެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުވަނީ ހަގީގަތުގައި ވެސް އަޅުވެތިވެފައެވެ. ބަލައިލި ކޮންމެ ދިމާއަކުން މި ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އެބަ ހުއްޓެވެ.

ސިޔާސީ ޙިމާޔަތުން ގައުމުތަކަށް މިނިވަންކަން ދިނުމަށް ފަހު، އެ ގައުމުތައް ބަހަވީ ގޮތުންނާއި ސަގާފީ ގޮތުންނާއި ފިކުރީ ގޮތުން އަޅުވެތިކުރުމަށް ޓަކައި އުފެއްދި 'ކޮމަންވެލްތު'ގެ ދަލުގައި ދިވެހީން ވަނީ ހަމަ ރަނގަޅަށް ވެސް ޖެހި ތާށިވެފައެވެ.

ތަނަކޮޅެއް ތިލަކޮށްލާނަމެވެ. އެންމެ ބިދޭސީއަކު ބައިވެރިވާ ޙަފުލާއެއް ނަމަވެސް އެ ޙަފުލާގައި ދިވެހިބަހުން ވަހަކަދެއްކުމަކީ އަޅުގަނޑުމެންގެ ފިކުރުގައި ލަދުވެތިކަމެކެވެ. ބޭރު އެންމެ މީހަކު ބައިވެރިވާ މި ފަދަ ޙަފުލާއެއްގައި ވެސް ދިވެހިބަހުން ތަޤުރީރުކުރުމަކީ ދިވެހީންނަށް ކަޓު ކަމެކެވެ. މި ފަދަ ޙަފުލާއެއް ނުވަތަ ޖަލްސާއެއްގައި ހަރުކުރާ ނަންފޮތިގަނޑުގައި ދިވެހިބަހުން އެއްޗެއް ލިޔުމަކީ ދިވެހީންނަށް ހުތުރު ކަމެކެވެ. މި ފަދަ ހާފުލާއަކަށް، ނުވަތަ ޖަލްސާއަކަށް، ނުވަތަ ރަސްމިއްޔާތަކަށް ދާން މި އޮތް ހޫނުގަދަ ގައުމުގައި ވެސް ސޫޓު (ކޯޓާއި ފަޓުލޫނު) ލުމަކީ ދިވެހީންނަށް ސަޅި ކަމެކެވެ. ސަގާފީ ހެދުން ލާން ހުއްދަކޮށްފައި އޮތަސް މި އިޚުތިޔާރު ބޭނުންކުރަނީ އަޅުގަނޑު ފަދަ "ކަޓު" މީހެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި ރޭ އޮތް 'ފުރަމާނަ ޖާފަތު'ގައި ހާޒިރުވެ ގިނައިން ތިބީ ހިންދީ ބަސް ނުދަންނަ ދިވެހީންކަމަށް ވިޔަސް މޯދީގެ ބަޔާން އިއްވެވީ ހިންދީ ބަހުންނެވެ. ތުރުކުރައްވައިގެން ހުންނެވީ އިންޑިއާގެ ގައުމީ ހެދުމެވެ. ކޯޓުފަޓުލޫނެއް ނޫނެވެ. ނަމަވެސް މި ޙަފުލާގެ ހާޒިރީންގެ ގިނަ ބަޔަކީ ދިވެހީންކަމުގައިވާ، އަދި މުޅި ރާއްޖޭގެ ރައްޔިތުން ބަލަމުން ގެންދިޔަ މި ޙަފުލާގައި ދިވެހިބަހުން އެންމެ ލަފުޒެއް ވެސް އަޅުގަނޑަކަށް އަޑެއް ނީވުނެވެ. ތަޢާރަފުކުރުންތަކާއި ތަޤުރީރުތަކާއި އެނައުންސްމެންޓުތައް ބިދޭސީ ބަހަކުން ހުއްޓަސް، އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް ނަމަ، ފުރަތަމަ އިވޭން ޖެހޭނީ ދިވެހިބަހުންނެވެ. ދިވެހި ގައުމިއްޔަތަށް ކުޑަ ނަމަ ވެސް ކުލުނެއް ހުރި މީހަކު ދިވެހިބަސް ދެކެ ލަދެއްނުގަންނާނެއެވެ. ދިވެހިބަހާ މެދު ފަޚުރުވެރިވެ، ދިވެހިބަސް ދެކެ ލޯބިވާން އެނގިގެން ނޫނީ އަޅުގަނޑުމެންނަށް ދިވެހި ޤައުމިއްޔަތު ކުރިއެރުވޭނީ ކިހިނެއްތޯއެވެ؟

