ad_banner
"އީރާނު އޮތީ އިސްރާއީލާ އެކު ހަނގުރާމަކުރާން ފުރިހަމައަށް ތައްޔާރުވެގެންނެވެ." - މަސްއޫދު ޕެޒެޝްކިއަން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 ޖުލައި 2025

އީރާނުގެ ރައީސް "އަލްޖަޒީރާ"އަށް ބަސްދީގަތުންދެއްވަނީ (ފޮޓޯ: އަލްޖަޒީރާ)

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ، އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގައިފާނެ ކޮންމެ ޢުދުވާނަކަށް އޭނާގެ ގައުމު ފުރިހަމައަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެ، އިސްރާއީލަށް ރީތި ބަހުން ރައްދުދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެ ދެ ގައުމުގެ ދެމެދު ހަނގުރާމަ ހުއްޓިފައި، އަމާންކަން ގާއިމުވެފައި އޮތުމާ މެދު އެ ހައި އުންމީދީ ނޫންކަމަށެވެ.

އަދި ސުލްހަވެރި މަގުސަދުގައި ނިއުކްލިއަރު ޕްރޮގްރާމް ކުރިއަށްގެންދާން ތެހެރާނުން ވެފައިވާ ވައުދު ތަކުރާރުކޮށް އޭނާ ކަށަވަރުކޮށްދެއްވައިފައިވެއެވެ. އީރާނުން ކުރީއްސުރެ ތަކުރާރުކޮށް ބުނަމުން އަންނަނީ މަދަނީ ބޭނުމަށް ޓަކައި ޔޫރޭނިއަމް ފައްކާކޮށް ނިޔުކުލިޔަރު ތަރައްގީކުރުމަށް އީރާނަށް ލިބިފައިވާ ޙައްގު ދޫކޮށްނުލާނެކަމަށެވެ.

މަސްޢޫދު ޕެޒެޝްކިއަން މިހެން ވިދާޅުވެފައިވަނީ 'އަލްޖަޒީރާ'އަށް އިއްޔެ (ބުދަ ދުވަހު) ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އެއީ މި ދިޔަ މަހު އިސްރާއީލާ އެކު، ކުރި 12 ދުވަހުގެ ހަނގުރާމަ ނިމުނު ފަހުން އީރާނުގެ ރައީސް ޓީވީއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމެވެ. އެއީ އެމެރިކާއިން އިސްރާއީލު ފަޅިއަށް އަރައި އޮވެ، މިނިވަން އީރާނުގެ ނިޔުކުލިއަރު މަރުކަޒުތަކަށް ބާރުގަދަ ނުރައްކާތެރި ޙަމަލާތަކެއް ދީ އެ ތަންތަން ސުންނާފަތިކޮށްލައިފައިވާނެކަމަށް އެމެރިކާއިން ބުނި ނުރައްކާތެރި ހަނގުރާމައެވެ.

މި ވާހަކަތައް އަލުން ފެންމަތިވެފައި މި ވަނީ އީރާނުގެ ނިއުކުލިއަރު މަރުކަޒުތަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން އެ ތަންތަނަށް ލިބިފައިވާ ގެއްލުންތައް ވޮޝިންޓަނުން ބުނާ ވަރަށް ވުރެ މާ ކުޑަކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންގެންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ޤާބިލިއްޔަތު މުޅީން ފުނޑުފުނޑުކޮށްލައިފައިވާނެކަމަށެވެ.

[އިސްރާއީލުގެ އާ އަސްކަރީ ފިޔަވަޅަކަށް އަހަރެމެމެން މި ތިބީ ފުރިހަމައަށް ތައްޔާރަށެވެ. އަދި އަހަރެމެންގެ ހަތިޔާރު އެޅި ސިފައިން ތިބީ އަނެއްކާ ވެސް އިސްރާއީލުގެ އެންމެ އެތެރެއަށް ހަމަލާދޭން ތައްޔާރަށެވެ.] އަލްޖަޒީރާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ޕެޒެޝްކިއަން ވިދާޅުވެފައިވެއެވެ.

އަދި [ބަރަ ދުވަހުގެ ހަނގުރާމަ ހުއްޓައިލާން ވެފައިވާ އެއްބަސްވުން ދެމި އޮންނާންކަމަށް އީރާނުން އޮތީ މާ ބޮޑަށް އިތުބާރުކޮށްގެންނެއްނޫން]ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އީރާނާއި އެމެރިކާއަކީ އިތުބާރުކުރުން އެކަށީގެންވާ ވަރުގެ ބަޔެއްނޫނެވެ.

[އަހަރެމެން އެ ކަމާމެދު މި ތިބީ މާ ބޮޑަށް ހިތްހަމަޖައްސައިލައިގެނެއްނޫނެވެ.] ޕެޒެޝްކިއަން ވިދާޅުވިއެވެ.

[އެހެންކަމުން އަހަރެމެން މި ތިބެނީ ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް އަދި ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ރައްދުދޭން ތައްޔާރަށެވެ.] ޕެޒެސްޓިއަން ވިދާޅުވިއެވެ. [އިސްރާއީލުން ވަނީ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން އަހަރެމެންނަށް ގެއްލުންތަކެއްދީފައެވެ. އަދި އަހަރެމެން ވެސް ވާނީ އިސްރާއީލުގެ އެންމެ ފުނަށް ވާސީލުވެ އެ މީހުންނަށް ވެސް އެ ހައި ބޮޑެތި ގެއްލުންތަކެއްދީފައެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ގެއްލުންތައް އެ މީހުން އެ ތިބެނީ [ލަދުން] ވަންހަނާކޮށްގެންނެވެ.]

އޭނާ އިތުރަށް ތަފުސީލުދެއްވި ގޮތުގައި [އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގެ ނިއުކްލިއަރު ސައިންސްވެރީން ޝަހީދުކޮށްލައި، ނިއުކުލިއަރު މަރުކަޒުތަކަށް ގެއްލުންދިން ހަމަލާތަކުގެ ހަގީގީ މަގުސަދަކީ އީރާނުގެ ވެރިކަމުގެ ވަންސަވަރު ނައްތައިލައި އީރާނުގެ ވެރިކަން ބަދަލުކޮށްލުމެވެ.] ނަމަވެސް އޭނާ ވިދާޅުވީ [އެ ކަން އެ މީހުންނަށް ވަނީ މުޅީން ނާކާމިޔާބުވެފައި]ކަމަށެވެ.

ލަފުޒެއްގެ މާނަ:

ވަންސަވަރު   ނ.    މީހަކަށް ނުވަތަ އެއްޗަކަށް ލިބިފައިވާ ބާރަށް ނުވަތަ އިޚުތިޔާރަށް ނުވަތަ ތިމާގެކަމަށް ނުވަތަ އިއްޒަތަށް ނުވަތަ މަޤާމަށް ނުވަތަ މިނޫންވެސް ގޮތަކަށް ބަލައިގެން އެ އެއްޗެއް ނުވަތަ އެ މީހެއް ދަރަޖަކުރާ މިންގަނޑު ނުވަތަ ނިޒާމު.   Eng: hierarchy 

ކޮމެންޓު