ad_banner
މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވުން – ސޫރިއާއަށް ޙަމަލާދިނުން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

17 ޖުލައި 2025

މެދުއިރުމަތި ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ބޭއްވުމަކީ އިސްރާއީލުގެ އެއް މަގުސަދެވެ.

އިސްރާއީލަކީ އެ ދައުލަތް ނޫން ދައުލަތަކީ ހަމަޖެހުމެއް ކުރިއެރުމެއް ލިބޭން ޖެހޭނެ ތަނެއްކަމަށް ގަބޫލުކުރާ ބައެއް ނޫނެވެ. މިހާރު ޣައްޒާގައި ހިންގާ ނަސްލުހޭދަކީ އެ ބިން ހުސްކުރުމަށް ފަހު، އެ މީހުންގެ ޣައިރުޤާނޫނީ ދައުލަތުގެ ބިމަށް އިތުރުކުރާ ބައެއްގެ ގޮތުގައި ހަދާން ހިންގާ ލާއިންސާނީ ޣައިރުގާނޫނީ ޢަމަލެކެވެ. ނޭނގޭކަމަށް ހަދައިގެން ތިއްބަސް ދުނިޔޭގެ ހުރިހައި ގައުމަކަށް ވެސް މި ކަން އެނގެއެވެ. ނަމަވެސް އދ.އޭ ކިޔާ ދުނިޔޭގެ ޖަމުޢިއްޔާގައި އޮންނަ ލާދިމުޤުރާޠީ ނިޒާމެއްގެ ސަބަބުން އެ ކަން ހުއްޓުވޭނެ ބާރެއް ނެތެވެ. ޢަރަބީންނާއި މުސްލިމު ޤައުމުތަކުން އެމެރިކާގެ ދަށުވެފައި ތިބުމުގެ ސަބަބުން މި ކަމާ އިދިކޮޅަށް ފިޔަވަޅެއް އަޅާކަށް ނުކެރެއެވެ. އެހެންކަމުން އިސްރާއީލުން ބޭނުންކޮށްމެ ގައުމަކަށް ހަމަލާދީ ބޭނުންކަމެއް ކުރާންވީއެވެ. އީރާނުގެ ސަރުކާރާއި ޔަމަންގެ ޙޫޘީ ޖަމާޢަތް ފިޔަވައި އިސްރާއީލާ ދެކޮޅަށް އިނގިލިކޮޅު ހަލުވައިލާން ކެރޭ ބަޔެއް ވެސް ނެތެވެ. އަދި ކަމެއް ނުކޮށް މަޑުން ތިބެނީކީއެއް ވެސް ނޫނެވެ. އެމެރިކާއާއި އިސްރާއީލަށް ސިއްރުން އެހީތެރިވެސްވަނީއެވެ. މެދުއިރުމަތީގެ ގައުމަކަށް އެމެރިކާއިން ޙަމަލާދެވެނީ އެ ސަރަހައްދުގެ ގައުމުތަކުގެ އެހީތެރިކަމާ އެކީގައެވެ. މި ދޭތެރެއަކުން އީރާނަށް ޙަމަލާދިނީ ވެސް އެ ސަރަހައްދުގައި އެމެރިކާއިން ގާއިމުކޮށްފައި ހުރި މަރުކަޒުތައް ބޭނުންކޮށްގެންނެވެ.

އެމެރިކާގެ މަދަދާއެކީގައި އިސްރާއީލުން މެދުރިއރުމަތީގައި ހިންގާ ޖަރީމާތަކަށް ޙައްލެއް އައުމުގެ ބަދަލުގައި އެ ޢުދުވާނު ހަމަ ފުޅާކުރަނީއެވެ. އިސްރާއީލުގެ އިގުތިސާދު ހަލާކުވިޔަސް މައްސަލައެއް ނެތްތާއެވެ. އެމެރިކާއިން ފައިސާއާއި ހަތިޔާރުދޭނެއެވެ.

ޞިއްޙީ ދާއިރާގެ މަސްދަރުތަކާ ޙަވާލާދީ އަލްޖަޒީރާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި މަދުވެގެން 93 ފަލަސްތީން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ އެހީގެ އިންތިޒާރުގައި ކިޔޫގައި ތިއްބައި ޝަހީދުކޮށްލި 30 މީހުން ވެސް ހިމެނެއެވެ. އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މި ވަރަކުން އިސްރާއީލުގެ ކަރުހިއްކުމެއް ނުފިލައެވެ. މެދުއިރުމަތީގައި އެއްވެސް ވަރަކަށް ހަމަޖެހުން ގާއިމުވުމަކީ ބުންޔާމީން ނަތަންޔާހޫގެ ވެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެންކަމުން މުޅި މެދުއިރުމަތި އަބަދުވެސް ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ބޭއްވުމަކީ އޭނާގެ މުހިންމު ސިޔާސަތެކެވެ.

