ad_banner
އިސްލާމީ އުންމަތަކީ، އަޅުކަމާއި، ޢިލްމާއި، ޙަޟާރަތުގެ އުންމަތެކެވެ.

އައްޝައިޚު އަޙުމަދު ފަހުމީ ދީދީ

16 ޖުލައި 2025

އިސްލާމީ އުންމަތަކީ، އަޅުކަމާއި، ޢިލްމާއި، ޙަޟާރަތުގެ އުންމަތެކެވެ.

ފެށުން

އަޅުތަކުން މާތް ފިޔަވައި، އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި، ޢިލްމު އުނގެނުމަށް އަމުރުކުރެއްވި سُبْحَانَهُ وَتَعَالَيއަށް ޙަމްދާއި، ތަޢުރީފާއި، ޘަނާ ދަންނަވަމެވެ. އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا[1] މާނައީ: [އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.] ޢިލްމު އުނގެނުމަށް އަމުރުކުރައްވައި އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾‏[2] މާނައީ: [ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެ ކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ.] ޢިލްމުގެ މަތިވެރިކަމާއި، ޢިލްމު އުނގެނުމަށް މި އުންމަތަށް އިރުޝާދުދެއްވި މާތް ސާހިބާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (فَضْلُ الْعَالِـمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ". ثُـمَّ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ اللهَ وَمَلَائِكَتَهُ وَأَهْلُ السَّمٰوَاتِ وَالْأَرَضِيْنَ حَتَّى النَّمْلَةُ فِي جُحْرِهَا وَحَتَّى الْـحُوتُ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْـخَيْرَ)[3] މާނައީ: [ޢިލްމުވެރިޔާގެ މާތްކަން، ތިޔަބައިމީހުން ކުރެ އެންމެ ދަށް މީހާގެ މައްޗަށް ތިމަންކަލޭގެފާނުގެ މާތްކަމާ އެއްފަދައެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތަޢާލާ އާއި އެ ކަލާނގެ މަލާއިކަތުން، ހެޔޮކަންތައް އުގަންނައިދޭ މީހާއަށް ޓަކައި ދުޢާކުރައްވަތެވެ. އަދި އުޑުތަކާއި ބިންތަކުގެ އަހުލުވެރީންނާއި، ހޮރުހޮރުގައި އުޅޭ ހިންޏާއި، މަސްމަހަށް ދާނދެން މީސްތަކުންނަށް ހެޔޮކަންތައް އުގަންނައިދޭ މީހާއަށް ޓަކައި ދުޢާކުރެތެވެ.]

ޙަޟާރަތަކީ ކޮބާ؟

ޙަޟާރަތަކީ، މުޖުތަމަޢެއްގައި ހުރި ޢިލްމީ ކުރިއެރުންތަކާއި، އަދަބާއި، ފަންނާއި، އިޖުތިމާޢީ ގުޅުންތަކާއި، ދޭދޭ ފަރުދުންގެ މެދުގައި މުޢާމަލާތުކުރާ އަޚުލާޤީ ރިވެތި ސިފަތަކަށް ކިޔާ ނަމެކެވެ. ޙަޟާރަތެއް ބިނާވަނީ، ޢިލްމާއި މަޢުރިފާގެ މައްޗަށެވެ. ގިނަ ދުވަހު އެއް ތަނެއްގައި ބަޔަކުމީހުން ދިރިއުޅުމުގެ ސަބަބުން ޖެހޭ ބޭނުންތައް ފުއްދުމަށް ޓަކައި ހޯދާ ހޯދުންތަކާއި، ކުރާ އީޖާދުތަކާއި، ކުރެވޭ ތަޖުރިބާގެ އަލީގައެވެ. 

