ad_banner
މިނިވަންދުވަސް ފާހަގަކުރަމުންދާ އިރު، ހަނދާންކޮށްލާން ޖެހޭ މުހިންމު ބައެއް ކަންތައްތައް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

26 ޖުލައި 2025

މިނިވަންދުވަސް ފާހަގަކުރަމުންދާ އިރު، ހަނދާންކޮށްލާން ޖެހޭ މުހިންމު ބައެއް ކަންތައްތައް

(ނޯޓު: މިއީ މީގެ ފަސް އަހަރު ކުރީން އައި މިނިވަންދުވަހެއްގެ މުނާސަބަތުގައި ޑރ. ޢަބްދުލްޣަފޫރު ލިޔުއްވި އަގު ހުރި ލިޔުމެކެވެ. މި ނުކުތާ ހަނދުމަފުޅުގައި ބަހައްޓަވައިގެން މި ލިޔުން ވިދާޅުވުން އެދެމެވެ. އަދި މި އަދަށް ވެސް މި ލިޔުމުގެ މުހިންމުކަން ބޮޑުކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ލިޔުން ޝާއިޢުކޮށްލީއެވެ! މިނިވަންދުވަހުގެ ތަހުނިޔާ ތިޔަ ހުރިހައި ބޭފުޅުންނަށް ވެސް އަރިސްކުރަމެވެ.)

މިއަދަކީ، އަޅުގަނޑުމެން އާންމުން ކިޔާ ގޮތުން ނަމަ ޖުލާއީ ސައްބީސް ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ލިބުނުމަށް، އިތުރު އަހަރެއް ފުރޭ ދުވަހެވެ. މި ދެންނެވި މިނިވަންކަން ލިބުނީ 1965ގައެވެ. އެ އަހަރު ޖުލައީ މަހުގެ 26ވަނަ ދުވަހު، އިނިގިރޭސިންނާއި އޭރުގައި އޮތް ދިވެހި ސަރުކާރުގެ އިސްވެރިންނާ ކުރެވުނު މިނިވަންކަމުގެ އެއްބަސް ވުމުގައި ސޮއިކުރެވުމުންނެވެ. މިއަދަކީ އެ ދުވަހު ލިބުނު މިނިވަންކަން ފާހަގަކުރާ ދުވަސްކަމުގައިވާ އިރު، މިއަދު ހަނދާންކޮށްލާން ޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. މި ލިޔުމުގައި މި ފަދަ ކަންތައްތަކެއް ލިޔެ، ފާހަގަކޮށްލާން ގަސްދުކުރަމެވެ.

މި ކަންކަން ފާހަގަކޮށްލުމުގެ ކުރީން ދަންނަވައިލާން ބޭނުންވަނީ ރާއްޖެއަކީ ރާއްޖޭގެ ދިގު ތާރީޚަށް ބަލައިލާ އިރު، އަބަދުހެން ވެސް، މިނިވަންކަން މަތީ އޮތް ގައުމެކެވެ. ރާއްޖެއަކީ، ބޭރު ބަޔެއްގެ އެއްވެސް ނުފޫޒެއް ނެތި، ތަނުގެ އަމިއްލަ ސިޔާސަތަކީ އާންމު ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރެވިފައި އޮތް ސިޔާސަތަކަށް ނުވިކަމުގައި ވިޔަސް، އެ ސިޔާސަތު އަމިއްލައަށް އެކުލަވައިލައިގެން، މިނިވަންކަމާ އެކު، ދިވެހީން އުޅެމުން އައި ރާއްޖެއެކެވެ. ރާއްޖެއާ ބެހޭ ގޮތުން ލިޔެވިފައިވާ އެންމެ އިހުގެ ލިޔުންތަކަށް ބަލައިލާ އިރު، ވަރަށް ސާފުކޮށް މި ކަން އެނގެއެވެ. މިސާލަކަށް، މީލާދީން ސާދަވަނަ ގަރުނުގައި، ރާއްޖެ ޒިޔާރަތްކުރެއްވި ސައްޔާހު، އިބުނު ބަތޫތާ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ލިޔުމުގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ގައުމެއްކަމާއި، ދިވެހިންނަކީ މިނިވަން ބަޔެއްކަން ފާހަގަކުރައްވައިފައި ވެއެވެ.

ނަމަވެސް، ރާއްޖޭގެ ތާރީޚަށް ބަލައިލާ އިރު، ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ސިޔާސީ މިނިވަންކަމަށް ބުރޫއަރައިފައި ވެއެވެ. ފުރަތަމަ ފަހަރަކީ ސޯޅަވަނަ ގަރުނުގައި ސަތާރަ ވަރަކަށް އަހަރު ވަންދެން، ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖޭގެ މިނިވަންކަން ދިޔަ ދިޔުމެވެ. ޕޯޗުގީޒުން، ރާއްޖެއަށް އައީ ޕޯޗުގަލަކުންނޫނެވެ. އެމީހުން ރާއްޖެ އައީ އިންޑިޔާ، (އާދެ! އެ ދުވަސްވަރު ދިވެހީން ކިޔާ ގޮތުން ނަމަ) އުތުރު ކަރައިންނެވެ. ޕޯޗުގީޒުންގެ އިސްތިއުމާރީ މަރުކަޒެއްކަމުގައި ވެފައި އޮތް އިންޑިޔާގެ ހުޅަނގު ފަރާތުންނެވެ. މި ކަން ފާހަގަކޮށްލާން ޖެހޭ ސަބަބު ފަހުން ބަޔާންކުރެވޭނެއެވެ.

ދެވަނައަށް، ރާއްޖޭގެ ސިޔާސީ މިނިވަންކަން ގެއްލިގެން ދިޔައީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނުތާ 170ވަރަކަށް އަހަރު ފަހުން، މީލާދީން 1757ގެ ޖޫން މަހު ހޮޅީންގެ އަތް ދަށުވެގެންނެވެ. ހޮޅީންނަކީ ވެސް ހަމަ އުތުރުކަރައިގެ ބަޔެކެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރީގައި އުޅޭ މީހުންނެވެ. ސިލޯނުގައި މި މީހުންނަށް ކިޔައި އުޅެނީ ސޯޅިންނެވެ. ރާއްޖޭގައި މި މީހުންނަށް ތަފާތު ނަންނަން ކިޔައިއުޅުނެވެ. މީގެ ތެރޭގައި ހޮޅީން ހިމެނެއެވެ. އަދި މީގެ އިތުރުން، ސޯޅިޔާއިން، މަލަބާރީން، މުއްކަވާރުން ވެސް، މި މީހުންނަށް ދިވެހީން ކިޔައި އުޅުނެވެ. ލަފާ ކުރެވޭ ގޮތުގައި މިމީހުންނަށް 'ހޮޅީންނޭ' ކިޔިފައިވަނީ އެއް ދުވަސްވަރެއްގައި އުތުރުކަރައިގެ އެހިސާބުގަނޑުގައި އޮތް ޗޯލާ ވެރިކަމަށް ނިސްބަތްކޮށެވެ. ހޮޅީންގެ އަތްދަށުގައި ތިންމަހެއް ހައި ދުވަސް ވާންދެން ރާއްޖެ އޮތެވެ.

