އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
11 ޖުލައި 2025
ތައްޚާނުބެއާއި ކުޑާނިކުގެ ޚަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި މިހާރު ކުޑާނިކު އުޅެނީ ރަށު ކައުންސިލްގެ މަސައްކަތު މީހަކަށެވެ. އަދި ތައްކާނުބޭ ވެސް އުޅެނީ ދަރީންނާ ބައިވެރިވެގެން ނަންބޯޑު ހެދުމާއި ގަންޖުފަރާހުގައި ތައްގަނޑުޖެހުމުގެ މަސައްކަތްކުރާ އިސްޓޫޑިއޯއެއް ހަދައިގެންނެވެ.
ރަށު ކައުންސިލުގެ ސެކްޝްނަތަކުގައި ނަންބޯޑު ހަރުކުރާން ވެގެން ނަންބޯޑުތަކެއް ހައްދާން ވެސް އިހަކަށް ދުވަހު ކުޑާނިކު، ތައްޚާނުބޭ ގާތަށް އައެވެ.
އޭގެ ދެ ދުވަސް ފަހުން އަނެއްކާ ވެސް އެއްކަލަ ކުޑާނިކު ތައްޚާނުބޭ ގެއަށް ކަރުދާސްގަނޑެއް ހިފައި އަތުވެއްޖެއެވެ.
ކުޑާނިކު: ތައްޚާނުބޭ. އަނެއްކާ އިތުރު ނަންބޯޑެއް ހަދައިދޭންވެއްޖޭ. ކުރީ ދުވަހު ހެދި ނަންބޯޑުތައް ވަރަށް ރީތިކަމަށް ކައުންސިލުގެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވަނީ.
ތައްޚާނު: ކޮން ކަހަލަ ނަންބޯޑެއް ހަދާން މިއަދު ތިޔަ އައީ؟
ކުޑާނިކު: އިތުރު ސެކުޝަނެއް އުފެއްދީއްޔޯ. އެއީ މި ރަށު މީހުން މިހާރު މާ ތަނަވަސްވީމާ ޒަކާތްދައްކާ މީހުންނާއި ފައިސާގެ ޢަދަދު ގިނަވެގެން ޒަކާތާ ބެހޭ ސެކްޝަނެއް އުފެއްދީއްޔޯ.
ތައްޚާނު: އެހެންތަ؟ އެހެންވީމާ، ތިޔަ ނަންބޯޑު ވެސް ހަމަ އެ އަގަށް ހެދޭނެ. ހަވީރުން ބަލައި އާދޭ.
ކުޑާނިކު: މިއޮތީ ލިޔާންވީ ގޮތް ކައުންސިލުން ދެއްވައިފައި.
(މިހެން ބުނެފައި ކުޑާނިކު ޖީބުން ގަނޑެއް ނަގައި ތައްޚާނަށް ދައްކައިލައިފިއެވެ. އޭގައި އޮތީ [ޒަކާތާބެހޭ ސެކްޝަން] މިހެންނެވެ. މި ކަރުދާންގަނޑު ބަލައިލައިފައި)
ތައްޚާނު: ކުޑާނިކާ، ހަމަ މި އޮތް ގޮތަށްތަ، ބޯޑު ހަދާންވީ؟ މިހެން ހެދީމާ ރަނގަޅެއް ނުވާނެ. ރަނގަޅުވާނީ [ބެހޭ] މި ލަފުޒު ދުރުކޮށްފައި އޮތީމާ.
ކުޑާނިކު: އަހުން ގާތު ބުނީ މީގައި އޮތް ގޮތަށް ހަދާށޭ ބުނާން. އެހެންވީމާ އަންނާނަން ކައުންސިލަށް ގޮސް އެވެރީން ގާތު އަހައިލައިފައި. (މިހެން ބުނެފައި ދިޔަތާ އިރުކޮޅެއްގެ ތެރޭގައި ކައުންސިލުގެ ރައީސް ގޮވައިގެން އަތުވެއްޖެއެވެ. ކައުންސިލުގެ ރައީސަކީ ތައްޚާނުބޭގެ ދަރިވަރަކަށްވާތީ، ތައްޚާނުވެއަށް ވަރަށް ގަދަރުކުރެއެވެ. ރަށު ކައުންސިލުގެ ރައީސް ތައްޚާނުބެއާ މުޚާޠަބުކޮށް)
ކައުންސިލު ރައީސް: އައްސަލާމު ޢަލައިކުމް، ސަރ! ކިހިނެއްތޯ ޙާލުކޮޅު؟
ތައްޚާނު: ވަޢަލައިކުމް ސަލާމް. މުއްދައްޘިރު ގޮވައިގެން ކުޑާނިކު މިއަކީ ކީއްކުރާށޯ؟
މުއްދައްޘިރު: ކުޑާނިކު ބުނީ ސަރ ވިދާޅުވިޔޯ [ބެހޭ] އޮންނާންވާނީ ކުރީ ލަފުޒާ ދުރުކޮށްފައޭ. އެއީ ތެދެއްތޯ؟
ތައްޚާނު: އާދެ! އަޅުގަނޑު ބުނިން އެހެން. ރަނގަޅު ގޮތަކީ އެއީކަމަށްވާތީ.
