ad_banner
ބީރައްޓެއްސެއް ބީރައްޓެއްސަކު ހޯދުމުގެ ދަތުރު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

5 ޖުލައި 2025

ބީރައްޓެއްސެއް ބީރައްޓެއްސަކު ހޯދުމުގެ ދަތުރު. މިީ ފިސާރި އަސަރުގަދަ ވާހަކައެކެވެ.

ބީރައްޓެއްސެއް ބީރައްޓެއްސަކު ހޯދުމުގެ ދަތުރު
ތިރީގައި އެ ވަނީ އަރަބި ޅެމަކާއި އެޅެމުގެ ތަރުޖަމާއެކެވެ. މި ޅެމުގެ ސުރުޚީއަކަށް ޝާއިރު، ލިއުއްވައިފައި އޮތީ غريب يبحث عن غريب މިހެންނެވެ. މި ސުރުޚީ ދިވެހިކޮށްލައި މަތީގައި ލިޔެވިފައި އެވަނީ 'ބީރައްޓެއްސަކު ބީރައްޓެއްސެއް ހޯދުމުގެ ދަތުރު' މިފަދައިންނެވެ.
މި ޅެން ލިއުއްވީ ޅެންވެރިޔަކީ، މުހައްމަދު ބިން ޢަބްދުﷲ ޒަރްބާނު އަލްޣާމިދީއެވެ. އޭނަ އަކީ އަޅުގަނޑުމެން މަދީނާގައި ކިޔަވަން އުޅުނު ދުވަސް ވަރު، އާދެ، އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ޖާމިއާ އިސްލާމިއްޔާގެ ދަށުން ހިންގަމުން ދިޔަ ޘާނަވިއްޔާގެ މުދީރެވެ، ނާޒިރެވެ.
މި ޅެމުގައި ބަލައިލެވިފައި ވަނީ އިސްލާމީ އުންމަތުގެ މައްޗަށެވެ. އެ އުންމަތުގެ ހާލަތުގެ މައްޗަށެވެ. އެ އުންމަތުގެ ފުރާނައާއި ދިރުން، އިއްޒަތާއި ބާރު، ކަމުގައިވި އިސްލާމް ދީން އެ އުންމަތުން ފެންނަނީ ކިހިނެއްތޯގެ މައްޗަށެވެ. އެ ކަން ދެނެގަތުމަށް ޓަކައި އެކިއެކި ގައުމުތަކަށް ޅެންވެރިޔާ ދަތުރުކުރެއެވެ. ގެއްލިފައިވާ ލޯބިވެރިޔެއް ހޯދަން ދަތުރުކުރާ ފަދައިންނެވެ. ނަމަވެސް، އޭނަގެ ލޯބިވެރިޔާ، އާދެ، އިސްލާމް ދީން، އޭނައަށް ފެންނަ ގޮތެއް ނުވެއެވެ. މުސްލިމު ގައުމުތަކުން އިސްލާމް ދީން ދިރިހުރިކަމެއް އޭނައަކަށް ނުފެނުނެވެ. އޭނާ ވީ ބީރައްޓެއްސެއް ހޯދާން އުޅޭ ބީރައްޓެއްސަކަށެވެ!
ދެން، ޅެން ނިންމައިލަނީ އިސްލާމީ އުންމަތާ މުޚާތަބުކޮށް އިސްލާމް ދީނަށް، އިސްލާމީ އަޚުލާގާއި އިސްލާމީ އުސޫލުތަކަށް، އެނބުރި އައުމަށް ގޮވައިލަމުންނެވެ. މި ކަން ކުރެވިއްޖެ ނަމަ، އިސްލާމީ އުންމަތުގެ ޒަޚަމްވެފައިވާ ހަށިގަނޑަށް ޝިފާ ލިބޭނޭކަމުގެ އުފާވެރި ޚަބަރުވެސް ދެމުންނެވެ. އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ނާކާމިޔާބުތަކުގެ މިލަ ފިލުވައިލެވި، އެ އުންމަތަށް މާތްﷲގެ ނަސްރުލިބޭނޭކަމުގެ ބިޝާރާ ދެމުންނެވެ.


1. العشق يسكن في القلوب فيقتل
والحب تطلبه النفوس وتقبل
އިޝްގީ ލޯބި ހިތްތަކަށް ވެރިވެ، އެ ހިތްތައް ކަތިލައެވެ.
(އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟) ފަހެ، ލޯތްބަކީ ނަފްސުތައް އެއަށް އެދި، އަދި ނަފްސުތައް ބަލައިގަންނަ އެއްޗެކެވެ.