މި ދެ ފަހަރު ވެސް ރާއްޖޭގެ މިނިވަންކަން ގެއްލުނީ ދިވެހިންގެ ޣައްދާރު ޚާއިނު ބަޔެއްގެ ޣަދަރާއި ޚިޔާނަތުގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ބޭރު ބަޔެއްގެ އެހީ ހޯދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖެ ދިޔައީ ހަސަން (ނުވަވަނަ) ރަސްގެފާނު، ނުވަތަ، އިސްލާން ދީން ދޫކޮށްލައްވައި، މަސީހީ ދީން ޚިޔާރުކުރެއްވުމަށް ފަހު، ކިޔުނު ނަމުންނަމަ، ޑޮން މެނުއަލް، ވެރިކަން ހޯއްދެވުމަށް ޓަކައި ޕޯޗުގީޒުންގެ އެހީ ހޯއްދެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދެވަނަ ފަހަރަށް، ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަޙުމަދު މުޙްޔިއްދީނު، ވެރިކަމަށް ދަހިވެތިވެ ވަޑައިގެން ބޭރު ބަޔެއްގެ އެހީ ހޯއްދެވުމުގެ ނަތީޖާގެ ސަބަބުންނެވެ. މި ފަހަރު ކަންތައް ވެގެން ދިޔަ ގޮތަކީ، ހޮޅިންނަށް ރާއްޖޭގެ ވެރިކަން ލިބުމުން، މި ދެ ޚާއިނުން ކަނޑުފައްތައި މެރުމެވެ. ހޮޅިން ދުށް ގޮތުގައި، އަމިއްލަ ވަޒަނާއި އަމިއްލަ ދީނަށް، އަދި އަމިއްލަ މީހުންނަށް ވެސް، ނެތް އިޚުލާސްތެރިކަމެއް ބޭރު ބަޔަކަށް ނޯންނާނެއެވެ.

މަތީގައި ދެންނެވި ދިޔަ، ރާއްޖޭގެ މިނިވަންކަން ގެއްލުނު ދެ ފަހަރަށް ބަލައިލާ އިރު ފާހަގަވާ ދެކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، އެ ދެ ފަހަރު ވެސް، ރާއްޖޭގެ މިނިވަންކަމާ ތޮޅޭން އައީ އުތުރު ކަރައިންކަމެވެ. މިހާރުގެ ބަހުރުވައިން ނަމަ، އިންޑިޔާއިންކަމެވެ. ދެވަނަ ކަމަކީ، ކުރިން ވެސް ބުނިފަދައިން، މި ކަން ކުރެވުނީ، މި ކަމަށް މަގުފަހިކޮށްދޭނޭ، ދިވެހި ޣައްދާރު ޚާއިނުންގެ ބަޔަކު ތިބީމައެވެ. ވެރިކަމަށް ބޫތުކައިފައި ތިބި، އަދި، އެއީ ސީދާ އެމީހުންގެ ހައްގެއްކަމުގައި ދުށް، ޑޮމް މެނުއަލްއާއި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަހުމަދު މުޙުޔިއްދީނު ފަދަ ޣަދަރުވެރި ޚާއިނުން ތިބީމައެވެ. އެއީ އުތުރު ކަރަ ބޮޑު ވެގެން، ނޫނީ އެކަރައިގެ ބާރު ގަދަވެގެންވީ ކަމެއް ނޫނެވެ. ވެރިކަމުގެ އަމިއްލަ އެދުމުގައި ތިބި ބަޔަކު، އެ ކަމުގެ އެދުމުގައި ގައުމު ވިއްކައިލުމަކީ ވެސް ހަމަ އެންމެ ރަނގަޅުކަމެއްކަމުގައި ދުށީމައެވެ. ދެން، ސިޔާސީ ހޭލުންތެރިކަމެއް ނެތް ރައްޔިތެއް (ޕަބްލިކެއް) އޮތީމައެވެ. ވެރިކަމުގައި ތިބި ބަޔަކު ކުޅޭ ކުޅިގަނޑުގައި ކޮޅު ނަގައި އަތްތިލަބަޑިޖަހާން ތިބީ މައެވެ. ނޫން ނަމަ، އެއީ ތިމާމެންނާ ބެހޭ ކަމެއް ނޫނޭ ކިޔައި އަޅައިނުލައި ތިބީމައެވެ. މިނިވަން ދުވަސް ފާހަގަކުރަމުންދާ އިރު، މިއީ ކޮންމެހެން ވެސް ހަނދާނުގައި ބަހައްޓާން ޖެހޭ ނުކުތާއެކެވެ. ޚިޔާނަތްތެރި ޣަދަރުވެރީންގެ އަތް މައްޗަށް ރާއްޖޭ ދޫކޮށްފައި އެ މީހުން ކުޅޭ ކުޅިގަނޑެއް ވަރިހަމަވެފައި ނުތިބުމެވެ. މިނިވަންކަން މަތީ، ކުރިއަށް އޮތް ޖީލުތަކަށް، ރާއްޖެ ފޯރުކޮށްދިނުމަށް ޓަކައި ކޮންމެހެން ވެސް ދެނެގަންނަން ޖެހޭނޭ ކަންކަމެވެ. ތާރީޚުގައި ވެދިޔަ ކުށްތައް ތަކުރާރުވެ ދިޔަ ނުދިނުމަށް ޓަކައެވެ.

މި ތަނުގައި މި ކަމާ ގުޅޭ އެހެން ވާހަކައެއް ލިޔެލުން މުހިންމުކަމަށް ދެކެމެވެ. ބައެއް ފަހަރު، ތާރީޚީ ހަގީގަތްތައް އޮޅުވައިލައި، އަލުން ތާރީޚު ލިޔެ އުޅުމުގެ މައްސަލައެވެ. މިނިވަން ގައުމުތަކަށް އަރައި ގަނެ، ބަޔެއްގެ މިނިވަންކަން ގެއްލުވައިލުމަކީ ނުރަނގަޅު އަމަލަކަށްވުމުން، ތާރީޚުގައި އެ ކަން ކުރި މީހުންގެ މާ ބޮޑު ކުށެއް ނެތްކަމާއި، އެ ނުރަނގަޅު އަމަލުން ބަރީއަކުރުމުގެ ގޮތުންނެވެ. ޚާއްސަ ގޮތެއްގައި، އެހެން ގައުމުތަކަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން މައުސޫމު އެތައް ބަޔެއްގެ ފުރާނަ ގެއްލި، އަނެއް ބަޔަކަށް އަނިޔާކުރެވިފައިވާ ނަމައެވެ. މީގެ އިތުރަށް ޚިޔާނަތްތެރި ޣަދަރުވެރި އަމަލެއް ވަކި ބަޔަކު ހިންގުމުން، އެއީ އެމީހުން ނުކުރާ ކަމެއްކަން ދެއްކުން ވެސް އަލުން ތާރީޚު ލިޔުމުގެ ސަބަބަކަށް ވެފައި އޮވެއެވެ. މި ކަމަކީ ވެސް މިނިވަންކަމުގެ ވާހަކަ ދެކެވޭ ދުވަހެއްގައި ހަނދާނުގައި ހަރުކޮށްލާން ޖެހޭ ކަމެކެވެ. މި ފަދަ ކަންކަމަށް ވެސް ހޭލުންތެރިވެ، އަމިއްލަ ތާރީޚު ދަސްކޮށް ދެނެގަތުމަކީ ވަރަށް ވެސް މުހިންމު ކަމެއްކަމަށް ދެކެ އެ ކަމުގެ މަސައްކަތް ވެސް ކުރުމަށް ޓަކައެވެ.

