އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
19 ޖުލައި 2025
ދިވެހިރާއްޖޭގެ މައި ވައިގެބަނދަރުގެ، އާ ގިމަތަ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު، ހުޅުވާން ހަފުތާއަކަށްވީއެވެ. މި ކަމުގެ [ކްރެޑިޓް] ލިބޭތޯ [ބައެއް] މީހުން އެތައް ވާހަކައެއް ދައްކައި، މީސްމީޑިއާގައި އެބަ ކެންޕޭނުވެސްކުރެއެވެ. އަދި މި އެއަރޕޯޓު ހުޅުވާން މި ހައި ވަގުތު ކުޑަތަންވެފައި ވަނިކޮށް އެ ތާނގެ ނަމާ މެދު ބައެއް ބޭފުޅުން އަނެއްކާ އެބަ ސުވާލު އުފައްދަވައެވެ.
އެއަރޕޯޓުގެ ބިނާކުރުމުގެ ހަގީގަތްތައް ތާރީޚުން ފެންނާން އެބަހުއްޓެވެ. އެހެންކަމުން، އެ ކަމާ މެދު، ކުރީން ލިޔެވިފައިވާތީ، އެ ކަމާ މެދު މި ވަގުތު އެއްޗެއް ނުދަންނަވައި، އެ ނަމާ މެދު، އަޅުގަނޑުގެ ޚިޔާލު ވެސް ފާޅުކޮށްލާން މިއަދު ގަސްތުކުރީއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ބަނދަރެއް ގާއިމުކުރުމަށް ފަހު، ހުޅުވީ 1960ގައެވެ. އެއީ ދަގަނޑު ފިލާ އަޅައިގެން އިނގިރޭސީން ހެދި ތަނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި އެއަރޕޯޓުގެ ރަންވޭގެ ބޮޑުމިނަކީ 3000×75 ފޫޓެވެ.
އިނގިރޭސީންގެ ޖެއްސުމާ ހުރެ، އެ އެއަރޕޯޓު އުވައިލުމަށް ފަހު، ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ގަލާއި ހިލައާއި ސިމެންތިއާއި ތާރު ބޭނުންކޮށްގެން ރަންވޭއެއް ހަދައި ރަސްމީކޮށް ހުޅުވިކަމަށްވަނީ 1966 އޭޕްރީލް 12ގައިކަމަށް އެނގިފައިވެއެވެ. މި ތަނުގެ ނަމަކީ [ހުޅުލޭ އެއަރޕޯޓް]ކަމަށް ތާރީޚުން އެނގެއެވެ.
ދިވެހިރާއްޖެއަށް 1972ގައި ފަތުރުވެރިކަން ތައާރަފުކުވުމާ އެކު، ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓަކަށް ދިވެހިރާއްޖެ ބޭނުންވިއެވެ. ޚާއްޞަ މަޝްރޫޢެއްގެ ދަށުން އެއަރޕޯޓު ތަރައްގީކޮށް [މާލޭ އިންޓަރނޭޝަނަލަ އެއަރޕޯޓު]ގެ ނަމުގައި ހުޅުވީ 1981 ނޮވެންބަރު 11ވަނަ ދުވަހުއެވެ. އަލަށް ހުޅުވި އިރު، ހުޅުލޭގެ ނަން [މާލެ]އަށް އޮތީ ބަދަލުވެފައެވެ. އެ ގޮތަށް ބަދަލުކުރުމުގެ ވެސް މަގުސަދެއް އޮންނާނެއެވެ. ކުރީން ހުޅުލޭ އެއަރޕޯޓު ކިޔަމުން އައި ތަނެއް، ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީވީމާ ނަން ބަދަލުވީއެވެ. އެއީ ކުރިމަގުގައި މާލެއާ ގުޅައިލެވި މާލޭގެ ބައަކަށް ހުޅުލެ ބަދަލުކޮށްލެވޭނެކަމުގެ ވިސްނުމުގައިކަމަށް ވުން އެކަށީގެންވެއެވެ.
ކޮންމެއަކަސް އެއަރޕޯޓު ހިންމުމަށް ޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ނަމުގައި 1994ޖަނަވަރީ 1ގައި ސަރުކާރުން ކުންފުންޏެއް އުފައްދަވައި އެއަރޕޯޓު ހިންގައި ބެލެހެއްޓުން އެ ކުންފުންޏާ ޙަވާލުކުރެވުނެވެ.