2. وتصارع الأشواق في سكراتها
حينا فتمسكها وحينا ترسل
(އެކިއެކި މީހުންގެ މައްޗަށް އޮންނަ) ލޯބިލޯބި، އޭގެ މަސްތުގައި، އެއް ލޯބި އަނެއް ލޯތްބާއި އޮޅުލައި ތަޅާފޮޅައެވެ. ދެން، ބައެއް ލޯބީގައި ނަފްސު ހިފަހައްޓައި އަނެއްބައި ލޯބި ދޫކޮށްލައެވެ.

3. كل يروم محبة لينالها
يسعى إليها جاهدا ويهرول
ކޮންމެ މީހަކަށް ވެސް، އޭނަ ހާސިލުކުރަން ބޭނުންވާ ލޯތްބެއް އޮވެއެވެ.
އެ ލޯބި ހޯދުމުގެ އެދުމުގައި، ގަދައަޅައި މަސައްކަތްކޮށް އެއާ ދިމާއަށް ދުވެފައި އޭނަ ދެއެވެ.

4.  يفنى الحياة لأجلها ولربما
ضل الطريق إلى الحبيب فيفشل
އެ ލޯބި ހޯދުމުގައި އޭނާގެ މުޅި ހަޔާތް ހޭދަކޮށްލައެވެ. އަދި ބައެއް ފަހަރު ފަހަރު،
އޭނަގެ ލޯބިވެރިޔާ ކައިރިއަށް ދާން އޮންނަ މަގު އޮޅި، ލޯބިވެރިޔާ ނުލިބި، ނާކާމިޔާބުވެއެވެ.

5. فيظل طول طريقه متعثرا
يلتمس الأعوان فيه فيخذل
ދެން، މުޅި އުމުރުގައި، މަގު އޮޅި އާވާރާވެފައި އޭނާ ހުރެއެވެ.
އޭނަގެ ލޯބި ހާސިލުވޭތޯ އެހީތެރިންގެ އެހީތެރިކަމުގެ އަތެއް ހޯދަން އުޅެގެން ވެސް، އެކަން ނުކޮށްދީ އޭނައާ އަޅާނުލެވެއެވެ.

6.. أنا لي حبيب حبه في مهجتي
هو في فؤادي ساكن متغلغل
އަހަންނަށް ވެސް ލޯބިވެރިޔަކު ލިބިފައި ވެއެވެ. އަހަރެންގެ ހިތާއި އަހަރެންގެ ރޫހުގައި އެ ލޯބިވެރިޔާގެ މައްޗަށް އޮތް ލޯބި ވެއެވެ.
އެ ލޯބި ވަނީ އަހަރެންގެ ހިތުގައި ވަޒަންވެރިވެ، މުޅި ހިތުގެ ތެރެއަށް ފެތުރިފައެވެ.

7. هو راحتي هو قوتي هو عزتي
من نبعه الصافي دواما أنهل
އަހަރެންގެ ހިތުގެ ހަމަޖެހުމާއި އަރާމަކީ ވެސް އެ ލޯތްބެވެ. އަހަރެންގެ ހުރިހާ ބާރަކީ ވެސް ހަމަ އެ ލޯތްބެވެ. އަދި، އަހަރެންގެ އިއްޒަތާއި ގަދަރުވެރިކަމަކީ ވެސް ހަމަ އެ ލޯތްބެވެ.


8. يا صاح ما بال الحبيب فلم يعد
كالأمس يدنو للمحب ويقبل
އޭ އަހަރެންގެ އެކުވެރިޔާއެވެ! އަނެއްކާ އަހަރެންގެ ލޯބިވެރިޔާއަށްވީ ކިހިނެއްބާވައެވެ! އެހެނީ އޭނަ މިހާރަކު ނާދެއެވެ.
އިއްޔެ އޭނަ ދެކެ ލޯބިވާ މި މީހާ ކައިރިއަށް އައިސް މި މީހާ ބަލައިގަތް ފަދައިންނެވެ.


9. قد غاب عن عيني سوي أطيافه
أتراه يتركنا وعنا يرحل
މިއަދު، އަހަރެން ލޯ މަތިން އޭނަ ގެއްލިއްޖެއެވެ. އޭނަގެ ފަނޑު ހިޔަނި ފިޔަވައެވެ.
އަނެއްކާ އަހަރެން ދޫކޮށްލައިފައި އޭނަ ފުރައިގެން ދިޔައީ ބާވައެވެ!


10.  هيا بنا يا صاح نطلب إثره
ونسير بين العالمين ونسأل
އޭ އަހަރެންގެ އެކުވެރިޔާއެވެ! އަހަންނާ އެކު، އޭނަގެ ފިޔަވަޅުގެ އަސަރުތައް ބަލަން ދަމާ އަންނާށެވެ!
ދުނިޔޭގެ އެތަން މިތަނަށް ގޮސް، އަހައި އޮޅުންފިލުވައި، އޭނަ ހޯދުމަށްޓަކައެވެ.

