ad_banner
ޖޯކު ކިޔުން - ބޭނުމަކީ ކޮބާ!؟!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

23 ޖޫން 2025

ޖޯކުކިޔަނީ މީހުން ހެއްވާށެވެ.

އަޅުގަނޑުމެންގެ ރަދީފު ބުނާ ގޮތުގައި ޖޯކަކީ ހިނިއަންނަ ޒާތުގެ ވާހަކައެވެ. އިންސާނުން ޖޯކު ކިޔާން ފެށީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެހެނަސް އެއީ ވަރަށް ޤަދީމީ ކަމެކެވެ. ސޫމަރުންގެ ޒަމާނާއި ފިރުޢައުނުންގެ ޒަމާނުގެ ބައެއް ޖޯކުތައް އެވޭލާ ފާނުތަކުން ފެންނާން އެބަ ހުއްޓެވެ. މި ޖޯކުތައް ކިޔައިލުމުން އެއީ މިއަދު ކިޔައިފައިވާ ޖޯކުތަކެއް ފަދައެވެ. ކުރީ ޒަމާނުގައި ގިނަ ޖޯކުތައް ކިޔައިފައިވަނީ ޙާކިމުންނާ ނުވަތަ އަނބީންނާ ނުވަތަ މައިދައިތައިންނާ ދެކޮޅަށް ފާޑުކިޔުމުގެ ގޮތުންނެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެންމެން ވެސް ޖޯކަށް ލޯބިކުރެއެވެ. ޖޯކު އަޑުއަހާ ހިތްވެސްވެއެވެ. މަޖާ ޖޯކެއް ކިޔައިފި ނަމަ ވަރަށް ބޮޑަށް ހިނިވެސް އާދެއެވެ. ކޮފީއެއްގައި ދެ ރަޙުމަތްތެރިއަކު ކޮންމެ ވެސް ކަމަކާ ޒުވާބު ކުރަން ފަށައިފި ނަމަ، މި ދެ މީހުން މައިތިރިކުރުމަށް ޓަކައި ޖޯކެއް ކިޔައި ހެއްވައިލައެވެ.  ޖޯކެއް މާ ގިނައިން އަޑު އިވެން ފެށުމުން އޭގެ ތާސީރު ކެނޑިގެންދެއެވެ. އެ ޖޯކު ވާނީ ފޫއްސަކަށެވެ.

އެންމެ ޤަދީމީ ޖޯކަކީ ކޮބައިހެއްޔެވެ؟ އެންމެ ޤަދީމީ ޖޯކެއް ކަމަށް އެނގިފައިވަނީ ސޫމަރުން ޢީސާގެފާނުގެ 1900 އަހަރު ކުރިން "ފޮޑި"އާ ބެހޭގޮތުން ކިޔައިފައިވާ ޖޯކެވެ. އެ ދުވަސްވަރު އަނބިންނަކީ ފިރިންގެ ކުރިމަތީގައި ފޮޑިޖަހާ ބަޔެކެވެ. މި ޖޯކު އެދުވަސްވަރު ކިޔައިފައިވަނީ އަރަތެއްގެ ގޮތުގައެވެ.

މި އަރަތް ބުނަނީ: "ވަރަށް ކުރީ ޒަމާނުއްސުރެ ނުހިނގާ ކަމަކީ ކޮން ކަމެއް؟ ... ޒުވާން އަންހެންކުއްޖާ އޭނާގެ ފިރިމީހާގެ ކޮޓަރިތެރޭގައި ފޮޑިނުޖެހުން." 

މި ޖޯކުގެ މާނައަކީ އޭނާގެ ފިރިމީހާގެ ކުރިމަތީގައި ފޮޑިއެއްނުޖަހާ ސޫމަރު އަންހެންކުއްޖަކު ނުހުންނާނެއެވެ.

ޤަދީމީ ބާބިލުންގެ ތާރީޚު ލިޔެފައިވާ ފިލާތަކުގައި މި ޖޯކު ލިޔެފައިވެއެވެ. އެއީ ގާތްގަނޑަކަށް ޢީސާގެފާނުގެ 2300 އަހަރު ކުރީގެ ފިލާތަކެކެވެ.