މިހާރު، ރާއްޖޭގައި ވެސް ޕޯޗުގީޒުންގެ ވާހަކައާއި ހަސަން (ނުވަވަނަ) ރަސްގެފާނު ނުވަތަ ޑޮމް މެނުއަލްގެ ވާހަކަ ތަފާތު ގޮތް ގޮތަކަށް ދެކެވޭން ފަށައިފިއެވެ. މި ވާހަކަތައް، އަދި، ވައިގައި ނުހިފާ ކަމުގައި ވިޔަސް، މި ކަމަށް އަޅުގަނޑުމެން ސަމާލު ނުވެއްޖެ ނަމަ، ތާރީޚު ބަދަލުކޮށްލެވި، މުޅިން 'އާ ތާރީޚީ ހަގީގަތްތަކެއް' ހަދައިލާ ތަން އަތުވެދާނެއެވެ. ފަލަސްތީނުގައި އޮތް އަރަބި ހަތަރު ސަތޭކައަށް ވުރެ ގިނަ ވިލެޖުތަކާއި އަރަބި ރަށުފާހަގަތައް (ލޭންޑްމާކު) މުޅިން ފުހެލައި ނެތިކޮށް ތާރީޚީ އާ ހަގީގަތްތަކެއް ހަދަމުންދާ ފަދައިންނެވެ.

މިހާރު، މި ގޮތުން ދެކެވޭ ވާހަކަތަކުގައި ޕޯޗުގީޒުންގެ ދަށުގައި ރާއްޖެ އޮތްކަމަށް އިންކާރުކުރެއެވެ. އަދި ރާއްޖެއަށް ޕޯޗުގީޒުން ނާންނަކަމާއި ރާއްޖޭގައި ޕޯޗުގީޒުން ބާރު ނުހިންގޭ ވާހަކަ ބުނެވެއެވެ. ޝައްކެއްނެތް ގޮތުގައި ރާއްޖެއަށް ޕޯޗުގީޒުން އައީ ޕޯޗުގަލަކުން ނޫނެވެ. އަދި، ދުރާލައި މި ކަމަށް ރޭވުންތަކެއް ނުރޭވި ވެސް އޮވެދާނެއެވެ. ނަމަވެސް، އިންޑިޔާ ކަނޑުގެ ތަފާތު ސާވޭތައް ސާދަވަނަ ގަރުނާއި ފަނަރަވަނަ ގަރުނުގައި ޕޯޗުގީޒުން ކުރިކަމާއި އަދި ރާއްޖެއާ ބެހޭ މައުލޫމާތު ވެސް އެއްކުރިކަމުގެ ލިޔުންތައް ޝާއިއުކުރެވިފައި އެބަ ހުއްޓެވެ. މީގެ އިތުރަށް އެނގޭ ކަމަކީ ޕޯޗުގީޒުންގެ އިސްތިއުމާރީ އެމްޕަޔައެއް ދުނިޔޭގައި އޮތް ކަމެވެ. އެމެރިކާގައްޔާއި އެފުރިކާގައްޔާއި އަދި އޭޝިޔާގައި ވެސް މެއެވެ. އިންޑިޔާގެ ހުޅަނގު ދެކުނުގައި ވެސް އެ މީހުންގެ ބާރު އޮތެވެ. ރާއްޖެއަށް ޕޯޗުގީޒުންއައީ އިންޑިޔާގެ ހުޅަގު ދެކުނުންނެވެ. މި ކަން ހިނގަން ދިމާވީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ އެދުމުގެ މަތިންވެސް މެއެވެ. މި ކަން ކުރުމުގެ ގޮތުން، ޕޯޗުގީޒުގެ ފަރާތުން އިންޑިޔާގައި ހުރި ގަވަރުނަރާއި ޕޯޗުގީޒުގެ އޭރުގެ ރަސްގެފާނު މެނުއަލް އެއްވަނައާ ދެމެދު ސިޓީތަކެއް ބައްދަލުކުރެވުނު ވާހަކަތައް ވެސް ލިޔުންތަކުން ފެނެއެވެ. އެހެންވެ، ރާއްޖެއަށް ޕޯޗުގީޒުން އައި ވާހަކަ ދައްކާ އިރު، އޭގެ މާނައަކީ ސީދާ ޕޯޗުގަލްއިން އެ މީހުން އައި ވާހަކައެއް ނޫނެވެ. އަދި އެ މީހުންގެ ބޮޑު ލަޝްކަރެއް ރާއްޖެ އައި ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް، ރާއްޖެއަށް ޚިޔާނަތްތެރިވި ބަޔަކުގެ އެދުމާ ވެސް އެކު، ޕޯޗުގީޒުންގެ ވެރިކަމުގެ ދަށުގައި އެމީހުން ފޮނުވި ބަޔަކު އައިސް ޕޯޗުގީޒުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔަ ވާހަކައެވެ. ހަސަން (ނުވަވަނަ) ރަސްގެފާނު މަސީހީ ދީން ގަބޫލުކުރައްވައި ނަން ބަދަލުކުރެއްވި އިރު ޚިޔާރުކުއްވި ނަމަކީ ހަމަ ގައިމު ވެސް ހިންދީ ނަމެއް ނޫނެވެ. ނުވަތަ މަލަބާރީ ނަމެއް ނޫނެވެ. ޕޯޗުގީޒުންގެ ނަމެކެވެ. އަދި ފަހު ނަމަކީ އެ ދުވަސްވަރުގެ ޕޯޗުގީޒުގެ ރަސްގެފާނު، މެނުއަލް އެއްވަނަ، މި ރަސްގެފާނުގެ ނަންފުޅުވެ. އާދެ، ޑޮމް މެޏުއަލް މި ނަމެވެ. މިއިން ވެސް އެނގެނީ ހަސަން (ނުވަވަނަ) ރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު ގުޅުން އޮތްކަމެވެ. އަދި ރާއްޖެއަށް އައި ބަޔަކީ، ހަސަން (ނުވަވަނަ) ރަސްގެފާނު ޕޯޗުގީޒުންގެ މަދަދަށް އެދިވަޑައިގަތުމުން، އެ މީހުން ފޮނުވި ބަޔެކެވެ. އަދި އެ ބަޔަކު ރާއްޖެ ހިފައި ރާއްޖެ އަޅުވެތިކުރިއެވެ. މީގެ އިތުރަށް ރާއްޖޭގެ މީހުންގެ 'ކަރަށް ރާ އަޅައި' މަސީހީ ދީނަށް ވައްދާން އުޅުނުކަމުގެ ވާހަކަ ވެސް ބައެއް ލިޔުންތަކުން ފެނެއެވެ. މިއީ އިންޑިޔާގެ މަލަބާރީން ކޮށްފާނެ ކަމެއްހެއްޔެވެ؟ މަސީހީ ދީން ފަތުރާން އެ މީހުން އުޅުނީ ކޮން އިރަކުހެއްޔެވެ؟