އަދިވެސް އެހެން ވާހަކައެކެވެ. އިއްޔެ ރާއްޖޭގެ ޓީވީއަކުން ދުރަށްދެއްކި ޕުރޮގުރާމެއްގައި މިނިވަން ދުވަހާ ބެހޭ ގޮތުން ކުރި ސުވާލަށް ހަމަ އެއްވެސް 'ކުއްޖަކަށް' ޖަވާބެއް ނުދެވުނެވެ. ބޮޑެތިވަމުން އަންނަ ޒުވާނުންނަށް ދިވެހި ޤައުމީ އަބުޠާލުންގެ ނަންފުޅެއް ނޭނގެއެވެ. ގައުމީ މުނާސަބާތަކާ ގުޅިފައިވާ މުހިންމު ހާދިސާތަކެއް ނޭނގެއެވެ.

މަތީސާނަވީގައި 'ހިސްޓްރީ' ކިޔަވާ ކުދީންނަކަށް އިސްލާމީ ތާރީޚެއް، ދިވެހި ތާރީޚެއް ކިޔަވައެއް ނުދެވެއެވެ. ދައްކާނެ އިތުރު ވާހަކައެއް އެބަ އޮތްތޯއެވެ؟ މި ނިންމައިލީއެވެ.

އާދޭހެވެ! ކުރުކޮށް ދަންނަވާނަމަ... އަޅުގަނޑުމެންނަށް ރޭކައި ވެސް ނުލާ ގޮތަށް އަޅުގަނޑުމެންގެ ސިކުނޑިތައް މި ވަނީ އެތައް ޖީލެއް ވަންދެން އަޅުވެތިކޮށްފައެވެ. މިއަދު ވެސް ދިވެހި ޤައުމު މި އޮތީ ބަހަވީ ގޮތުންނާއި، ސަގާފީ ގޮތުންނާއި ފިކުރީ ގޮތުން ވަރަށް ބޮޑަށް އަޅުވެތިވެފައެވެ.

ބައިނަލްއަގުވާމީ ދުނިޔެއަށް ބަލާ އިރު، އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ފުރުޞަތު ފަހިކޮށްދީ ޙިމާޔަތާއި ޢިނާޔަތްތައް ފަހިކޮށްދިނުމަކީ މިއަދު ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެންމެ އުސް ކުރިބޯއްޓެވެ. މުސްލިމުންނާ އިދިކޮޅަށް ދޭ ޙަމަލާއަކީ ނަފުސު ދިފާޢުކުރުމުގެ ޙައްގުގައި ކުރެވޭ ހަނގުރާމައެވެ. ނަމަވެސް މުސްލިމަކު ޣައިރު މުސްލިމެއްގެ ގަޔަށް ގާބުރިއެއް އެއްލުމަކީ ވެސް އަދި އިސްލާމް ދީނުގެ ޙިމާޔަތުގައި ވާހަކަދެއްކުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ "ދުނިޔެ"އޭ  މި ކިޔާ ބޭއިންސާފު މުޖުތަމަޢުގެ ޙަގީގަތަކީ މިއީއެވެ.