އެންމެ ޤަދީމީ ދެވަނަ ޖޯކު ފެނިފައިވަނީ މިޞްރުންނެވެ. އެއީ ޢީސާގެފާނުގެ 1600 އަހަރު ކުރީގެ ޖޯކެކެވެ.

މި ޖޯކު ބުނަނީ "ފިރުޢައުނު[1] ފޫހިވީމާ ފޫހިފިލުވައިދޭނީ ކިހިނެއް؟ ވަރަށް ފަސޭހަ ކަމެއް.. މަސްހިފާ ދަލުން ހެދުންލައްވައިފައި ތިބި ރީތި ޒުވާން އަންހެންކުދީންތަކެއް  އުޅަނދަކަށް އަރުވައިފައި ނީލުކޯރަށް މަހަށް ފޮނުވާށެވެ. އަދި ފިރުޢައުނު މިއުޅަނދަށް ލައިފައި އެ ކުދީންނާއެކު މަސްބާނަން ފޮނުވާށެވެ!"

މި ޖޯކު މި ބުނަނީ ފިރްޢައުނަކީ ބާހު ވަރަށް ވަރުގަދަ މީހެކެވެ. މިހެންވެ، އޭނާގެ ހުސް ވަގުތުތައް ހޭދަކުރާނީ އަންހެންކުދީންނާއެކު މަޖާކުރުމުގައެވެ. މި ޖޯކު އައިސްފައި މި ވަނީ ނުސީދާ ބަހުންނެވެ. މި  ޖޯކު މި ބުނަނީ ފިރްޢައުނު ފޫހިވާ ނަމަ އަންހެންކުއްޖަކު ދަލަކަށް ލައިފައި ގެންގޮސްދޭށެވެ. މި ފިރުޢައުނުގެ ނަމަކީ ސިންފުރޫކަމަށް ތާރީޚު ބުނެއެވެ.

ޖޯކާ ބެހޭ އެންމެ ޤަދީމީ ފޮތް ފިލޯޖިލޮސް (Philogelos[2])ގައި އައިސްފައިވާ މަޝްހޫރު އެއް ޖޯކަކީ ބޯކޮށާ މީހުންނާ ބެހޭ ޖޯކެކެވެ. މި ޖޯކު ބުނަނީ "ރަސްގެފާނުގެ އިސްތަށިފުޅު ކޮށާ މީހާ ރަސްގެފާނަށް ދެންނެވިއެވެ. މަ ސާހިބާގެ އިސްތަށިފުޅު ކޮށާންވީ ކިހިނެއްތޯއެވެ؟ ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ހަނުހުރެއެވެ." މި ތާނގައި ޖޯކަކީ ބޯކޮށާމީހާ އަނގަގަދަނުކޮށް މަޑުމަޑުން ހުރެގެން އިސްތަށިފުޅު ކޮށްޓަވާން ބޭނުންފުޅުވާ ވާހަކަ ވިދާޅުވުމެވެ. މިއީ ބޯކޮށާމީހާ އެދޭ ޖަވާބެއްނޫނެވެ.

ކުރީން މި ދެންނެވި ފޮތުގައި އައިސްފައިވާ ޖޯކެއް ބުނާ ގޮތުގައި ވިސްނުންތޫނު މީހަކު އޭނާގެ ޙިމާރަށް ކެއުމާ ދުރުހެލިވެ އުޅުމަށް ދަސްކޮށްދޭން ބޭނުންވިއެވެ. މިހެންވެ މި މިހާ ޙިމާރަށް ކާންދިނުން ހުއްޓައިލިއެވެ. ނަތީޖާއަކަށް ވީ ޙިމާރު މަރުވުމެވެ. އޭތި މަރުވީމާ ވަރަށް ދެރަވެފައި ބުންޏެވެ. ހުރި ގެއްލުމެއްގެ ބޮޑުކަމާއެވެ! ނުކައި އުޅެން ޙިމާރަށް ދަސްވީމާ އޭތި މަރުވީއެވެ. "އޭނާގެ ގަސްތަކީ ނުކައި އުޅުމަށް ޙިމާރަށް ދަސްކޮށްދިނުމުގައި ވަގުތު ބޭކާރުވި ވާހަކައާއި އެ ކަމުގެ ސަބަބުން ޙިމާރު މަރުވި ވާހަކައެވެ. އޭނާގެ ޙިމާރަށް ވުރެ އޭނާގެ ޙިމާރުކަން ބޮޑެވެ.

