ad_banner
އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުން، ޔަމަނަށް ޙަމަލާދީ ޢުދުވާނު ފުޅާކުރުން – ދުނިޔެ މި މަންޒަރުބަލާން.

އަބާ މުޙަންމަދު

22 ޖުލައި 2025

މިއަދު އެމްބިޔުލާނަސްގެ ޚިދުމަތް ޣައްޒާގެ ރައްޔިތުންނަށް ލިބޭ ފެންވަރަކީ މިއީއެވެ. ދުނިޔެ ލަދުގަނޭހެއްޔެވެ؟

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ ޣައިރުޤާނޫނީ އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢުދުވާނު ހުއްޓުވޭތޯ ދުނިޔެއިން ވެސް މަސައްކަތްކުރާކަމުގެ އަޑުތައް ދޭތެރެދޭތެރެއިން އިވެއެވެ. ނަމަވެސް ނަތީޖާއެއް ނުފެނެއެވެ. އިސްރާއީލުގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ގެންދަނީ އިތުރުކުރަމުންނެވެ.

'ޒިކިމް'އޭ ކިޔާ ސަރަހައްދު ހުރަސްކޮށް ރައްކާތެރިކަމާއި އެހީތެރިކަމަށް އެދި އައި 79 މީހުންނާއި ޣައްޒާގެ އިންސާނިއްޔަތަށް އެހީވާ ފައުންޑޭޝަނުން ހިންގާ ތަންތަނުން އެހީ ހޯދައިފައިވާ 13 މީހުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 115 މީހުން ޝަހީދުކޮށްލިތާ އެއް ދުވަސް ފަހުން އިސްރާއީލު ސިފައިން އަނެއްކާ ވެސް ޣައްޒާއަށް ބޮމާއި މިސައިލުގެ ޙަމަލާތަކެއް [އޮއްސައިލުމުގެ] ސަބަބުން މަދުވެގެން 17 މީހުން އިއްޔެ ވެސް ޝަހީދުވިއެވެ. 'ޒިކިމް'އަކީ އިސްރާއީލުން ފޭރިގެންފައިވާ އަވަށެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޣައްޒާގެ އެންމެން ތިބީ ބަނޑަށް ޖައްސައިފައެވެ. އެ މީހުންނަށް އެހީދޭ ހުރިހައި ޖަމާޢަތެއް ވަނީ ޣައްޒާއިން ބޭރުކޮށްފައެވެ. އދ.ގެ އެހީދޭ ޖަމާޢަތް ހިމެނޭހެން ހުރިހައި ޖަމާޢަތެއް ބޭރުކުރުމަށް ފަހު އެމެރިކާއާއި އިސްރާއީލުން ހަދައިގެން އުޅޭ ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޣައްޒާގެ އިންސާނިއްޔަތަށް އެހީވުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލުން ޣައްޒާގެ މީހުން އެއްތާކަށް ޖަމާކުރާން ހަދައިގެން އުޅޭ ޖަމާޢަތް)އަކީ، މަސްބާނާން މަސް ޖަމާކުރުމަށް ޓަކައި އެން އުކާހެން މީހުން ޖަމާކޮށް އަވަހަށް ގިނަ ބަޔަކު ޝަހީދުކޮށްލުމަށް ޓަކައި ހަދައިގެން އުޅޭ ޖަމާޢަތެކެވެ. އެކި ހިސާބުގަނޑުގައި ކާ އެއްޗެހި ބަހާކަމަށް އިޝްތިހާރުކޮށްލުމަށް ފަހު، ބަނޑަށް ޖެހިފައިވާ މީހުންތައް ޖަމާވުމުން އެއްވެފައި އޮންނަ މީހުންގަނޑުގެ ތެރެއަށް ބޮން އަޅަނީއެވެ. އެ ބޮމުގެ ޝިކާރައަކަށްވެގެން މަރުނުވެ ސަލާމަތްވާނީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް އެ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ހަމަ އެކަނި ގޮތަކީ، 'މަރުގެ ސަރަހައްދު'ގައި ބަހާ ކާތަކެތީން އެތިކޮޅެއް ލިބޭތޯ އެ ތަނަށް ދިޔުމެވެ. ނުގޮސްފި ނަމަ، ބަނޑަށް ޖެހި ހާންތިވެގެން މަރުވާނީއެވެ. ހިންގައްޖެ ނަމަ ފަހަރެއްގައި ކާއެތިކޮޅެއް ލިބި ކުޑަ ދުވަސްކޮޅަކަށް މަރުން ސަލާމަތްވުމުގެ ފުރުޞަތު ވެސް ހަނި ގޮތަކަށް އޮވެއެވެ. އެހެންކަމުން އެމެރިކާއާއި އިސްރާއީލުން މީހުންނަށް ބޮންއަޅާން ވެގެން މީހުން އެއްކުރުމަށް ޓަކައި ބަހާ މަދު ކާއެތިކޮޅެއް ހޯދާން ހުރިހައި އެންމެން ވެސް ދުވެ އެއްވެއެވެ. އިސްރާއީލުގެ ބޮމުގެ ޝިކަރައަކަށްވެ ޝަހީދުވުން ނުވަތަ ކާއެތިކޮޅެއް ލިބި އެ ފަހަރު މަރުން ސަލާމަތްވުމާއި ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއް ވުމުގެ ފުރުޞަތު އޮވެއެވެ.