11. أرني بلاد العرب فهو يحبها
فلعله فيها يقيم وينزل
އަރަބި ރަށްތައް އަހަންނަށް ދައްކައިލަބަލާށެވެ! އެ ރަށްތައް ދެކެ އަހަރެންގެ ލޯބިވެރިޔާ ލޯބިވެއެވެ.
އެއިން ރަށަކަށް އަހަރެންގެ ލޯބިވެރިޔާ ފައިބައި ހުރެދާނެއެވެ.

12. واقصد بلاد الشام واطرق بابها
فلعلنا نجد الحبيب فندخل
އަޅެ، ޝާމުކަރައަށް ގޮސް ޝާމްކަރައިގެ ދޮރުގައި ޓަކިޖަހާލަބަލާށެވެ!
ޝާމުކަރައިން އަހަރެންގެ ލޯބިވެރިޔާ ފެނިދާނެއެވެ. އެހެންވެއްޖެ ނަމަ، ޝާމުކަރައަށް އަހަރުމެން ވަންނާނީއެވެ.

13. وادخل دمشق فربما عمر بها
إن قيل من هو قل إمام عادل
އަޅެ ނިކަން ދިމިޝްގަށް ފައިބައި ރަށުތެރެ ބަލާލަބަލާށެވެ. ފަހަރެއްގައި އުމަރުގެފާނު ވެސް އެ ރަށުގައި އުޅުއްވަފާނެއެވެ!
އެއީ ކޮން ބޭކަލެއްތޯ ސުއާލުކުރެއްވިއްޖެ ނަމަ، އެއީ އަދުލުވެރި ވެރިއެކޭ އެ ސުއާލުކުރި މީހަކު ގާތު ބުނާށެވެ.

14. قف في ربى اليرموك هل ترى خالدا
أو هل ترى القعقاع وهو يهلل
އަދި ޝާމުކަރައިގެ ޔަރުމޫކުގެ އުސް ބިމުގައި ހުއްޓި ހުރެ ބަލާލަބަލާށެވެ! ޚާލިދުގެފާނު ފެނޭ ހެއްޔެވެ؟
ނޫނީ (އިސްމީ ފުތޫހާތުތަކުގެ ގާއިދެއް ކަމުގައި ހިމެނިވަޑައިގަންނަވާ) އަލްގައުގާއު (ބިން އަމްރު އައްތަމީމީ، ޔަރުމޫކުގައި ކާމިޔާބީ ހޯއްދެވުމަށް ފަހު)، ތަހުލީލު (لا إله إلا الله) ވިދާޅުވާން ހުންނެވި ތަން ފެނޭ ހެއްޔެވެ؟

15. ماذا دهى الشام الحبيبة لم تعد
كالأمس ها هي قد بدت تتبدل
އަހަރުމެންގެ ލޮބުވެތި ޝާމުކަރައަށް ދިމާވީ އަޅެފަހެ ކޮން ފަދަ މުސީބަތެއް ހެއްޔެވެ؟
އިއްޔެ ފަދަިން ޝާމުކަރަ މިހާރަކު ނުވެއެވެ. ޝާމުކަރަ މިހާރެ އެ ފެންނަނީ ބަދަލުވަމުންދާ ތަނެވެ.

16. لا تنس أولى القبلتين نزورها
ولكم تشد لها الرحال وتنقل
އަހަރުމެންގެ ފުރަތަމަ ގިބްލަ ކަމުގައިވި ރަށަށް (ގުދުސަށް) ޒިޔާރަތް ކުރަން ހަނދާންނައްތާ ނުލައްޗެވެ.
ދަތުރު ތަންމަތި ހަދައިންގެ އެ ރަށަށް ދިޔުން އޮތީ ޝަރުއުކުރެވިފައި ނޫން ހެއްޔެވެ؟

17. صلى إليها المسلمون وحينما
أمروا بلد الحرام تحولوا
ގުދުސަށް ކުރިމަތިލައި މުސްލިމުން ނަމާދުކުރިއެވެ.
ދެން، އެ މީހުންނަށް، މައްކާގެ ހަރަށް ފުޅަށް (ކުރިމަތިލާން) އަމުރުކުރެވުމުން، އެ ގޮތަށް އެމީހުން ބަދަލުވީއެވެ.

