ad_banner
ނަތަންޔާހޫގެ ބަހަނާ މެސެޖު

އަބާ މުޙަންމަދު

19 ޖުލައި 2025

ނަތަންޔާހޫއަށް މެސެޖު

މި ދިޔަ ބުދަ ދުވަހުގެ މެންދުރު ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވަނީ އޭނާގެ ގައުމުގެ ކުޑަ އަޣުލަބިއްޔަތެއް އޮންނަ ޑުރޫޒް ދަރިކޮޅާ މުޚާޠަބުކޮށް ވީޑިއޯ މެސެޖެއް ޢާންމުކޮށްފައެވެ.

ސޫރިއާގެ ސުވައިދާ އަވަށުގައި ތިބި ލޯކަލް ބަދަވީންނާއި ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސީރިއާގެ ޑުރޫޒް ހަނގުރާމަވެރީންނަށް ތާއީދުކުރުމަށް ޓަކައި ސީރިއާގެ ހުޅަނގުދެކުނު ސަރަހައްދަށް ސޫރިއާގެ ފައުޖުތައް ނައުމަށް އޭނާ އިންޒާރުކުރިއެވެ.

ނަތަންޔާހޫ އެ ބަޔާންދިން އިރު ވެސް އޭނާގެ ގައުމުގެ ސިފައިން ގެންދިޔައީ ސީރިއާގެ ވެރިރަށް ދިމިޝްޤަސް ބޮންއަޅައި، އެ ގައުމުގެ ދިފާޢީ ވުޒާރާއަށް ހަމަލާދެމުންނެވެ. މި ޙަމަލާގައި މަދުވެގެން ތިން މީހަކު މަރައިލައިފައިވެއެވެ.

ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އިސްރާއީލުގެ އަސްކަރީ ބާރު އެ ސަރަހައްދަށް ގެންދިޔައީ ޑުރޫޒް ދަރިކޮޅުގެ ދިފާއުގައިކަމަށެވެ.

[އަހަރެންގެ އަޚުންކަމުގައިވާ އިސްރާއީލުގެ ޑްރޫޒް ރައްޔިތުންނޭވެ! ސީރިއާގެ ހުޅަނގުދެކުނުގެ ސުވޭދާގެ ހާލަތު ވަރަށް ސީރިއަހެވެ.] އޭނާ މުޚާޠަބުކުރިއެވެ. [އަހަރެމެން މި ގޮތަށް މި އަމަލުކުރަނީ އަހަރެމެންގެ ޑުރޫޒް އަޚުން ސަލާމަތްކޮށް، ވެރިކަމުގެ ގޭންގުތައް ނައްތާލުމަށް ޓަކައެވެ.] ސީރިއާ ސަރުކާރަށް އިޝާރާތް ނިސްބަތްކުރަމުން، ޑުރޫޒް ދަރިކޮޅަށް ޔަގީންކަންދިނެވެ.

އިސްރާއީލުގެ ދަރިކޮޅު:

ސުވެއިދާގައި ތިބި ޑުރޫޒް ދަރިކޮޅުގެ މީހުންނާއި އެ ރަށުގެ ބަދަވީންނާ ދެމެދު މަޒުހަބީ ފިތުނަތައް ޒަމާނުއްސުރެ އުފެދިފައެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ސޫރިއާގައި ވެރިކަން ކުރެއްވި ބައްޝާރުލް އަސަދުގެ ވެރިކަން ޑިސެންބަރު މަހު ވެއްޓުމަށް ފަހު ވެރިކަމާ ހަވާލުވި ސީރިއާ ސަރުކާރުން އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް ކުރި މަސައްކަތްތައް ހަގީގަތުގައި ނާކާމިޔާބުވެފައި ވަނީ ސީރިއާގެ ސަރަހައްދީ ރޮނގު ކައިރީގައި ތިބި ސީރިއާގެ އަސްކަރިއްޔާއަށް އިސްރާއީލުން ތަކުރާރުކޮށް ޖެއްސުންކޮށް އިންޒާރުދިނުމުންނެވެ.

ސީރިއާގައި ޑުރޫޒް ދަރިކޮޅުގެ ގާތްގަނޑަކަށް 700،000 ވަރަކަށް މީހުން އުޅެއެވެ. މި ދަރިކޮޅުގެ 150،000 ވަރަކަށް މީހުން ދިރިއުޅެނީ އިސްރާއީލުގައެވެ. މި މީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ކަމަށް ބައެއް މީހުން ގަބޫލުކުރިޔަސް، މީގެ ތެރެއިން ގިނަ ބަޔަކު އަދި ވެސް ތާއީދުކުރަނީ އިސްރާއީލަށެވެ.

ބަދަވީން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ސޫރިއާއަށް ޙަމަލާދެނީ ދުރޫޒު ދަރިކޮޅުގެ ޙިމާޔަތަށް ޓަކައިކަމަށް ބުނާ ބުނުމަކީ ބަހަނާއެއްކަމަށެވެ.

ހަގީގަތުގައި މިއަދު ސޫރިއާގައި ވެރިކަންކުރަނީ އިސްރާއީލުން ވެރިކަމަށް ގެނައި ބަޔެކެވެ. އެއީ މެދުއިރުމަތީގައި އިސްރާއީލުގެ ވުޖޫދާއި ބާރު ފުޅާކުރުމަށް ޓަކައެވެ. އަދި ސޫރިއާގެ ގޯލާންގެ އުސް ބިންތައް ފޭރިގަތުމެވެ. މިއަދު ސޫރިއާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް އެއްވެސް އާރެއް ބާރެއް ނެތް ގައުމެކެވެ. އެއީ މިނިވަން ގައުމެއްކަމަށް ނަން ކިޔަސް އެއީ އިސްރާއީލާއި އެމެރިކާގެ ގޮނޑިކޮއްކޮއެވެ.

ކޮމެންޓު