އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
21 ޖުލައި 2025
އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ސުބްޙާނަހޫ ވަ ތާޢާލާ ޣައިބުގެ ހުރިހައި ކަމެއް ދެނެވޮޑިގަންނަވައެވެ. މާޒީގައި ހިނގައިފައިވާ ކަންތައްތަކާއި، މިހާރު ހިނގަމުންދާ ކަންތައްތަކާއި ކުރިމަގުގައި ހިނގައިނޭ އެންމެހައި ކަންތައްތަކެވެ. ވެގެންގޮސްފައިވާ ކަންތައްތަކާއި ވަމުންދާ ކަންތައްތަކާއި ވާނޭ ކަންތައްތައް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އެކަލާނގެ އަޅުތަކުންގެ ޢަމަލުތަކާއި ބުނާ ބަސްތަކާއި ކުރާ ކަންތައްތައް ދެނެވޮޑިގަތުމަކީ ހާމަވުމެކެވެ. އެ ކަމުގައި ފިއްތުމެއް މަޖުބޫރުކުރުމެއް ނެތެވެ. އެއީ ލޯގަނޑެއްފަދަ އެއްޗެކެވެ. އޭތި ތިބާ ލައިގެން ހުރި ހެނދުމަކާއި އޭގެ ކުރިމަތީގައި ހުރެ ތިބާ ކުރާ ކަންތައްތައް ހާމަކޮށް ދައްކައިދެއެވެ. އެ ލޯގަނޑު ތިބާއަށް ކަމެއް ކުރާކަށްނުޖައްސައެވެ. އެ ލޯގަނޑު ތިބާއަށް ވަކި ކުލައެއްގެ ވަކި ބާވަތެއްގެ ހެދުމެއް ލާކަށް ނުޖައްސައެވެ. ތިބާ ލީ ހެދުމެއް އެ ހެދުމުގައި ހުރި ކުލައެއް ކަޝްފުކޮށްދީ ހާމަކުރަނީއެވެ.
ﷲތަޢާލާގެ ދެނެވޮޑިގަތުމަކީ އަޅުތަކުންނަށް ކަންތައްކުރުމަށް ފިއްތާ އަދި މަޖުބޫރުކުރާ ޢިލްމެއްކަމުގައިވާ ނަމަ، އެ ކަންތައް ވާނީ އަނިޔާއަކަށް ނޫންހެއްޔެވެ؟ ﷲ ސުބްހާނަހޫ ވަ ތަޢާލާ އެއްވެސް އަޅަކަށް އަނިޔާވެރިވެ ވޮޑިއެއްނުގަންނަވަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )مَّنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ - صالح عملއެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفسއަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެ ކަމުގެ ހަލާކު ހުރީ، ހަމަ އެ نفسގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.( އެކަލާނގެއީ އެންމެ ޢަދުލަށް ޙުކުން ކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ ކައުނު ޤާއިމުކުރެއްވީ ޙައްޤާއި އިންސާފުގެ މަތީގައެވެ. އެކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޢަދުލުވެރިވުމަށާއި ޙައްޤަށް ތަބާވުމަށް އަމުރުކުރެއްވިއެވެ.
ކުރިމަގުގައި ހިނގާނޭ ކަމެއް، އެ ކަމެއް ހިނގުމުން މެނުވީ ﷲ ދެނެވޮޑިނުގަންނަވާނެކަމަށް ބުނެއުޅުނު ބަޔަކު ކުރީ ޒަމާނުގައި ވެސް އަދި މި ޒަމާނުގައި ވެސް އުޅެއެވެ. އެ މީހުންނަށް އެ ވަނީ މަގުއޮޅިފައެވެ. އެ މީހުން ބުނާ ގޮތުގައި އެ މީހުންގެ ބޭނުމަކީ އަނިޔާވެރި ކަލާނގެއަކަށް ﷲ ނެހެދުމެވެ. އެ މީހުންގެ މި ބަހުގެ ސަބަބުން ﷲގެ ޒާތުފުޅަށް މި ނިސްބަތްކުރަނީ ޖާހިލުކަމެވެ. ކީރިތި ޤުރްއާނުގެ ނައްޞުތަކުން އެމީހުން މި ދައްކާ ވާހަކަތަކުގެ ދޮގުކަން އެނގެއެވެ. ކީރިތި ޤުރްއާނުންގެ ބަސްފުޅުތަކުން ﷲގެ ޢިލްމުފުޅަކީ ހުރިހައި އެއްޗަކަށް - މާޒީއަށާއި މި ވަގުތަށާއި ކުރިމަގުގެ އެންމެހާ ކަންތައްތަކަށް - ޝާމިލުވެގެންވާ ޢިލްމެއްކަން އެނގެއެވެ. އާޔަތުލްކުރްސީގައި ވަޙީކުރެއްވިއެވެ. ((يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ -އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)) މި ބަސްފުޅުން އެކަލާނގެ ޢިލްމުފުޅުގެ ދާއިރާ ހުރިހައި ޒަމާންތަކަކަށް ފުޅައުވެގެންވާ ކަން އެނގެއެވެ.