18.  من يخبر الفاروق أن القدس في
أيدي اليهود الغاصبين مكبل
(ހައްގާއި ބާތިލު ވަކިކުރެއްވުމުގައި ހުންނެވި ޢުމަރު) އަލްފާރޫގު އަރިހުގައި ދަންނަވާނީ ކާކުހެއްޔެވެ؟ ގުދުސް ވަނީ
ޔަހޫދީން ފޭރިގަނެ އެ މީހުންގެ އަތްދަށުގައި ކަސްތަޅުއެޅިފައެވެ.

19. ما كان يخطر للقلوب بأنه
عن عالم الإسلام يوما يعزل
މި ކަން އަރާނީ ކާކުގެ ހިތަށް ހެއްޔެވެ؟
ދުވަހަކު ކޮޅުން ވެސް އިސްލާމީ ދުނިޔެއިން ގުދުސް ވަކިކޮށް އެކަހެރިކޮށްލޭވޭނޭ ކަމެވެ.

20. واليوم في لبنان ينزف جرحنا
إني لأذكره ودمعي يهطل
މިއަދު (މިތާގައި އިޝާރަތް ކުރެވެނީ ލުބްނާނުގެ އަހުލީ ހަނގުރާމައާއި އަދި، ލުބުންނާނަށް އިޒުރޭލުން ހަމަލަދީ ފަލަސްތީނު ރެފިޔުޖީންނާއި އަދި އެހެން މީހުން ވެސް މެރި ހާދިސާއަށެވެ!) ލުބުންނުގައި އަހަރެމެން (މުސްލިމުންގެ ހަށިގަނޑުގެ) ޒަޚަމްތަކުން ލޭ އޮހޮރެމުން ދެއެވެ.
މިކަން މަތިން ހަނދާންކޮށް މި ވާހަކަ ބުނާ އިރު، ކެނޑި ވެހޭ ބޮޑުތިކި ވާރޭ ފަދައިން އަހަރެންގެ ލޮލުން ކަރުނަ ފައިބައެވެ.

21. كم من رضيع يتموه وخوفوا
من آمنين وكم نساء رملوا
ކިރުބޯ އެތައް ޅަދަރިންނެއް އެމީހުން ޔަތީމުކޮށްލިއެވެ.
އަދި، އަމާންކަމުގައި އުޅުނު އެތައް ބަޔަކު ބިރުވެރިކަމުގެ ތެރެއަށް ވެއްދިއެވެ. އަދި އެތައް އަންހެނުންނެއް ހުވަފަތްކޮށްލިއެވެ.

22. عاثوا فسادا في البلاد وأهلها
ساموهمُ سوء العذاب ونكلوا
ރަށް ހަލާކުކޮށްލައި ރަށުގެ އަހުލުވެރީން މަރައި މުޅި ތަން ފަސާދަކުރިއެވެ.
އެ މީހުންނަށް އެކިއެކި ބޮޑެތި އަނިޔާތައްކޮށް އަދަބުދިނެވެ.

23. فإلى متى الذل فوق رقابنا
يا أمة الإسلام أمر مخجل
އަހަރުމެންގެ ކަރުގައި ނިކަމެތި ކަމު(ގެ ވާ ފަށް، އެޅިފައި) އޮންނާނީ އަޅެ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
އޭ އިސްލާމީ އުއްމަތާއެވެ! މިއީ ކިހާ ލަދުގަންނަން ޖެހޭ ކަމެއް ހެއްޔެވެ!

24. هيا بنا نحو العراق فكان في
بغداده دار الرشيد ومنزل
އަހަރުމެންނާއެކު އިރާގާ ދިމާއަށް ދަމާ އަންނާށެވެ! އިރާގުގެ
ބަޣުދާދުގައި ޚަލީފާ ހާރޫނުއްރަޝީދުގެ ކުތުބުޚާނާއާއި ގެ ކޮޅު ހުންނާނެއެވެ.

25. من خاطب المزن الثقال بقوله
في أي أرض شئت قطر ينزل
އެ ކަލޭގެފާނަކީ ވާރޭފެނުން ބަރުވެފައި އޮތް ވިލާގަނޑާ އެކަލާގެފާނުގެ މި ބަސްފުޅުން މުޚާތަބުކުރެއްވި ޚަލީފާއެވެ.
ކަލޭ ބޭނުން ބިމަކަށް ކަލޭގެ ފެންތިކި އޮއްސައިލާށެވެ!

26. فلسوف يأتيني خراجك إنه
بالعدل يأتينا ولو لم نسأل
އަހުރެން އަތްޕުޅަށް އެ ފެނުން ފެންލިބި ހެދޭ އެއްޗެއްގެ ވާރު އަރާނެއެވެ. އެއީ
އަދުލުވެރި ކަމާއެކުގައި ނެގޭ އެއްޗެކެވެ. އެހެންވީމާ އެ އަތުލަން ނޫޅުނަސް، އެ ވާރު އަހަރެންގެ އަތަށް އަރާނެއެވެ.