އެހެންކަމުން މިހާރު އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ސީރިއާގެ ވެރިރަށް ދިމިޝްޤަށް ވެސް އިއްޔެ ރޭ ބޮމުގެ ވާރޭއެއް ވެއްސައިލައިފިއެވެ. ދިފާޢީ ވުޒާރާއާއި ރިޔާސީ ގަނޑުވަރުގެ ކައިރީ ސަރަހައްދުތަކަށް ދިން ބޮމުގެ އެތައް ޙަމަލާއެއްގައި މަދުވެގެން ތިން މީހަކު މަރުވެ ދިހަ ވަރަކަށް މީހުން ޒަޚަމްވިއެވެ.

ދިމަޝްޤާއި ސުވައިދާއަށް ރޭ ދިން ބޮމުގެ ޙަމަލާތައް ސީރިއާ ސަރުކާރުން ވަނީ ފިނި ގޮތަކަށް [ކުށްވެރިކޮށްފައެވެ.] އެއީ ހަލަބޮލިކަމާއި ހަމަނުޖެހުން އިތުރުކުރާން އިސްރާއީލުން ކުރާ ކަމެއްކަމަށް ވެސް ސޫރިއާގެ ދާޚިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިސްރާއީލުން ރޭ ސޫރިއާއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ހަމަނުޖެހުންތައް ފުޅާވާތީ އެމެރިކާއިން [ވަރަށް ކަންބޮޑުވާ]ކަމަށެވެ.

އެމެރިކާގެ ޚާރިޖީވަޒީރު މާރކޯ ރޫބިއޯ ބުނެފައިވަނީ މި މައްސަލައިގައި މިހާރު މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި މި ކަމާ ވަރަށް [ކަންބޮޑުވާ]ކަމަށް ވެސް އޭނާ ބުންޏެވެ. [މި މައްސަލައާ ގުޅުން ހުރި "މީހުންނާ" ވާހަކަދައްކައިފައި ދެންމެ ހަމަ މި ފޯނު ބޭއްވީ.] އޭނާ ބުންޏެވެ. [އަދި އުންމީދުކުރެވެނީ މި ކަމުގެ އަދާހަމައެއް މިއަދު އަދި ދެވޭނެކަމަށެވެ.]

އިސްރާއީލުން ސޫރިއާއަށް ދިން ވައިގެ ޙަމަލާތައް އދ.ގެ އަމީންޢާންމު އެންތީނިއޯ ގުތަރޭސް ވަނީ [އަނގަބަހުން] ކުށްވެރިކޮށްލައިފައެވެ. ނިމުނީތާއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ސޫރިއާގެ މިހާރުގެ ސަރުކާރަކީ އެމެރިކާއާއި އިސްރާއީލުގެ މަދަދާ އެކު ވެރިކަމަށް ގެނައި ސަރުކާރެކެވެ. މި ސަރުކާރު އައިފަހުން ސޫރިއާގެ ދިފާޢީ އަދި އަސްކަރީ ހުރިހައި ބާރެއް އިސްރާއީލުން ޙަމަލާދީ ވަނީ މުޅީން ނައްތައިލައިފައެވެ. އަދި މިއުމާރިއްޔަތާއި މަގުތައް ވެސް ވަނީ ގަސްތުކޮށްފައެވެ. އެ ހުރިހައި ޙަމަލާއެއް ދީ ޢުދުވާނު ހިންގުމަށް މަގުފަހިކޮށްދިނީ ޚުދު ސަރުކާރުންނެވެ. އޭރު އެ ޙަމާލާތަކާ ގުޅިގެން ސޫރިއާގެ މިހާރުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާކަށް ސޫރިއާއަކުން އަދި ގަސްތެއް ނުކުރާކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023ވަނަ އަހަރު އޮކުޓޫބަރު މަހުން ފެށިގެން ހިންގާ ލާއިންސާނީ ޙަމަލާތަކުގައި މަދުވެގެން 60 ހާހެއް ހައި މީހުން ޝަހީދުވެ ދޮޅުލައްކައެއް ހައި މީހުން ޒަޚަމްވެފައިވާކަން ލިބިފައިވާ ތަފާސްހިސާބުތަކުން ކަށަވަރުވެއެވެ. ނަމަވެސް އިސްރާއީލުން ބުނާ ގޮތުން 2023 އޮކްޓޯބަރު 7ގެ ފަހުން ޙަމާސުން ދިން ހަމަލާތަކުގައި އިސްރާއީލުން މަރުވެފައިވަނީ 1،139 ވަރަކަށް މީހުންނެވެ. ޙަމާސުން ރަހީނުކުރީ 200 ވަރަކަށް މީހުންނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

އަދާހަމަ     ނ.    (1) އެއްޗަކާ ނުވަތަ ކަމަކާބެހޭ އެންމެފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.

ކޮމެންޓު