ރާއްޖޭގެ ވެރިކަމަށް އައި ބަދަލެއްގައި ދައުލަތުގެ ތަންތަން އަމިއްލަ ފަރާތްތަކުން ހިންގާން ހަވާލުކުރުމުގެ ސިޔާސަތުގެ ދަށުން މި އެއަރޕޯޓު ހިންގައި ބެލެހެއްޓުން ބޭރު ގައުމެއްގެ ކުންފުންޏެއްކަމަށްވާ ޖީއެމްއާރާ ހަވާލުކުރިއެވެ. ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް އެ ކަމަށް އިޢުތިރާޒުކޮށްކޮށް އޮއްވައެވެ. އަދި އެ ތާގެ ނަން، ޖީއެމްއާރ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމަށް 2011 ޖުލައި 26ގައި ބަދަލުކުރިއެވެ.
މިއީ ބިދޭސީންނަށް ހެޔޮކޮށް ކިޔާން އުނދަގޫ ނަމަކަށްވިއެވެ. މަތީންދާބޯޓުތަކުގެ ފަޅުވެރީން ބޯޓުގެ ދަތުރުތައް އިޢުލާނުކުރަމުން އެ ނަން ކިޔާން އުނދަގޫވެގެން އުޅުނުކަން އަޅުގަނޑަށް ވެސް ތަޖުރިބާކުރެވިފައިވެއެވެ. ގިނަމީހުން ކިޔަނީ [އިބްރަހިމް ނަސައަރ] ނުވަތަ [އިބްރަހީމް ނަސީރް] ފަދަ ގޮތްގޮތަށެވެ.
ގައުމުގެ މައި އެއަރޕޯޓު ބޭރު ބަޔެއްގެ އަތްމަތީގައި އޮތުމަކީ ސިޔާސީ ގޮތުންނާއި ސިޔާދަތީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ދިވެހިރާއްޖެއަށް ވަރަށް ގެއްލުން ބޮޑުކަމަކަށްވާތީ، ދެން އައި ސަރުކާރުން އަނެއްކާ ދިވެހީންގެ އެއަރޕޯޓު ދިވެހީންނަށް ހޯއްދަވައިދެއްވިއެވެ.
މާ ލަސްތަކެއް ނުވެ، އިސްތިރާޖީ، އިގުތިސާދީ އާ ތަދުބީރެއްގެ ދަށުން އެއަރޕޯޓު ޒަމާނީކުރުމުގެ މަސައްކަތާ އެކު، އެއަރޕޯޓުގެ ނަން އަލުން މަރުކާކޮށް [ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު]ގެ ނަމަށް 2017 ޖަނަވަރީ 1ގައި ބަދަލުކުރިއެވެ.
އާދޭހެވެ! ހަމަ އެކަނި ނަން ބަދަލުކޮށްލީއަކީ ނޫނެވެ. އެއަރޕޯޓު އަލުން ހޯދުމަށް ފަހު، ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ވަރުގެ ރަންވޭއެއް ވެސް ބިނާކުރީއެވެ. މި ރަންވޭއަކީ 11155 ފޫޓު (3400 މީޓަރު) ދިގު، 197 ފޫޓު (60 މީޓަރު) ފުޅާ، އަދި އެންމެ ބިޔަ ބޯޓުފަހަރު ޖެއްސޭވަރުގެ ވަރުގަދަ ރަންވޭއެކެވެ. (މި ރަންވޭގެ އަޖުމަބަލައި 2018ވަނަ އަހަރު ސެޕްޓެންބަރު މަހު 18ގައި ރަސްމީކޮށް ހުޅުވައިފައި ވިޔަސް ހަތަރު އަހަރު ވަންދެން މި ތަން ބޭނުންނުކޮށް ދޫކޮށްލައިފައި އޮތެވެ.) މި ރަންވޭގެ އިތުރަށް، ހަތް މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފަދަ ގިމަތައެއް ވެސް ފަރުމާކޮށް، އެ ކަމަށް ބޭނުންވާ ފައިސާ ހޯދައި، މަސައްކަތް ވެސް ފަށައިގަތީއެވެ.