27. والقادسية هل ترى سعدا ومن
قد كان صحبته أقول تمهلوا
އަދި، ގާދިސީއްޔަތުގެ (ހަނގުރާމަ ވެސް ހިނގީ އިރާގުގައިެވެ!) ކަލެއަށް ސައުދުގެފާނު ފެނޭ ހެއްޔެވެ؟ އަދި އެކަލޭގެފާނާ އެކު ވެވަޑައިގެންވީ އެކަލޭގެފާނުންންގެ ބައިވެރިންނެވެ. އެހެންވެ، އެހެންވެ، ކުޑަކޮށް މަޑުޖައްސާލަން އެބޭކަލުންގެ ކިބައިން އަހަރެން އެދި ދަންނަވަމެވެ.

28. حتى تروا ماذا جرى من بعدكم
مما يشيب له الوليد ويذهل
އެއީ ތިޔަ ބޭކަލުންގެ ފަހުން، އިރާގަށްވީ ގޮތް ދެކެވަޑައި ގަތުމެވެ.
އޭގެ ފަހުން ދިމާވި ކަންކަމީ، (އެކަމާ މެދު ވިސްނައި ފިކުރުކޮށްލައިފި ނަމަ) ދެންމެ ވިހޭ ދަރިން ވެސް ނުރަކޮށްލައި މޮޔަކޮށްލާނޭ ފަދަ ކަންކަމެވެ.

29. وسألت أرض النيل هل عمرو بها
قالوا رويدك قد مضى أفتجهل
ދެން، ނީލަކޯރުގެ ބިމާ އަހަރެން ސުއާލުކޮށްލީމެވެ. ތި ތަނުގައި އަމްރުގެފާނު ވަޑައިގެންވޭ ހެއްޔެވެ؟
ދެން، އެތަނުގެ އަހުލުވެރިން ބުންޏެވެ. އެ ދުވަސް މާޒީވެ ހިނގައްޖެއެވެ. ކަލެއަށް އެކަން ހަމަ ނޭނގެނީ ހެއްޔެވެ؟

30. يا صاحبي عودا إلى الحرمين إن
لاقيت فيها من أحب وأقبل
އޭ އަހަރެންގެ އެކުވެރިޔާއެވެ! ދެން، އަވަހަށް ދެ ހަރަމްފުޅުގެ ރާއްޖެއަށް ދަމާ ހިނގާށެވެ!
އެތަނުން ފަހަރެއްގައި އަހަރެން ލޯބިވާ މީހާ ފެނި އަހަރެން ބަލައިގެންފާނެއެވެ.

31. يا رب هل أنا في بلاد العرب أم
أنا لم أجدها بل إلي يخيل
އޭ އަޅުގެ ވެރި ރަސްކަލާކޯއެވެ! އަޅަށް ހަމަ މި ހުރެވުނީ އަރަބިންގެ ބިމުގައި އަރަބިންގެ ރަށްތަކުގައިތޯއެވެ؟ ނޫނީ އަޅަށް އެ ތަންތަނަށް އަދި ނުދެވެނީސް، އެ ތަންތަނަށް ދެވުނީކަމަށް ހީކުރެވުނީތޯއެވެ؟

32. ارحل بنا يا صاح نطلب غيرها
هيا لأندلس ودعني أسأل
އަހަރުމެންނާއިގެން އެހެން ތަނެއް ހޯދަން ދަތުރު ފައްޓާށެވެ! އަހަރެންގެ އެކުވެރިޔާއެވެ!
އަންދަލުސްއަށް (މުސްލިމު އިސްޕޭނަށް) ދަމާ އަންނާށެވެ! އަދި، އެ ތަނުގެ އަހުލުވެރިންނާ ސުއާލުކޮށްލަން އަހަރެން ދޫކޮށްލާށެވެ!

33. يا أهل أندلس أجيبوا من هم
من ضيعوا الملك العظيم وأهملوا
އޭ އަންދަލުސްގެ އަހުލުވެރިންނޭވެ! އަހަންނަށް ޖަވާބެއް ދީބަލާށެވެ! އެއީ ކޮން ބަޔެއްހެއްޔެވެ؟
އެ މަތިވެރިވެގެންވީ ވެރިކަމަށް އަޅައިނުލައި ގެއްލުވައިލީއެވެ!

