ad_banner
ފަލްސަފާ (5)

އަސްމާ އަބޫބަކުރު

13 ޖުލައި 2025

(2025 ޖުލައި 6ގެ ޢަދަދާ ގުޅޭ)

[ގައިމު އާލިފު ބުނި ދެން އިތުރު މީހަކާ ނީންނާނަމޭ. ދެ އަނބީން ތިމަންނާއަށް ފުދޭނޭ." އަހަރެންގެ މެއަށް ތަދެއް އެރީ ވެސް އެ ވަގުތުއެވެ. ކަމަކާ ހިތަށް އުނދަގޫވެއްޖެ ނަމަ އަހަރެންގެ މެއަށް ތަދުވާކަން އާލިފަށް އެނގޭނެއެވެ. އެރޭ އަހަރެން އުޅޭންޖެހުނީ އެ ތަދެއް ނުފިލައިގެންނެވެ. ބޯ އަނބުރާ ގޮތް ވެފައި މެއަށް އެރި ތަދު ނުކެނޑިގެން އެތައް އިރަކު އުޅުނީމެވެ. އެ ތަދު ނުކެނޑި ގިނައިރުވާން ފެށުމުން އާލިފު ލުނބޯ ފަނިތަށްޓެއް ގެނެސްދިނެވެ. އެ ބޮއިގެން ވެސް ވަކި ރަނގަޅުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނިދުނީ ވެސް ދަންވަރު ދޭއް ވެސް ޖެހިފަހުންނެވެ.

އެ ހަފުތާ އަހަރެން ވޭތުކުރީ އާލިފު އުޅޭ ގޮތާ މެދު ވިސްނައި ފިކުރުކުރުމުގައެވެ. ކިޔަވައިގެން ބޮޑު މުސާރަ ލިބުނުކަމުގައި ވިއަސް އަހަރެންގެ ޚަރަދުތަކަށް އާލިފު ލައްވައި އަހަރެން ޚަރަދެއް ނުކުރުވަމެވެ. އަންހެނަކަށްވެ ހުރެ އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވީ އެއްވެސް ޙާލަތެއް މެދުވެރިވެއްޖެ ނަމަވެސް އެކަނި އުޅޭން ދަސްކުރުމުގެ ބޭނުމުގައެވެ. 

ހެނދުނު ސައިތައްޔާރު ކޮށްފައި މޭޒުމަތީ ބެހެއްޓުމަށް ފަހު އަހަރެން ތައްޔާރުވަމުން ދިޔައީ އިސްކޫލަށް ދާށެވެ. އޭރު އަހަރެމެންގެ ދަރިފުޅު އާޒު ތައްޔާރުކޮށްފައި އަހަރެން ދޮންތައާ ޙަވާލުކޮށްފައި އަހަރެން އަންނަނިކޮށް އާލިފު ވެސް ދުވާން ގޮސްފައި އައިސް ގެއަށް ވަންނަނީއެވެ. އޭރު ވެސް އާލިފުގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. އާލިފު ގޭތެރޭގައި މިހާރަކަށް އައިސް އުޅެނީ ޓީނޭޖުގެ ކުއްޖެއް އުޅޭހެންނެވެ. ސިކުންތަކު އެއް ފަހަރު ފޯނަށް ނަޒަރު ހުއްޓެއެވެ. ކޮޓަރީގައި އުޅޭ ވަގުތު މަޑުމަޑުން ނާނާކިޔުމާއި ތުބުން ފުމުން އިތުރުވެއްޖެއެވެ. ލޯގަނޑު ކުރިމަތީ ހުންނަ ވަގުތު ވެސް އިތުރުވެއްޖެއެވެ.

ސައިބޯން އިންއިރު ވެސް އަހަރެން އޭނަޔާ ކައިރީގައި އިންކަމެއް ހަނދާނެއް ނެތެވެ. އެންމެ ކުޑަމިނުން ދަރިފުޅު ކޮބައިތޯ ވެސް އާލިފު އަހައެއްނުލައެވެ. ސައިބޮއި ނިމިގެން ތެދުވަމުން އާލިފު އަހަރެންނާ ދިމާއަށް ބަލައިލިއެވެ.

[މިއަދު އެބަޖެހޭ ރަށަކަށްދާން. އޮފީސް ނިންމައިފައި އަންނަ އިރަށް ދެ ދުވަހަށް ދަބަސް ރެޑީ ކޮށްލައިފައި ބަހައްޓައްޗޭ.] ފިރިމީހާއަކަސް އެ ވަރު ދެން ބޮޑޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ބޭނުންވާ ކަމެއް ފިޔަވައި އެހެން ކަމެއްގެ ވާހަކަ ވެސް މިހާރު ނުދެއްކެއެވެ. އަހަރެން އިސްކޫލަށް ދިއުމުގެ ކުރީން އާލިފުގެ ދަބަސް ތައްޔާރުކޮށްފައި ގެއިން ނިކުންނަނިކޮށް ރަޝްމާ ގުޅިއެވެ.