ކޮންމެއަކަސް މިނިވަންކަމުގެ ވާހަކަ ދައްކައި މިނިވަންކަމުގެ އިހުތިފާލުކުރެވޭ އިރު، ތަނުގެ ތާރީޚުގެ ވާހަކަ ދައްކާން ޖެހެއެވެ. ކުރީން ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ތާރީޚު އެނގޭން ޖެހެއެވެ. އަޅުގަނޑުމެންގެ ތާރީޚާ ބެހޭ އިލްމީ ދިރާސާތުތައް އަމިއްލައަށް ކުރާންޖެހެއެވެ. މި ފަދަ ބައެއް ދިރާސާތުތައް ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި މިހާރު ކުރެވެމުންދާކަން އުފަލާ އެކު ފާހަގަކުރަމެވެ. މި ފަދަ ދިރާސާތުތައް އިތުރުކޮށް އަޅުގަނޑުމެންގެ ތާރީޚުގެ ޚަބީރުން އަޅުގަނޑުމެންގެ ތެރެއިން އުފެދޭން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ޅަދަރީންނަށް، އިލްމީ ސިފައެއްގައި، ހަރުދަނާ ގޮތެއްގައި، އަޅުގަނޑުމެންގެ ތާރީޚު ކިޔަވައިދޭން ޖެހެއެވެ.

މިނިވަންކަން ގެއްލުމުގެ މި ދެންނެވި ދެ ފަހަރުގެ އިތުރަށް، ނަވާރަވަނަ ގަރުނުގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައެވެ. އޭރު ދުނިޔޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މި ކަމަކީ ރާއްޖެއަށް މުހިންމު ކަމެއްކަމުގައި ރާއްޖޭގެ ސިޔާސީ ވެރީން ދެކިވަޑައިގަތުމުންނެވެ. ރާއްޖޭގެ ހުރިހައި ކަމެއް ހެން ބިނާވެފައި އޮތީ ކަނޑު ދަތުރުތަކުގެ މައްޗަށްކަމުން، ކަނޑުތަކުގެ އަމާންކަން ހޯދުމުގެ ވެސް ބޭނުމުގައެވެ. ކޮންމެއަކަސް މި މިނިވަންކަން ގެއްލިފައި އޮތުން ގުޅިފައި އޮތީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއެވެ. އެ އެއްބަސްވުމުގެ ސަބަބުން މި ކަން ކުރެވޭން އޮތީ އިނގިރޭސީންގެ ބެލުމުގެ ދަށުންނެވެ. މި ގޮތުގައި އޮތުމަށް ފަހު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965ގެ ޖުލާއީ މަހުގެ 26ވަނަ ދުވަހުއެވެ. މިއަދު މިފާހަގަކުރަނީ މި މިނިވަންކަން ލިބުނު ލިބުމެވެ.

މިއަދު މިނިވަން ދުވަސް ފާހަގަކުރެވެމުންދާ އިރު، ފާހަގަކޮށްލާން ޖެހޭ އަނެއް ނުކުތާއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިޔާއިން ނުރައްކަލެއް އަތުވެދާނެކަމުގެ ބިރެވެ. އިންޑިޔާގެ އެދޭ ގޮތަކަށް ރާއްޖޭގައި ކަންތައްތައްކުރާން މަގުފަހިވާ ގޮތަށް އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވެމުންދާކަމެވެ. މި ވާހަކަތަކަކީ ބޭރު ނޫސްތަކުގައި ބޭރުގެ ލިޔުންތެރީން ޝާއިއުކޮށް ދައްކަމުންދާ އާންމު ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެ ކަން ދެނެގަންނާން ބޭނުންވާ ކޮންމެ މީހަކަށް ވެސް ދެނެގަނެވޭން އޮތް ކަމެކެވެ. ކޮންމެ އަކަސް، އިންޑިޔާއިން ރާއްޖޭއާ މެދު ބާއްވާން ބޭނުންވާ ގުޅުން، އިންޑިޔާގެ ބައެއް އަވައްޓެރި ގައުމުތަކާ އިންޑިޔާ ބާއްވާ ގުޅުމާ މެދަށް ބަލައިލުމުން ފެނެއެވެ.

މިސާލަކަށް އިންޑިޔާއާ ބޫޓާންގެ ގުޅުމުގެ މައްޗަށް ބަލައިލާށެވެ. މި ގުޅުން ބިނާވެފައިވަނީ ހަމަހަމަ ދެ ގައުމުގެއްގެ ގުޅުން އޮންނަ ގޮތަށް ވުރެ ބޮޑަށް އިންޑިޔާއިން ބޭނުންވާ ގޮތަކަށް ކަންތައް ކުރެވޭ ސިފައަކަށެވެ. އިންޑިޔާއާއި ބޫޓާނުގެ މި ގުޅުން ސިފަކުރެވެނީ 'ޚާއްސަ ގުޅުމެއްގެ' ގޮތުގައެވެ. މީގެ މާނައަކީ ބޫޓާނުގައި އިންޑިޔާ ބޭނުންވާ ގޮތަށް ކަންތައްކުރުމުގެ ބާރާއި އިޚުތިޔާރު އިންޑިޔާއަށް ލިބިފައި އޮތުމެވެ. މި ގޮތުން ބޫޓާނުގެ ޚާރިޖީ ސިޔާސަތާއި ވިޔަފާރިއާއި އަދި އަސްކަރިއްޔާގެ މައްޗަށް 'ނުފޫޒު ފޯރުވުމުގެ' ބާރު އިންޑިޔާއަށް ލިބިގެން ވެއެވެ. މާނައަކީ ބޫޓާނުގެ މި ދާއިރާތަކަކީ އިންޑިޔާގެ ބާރުގެ ދަށުގައިވާ ދާއިރާތަކެކެވެ. މި ސަބަބަށް ޓަކައި ބޫޓާނު ސިފަކުރެވެނީ އިންޑިޔާގެ 'މަހުމިއްޔާ' (ޕްރޮޓެކްޓަރޭޓެއް) ނޫންކަމުގައި ވިޔަސް ބޫޓާނަކީ އިންޑިޔާއިން 'ހިމާޔަތްދީފައިވާ' (ޕްރޮޓެކްޓަޑް) ތަނެއްގެ ގޮތުގައެވެ. އަދި، މި ކަން މިގޮތުގައި ދެމެހެއްޓުމަށް ޓަކައި، އިންޑިޔާގެ ލަޝްކަރުގެ 2000 ސިފައިން ބޫޓާނުގެ ސިފައިން 'ތަމްރީނުކުރުމުގެ ގޮތުން' ތިބެއެވެ. މި ކަމުގެ ބަދަލެއްގެ ގޮތުގައި، ގާތްގަނޑަކަށް އެއް ހާސް މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ބޫޓާނަށް ލިބެއެވެ. އާދޭހެވެ! ބޫޓާނަކީ، ހަގީގަތަށް ބަލާ އިރު، ސިޔާދަތަކާއި މިނިވަންކަމެއް ލިބިފައި އޮތް ގައުމެއް ނޫނެވެ.

