ad_banner
ފަލްސަފާ (3)

އަސްމާ އަބޫބަކުރު

29 ޖޫން 2025

ފަލސަފާ - 3

(2025 ޖޫން 22ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

"އަހަރެން ވެސް ވާހަކައެއް ބުނާން ބޭނުން" އާލިފުގެ އަޑު މަޑުވެފައި މަޑުމޮޅިކަން ފާހަގަކުރެވުނުވެ. އެ އަޑުގެ ޖަޒުބާތާއެކު ރިހުމެއް ވެސް އެކުލެވިފައި ވެއެވެ. ދެން ވެސް ވާހަކަދެއްކީ އާލިފެވެ.

"އަހަރެން ކިޔަވާން ގޮސް ހުރި އިރު، އިތުރު ދިވެހި އަންހެން ކުއްޖަކު ވެސް އެ ތަނުގައި ހުރި.  އޭނާއަށް ކިޔަނީ ރަޝްމާ. ބައެއް ފަހަރު ޙާލަތު ބަދަލުވަނީ ދިމާވާ ޙާދިސާތަކުގެ ސަބަބުން. ރަޝްމާގެ މައިންބަފައިން އެކްސިޑެންޓްވީ ނިއުޒީލޭންޑްގައި. ރަޝްމާ އެކަނިވެރިވީ ވަގުތު ދަންނަ މީހަކަށް ވެސް ރައްޓެއްސަކަށް ވެސް ހުރީ އަހަރެން. އޭނާ މައިންބަފައިން ނިޔާވުމުން ޙާލަތު ވަރަށް ގޯސްވި. އެ ދަނޑިވަޅުގައި އެހީތެރިކަމާ އެއް ވަރަށް ޑޮކްޓަރ އެންގެވީ އޭނާ އެކަނިނުކުރުމަށް. ގިނަ ވަގުތު އޭނަޔާ އެކީ ހޭދަކުރެވުނު. އަދި އޭނަޔާ އިންނާން އަހަރެން އެއްބަސްވީން. އާލިފު ވާހަކަ ހުއްޓައިލައިފައި އަހަންނާ ދިމާއަށް ނަޒަރު ސީދާކޮށްލިއެވެ.

އޭރު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. ޙަގީގަތުގައި އަހަރެން ބޭނުންވީ އާލިފުގެ ދުލުން އަހަރެންދެކެ ލޯބިވެޔޭ ބުނެ އަހަރެންގެ ކައިވެންޏަށް އެދި އެވަގުތު އެ ވާހަކަ ބުނާނެކަމަށެވެ. އެހެންނަމަވެސް އަހަރެން ސާހިބެއްގެ ގޮތުގައި އާލިފު އަހަރެންލައްވައި މަސައްކަތްކުރުވައި އަހަރެން އަޅަކަށް ހެދީއެވެ. އޭނާ ގޭގެ މަސައްކަތް އަހަރެން ކޮށްދިނީ ލޯބީންނެވެ. އޭނާގެ ނަޒަރުގައި އަހަރެން މީ ނޯކަރެވެ. އެ ހިތުގައި އަހަންނަށް އެއްވެސް ޖާގައެއް ނެތެވެ. ވީ ދެރައިން ހިނގައިގަތީ ގެއަށްދިއުމަށެވެ. އަހަރެން ދާނީ އަހަރެންގެ ރަށަށެވެ. އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އެއްވެސް ލޯތްބެއް ނެތެވެ.

ކުއްލިއަކަށް އަހަރެން އަތުގައި އާލިފު ހިފިއެވެ. އަދި އޭނާ އަހަރެން އަތުގައި ހިފިލެއް ބާރުކަމުން އެއަތް ފޮޅުވައެއް ވެސް ނުލެވުނެވެ. އަހަރެން އަތުގައި ހިފި ގޮތަށް އާލިފާ ދިމާއަށް އަހަރެން ދަމައިގަތެވެ. އަހަރެން ގޮސް އާލިފުގެ މޭގައި ޖެހުމާ އެކު، ރޮއިގަނެވުނެވެ.