[ހަލޯ. ރަޝްމާ ކިހިނެއްވީ؟] އަހަރެން އެހެން ބުނި އިރު ވެސް ރަޝްމާ ގުޅާނީ އާލިފު ދެކެ ރުޅިއައިސްގެންކަން އެނގެއެވެ.

[ޖީލާނަށް އެނގޭތަ. އާލިފު އެއުޅެނީ މިހާރު ރައްޓެހިވެގެން އުޅޭ މަންޖެގެ ރަށަށް ދާން. މި ދިޔަ ހަފުތާގައި ވެސް އެ ރަށް ގޮސް އައީ ހޮނިހިރު ދުވަހުއެއްނު؟ މި ވީކުގައި ވެސް އެ ދަނީ ބަންދު ދެ ދުވަހަށް. ޖީލާން މަޑުން ހުއްޓަސް އަހަރެންނެއް ނުހުންނަން. ހަމަތެދެއް މިބުނީ. އަހަރެން ގޮވައިގެން ޑޮކްޓަރަށް ދެވެނީއެއް ނޫން. ކޮންމެ މަހަކު ޚަރަދަށޭ ކިޔާފައި ފައިސާ ދިނީމާ އޭނާގެ ވާޖިބު އަދާވޭތަ؟] ރަޝްމާ ދެއްކީ އަހަރެންގެ ހިތުގައި ވެސް ހުރި ވާހަކަތަކެވެ. ރަޝްމާއަށް ޚަރަދުކުރާ ވަރަށް ވެސް އަހަރެންގެ ކަންކަމަށް އޭނާ ޚަރަދެއް ނުކުރެއެވެ. އެ ވާހަކަ އަހަރެން ނުދައްކަނީއެވެ. އެހެންވެ ކަންނޭގެއެވެ. އާލިފު މި ގޭގައި އުޅެނީ އުޅޭން ފަސޭހައަކަށެވެ.

މި ފަހަރު އެ ރަށަށް ގޮސްފައި ދެ ދުވަސްވީއިރު ވެސް އާލިފު ގުޅައި ވެސް ނުލައެވެ. އަހަރެން އެ ކަމާ ދެރަވެގެން ކިތަންމެ ފަހަރަކު ފޯނުނަގައިފައި މެސެޖެއް ނުވަތަ ކޯލެއް މިސްވެފައި ވޭތޯ ވެސް ބެލިއްޖެއެވެ. އެހެން ފޯން ނަގައިގެން އިންދައި އާލިފުގެ ކޯލެއް އަތުވެއްޖެއެވެ.
[ޖީލާން. ހަވީރު ހަތަރެއް ޖަހާއިރު މާލެ ދެވޭނެ. މި ދަނީ ފުރާން.] އާލިފު އެ ދިނީ މެސެޖެކެވެ. އަހަރެންވީ އާލިފުގެ ގަމީސް އިސްތިރިކޮށްފައި ސައި ތައްޔާރުކުރާށެވެ. ކިތަންމެ ފަހަރަކު އަހަރެންގެ ހިތް އަހަރެން ދެކެ ރުޅިއާދެއެވެ. އަހަރެން އުޅޭ ވައްތަރުންނެވެ. އެކަމަކު ކުރަނީ ކީއްހެއްޔެވެ؟ އަހަރެން އަބަދު ވެސް ހިތަށް ވިސްނައިދެމުން ދިޔައީ އާލިފަކީ ފިރިމީހާކަމުގައެވެ.

އާލިފު އައިސް އާޒު އުރާލައިގެން ދެކޮޅަށް ހިންގަމުން ދިޔަ ވަގުތަކު އަހަރެން ވާހަކަދައްކާން ބޭނުންވެގެން ކޮންމެވެސް ވަހަކައެއް ދެއްކޭތޯ ފަށައިފީމެވެ.

[އާލިފު މިފަހަރު މެރީކުރަން ތިޔަ އުޅެނީ ކާކާތަ؟ އަހަރެން އެހެން އެހުމުން އާލިފު ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އަހަރެން ދެއްކީ ދައްކާން ނުވާވަރުގެ ވާހަކައެއްހެނެވެ. ދެތިން ސިކުންތު އެހެން ހުރެފައި އޭނާ ވާހަކަ ދައްކަން ފަށައިފިއެވެ.

[އެއީ ޒިދުނާ.] އަހަރެންގެ ދެލޯ ބޮޑުވިއެވެ.

