ad_banner
ކޮލަމް ހަމަ (36): ވިޔަ އަކުރެއްގެ ފަހަތަށް އަންނަ މެހޭ އަކުރު ލިޔުން ރަނގަޅީ ކޮން ގޮތަކަށް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 ޖުލައި 2025

ލަފުޒު ދުރުކުރުމުގެ ގަވާއިދުގެ ތެރެއިން (ފޮޓޯ: ދބއ)

ކޮންމެ ކަމެއްގައި ވެސް އުޞޫލެއް ހަމައެއް ލިޔެވި އެކަށައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. (ނެތްކަމެއް ނޭނގެއެވެ. އެ ފަދަ ގަވާއިދެއް އަޅުގަނޑަށް ފެނިފައި ނުވާތީ މިހެން ދަންނަވައިލެވުނީއެވެ.) އޭރުން އެ އުސޫލު ބަޔަކު ބޭނުންކުރިޔަސް ނުކުރިޔަސް ރަނގަޅު ގޮތަކީ، އަދި ގަވާއިދުގައި އޮންނަ ގޮތަކީ މިއީއްޔޭ ބުނެ އެ ގޮތަކަށް އަޅުގަނޑުމެން އާންމު، މައް ދިވެހީންނަށް ލިޔެކިޔައި އުޅޭން ފަސޭހަވާނެއެވެ.

އަޅުގަނޑު މިއަދު މި ދަންނަވައިލަނީ ވިޔަ އަކުރެއްގެ ފަހަތަށް އަންނަ، އަށް، އިން، އެއް، އަކީ، އާއި، އެވެ، އާ، ފަދަ މެހޭ އަކުރުތައް ލިޔާނެ ވަކި ގޮތެއް އާންމުންނަށް ނޭނގޭތީ އަދި ބައެއް މީސްމީހުން މި ކަމާ ބެހޭ ގޮތުން އަޅުގަނޑާ ވެސް ސުވާލުކުރާތީ އެ ކަމުގައި އަޅުގަނޑުގެ ޚިޔާލެވެ. މި އަކުރުތައް ތަފާތު އެކި ގޮތްގޮތަށް ރަސްމީ ލިޔެކިޔުންތަކުގައި ލިޔާތީ އެ ކަމާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ރައުޔެވެ. ގަވާއިދާ ބެހޭ ރަސްމީ ބޭފުޅުން މި ކަމާ މެދު އެއްޗެއް ވިދާޅުވާނެކަމުގެ އުންމީދުގައެވެ.

މިސާލަކަށް: 8:30އިން 10:00އަށް (އަށް ގަޑި ތިރީހުން ދިހަ ގަޑި ސުން މިނިޓަށް)، ނުވަތަ 5:30އާއި 6:30އާ (ފަސްގަޑި ތިރީހާއި ހަގަޑި ތިރީހާ) ދެމެދު، ނުވަތަ 7:30އެވެ. (ހަތްގަޑި ތިރީހެވެ.) މި ޢިބާރާތުގައި އަޅުގަނޑު ބުރެކެޓުގައި ލިޔެފައި އެ ވަނީ ކިޔާ ގޮތެވެ.

އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، އަދި ތިޔަ ބޭފުޅުންނަށް ވެސް ފާހަގަކުރެއްވިފައިވާނޭ އެއް ކަމަކީ، މި މިސާލުގައި އަޅުގަނޑު ގެނެސްފައި އެވާ ފަދަ ވިޔަ ޢަދަދުތަކުގެ ފަހަތަށް އެ ފަދަ [މެހޭ] އަކުރުތައް ލިޔުއްވާ އިރު، އެކި ބޭފުޅުން އެކި ގޮތަށް ލިޔުއްވައިފައި ހުންނަކަމެވެ.