"ޕްލީސް ޖީލާން. އަހަރެން ލޯބިވަނީ ޖީލާން ދެކެ. އަހަރެން ކައިވެނިކުރާން ބޭނުންވަނީ ޖީލާނާ. އެކަމަކު މި ދަނޑިވަޅުގައި އަހަރެން ހަދާނެގޮތް ނޭނގިގެން މިއައީ. ޖީލާން ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން. ޖީލާން އެހެން މީހަކާ މެރީކުރާ ތަން ބަލާކަށް ވެސް ބޭނުމެއް ނޫން."

"މިހާރު ރަޝްމާ ކޮބާ؟ މި ދަނޑިވަޅުގައި އެ ކުއްޖާ ދޫކޮށްލާފަ ތިއައީ ކީއްވެ؟" ހިތުގައި ކިތަންމެ ވޭނެއް އެޅިއަސް އަހަންނަށް އެ ކުއްޖާއާ މެދު ހަމްދަރުދީވެވުނެވެ.

"އޭނާ ކިޔެވުން ދޫކޮށްލައިފައި މާލެ އަތުވެއްޖެ. އޭނާގެ ޢާއިލާ އެންމެން ވެސް ބޭނުންވީ އެކަނި އެތާ ނުހުރެ މި ކޮޅަށް އަންނާން. އެކަމަކު އަހަރެން ބުނިން އޭނާ ގާތު އަހަރެން މެރީ ކުރާނީ ކިޔަވައި ނިމިގެން ކަމަށް. އަހަރެން ބޭނުން ޖީލާނާ މެރީކުރަން. މިހާރު ވެސް ޖީލާން ބުނެފިއްޔާ އަހަރެން ދެން ކިޔަވަން ދާނީ މެރީކޮށްފައި" އާލިފުގެ ވާހަކަ އަޑުއިވުމުން އަހަރެން ބޭނުންވީ ކޮންމެ ގޮތެއް ވިޔަސް ކައިވެނިކުރާށެވެ. އަބަދު އިންތިޒާރުގައި މިހެނެއް ނުހުރެވޭނެއެވެ.

"ޖީލާން އަހަންނާ މެރީކުރާނަންތަ؟" އަހަރެންގެ ދަތްދޮޅިގައި ހިފައި އުފުލައިލަމުން އާލިފު ވަރަށް ލޯބިން އަހައިލިއެވެ. އެއީ އަހަރެން އިންތިޒާރުކުރި ވަގުތެވެ. ކެތްތެރިކަމާ އެކު މަޑު ކުރީ އެ ޖުމްލަ އިއްވާނެ ވަގުތަކަށެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. ހަމަ އެވަގުތު ހިތަށް އެރިއެވެ. އާލިފު މާދަމާ ފުރާނެއެވެ. އަނެއްކާ ވެސް އިންތިޒާރެވެ. އަނެއް ރަޝްމާ ހޯދައިގެން ވެސް އަތުވެދާނެއެވެ.

"މާދަމާ ތިޔަ އުޅެނީ ފުރާކަށްނު. އަނެއްކާ އެއް އަހަރު އިންތިޒާރުކުރާންވީ؟" އަހަރެން ލޮލުން ކަރުނަ އަންނާން ފެށިއެވެ.

"ނޫނޭ. ޖީލާން އިންތިޒާރުގެ ނިމުން މި ފަހަރު ގެންނާނަން. މި ފަހަރު ދާނީ ކައިވެނިކޮށްފައި. އަހަރެން ވެސް ބޭނުމެއް ނޫން ޖީލާނާ ވަކިވާކަށް. މެޑިކަލް ހުށަހަޅައިފައި ދެތިން ދުވަސް އިތުރުކޮށްލާނީ. ދެން ނުވާނެ އެއްގޮތަކަށް ވެސް ރޮއިގެންނެއް." އާލިފުގެ އަތުން އަހަރެންގެ ލޯ ފޮހެދިނެވެ.

އެރޭ އަހަރެން ގެއަށް އައީ އުފަލުންހުރެއެވެ. އަހަރެމެންގެ ކައިވެނީގެ ދަޢުވަތު ދިނީ ދެ ޢާއިލާއަށެވެ. މާލެ އާދެވޭން ތިބި މީހުން މާލެ ގެނެސް އަހަރެމެން ކައިވެނީގެ ކަންކަން ނިންމައިފައި އާލިފު އެނބުރި ކިޔަވާންދާ ގޮތަށެވެ. 

 

ރައްޓެހީންގެ އެހީތެރިކަމާ އެކު، ކައިވެނގެ ހެދުން ތައްޔާރު ކުރެވުނެވެ. ހުރިހައި ކަމެއް ދިޔައީ ވަރަށް އޮމާންކޮށެވެ. ކައިވެނި ކުރެވޭ ދުވަހަށް އަހަރެންގެ މަންމައާއި ބައްޕަ ވެސް މާލެ އަތުވެއްޖެއެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ދޮންތަގެ ފަރާތުންނެވެ. ދެ ފަރާތުގެ ޢާއިލާގެ އިތުރަށް އަހަރެމެން ދެމީހުންގެ އޮފީހުގެ މުވައްޒަފުންނާއި ރައްޓެހީންނަށް ދަޢުވަތުދެވުނެވެ.

ކައިވެނީގެ ކަންކަން ނިމުމާ އެކު ދެ ދުވަހަށް އަހަރެމެން ދިޔައީ އުކުޅަހު ގެސްޓް ހައުސްއަކަށެވެ. ހަމަހިމޭން މާޙައުލެއްގައި ދެމީހުން އެކަނިވެލުމަށެވެ. އެއީ ހިތްގައިމު ރަށެކެވެ.

"މިހާރު ދެން އެނބުރި ކިޔަވާން ދާހިތެއް ވެސް ނުވޭ. އަހަރެން ދާ އިރު ޖީލާނަށް ދެވޭނީއެއް ވެސް ނޫން." އާލިފުގެ އަތުން އަހަރެންގެ ކޮފީތަށި ގިރައިދެމުން ވާހަކަފެށިއެވެ.

"ދެން މާގިނަ ދުވަހެއް ވެސް ނެތެންނު ޗުއްޓީ ލިބޭކަށް. ސްކޫލް ބަންދުވާ އިރަށް އަހަރެން ދާނަން އާލިފު ކައިރިއަށް."

"އަސްލު ވެސްތަ؟ ދެން ކީއްވެ ކުރީން އަހަރެން ދާން ބުނީމަ ނުދިޔައީ؟ އޭރު އަހަރެން ބުނީމެންނު ދާން." އާލިފު އެހިއެވެ.

"އޭރު ކިހިނެއް ދާނީ؟ މެރީ ނުކޮށް އާލިފާ އެކު އެހެން ގައުމަކަށް ނުދެވޭނެއްނު؟"

"އަހަރެން މިއީ ކުޑަކުއްޖެއް ނޫނެއްނު. ޖީލާން އާއެނކޭ ބުނިނަމަ މެރީކޮށްފައި ދާން ވެގެންނޭ އެހެން އެހީ. އެހެން ނޫނަސް އަހަރެން ގެއަށް ގެނެސް ޖީލާން ލައްވައި އަހަރެން މަސައްކަތްކުރުވީ އޭރު ވެސް އަހަރެން ދެކޭ ގޮތުގައި ތިޔައީ އަހަރެންގެ ވައިފުކަމުގައި ދެކިގެންނޭ." އާލިފު ވާހަކައިން އޭރު އެ ކަމެއް އަހަންނަކަށް ނޭނގެއެވެ.

"އޭރު ނުބުނޭ އެންމެ ކުޑަމިނުން ލޯބިވާ ވާހަކައެއް ވެސް. މެރީކުރާ ވާހަކައެއް ވެސް." އަހަރެން ބުނީމެވެ.

"އަހަރެންގެ ޢަމަލުން އެ ކަން ޖީލާނަށް އިޙްސާސެއް ނުކުރެވޭތަ؟ އަހަރެންދާ ކޮންމެ ރަސްމިއްޔާތެއްގައި އަހަރެން ގެންދަނީ ޖީލާން. ކީއްވެކަން އެނގޭތަ؟ އާލިފު އެހެން ބުނުމުން އަހަރެން ނޭނގޭކަމަށް ބޯ ހޫރާލެވުނެވެ.

