ad_banner
މިއީ ވެސް ހިނގާ ކަންކަމެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

17 ޖުލައި 2025

މީހަކު ފާހަގަކުރި ކަމެއް

މަދުން ނަމަވެސް ހަމަ ހިނގާ ކަމެކެވެ. އަންހެން ދަރިއެކެވެ. އުމުރަކީ ފަނަރަ ވަރަކަށް އަހަރެވެ. މާބޮޑު ތަނަވަސްކަމެއް ނެތުމުގެ ސަބަބުން، އެ ދަރިފުޅު ކެޔޮޅަކާ ދެވިއެވެ. ކުރީން އެއްވެސް ކައިވެންޏެއް ނުކޮށް ހުރިކަމުގައި ވިޔަސް، ކެޔޮޅުގެ އުމުރަކީ ތިރީހަކަށް އަހަރެވެ.

ދެން ރަށު އެންމެން ކެޔޮޅަށް ބަދުބަސް ބުންޏެވެ. ކެޔޮޅު ކަޅުވެފައި ހުތުރުވިއެވެ. މީހެއްގެ ޅަދަރިއެއްގެ ދިރިއުޅުން ހަލާކޮށްލިކަމަށް ބުނެ އެއްޗެހި ކިޔެވެ. ތިމާގެ އުމުރާ އެއް ވަރު މީހަކާ އިންނަމަ ނޫންހޭ ކިޔައި ނަސޭހަތް ދިނެވެ. އެންމެފަހުން، ކައިވެނި ރޫޅުނެވެ.

ދެންހެއްޔެވެ؟ ކައިވެނި ރޫޅުމުން ވެސް މީހުންގެ ނުރުހުމަކުން ސަލާމަތެއް ނުވެވުނެވެ. ކެޔޮޅާ ދިމާއަށް ނުކިޔާކަ އެއްޗެއް ނެތެވެ. ތިމާގެ ޝަހުވަތުގެ އެދުމުގެ ޝިކާރައަކަށް ޅަ ދަރިއެއް ހަދައިލިކަމަށް އެންމެން ގޮވިއެވެ. އަދި، ކެޔޮޅަކީ ވަހުޝީ ވަލު ޖަނަވާރަކަށް ވެސް ހަދައިލިއެވެ! އަމިއްލަ ބޭނުން ފުއްދައިލުމަށް ފަހު، އެއްލައިލީކަމަށް ގޮވިއެވެ.

ދެން، އެހެން ކައިވެންޏެކެވެ. މި ފަހަރު ވެސް އަންހެން ދަރިއެކެވެ. އުމުރަކީ ވިއްސަކަށް އަހަރެވެ. އޭނަގެ މައިންބަފައިންނާ އަދި ރަށު އެންމެން ވެސް ރުހިގެން ދެވީ ފަންސާސް އަހަރަށް ވުރެ މަތީ އުމުރުގެ މީހަކާއެވެ. އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށްފައި އަދި މިހާރު ވެސް އެހެން އަނބިންނާއި ދަރިން ވެސް އޭނަގެ ތިއްބެވެ. ނަމަވެސް، ފެންނަ ފެނުމުގައި މަހުޖަނެކެވެ. ބޮޑު މުއްސަންޖެކެވެ. އެހެންވެ، ޝާހީ ނޫނަސް، ބޭފުޅެކެވެ. އަދި، އެ ކައިވެނި ބިނާވީ ޚާލިސް ލޯބީގެ މައްޗަށްކަމަށް ވެސް ބުނެ، އިއުލާނުކުރެވުނެވެ. ލައިލާއާއި މަޖުނޫނު ފަދަ ލޯތްބަކަށް ނުވި ނަމަވެސް ހަމަ އެ ކަހަލަ ލޯތްބެކޭ ބުނެވުނެވެ.

