ad_banner
ފަލްސަފާ (4)

އަސްމާ އަބޫބަކުރު

6 ޖުލައި 2025

ފަލސަފާ - 4

(2025 ޖޫން 29ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)

ރަޝްމާއަކީ ކިޔަވައިގެން ހުރި ތަންދޮރު ދަންނަ އަންހެނެކެވެ. އަންހެނެއްގެ އިޙްސާސް އެންމެ ރަނގަޅަށް އެނގޭނީ އަންހެނަކަށެވެ. އޭރު ޙާލަތު ނިޔާކުރި ގޮތުން ރަޝްމާއަށް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. އެކަމަކު މިހާރު އެ ޙާލަތު ބަދަލުވެއްޖެއެވެ. ރަޝްމާ ވެސް ހަމައަކަށް އެޅިއްޖެއެވެ. އަހަރެން ހިތުގައި އޮތީ އެންމެ ކަމެކެވެ. ރަޝްމާ މި ކޮޅަށް އައުމުން އަހަރެން ގޮސް އޭނަޔާ ވާހަކަދެއްކުމެވެ. ފަހަރެއްގައި ވެސް އާލިފު ދޫކޮށްލުމުގެ ނިޔަތެއް ހުރިތޯ ބަލާން އަހަރެން ބޭނުމެވެ.

އާލިފަކީ ކިޔެވުމުގެ އިތުރަށް، ޔުނިވަރސިޓީގެ ޕާޓްޓައިމް ލެކްޗަރަރެއްކަމުން ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ކުލާހަށް ދެއެވެ. އެ ވަގުތުތަކުގައި އަހަރެން ހުންނަނީ ފޫހިވެފައެވެ. މާގިނައިން އެކަނި ހުންނާން ޖެހޭތީއެވެ.

[މިއަދު ނޭވީ ބްލޫ ކޯޓްފަޓުލޫނު ތައްޔާރުކޮށްލައްޗޭ.] އާލިފު ފެންވަރާން ފާޚާނާއާ ދިމާއަށް ދަމުން ބުނެލިއެވެ. އަހަރެން އިސްތިރިކުރާން ހުއްޓައި އާލިފު އުޅޭ ގޮތުން ހިނިވެސްއާދެއެވެ.

[ހާދަ ވަރަކަށް މިއަދު ލޯގަނޑު ކުރިމަތީ ހުރެ ތިޔަ ފަރިބަލަނީ. އަންހެންކުދީން އުޅޭހެން ތިޔަ އުޅެނީ؟] އަހަރެން އެހެން ބުނުމުން އާލިފު ފާޑަކަށް ރަކިވެއްޖެއެވެ.

[މިއަދު ޔުނިވަރސިޓީގައި ޚާއްސަ ކަމެއް އޮތް ދުވަހެއް. އެހެންވީމަ ރީތިވާން ވެސް ޖެހޭނެއްނު!] އާލިފު ތެޅިފޮޅެމުން ގެއިން ނިކުންނާން ހިނގައިގަތެވެ. އޭނާ އުޅުނު ގޮތުން އަހަންނަށް ޝައްކެއް ވާން ފަށައިފިއެވެ. އާލިފު އެހެން ދުވަސްދުވަހު ވެސް ޔުނިވަރސިޓީއަށް ދެއެވެ. އެކަމަކު އެހެނެއް ނޫޅެއެވެ.

އާލިފު ގެއަށް އައިސް ވަނުމާއެކު އާދައިގެ މަތިން އަހަރެން ގޮސް ފެންތަށްޓެއް ދިނީމެވެ. އާލިފު އަތުގެ އިޝާރާތުން އޭނާ ގާތުގައި އިށީނުމަށް އެދުނެވެ.

"ރަޝްމާ އަތުވެއްޖެ. މިރޭ އޭނާއަށް ކާއެއްޗެއް ގެންގޮސްދޭން އެބަޖެހޭ" މިއަދު ފަރިބެލި ކަންތައް އެއީތާއޭ އަހަރެންގެ ހިތަށްއެރިއެވެ. އާލިފު އެހެން ބުނުމުން އަހަރެން އެ ކަމަށް އެއްބަސްވެ ރެއަށް އާލިފު ބުނި ވައްތަރުތައް ތައްޔާރުކޮށް ނިމިއްޖެއެވެ. އާލިފު ބޭނުންވީ ރަޝްމާއަށް ކާން ގެންދާން ތަށިބަރިއެއް ހަދާށެވެ.