އެނގިފައިވާ ގޮތުގައި ކުރީން އެއަރޕޯޓަށް ކިޔައިފައި އޮތް ދިގު ނަން، ކުރު ނަމަކަށް ބަދަލުކޮށް [އިބްރާހީމް ނާސިރު]ގެ ބަދަލުގައި [ވެލާނާ]އަށް ބަދަލުކުރި މައިގަނޑު ބޭނުމަކީ ކިޔާށާއި ލިޔާން ލުއިކޮށްލުމުގެ ބޭނުމުގައި ނަން ކުރުކޮށްލުމެވެ. މި ގޮތަށް ނަން ބަދަލުކުރި އިރު، އިބުރާހީމް ނާޞިރަށް އެ ނަން ނިސްބަސްކުރުމަށް ވެސް ވިސްނުން ގެންގުޅެފައިވެއެވެ. އަދި އެއީ ދިވެހިރާއްޖެއާއި ބޭރާ ގުޅުވައިދޭ މައި ދޮރޯށިކަމަށްވާތީ އެ ކަމަށް އެ ނަމުން އިޝާރާތްކުރުމަށް ވެސް ވިސްނުން ބެހެއްޓިއެވެ. [ވެލާނާ]އިން މި ހުރިހައި މަގުސަދެއް ހާސިލުވެއެވެ. ފުރަތަމަ ކަމަކީ ކިޔާން ފަސޭހަވުމެވެ. ދެން އިބްރާހީމް ނާޞިރުގެ ޢާއިލާއަށް ނުވަތަ ޢާއިލީ ގެއަށް އެ ނަން ނިސްބަތް ވެއެވެ. މި ނަމުން ބޭރާ ގުޅުން ހުންނަކަމަށް ވެސް އިޝާރާތްކުރެއެވެ. އެހެނީ، [ވެލާނާ] މި ނަމަކީ ބޭރާ ބެހޭ ކަންތައްތައް ކުރައްވާން އިސްވެ ހުންނަވާ ވަޒީރަށް އިހުގައި ކިޔާ ނަމެވެ. ވެލާނާގެއަށް އެހެން ކިޔުނީ ވެސް މި ފަދަ ވަޒީރެއްގެ ސަބަބުންކަމަށް ވެއެވެ.
ނަމަވެސް މިހާރު ނިމެމުންދާ، އާ ގިމަތަ ހުޅުވާން ހަފުތާއަކަށް ވެފައިވާ އިރު، ބައެއް ބޭފުޅުން އެ ނަމާ ދެކޮޅަށް މީސްމީޑިއާގައި އެބަ ޚިޔާލު ފާޅުކުރައްވައެވެ. ޢާއިލާއަށް ނިސްބަތްކޮށް ތަންތަނަށް ނަން ނުދެވޭނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި [ހުރަވީ] ދުވަސް ފާހަގަކުރާ ކަމެއް އެ ފަދަ ބޭފުޅުން ހަނދުމަފުޅެއް ނުހުރެއެވެ. ދޮންބަންޑާރައިންނަށް ނިސްބަތްކޮށް [ހުރަވީ] ސްކޫލެއް ރާއްޖޭގައި ހުންނަ ކަމެއް އެނގިވަޑައެއް ނުގަތެވެ.