އިސްލާމީ ޙަޟާރަތުގެ އަސާސު

އިސްލާމީ ޙަޟާރަތުގެ އަސާސަކީ ޢިލްމެވެ. އެހެނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުއްނަތުގައި، އިލްމު އުގެނުމަށް ވަރަށް ބޮޑަށް ބާރުއަޅައިފައި ވެއެވެ. އެހެން އެއްވެސް ދީނެއްގައި، އިސްލާމް ދީނުގައި ބާރުއަޅައިފައިވާ މިންވަރަށް ޢިލްމު އުނގެނުމަށް  ބާރުއަޅައިފައެއް ނުވެއެވެ. ޙަޟާރީ ގޮތުން އިސްލާމީ އުންމަތް ދުނިޔޭގެ ޙަޟާރާތައް ފަސްދީ ކުރިއަރައި ދިޔަ ސަބަބަކީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި، ޢިލްމު އުނގެނުމަށް ބާރުއަޅަފައި ވުމެވެ. އޭގެ ސަބަބުން މި އުންމަތުގެ އިހުގެ ޖީލުތައް ޢިލްމު އުނގެނުމަށް ލޯބިކުރުމެވެ. ޢިލްމީ ތަޖުރިބާތައްކޮށް، އައު ހޯދުންތައް ހޯދުމުގައި އަވަދިނެތި އުޅުމެވެ. ޖެހޭ ބޭނުންތައް ފުއްދުމަށް ޓަކައި އައު ގޮތްތައް އީޖާދުކޮށް އުޅުމެވެ. 

އިސްލާމީ ޙަޟާރަތަކީ ދީނީ ޙަޟާރަތެކެވެ.

އިސްލާމީ ޙަޟާރަތަކީ، ދީނީ ޙަޟާރަތެކެވެ. އޭގެ އަޞްލުތައް ނެގެނީ ކީރިތި ޤުރްއާނާއި، މާތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުންނެވެ. އެ ޙަޟާރަތު ބިނާވެފައި ވަނީ، اللهُ ތަޢާލާއަށް އަޅުކަން ޚާލިޞްކުރުމާއި، ދުންޔަވީ އަދި އުޚުރަވީ ޙަޔާތަށް اللهُގެ އަޅާ ތައްޔާރުކޮށް، ފައްކާކުރުމުގެ އަސާސްތަކުގެ މައްޗަށެވެ. ފަހުގެ ދާޢީއެއް ކަމުގައިވާ އައްޝައިޚު އައްޞާދިޤުލްޢުޘްމާނީ ވިދާޅުވެފައިވާ ގޮތުގައި، މި އަސާސުތައް ބިނާވެގެންވަނީ 10 ވަރަކަށް ނުކުތާގެ މައްޗަށެވެ. އެއީ:-

·    އަޅުކަންކުރުމުގައި اللهُ ތަޢާލާއާ އެހެން ފަރާތްތައް ބައިވެރިކުރުމުގެ ބަދަލުގައި، اللهُ ތަޢާލާގެ އެއްކައުވަންތަކަށް ޤަބޫލުކުރުން

·    ތަޢައްޞުބުން ފުރިގެންވާ ޤަބީލާ ނިޒާމުގެ ބަދަލުގައި، ތަޢައްޞުބެއް ނެތް އިސްލާމީ ދައުލަތެއް ޤާއިމުކުރުން

·    ބައިބައިވެ، ވަކިވަކިވެގަތުމުގެ ބަދަލުގައި، މުސްލިމުން އެއްބައިވަންބަޔަކަށް ވުން

·    ޢުރުފަށް ޢަމަލުކުރުމުގެ ބަދަލުގައި، އިލާހީ ޝަރީޢަތް އިޚުތިޔާރުކުރުން

·    ތަޤްލީދުކުރުމުގެ ބަދަލުގައި، މަޝްވަރާއަށް ތަންދޭ މުއައްސަސާތައް ޤާއިމުކުރުން

·    ޢާއިލީ ވެރިކަމުގެ ބަދަލުގައި، އުންމަތެއްގެ ވެރިކަން ޤާއިމުކުރުން

·    ފަސާދަކުރުމާއި ފަނާކުރުމުގެ ބަދަލުގައި، އިޞްލާޙުކުރުމާއި ބިނާކުރުމާއި ތަޢުމީރުކުރުން އިސްކުރުން

·    ގޮތެއް ފޮތެއްނެތް، ޚުރާފާތާއި ކުށް ހީކުރުންތަކާއި، ހަވާނަފުސަށް ތަބަޢަވުމުގެ ބަދަލުގައި، ފުރިހަމަ މަންހަޖެއްގެ މަތީގައި ތިބެގެން ކަންކަންކުރުން 

