ad_banner
ފަލަސްތީނުން ފިލާވަޅެއް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުމުގެ މުހިންމުކަން.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

25 ޖުލައި 2025

ފަލަސްތީނުގެ ބިން ގެއްލެމުް ދިޔަ ގޮތުގެ ހިތާމަވެރި ޗާޓު

އަދުގެ އެންމެ ހިތާމަވެރި ވާހަކައަކަށް އޮތީ ފަލަސްތީނުގެ މައުސާވީ ވާހަކައެވެ. ޣައްޒާގައި ގަތުލުއާންމެއް ހިންގައި، މުޅި ތަން އެއްކޮށް ބަނޑަށްޖައްސައި އަދި ހުޅަނގު އައްސޭރީގައި (ވެސްޓު ބޭންކުގައި( ވެސް ފަލަސްތީނުގެ އަހުލުވެރީން މަރައި އެ މީހުންގެ ގެދޮރާއި މުދަލާއި ދަނޑުބިންތައް ނައްތައިލެވެމުންދާކަމުގެ ވާހަކައެވެ. މި ކަންކަން އެންމެންގެ ކުރިމަތީގައި ހިންގަމުންދާ އިރު، އަރަބި އަދި މުސްލިމު ގައުމުތަކުން 'ކުށްވެރިކުރުމުގެ' ފަނޑު ފިނޑި ބަހެއް ބުނެލުމުގެ އިތުރަށް ބިންމަތީގެ ހަގީގަތް ބަދަލުކޮށްލެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރެއެވެ.

ކޮންމެ އަކަސް، ފަލަސްތީނުގެ މައުސާވީ ހާދިސާ ނިމުމަކަށް ގެނައުން ފެށޭނީ އެ ކަން ފެށުނު ހިސާބާއި، އެ ހާދިސާގެ ތާރީޚު އެނގިގެންނެވެ. އެހެންވެ، އެ މައްސަލައިގެ މައްޗަށް ތާރިޚީ ގޮތުން ބަލައިލާން ގަސްތުކުރަމެވެ.

! ! ! !

************************************

ވިހިވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބީންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބީންގެ އަތްމަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެ މީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މި އަދަދަށް ބަދަލު އަންނާން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސްވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ ދެމެދުގައި ބަހައިލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މި ދެންނެވީ ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައްކުރާން ނިންމައިލެވުނީތީއެވެ.

މަތީގައި މި ދެންނެވި އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސީން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވުމުން، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސިން ނެރުނު ބެލްފޯރގެ ވައުދުގެ ނަމުން މަޝްހޫރުވީ އިއުލާނުގެ ސަބަބުންނެވެ. އެ ވައުދަކީ ޔޫރަޕްގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ 'ގައުމީ ގެއެއް'، އާދެ، ޔަހޫދީ ދައުލަތެއް، ގާއިމުކުރުމަށް އިނގިރޭސިން އެހީވެދޭނޭކަމުގެ ވައުދެވެ.

ދެން، އިނގިރޭސީންގެ އެދުމާ އެއް ގޮތްވާ ގޮތުގެ މަތީން، އަދި މި ކަމަށް ގާނޫނީ ސިފަ ގެނައުމުގެ ގޮތުން، ލީގް އޮފް ނޭޝަންސުން، އިނގިރޭސިންނާ ފަލަސްތީނު ހަވާލުކުރިއެވެ. އަދި 1920ގައި، ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުން، ފަލަސްތީނުގެ މައްޗަށް އިނގިރޭސީން ވެރިވިއެވެ. މިއަށް ފަހު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސިން ހުޅުވައިލައި ފަހިކޮށްދިނެވެ. މައިގަނޑު ގޮތެއްގައި، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރީ ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވައިލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީންކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު، އ.ދ.ގެ ފަރާތުން ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދީ، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރިއެވެ.

ފަލަސްތީނުގައި ޔޫރަޕުގެ ޔަހޫދީން ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށިއެވެ. އަދި ވިހިވަނަ ގަރުނަށް އެޅުނު އިރު މި މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބިފައި އޮތެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައި ވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ހަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑުގެ ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެ މީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިއުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނުތަނާ ހެން، 1948ގައި، މި ކަން ހަގީގަތަކަށްވީ ތަން ފެނުނެވެ.

މި ހުރިހައި ރޭވުމަކާއި ތައްޔާރީތަކެއްވަމުން ދިޔަ އިރު، އަރަބީން ކޮބައިތޯއެވެ؟ އެމީހުންގެ ގިނަ ބަޔަކު ތިބީ ނިދައިފައެވެ. ދުނިޔޭގައި އެ މީހުންނާ އިދިކޮޅަށް ރޭވެމުން ދިޔަ ރޭވެމުންތައް، ފާޅުގައި ރޭވެމުން ދިޔަކަމުގައި ވިޔަސް، އެ ކަން އެ މީހުންނަށް އެނގޭކަމަކަށް ނުވެއެވެ. އަނެއް ކޮޅުން، އެ މީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަންކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތިކަމުގައެވެ. އެހެންވެ، މި މީހުންގެ މި ދަހިވެތިކަމުގެ ބޭނުން އިނގިރޭސިން ވަރަށް ރަނގަޅަށް ހިފިއެވެ. އެ މީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެމީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، އަރަބި ދުނިޔެއިން އެ މީހުން ބޭރުކޮށްލައި، އިނގިރޭސިންގެ އަތްދަށަށް ފަލަސްތީނު ގެނެސް، އެ މީހުން ބޭނުންވި ގޮތަށް، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް މަގު ފަހިކޮށް، އެ ކަންކުރުމަށް ޔަހޫދީންނަށް އެހީވެދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެ ސަބަބު ކަމުގައިވާ އާންމުންގެ ހޭލުންތެރިކަން ނެތުމާއި އަދި ޢަރަބިންގެ ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ހަގީގީ މަގުސަދު އޮޅުންނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސިން ފަލަސްތީނަށް އައިސް، އެމީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރުހުޅުވައިލުމުން، އަރަބިންނަށް ވާނުވާ ސާފުވިއެވެ. އަދި އެ ހިސާބުން، އެ ކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މި ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައި އިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރިވެފައި އޮތްވެސްމެއެވެ. އިނގިރޭސީންނާއި އަރަބިންނާ ދެމެދު އެކުލަވައިލެވުނު އެންމެ ފަހުގެ 'ހުދު ކަރުދާހުގެ' އެއްބަސްވުމުގެ މަތީންނެވެ. ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުން ހުއްޓުވައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އަރަބީންގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމުގެ ވާހަކަ މި 'ހުދު ކަރުދާހުގައި' އޮތުމުންނެވެ.

ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަދި މި ކަމުގެ ސަބަބުން، ދުނިޔޭގެ މަސްރަހު ބަދަލުވެގެން ދިޔައެވެ. ހިޓުލަރުގެ ކުރިއެރުމާއި ޔަހޫދީންނާ ދޭތެރޭ އޭނާ އަނިޔާވެރިވި އަނިޔާވެރިވުމާއި، އަދި، ދެވަނަ ބޮޑު ހަނގުރާމަ ނިމިނު އިރު، ދުނިޔޭގެ ބޮޑެތި ބާރުތައްކަމުގައި އެމެރިކާއާއި ސޯވިއެޓު ޔުނިއަން ވެގެން ދިޔައެވެ. އަދި، އޭރު އޮތީ، އިނގިރޭސިންގެ އެދުމުގެ މަތީން، ޢަރަބީންގެ ބައެއް ލީޑަރުން ބުނެގެން، ފަލަސްތީނު މީހުން ހަތިޔާރު ވެސް، ބަހައްޓައިފައެވެ. މި ހުރިހައި ކަންތަކެއްގެ ސަބަބުން، ކުރީން ދެންނެވި 1939ގެ ހުދުކަރުދާހަށް އަމަލުކުރެވޭ ގޮތެއް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔޭގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި އެމެރިކާވިއެވެ. ނަތީޖާއަކަށްވީ، ފަލަސްތީނުގެ ކަންތައް ބެލްފޯރގެ ވައުދާ އެއް ގޮތްވާ ގޮތުގެ މަތީން ކުރެވޭނެ ގޮތް ހަދައި، ފަލަސްތީނުގެ މައްސަލަ ޔޫ.އެން.އާ ހަވާލުކުރުމަށް ފަހު، އިނގިރޭސީން ފަލަސްތީނުން ފޭބުމެވެ. އަދި، ދުނިޔޭގެ އާ ބޮޑު ދެބާރުކަމުގައިވި، އެމެރިކާއާއި ސޯވިއެޓް ޔުނިޔަންގެ އެހީގައި، ފަލަސްތީނު ބައިކުރުމަށް، ޔޫ.އެން.ގެ ފަރާތުން ނިންމައި، ޔަހޫދީ ދައުލަތެއް 1948ގައި، ފަލަސްތީނުގައި ގާއިމުވުމެވެ.