މިއީ މީހަކަށް ގަލަމަކުން ދުލަކުން ބަޔާންކޮށްދެވޭ ފަދަ ޙާލަތެއް ނޫނެވެ. މިއީ ކުރީން ތަނަވަސް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމު ރައްޔިތުންގެ މިއަދުގެ ޙާލަތެވެ. މި ވާހަކަ ޢިބާރާތްކުރާނެ ގޮތެއް ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ.

އަނެއްކޮޅުން މުޅި ދުނިޔޭގައި، ޚާއްޞަކޮށް އިސްލާމީ އުންމަތުގައި އިސްރާއީލާ ދެކޮޅަށް ކުރާ މުޒާހަރާތައް މި ދުވަސްވަރު އަނެއްކާ ވަނީ އިތުރުވެފައެވެ. މުޒާހަރަކޮށްފައިވާކަން ފާހަގަކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ޓިއުނީޝިއާއާއި، އިރާގާއި، ތުރުކީވިލާތާއި، މަޣުރިބުކަރަ (މޮރޮކޯ)އާއި ލުބުނާނުގެ އިތުރަށް އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަالله ހިމެނެއެވެ. އަދި މި ނޫނަސް މުސްލިމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އިއްޔެ ވެސް ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރީން މަގުތަކަށް ނުކުމެ ވަނީ އިސްރާއީލުން ޣައްޒާ ޙިސާރުކޮށްފައިވާކަން ކުށްވެރިކޮށް، އަޑު އުފުލައިފައެވެ. މި ފަދަ މުޒާހަރާތަކަށް އެމެރިކާއާއި އިސްރާއީލުން އަޅައެއް ނުލާނެއެވެ. އދ.އަށް ކުރެވޭނެ ކަމެއް ނެތެވެ. އެއީ ދަތާއި ވަކި ނެތް ސިންގާއެކެވެ.

މި ކަންކަން ހިނގަމުން ދާ އިރު، އިސްރާއީލުން އިއްޔެ ވަނީ އަނެއްކާ ޔަމަނަށް ޙަމަލަދީ އެތައް ބަޔަކު ޝަހީދުކޮށްލައި އެ މީހުންގެ ޢުދުވާނު ފުޅާކޮށްފައެވެ. އިސްރާއީލު ސިފައިން ބުނަނީ ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފައިވާނެކަމަށެވެ. އަދި އެއީ ހޫޘީންގެ ބާރު ކަނޑުވައިލުމަށް ޓަކައި އެ މީހުންގެ ބާރުގެ ދަށުގައިވާ ބިނާރަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއްކަމަށް ބުނެއެވެ. ނަމަވެސް ޝަހީދުވަނީ ކުށެއް ނެތް ޢާންމުންނެވެ. މި މަންޒަރުތައް ބަލާން ދުނިޔެ ހަމައެކަނި ވާހަކަދައްކަދައްކައި ތިބެނީއޭ ބުނެވޭން އެބަ އޮތެވެ. ދުނިޔޭގެ ގައުމުތައް މި ތިބެނީ އިސްރާއީލަކީ ދުނިޔޭގެ ރަސްގެފާނުކަމަށް ގަބޫލުކޮށްގެންބާވައެއް ހިތަށް އަރައެވެ.

އާދޭހެވެ! އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ ޢުދުވާނުގައި މަދުވެގެން 60،895 މީހުން ޝަހީދުވެ، 140،980 މީހުން ޒަޚަމްކޮށްލައިފައިވެއެވެ. މި ޢަދަދު ހަގީގަތުގައި އެތައް ގުނައެއް އިތުރުވާނެކަމަށް ގަބޫލުކުރެވެއެވެ. 2023 އޮކްޓޫބަރު ހަތްވަނަ ދުވަހު ޙަމާސުން އިސްރާއީލަށް ދިން ކުއްލި ޙަމަލާގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަސީރުކޮށްފައިވާކަމަށް އިސްރާއީލުން ބުނެއެވެ. މި އަސީރެންގެ ތެރެއިން ބަޔަކު މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ބައެއް އަސީރުން މަރުވެފައި ވެސް ވެއެވެ.

ކޮމެންޓު