އެހެންވީމާ މި ފަހަރު، އުމުރުގެ ތަފާތު މައްސަލައަކަށް ނުވެއެވެ. އަދި އެހެން އަނބިންނާއި ކުދީން ތިބުން ވެސް މައްސަލައަކަށް ނުވެއެވެ. ފައިސާގެ ވަށިގަނޑުގެ ތެރެއިން މޫނާއި ހަށިގަނޑު ފެންނަ އިރު، ވަރަށް ވެސް ރީއްޗެވެ. ހިތަށް ފިނިކަން ގެނުވައެވެ. އަދި، ހަމަ އެންމެންގެ ރުހުން ވެސް ލިބުނެވެ. އަންހެން ދަރީގެ ނަސީބު ރަނގަޅުކަން ފާހަގަކުރިއެވެ. ފިރިހެނާގެ މޮޅުކަމާއި ބޮޑުކަމާއި ކާމިޔާބުކަން ވެސް ފާހަގަކުރިއެވެ. ކޮންމެއަކަސް، ހުރިހައި ދިމާއަކުން ވެސް އޮހެމުން އައީ ތައުރިފުގެ ބަސްތަކެވެ. އުކެމުން ދިޔައީ ސަނާގެ ގުލްދަސްތާތަކެވެ.

އެހެންވިޔަސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް މަހުޖަނުގެ ކަރުހިއްކުން ފިލައިފިއެވެ. އަލާ ކެނޑިއްޖެއެވެ. އަދި، އެހެންވުމުން ނުވެނުދާނޭ ކަން ވެސް ވެއްޖެއެވެ. ކައިވެނި ރޫޅުނީއެވެ.

ދެން، ހެއްޔެވެ؟ އެއީ މައްސަލައެއް އޮތް ކަމެއްނޫންކަމަށް އެންމެން ވެސް ދުށްޓެވެ. ގުޅުނީ ވެސް އަދި ވަކިވީ ވެސް ހަމަ ރުހި ގަބޫލުކުރެވިގެންކަން ފާހަގަކުރެވުނެވެ. ހުރިހައި ހާލަތެއްގައި ވެސް ދެ މީހުންނަށް ވެސް ބާއްޖަވެރިކަމަށް އެދި ދުއާކުރެވުނެވެ.

އިތުރަށް އެއްޗެއް ބުނެވިދާނެހެއްޔެވެ؟ ކޮންމެއަކަސް ފާހަގަކުރެވެނީ، މަތީގައި ބުނެވިފައިވާ ދެ ކައިވެންޏަކީ ވެސް ހަމަ އެއް ކަހަލަ ދެ ކައިވެންޏެވެ. އުމުރުގެ ތަފާތަކާ އެކު ކުރެވުނު ދެ ކައިވެންޏެވެ. ދެން، ސުއާލަކީ އެއް ކައިވެނީގައި ހިމެނޭ ފިރިހެނާއަށް ބަދުބަސް ބުނެފައި އަނެއް ކައިވެނީގައި ހިމެނޭ މީހާއަށް ތައުރީފުކުރެވެނީ ކީއްވެހެއްޔެވެ؟ އާދޭހެވެ! އެކަކު ކަސްކަލަކަށް ވެފައި އަނެކަކު ރަސްކަލަކަށްވީމާ ނޫންބާވައޭ ހިތަށްއަރައެވެ!

މިހިސާބުން އަރަބި ޅެންބައިތެއްގެ މަތީން ހަނދާން ވެއްޖެއެވެ. އެ ބައިތު ލިޔެލާނަމެވެ. މަތީގައި ކުރެވިފައިވާ ސުއާލުގެ ޖަވާބު އެ ޅެން ބައިތުން ލިބޭހެން ހީވެއެވެ!

رأيت الناس قد مالوا إلى من عنده مال

ومن لا عنده مال فعنه الناس قد مالوا

(ފައިސާ ހުންނަ ކޮޅަކަށް މީސްތަކުން ލެނބޭ ތަން އަހަރެން ދުށީމެވެ.

ނަމަވެސް، ފައިސާ ފޮއްޗެއް ނެތް މީހާ ދޫކޮށްލައިފައި (އޭނައާ ފެއަށް) އެންމެން ވެސް ދެއެވެ.)

رأيت الناس قد ذهبوا إلى من عنده ذهب

ومن لا عنده ذهب فعنه الناس قد ذهبوا

(ރަން ހުންނަ ކޮޅަކަށް އެންމެން ވެސް ދާ ތަން އަހަރެން ދުށީމެވެ.

ނަމަވެސް، ރަންކޮޅެއް ނެތް މީހާ ދޫކޮށްލައިފައި، (އޭނައާ ފެއަށް) އެންމެން ވެސް ދެއެވެ.)

ކޮމެންޓު