[ކީއްވެ މި ކޮޅަށް ނުގެނައީ. އަހަރެމެންނާ އެކީގައި ރަޝްމާ ބައިވެރިކުރުން ކިހިނެއްވާނީ؟] އާލިފު އެ ކަމަށް އެއްބަހެއް ނުވިއެވެ.

"ކިހާ ހިސާބެއްގައި ރަޝްމާ އުޅެނީ؟" ކޮންމެހެން ވެސް ރަޝްމާއާ ބައްދަލުކޮށްލާން އަހަރެން ބޭނުމެވެ. މީގެ ދެތިން ދުވަސްފަހުން އަހަރެން އެނބުރި ރާއްޖެ ދާން އެބަޖެހެއެވެ. އާލިފުގެ ވާން އުޅޭ އަންހެނުންނާ ގުޅުން ދަމަހައްޓާން އަހަރެން ބޭނުމެވެ.

[މިތާ ކައިރީ އުޅޭނީ.] އާލިފު އަތުގެ އިޝާރާތުން ބެލްކަންޏަށް ނިކުމެ އެ ފުލެޓް ދެއްކިއެވެ. އަދި ކިތައްވަނަ ބުރީގައި ކަން ވެސް ބުނެދިނެވެ.

އަހަރެން ފުރާންވީއިރު ވެސް ރަޝްމާއާ ބައްދަލުވާ ގޮތެއް ނުވެއެވެ. އެހެންނަމަވެސް އުންމީދުގެ ހުޅުކޮޅު ހިތުން ނިވައެއްނުލަމެވެ. ފުރުމުގެ ކުރީން ސްކޫލަށް ނިކުންނާންވާ އިރަށް ހެދުން ގަންނާން ބޭނުންވާ ވާހަކަ އާލިފު ގާތު ބުނީމެވެ. އެރޭ ދެ މީހުން އެ ހިސާބުގައި ހުރި ޝޮޕިންމޯލަކަށް ގޮސް ވަދެ ބާޒާރުކުރަމުން ދަނިކޮށް އާލިފަށް ކޯލެއް އައެވެ.

[ޖީލާން ޝޮޕިން ކޮށްލާއިރަށް އެބަ އަންނަން. މި ތަނުން ނުނިކުމެ މަޑުކޮށްލައްޗޭ.] އާލިފު އަވަސްއަވަހަށް ނިކުމެގެން ހިނގައްޖެއެވެ. އެ ވަގުތު އަންހެން ކުއްޖެއް އައިސް އަހަރެންގެ ފަހަތުން ސަލާމް ގޮވައިލިއެވެ. އަހަރެން އަޑުއައި ދިމާއަށް އެނބުރެވުނެވެ.

"ސަލާން ވެސް ބަލައިނުގަންނާނަންތަ؟" ދިވެހީން ވާހަކަ ދައްކާން ފެށުމުން އަހަރެން ހިތަށް އެރީ މި ވާނީ ރަޝްމާ އަށެވެ.

"ވަޢަލައިކުމް ސަލާމް. ތީ ރަޝްމާތަ؟" ރީތި ދޮން ލޫޅާފަތި އަންހެން ކުއްޖެކެވެ. ފިރިހެނުން މޮޔަކޮށްލާފަދަ ރީތިކަމެއް ލިބިގެންވާ ސިފަތަކެއް ހުރި އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ޓްޕޮކޮޅާ ޖީންސާ އަޅައިފައިވާ ޝޯލް ވެސް އެހާމެ ގުޅެއެވެ. އެ ކުއްޖާ ފެނުމުން އަހަރެން ވެސް ހަސަދަވެރިވެއްޖެއެވެ. މި ކުއްޖާގެ ޖާދޫގައި ނުޖެހޭނެ މީހަކު ނުހުންނާނެއެވެ

[އާނ! މީ ރަޝްމާ. ފޮނުވި ކާއެއްޗެހި ވަރަށް މީރު. އެ ކަމަށް ޝުކުރިއްޔާ." އަހަރެން ބޭނުންވި ދަނޑިވަޅު ލިބުމުން ރަޝްމާއާ ސުވާލުކުރާން ފެށީމެވެ.