[އަހަރެންނާ އެކު ކިޔެވި ޒިދުނާ؟ މިގެއަށް އަންނަ ޒިދުނާ؟] އަހަރެން ހިތަށް އެރިއެވެ. ސަހަރޯއެވެ. އަހަރެމެން ދެ މީހުން އެކީގައި ގައުމީ ޔުނިވަރ ސިޓީއިން އެއް ކޯހެއް ހެދީމެވެ. އަހަރެން ޓީޗިންގ ދާއިރާއާ ދުރަށް ދާން ވެގެން އޮފީހަކުން ޖޮބެއް ހޯދުމުގެ ބޭނުމުގައި ހެދި ކޯހެކެވެ. ޒިދުނާ ވެސް  އެ ކޯސް ހެދިއެވެ. އަހަރެމެން ދެމީހުން އެކީގައި މިގެއަށް އައިސް ގްރޫޕް ސްޓަޑީ ވެސް ހެދީމެވެ. އާލިފާއި ޒިދުނާއާ އެ ވަރުގެ ގުޅުމެއް މި ގޭތެރެއިން ބިނާކުރިކަމެއް ނުދެނެހުރީމެވެ.

[އެކަމަކު މި ގޭތެރެއިން ތިޔަ ކަހަލަ ކަމެއް ކުރިކަމެއް ވެސް ނުދެނެހުރިން.] އަހަރެން ހިތްހަމަނުޖެހިފައި ހުރެގެން އާލިފު ގާތު ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އެ ވާހަކައިގެ ތެރެއިން އާލިފު ރަޝްމާ ވަރިކުރާން އުޅޭކަމުގެ ޚަބަރު ދިނެވެ.

[އެހައި ލޯބީން އިން ރަޝްމާއާ ވަކިވާކަށް ނުވާނެއްނު؟ އެހެން ނޫނަސް އޭނާ ކިހައި އެކަނިވެރިވާނެ.]

[ރަޝްމާ އުޅޭން ބޭނުން ނުވަންޏާ އަހަރެން ކިހިނެއް ހިފަހައްޓާނީ. ރަޝްމާ އެދޭ ގޮތް ހަދައިދޭން އަހަރެން ނިންމީ ރަޝްމާ އެދިގެން. ރަޝްމާ ވަރިކުރިއަސް ޖީލާން ދުވަހަކު ވެސް ދުލެއް ނުކުރާނަން. އަހަރެން މީހަކަށްވީ ޖީލާންގެ އެހީތެރިކަމާ އެކު. ތިޔަ ވަރުގެ ކިޔަމަންތެރި އަތްނބެއް ނުވެސް ލިބޭނެ.]

އޭގެ އަނެއްދުވަހު އަހަރެން ޒިދުނާއަށް ގުޅައި ވާހަކަދައްކާން ފެށީ ނޭނގޭކަމަށްކަމަށް ހެދިގެންނެވެ. ޒިދުނާގެ ވާހަކައިން އާލިފާ ރައްޓެހި ވެގެން ނޫނީ އިންނާން އުޅޭކަމުގެ ވާހަކައެއް ވެސް ނުދައްކައެވެ. އާލިފު ކަހަލަ މީހަކު ޒިދުނާވަރުގެ ޅަ ކުއްޖަކު ފެނުނީމަ ދޫކޮށްނުލާނެކަން މެންދުރުގެ އިރު ފަދައިން އަހަރެންނަށް އެނގެއެވެ. އާލިފަށް ވުރެ ޒިދުނާ ވިހި އަހަރު ހަގުވާނެއެވެ.

އަހަރެމެންގެ ޙަޔާތުން އެތައް ދުވަސްތައް މާޒިއާ އެކުވެ ހިނގައްޖެއެވެ. އެތައް ކުލަތަކެއް ދައްކައިފައެވެ. އެތައް ބަގީޗާއެއްގައި ގަސްތަކެއް ރޯވެ ހެދި، މާއެޅުމަށްފަހު މިލައި މޯޅިވެގެންނެވެ. ލޯބި ވެސް މި ޒަމާނުގައި ވަނީ ވިޔަފާރިއަށެވެ. ޒިދުނާއަކީ ނިކަމެއްޗެއްކަމުގައި ދެކި އާލިފު ޒިދުނާގެ އަތުގައި ހިފީ އެހީތެރިކަމުގެ އަތެއް ދިނުމުގެ ނިޔަތުގައިކަމަށް އާލިފު ބުނެޏެވެ. އެ ކަން އަހަރެން ގަބޫލުކުރާންވީބާއޭ ހިތަށްއަރައެވެ. ރީތިކަމާއި ޒުވާންކަމުގެ ޖާދޫގައި ފިރިހެނުން ޖެއްސޭނެ ހުރިހައި ގޮތަކަށް ޒިދުނާ ހެދުންއަޅަމުން އައެވެ. އޭރު އަހަރެން ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އާލިފުގެ ހަތް ހުވާގެ ސަބަބުންނެވެ. ދެ އަނބީން ފުދޭކަމަށް ދެއްކި ބުހުތާނު ދޮގު އަހަރެން ގަބޫލު ކުރީ ޝައްކުކުރުމެއް ނެތިއެވެ.

