އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
18 ޖުލައި 2025
ފަރުޟު ފަސް ނަމާދަކީ އިސްލާމްދީނުގެ ތަބެވެ. އެއީ މި ދީނުގެ ދެވަނަ ރުކުނެވެ. އާޚިރަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ޙިސާބުބެލެވޭ ހިނދު އެންމެ ފުރަތަމަ ޙިސާބުކުރެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. ނަމާދު ރަނގަޅަށް އަދާކޮށްފައިވާ ނަމަ، ރައްކައުތެރިކަމާއި ބާއްޖަވެރިކަން ހުށްޓެވެ.
ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރެއަކާއިދުވާލުގެ ތެރޭގައި ފަސް ނަމާދު އަދާކުރުމަށް ވަނީ އަންގަވައިފައެވެ. މި ނަމާދުތައް އަދާކުރާ އިރު، އޭގައި ޖެހޭ ލައްތަކާއި ކިލާތަކުން އެ ނަމާދު ސާފުކޮށް ޠާހިރުކޮށް ދެއްވުމަށް ޓަކައި، އެ ނަމާދުތަކާ ގުޅުއްވައިފައިވާ ސުންނަތް ނަމާދުތަކެއް ވެއެވެ. މި ނަމާދުތަކަށް ރަވާތިބު ސުންނަތޭ ކިޔެއެވެ.
ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އަދާކުރުން ފަރުޟު ކުރައްވާފައިވާ ވާޖިބެއްކަމުގައި ވިޔަސް މި ވާޖިބު އަދާކުރުމުގައި މާތް ﷲ ވަނީ ލުއި ފަސޭހަތަކެއް ދެއްވައިފައެވެ. މި ގޮތުން ޢުޒުރުވެރިންނަށާއި ދަތުރުވެރީންނަށް ވަނީ ނަމާދުކުރުމުގައި ލުއިފަސޭހަތަކެއް ދެއްވައިފައެވެ. މިސާލަކަށް ރަށުގައި ހުންނަ މީހާއަށް ޢުޒުރަކާ ހެދި (ބަލިމަޑުކަން، ވިއްސާރަވުން، ފިނިގަދަވުން ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ) މެންދުރު ނަމާދާއި ޢަޞްރު ނަމާދު (މެންދުރުނަމާދުގެ ވަގުތުގައި ނުވަތަ ޢަޞްރުނަމާދުގެ ވަގުތުގައި)، އަދި މަޣުރިބުނަމާދާއި ޢިޝާނަމާދު (މަޣުރިބުނަމާދުގެ ވަގުތުގައި ނުވަތަ ޢިޝާނަމާދުގެ ވަގުތުގައި) އެއް ވަގުތެއްގައި ދެ ނަމާދު އެއްކޮށްކުރުމުގެ ހުއްދަ ވަނީ ދެއްވައިފައެވެ. މި ގޮތަށް ނަމާދުކުރުމަށް ނަމާދު ޖަމްޢުކުރުމޭ ކިޔެއެވެ. ކުރީ ނަމާދުގެ ވަގުތުގައި އެ ދެ ނަމާދު ކުރުމަށް އިސްކޮށް ޖަމްޢުކުރުމޭ ކިޔެއެވެ. އަދި ފަހު ނަމާދުގެ ވަގުތުގައި އެ ދެ ނަމާދުކުރުމަށް ފަސްކޮށް ޖަމްޢުކުރުމޭ ކިޔެއެވެ.
ނަމާދު ޖަމްޢުކޮށްކުރާ އިރު، ރަވާތިބު ސުންނަތް ކުރެވޭނެތަ؟
ރަށުގައި ހުންނަ މީހާ (ބަލިމަޑުކަން ނުވަތަ ވިއްސާރަ ފަދަ) ޢުޒުރަކާ ހެދި، ދެ ނަމާދު ޖަމްޢުކުރާ ނަމަ ރަވާތިބު ސުންނަތް ކުރުން ސުންނަތް ވެގެން ވެއެވެ. މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކޮށްކުރާ ނަމަ، ފުރަތަމަ ކުރާނީ މެންދުރުނަމާދުގެ ރަވާތިބު ސުންނަތެވެ. އެއަށް ފަހު، މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކޮށް ކުރާނީއެވެ. އެއަށް ފަހު މެންދުރުނަމާދުގެ ފަހު ސުންނަތް ކުރާނީއެވެ. އެއަށްފަހު ޢަޞްރުނަމާދުގެ ސުންނަތްކުރާނީއެވެ.
މަޣުރިބާއި ޢިޝާ ޖަމްޢުކުރާ ނަމަ، އެ ދެނަމާދު ކުރުމަށް ފަހު މަޣުރިބުގެ ސުންނަތް ކުރާނީއެވެ. އެއަށް ފަހު ޢިޝާގެ ސުންނަތް ކުރާނީއެވެ. އެއަށް ފަހު، ވިތުރި ކުރާނީއެވެ.