މުއްދައްޘިރު: އެކަމަކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސިޓީތަކުގައި އޮންނަނީ [ބެހޭ] ދުރުނުކޮށް. އެހެންވީމާ، ޒަކާތަކީ ވެސް ދީނީ ކަމަކަށްވާތީ އަޅުގަނޑުމެން ޢަމަލުކުރާންވާނީ އެ މިނިސްޓްރީގެ ރައުޔަކަށް ނޫންތޯ؟
ތައްޚާނު: ކަމެއްގެ ރަނގަޅު ނުރަނގަޅު، ޙައްޤު ނުޙައްޤު ބަލާން އެހެން މީހަކު ނުވަތަ އެހެން ތާކުން ޢަމަލުކުރާ ގޮތް ބަލާކަށް ނުޖެހޭނެ ނޫންތޯ؟ މިސާލަކަށް ދީނީ ކަމެއްގައި ރަނގަޅު ނުރަނގަޅު ބަލާން އަޅުގަނޑުމެން ދާންޖެހޭނީ ޤުރުއާނާއި ސުންނަތަށް ނޫންތޯ؟ އެހެން މީހަކު ޢަމަލުކުރާ ގޮތެއް ބަލާކަށް ނުޖެހޭނެ ނޫންތޯ؟ އެހެންވީމާ ބަހުގެ ކަމެއްގައި އަޅުގަނޑުމެން ބަލާން ޖެހޭނީ ގަވާއިދަށް ނޫންތޯ؟
މުއްދައްޘިރު: އެކަމަކު ސަރުކާރުގެ ވުޒާރާއެއްގެ ނަންބޯޑު ހުންނާނީ ގަވާއިދާ އެއް ގޮތަށް ހަދައިފައި ނޫންތޯ؟
ތައްޚާނު: ހުންނާން ޖެހޭނީ ތިޔަ ވިދާޅުވި ގޮތަށް. ނަމަވެސް އެ ގޮތަށް ހުންނަ ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު މާލެ ނުދާތާ އެތައް އަހަރެއް ވެއްޖެ.
މުއްދައްޘިރު: ކޮބައިތޯ ސާރ ތިޔަ ވިދާޅުވާ ގޮތް ރަނގަޅުކަމުގެ ހެތްކަކީ؟ އަޅުގަނޑަކަށް ސަރއަކާ ބަހުސެއް ނުކުރެވޭނެ. އަޅުގަނޑު ޔަގީން ކޮށްލާން ހަމަ މި ސުވާލު ދަންނަވައިލީ.