އިންޑިޔާއާއި ބޫޓާނުގެ ދެމެދުގައި އޮތް ގުޅުމަށް ބަލައިލުމުން، އިންޑިޔާއިން ރާއްޖެއާ މެދު ބާއްވާން ބޭނުންވަނީ ކޮން ކަހަލަ ގުޅުމެއްކަން އެނގެއެވެ. އިންޑިޔާއިން ބޭނުންވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ރާއްޖޭގެ ވިޔަފާރިއާއި އަދި ރާއްޖޭގެ އަސްކަރިއްޔާ އިންޑިޔާގެ ބާރުގެ ދަށުގައި ބޭއްވުމެވެ. ސަބަބަކީ މި ކަންކަން ކޮންޓުރޯލު ކުރެއްވިއްޖެ ނަމަ، ކޮންމެހެން، އެހެން އިތުރު ކަމެއް ނުކުރެވުނަސް މުޅި ތަން ކޮންޓުރޯލު ކުރެވޭނެތީއެވެ. އޭރުން ތަނުގެ ސިޔާދަތާއި ތަނުގެ މީހުންގެ މިނިވަންކަން އޮންނާނީ ނަމެއްގެ ގޮތުގައެވެ. މި ކަންކަން މި ހެން ވަމުންދާކަމުގެ ހެކިތައް މިހާރު ވެސް ފެންނަމުން އެބަ ދެއެވެ.

ޚާރިޖީ ސިޔާސަތަށް ބަލައިލާ އިރު، މި ކަން، ދެ ގޮތަކަށް ފެނިގެން ހިނގައްޖެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ޕާކިސްތާނުގައި މިނިވަންކަމާ އެކު، ދަތުރުކުރެވެނީ އިންޑިޔާގެ ރުހުން ލިބިގެންނެވެ. އަދި، ޕާކިސްތާނުގެ އެހީއެއް ރާއްޖެއިން ބަލައިގަނެވެނީ ވެސް، ބައެއް ފަހަރު، މި ރުހުން އޮވެގެންނެވެ. ހަމަ އެހެންމެ، ޗައިނާއާ ރާއްޖެއާ އޮންނާން ޖެހެނީ ވެސް، އިންޑިޔާ އެދޭ ކަހަލަ ގުޅުމެކެވެ. އިންޑިޔާއާ މެދު ރާއްޖޭގައި ފާޑުކިޔިއްޖެ ނަމަ، ސަރުކާރުގެ އިސްފަރާތުން، އެ ކިޔުނު ފާޑުކިޔުމަކަށް ސީދާ ރައްދު ނުދީ، ދެކެވެނީ ޗައިނާގެ ވާހަކައެވެ. އާދޭހެވެ! ރާއްޖެ މިހާރު ވެފައި އޮތީ އިންޑިޔާއިން ޗައިނާގެ ގައިގައި ތަޅާން ގެންގުޅޭ ޗާބޫކަކަށެވެ.

މީގެ އިތުރަށް، ރާއްޖޭގައި އޮތީ އިންޑިޔާއަށް އިސްކަންދޭން ޖެހޭ ސިޔާސަތެއްކަން ދާދި ފަހުން ބޭއްވުނު އިސްލާމީ ދައުލަތްތަކުގެ މުއުތަމަރުގައި ފެނިގެން ދިޔައެވެ. މި މިއުތަމަރުގައި ކަޝްމީރުގެ މައްސަލަ ނެގި، އިންޑިޔާއިން ކަޝްމީރުގައި ހިންގާ ބައެއް ކަހަލަ ލާއިންސާނީ ކަންތައްތައް ކުށްވެރިކުރުމުން، ރާއްޖެއިން ދެކޮޅުހަދައި އިންޑިޔާ ދިފާއުކުރާން ޖެހެނެވެ. މި ދެންނެވި ކަންކަމަކީ އ.ދ.އިން ވެސް ކުށްވެރިކުރާ ކަމެއްކަމުގައި ވީ އިރުވެސްމެއެވެ. އާދޭހެވެ! ރުހުމުގެ ލޮލަކީ އިންސާނީ ހައްގުތަކުގެ އައިބުވެސް ފޮރުވައިލާ ކަމަކަށްވީތާއެވެ! ފުރަގަސް ފަރާތަކީ ޖިންސީ ގުނަވަނެއްކަމާއި އެތަނާ މެދު ބަލާން ޖެހޭނީ އެ ގުނަވަނުގެ ވަޒީފާއަކީ، ތަބީއީ ގޮތުން، ހަމަ އެކަނި ނަޖިސް ބޭރުކުރަން، ތަބީއީ ގޮތުން، އާދޭހެވެ! އިންސާނާގެ ފިޒިޔޮލޮޖީ ނިޔާކުރާ ގޮތުން، އޮތް ތަނެއް ނޫންކަމާއި، އަދި މީގެ އިތުރުން އެއީ ޝަހުވަތުގެ ގުނަވަނެއްކަމުގައި ދުށުމަކީ އިންސާނީ ހައްގެކޭ ކިޔައި މި ކަން މި ގޮތަށް ބަލައިނުގަތުމަކީ އިންސާނީ ހައްގުން ބަޔަކު މަހުރޫމުކުރާ ކަމެކޭ އަޅުގަނޑުމެންގެ ތެރޭގައި ގޮވާ މީހުންގެ ގާތުގައި، ކަޝްމީރުގައި ކުޑަކުދީންނާއި އަންހެނުން އަދިވެސް މައުސޫމު އެތައް ބަޔަކަށް އަނިޔާކޮށް މަރައިހެދުމަކީ އިންސާނީ ހައްގަކަށް އަރައިގަންނަ ކަންކަމަކަށް ނުވެއެވެ.

ދެން، ވިޔަފާރީގެ ކަންތައްތަކަށް ބަލައިލާ އިރު ވެސް، ރާއްޖޭގެ ބައެއް ކަހަލަ ވިޔަފާރިތަކުގެ ކޮންޓުރޯލު އިންޑިޔާއަށް ލިބިފައި ވެއެވެ. ކާޑުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ފިޔާ އަލުވި ފަދަ ތަކެއްޗާއި ބޭސް އެތެރެކުރުމުގެ ބާރެވެ. މީގެ އިތުރަށް އިމާރަތްކުރުމަށް ބޭނުންވާ ހިލަވެލި ފަދަ ތަކެތި އެތެރެކުރުމުގެ ބާރު ވެސް މެއެވެ. މި ތަކެއްޗަކީ މިނިވަންކަމާ އެކު، އެހެން ތަންތަނުން ވެސް އެތެރެ ކުރެވިދާނޭ އެއްޗިއްސެވެ. ނަމަވެސް އެކިއެކި އެއްބަސްވުމުގެ ދަށުން، މި ކަންތައްތައް އިންޑިޔާގެ ބާރުގެ ދަށަށް ގޮއްސައި އޮތީއެވެ. މީގެ ތަފުސީލީ ލިޔުމެއް ފޮތެއްގެ ސިފައިގައި ލިޔެވެމުންދާ ކަމުގެ ޚަބަރު ލިބެއެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި ފޮތް ޝާއިއުކުރެވޭނެހެން ހީވެއެވެ. އޭރުން، ހެއްކާއެކު، ލިޔުމުން، އެންމެނަށް، މި ކަން، ފެންނާން އޮންނާނެއެވެ.