"ލޯބިނުވާ ނަމަ އެ ފަދަ ރަސްމިއްޔާތު ތަކުގައި އަހަންނާއެކު ޖީލާނެއް ނުހުންނާނެ. އަދި އަހަރެން މަޑުކުރީ ހުރިހާ ކަމެއް ހަމައަށް އެޅެންދެން. ބައެއް މީހުންނަށް ލޯބި ދުލުން ބުނަން އުނދަގޫވާނެ. އެކަމަކު އެ ކަން ޢަމަލުން ދައްކާނެ." އެބުނީ ތެދެކެވެ. ލޯބިވާކަން ދޭހަވާ އެތައް ކަމެއްކުރިއެވެ. އެކަމަކު އަހަރެން ބޭނުންވީ ހަމައެކަނި ދުލުން އެ ވާހަކަ ބުނާ އަޑުއަހާށެވެ.

އާލިފު ފުރައިގެން ދިޔައީ ސްކޫލް ބަންދުގައި އަހަރެން ނިއުޒިލޭންޑަށް ދާ ގޮތަށް ނިންމައިފައެވެ. އާލިފު ދިއުމުން އަހަރެން ވަރަށް ދެރަވެއެވެ. ވޭތުވެދިޔަ ދެތިން ދުވަހު އަހަރެން އުޅުނީ އާލިފާ އެކު އޭނާގެ ލޯބީގެ މެހެލްގައެވެ. އުފަލާއި މަޖަލުގައެވެ. އާލިފުގެ ފިރުމުންތަކާއި ލޯބީގެ ފޮނި ބަސްތަކުގެ ތެރޭގައެވެ. އެހެން އުޅެފައި ކުއްލިއަކަށް ވަކިވާން ޖެހުމުން އަހަރެންގެ ހިތް އޮންނަނީ ރޯލަރޯލައެވެ. އެކަން ސްކޫލްގައި އުޅޭ އެންމެ ގާތް މުވައްޒަފުންނަށް ވެސް އެނގެއެވެ. އެ ކަމާ އެ މީހުން ޖޯކުވެސްޖަހައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ހިތުގައި އާލިފުގެ ލޯބި ވަކި ހިއްޕައިފައި ވަނީ ހާދަ ބޮޑަކަށެވެ.

 

އެކަނި ލިބޭ ކޮންމެ ހިނދުކޮޅެއް ވޭތުވަނީ އެ ހަނދާންތަކާ އެ ފޮނި ހުވަފެންތަކުގައެވެ. ކަލަންޑަރު ކައިރީގައި ދުވާލެއްގެ އެތައް ވަގުތެއް ހޭދަކުރަމެވެ. ކިތަންމެ ވަރަކަށް ކަލަންޑަރު ބެލިއަސް ސައުވީސް ގަޑިއިރު ފަހުން ނޫނީ ދުވަހެއް ބަދަލު ނުވާނެކަން އެނގި ހުރެއެވެ. އެކަމަކު ވެސް ކުރާނީ ކީއްހެއްޔެވެ؟ ހިތަކީ ވެސް ފާޑެއްގެ އެއްޗެކެވެ. މި ހިތް އަބަދު އެދި ގޮވަނީ އާލިފާ އެކުގައި ވުމަށެވެ. 

ކަލންޑަރުގައި ރަތްމާކަރުން ދުވާލަކު އެއްނަންބަރުގައި ދެތިންފަހަރު ބޮޅު އަޅަމެވެ. އެ ކަމާ ހެދި ސިޓިންގރޫމްގައި ހުރި ކަލަންޑަރު ހުންނަނީ އެއްކޮށް ކުރަހައި ނަގއިފައެވެ. އެހައި ވަރުން އަހަރެން ދުވަސް ގުނާތީ އާލިފުގެ މަންމައާއި ބައްޕަ ވެސް ހޭނެއެވެ. އެ މީހުން އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އެންމެ ފަހުން އަހަރެން ފުރާ ދުވަސް އަތުވެއްޖެއެވެ. އަހަރެންގެ ހިތް އުފަލުން ފޮޅެނީއެވެ. ފިރިމީހާ ގާތަށް ދެވޭތީއެވެ. ހެނދުނު ހެނދުނާ ފޮށި ޕެކްކޮށްފައި އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އެއަރޕޯޓަށްދާ ގަޑި ޖެހެންދެން އުޅުނީ އެ ޙާލެއްގައެވެ.

