ad_banner
ފަލްސަފާ (6)

އަސްމާ އަބޫބަކުރު

20 ޖުލައި 2025

ކުރުވާހަކަ: ފަލސަފާ (6)

އަންހެނަކަށް ހުތުރުވާނެ ހުރިހައި ޖުމްލައެއް ޒިދުނާގެ [ވަކީލު] އެ އިއްވީއެވެ. ދެން އަހަރެންވީ ޒިދުނާގެ ހެދުންދޮވެ ކައްކައިފައި ކާންދޭށެވެ.

[ޖީލާން. ޕްލީސް، އެއްވެސް ތާކަށް ދާނެކަމެއް ނެތް. ޖީލާން ނެތި އުޅޭން އަހަންނަށް ވަރަށް އުނދަގޫވާނެ. އަނެއްކާ އަހަރެންގެ ލޯބީން ދަރީން މަޙްރޫމުކުރާކަށް ނޭދެން. އަދި މަޑުކޮށްލާ! ފަހުން ދެވިދާނެ.] އާލިފު އަހަރެން ކައިރީ އާދޭސްކުރާން ފެށުމުން އެންމެ ފަހުން އެއްވެސް ތާކަށް ނުގޮސް މާލޭގައި މަޑުކުރާން ޖެހުނީއެވެ.

ޒިދުނާ ދެކެ އަހަރެން ފޫހިވާން ފެށީ އެ ހިސާބުންނެވެ. އޭނާ އެހީތެރިކަން ބޭނުންވި ކޮންމެ ކަމެއްގައި އަހަރެން އެހީތެރިވެ ދިނީމައި އެންމެ ފަހުން ލަނޑު ދިނީ އަހަންނަށެވެ. އެ ނޫން މީހަކު ވެސް އެކުއްޖާ އަށް ނުފެނުނުބާއެވެ. ޒިދުނާގެ ކޯލެއް އަޔަސް މިހާރު އަހަރެން ނުނަގައިވޭތޯ ބަލަމެވެ. އެކަމަކު ބައެއް ފަހަރު އޭނާ ހުއްޓައިލާނީ އެ ކޯލް ނެގީމައެވެ. މީގެ ދެ ދުވަސް ކުރީން ފަސް ފަހަރު ޒިދުނާ ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އިއްޔެ ވެސް އެތައް ފަހަރަކު ގުޅިއެވެ. އެ ވަރަށް ގުޅާ އިރު ނުނަގާނީ ކަމެއް ވެގެންކަން އޭނާއަށް ވެސް އެނގެންވާނެ ނޫންހެއްޔެވެ!

އަނެއްކާ މިއަދު ވެސް ތިން ފަހަރު ގުޅައިފިއެވެ. އެންމެ ފަހުން އަހަރެން އެ ކޯލު ނަގައިފީމެވެ.

[ޖީލައްތަ ހާދަ ފޯނު ނުނަގައޭ. އަހަރެންދެކެ ރުޅި އައިސްފައިތަ؟]

[ކޮންކަމަކާ ޒިދުނާ ދެކެ ރުޅި އަންނާންވީ؟ އަނެއްކާ ކަމެއް ކުރީތަ؟" އަހަރެން ބޭނުންވަނީ ޒިދުނާ އަނގައިން ކައިވެނިކުރާ ވާހަކަ ބުނުވާށެވެ.

[މަރުޙަބާކިޔާން މި ގުޅީ. ޖީލައްތަ ޕްރެގްވީމަ.]

[ކިހިނެއް ޒިދުނާއަށް އެނގެނީ އަހަރެން ޕްރެގްކަމެއް؟] އަހަރެން ހައިރާން ވެގެން އެހިއަސް އެނގޭ ކަމަކީ އާލިފު ގޮސް ޒިދުނާ ގާތު އެ ވާހަކަ ދައްކައިފައި އޮތްކަމެވެ.

[ކައިވެންޏާއި، ވިހެއުމާއި، ބަނޑުބޮޑުވީމާ އެ ކަންކަން ދުނިޔެއަށް ސިއްރެއްނުކުރެވޭނެއެއްނު. އެންމެންނަށް ވެސް އެނގޭނެ ކަންކަމެއްނު އެއީ.] ޒިދުނާގެ ވާހަކަ ކިހައި ހަރުދަނާ ހެއްޔެވެ؟ އެވަގުތު އަހަރެން ހިތަށް އެރިއެވެ. [ކައްކާން ނޭނގުނަސް އިސްތިރިކުރާން ނުދަތަސް ހަރު ވާހަކަދައްކަން އެނގޭދޯ]އޭ ބުނެފާނަމެވެ. އެކަމަކު އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ.