އިތުރު މިސާލަކަށް ބަލަމާ ހިނގާށެވެ! މާތްﷲ ވަޙީކުރެއްވިއެވެ. )غُلِبَتِ الرُّومُ * فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ * فِي بِضْعِ سِنِينَ - (عربى ންނާ) އެންމެ ކައިރި ބިމުގައި (فارسىންގެ އަތުން) رومىން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. އެބަހީ: فارسىންގެ މައްޗަށެވެ.( މި ބަސްފުޅުތަކުގައި މާތް ﷲ މި ޚަބަރު ދެއްވަނީ ކުރިމަގުގައި ހިނގާނޭ ހަނގުރާމައެއްގެ ވާހަކައެވެ. މަދު އަހަރުކޮޅަކީ ޢަރަބިބަހުގައި 3އާއި 9އަކާ ދެމެދެވެ. މި ހަނގުރާމައިގައި ރޯމަނުން ފާރިސީން ބަލިކުރާނެތެވެ. މި ގޮތަށް އެ ކަން ވަނީ ހިނގައިފައެވެ. ކުރިމަގުގައި ހިނގައިނޭ ކަންތައްތައް ﷲ ދެނެވޮޑިގެންވާ ކަން މިއިން އެނގެއެވެ.
އަލްމަސަދު ސޫރަތުގައި މާތްﷲ ވަޙީކުރެއްވިއެވެ. )تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ * مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ * سَيَصْلَى نَاراً ذَاتَ لَهَبٍ * وَامْرَأَتُهُ حَمَّالَةَ الْحَطَبِ * فِي جِيدِهَا حَبْلٌ مِنْ مَسَدٍ -أبولهب ގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. އޭނާގެ މުދަލާއި، އޭނާ ހޯދައިފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެ ވެސްމެއެވެ. ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައި ވެއެވެ.( މި ބަސްފުޅުން އެނގޭގޮތުގައި އަބޫ ލަހަބާއި އޭނާގެ އަންހެނުން އިސްލާމެއް ނުވާނެތެވެ. އެ ދެމީހުން މަރުވެގެންދާނީ ކާފިރުކަމުގެ މަތީގައެވެ. އެ ދެމީހުން މަރުވެގެން ދިޔައީ ހަމަ މި ގޮތަށެވެ. މި އިން އެނގެނީ ﷲ ތަޢާލާ ކުރިމަގުގައި ވަންހަނާވެފައިވާ ކަންތައް ދެނެވޮޑިގަންނަވާ ކަމެވެ. އެކަލާނގެއަށް ބަލާ އިރު އެއްވެސް ކަމެއް ވަންހަނާވެފައެއް ނޯންނާނެއެވެ. އެކަލާނގެ ޒަމާނަކަށް ނިސްބަތްވެގެން ނުވާތީއެވެ.
އުބައްޔު ބިން ޚަލަފު މަރުވެގެންދާނީ ކާފަރުކަން މަތީގައި ކަމުގެ ޚަބަރު ޖިބްރީލު عليه السلام ރަސޫލުﷲ صلى الله عليه وسلم އަށް ދެއްވިއެވެ. މަރުވެފައިވާ މީހެއްގެ ފީ ކަށިކޮޅެއް ހިފައިގެން ރަސޫލާގެ އަރިހަށް މި ކަލޭގެ އައިސް މި ކަށިކޮޅު ދިރުވާނީ ކާކުތޯ ސުވާލުކުރިއެވެ. މި ކަށިކޮޅު ދިރި، އަލުން ފުރާނަ ހުރި އިންސާނަކަށް ވާނެކަމަށް ކަލޭގެފާނު ވިދާޅުވަނީތޯއެވެ؟ އެހިނދު ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [އާނއެކެވެ! ކަލޭ އަލުން ދިރުއްވަވައި ނަރަކައަށް ވައްދަވާނެތެވެ.] އުޙުދު ހަނގުރާމައިގައި މީނާ މަރުވީ ކީރިތި ރަސޫލާގެ އަތްޕުޅުންނެވެ. މީނާއާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ. ) وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ﴿٧٨﴾ قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ - އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހައި مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.(
އުބައްޔު ބުނު ޚަލަފު މަރުވާނީ ކާފިރުކަން މަތީގައި ކަމުގެ ޚަބަރު ރަސޫލާއަށް ދެއްވެވީ ޖިބްރީލުގެފާނެވެ. އެއީ ﷲ ތަޢާލާ ޖިބްރީލުގެފާނަށް އެ ޚަބަރުދެއްވީތީ އެނގިވަޑައިގަތް ކަމެކެވެ. މިއީ ކުރިމަގުގައި ހިނގާނެ ކަންތައްތައް ﷲ ތަޢާލާ ދެނެވޮޑިގަންނަވާ ކަމުގެ ދަލީލެކެވެ.