·    ޖާހިލުކަމުގެ ބަދަލުގައި ތަންދޮރުދަތުމާއި ޢިލްމު އުނގެނުމަށް އިސްކަންދިނުން

އެހެންކަމުން މި ދެންނެވި އުޞޫލުތަކާއި، އަގުތަކުގެ (ގިޔަމުތަކުގެ) ވެށްޓެއްގައި އުފެދި ބޮޑުވާ މުސްލިމު ރައްޔިތަކީ، ފުރިހަމަ ޢަޤިދާޢެއްގެ ވެރި، ޢިލްމުވެރި، ޙިލްމުވެރި، ޚުލްޤު ހެޔޮ ރައްޔިތަކަށް ވާނެއެވެ. ބަވަނަވަމުން އަންނަ ދުނިޔޭގައި، ނުރައްކާތެރި އޮއިވަރުތަކުގައި ނުޖެހި، ނުގުޑާ ފަދަ އިސްލާމީ ޢަޤީދާގައި ޤާއިމުވެ ތިބެ، އެހެން މީހުންނާ އެކު، އަމާންކަމާއި ޞުލްޙަވެރިކަމާ އެކީ ދިރިއުޅޭން ދަންނަ ބަޔަކަށް ވާނެއެވެ. އެ ފަދަ ރައްޔިތަކީ ސައިންސާއި ފަންނިއްޔާތު، އިޤްތިޞާދާއި ޞިއްޙަތު، އުފެއްދުންތެރިކަމާއި، އެކިއެކި ފަންނުގައި އެހެން މީހުންނާ ފައިހަމަކުރާ ރައްޔިތަކަށް ވާނެއެވެ. 

އިސްލާމްދީން ދެދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވައިލައެވެ.    

އިސްލާމް ދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެވެ. އެހެންވެ އެ ދީނަށް ތަބަޢަވާ އުންމަތް ބިނާކުރާން ޖެހޭނީ، މި ދެ އަސާސަށް ރިޢާޔަތްކޮށްގެންނެވެ. ކީރިތި ޤުރްއާނުގައި އަޅުކަންކުރުމާ ގުޅުން ހުރި 110 ވަރަކަށް އާޔަތް ހުރި އިރު، ޢިލްމުގެ ވާހަކަ ބަޔާންވެގެންވާ އާޔަތައް 779އަށް ވުރެ ގިނައެވެ. މި ކަމުން ހާމަވަނީ، އިސްލާމް ދީނަކީ، އަޅުކަމާއި ޢިލްމާއި ޙަޟާރަތުގެ ދީންކަމެކެވެ. އިސްލާމް ދީނުގައި ޙައްޤު ގޮތް ދެނެގަތުމަށް ޓަކައި،  ތަޢާލާ އިންސާނާއަށް ދެއްވި ޙިއްސުތަކުގެ ބޭނުންކޮށް، ވިސްނައި ފިކުރުކޮށް، ތަރަޢްޤީނުވާ މީހުންގެ މިސާލަކީ، ޖަނަވާރުގެ މިސާލެވެ. އަދި އެ ފަދަ މީހުންނަކީ އެއަށް ވުރެ ވެސް ދަށު ދަރަޖައިގެ ބަޔެކެވެ. ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيراً مِّنَ الْجِنِّ وَالإِنسِ لَهُمْ قُلُوبٌ لّا يَفْقَهُونَ بِهَا، وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا، وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا، أُوْلَـئِكَ كَالْأَنْعَامِ؛ بَلْ هُمْ أَضَلُّ، أُوْلَـئِكَ هُمُ الْغَافِلُونَ[4] މާނައީ: "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަ ބަޔަކު ނަރަކަޔަށް ޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ غافلވެގެންވާ ބަޔެކެވެ."

އިސްލާމީ ޙަޟާރަތް އެހެނިހެން ޙަޟާރަތްތައް ފަސްދީ ކުރިއެރިއެވެ.

އިސްލާމް ދީނުގައި، ޢިލްމަށް ދީފައިވާ މުހިންމުކަމުގެ ބޮޑުކަމުން، އެ ދީން ބިނާކުރި ޙަޟާރަތަކީ، ދުނިޔޭގެ އެހެނިހެން ޙަޟާރަތްތަކަށް ގޮންޖަހައި، އެ ޙަޟާރަތްތައް ފަސްދީ ކުރިއަރައިފައިވާ ޙަޟާރަތެކެވެ. ފަރަންސޭސި މުފައްކިރެއް ކަމުގައިވާ މޮރީސް ބުކާއީ (Maurice Bucaille) ވިދާޅުވާ ގޮތުގައި، އިސްލާމީ ޙަޟާރަތަކީ ވަރަށް ޚާލިޞް ޙަޟާރަތެކެވެ. އެއީ އެހެނިހެން ޙަޟާރަތްތަކުން އެތިކޮޅުކޮޅު ނަގައިގެން ވިޔެފައިވާ ޙަޟާރަތެއް ނޫނެވެ. އެހެނީ އެ ޙަޟާރަތް ފެށިފައި ވަނީ، ޢިލްމު އުގެނުމަށް ކުރެއްވި އަމުރުފުޅުންކަމުގައި ވާތީއެވެ.

އިސްލާމީ ޙަޟާރަތުގެ ބައެއް އުސްއަލިތައް

ހ. އެއީ ދީނީ ޙަޟާރަތަކަށް ވުން: އިސްލާމީ ޙަޟާރަތު ބިނާވެގެންވަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށެވެ. މީސްތަކުންނަށް އެބައިމީހުން ހެއްދެވި ޚާލިޤުވަންތަ މަޢުރިފާކޮށް އަންގައިދިނުމުގެ މައްޗަށެވެ. ޙަޔާތުގައި ކުރިމަތިވާ މައްސަލަތަކަށް ދުންޔަވީ އަދި އުޚުރަވީ ޙައްލެއް ލިބޭނީ އޭރުންނެވެ. މުޖުތަމަޢުގެ މަޞްލަޙަތު އޮތީ އެ ޝަރީޢަތުގައެވެ.

ށ- ފުރިހަމަ ޢަދުލުވެރިކަން: ޢަދުލުވެރިކަމަކީ ޙަޟާރީ ކުރިއެރުމުގައި މުހިންމު ބަހާއެކެވެ. ޢަދުލުވެރިކަން، ކިޔަމަންގަތުމާއި ކުލުނާއި ލޯތްބަށް މަގުއަލިކޮށްދެއެވެ. އެހެންކަމުން ތަފާތުކުރުމެއް ނެތި، މުޖުތަމަޢުގެ އެންމެހައި އަފުރާދުންގެ މެދުގައި، މުއްސަނދިންނާއި، ފަޤީރުންނާއި، ވެރީންނާއި، ރައްޔިތުންނާއި އަދި މުސްލިމު މުޖުތަމައެއްގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންގެ މެދުގައި ވެސް ޢަދުލުވެރިކަން އޮންނާން ޖެހޭނެއެވެ. އޭގެ ސަބަބުން ޤައުމު ފާގަތިވެ، ކުރިއެރުމަށް ފަހިކަން އަންނާނެއެވެ.

ނ. އިންސާނީ އުޚުއްވަތްތެރިކަން: އިސްލާމް ދީން އައީ، މީސްތަކުންގެ މެދުގައި އޮތް ނަސްލީ އިމްތިޔާޒުތައް ނައްތައިލައި، ޢާލަމީ އަޚުވަންތަކަމާއި، އިސްލާމީ އަޚުވަންތަކަށް ޤާއިމުކޮށްދިނުމަށެވެ. އިންސާނެއްގެ ޙައިސިއްޔަތުން އާދަމުގެދަރީންނާ މެދު މުޢާމަލާތު ކުރާންޖެހޭ އެންމެ ހެޔޮ ގޮތްތައް ބުނެދެނީ އިސްލާމް ދީނުގައެވެ. އަދި މުސްލިމުންގެ މެދުގައި ވެސް ހަމުގެ ކުލަޔަށް، ނިސްބަތްވާ ޤައުމަށް، ވާހަކަދައްކާ ބަހަށް، މުއްސަނދިކަމާއި ފަޤީރުކަމަށް ބެލުމެއް ނެތި، އެންމެންނާ މެދު އެއްއުޞޫލަކުން މުޢާމަލާތުކުރާ ދީނަކީ އިސްލާމް ދީނެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، ކީރިތި ރަސޫލާ މިކަންކަމަށް އަލިއަޅުވައިލައްވައިފައި ވެއެވެ.

ރ. މަޝްވަރާ: މުސްލިމުންނަކީ، އެ މީހުންގެ ދުންޔަވީ ހުރިހައި ކަންކަން މަޝްވަރާގެ އުޞޫލުން ނިންމާ ބައެކެވެ. ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރަތްކުރައްވައި ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. ﴿وَأَمْرُهُمْ شُورَىٰ بَيْنَهُمْ[5] މާނައީ: "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައި ވަނީ مشورة ގެ މަތިންނެވެ." ވެރިކަމުގެ ނިޒާމުގައި ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ތިބުމަކީ ވެރިކަން ހިންގުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ރީތި މިސާލެކެވެ. ހަމަ އެހެންމެ ތިމާ ނުދަންނަ ކަންކަން ދަންނަ މީހުން ކުރެން އަހައި އޮޅުންފިލުވުމަށް، ކީރިތި ޤުރްއާނުގައި އަންގަވައި އަމުކުރައްވައިފައި ވެއެވެ. ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. ﴿فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾‏[6] މާނައީ: "ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ!"

ހަމަހަމަކަން: އިސްލާމް ދީނުގައި ވަރަށް އިންސާފުވެރި ހަމަހަމަކެއް އޮވެއެވެ. ޙައްޤުތަކާއި ވާޖިބުތަކުގައި އިންސާފުވެރި ހަމަހަމަކަމެއް އޮވެއެވެ. އެއީ އިސްލާމް ދީނުގެ އަސާސީ ޝިޢާރެކެވެ. އެ ކަމުގައި އެއްވެސް ޙާލެއްގައި ތަފާތުކުރުމެއް ނެތެވެ. ޝަރުޢީ މަޖިލީހުގައި، ދެ ޚަޞްމުންގެ މެދުގައި، ޤާޟީއަށް ތަފާތެއް ނުކުރެއްވޭނެއެވެ. އެކަކީ ޢާންމު ރައްޔިތަކަށް ވެފައި، އަނެކަކީ މަތީފަންތީގެ ވިޔަފާރިވެރިއަކަށް ވިޔަސް، ނުވަތަ އަބުރުވެރި ޢިއްޒަތްތެރިއަކަށް ވިޔަސް، އެ ދެ މީހުންގެ މެދުގައި ތަފާތުކުރުމެއް ނެތެވެ.

ބ. ސާބިތުކަން: އިސްލާމީ ޝަރީޢަތަކީ ދޯދިޔާކަމެއް ނެތް، ސާބިތު ހަރުދަނާ ޝަރީޢަތެކެވެ. އިންސާނުން އުފައްދާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ހަމަތަކަކީ، ހަނި އަދި ބަދަލުއައުން އަވަސް އެއްޗެކެވެ. އެއީ އިންސާނާގެ ޢިލްމުގެ މަދުކަމާއި ދުރުވިސްނޭ މިންވަރު ކުޑަކަމާއި، ނުފޫޛުތަކަށް ދީލައިލުން ބޮޑުކަމުންނެވެ. އެއާ ޚިލާފަށް، ތަޢާލާއަށް މިފަދަ އެއްވެސް އުނިކަމެއް ނިސްބަތްވެގެންނެއް ނުވެއެވެ. އަދި އަޅުތަކުންގެ މަޞްލަޙަތު ހުރި ގޮތް، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ތަޢާލާ އެވެ.

ޅ. ޢާންމު މަޞްލަހަތާއި ޚާއްޞަ މަޞްލަޙަތަށް ރިޢާޔަތްކުރުން: އިސްލާމް ދީނުގައި މަޞްލަޙަތުގެ މި ދެބަޔަށް އިންސާފުކުރެއެވެ. ފަރުދުންގެ މަޞްލަޙަތަށް ވެސް އަދި ޖަމާޢަތުގެ މަޞްލަޙަތަށް ވެސް މެ އެވެ. ނަމަވެސް އިސްލާމް ދީނުގައި އިސްކަން ދެނީ ޢާންމު މަޞްލަޙަތަށެވެ. އެ ކަމަކު އެއީ އެއިން އެއްވެސް ފަރާތަކަށް ބޭއިންސާފުވެ އަނިޔާވެރި ނުވާ ގޮތަށެވެ.

ކ. އޯގާވެރިކަން: އިސްލާމް ދީނަކީ ރަޙްމަތުގެ ދީނެވެ. ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ލުއިފަސޭހަކަމާއި އޯގާވެރިކަމާއި ރަޙްމަތުގެ މައްޗަށެވެ.

އ. އަމާންކަން: ސަލާމަތާއި އަމާންކަމަކީ، އިސްލާމް ދީނުގެ އަސާސީ ސިފައެވެ. އިސްލާމް މި ލަފުޒުގެ މާނައަކީ ވެސް ސަލާމަތާއި ކިޔަމަންގަތުމާއި އަމާންކަމެވެ. ކީރިތި ރަސޫލާ ގެ ޙަދީޘުން ސާބިތުވާ ގޮތުގައި، މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.

ޙަޟާރީ ގޮތުން އިސްލާމީ އުންމަތް ކުރިއެރުން ހޯދި ބައެއް ދާއިރާތައް 

ޙަޟާރީގޮތުން އިސްލާމި އުންމަތް، އެންމެ ބޮޑަށް ކުރިއެރިކަމަށް ފާހަގަކުރެވޭ އެއްދާއިރާއަކީ، ބޭސްވެރިކަމުގެ ދާއިރާއެވެ. އެ ދާއިރާއިން މުސްލިމް ޢިލްމުވެރިން ގިނަގުނަ ހޯދުންތައް ހޯދައި، ދުނިޔެއަށް އައު އީޖާދުތަކެއް ގެނެސްދިނެވެ. އޭގެތެރޭގައި އިބުނު ސީނާގެ القَانُونُ فِي الطِّبِّ ހިމެނެއެވެ. އެ ފޮތުގައި، ގުނަވަންތަކުގެ މަސައްކަތާއި، ޞިއްޙަތާބެހޭ ޢިލްމާއި، ބަލިތަކާބެހޭ ޢިލްމު ހިމެނެއެވެ. އަދި އިބުނުއްނަފީސް ލިޔުއްވި كِتَابُ الشَّامِلِ فِي الطِّبِّ ގައި، އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ގޮތާއި ފުއްޕާމޭގައި ލޭ ސާފުކޮށްދޭ ނިޒާމުގެ ވާހަކަ ބަޔާންކުރެއްވިއެވެ.

ކެމިސްޓުރީގެ ދާއިރާގައި ޖާބިރު ބުނު ޙައްޔާނު، ގިނަގުނަ ހޯދުންތަކެއް ހޯއްދެވިއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

عَمَلُ التَّصْعِيْدُ- sublimation ބޭހުގެ އަރަގު ނެގުން: މި ޢަމަލުގެ ސަބަބުން، ބޭހުގެ އެންމެ ފައިދާހުރި ބައި ޙާޞިލު ކުރެވެއެވެ. އަދި ބޭހުގެ ފައިދާ އިތުރުވެ، ގިނަ ދުވަހު ރައްކާތެރިކަމާއެކު ގެންގުޅެވެއެވެ

عَمَلُ التَّبَلَّوْرُ- crystallization ކުރިސްޓަލް ތައްޔާރުކުރުން: މި ޢަމަލުގެ ސަބަބުން ދިޔާ ބޭސް ހަރު ބޭހަށް ހަދައި، ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓެއެވެ.

عَمَلُ التَّرْشِيْحُ- filtration ފިލްޓަރުކުރުން: އޭނާ ފިލްޓަރުކުރުން އީޖާދު ކުރެއްވިއެވެ. އެކަމާ ބެހޭ ސާމާނު އުފެއްދެވިއެވެ.

ތިން ވައްތަރެއްގެ މިނަރަލް ސޯލްޓު ނުވަތަ މަޢުދަނީ ލޮނު، (أَمْلاَحُ مَعْدَنِيَّة-  mineral salts) ހޯއްދަވައިފައި ވެއެވެ. އޭނާގެ އެންމެ އަގުހުރި އީޖާދަކީ އެސިޑެވެ. އޭނާ އެތައް ވައްތަރެއްގެ އެސިޑު ތައްޔާރުކުރެއްވިއެވެ. އެސިޑު ތައްޔާރުކުރެއްވުމަށް ކައްސަންދުވާންޏާއި، ހީރާކްސީސްއާއި މޫސަދަރު އެކަށީގެންވާ މިންވަރުތަކެއްގައި ބޭނުންކުރެއްވިއެވެ. އެސިޑު ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް، އެއްފަހަރަކު އޭނާގެ އިނގިލިފުޅު ވެސް ފިހުނެވެ. ޖާބިރު ތައްޔާރުކުރެއްވި އެސިޑަކުން ރަން ވެސް ވިރުވައިލެވެއެވެ.

އިޖުތިމާޢީ ޢިލްމަށް ބަލާއިރު، ޢަބްދުއްރަޙްމާނު ބުނު ޚައްލަދޫން ލިޔުއްވި ފޮތް "ކިތާބުލް ޢިބަރި ވަދީވާނިލް މުބްތަދައި ވަލްޚަބަރި ފީ އައްޔާމިލްޢަރަބި ވަލްޢަޖަމި ވަލްބަރްބަރި" މި ފޮތުގައި، ފަލަކީ ޢިލްމާއި، ޖޯގުރަފީ ޢިލްމާއި، އިޤްތިޞާދީ ޢިލްމުގެ ބިންގައު އަޅުއްވައިފައި ވެއެވެ. އަލްބައްތާނީ އަކީ، ތަރިތަކާ ބެހޭ ޢިލްމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢިލްމުވެރިއެކެވެ. މުސްލިމް ޢިލްމުވެރިން ޢިމާރާތްކުރުމުގެ ފަންނުގައި ވެސް ނުހަނު ބޮޑަށް ކުރިއެރިއެވެ. ބޮޑެތި މިސްކިތްތަކާއި، ކިއްލާތަކާއި، ބޮޑެތި ރަށްތައް ޑިޒައިންކޮށް ބިނާކުރިއެވެ. ފަހުގެ ޢިލްމީ ހޯދުންތަކަށް ބަލާއިރު ޢައްބާސްބުނު ފިރްނާސް އަކީ، ޖައްވުގައި އުދުހުމުގެ ވިސްނުން ގެންގުޅުއްވި އަދި އެ ދާއިރާގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ޢިލްމުވެރިޔާ ކަމުގައި ބެލެވެއެވެ.

އަލްޚުވާރިޒަމީ އަކީ، ހިސާބު ޢިލްމުގައި އަރައިހުންނެވި ބޭފުޅަކެވެ. ހިސާބު ޢިލްމާ ބެހޭ ގޮތުން ފޮތެއް ލިޔުއްވުމަށް، ޚަލީފާ، އޭނާގެ އަރިހުން އެދިވަޑައިގަތެވެ. ވަރަށް ބުރަ މަސައްކަތްޕުޅާއި ތަޙްޤީޤަށްފަހު، ދެ ފޮތެއް އެކުލަވައިލެއްވިއެވެ. އޭގެ ތެރެއިން އެއްފޮތަކީ، عِلْمُ الْحِسَاب އެވެ. މިއީ ޖިއޮމެޓްރީ ފޮތެކެވެ. މި ފޮތުގައި ހިސާބުގެ އައު އެތައް ނުގުތާތަކަކާއި އުޞޫލުތަކެއް ބަޔާންކުރައްވައިފައި ވެއެވެ. ޚަލީފާ މި ފޮތާ ވަރަށް ބޮޑަށް ހިތްޕުޅާހަމަކުރައްވައި، އަގުހުރި އިނާމު ދެއްވިއެވެ. އަލްޚުވާރިޒަމީ ލިޔުއްވި ދެވަނަ ފޮތަކީ، اَلْجَبَرُ وَالْمُقَابَلَة އެވެ. މި ފޮތަކީ، ހިސާބު ޢިލްމުގެ މި ދާއިރާގައި މިސާލެއް ނުވާފަދަ ފޮތެކެވެ. އަދި މި ފޮތް ބެލެވިފައިވަނީ، އަލްޖަބްރާގެ އަސާސީ ފޮތް ކަމުގައެވެ. އަލްޖަބްރާގެ މޫޖިދަކީ އަލްޚުވާރިޒަމީ އެވެ.

މުސްލިމުންގެ ރަންޒަމާނުގައި، ފޮތް އެކުލަވައިލުމާއި، ތަރުޖަމާކުރުމަށް ބަރަށް ބޮޑު އިސްކަމެއް ދެވުނެވެ. އެކިއެކި ޢިލްމުގައި ޢިލްމުވެރިން ގިނަގުނަ ހޯދުންތައް ހޯދައި އައު އެތައް އީޖާދެއް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި އިންސައިކުލޯޕީޑިޔާތައް އެކުލަވައިލެވުނެވެ. އިސްލާމް ދީނަކީ، ހަމައެކަނި އަޅުކަމުގެ ދީނެއް ނޫނެވެ. އެއާ ޚިލާފަށް އެ ދީނަކީ އާޚިރަތަށް އިސްކަންދިނުމާއެކު، ދުނިޔެ ވެސް ހޯދުމަށް ގޮވައިލާ ދީނެވެ. ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ[7]  މާނައީ: "އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

 

މަރުޖާ



[1] - الإسراء:23

[2] - العلق: 01

[3] - صحيح الترمذي

[4] - الأعراف:179

[5] - الشوري: 38

[6] - النحل: 43

[7] - القصص:77

ކޮމެންޓު