[އާލިފަށް ބައްޕަ ކިޔާން ތިންވަނަ ދަރިފުޅު މި ލިބެނީ.] އަހަރެން އެހެން ބުނީ ޒިދުނާއަށް ކަމެއް އެންގުމުގެ ނިޔަތުގައެވެ.

[ތިންވަނަ ދަރިފުޅު؟] ޒިދުނާ ހައިރާންވެގެން އަހައިލާ ކަހަލަ ގޮތަކަށް އެހިއެވެ. އެވަގުތު ރުޅި ނައިސް ވޭތޯ ކިތަންމެ މަސައްކަތް ކުރިއަސް، މާ މައުސޫމުކަމުގައި ހެދިގެން އެ ދައްކާ ވާހަކަ އަޑުއަހާ ހިތެއް ނުވިއެވެ.

[ތިން ދަރީންގެ ބަފަޔަކާ އިންނާން އުޅޭ އިރު ޒިދުނާއަށް އެ ކަން ނޭނގި އޮވެގެން ނުވާނެ. ހުރިހައި ކަމެއް ބަލާންވާނެ.] އަހަރެން އެހެން ހަމަ ބުނުމާ އެކު ފޯން ބާއްވައިފިއެވެ.

އެ ދުވަހު ހަވީރުގެ ވަގުތެވެ. އާލިފު އަހަރެން އަތަށް އޭނާގެ ފޯނު ދިނީ ތަނަކަށް މޭލެއް ކޮށްލާން އަވަސްކުރުމަށެވެ. އާލިފުގެ  މަސައްކަތުގައި އަބަދު ވެސް އަހަރެން އެހީތެރިވެދެމެވެ. އެ މޭލުކުރަމުން ދަނިކޮށް ވަޓްސްއެޕުން މެސެޖު ނޮޓިފިކޭޝަން ފެންނާން ފެށިއެވެ. މީގެ ކުރީން ދުވަހަކު ވެސް ފިރިމީހާގެ ފޯނު ހާވައިގެނެއް ނުބަލަމެވެ. ފޮނުވަނީ ޒިދުނާގެ މެސެޖުތަކެއްކަން އެނގުމުން ބަލައިލާ ހިތްވީއެވެ. ގޯސްކަމަކަށް ނުވާނެއޭ ހިތަށްއެރިއެވެ. ފިރިމީހާގެ ފޯނު ބެލުމުގެ ޙައްޤު އަނބިމީހާއަށް އޮންނާން ވާނެތާއެވެ. އަމުދުން އާލިފު ކަހަލަ މީހުންގެއެވެ. މި ފަހަރު ހިތަށްއަރާން ފެށީ އެ މެސެޖުތައް ބެލުމަށެވެ. އެންމެ ފަހުން ވަޓްސްއެޕް ހުޅުވައިލައިފީމެވެ. އެ ވަގުތު ފެނުނީ ޒިދުނާއާއި އާލިފު ޗެޓް ލޮގްގެ ހިސްޓްރީއެވެ. އެ ހިސްޓްރީއަށް ބަލައިލުމުން އެކި ދުވަސްދުވަހު ދައްކައިފައިވާ ވާހަކަތަކުން ގިނަ ކަންތައްތަކެއް އޮޅުންފިލިއެވެ. އަހަރެން ބަނޑުބޮޑު ވާހަކަ ވެސް އާލިފު ވަނީ ޒިދުނާ ގާތު ބުނެފައެވެ. 

މީގެ ދެތިންމަސް ކުރީން އާލިފަކީ ގިނަ ދަރީން ބޭނުންވާ މީހެއްކަމަށް ބުނެފައިވާ އިރު އަހަރެންނާ ރަޝްމާއަށް ލިބިފައިވަނީ އެންމެ ކުއްޖެއްވީމާ އިތުރު މީހަކާ ކައިވެނިކުރާން ބޭނުންވާކަމަށް ވެސް އެ ޗެޓްލޮގުން ފާހަގަވިއެވެ. ގިނަ ދަރީން ހޯދުމުގެ ނިޔަތުގައެވެ. ޒިދުނާއަށް މަސައްކަތްކުރާން ނޭނގޭކަމަށް ބުނުމުން ވެސް އާލިފު ވަނީ އެއީ މި ޒަމާނުގައި މާބޮޑުކަމެއް ނޫންކަމަށް ބުނެފައެވެ. އެ ޗެޓް ލޮގު ކިޔައިފައި ސަހަރޯއޭ އަހަރެންގެ ހިތަށްއެރިއެވެ. އާލިފު އަންނަ ތަން ފެނުމުން އަހަރެން އަވަހަށް ފޯނުގެ އިސްކިރީނު އޮފުކޮށްފައި ބޭއްވީއެވެ.