މިސާލަކަށް: 8:30 އިން، 8:30 ން، 8:30 ހުން، 10:00 އަށް، 10:00 ށް، 10:00 ޓަށް، 5:30 އާއި، 5:30 ހާއި، 5:30 އި، މި ފަދަ އެތައް ގޮތަކަށް

ފާހަގަކޮށްލާން ޖެހޭ ކަމަކީ މި ފަދަ އަކުރުތަކަކީ ތާނައިން ލިޔާ ނަމަ، (ބައެއް ޙާލަތުގައި) ކުރީ ލަފުޒާ މެހޭ އަކުރުތަކެކެވެ. ބުރެކެޓުގެ ތެރޭގައި ލިޔެފައިވާ ލިޔުންކޮޅުން އެ ކަން ސާފުވެވަޑައިގަންނަވާނެއެވެ. ނަމަވެސް ފާހަގަކޮށްލާން ޖެހޭ ކަމަކީ މިއިން އެއްވެސް އަކުރެއް ވިޔައަކުރަކާ ނުމެހޭނެކަމެވެ. އެއީ މުސްތަޙީލު ކަމެކެވެ. ނުމެހޭ ޙާލަތުގައި، އަށް، އިން، އެއް، އަކީ، އާއި، އެވެ، ފަދަ އަކުރެއްގެ ފުރަތަމަ އަލިފު އުންޏެއް ނުކުރެވޭނެއެވެ. މެހޭ ޙާލަތުގައި އަޅުގަނޑުމެން ހަދާ ގޮތަކީ އެ [އަކުރު]ގެ  އަލިފު އުނިކުރުމަށް ފަހު، ކުރީ ލަފުޒުގެ ފަހު އަކުރުގެ ފިލި އުނިކޮށް އެ އަކުރުގައި އަލިފުގެ ފިލި ޖެހުމެވެ.

މިސާލަކަށް: (1) ދިހަގަޑި ސުން މިނިޓު+އަށް = ދިހަ ގަޑި ސުންމިނިޓަށް.

      (2) އަށް ގަޑި ތިރީސް+އިން = އަށް ގަޑި ތިރީހުން. (މި މިސާލުގައި ހާގައި ފިލިޖެހިފައި އެ ވަނީ ސީނު ސުކުނަށް ނިމޭ ލަފުޒުތަކުގެ ފަހަތަށް އެ ފަދަ އަކުރެއް އަންނަ ނަމަ، ހާއަކަށް ބަދަލުވާ އުޞޫލުންނެވެ.)

      (3) ރަށް+އަށް + ރަށަށް

މި ދަންނަވައިލީ އަކުރު މެހޭ ޙާލަތުގައި އަންނަ ބައެއް ބަދަލެވެ. ނުމެހޭ ނަމަ، އަކުރު އޮންނާނީ ދުރުނުކޮށް ހަމަ އޮންނަ ގޮތަށެވެ.

މިސާލަކަށް: މަދަރުސާއެވެ، ވަޒީފާއިން، ވުޒާރާއަށް، މިނިސްޓްރީއަކީ

މި ހަމައިން ބަލާ އިރު، މި ދެންނެވި ފަދަ އަކުރެއްގެ ކުރިއަށް ވިޔައަކުރެއް އަންނަ ޙާލަތުގައި އެ އަކުރު މެހިގެންނެއް ނުދާނެއެވެ. އެހެންވީމާ އެ އަކުރުތައް ލިޔާންވާނީ ނުމެހޭ ޙާލަތުގައި ލިޔާ ގޮތަށް އަކުރުގެ ކުރީގައި އޮންނަ އަލިފު އުނިނުކޮށެވެ. މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ.

މިސާލަކަށް: 8:30އިން، 10:00އަށް، 5:30އާއި، 7:30އެވެ. (ނަމަވެސް ކިޔާނީ، އަށްގަޑި ތިރީހުން، ދިހަ ގަޑި ސުން މިނިޓަށް، ފަސްގަޑި ތިރީހާއި، ހަތްގަޑި ތިރީހެވެ، މި ގޮތް ގޮތަށެވެ.)

ޢަދަދެއްގެ ފަހަތަށް ނަމެއް އައުމުން ވެސް އަޅުގަނޑުމެން އެ ޢަދަދު ވެސް ކިޔާ އިރު ކިޔަނީ ބަދަލުކޮށްގެންނެވެ.