[ރަޝްމާ އަށް ވަރަށް ރަނގަޅު އަދި ރީތި ފިރިހެނުން ވެސް ވާނެ. ކީއްކުރަން އާލިފުއާ މެރީކުރަން ތިއުޅެނީ؟] އަހަރެންގެ މޫނަށް ވަރަށް ރަނގަޅަށް ރަޝްމާ ބަލައިލިއެވެ.

[އަހަރެން މި ވަގުތުކޮޅު ހޯދީ ތިޔަ ވާހަކަތައް ކިޔައިދޭން. އާލިފަށް ގުޅާފައި އަހަރެންގެ އެޕާޓްމަންޓަށް މި ފޮނުވީ އެންމެ ތިން މިނެޓްގެ ވަގުތުކޮޅެއް ހޯދާން." ރަޝްމާއާ އަހަރެން މޯލްގެ ގޮނޑިއެއްގައި އިށީނީ ދެ ރަޙްމަތްތެރީން ފަދައިންނެވެ. އެކަކު އަނެކަކަށް ކިތަންމެ ދުޝްމަން ވިއަސް އެކަން އޮތީ ހިތުގައެވެ. ފުޓްބޯޅަ ދަނޑުގައި ވެސް އޮންނަ ފަދައިންނެވެ. އިދިކޮޅު މީހަކަށް ދޫދޭކަށް އެކަކު ވެސް ބޭނުމެއް ނުވާ ފަދައިންނެވެ.

"އާލިފުއާ މެރީކުރާކަށް އަހަރެން ކުރިއަކުން ނޫޅެން. އެކަމަކު އަހަރެންގެ ބޯއީފުރެންޑް އަހަންނާ ދުރުކުރުވީ އާލިފު. އަހަރެން ފަހަތުގައި މި ދިޔަ ދެ އަހަރު އޭނާ ދުވީ. އަހަރެން މަންމައާއި ބައްޕަ ނިޔާވި އެކްސިޑެންޓަށް ފަހު، އަހަރެން ވަރަށްބޮޑަށް ބަލިވި. ހޮސްޕިޓަލްގައި އެޑްމިޓްވެސްކުރި.  އެ ދަނޑިވަޅުގައި އެންމެ ގާތުގައި ހުރީ އާލިފު. އެހެންވެ އަހަރެން އޭނަޔާ މެރީކުރަން އެއްބަސްވީ. އެކަމަކު އާލިފު މާލެގޮސް ޖީލާންއާ މެރީކުރިކަން އެނގުނީ އަހަރެން މި ކޮޅަށް އައި ފަހުން އާލިފު ބުނީމަ."

"އާލިފުގެ މަގުސަދަކީ ދެ އަނބީން ހޯދުންކަމަށް ވެދާނެ." އަހަރެންގެ ހިތަށް އެ ވަގުތު އެންމެ އުނދަގޫވީ އާލިފު އަހަރެމެން ދެ މީހުންނަށް ވެސް އޮޅުވައިލީމައެވެ. ކޮންމެ މީހެއްގެ ގާތުގައި ލޯބިވަނީ އެމީހަކު ދެކެކަމަށް ބުނެއެވެ. އަހަރެން ވެސް އަދި ރަޝްމާ ވެސް އާލިފު ދެކެ މިތިބީ ލޯބިވެވިފައެވެ.

[އެހެން ފިރިހެނުން ވެސް ދެ އަނބީން ގެންގުޅޭ ފަދައިން އާލިފާ އެކީ އަހަރެމެން ހަމަޖެހިގެން އުޅުން އެންމެ ރަނގަޅު ގޮތަކީ.] އަހަރެން ބޭނުންވާ ގޮތް ރަޝްމާ ގާތުގައި ބުނުމާއެކު ރަޝްމާ ކޮޅަށް ތެދުވިއެވެ.