34. يا صاح عن أفريقيا أرأيت من
يدري حقيقتها فسارع يعمل
އޭ އަހަރެންގެ އެކުވެރިޔާއެވެ! އެފުރިކާގެ (މުސްލިމު ގައުމުތައް) އޮތް ގޮތުގެ ހަގީގަތް ދެނެހުރި މީހަކު ކަލެއަށް އެނގޭހެއްޔެވެ؟ އެތަންތަން އިސްލާހުކުރުމުގެ އެދުމުގައި އަވަހަށް މަސައްކަތް ފެށުމަށް (ބުނުމަށް) ޓަކައެވެ.

35. أو يترك الباغي يعيث بأهلها
ظلما فمن لمصيرها يتحمل
ނޫނީ އަނިޔާވެރި ބާޣީ އެ ތަންތަނުގެ އަހުލުވެރިންނަށް އަނިޔާ ކުރުމުގައި ދެމިހުރުމަށް ދޫކޮށްލަންވީ ހެއްޔެވެ؟ މިހެން ކަންތައް ކޮށްފިނަމަ، އެތަންތަނުގެ ނިމުން އޮންނާނޭ ހާލަތު ތަހައްމުލުކުރެވޭނީ އަޅެ ކާކަށްހެއްޔެވެ؟

36. هيا إلى الأفغان إن جهادهم
قد أعجز الإحاد شعب أعزل
އަޅެ އަފްޣާނިސްތާނަށް ދަމާ އަންނާށެވެ! އެމީހުންގެ ޖިހާދު، އެ މީހުންނަކީ ނިކަމެތި ފަގީރު ގައުމެއް ކަމުގައި ވިޔަސް، ސޮވިއެޓުންގެ ކޮމިޔުނިސްޓު މުލްހިދުން ބަލިކުރިއެވެ. (މިތަނުގައި އިޝާރަތް ކުރެވެނީ ސޮވިއެޓުންނާ އިދިކޮޅަށް އަފްޣާނިސްތާނުގެ މުޖާހިދުން ކުރި ހަނގުރާމައަށެވެ.)

37.  لكنه الإيمان أعظم قوة
للمسلمين به الصعاب تذلل
އެ މީހުންނަކީ ބަލިކަށި ބަޔަކަށްވިޔަސް، އީމާންތެރިކަމަކީ މުސްލިމުންނަށް ލިބިފައި އޮންނަ ދަތިއުނދަގޫތައް ފަސޭހަކޮށްދޭ ވަރުގަދަ ބާރެއްކަން (އަފްޣާނުގެ މުޖާހިދުން ސާބިތުކޮށްދިނެވެ.)

38. كيف الخلاص لأمتي مما بها
فالجسم منها بالهزائم مثقل
އަހަރުމެންގެ އިސްލާމީ އުއްމަތް، އެއުއްމަތަށް ދިމާވެފައިވާ ކަންކަމުން ސަލާމަތް ހޯދޭނީ ކިހިނެއް ހެއްޔެވެ؟ ފަހެ، އެ އުއްމަތުގެ ހަށިގަނޑު އޮތީ ބަލިވުންތަކުން ބުރަހެލިވެފައެވެ.

39. الله ينصر من يجيب لأمره
والمستجيب لما سواه سيخدل
މާތް ﷲ ނަސްރު ދެއްވަނީ އެކަލާނގެ އަމުރުފުޅަށް އިޖާބަ ދޭން ބަޔަކަށެވެ.
އެ ނޫން ފަރާތަކުން އެހީއަށް އެދި ގޮވާ މީހާއަށް އިޖާބަ ނުލިބި، ނިކަމެތިކޮށްލެވެއެވެ.

40. كثرت مصائب أمتي فتمزقت
فالموت في أشلائها يتسلل
އަހުރެންގެ އިސްލާމީ އުންމަތަށް ދިމާވެފައިވާ މުސީބާތްތައް ގިނަވެ، އުންމަތް މުޅިން ވީދި ކުދިކުދިވެއްޖެއެވެ. އެހެންވެ، އެ އުންމަތުގެ ގުނަވަންތަކުގެ ތެރެއަށް މަރުގެ ވިހަ ފެތުރޭން ފަށައިފިއެވެ.

41. في كل أرض نشتكي ألم الجرا
ح وزهرنا في كل يوم يذبل
(އެ އުންމަތުގެ) ކޮންމެ ބިމެއްގައި ވެސްވާ ޒަޚަމްތަކުން އަޅާ ވޭނުގެ ޝަކުވާ އަހަރުމެން ކުރުމުގައި ތިބީމެވެ. އަހަރުމެންގެ މާތައް ކޮންމެ ދުވަހަކުމެ މޯޅިވަމުންދާ އިރުގައެވެ.