[މޭލު ފޮނުވިއްޖެ؟] އާލިފު އައިސް އިށީންނަމުން އަހައިލިއެވެ.

[އެ ކަން ނިމިއްޖެ.] އަހަރެން ޗެޓްލޮގް ނުފެންނަކަމަށް ހެދިގެން އިނަސް ހިތަށްއަރައި ފައިބަމުން ދިޔައީ އާލިފާ ދިމާއަށް އެ ކަހަލަ ވާހަކަތައް ބުނާންޖެހޭކަމަށެވެ. އަހަރެންގެ އެތައް ސިއްރުތަކެއްގެ ވާހަކަ އެހެން އަންހެނަކަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އާލިފަކީ ކިޔަވައިގެން ހުރި ތަންދޮރު ދަންނަ މީހެކެވެ.

އާލިފުގެ މަންމަ މާލެ އައިސް ހުއްޓައި އަހަރެން އެ ގެއަށް ދިޔަ ދުވަހަކު މަންމަ ނަސޭހަތްދިނެވެ. މަންމަ ދެއްކީ ފިރީންނަށް ކިޔަމަންވުމުގެ ވާހަކައެވެ. އެކަމަކު އަނބީންގެ ހައްޤުތަކުގެ ވާހަކައެއް ނައެވެ. މަންމަގެ ނަސޭޙަތް ނިމުމުން ހިތަށްއެރިއެވެ. [މަންމަ ނަސޭޙަތް އާލިފަށް ވަރަށް މުހިންމުވާނެ. އަނބީންގެ ޙައްޤުތަކުގެ ވާހަކަ ކިޔައިދޭންވީނުން.] އެކަމަކު ދުލަކުން އެބަހެއް ބޭރެއްނުވިއެވެ.

[މަންމާ. މިއަދު ގެނައި އެއްޗެހީގެ ރަހަތައް ކިހިނެއްތަ؟] އަހަރެން ކާމޭޒު ކައިރީން ތެދުވަމުން އަހައިލީމެވެ.

[ޖީލާން ހަދާ ކާއެއްޗެހި ދުވަހަކު ވެސް މަންމައަށް ނުބައިވި ދުވަހެއް ނާދޭ. ތިޔަ އަތުގައި ހުރިހައި ރަހައެއް ހުންނަނީ އެންމެ ހެޔޮ ވަރަށް. ވަރަށް މީރު.] މައިދައިތައަކީ އެކަހަލަ މޮޅު ވާހަކަދައްކާށާއި ހުޝާމަދުކުރުމަށް އެއްވަނައިގެ މީހެކެވެ.

އާލިފުގެ ތިންވަނަ ކައިވެނިކުރެވުނު ފަހުން ދެތިން މަސް ފާއިތުވެއްޖެއެވެ. ޙަޔާތަކީ ބޯވާއެއް ނުވަތަ ސައިބޯނި ބޮތްކެއް ކަހަލަ އެއްޗެކެވެ. އެކި ދުވަހު ޙަޔާތުގެ ކުލަ ދައްކަނީ އެކި ގޮތަށެވެ. އާލިފު އޮފީސް ނިންމައިފައި މިއަދު ގެއަށް އައީ ވަރަށް ހިތްނުތަނަވަސް ވެފައި ހުރެގެންނެވެ. އެހެންނޫނީ އޮފީހުން އައިސް ފުރަތަމަ ވެސް ކާނެއެވެ. މިއަދު ކާކަށް ނޫޅުނެވެ. އަހަރެން ގޮސް ބަލައިލި އިރު އެނދުގައި އޮށޯވެ އޮތީ ނިތްކުރިމަތީ އަތްބާއްވައިގެންނެވެ.

[ކާންހަދައިފައި އެ ހުރީ. ކީއްވެ ނުކައި ތިޔަ އޮތީ އާލިފު. ބަލީތަ؟] އަހަރެން އެހެން އެހުމުން ބޮލުން ނޫނެކޭ ބުންޏެވެ.

[ކަމެއްވީމައި ތިހެން އޮތަސް ނޭނގޭނެ. ވާނުވާ އެނގޭނީ ބުނީމަ.] އަނެއްކާ ވެސް ވާހަކަދެއްކީ އަހަރެންނެވެ. އާލިފު އޮތްގޮތަށް އެބަ އޮތެވެ.