ޢީސާގެފާނުގެ ކުރިން 63 އަހަރާއި ޢީސާގެފާނަށް ފަހު، 14 އަހަރާ ދެމެދުގެ ޖޯކެއް ބުނާގޮތުގައި "ރޯމަން އިމްބަރާޠޫރު އޮގަސްޓަސް ބަސްތީ ތެރޭގައި ބުރުޖައްސަވަނިކޮށް އޭނާއާ ވަރަށް ބޮޑަށް ވައްތަރު މީހަކު ފެނިވަޑައިގަތެވެ. އެ ހިނދު ރަސްގެފާނު މި މީހާއާ ސުވާލުކުރެއްވިއެވެ. ތިބާގެ މަންމަ އެއްވެސް ދުވަސްވަރެއްގައި ގަނޑުވަރުގައި މަސައްކަތްކުރިހެއްޔެވެ؟ އޭނާ ޖަވާބުގައި ދެންނެވިއެވެ.  ނޫން! މަސާހިބާ! އަޅުގަނޑުގެ ބައްޕަ ގަނޑުވަރުގައި މަސައްކަތްކުރިއެވެ. "މިތާނގައި ރަސްގެފާނުގެ ގަސްތަކީ އޭނާގެ މަންމަ ގަނޑުވަރު ތެރޭގައި އުޅުނު އިރު ރަސްގެފާނުގެ ބައްޕާފުޅު މި އަންހެނާ އެކު އެއްދާނުކުރެއްވުމެވެ. އެހެނަސް ޖަވާބު މި އައީ އަނެއް އަތަށެވެ. އޭނާގެ ބައްޕަ ގަނޑުވަރުގައި ޚިދްމަތްކުރި އިރު ރަސްގެފާނުގެ އަނބިކަނބަލުން އޭނާއާ އެކު ރޭކުރެއްވީއެވެ.  

ޢީސާގެފާނުގެ 1100 އަހަރު ކުރީގެ ޖޯކެއް "ފިރިހެނަކާއި އަންހެނަކު އިނދެގެން އުޅޭތާ ވިހި އަހަރު ފަހުން އެހެން އަންހެނަކު ފެނިގެން އަނބިމީހާ ވަރިކުރާން ބޭނުންވެއްޖެއެވެ. މި ފިރިހެނާ އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަލެއަކީ އެއް ލޯ ކަނު މީހެކޭ ބުނެއެވެ. އެހެންވީމާ އަހުރެން ކަލޭ މި ވަރިކުރަނީއެވެ. އަނބިމީހާ ވަގުތުން ބުންޏެވެ. ކަލެއަށް  މި ކަން އެނގުނީ ވިހި އަހަރު ފަހުންހެއްޔެވެ؟ "މި ޖޯކުގެ މަޤްޞަދަކީ އަންހެނަކު ފިރިހެނެއްގެ ޒަވާޖީ ޙަޔާތުގެ ތެރެއަށް ވަދެއްޖެ ނަމަ އޭނާގެ އަނބިމީހާގެ ޙާލަތަށް އެއްވެސް ބަދަލެއް ނަޔަސް އޭނާއަށް މި އަނބިމީހާގެ ފުށުން ދެން އެއްވެސް ރަނގަޅު ކަމެއް ނުފެންނާނެއެވެ.

ހަތަރުވަނަ ސައްތައިގެ ޖޯކެއް: "މީހަކު ޑަކްޓަރަކާ އޭނާގެ ބައްޔާ ބެހޭ ގޮތުން މަޝްވަރާކުރި އިރު ބުންޏެވެ. ޑޮކްޓަރު! އަޅުގަނޑަށް  އޮށޯވެގެންނެއް ނޯވެވެއެވެ.  އިށީނދެގެންނެއް ނީދެވެއެވެ. ކޮޅަކަށް ހުރެވެއެވެ. ޑޮކްޓަރު ބުންޏެވެ. ވީމާ ޙައްލަކީ ތިބާގެ ނަފުސު ދަންޖެއްސުމެވެ." ޑޮކްޓަރަށް އެނގޭ ގޮތުގައި އެއްވެސް މީހަކަށް އަބަދަކު ކޮޅަކަށް ނުހުރެވޭނެއެވެ. ވީމާ ރަނގަޅު ޙައްލަކީ ދަންޖެހުމެވެ. އޭރުން ހުންނާނީ ކޮޅަށެވެ.