ދިވެހި އަސްކަރިއްޔާއަށް ބަލައިލުމުން އެ މުއައްސަސާ ވެސް އިންޑިޔާގެ ބާރުގެ ދަށަށްދާކަމުގެ ހެކިތައް ވެސް ފެނެއެވެ. ބޫޓާނުގައި އެތާގެ ސިފައިން ތަމްރީނުކުރުން ހަމަޖެހިފައި އޮތް ފަދައިން، ރާއްޖޭގައި އޮތީ ރާއްޖޭގެ ފުލުހުން ތަމްރީނުކުރާ ގޮތަށް އިންޑިޔާއިން ތައްޔާރުކުރާ ފުލުހުންގެ އެކަޑެމީތަކެވެ. މީގެ ހަގީގީ ބޭނުމަކީ، ފެންނަ ގޮތުގައި، ބޫޓާނުގައި އިންޑިޔާ ސިފައިން ތިބޭ ގޮތަށް، ރާއްޖޭގައި ވެސް އިންޑިޔާގެ ސިފައިން ތިބުމެވެ. އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖޭގެ އަސްކަރީ ބާރު ގެނެސް، އިންޑިޔާގެ ބާރުގެ ދަށުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ވިޔަފާރި ވެސް ބޭއްވުމެވެ.

މީގެ އިތުރަށް، އެހެން ވާހަކައެއް ވެސް އެބަ ދެކެވެއެވެ. ރާއްޖޭގެ އުތުރުގައި ބޮޑު ފަޅު ރަށެއްގައި އިމާރާތްތައް ކުރެވި، ދިގު މުއްދަތަށް އިންޑިޔާގެ ރައްޔިތުންނަށް ދިނުމުގެ ވާހަކައެވެ. މި ތަނުގައި ރާއްޖޭގެ އެހެން ބިންތައް ވެސް ދިގު މުއްދަތަށް ދިނުމަކީ، ރާއްޖޭގައި ކަމާ ބެހޭ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނެތް އިރު، އަދި، ދުރު މުސްތަގުބަލަށް ބަލާ އިރު، ރާއްޖެއަށް ގެއްލުން ހުރި ކަންކަމެވެ. މިއީ، މި ކަންކަން ދިފާއުކުރުމުގެ ނަމުގައި، ބޭރުގެ ބާރުތައް ރާއްޖެއަށް އަރައިގަތުމުގެ މަގުފަހިވެ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރައިފާނޭ ވެސް ކަންކަމެވެ. 1956ގައި ކުރެވުނު ސުއޭޒުގެ ހަނގުރާމައަކީ މީގެ މިސާލެކެވެ. މިއީ، އިނގިރޭސީންނަށް ދިގު މުއްދަތަކަށް ކުއްޔަށްދީފައި އޮތް ސުއޭޒު ކެނަލް މިސުރުގެ އަމިއްލަ ގައުމީ ތަނަކަށް ހެދުމުން، އެ ކަމާ ނުރުހި، އިނގިރޭސީވިލާތާއި ފަރަންސޭސި ވިލާތާއި އިޒުރޭލު ބައިވެރިވެގެން މިސުރަށް ދިން ހަމަލާއެކެވެ.

މިއީ ކަންތައްތައް ވަމުންދާ ގޮތް ނޫންކަން ދެއްކުމުގެ ގޮތުން ތަފާތު ވާހަކަތައް ވެސް ދެކެވެއެވެ. ރާއްޖޭގެ ތަރައްގީ އޮތީ އިންޑިޔާއާއި ގުޅިފައިކަމެވެ. ރާއްޖޭގެ އަމަން އަމާންކަން އޮތީވެސް އިންޑިޔާއާއި ގުޅިފައިކަމެވެ. މި ވާހަކަތައް ދައްކަނީ ޑޮމް މެޏުއަލް ފަދައިން ވެރިކަމަށް ދަހިވެތިވެފައި ތިބި އަމިއްލަ އެދުމުގެ މީސްމީހުންނެވެ. މީގެ އިތުރަށް، ވެސް އެހެން ވާހަކަތައް ދައްކައެވެ. މިސާލަކަށް، އިންޑިޔާ ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ވާހަކައެވެ. މީގެ މައްޗަށް ވެސް ބަލައިލުން މުހިންމެވެ.

މި ވާހަކައަކީ ރާއްޖެ ދިފާއުކޮށް، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ޒިންމާ އެ މުއައްސަސާއެއްގެ ކޮނޑުގައި އެޅިފައިވާ ރާއްޖޭގެ ދިފާއީ މުއައްސަސާތަކުގެ އެންމެ އިސްވެރިޔާ، ރާއްޖޭގެ ދިފާއީ ވަޒީރުގެ ބަސްފުޅެކެވެ. ނިކަން ޚިޔާލަށް ގެނެސް ބަލާށެވެ. ޓައިވާނުގެ ދިފާއީ ވަޒީރު، ޗައިނާއިން ބޭނުން ނަމަ، ޓައިވާނު ހިފައިފާނޭ ބުނާ ފަދަ ބަސްފުޅެވެ. ނޫނީ، ސިންގަޕޫރުގެ ދިފާއީ ވަޒީރު، މެލޭޝިޔާއިން ބޭނުން ނަމަ، ސިންގަޕޫރު ހިފައިފާނޭ ބުނާ ފަދަ ބަސްފުޅެވެ. އެންމެ ފުރަތަމަ، މި ފަދަ ޒިންމާދާރު ކުޑަ ވާހަކައެއް، ބުނެފާނެ ނާގާބިލު މީހަކު، އެ ތަންތަނުގެ ދިފާއީ ވަޒީރުންނަކަށް ނުތިބޭނެއެވެ. ދެވަނަ ކަމަކީ އެ ފަދަ ވާހަކައެއް ބުނެފި ނަމަ، އެ ބުނާ މީހެއްގެ ސިޔާސީ ހަޔާތް، އެ ހިސާބުން ނިމޭނޭ ކަމެވެ. ތިންވަނަ ކަމަކީ ދުނިޔޭގައި ތަންތަން ހިފުމަކީ ހަމައެކަނި، ބާރުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމެވެ. ގައުމުގައުމުތަކުން، އެހެން ގައުމުތަކަށް ހަމަލާދެވެނީ ހަނގުރާމައަކާ ހަމައަށްދާ ވަރުގެ މައްސަލަތައް ޖެހިގެންނެވެ. ރާއްޖެއާއި އިންޑިޔާ ހަނގުރާމަކުރާން ޖެހިދާނޭ އެއްވެސް ސަބަބެއް އެބަ އޮތްހެއްޔެވެ؟ އަދި، އެ ފަދަ ކަނޑުކޮސް ކަމެއް ކުރުމުގެ އެދުމެއް ވިޔަސް ރާއްޖޭގެ ބަޔަކު ގެންގުޅޭނީހެއްޔެވެ؟ ދުނިޔޭގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް އޮވެއެވެ. މި ފަދަ ގަވާއިދުތަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި އެއް ގައުމަކުން އަނެއް ގައުމަކަށް ހަމަލާދީ އެއް ގައުމު އަނެއް ގައުމެއްގެ މިނިވަންކަން ގެއްލުވާލާކަށް ނޫޅޭނެއެވެ. މި ފަދަ ކަންތައް ކުރެވެނީ ތަނުގައި ޣައްދާރު ޚާއިނު ސިޔާސީ ވެރީން އުފެދި، އެ ފަދަ މީސްމީހުންގެ އަމަލުތަކުގެ ސަބަބުންނެވެ. އިހުގައި ރާއްޖޭގެ މިނިވަންކަން ގެއްލުނު އިރު، ޚާއިނުންގެ ބަޔަކު ރާއްޖެއަށް އަރައިގަތުމަށް ދައުވަތު ވެސް ދިން ފަދައިންނެވެ. އަދި، 2018ގައި ރާއްޖޭގެ ސިޔާސީ ބަޔަކު އިންޑިޔާގެ ކިބައިން ރާއްޖެ ހިފުމަށް ދައުވަތު ވެސް ދިން ފަދައިންނެވެ.

