ad_banner
ތަސްވީރެއް ހަނދާންކޮށްދޭ ވާހަކައެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

22 ޖުލައި 2025

ލީބިޔާގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރެއްވި ޢޫމަރުލްމުޚުތަރު (ހިލިހިލާޖަހައިފައި)

ތަސްވީރުން އެ ފެންނަ، ހިލިހިލާޖަހައިފައިވާ ބޭކަލަކީ ލީބިޔާއަށް މިނިވަންކަން ހޯއްދަވައިދެއްވާން، އިޓަލީގެ އިސްތިއުމާރުގެ ބާރުތަކާ އިދިކޮޅަށް، ހަނގުރާމަކުރެއްވި ލީބިޔާގެ ޒައީމު، އުމަރު އަލްމުޚްތާރު، 1931ގައި ހައްޔަރުވުމަށް ފަހު، ދަންޖައްސާން ގެންދެވޭ މަންޒަރެވެ. މި ފޮޓޯއިން ފެންނާން ތިބި މީހުންގެ ތެރެއިން އެކަކު ވެސް މިއަދަކު ދުނިޔޭގައެއް ނެތެވެ. އަދި އެ މީހުންގެ ވާހަކަ ދައްކާނޭ މީހަކު ވެސް ނޫޅެޔޭ ބުނެވިދާނެއެވެ. އެކަކު ފިޔަވައެވެ. އޭނާ ހައްޔަރުވެ، ދަންޖައްސައި ޝަހީދުކޮށްލުމުން، މިނިވަންކަމަށް ލޯބިކުރާ މީހުންގެ ހަރަކާތް ހުއްޓިގެންދާނެކަމަށް ހީކޮށް، ލީބިޔާގެ މުސްތައުމިރުން ހިތްހަމަޖައްސައިލިކަން މި ފޮޓޯއިން ވެސް ސާފުކޮށް ފެނެއެވެ. ނަމަވެސް، ކަން ނިމިގެން ދިޔައީ އެހެންނެއް ނޫނެވެ. ލީބިޔާގެ މުޖާހިދުންނަށް އެންމެ ފަހުން ކާމިޔާބު ލިބުނެވެ. އަދި، ނިކަމެތިކޮށްލެވުނުކަމަށް ބެލެވުނު ޝަހީދު އުމަރު އަލްމުޚްތާރު ފާހަގަވެގެން ދިޔައީ ހިއްވަރުގަދަ ހަގީގީ ބަތަލަކެށެވެ. އޭނާގެ ނަމާއި އެ ނަމާ ގުޅިފައިވާ ހަނދާންތަކަށް ކުޑަކޮށް ވެސް ފަނޑުވުމެއް ނެތެވެ!

މި ކަން، ބުނެދީ ހަނދާންކޮށްދެނީ ކޮން ކަމެއްހެއްޔެވެ؟ އެ މީހުންގެ ލެޔަކީ ބޭކާރުވެގެންދާ އެއްޗެއް ނޫންކަމެވެ. އެ މީހުންގެ ޖިހާދާއި ގުރުބާންވުމަކީ އެއިން އެހެން މީހުން އިލްހާމު ލިބިގަނެ، އެ މީހުން ފަދައިން މިނިވަންކަމަށް ޓަކައި މަސައްކަތްކުރުމުގެ ހިއްވަރު ލިބިގަންނަކަމެކެވެ. އެ މީހުން މަރައިލުމަކުން އެ މީހުންގެ އަސަރު ފިލައިގެންނެއް ނުދެއެވެ. އަބަދުގެ އަބަދަށް، ދޫތަކުގައި އެ މީހުންނަށް ހެޔޮ ބަސް ބުނެވި، އެ މީހުންނަށް ޓަކައި ހެޔޮ ދުއާކުރެވެމުން ދެއެވެ. އާދޭހެވެ! ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. وجعلنا لهم لسان صدق عليا. (އަންނާން އޮތް ޖީލުތަކުގެ މީހުންގެ) ދޫމަތީގައި، އެ މީހުންނަށް ޓަކައި، ހެޔޮ ބަސްބުނެ (މަތިވެރި ރީތި ނަން ލިބޭ ގޮތް) މެދުވެރިކުރެއްވީމެވެ. (މަރިޔަމް ސޫރަތުގެ 50ވަނަ އާޔަތުން). މިއާ ޚިލާފަށް، ހަނދާނުން ފޮހެވި، އެ މީހުންގެ އަސަރު މުޅީން ފޮހެވިގެންދަނީ އަނިޔާވެރީންގެ ނަންތަކެވެ. ބާތިލުގެ މަގުގައި ހިނގައި، ބާތިލު ގޮތް ފަތުރާން މަސައްކަތްކުރި މީހުންގެ ނަންތަކެވެ. ފަހުން، އެ ފަދަ ޚިޔާނަތްތެރިންނާއި ޣައްދާރުންގެ ނަންގަނެވޭ ހިނދު، އެ މީހުންނަށް، މީސްތަކުންގެ ބަދުދުއާއާއި ލައުނަތް ނޫން އެއްޗެއް ނުލިބެއެވެ. ކިރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. وأتبعناهم في هذه الدنيا لعنة وفي الآخرة من المقبوحين. ދެން، އެ މީހުން ނިމި ދިޔުމަށް ފަހު، ދުނިޔެމަތީގައި ވެސް އެ މީހުންނަށް ލައުނަތް ލިބޭ ގޮތް މެދުވެރިކުރެއްވީމުއެވެ. އަދި، އެއަށް ފަހު، އާޚިރަތް ދުވަހުން އެ މީހުންވާނީ (ހަލާކުގެ ތެރެއަށް ލެވި) ހުތުރުވެގެންވާ ބަޔެއްކަމުގައެވެ. (ޤަޞަޞު ސޫރަތް: 42ވަނަ އާޔަތް).

 

ދެ ލަފުޒެއްގެ މާނަ:

އިސްތިއުމާރު  ނ.    މިނިވަން ޤައުމެއް އަސްކަރީ ނުވަތަ ސިޔާސީ ނުވަތަ އިޤުތިޞާދީ ގޮތުން އަޅުވެތިކުރާކުރުން.

މުސްތައުމިރުން ނ.    މިނިވަން ޤައުމެއް އަސްކަރީ ނުވަތަ ސިޔާސީ ނުވަތަ އިޤުތިޞާދީ ގޮތުން އަޅުވެތިކުރާ މީހުން.

ކޮމެންޓު