42. النور ينبذه وراء ظهورنا
لكننا نحو الظلام نهرول
އަހަރުމެންގެ އަތުގައި އޮތް (އިސްލާމީ) ނޫރު، އަލިކަން، (އޭގެ ބޭނުން ނެތިގެން،) އަހަރުމެންގެ ފުރަގަހަށް އެއްލާލަމެވެ. ނަމަވެސް، އަނދިރި ކަމާ ދިމާއަށް އަހަރުމެން ދުވެދާން އަވަސްވެގަންނަމެވެ.

43. يا ويل قوم ضيعوا قرآنهم
  والسنة الغرا كذاك فأغفلوا
އެ ގައުމަކަށް ހަލާކު ހުއްޓެވެ! ކީރިތި ގުރުއާނާއި ތާހިރުވެގެންވީ ސުންނަތް ގެއްލުވާލައި އޭގެ މަތިން ހަނދާން ނައްތީލި ގައުމަކަށެވެ!

44. ولسورة الأنعام فيها منهج
والنور والأحزاب والمزمل
އަންއާމު ސޫރަތުގައި ހިނގަން ސާފު މަންހަޖެއް ވެއެވެ.
އަދި، ނޫރު ސޫރަތާއި އަހުޒާބު ސޫރަތާއި މުއްޒައްމިލު ސޫރަތުގައި ވެސް މެއެވެ.

45. ساد الشقاق مع الفرق بينهم
وهناك من يذكي الخلاف ويشعل
(ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟) އެމީހުންގެ، (އެބަހީ މުސްލިމުންގެ) މެދުގައި ޚިލާފު އުފެދި، އެމީހުންގެ މައްޗަށް ބައިބައިވުން ވެރިވީއެވެ. ދެން، އެ ޚިލާފުވުން އިތުރުކުރުވައި އޭގެ އަލީފާންގަނޑު ރޯކޮށް، އަންދާ ބަޔަކު ވެސް އުޅެއެވެ.

46. ظنوا الكمال لدى العدا فتهافتوا
في حضنهم وهدى المهيمن أكمل
އެ މީހުން ހީކުރީ ފުރިހަމަކަން އޮތީ އެމީހުންގެ އަދުއްވުންގެ އަތްމަތީގައި ކަމަށެވެ. ދެން އެމީހުން އަވަސްވެގަތެވެ. އެ އަދުއްވުންގެ އުނގުތެރެއަށް ވެއްޓި ގަތުމަށެވެ. ހުރިހާ މޮޅުކަމަކާއި ފުރިހަމަކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެ ހިދާޔަތް އެންމެ ފުރިހަމަ ކަމުގައިވީ އިރުވެސް މެއެވެ.

47. وتلمسوا نظما تصاغ وفيهم
أقوى نظام للحياة وأشمل
ދެން، މީސްތަކުންގެ އަމިއްލަ އަތުން އެކުލަވާލެވޭ ނިޒާމުތައް ހޯދައި ލިބޭތޯ އެ މީހުން އުޅުނެވެ. އެމީހުންގެ އަތުގައި އެންމެ ވަރުގަދަ އެންމެ ޝާމިލު ހަޔާތީ ނިޒާމު އޮތް އިރު ވެސް މެއެވެ.

48. في كل يوم والعدو يذيقهم
من بأسه وببعضهم قد أشغلوا
ކޮންމެ ދުވަހަކުމެ، އެމީހުންގެ އަދުއްވުން އެ އަދުއްވުންގެ އަޒާބުގެ ރަހަ އެމީހުންނަށް ދައްކައި، އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާއި އަރާރުންވެ ތަޅާފޮޅުމުގައި އެމީހުންގެ އަދުއްވުން އެ މީހުން އަވަދިނެތި އުޅެން މެދުވެރިކުރުވިއިރު ވެސް މެއެވެ.

49. يا أمة الإسلام هل من توبة
فالله يجزي بالجميل ويجزل
އޭ އިސްލާމީ އުންމަތާއެވެ! ރީތި ތައުބާވުމަކުން ތައުބާވާކަށް އަދިވެސް ނުވޭހެއްޔެވެ؟
(ތައުބާވެ، އެކަލާނގެ ހެޔޮ މަގަށް ރުޖޫއަވާ މީހުންނަށް) މާތްﷲ އެހެން ހެޔޮ ގޮތުގައި ގިނަގިނައިން ހެޔޮ ޖަޒާ ދެއްވައެވެ.

50. توبوا إلى الرحمن توبة صادق
فالباب مفتوح فهيا فادخلوا
އެހެންވެ، ރަހުމާނުވަންތަ މާތްﷲ އަށް، ތެދުވެރި ތައުބާވުމަކުން ތައުބާވާށެވެ!
ތައުބާގެ ދޮރުވަނީ ތަން މިނަށް ހުޅުވިފައެވެ! އެ ދޮރުން ވަނުމަށް އަވަސްވެގަންނާށެވެ!