[ކިހިނެއްވީތަ؟]

[ޒިދުނާ މިއަދު ރުޅި ހަދައިލައިގެން އުޅެނީ. އަހަރެން ގުޅިއަސް ފޯނެއްނުނަގާ. ބްރޭކް ގަޑީގައި އެ ގެއަށް ދިޔައިރު ޒިދޫ ގެއަކު ވެސް ނެތް.] އާލިފަށް ޒިދުނާ ގެއްލުނީއެވެ. އެކަމާ ދެރަވެގެން މިއަދު ނުވެސް ކައި އެ އޮތީ އަހަރެންގެ ފިރިމީހާއެވެ. މިއަދު އެނގުނީ އާލިފު ޒިދުނާ ދެކެ ލޯބިވާ ވަރެވެ. އެންމެ ފަހުން އަހަރެން ޒިދުނާއަށް ގުޅައިފީމެވެ. ދެތިން ފަހަރު ގުޅިއިރު ވެސް ފޯނު ރިންގުވެފައި ކެނޑެނީއެވެ. އެންމެ ފަހުން އަހަރެން މެސެޖެއް ކުރީއެވެ.

[އާލިފަށް ކަމެއް ވެއްޖިއްޔާ އެކަމުގައި ޒިންމާވާނީ ޒިދުނާ.] އަހަރެން މެސެޖު ފޮނުވުމާ އެކު ގުޅައިފިއެވެ.

[ޖީލައްތާ. އާލިފު އެއްޗެކޭ ބުނީތަ؟] އަހަރެން ގާތު އާލިފު އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

[ދީބަލަ އާލިފު އަތަށް ފޯނު.] އެންމެ ފަހުން އަހަރެން ފޯނު ދީފައި ކޮޓަރީން ނިކުތީއެވެ. އޭގެ ފަނަރަވަރަކަށް މިނިޓް ފަހުން އާލިފު ކޮޓަރީން ނިކުތް އިރު ހުރީ ހަމަޖެހިފައެވެ.

[މިއަދު ކޯއްޗެއް ކެއްކީ؟] ކާމޭޒު ކައިރީ އިށީންނަމުން އާލިފު އެހިއެވެ. މިއަދު ގެއަށް އައިސް ވަން އިރު ދަރިފުޅު ވެސް އާލިފުގެ ލޮލުގައި އަޅައެއްނުގަތެވެ. އައިސް ހުރި ރުޅީގައެވެ.

[އާޒު ކޮބާ؟] އަހަރެން ހައިރާންވެ އަންތަރީސްވިއެވެ.

[އާޒު ދެންމެ އެ ނިދީ.] އާލިފަށް އާޒު މުހިންމުވީ ނަމަ ހަގު އަނބި ދެކެ ރުޅިއައިސްގެން އުޅުނަސް އަހަރެންނާ އަހަރެންގެ ދަރިފުޅު މަތީން ހަނދާންނެތިގެންނެއް ނުވާނެ ނޫންހެއްޔެވެ؟ ކާން އިނދެގެން އާލިފު މިއަދު ކަންތައް ވީގޮތް ކިޔައިދިނެވެ. ޒިދުނާ ރުޅި އައިސްގެން އުޅެނީ އޭނާގެ ހުރިހައި ރައްޓެހީން ދުބާއީއަށް ދާތީ އޭނާއަށް ދުބާއީއަށް ނުދެވިގެންނެވެ. އާލިފަށް އެކަން ކުރެވޭން ނެތީ އަހަރެން ވިހާން ކައިރިވެފައި އިނީމައެވެ. އަދި ދެ މަހެއް ވަރު ފަހުން ދާނެ ވާހަކަ ބުނެގެންނެވެ.

އެންމެ ފަހުން އާލިފު އެ އައީ އޭނާ ބޭނުންވާ ގޮތަށް އަންނަ ހަފުތާއަށް އެ ދަތުރު ހަމަޖައްސައިފައެވެ. އަހަރެން ހިތަށް ހާދަ ތަދުވާ ކަހަލަ ވާހަކަ އާލިފުގެ ފަރާތުން މިހާރު އިވެއެވެ.

[ޖީލާން ވިހާން ޑޮކްޓަރު ދެއްވައިފައިވާ ތާރީޚުގެ ކުރީން އާދެވޭނެތީ އަހަރެން އެއްބަސްވީ. އާލިފު ހާދަ ކޫލްކޮށް ވިސްނައޭ އަހަރެންގެ ހިތަށް އެރިއެވެ. މި ދުވަސްކޮޅު ފިރިމީހާގެ އެހީތެރިކަން އެންމެ ބޭނުންވާ ދުވަސްކޮޅު ހަގު އަނބި ރުއްސާން އެއްބަސްވީއެވެ. (ނުނިމޭ)

ކޮމެންޓު
ކޮމެންޓުތައް
މަރީ
20 ޖުލައި 2025 10:43
ވަރަށް ރީތި ވާހަކައެއް. ވަރަށް އަސަރުގަަދަ! ފިރިހެނުންގެ ގިނަ މީހުންގެ ވިޔާނުދާކަން ދައްކައިދޭ. ހެހެހެހެ