[ވެލާނާ] މި ނަން ކަމު ނުގޮސްގެން މި އުޅެނީ ވަކި މީހެއްގެ ވެރިކަމުގައި ދީފައިވާ ނަންތައް ކަމުނުދާތީ ބަދަލުކުރާ އުޞޫލުންކަމަށް ވެދާނެއެވެ. ރާއްޖޭގައި ކުރީން ވީރާނާ ވެފައިވާ [ސުލްޠާން ޕާކު] (އެ މީހުން ކިޔަނީ [ސަލްޓަން ޕާކު]އެވެ.) ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭގައި ރަސްކަންކުރެއްވި އަދި ރަނިކަންކުރެއްވި ދެ ޖިންސުގެ ބޭފުޅުންނަށް ނިސްބަތްވާ ގޮތަށް [ރަސްރަނި ބަގީޗާ]ގެ ދިވެހި ނަމެއް ދީފައި ވަނިކޮށް، ކުރީން ވެސް ކިޔައިފައި އޮތް ހަމައެކަނި ރަސްރަސްކަލުންނަށް ނިސްބަތްވާ [ސުލްޠާން ޕާކު]ގެ ނަން އަނެއްކާ އިޢާދަކުރިއެވެ. ކުރީގެ ނަން އަލުން އިޢާދަކުރީ، [ސުލްޠާން ޕާކު]ގެ ނަން ބަދަލުކޮށް [ރަސްރަނި ބަގީޗާ]ގެ ނަމަށް ބަދަލުކުރީ ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު، ދެ ޖިންސަށް ވެސް ނިސްބަތްވާ ދިވެހި ނަމެއް ކިޔާންކަން ނުވިސްނައި ހަމަ ވަކި މީހަކު ކި ނަމެއްވީމާ ބަދަލުކޮށްލުމުގެ ވިސްނުމުގައި ކަމެއް ނޭނގެއެވެ. އަދި ސުލްޠާން ވެސް، ނުކިޔައި ބޭރު ބަޔަކަށް އެހެން ނުކީގެން ކިޔައިފައި އޮންނަ [ސަލްޓަން]އަށް ބަދަލުކުރީ ދިވެހިވަންތަކަމާ ދުރުކުރާންކަމެއް ނުވަތަ ނޭނގޭތީކަމެއް ނޭނގެއެވެ.
އެހެންކަމުން، [ވެލާނާ] ފަދަ ލުއި ލަފުޒެއް، ލުއި، އަދި މާނަ ހުރި ނަމެއް ކިޔައިފައި އޮތް ސަބަބާ މެދު ވިސްނުމެއް ނެތި، އަލުން އަނެއްކާ ދިގު އުނދަގޫ ނަމަކަށް ބަދަލުކުރާން ބައެއް މީހުން ވިސްނަނީ ވެސް، [ރަސްރަނި ބަގީޗާ] އަލުން ކުރީގެ ނަމަށް ބަދަލުކުރި މަގުސަދުގައިބާވައޭ ހިތަށް އަރައެވެ. (ދެނެވޮޑިގެންވާނީ ﷲއެވެ.)
ކޮންމެއަކަސް އަޅުގަނޑަށް އެނގޭކަމަކީ [އިބްރާހީމް ނާޞިރު ބައިނަލްއަގުވާމީ ވައިގެ ބަނދަރު] ކިޔުމަށް ވުރެ، [ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު] (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު) ކިޔުން މާ އައުލާކަމެވެ. ދުލަށާއި އަތަށް ވެސް ލުއިކަމެވެ. މާނައަށް ބަލާ އިރުވެސްމެއެވެ. އަދި ޢާއިލާއަށް ނުވަތަ ދަރިކޮޅަށް ނިސްބަތްކޮށް، ނަންކިޔައިފައިވާ [ހުރަވީ ސްކޫލު]، [ހުރަވީ ދުވަސް] ފަދަ ނަންތައް ހުރިކަމެވެ. އަދި، ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅުވައިދޭ މައި ދޮރޯއްޓަށް ވާ ހިނދު، [ވެލާނާ] އިން [ބޭރާ ގުޅޭ] މާނަ ވެސް ނުކުންނާތީ [ވެލާނާ]އަކީ ވަރަށް މުނާސަބު ނަމެއްކަމެވެ.
ބައެއް ލަފުޒުގެ މާނަ:
ސިޔާސީ ނއ. (1) ޤައުމުގެ ކަންތައް އިންތިޒާމުކޮށް ހިންގުމާބެހޭ. (2) ސިޔާސަތާ ގުޅޭ.
ސިޔާދަތު ނ. ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން.
ސިޔާދަތީ ނއ. ސިޔާދަތާ ގުޅޭ.
އިގުތިސާދު ނ. (1) ލިބޭ އާމްދަނީއާއި އެ އާމްދަނީ ފުއްދުންތެރި ގޮތަކަށް ޚަރަދުކުރާން ރާވާ ރޭވުން. (2) ޤައުމެއްގެ އާމްދަނީއާއި އެ އާމްދަނީގެ ޚަރަދުބަރަދު ބަލަހައްޓާ ބެލެހެއްޓުން. (3) މާލީ ތަނަވަސްކަން ހުރިނެތް ގޮތް.
އިގުތިސާދީ ނއ. އިގުތިސާދާ ގުޅޭ.
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް.