ad_banner
އީރާނުގެ އިސްވެރީން އެއް ފަހަރާ ޝަހީދުކޮށްލާން އިސްރާއީލުން ދިން ޙަމަލާއިން ރައީސް ވެސް ޒަޚަމުވެވަޑައިގަތް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 ޖުލައި 2025

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތަޤުރީރުދެއްވަނީ (ފޮޓޯ: އަލްޖަޒީރާ)

މީގެ ކުރީން ވެސް އަޅުގަނޑުމެން ތަކުރާރުކޮށް ބަޔާންކުރަމުން އައި ގޮތުގައި އިސްރާއީލުން އީރާނަށް ޙަމަލާދިނީ އީރާނުން ނިޔުކުލިއަރު ހަތިޔާރު އުފައްދާތީއެއް ނޫނެވެ. ނިޔުކުލިއަރުގެ ވާހަކައަކީ އެއީ މީގެ ކުރީން ޢިރާގަށް އަރައިގަންނާން އެމެރިކާއިން ދެއްކި ފަދަ ބަހަނާއެކެވެ. މެދުއިރުމަތީގައި އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި އޮތް ހަމައެކަނި ދައުލަތަކީ އީރާނުކަމަށްވާތީ، އެމެރިކާއާއި އިސްރާއީލުން ބޭނުންވަނީ އީރާނުގެ ސަރުކާރާއި އަދި އެ ގައުމުގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެ ގައުމުގައި ވެސް، މިހާރު ސޫރިއާގައި އޮތް ކަހަލަ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކުރާށެވެ. 

ވަރަށް ގިނަ ދުވަހު ދިރާސާކޮށް ޖާސޫސުކޮށް ޣައްދާރުންނާއި ޚާއިނުންނަށް ރިޝްވަރުދީގެން އީރާނުގެ ތިން ބާރުގެ އިސްވެރީން އެއް ފަހަރާ އަވަހާރަކޮށްލާން ދިން އެ ޙަމަލާ ނާކާމިޔާބުވީ ﷲގެ ރަޙުމަތާ އެކު، އީރާނުގެ ޖެހިލުންކުޑަކަމާއި ސާބިތުކަމުގެ ސަބަބުންނެވެ.

ޖޫން 15ވަނަ ދުވަހު ތެހެރާނުގައި ބޭއްވި ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންގެ ފުރާނަފުޅު ސަލާމަތް ވިޔަސް އެ މަނިކުފާނުގެ ފައިންޕުޅަށް ކުދިކުދި ހާނީއްކަފުޅުތަކެއް ލިބިފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

ސަރުކާރުގެ ތިން ބާރުގެ އެންމެ އިސްވެރިންނަށް އަމާޒުކޮށްފައިވާ މި ޙަމަލާގެ ބޭނުމަކީ އީރާނުގެ މިހާރުގެ ސަރުކާރާއި އެ ގައުމުގައި ވެރިކަން ހިންގާ ނިޒާމު ވެސް މުޅީން ބަދަލުކޮށްލުންކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

[އިސްރާއީލުން އެ މީހުންގެ އެ ޢަމަލަށް އަގެއް ނުދައްކައި މި ކަން މާޒީވެގެންނެއް ނުވާނެއެވެ.] އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ.

މި ޙަމަލާދޭން ފަށައިފައިވަނީ އެ ދުވަހު މެންދުރުވާން ވަރަށް ކައިރިވެފައިވަނިކޮށެވެ. އެއީ ދައުލަތުގެ ތިންބާރުގެ އިސްވެރީންނާއި މި ނޫނަސް ސަރުކާރުގެ އިސް އޮފިޝަލުން ބައިވެވަޑައިގަތް މި މުހިންމު ބައްދަލުވުން ފަށައިގެން ކުރިއަށް ދިޔަ ވަގުތެވެ.

އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ އިސްވެރީން އަވަހާރަކޮށްލާން އުޅުނު ގޮތުގެ އާ ތަފުސީލުތައް ފާރުސް ނޫސް އެޖެންސީއިން ވެސް ވަނީ ހާމަކޮށްފައެވެ.

މި ޙަމަލާދޭން ފެށީ ހުޅަނގު ތެހެރާނުގައި ހުރި ސަރުކާރުގެ ޢިމާރާތެއްގެ ތިރީބުރީގައި މަތީ މަޖިލީހުގެ ޖަލްސާ ފެށި ތަނާކަމަށް ފާރުސްއިން މަޢުލޫމާތުދީފައިވެއެވެ. މި ޙަމަލާ ޢިމާރާތުގެ އެތެރެއަށް ވެސް ދިން އިރު، އިމާރާތުން ނުކުމެގެން ސަލާމަތްވާން ދާން ހުންނަ ހުރިހައި މަގުތަކަކަށް އަމާޒުކޮށް ވެސް ހަ ސައިލަކުން ޙަމަލާދީފައި ވެއެވެ.

އެ ޙަމަލައާ އެކު ގޮވި ބާރުގަދަ ގޮވުންތަކާ ގުޅިގެން ކަރަންޓް ކެނޑުނު ނަމަވެސް ކަނޑައެޅިފައިވާ އިމަޖެންސީ ދޮރަކުން ރައީސާއި އެހެން ގިނަ އޮފިޝަލުންނަށް ސަލާމަތްވެވަޑައިގެންނެވުނެވެ.

އެ ނޫސް އެޖެންސީއިން ބުނެފައިވާ ގޮތުގައި، މިހާތަނަށް މަރުޖާތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލައި، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ޖާސޫސުން އީރާނުގެ ތެރޭގައި ތިބެދާނެކަމަށް ބަލައި މިހާޜު ވަނީ ތަހުގީގެއް ފަށައިފައެވެ. އަދި ބައެއް މީހުން ވަނީ އަތުލައިވެސްގެންފައެވެ. އަދި އިސްރާއީލަށް ވާގިވެރިވި ބައެއް ޚާއިނުންނަށް ވަނީ އަދަބުވެސްދީފައެވެ.

ހަގީގަތުގައި 12 ދުވަހުގެ މި ހަނގުރާމައަކީ ކުރިމަގަށް އީރާނުގެ ލޯ ހުޅުވައިދިން ހާދިސާއެކެވެ. އީރާނުގެ ސަރުކާރު ބަދަލުކުރުމަށާއި ވެރިކަމުގެ ނިޒާމު ބަދަލުކުރާން އެމެރިކާއިން ދެކޭ ހުވަފެން އަބަދުވެސް ދެކޭނެކަމަށާއި އެ ކަމަށް މަސައްކަތްކުރާނެކަން ވެސް އީރާނަށް އެނގެއެވެ. އަދި ފައިސާގެ ބޭޏުމުގައި ގައުމަށް ޣަދަރުވެރިވާ ޣައްދާރުންނާއި ޚިޔާނާތްތެރި ޚާއިނުން އުޅޭނެކަން ވެސް އީރާނަށް މާ ބޮޑަށް މިހާރު ސާފުވާނެއެވެ. ވީމާ އެއީ އިރާނު އަލުން ވަރުގަދަވާން ލިބުނު ވަރުގަދަ ފިލާވަޅެކެވެ. [ކޮންމެ ކަމެއްގައި ވެސް ރަނގަޅެއް އޮންނާނެއެވެ.]

ކޮމެންޓު