ތައްޚާނު: އަޅުގަނޑު ވެސް ހަމަ ރަނގަޅު ގޮތް ދަންނަވައިލީ. ލަފުޒު ދުރުކުރުމުގެ ގަވާއިދުގައި އޮންނަ އެންމެ މައިގަނޑު ހަމައަކީ ދިވެހިބަހުގެ ލަފުޒުތައް ބެހޭ އަށް ބައިގެ ތެރެއިން [އަކުރު] ފިޔަވައި އެހެން ކޮންމެ ބައެއް ވެސް ކޮންމެ ޙާލަތެއްގައި ވެސް ކުރީ ލަފުޒާ ދުރުކޮށްފައި ލިޔުން. މި ގޮތުން ބަލާ އިރު، [ކަންތައްތައް] ނުވަތަ [ކަންތައް] އެއީ ނަމެއް. [ބެހޭ] އެއީ [ބެހުން] މި މަސްދަރުން އުފެދިފައިވާ ކަމެއް. އެހެންވީމާ މި ދެ ލަފުޒު ދުރުކުރުމަކީ ގަވާއިދު ބުނާ ގޮތް. [ކަންތައްތަކާ] މި އުފެދޭ ގޮތަކީ [ކަންތައްތައް] މި ލަފުޒުގެ ފަހަތަށް ނިސްބަތްކުރުމުގެ ނުވަ ޚާއްޞަކުރުމުގެ އަކުރު [އާ] އިތުރުކުރެވިގެން. ސަބަބަކީ މި ގޮތަށް ލަފުޒުގެ ފަހަތަށް އަންނަ އަލިފު ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހާ ނަމަ، ކާފެއްގައި ފިލިޖެހޭނީ. އެހެންވީމާ [ކަންތައްތައް]ގެ ފަހަތަށް މި ގެންނަ [އާ] ކުރީ ލަފުޒާ ކުޅުނީމާ އެ ސުކުން ކާފަކަށް ބަދަލުކުރުމާ އެކު އަލިފުގައި އޮތް ދެމޭފިލި ކާފުގައި ޖަހަނީ. ދެން، އަލިފު އުނިކޮށްލަނީ. މިއީ ލަފުޒު މެހުމަކީ. ގަވާއިދު ބުނާ ގޮތުން [އަކުރު]ގެ ތެރެއިން ކުރީ ލަފުޒާ މެހޭ ލަފުޒު އަބަދު ވެސް ލިޔާންވާނީ ކުރީލަފުޒާ ދުރުނުކޮށް. މެހުނަސް ނުމެހުނަސް. އަމުދުން މެހޭ އަކުރެއް ނަމަ ދުރެއްނުވެސްކުރެވޭނެތާ.
މުއްދައްޘިރު: ތިޔަ ވިދާޅުވި ވާހަކަފުޅު ސާފުވެއްޖެ. ސާރ އެ ގޮތަށް ކިޔަވައިދެއްވި ހަނދާން ވެސް ވެއްޖެ. އެކަމަކު އަޅުގަނޑުގެ ނުކުތާއަކީ ސަރުކާރުން ހެއްދެވި ނަންބޯޑެއްގައި [ބެހޭ] ދުރުނުކުރައްވައި އޮންނާނީ ވެސް ކޮންމެވެސް އަސްލެއްގެ މައްޗަށްކަމަށް ފެންނާތީ އެއާ ޚިލާފަށް ލިޔުމަކީ ރަނގަޅުކަމަކަށް ނުވާނެތާއޭ.
ތައްޚާނު: އެ ގޮތަށް ނުބައިކޮށް ނަންބޯޑު ހައްދަވައިފައިވަނީ އަސްލެއްގެ މައްޗަކަށް ނޫން. އެއީ އަސްލަށް ނުބަލައި، ނަންބޯޑު ހެދި ތާކުން ފެންނަ ގޮތަކަށް ހަދައިފައި ހުރި ނަންބޯޑަކަށްވާނީ. ބައްލަވާން ޖެހޭ ބޭފުޅުންނަށް އެ ވަރު ނުބެއްލެވި އެ އޮތީ.
މުއްދައްޘިރު: ކީއްވެތޯ ތިޔަ ހެން ތިޔަ ވިދާޅުވީ؟
ތައްޚާނު: އެހެން މި ދެންނެވީ ވެސް އަސްލެއްގެ މައްޗަށް. ބައްލަވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2023 ނޮވެންބަރު 18ގައި ނެރުއްވި ދެންނެވުން ނަންބަރު:2023/15. އެ ދެންނެވުން އޮފީހަށް ވަޑައިގެން ބައްލަވައިލައްވާ! އޭގައި އޮންނާނެ، [2023 ނޮވެންބަރު 17 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ އެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފިކަމުގައި ދަންނަވާން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި]ކަމަށް ލިޔުއްވައިފައި. އެ ދެންނެވުމުގައި [ބެހޭ] އޮތް ކޮންމެ ވުޒާރާއެއްގެ ނަމުގައި ވެސް [ބެހޭ] އޮތީ ގަވާއިދާ އެއް ގޮތަށް ދުރުކުރައްވައިފައި. އަޅުގަނޑު އެ ކަހަލަ ހުރިހައި އެއްޗެއް ކިޔަން. އެހެންވެ މިހައި ރަނގަޅަށް މި ހަނދާންހުރީ. ނަމަވެސް އެ ދެންނެވުމުގައި ވެސް ވުޒާރާތަކުގެ ނަންތައް ދިވެހިބަހުން ކިޔާ ގޮތް ލިޔުއްވި އިރު، [އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ]ގެ ނަމުގައި އެބަ އޮތް ލަފުޒު ދުރުކުރުމުގެ ކުށެއް. [އިސްލާމީ] މި ނަންއިތުރާއި [ކަންތައްތައް] މި ނަން، ދުރުނުކުރެއްވި އޮތުން. އެއީ ކުށެއް. އަޅުގަނޑުމެން ލިޔާން ޖެހޭނީ އެ ދެ ލަފުޒު ދުރުކޮށްފައި. ސަބަބަކީ [އިސްލާމީ]އަކީ ނަންއިތުރަކަށް ވެފައި [ކަންތައްތައް] އެއީ ނަމަކަށް ވާ އިރު، އެ ދެ ލަފުޒު ލިޔާންޖެހޭނީ ދުރުކޮށްގެން. ދުރުނުކޮށް ލިޔެވޭނެ އެއްވެސް ހަމައެއް ނެތް. އެއީ ލިޔުއްވި ބޭފުޅެއްގެ [އަތްދަށުން] ދޫވެފައި އޮތްކަމަކަށް ވެދާނެ. މުގުރީންނަށް ވެސް ކުށް ކިޔޭ ތާ! އަޅުގަނޑަށް ހީވަނީ އެހެން ވުޒާރާތަކުގެ ނަންތަކުގައި މައްސަލައެއް ނެތްހެން. މިހާރަކު މާ ބޮޑަކަށް ހަނދާނެއް ވެސް ނެތް.