މިސާލަކަށް: 3 މީހުން (ކިޔަނީ: ތިން މީހުން)، 4 ކުދީން (ކިޔަނީ: ހަތަރު ކުދީން)، 10 މިލިއަން (ކިޔަނީ ދިހަ މިލިއަން) (ތިނެއް މީހުން، ހަތަރެއް ކުދީން، ދިހައެއް މިލިއަން، މިއީ ކިޔާ ގޮތްގޮތެއް ނޫނެވެ.)

ނަމަވެސް ދަހަމަލަ ނުކުތާ (ޑެސިލަމް ޕޮއިންޓު)ގެ ފަހަތަށް އަންނަ އަދަދު ކިޔާނީ އަދި ކިޔާންވާނީ ވެސް ހަމަ އެ އަދަދު ފުރިހަމައަށެވެ.

މިސާލަކަށް: %10.5 (ކިޔާނީ: [ދިހައެއް ޕޮއިންޓު ފަހެއް] އިންސައްތަ.) (ދިހަ ޕޮއިންޓު ފަސް އިންސައްތައެއް ނުކިޔާނެއެވެ.) ކިޔާން ޖެހޭ ގޮތަކީ ހަމަ [ދިހައެއް ޕޮއިންޓު ފަހެއް އިންސައްތަ]އެވެ.

އިސްވެ ދަންނަވައިލެވުނު ހަމަތަކާއި އުޞޫލުތަކަށް ބަލާ އިރު، ވިޔަ އަކުރުގެ ފަހަތަށް އަންނަ މެހޭ އަކުރު ލިޔާން އެންމެ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަދި ކަމާ ބެހޭ އިދާރާއަކުން ރަސްމީ ގޮތުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު އަޅުގަނޑު ބޭނުންކުރާނީ ވެސް މި ދެންނެވި އުސޫލުންނެވެ.

މިސާލަކަށް: 8:30އިން، 10:00އަށް، 5:30އާއި، މި ގޮތްގޮތަށެވެ. މި އަކުރުތައް އަޅުގަނޑު ލިޔުނު އިރު، އިން، އަށް، އާއި ކުރީ ވިޔައަކުރާ ދުރުނުކޮށް ލިޔެފައި އެ ވަނީ އެންމެ ފަހުން ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރެއްވި ލަފުޒު ދުރުކުރުމުގެ އުސޫލުގައި، [އެއްވެސް ޙާލަތެއްގައި ކުރީ ލަފުޒާ މެހޭ އަކުރެއް ނަމަ، ކޮންމެ ޙާލަތެއްގައި ވެސް ލިޔާން ޖެހޭނީ ކުރީ ލަފުޒާ ދުރުނުކޮށް]ކަމަށް ބަޔާންކުރައްވައިފައި ވާތީއެވެ.

މި ދަންނަވައިލީ އަޅުގަނޑު މިހާރު ބޭނުންކުރާ އުސޫލާއި އަޅުގަނޑަށް ފެންނަ ގޮތެވެ. މި ކަމާ ބެހޭ އުސޫލެއް، ނުވަތަ އެހެން ގަވާއިދެއް ކަމާ ބެހޭ އިދާރާއަކުން އެކަށައަޅުއްވައި އާންމުކުރައްވަންދެން އަޅުގަނޑު ބޭނުންކުރާނީ މި އުސޫލެވެ. ނަމަވެސް މި ދެންނެވި ފަދަ ރަސްމީ އިދާރާއަކުން އެހެން އުސޫލެއް ކަނޑައަޅުއްވައިފި ނަމަ، އަޅުގަނޑު ޢަމަލުކުރާނީ އެ އުސޫލަށެވެ. އެ ހިސާބުން ފެށިގެން އަޅުގަނޑު ބޭނުންކުރާ އުސޫލު ދޫކޮށްލާނީއެވެ. ހަމަ ހެޔޮހިތުންނެވެ.

ކޮމެންޓު