މިނިވަން ދުވަސް ފާހަގަކުރަމުން ދާ އިރު މިއީ ވެސް ހަނދާންކޮށްލާން ޖެހޭ ކަންކަމެވެ. އަވައްޓެރި ގައުމުތަކާ މެދު ރަނގަޅު ގުޅުން ބޭއްވުމަކީ އަމިއްލަ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ގޮތެއްގައި އޮވެގެންވާނޭ ކަމެއް ނޫންކަން ދެނެގަތުމަށް ޓަކައެވެ.

މި ކަންކަމުގެ އިތުރަށް، އަދިވެސް ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާން ޖެހެއެވެ. ތަނެއް، މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ޓަކައި ތަނުގެ އާންމު އަޚުލާގު ވަކި ހަމައެއްގައި ދެމި އޮންނާން ޖެހޭ ކަމެވެ. މިއަދު، އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރުތައް އަންގައިދެނީ އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު ވަރަށް ވެސް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމެކެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ފަސާދަ އޮތީ އާންމުވެފައެވެ. ރިޝްވަތުދިނުމުގެ ފަސާދައިގެ އަމަލުތަކެވެ. ވައްކަންކުރުމުގެ ފަސާދައިގެ އަމަލުތަކެވެ. ރައްޔިތުން ތަމްސީލުކުރާ މަޖުލިސްތަކަށް ހޮވިދިޔުމަކީ ވިޔަފާރިއަކަށް ވެފައި އޮތުމެވެ. އާދޭހެވެ! ވޯޓުދޭން ތިބީ ފަސް ސަތޭކައެއްހާ މީހުން ކަމަށް ވަންޏާ، މިވެނި އަދަދަކަށް ފައިސާދީ ވޯޓު ގަނެލުމެވެ. އަދި ވޯޓުގަތުމަށް އެ ދާ ޚަރަދު، ދެތިން އަހަރު ދުވަހުގެ ތެރޭގައި އެކިއެކި ފަސާދައިގެ 'ޑީލުތައް' ހަދައި، ފައިދާއާ އެކު، އަނބުރައި ހޯދުމުގެ ފާސިދު އަމަލުތަކެވެ. މިނިވަން ޑިމޮކުރަސީއާއި ޕާޓީ ނިޒާމު އަޅުގަނޑުމެންނަށް ތައާރުފުކޮށްދިން ކަމަކީ މިއެވެ. ރޯމާ ދުވާލު ވައްކަންކުރުމެވެ.

މީގެ އިތުރުން ބަދުއަޚުލާގީ މައްސަލަތައް އިތުރުވުމުގެ މައްސަލައެވެ. ކުޑަކުދީންނާ ބެހުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރުމުގެ ފަސާދައިގެ އަމަލުތަކެވެ. ޒުވާން އަންހެން ކުދީން، އެ ކުދިންގެ، ނޫނީ އެހެން މީހުންގެ، ބަރަހަނާ ފޮޓޯތައް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެހެން މީހުންނަށް 'އެމުގެ' ގޮތުގައި ފޮނުވައި އެކިއެކި ޖިންސީ ޚިދުމަތްތައް ދޭން ބުނެ ފައިސާ ހޯދުމުގެ ފަސާދައިގެ އަމަލުތަކެވެ. މި ހުރިހައި ކަމެއް އަންގައިދެނީ އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު އަދު އޮތް ދަށު ދަރަޖައެވެ. އާދޭހެވެ! އެ ކަން އޮތީ ބިރުގަންނަ ފަދަ ދަށު ދަރަޖައަކަށް ވެއްޓިފައިކަމެވެ. މިފަދަ ދަށު ދަރަޖައެއްގައި އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު އޮތް އިރު، މި ކަންކަން އިސްލާހުނުކޮށް، މިނިވަން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އޮތުމުގެ ހައްގެއް އެބަ އޮތްތޯއެވެ؟ ގައުމުތަކުގެ މިނިވަންކަން ގެއްލި ގައުމުތައް ނެތިދާ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައި ލިޔުއްވި އިބްނު ޚަލްދޫނު، ގިބްސަން، އަދި ޖިމް ނެލްސަން ފަދަ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމުތައް ހަލާކުވެ، ނެތިދަނީ އެ ގައުމުތަކުގެ އާންމު އަޚުލާގީ ފެންވަރު ދަށްވެ، އަޚުލާގީ ގޮތުން ގައުމުގެ މީހުން ދަށު ދަރަޖައަކަށް ވެއްޓިފައި ވުމުންނެވެ.