[އަހަރެން ދަނީ. އާލިފު އެބައާދޭ.] ރަޝްމާ ދެކޭ ގޮތް ބުނާނެ ދަނޑިވަޅު ނުލިބި އޭނާ އެ ތަނުން ދުރަށް ހިނގައިގަތެވެ. ކަން ހިނގައި ދިޔަ ގޮތުން ރަޝްމާގެ ކުށެއްނެތެވެ. އަހަރެންގެ ރައްޓެހިން ބުނާ ފަދައިން އާލިފު އުޅެނީ ކޮންމެވެސް އަންހެން ކުއްޖަކު ފަހަތުގައެވެ. އާލިފު މޯލަށް ވަން އިރު ވެސް ހުރީ ކަންބޮޑުވެފައެވެ.

[ކަމެއް ގޯސްވީތަ؟ ހާދަ ހާސްވެފައި ތިޔަ ހުރީ.] އަހަރެން ސީދާ އާލިފުގެ ލޮލަށް ބަލަމުން އެހީމެވެ.

[ނޫނޭ. ކަމެއް ނުވޭ. މި އައީ ފާޚާނާއަށް ގޮސްފައި.] އާލިފު ހީކުރަނީ އަހަރެން މީ ތަންދޮރު ނޭނގޭ ކުޑަކުއްޖެއްކަމަށެވެ. އެ ރޭ ބާޒާރު ކޮށްގެން ގެއަށް އައިސް އަހަރެމެން އިރުކޮޅަކު ވާހަކަ ދައްކަން ތިބީ ބެލްކަނީގައެވެ.

[އާލިފު ކިޔަވައި ނިމިގެން އެއްކޮށް މާލެ ގޮސް ހިނގައިބަލަ ރަށަށް ބަދަލުވާން. މިހެން އަބަދު އެއް ތަނުން އަނެއް ތަނަށް ދުވެދުވެ ތިބީމަ އަތުގައި އެއްވެސް ފައިސާއެއް ނުހުރޭ. އަމިއްލައަށް ރީތި ދިރިއުޅުމެއް އުޅެވޭނީ އެއް ތަނެއްގައި ހަމަޖެހިގެން.]

[އަހަރެންގެ ޖޮބަކީ އަދި ރަށެއްގައި އުޅެވޭ ކަހަލަ ޖޮބެއް ނޫން. ކިހިނެއް ރަށަށް ބަދަލުވާނީ. ޖީލާން ބޭނުންނަމަ ރަށަށް ފޮނުވިދާނެ.] އާލިފު އެހެން ބުނާއިރު ވެސް އާލިފުގެ ރަށަށް އަހަރެން ނުދާނެކަން އެނގޭނެއެވެ. އަދި އަހަރެންގެ ރަށަށް އާލިފަށް ދެވޭކަށް ވެސް ނެތެވެ. ކޮންމެގޮތެއްވިއަސް އަހަރެމެން އުޅެން ޖެހިފައިވަނީ މާލޭގައެވެ. މާލޭގައި ކުލި ދައްކައިގެން އުޅެންވުމުން ޚަރަދުތައް އިންތިހާއަށް ބޮޑެވެ. އެކަމަކު މި ނޫންގޮތެއް އަދިއެއް ނެތެވެ.

އަހަރެމެންގެ ކައިވެންޏަށް އެއްއަހަރު ވޭތުވިއިރު ކުއްޖަކު ލިބިއްޖެއެވެ. އޭރު ރަޝްމާ ވެސް އިނީ ބަލިވެއެވެ. އަހަރެމެން ދެމީހުން ދެ ދުޝަމްނުންނަށްވުރެ ގާތްކަން އުފެދިއްޖެއެވެ. އެހާ ހިސާބުން އަނެއްކާ އަނެއްމައްސަލަ ފެންމަތިވެއްޖެއެވެ. އެކަން އެނގުނީ ރަޝްމާ ގުޅާފައި ބުނުމުންނެވެ.

[ޖީލާން. އާލިފު އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން. މިހާރު އޭނަޔާ މެރީކުރަން ހުރިހާކަމެއް ނިންމައިފި.] ރަޝްމާ ދިން ޚަބަރަކުން އަހަރެން ބޮލަށް އެނބުރުން އަރާގޮތް ވެއްޖެއެވެ.