މުއްދައްޘިރު: ސަރ، އަޅުގަނޑު އެބަ އަންނަން އޮފީހަށް ވަދެ ބަލައިލައިފައި. ފޯނުގައި ޑޭޓާ ނެތީމާ މި ވަގުތު ފޯނުން ބަލައެއްނުލެވޭނެ. (މިހެން ވިދާޅުވެފައި މުއްދައްޘި ކައުންސިލުގެ އިދާރާއަށް ވަޑައިގެންފިއެވެ.)
ކައުންސިލުގެ ރައީސް ވަޑައިގަތުމުން..
ކުޑާނިކު: ދެން ތައްޚާނުބޭ ވެސް އޭނާ ބުނި ގޮތަކަށް ނަންބޯޑު ހަދައިދިން ނަމަ މިހާރު މި ކަން ނިމިއްޖައީހެއްނު.
ތައްޚާނު: ކުޑާނިކު، ރައީސް ގެނައީއެއްނު. ދެން މަ ޖެހޭނެތާ ކަން އޮންނަ ރަނގަޅު ގޮތް ކިޔައިދޭން. މިހެން ޖަހާ ނަންބޯޑަކީ ގިނަ ދުވަސްތަކަކަށް ދެމިހުންނާނެ އެއްޗެއް.
)ކުޑަ އިރުކޮޅަކުން، ކައުންސިލުގެ ރައީސް އަޙުމަދު މުއްދައްޘިރު ވަޑައިގެންފިއެވެ.)
މުއްދައްޘިރު: ސަރ ވިދާޅުވި ގޮތަށް ދެންނެވުމުގައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން ޢަމަލުކުރާނީ ރައީސް އޮފީހުން ގެންގުޅުއްވާ އުޞޫލަށް. އެ ގޮތަށް [ބެހޭ] ދުރުކުރައްވައިފައި ނަންބޯޑު ހައްދަވާ!
ތައްޚާނު: އާދެ! އެކަމަކު، ދެންމެ ތިޔަ ވިދާޅުވީ އަދި ރަނގަޅަކަށް ނޫން. އަޅުގަނޑުމެން ޢަމަލުކުރާންވާނީ ވަކި ތާކުން ޢަމަލުކުރާ ގޮތަކަށް ނޫން. އަޅުގަނޑުމެން ޢަމަލުކުރާންވާނީ ޙައްގަށް. ރަނގަޅު ގޮތަށް. ގިނަ މީހުން ނުވަތަ ކުރީން ބޭނުންކޮށް އުޅުނު ގޮތަކީ ކަމެއް ނުވަތަ އެއްޗެއް ރަނގަޅުވުމުގެ ދަލީލެއް ނޫނެއް ނޫންތާ. އެކަމަކު މި ކަމުގައި ރައީސް އޮފީހުން ރަނގަޅަށް ލިޔުއްވައިފައި އޮތީތާ.
މުއްދައްޘިރު: އާދެ! ދެން ގޮސްބަލާނަން. ސަރއާ ބައްދަލުވީމާ ވަރަށް އުފާވެއްޖެ. އައްސަލާމު ޢަލައިކުމް!
ތައްޚާނު: ވަޢަލައިކުމް ސަލާމް!