މި ކަންކަން އިސްލާހު ކުރުން ގުޅެނީ ތަނުގެ އަސާސީ ގިޔަމުތަކާއެވެ. މި ކަން ގުޅެނީ ތަނުގެ ދީނީ ރޫހާއެވެ. އަޅުގަނޑުމެންގެ ތެރޭގައި ދީން މިހާރު ވެފައި އޮތީ އެއިން އަޅުގަނޑުމެންނަށް މަގުދައްކައި، އަގުތަކެއް ލިއްބައިދޭ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. ބޭރު ފުށަށް ބަލައި، މީހާގެ ރަނގަޅު ނުރަނގަޅު ކަނޑައަޅައިލެވޭ އެއްޗެއްގެ ގޮތުގައެވެ. ހަމައެކަނި މީހާގެ ތުނބުޅީގެ ދިގުމިނަށް ބަލައި، ނުވަތަ ހެދުމުގެ ދިގުމިނާ ކުލައަށް ބަލައި، މީހާގެ ދީންވެރިކަމާއި ހެޔޮލަފާކަން ކަނޑައަޅައިލެވޭ އެއްޗެއްގެ ގޮތުގައެވެ. މީގެ އެންމެ ބޮޑު ހެތްކަކީ މުޖުތަމައުގައި ދެންމެ މި ދެންނެވި ފަސާދައިގެ އަމަލުތަކާއި ބަދުއަޚުލާގީ އަމަލުތައް ފެތުރިފައި އޮތުމާއި އެ ކަން ފެތުރިފައި އޮތް ދަރަޖައެވެ. ކީރިތި ގުރުއާނުގެ لم يكن الذين كفروا ސޫރަތުގައި އޮންނަފަދައިން، ދީނަކީ )الدين القيم( އަކަށް ނުވެއެވެ. އާދޭހެވެ! ރަނގަޅު އަގުތަކެއް ނުވަތަ އިޖުތިމާޢީ ގިޔަމުތަކެއް (ވެލިޔުސްތަކެއް) ލިއްބައިދީ މީހާގެ އެތެރެ ފުށް އިސްލާހުކުރާ އެއްޗަކަށް ނުވެއެވެ. އެހެންވި ނަމަ، އަދި އަޅުގަނޑުމެންގެ ބޭރުފުށް ބަދަލުކުރުމަށް ބާރުއަޅާ ފަދައިން އެތެރެފުށް އިސްލާހުކުރުމަށް ބާރުއަޅާ ނަމަ، ފަސާދައިގެ އަމަލުތަކާއި ބަދުއަޚުލާގީ އަމަލުތައް މިހާރު މި އޮތް ދަރަޖައަށް ފެތުރިފައި އޮންނާނޭ ހެނެއް ހިޔެއް ނުވެއެވެ. ކިރިތި ގުރުއާނުގައި އޮންނަފަދައިން )فألف بين قلوبكم( ދީނަކީ މީހުންގެ ހިތްތައް އެއްބައިކުރާ އެއްޗަކަށް މިހާރަކު ނުވެއެވެ. އޭގެ ބަދަލުގައި، ބޭރު ފުށުގެ ކަންތައްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ ސަބަބުން، ދީންވެފައި އޮތީ މީހުން ބައިބައިކުރާ އެއްޗަކަށެވެ.

އަދި މީގެ އިތުރަށް، ތަނުގައި ހަމަހަމަކަމާއި އަދުލުވެރިކަން ނެތި، ލިބޭ މީހުންނާ ނުލިބޭ މީހުންގެ އިގުތިސާދީ ފޯރުންތެރިކަމުގެ ތަފާތު ބޮޑުވުމުގެ ނަތީޖާއަކީ ތަނުގައި ހުރި ބަހާއި ބަހުރުވައިގެ ކުދިކުދި ތަފާތުތައް ބޮޑެތި ކަންތައްތަކަށްވެ، ބައިބައިވުމުގެ ރޫހު ރާއްޖޭގެ ބައެއް ހިސާބުތަކުގައި އުފެދިފައި ވުމެވެ. މިހުރިހައި ކަމަކީ ވެސް މިނިވަންކަމަށް ބުރޫ އަރުވައިފާނޭ ފަދަ ކަންކަމެވެ. މިނިވަން ދުވަސް ފާހަގަކުރަމުން ދާ އިރު މި ކަންކަން މަތިން ހަނދާންކޮށް، މި ކަންކަމުގެ ހައްލު ހޯދާން މަސައްކަތްކުރަން ޖެހެއެވެ. މިނިވަންކަންމަތީ އެއް ބަޔެއްގެ ގޮތުގައި ދެމި ތިބުމަށް ޓަކައެވެ.

އާދޭހެވެ! މަތީގައި ފާހަގަކޮށްލެވިފައި އެ ވަނީ، އަޅުގަނޑު ދެކޭ ގޮތުގައި، މިނިވަން ދުވަސް ފާހަގަކުރަމުންދާ އިރު، ހަނދާކޮށްލާން ޖެހޭ މުހިންމު ބައެއް ކަންކަމެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަކަމާއި އެ ކަމުގެ މައިގަނޑު ސަބަބެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ބަޔަކު ބޭރު ބަޔަކަށް ރާއްޖެއަށް އަރައިގަތުމަށް ދައުވަތު ދިނުމުގެ ސަބަބުންނެވެ. އަދި ހަމަ މިހާރު ވެސް، ތިމާމެންގެ ވެރިކަން އަބަދުގެއަބަދަށް ދެމެހެއްޓުމުގެ އެދުމުގައި، މި ފަދަ އަމަލުތައް ހިންގަމުންދާކަމެވެ. މީގެ އިތުރަށް ތަނުގެ ހަރު މުދާ، ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނެތް އިރު، ބޭރު މީސްމީހުނަށް، ހަގީގަތަށް ބަލާ އިރު، 'ވިއްކައިލެވިފައިވާ' ކަމެވެ. އަދި ވެސް މިނިވަންކަން ގެއްލިދާނޭ ފަދަ އެހެން މައްސަލަތަކެވެ. ފަސާދައިގެ އަމަލުތައް ކެންސަރެއް ފަދައިން ގައުމުގެ މުޅި ހަށިގަނޑުގައި ފެތުރި އަށަގެންފައިވާ ކަމެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، ފާޅުގައި، ބަދުއަޚުލާގީ އަމަލުތަކަށް އަރައިގަތުން އާންމުވެފައިވާކަމެވެ. ތަނުގައި އިޖުތިމާއީ އަދާލަތެއް ނެތުމުން، މުއްސަނދިންނާއި ފަގީރުންގެ އިގުތިސާދީ ފޯރުންތެރިކަމުގެ ތަފާތު ބޮޑުވެ، ތަނުގައި، ގައުމު ބައިބައިވުމުގެ ރޫހު އުފެދިފައިވާކަމެވެ. އާދެހެވެ! މިނިވަން ދުވަސް ފާހަގަކުރަމުން ދާ އިރު، މި ކަންކަމުގެ މަތީން ހަނދާންކުރާން ޖެހެއެވެ. މި ކަންކަމީ، ގައުމުގެ ސިޔާދަތާއި ގައުމުގެ މީހުންގެ މިނިވަންކަން ދިފާއުކޮށް، މި ސިޔާދަތާއި މި މިނިވަންކަން ދެމެހެއްޓުމަށް ޓަކައި، އިސްކަންދީންގެން، އަވަސް ގޮތެއްގައި، އިސްލާހުކުރާންޖެހިފައިވާ ކަންތައްތަކެއްކަން ފާހަގަކުރުމަށް ޓަކައެވެ. އަދި، މި ކަންކަން އިސްލާހުކުރުމުގެ މަގުތައް ކޮށައި، އެ މަގުތަކުގައި ހަރުދަނާ އަމަލީ ފިޔަވަޅުތަކެއް އަޅާން ފެށުމުގެ ބޭނުމުގައި ވެސް މެއެވެ. މާތްކަލާނގެ އަޅުގަނޑުމެންނަށް މި ކަން ކުރުމުގެ ތައުފީގުދެއްވާށިއެވެ! އާމީން!

ކޮމެންޓު