ރަޝްމާ އާލިފުގާތުން ވަރިވެގެން ދިޔަ ގައުމެއް ވެސް ނުބުނެ ފުރީ އެއީ އާލިފު ކަހަލަ މީހުންނަށް ހަދާންޖެހޭ ގޮތްކަމަށް ބުނަމުންނެވެ. ރަޝްމާއަކީ މުއްސަނދި އަންހެނެކެވެ. އެހެންވިއަސް ރަޝްމާ ދެކޭ ގޮތުގައި ފިރިމީހާ އަނބިމީހާއަށް ޚަރަދު ކުރާންޖެހޭނެއެވެ. އެއީ ރަޝްމާގެ ފަލްސަފާއެވެ.

[އަންނަ ހަފުތާގައި އަހަރެން ޒިދުނާއާ މެރީކުރަން އެބަ.] އާލިފުގެ ކޮންމެ ޖުމްލައަކީ އަހަރެން އަޑުއަހައި ފޫހިވާން ޖެހޭ ޖުމްލައެކެވެ. އެކަމަކު އޭނާއާ ދެކޮޅަށް އެއްޗެއް ނުބުނެ ހުރެވޭތޯ ބަލަމެވެ.

[އަހަރެން އަނެއްކާ ޕްރެގް. އެ ކަހަލަ ކަމެއްހެން ހީވެގެން އިއްޔެ ކިޓެއް ގެނެސް ޓެސްޓް ހަދައިފިން.] އާލިފަށް ލިބުނީ ހައިރާންކަމެކެވެ. އަހަރެން ބަނޑުބޮޑުވުން އާލިފު ހިތްހަމަޖެހޭކަމަކަށް ނުވަނީ ކަންނޭގެއެވެ.

[އާޒަށް އަދި ދެ އަހަރު ކިރިޔާ ފުރުނީ.] އާލިފު ފާޑަކަށް އިނދެ ބުންޏެވެ.

[ކޮބައިތަ މައްސަލައަކީ؟ އަހަރެމެން ކައިވެނި ކޮށްގެން އުޅެންޏާ ދަރީން ވެސް ލިބޭނެއްނު. ދެން އާލިފު ކޮންކަމަކާތަ ކަންބޮޑުވަނީ؟] އަހަރެން ވެސް އެހެން އެހީ ހިތްހަމަ ނުޖެހި ހުރެގެންނެވެ.

[ކަމެއް ވެގެނެއް ނޫން.] އާލިފު އެހެން ބުނީ ވެސް ރާގުލައިފައި ދަމައިލުމަކާއެކުއެވެ.

އާލިފު ޒިދުނާއާ މެރީކޮށްގެން މިތާ އުޅޭ. އަހަރެން ހިނގައިދާނަން ރަށަށް. މަންމަ މިހާރު ވެސް އެ ކިޔަނީ ރަށަށް އަންނާށޭ. އަނެއްކާ މި ދުވަސްކޮޅު އެބަ އޮތް ރަށުގައި ޖޮބުތަކެއް ވެސް. އޮފީހަކަށް ވަދެ އުޅޭން ފަސޭހަވާނެ. މި ދާއިރާއަށް ވުރެ، ދެ ކުދީން ލިބުނީމަ އަހަރެން ކިހިނެއް މިހެން އުޅޭނީ.] އަހަރެން ބުނުމުން އާލިފު އެއްބަހެއް ނުވިއެވެ.

[ޖީލާން ނެތި އަހަރެން އެކަނި އުޅޭން ވަރަށް އުނދަގޫވާނެ. ޒިދުނާ އަދި ވަރަށް ޅައެއްނު. އޭނަޔަށް ކައްކާކަށް އިސްތިރިކުރަކަށް ވެސް ނޭނގޭ.]

އަހަރެން ހިތަށްއެރިއެވެ. ދެކޮލުގައި ފުށްޖަހައި ދެއިރަށް ދެހެދުން ބަދަލުކުރާ ޒިދުނާގެ ޙާލު ވެސް ވަކި ދެރައެއް ނޫނެވެ. އަންހެނަކަށް ހުތުރު ވާނެ ހުރިހައި ޖުމްލައެއް ޒިދުނާގެ ވަކީލު އެ އިއްވީއެވެ. ދެން އަހަރެންވީ ޒިދުނާގެ ހެދުންދޮވެ ކައްކައިފައި ކާންދޭށެވެ. (ނުނިމޭ)  

ކޮމެންޓު