"ދޮންބެ ދައްތަ ހީވަނީ ކުޑަކުއްޖެއް އުޅޭހެން. ނުފުރިގެން ލަސްވެގެން ތިޔަ އުޅެނީ. އަދި ގަޑިއެއް ނުވެސް ޖެހެއެއްނު." އާލިފުގެ ކޮއްކޮ އަހަރެން އުޅޭ ގޮތުން ހުންނަނީ ހީނހީނ ހަލާކުވެފައެވެ. އަހަރެން އެ ދުވަހު ކާހިތެއް ވެސް ނުވެއެވެ. ބަނޑުހައި ވެސް ނުވަނީއެވެ.

އެރޭ ނުވައެއް ޖެހިފަހުން އަހަރެން އެ ގައުމަށް ފޯރައިފިއެވެ. އާލިފު އުޅެނީ ވަރަށް ހިތްގައިމު އެޕާޓްމަންޓެއްގައެވެ. އަހަރެމެން ތިބެނީ ކެލްބަން އޭރިޔާގައެވެ. އެ ހިސާބުން އަހަރެން ދާން ބޭނުންވާ ތަންތަނުގެ ލިސްޓް ހަދާން ފެށީމެވެ. އާލިފު ހުރީ އަހަރެން ދިޔައިރު ފިޝް އެންޑް ޗިޕްސް ހަދައިފައެވެ. އެއީ ޢާންމުކޮށް އަހަރެން ރެސްޓޯރެންޓްތަކަށް ގޮސް އެންމެ ގިނައިން ކާ އެކައްޗެވެ. އާލިފަށް ބަންދު ވަނީ އާދީއްތަ ދުވަހު އެކަންޏެވެ. އެ ދުވަހު ކޭބަލް ކާރުގައި އަހަރެމެން ދިޔައީ ވެލިންޓަން ބެޓްނިކް ގާޑެން އަށެވެ. އެ ތަނުގައި ފިނިފެންމާ ބަގީޗާއާއި ޓިޔުލިޕް ބަގީޗާ ފެނުމުން އަހަރެން ހުރީ ނިކުންނާން ވެސް ނޭނގިފައެވެ.

"ތިތާ ހުއްޓި ހުރޭ. ޖީލާން ބޭނުންވާ ގޮތަށް ފޮޓޯނަގާންވާނެ." އަހަރެންގެ އެތައް ސަތޭކަ ފޮޓޯއެއް އާލިފު އެ ދުވަހު ނެގިއެވެ. އެއީ ހާދަ ހިތްގައިމު ތަނެކެވެ.

"އަހަރެންގެ ރާއްޖޭގެ އެއް ރަށް މިހެން ރީތި މާ ގަސްތައް ހައްދައިފައި އޮންނަ ނަމަ ދޯ. އޭރުން ހާދަ ގިނަ މީހުން ބަލާން ދާނޭ." އަހަރެން އާލިފު ގާތުގައި އޭނާ ނެގި ފޮޓޯއަސް ބަލާން ހުރެފައި ބުނީމެވެ.

"އަހަރެމެން ވާނެ ކުޑަކުޑަ ބަގީޗާއެއް ހައްދާން." އާލިފު ވެސް އަހަރެން މާގަސް ހައްދާން އުޅޭކަން އެނގި ހިތްވަރުދިނެވެ. އެރޭ އަހަރެމެން އެޕާޓްމަންޓަށް އައިސް ވަނުމާއެކު އާލިފަށް ކޯލެއް އައެވެ.

" ހަލޯ. ރަޝްމާ. ކިހިނެއް ހާލު." އާލިފު ރަޝްމާއާ ވާހަކަ ދައްކަން ފެށުމުން އެ ގުޅުން ކުރިއަށް ދާކަން ވިސްނި އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އެކަމަކު އާލިފު އޮތީ އޭނަޔަށް ބޮޑު ވަޢުދެއްވެފައެވެ.

"ރަޝްމާ އަލުން ކިޔަވާން މި ކޮޅަށް އަންނަނީ އޯ؟ އާލިފު ފޯން ބާއްވާފައި ބުންޏެވެ. އަދި ރަޝްމާ ބޭނުންވަނީ ވީހާ އަވަހަކަށް ކައިވެނި ކުރާށެވެ. އާލިފު ކިޔަވައި ނިމޭ ދުވަހަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.  

އަހަރެންގެ ހިތުގައި ވޭނީ ރިހުމެއް އުފެދުނެވެ.

(ނުނިމޭ)

ކޮމެންޓު