މާތްﷲ ރުއްސުންލެއްވި ނަވަވީގެފާނު (ރައުޟަތުއް ޠާލިބީން، ވޮލިޔުމް: 1، ޞަފްޙާ: 402ގައި) ވިދާޅުވެފައި ވެއެވެ. ޢިޝާއާއި މަޣުރިބު ޖަމްޢުކުރާ އިރު ފުރަތަމަ ކުރާނީ ފަރުޟު ދެ ނަމާދެވެ. އެއަށް ފަހު، މަޣުރިބު ނަމާދުގެ ސުންނަތްކުރާނީއެވެ. އެއަށް ފަހު، ޢިޝާނަމާދުގެ ސުންނަތްކުރާނީއެވެ. އެއަށް ފަހު، ވިތުރި ކުރާނީއެވެ. މެންދުރުނަމާދާއި ޢަޞްރުނަމާދަށް ބަލާ އިރު، އެންމެ ފުރަތަމަ ކުރާނީ މެންދުރުނަމާދުގެ އިހު ސުންނަތެވެ. އެއަށް ފަހު، ފަރުޟު ދެ ނަމާދެވެ. އެއަށް ފަހު، މެންދުރު ނަމާދުގެ ފަހު ސުންނަތް ކުރާނީއެވެ. އެއަށް ފަހު، ޢަޞްރު ނަމާދުގެ ސުންނަތްކުރާނީއެވެ.
ޒަކަރިއްޔަލްއަންޞާރީ (އަސްނަލްމަޠާލިބި، ވޮލިޔުމް 1: ޞަފްޙާ: 245ގައި) ވިދާޅުވެފައިވަނީ މެންދުރުނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢު ކުރިޔަސް ނުވަތަ ފަސްކޮށް ޖަމްޢު ކުރިޔަސް ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ އިހު ސުންނަތެވެ. އެއަށްފަހު ފަރުޟު މެންދުރު ނަމާދެވެ. އެއަށްފަހު ފަރުޟު ޢަޞްރު ނަމާދެވެ. އެއަށްފަހު މެންދުރުނަމާދުގެ ފަހު ސުންނަތެވެ. އެއަށްފަހު ޢަޞްރު ނަމާދުގެ ސުންނަތެވެ. މަޣުރިބުނަމާދާއި ޢިޝާނަމާދަށް ބަލާއިރު ފުރަތަމަ ކުރާނީ ފަރުޟު ދެ ނަމާދެވެ. އެއަށްފަހު މަޣުރިބުގެ ފަހު ސުންނަތެވެ. ދެން ޢިޝާގެ ފަހު ސުންނަތެވެ. އެއަށްފަހު ވިތުރިއެވެ.
އިބްނު ޤުދާމާ (އަލްމުޣްނީގެ ވޮލިޔުމް 2 ، ޞަފްޙާ 61- 62 ގައި) ވިދާޅުވެފައި ވެއެވެ. މަޣުރިބު ނަމާދާއި ޢިޝާނަމާދު އިސްކޮށް ޖަމްޢު ކުރާނަމަ ޢިޝާ ނަމާދުގެ ސުންނަތް ކުރުމަށްފަހު ވިތުރި ކުރެވިދާނެއެވެ. ޢިޝާ ނަމާދުގެ ވަގުތު ވަންނަންދެން ވިތުރި ކުރުން މަޑު ކުރާކަށް ނުޖެހޭނެއެވެ. ޢިޝާނަމާދު ކުރުމުން ވިތުރީގެ ވަގުތު ޖެހޭތީއެވެ.
އަލްމަރްދާވީ ވެސް އެކަލޭގެފާނުގެ މަޝްހޫރު ފޮތް (އަލްއިންޞާފު ، ވޮލިޔުމް 2 ، ޞަފްޙާ : 344)ގައި ވިދާޅުވެފައިނީ ވެސް ހަމަ މި ގޮތަށެވެ.
ފަހުގެ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚު ބިން ބާޒާއި އައްޝައިޚު ޢުޘައިމީން ފަދަ ބޭބޭކަލުންވެސް ފަތުވާ ދެއްވާފައި ވަނީ މި ގޮތަށެވެ. އައްޝައިޚު ޢުޘައިމީން [ލިޤާއުލް ބާބިލް މަފްތޫޙި] ޕްރޮގްރާމުގައި (މި ޕްރޮގްރާމަކީ ފަޟީލަތުއްޝައިޚުގެ ގޭގައި ހެދުނު 10.00 ން މެންދުރުނަމާދުގެ ވަގުތު ޖެހެންދެން ބޭއްވެވި ޚާއްޞަ ޕްރޮގްރާމެކެވެ. ރަޙިމަހު ﷲ އަވަހާރަވަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދަވައިފައި ވެއެވެ.) ވިދާޅުވެފައި ވެއެވެ. [ތިބާ މަޣުރިބާއި ޢިޝާ އިސްކޮށް ޖަމްޢު ކުރާނަމަ ތިބާ ފުރަތަމަ ކުރާނީ މަޣުރިބެވެ. ދެން ޢިޝާއެވެ. އެއަށްފަހު މަޣުރިބުނަމާދުގެ ސުންނަތެވެ. ދެން ޢިޝާނަމާދުގެ ސުންނަތެވެ. ދެން ވިތުރިއެވެ. އެހެނީ ޢިޝާ ނަމާދުކުރުމުން ވިތުރީގެ ވަގުތު ވަނީއެވެ.]