ދިވެހީން ވެސް މިއަދު ގަބޫލުކުރާ މިނިވަންކަމަކީ، އެ މީހަކު ބޭނުން ހައި ގޮތަކަށް އުޅެވުމެވެ. އިސްލާމީ އަޚުލާޤާއި އިޖުތިމާޢީ ގިޔަމުތައް ދަންނަ ޒުވާނުން ފެންނަނީ ހާލަކުންނެވެ. މީހުންގެ ޙުރުމަތް ކަނޑައިލުމާއި ވެރީންނާ ދިމާއަށް ދޮގު ހަދައިގެން ނަމަވެސް އާޑަކިޔައި އަބުރާ ބެހުމަކީ މިނިވަންކަމެވެ.

މި ނުރައްކާތެރި ފިކުރީ އަދި ސަގާފީ އަދި ބަހަވީ އަޅުވެތިކަމުން އަޅުގަނޑުމެން ސަލާމަތްވެ، ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަންކަން ލިބިފައިވަ ފަދައިން ދިވެހި ޤައުމު ފިކުރީ، ބަހަވީ އަދި ސަގާފީ އަޅުވެތިކަމުން ސަލާމަތްކުރުމަށް ޓަކައި، ގައުމީ ފެންވަރެއްގައި އިސްކަންދީންގެން، އަވަސް ގޮތެއްގައި، މުހިންމު ފިޔަވަޅުތަކެއް އަޅާން އެބަ ޖެހެއެވެ. އަދި، މި ކަންކަން އިސްލާހުކުރުމުގެ މަގުތައް ކޮށައި، އެ މަގުތަކުގައި ހަރުދަނާ އަމަލީ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅާން އެބަޖެހެއެވެ. އެހެން ނޫން ނަމަ، ދިވެހި ސަގާފަތާއި ދިވެހި ޤައުމިއްޔަތު އަބަދުގެ އަބަދަށް ގެއްލި އޭގެ ފަހަތުން ސިޔާސީ މިނިވަންކަން ވެސް ގެއްލުމުގެ ބިރު އެބަ އޮތެވެ.

ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުންދެއްވައި، މި ކަންކަން އިސްލާހުކުރުމުގެ ހެޔޮ ތައުފީގު އެންމެ ހައި ދިވެހީންނަށް ދެއްވާށިއެވެ! އާމީން!

ބައެއް ލަފުޒުގެ މާނަ

ނިރުބަވެރި   ނއ.   އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަމާ ގުޅޭ

ފިކުރު      ނ.    (1) ޚިޔާލު (2) ވިސްނުން (3) ބުއްދި

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

ގައުމިއްޔަތު   ނ.   (1) ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރު. (2) ޤައުމުވަންތަކަން. (3) ވަކި ޤައުމަކަށް ނިސްބަތްވާ ނިސްބަތްވުން.

ޖީލު       ނ.    (1) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް.

ކޮމެންޓު
ކޮމެންޓުތައް
މުޙައްމަދު
26 ޖުލައި 2025 13:46
ލިޔުންތެރިޔާ ތިޔަ ފާހަނގަކުރެއްވި ކަންތައްތަކަކީ މިއަދުގެ ޖީލުން ވިސްނަންޖެހޭ މުހިއްމު ވާހަކަ ތަކެކެވެ. އަދުގެ ސަރުކާރުންވެސް އެކަމަކީ މުހިންމުކަމެއް ކަމުގައި ދެކި، ތިޔަ ފާހަނގަކުރެއްވި ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ވުޒާރާއެއް އުފައްދަވައި ވަޒީރަކުވަނީ ލައްވާފައެވެ. އެކަމަކު ތިޔަ ވިދާޅުވި އެއްވެސް ކަމެއް ރަނގަޅުކުރުމަށް އިއްޒަތްތެރި ވަޒީރު އުޅުއްވާތަނެއް ނުފެނެއެވެ. ދެން ދަށަށް ތިބި މީހުންނަށް ކުރެވޭނެ މާބޮޑުކަމެއް އޮންނާނެބާ؟