الفتح ސޫރަތުގެ 11ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. )سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ - أعرابى ންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނު މީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهل ވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغول ކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ!( މާތް ﷲ މި ދެއްވަނީ ހަނގުރާމައަށް ނުގޮސް ޖިހާދަށް ނުނުކުތް އަޢުރާބީންގެ ބަޔަކު ބުނާނޭ ވާހަކަތަކެއްގެ ޚަބަރެވެ. އެބައިމީހުން ވަނީ ހަމަ މި ގޮތަށް އެ ބަސް ބުނެ ރަސޫލާގެ އަރިހުން ފާފަފުއްސަވައިދެއްވުމަށް ދަންނަވައިދެއްވާން އެދިފައެވެ. މިއިން އެނގެނީ ކުރިމަގުގައި ހިނގާނޭ ކަންތައްތައް އަރަހުށި މާތް ﷲ ދެނެވޮޑިގަންވަތެވެ. މިހެންވެ އެ އާޔަތް ނިމޭ ޢިބާރާތުގައި އޮތީ )بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرَۢا - އަދި ކިއެއްތަ! ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.(
الحج ސޫރަތުގެ 68ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ - އަދި އެއުރެން ކަލޭގެފާނާ جدل ކޮށްފިނަމަ، ފަހެ، ކަލޭގެފާ ނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ ކަންތައް اللَّه ދެނެވޮޑިގަތުން ބޮޑެވެ.(
މި އާޔަތުން އެނގެނީ މީސްތަކުން ކުރާ އެންމެހައި ކަންތައްތަކާއި ކުރާނޭ އެންމެހައި ކަންތައްތައް މާތް ﷲ ދެނެވޮޑިގަންނަވާކަމެވެ. )تعملون( މުޟާރިޢުގެ ޙާލަތުގައި އައުމުން ޙާޟިރާއި (މި ވަގުތާއި) ކުރިމަގު އޭގައި ޝާމިލުވެއެވެ. لقمان ސޫރަތުގެ 34ވަނަ އާޔަތަށް ބަލައިލާށެވެ! ﷲ Y ވަޙީކުރެއްވިއެވެ. )إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسُۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ - ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.(
މި އާޔަތުގައި ﷲ I އަޅުގަނޑުމެންނަށް މި ދެއްވާ ޚަބަރަކީ ކުރިމަގުގެ ހުރިހައި ކަންތައްތަކެއް (ޣައިބުތަކެއް) އެކަލާނގެ ދެނެވޮޑިގަންނަވާކަމުގެ ޚަބަރެވެ. ކުރިމަގުގެ ހުރިހައި ޣައިބުތަކެއްގެ ތަޅުދަނޑިތައް އެކަލާނގެ ޔަދުޤުދުރަތްފުޅުގެ ބާރުގެ ދަށުގައިވާކަމެވެ. އެހެން މީހަކަށް އެއިން އެއްވެސް ކަމެއް އެނގޭނީ ﷲ އެކަމެއް އަންގަވައިދެއްވީމައެވެ. الأنعام ސޫރަތުގެ 59ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )وَعِنْدَهُ مَفَاتِحُ الْغَيْبِ – އަދި ޣައިބުގެ ތަޅުދަނޑިތައް ވަނީ އެކަލާނގެ ޙަޟުރަތުގައެވެ.( البقرة ސޫރަތުގެ 235ވަނަ އާޔަތުގައި ވާ ބަސްފުޅުގައި އޮތީ )عَلِمَ اللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ - ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ. ( މި ބަސްފުޅުން އެނގެނީ ކުރިމަގުގައި (މުސްތަޤްބަލުގައި) ވާނޭ ކަންތައް ﷲ I ދެނެވޮޑިގެންވާ ކަމެވެ. އެކަމާ ބެހޭ ފުރިހަމަ ޢިލްމު އެކަލާނގެއަށް ލިބިވޮޑިގެންވާކަމެވެ. المزمل ސޫރަތުގެ 20ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. )عَلِمَ أَنْ لَنْ تُحْصُوهُ - މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ.( މި އާޔަތުގައި ވެއެވެ. )عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ - ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّهގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّهގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ.(
(ނުނިމޭ)