ދަތުރުވެރިޔާ ޤަޞްރުކޮށް ޖަމްޢުކޮށް ނަމާދު ކުރާ އިރު، ސުންނަތްކުރުން
ދަތުރުވެރިޔާއަށް ބަލާއިރު ފަރުޟު ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމަކީ އޭނާއަށް މާތް ﷲ ދެއްވައިފައިވާ ރުޚްޞާ (ލުއި ފަސޭހަކަން)އެކެވެ. ހަތަރު ރަކުޢަތް ނަމާދުތައް ޤަޞްރުކުރުމާއި (ދެ ރަކުޢަތަށް ކުރުކޮށް ކުރުމާއި) މެންދުރުނަމާދާއި ޢަޞްރުނަމާދު، އަދި މަޣުރިބުނަމާދާއި ޢިޝާނަމާދު އިސްކޮށްނާއި ފަސްކޮށް ޖަމްޢުކޮށް (އެއްވަގުތެއްގައި) ކުރުމަކީ އޭނާއަށް ދެއްވައިފައިވާ ލުއި ފަސޭހަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކީރިތި ރަސޫލާ eގެ ހަދްޔުގައިވާ ތަން ފެންނަނީ އެކަލޭގެފާނު ދަތުރުފުޅުތައް މަތީގައި ސުންނަތް ނަމާދު ކުރައްވައިފައި ނުވާ ތަނެވެ. ވިތުރިއާއި ފަތިސް ނަމާދުގެ ސުންނަތް ފިޔަވައެވެ. ފަތިސްނަމާދުގެ ސުންނަތާއި ވިތުރިއަކީ އެކަލޭގެފާނު ރަށުގައި ޤާއިމު ހުންނެވި އިރުގައި ވެސް އަދި ދަތުރުފުޅުމަތީގައި ވެސް ނުކޮށް ދޫކޮށް ނުލައްވާ އާދަކޮށް ކުރައްވަމުން ގެންދެވި ސުންނަތް ދެ ނަމާދެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. [ތިމަންކަލޭގެފާނު، ނަބިއްޔާ صلى الله عليه وسلمގެ އަރިހުގައި ދަތުރުފުޅުކުރެއްވީމެވެ. އެކަލޭގެފާނު ދަތުރުފުޅުމަތީގައި ރަވާތިބު ސުންނަތްކުރައްވާ ތަނެއް ދެކެވަޑައެއް ނުގަންނަވަމުއެވެ.] - البخاري (ޙަދީސް ނަންބަރު : 1101)، مسلم (ޙަދީސް ނަންބަރު 689) – މާތް ﷲ ވަނީ އެކަލޭގެފާނަށް ތަބާވުމަށް އަޅުގަނޑުމެންނަށް އަންގަވައިފައެވެ. އަދި އެކަލޭގެފާނު ނަމޫނާއަކަށް ބެލުމަށް ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا - الأحزاب : 21- ހަމަކަށަވަރުން، اللَّهގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّهގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.{
ރަވާތިބު ސުންނަތާ ޚިލާފަށް މުޠުލަޤު ސުންނަތް ނަމާދުތައް (މިސާލަކަށް ދަމުނަމާދު، ޟުޙާނަމާދު ތިލާވަތުގެ ސަޖިދަ، ޝުކުރުގެ ސަޖިދަ، ޙާޖަތުގެނަމާދު ފަދަ ނަމާދުތައް) ދަތުރު މަތީގައި ކުރުމުގައި މައްސަލައެއްނެތެވެ.
މި މަގާލުގައި ބައެއް ލަފުޒު ބޭނުންކޮށްފައިވާ މާނަ:
ރުޚުޞާ ނ. ލުއި ފަސޭހަކަން.
އުޒުރުވެރިޔާ ނ. (1) ކަމެއް ނުވުމަށް ސަބަބެއް މެދުވެރިވީ މީހާ. (2) ސަބަބެއް މެދުވެރިވެގެން ކަމެއް ނުކުރެވޭ މީހާ. (3) ކަމެއް ދިމާވެގެން ކަމެއް ކުރުމަށް ނުކުޅެދިފައިވާ މީހާ.
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.
ޤަޞްރުކުރުން މ. ފިޤްހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ދަތުރުވެރިޔާ ނަމާދު ކުރުކޮށްކުރުން.
ޖަމްޢުކުރުން މ. ފިޤްހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ދަތުރުވެރިޔާ ދެ ނަމާދު، އެއް ނަމާދެއްގެ ވަގުތުގައި އެކީގައި ކުރުން.