51. أين الشباب اليوم هل من يقظة
للحق والأعدا لها تتزلزل
އަދުގެ ޒުވާނުން ކޮބާ ހެއްޔެވެ؟ އެ ޒުވާނުންގެ ކިބައިގައި ހޭލުންތެރިކަމެއްވޭ ހެއްޔެވެ؟
ހައްގު ދެނެގަތުމުގެ ހޭލުންތެރިކަމެކެވެ. އެފަދަ ހޭލުންތެރިކަމުގެ ސަބަބުން އެ މީހުންގެ އަދުއްވުންގެ މުގޫ ތަޅުވާލާ ފަދަ ބިންހެލުމެއް ގެންނަ ހޭލުންތެރިކަމެކެވެ.

52. ونزيل أدران الهزائم كلها
عن جسم أمتنا الجريح ونغسل
އަދި، އިސްލާމީ އުއްމަތުގެ ޒަޚަމްވެފައިވާ ހަށިގަނޑުން، ނާކާމިޔާބުގެ ހުރިހާ މިލައެއް ދޮވެލައި ފިލުވާލުމަށްޓަކައެވެ.

53. فترسموا نهج الرسول وأيقنوا
بالنصر يأتيكم فلا تستعجلوا
އަދި، ކީރިތި ރަސޫލާގެ މަގުގެ ކުރެހުމެއް ކުރަހާލައި އެ މަގުން ހިނގަން ފަށާށެވެ. ދެން، ޔަގީންކުރާށެވެ! ކަލޭމެންނަށް ނަސްރުލިބޭނޭ ކަމުގެއެވެ. ނަމަވެސް، އަވަސް އަރައިގަނެ ކެތްކުޑަ ނުކުރައްޗެވެ!

54. وعلى المحجة فاستقيموا ولتكن
لله وجهتكم عليه توكلوا
އަދި، ސީދާވެގެންވާ މަގުގެ މެދުގައި، ހެޔޮ ގޮތުގައި ތެދުވެ ހުންނާށެވެ. އަދި،
ކަލޭމެންގެ މޫނުލާ ފަރާތަކީ މާތްﷲ ކަމުގައި ހަދައި އެކަލާނގެއަށް ވަކީލުކުރާށެވެ!

55. وسلوا الثبات من المهيمن واثبتوا
كم نكبة أسبابها المستعجل
އަދި، އެންމެ މޮޅު އެންމެ ފުރިހަމަ ރަސްކަލާނގެ ކިބަފުޅުން، އެ ގޮތުގައި، ގުޑުމެއް ނާރައި، ދެމި ތިބުން އެދި ދަންނަވާށެވެ! (އަދި ހަނދާން ވެސް ކުރާށެވެ!) ކަންކަމުގައި ކެތްކުޑަވެ، އަވަސްވެގަތުމަކީ ކުރިމަތިވާ ގިނަގުނަ ހިތާމަތައް މެދުވެރިކުރުވާ ސަބަބުން ކަމުގައިވޭ ނޫން ހެއްޔެވެ؟


56. وأقولها والحزن يعصر مهجتي
وأكاد من ألم الحقيقة أقتل
މި ވާހަކަތައް އަހަރެން ބުނާ އިރު، ހިތާމައިން އަހަރެންގެ ހިތް ފިތި ކުދިކުދިވެއެވެ.
އަދި، އެކަން މެދުވެރިކުރުވާ ވޭނުން އަހަރެން މަރުވެދާނެއޭ ވެސް ހީވެއެވެ.

57. كم من خبايا في الزوايا إنما
الموت خير للجبان وأجمل
ނަމަވެސް، ކަންކަނުގައި އެތައް ކަމެއް(ގެ ހައްލު) ފޮރުވިފައިވެއެވެ. (އެކަންކަން ހޯދާން ނޫޅެ) ފިނޑިވެއްޖެ ނަމަ، އެފަދަ ފިނޑި މީހާއަށް މަރުވުން މޮޅު އިތުރުވެފައި ރަނގަޅެވެ.

58. يا صاحبي وأراك تسأل من أنا
إني أنا الإسلام يا من تسأل
އޭ އަހަރެންގެ އެކުވެރިޔާއެވެ! އަހަންނަކީ ކާކުތޯ އަހައި، ކަލޭ އަހަންނާ ސުއާލުކުރާތަން އަހަންނަށް އެބަ ފެނެއެވެ! އަހަންނަކީ އިސްލާމް ދީނެވެ! އޭ އަހަންނާ ސުއާލުކުރާ މީހާއެވެ!

ކޮމެންޓު