ދެން އައީ ޢަރަބިންނާއި އިޒްރޭލާ ދެމެދު ހަނގުރާމަތަކެއްކުރެވުނުވުނު އަހަރުތަކަކެވެ. މީގެ ތެރެއިން 1948 ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އ.ދ.އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތް ބައިން ވެސް ބޮޑު ބައެއް ގެއްލިދިޔުމެވެ. މި ކަން ކުރުމަށް އޮތީ މާކުރިން ވެސް ރޭވިފައެވެ. ފަލަސްތީނު ބައިކޮށް، މުޅި ފަލަސްތީނަށް ހެން ޔަހޫދީން ވެރިވުމުގެ ރޭވުން އޮތީ މާކުރީން ވެސް ނިންމައިފައެވެ. ފަލަސްތީނުގެ ޢަރަބީންގެ ބަޔަށް ވެސް، ޔަހޫދީން ވެރިވުމުގެ ރޭވުން، ކުރީން ކުރެވިފައި އޮތްކަން ޔަހުދީންގެ ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ 'ހަނދާންތައް' (މެމުއާރސް)، މިފޮތުން ފެންނާން އޮންނާނެއެވެ. މި ކަމުގެ ހަގީގަތް މިއަދު، އަމަލީ މައިދާނުން ފެންނާން އެ އޮތީއެވެ. މިއަދު، ފަލަސްތީނު މީހުންނަށް ހަމައެކަނި އޮތް ތަންކޮޅަކީ ޣައްޒާއެވެ. އެހެން ހުރިހައި އަރަބި ބިންތަކެއް އޮތީ އިޒްރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަތަނެކެވެ. އެ ތަން ވަނީ އިޒުރޭލާއި މިސުރުގެ ހިސޯރުގެ ދަށުގައެވެ. ޣައްޒާއަށް ވަދެނިކުމެ އުޅުމަކީ މިނިވަންކަމާ އެކު ކުރެވޭން އޮތް ކަމެއް ނޫނެވެ. މި ކަމަކީ އިޒްރޭލާއި މިސުރުގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. މިސުރުގެ އަތުގައި މިސުރާއި ޣައްޒާއާއި ގުޅޭ ސަރައްހަދު ހުޅުވުމުގެ އިޚުތިޔާރު އޮތް ކަމުގައި ވިޔަސް، މި ކަން، ގިނަ ފަހަރަށް ކުރެވެނީ، އިޒްރޭލުގެ ރުހުން ލިބިގެންނެވެ. ސަތޭކަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ ބިން ގެއްލި، އެ ތަނުގެ މީހުން ބިކަވެ، ނިކަމެތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮބައިތޯއެވެ؟ އާދޭހެވެ! އެއީ އާންމުންގެ ހޭލުންތެރިކަން ނެތުމާއި ލީޑަރުންނަށް ތިބި މީހުން ވެރިކަމަށް ދަހިވެތިވުމެވެ.

އާދޭހެވެ! އަދި އެއް ފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. ފަލަސްތީނުގެ ހިތާމަވެރި، މައުސާވީ ހާދިސާއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ މިއެވެ. އާންމުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބަން ގައުމުތަކަށް ދިމާވާ ނުރައްކަލެވެ. އަމިއްލަ ތާރީޚު ނޭނގުމާއި ވެރިކަމަށް އަންނަ މީހުންގެ ސިޔަރަތާއި އެ މީހުން ކުރާކަންކަމުގެ އަގު ވަޒަންނުކުރެވުމެވެ. އެ ކަމުގެ ސަބަބުން، ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތެވެ. އާންމުންގެ ހޭލުންތެރިކަން ނެތި، ގައުމީ ކަންތައްތަކާ މެދު، އަމިއްލައަށް ނުވިސްނުމުގެ ނަތީޖާއަކީ، ވެރިކަމުގެ ދަހިވެތިކަން ނޫންކަމެއް ނެތް، ތަނުގެ ލީޑަރުންނަށް ވެގެން އުޅޭ، ޣައްދާރުވެރި ފިނޑި ޚާއިނުންނަށް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކައިލުމުގެ ހިއްވަރާއި ކެރުން ލިބުމެވެ. ގައުމީ ކަންކަމާ މެދު، އާންމުން ލޯ މަރައިލައިގެން ތިބުމުން، އެ ފަދަ ޣައްދާރުންނާއި ޚާއިނުންނަށް، ޣަދަރާއި ޚިޔާނަތުގެ އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ އަމަލު ހިންގައިލުމުގެ ފުރުސަތު ލިބުމެވެ. އާދޭހެވެ! މި ދެންނެވި ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލި ދިޔުމެވެ. ރައްޔިތުން ނިކަމެތިވެ ޙާލުގައި ޖެހުމެވެ.

ކޮމެންޓު