[ތިޔައީ އަނެއްކާ ތެދު ޚަބަރެއްތަ؟] އަހަރެން އެހެން އެހުމުން ރަޝްމާއަށް އެނގޭ މިންވަރަށް އަހަންނަށް ކިޔައިދިނެވެ. އާލިފު ރޭގަނޑު އިޝާނަމާދުކޮށްގެން ކާން އަންނާނެއެވެ. އަހަރެމެން އަބަދު ވެސް ކަނީ އެކީގައެވެ. އެރޭ އަހަރެން އާލިފަށް ކާން ހަދާފައި ގޮސް ދުރުގައި އިށީނީއެވެ.

[ޖީލާން މިރޭ ނުކަނީތަ؟] އާލިފު އަހައިލިއެވެ.

[ދުނިޔެ ދައުރުވާ ގޮތުން ކާހިތް ވެސް ކެނޑިފައި މި އިނީ.] އަހަރެން އެހެން ބުނުމުން އާލިފު އަހަންނާ ދިމާއަށް އެނބުރުނެވެ.

[ދުނިޔެ ދައުރުވާ ގޮތާ ޖީލާންގެ ކެއުމާ ކޮންގުޅުމެއް އޮތީ؟] އާލިފު ހައިރާންވެ އިނދެ އަހައިލިއެވެ.

[ދުނިޔެއަށް އަންނަ ބަދަލު ކޮންމެ ދުނިޔޭގައި އުޅޭ އިންސާނުންނަށް އެބަ އާދޭ. ޚާއްސަކޮށް މި އުޅޭ ފިރިހެނުންނަށް.] އަހަރެން ވާހަކަދެއްކި ގޮތުންނާއި ރާގު ހުރި ގޮތުން އާލިފަށް ކަމެއް ޝައްކުވެއްޖެއެވެ.

އެރޭ ކައިނިމިގެން ވެސް އާލިފު އަހަރެން ފަހަތަކުން ނުނެއްޓެއެވެ. ތަށިތައް ދޮންނަންދާއިރަށް ސިންކު ކައިރިއަށް ދެއެވެ. މޭޒުމަތި ސާފުކުރާ އިރަށް އަހަރެން ފަހަތުގައި މޭޒު ކައިރީ ހުރެއެވެ. އުނދުން ކައިރިއަށް ދާއިރަށް އެ ތަނަށް ދެއެވެ. އަހަންނަށް އަޑުއިވިފައި އޮންނަ ގޮތުން ފިރިހެނުން ބޮޑުކަމަކަށް އެދޭ އިރު އަނބިމީހާ ފޫބުޑުން ނުނެއްޓި އުޅޭނެއެވެ. އެއީ ބަޔަކު މަޖަލަކަށް ދެއްކި ވާހަކައެވެ.

[މިރޭ އާލިފު އަހަރެންގެ ފަހަތުން ނުނެއްޓި ތިއުޅޭގޮތުން ހީވަނީ މީހަކާ އިންނަން އާނބަސް ހޯދާން އުޅޭހެން.]

[ކިހިނެއް ޖީލާނަށް އެނގުނީ؟] އާލިފު ކުއްލިއަކަށް އެހެން ބުނުމާއެކު ރަޝްމާގެ ވާހަކައަކީ ސައްތައިން ސައްތަ ތެދެއްކަން ގަބޫލު ކުރެވިއްޖެއެވެ.

[އަހަރެން މީހަކާ އިންނާން ބޭނުން.] އާލިފު އެހެން ބުނި ގޮތުން ހީވަނީ މަންމަ ގާތު ދަރިފުޅު އެންމެ ބޭނުންވާ ބޯންމެޓާ ގަނެދޭށޭ ބުނިހެންނެވެ.

[ގައިމު އާލިފު ބުނި ދެން އިތުރު މީހަކާ ނީންނާނަމޭ. ދެ އަނބީން ތިމަންނާ އަށް ފުދޭނޭ.] އަހަރެންގެ މެއަށް ތަދެއް އެރީ ވެސް އެ ވަގުތުއެވެ. ކަމަކާ ހިތަށް އުނދަގޫވެއްޖެ ނަމަ، އަހަރެންގެ މެއަށް ތަދުވާކަން އާލިފަށް އެނގޭނެއެވެ. (ނުނިމޭ)

ކޮމެންޓު