ޖޯކާ ބެހޭ ކުޑަކުޑަ ދީބާޖާއަކަށް ފަހު މި ޒަމާނުގައި ސިޔާސީ ޖޯކު ތަރައްޤީ ވަމުންދާ ގޮތަށް ބަލައިލާނަމެވެ.  

މީގެ އެތައް ދަހަރެއް ކުރީން "ސިޔާސީ ޖޯކު" ވަނީ ފާޅުވެފައެވެ. މި ބާވަތުގެ ޖޯކަށް "ސިޔާސީ އަދަބީ ހަޖޫ"އޭ ވެސް ކިޔެއެވެ. މި ކަން ފެށުނީ ޢުޘްމާނީ ޚަލީފާ އައްސުލްޠާން އަބްދުލްޙަމީދު ވެރިކަމުން ޢަޒްލުކުރުމަށް ރޭވި މުއާމަރާތުގެ ތެރޭގައި އާސްތާނާގައެވެ.

ބަވަނަކުރުމުގެ ޒަމާނާ އެކު، ސިޔާސީ ޖޯކު ކިޔުން ވަނީ ބަދަލުވެފައެވެ. 1945ވަނަ އަހަރު އިނގިރޭސިވިލާތުގެ ލިޔުންތެރިއެއްކަމުގައިވާ ޖޯރޖު އޯވެލް ލިޔުއްވި މަގާލެއް ބުނާ ގޮތުގައި ސިޔާސީ ޖޯކަކީ "ކުޑަ އިންޤިލާބު"އެވެ. އޭނާ ވިދާޅުވިއެވެ. "ހަޖުލާއި މަލާމާތުގެ ވަސީލަތްތަކުން ބާރުގަދަ މީހުންގެ އިޙުތިރާމާއި ޤަދަރު  ނައްތައިލައި، މަޤާމުތަކުން ވައްޓައިލުމަކީ ހެއްވާ ކަމެކެވެ. ވެއްޓުން ބޮޑުވި ވަރަކަށް އޭގެ ޖޯކުކަން ބޮޑުވާނެއެވެ. ވިހިވަނަ ސައްތައިގެ ފަސްދޮޅަހުގެ ތެރޭގައި ކޮމިޔުނިސްޓް ވެރިކަމުގެ ތެރޭގައި ޗެކޮސްލޭވޭކިޔާގެ ޖޭން ކެލީނާއަކީ މި މަފުހޫމުގެ ތެރޭގައި ލިޔުއްވައި އުޅުއްވި ޖޯކަރެކެވެ. އޭނާގެ ސަބަބުން ސަރުކާރަށް އުދަނގޫ ބޮޑުވެގެން އޭނާ ޖަލަށް ލިއެވެ. އޭގެ ފަހުން އޭނާ ޖަރުމަނަށް އަރުވައިލިއެވެ.  

ޢަރަބި ދުނިޔޭގައި ވެސް ސިޔާސީ ޖޯކަކީ ވަރަށް ބޮޑަށް ފެތުރިފައިވާ އެއްޗެކެވެ. މި ފަދަ ބޭބޭފުޅުންގެ ތެރޭގައި ލުބްނާނުގެ ހިޝާމު ޖާބިރާއި ޢިރާޤުގެ ޚާލިދުލްޤަޝްޠިނީއާއި މިޞްރުގެ ޢާދިލް ޙައްމޫދާއާއި މަހްމޫދުއް ސަޢުދާނީ ފާހަގަކޮށްލެވެއެވެ. ސަޢުދާނީ ވިދާޅުވެފައިވާ ގޮތުގައި "ޖޯކަކީ ހަތިޔާރެކެވެ." މި ބޭބޭފުޅުން ވިދާޅުވާ ގޮތުގައި ޖޯކުގެ ސަބަބުން މުޖްތަމަޢުތަކަށާއި ސަރުކާރުތަކަށް ބިންހެލުންތައް އާދެއެވެ. ސަޢުދާނީ ވިދާޅުވާ ގޮތުގައި މިޞްރުގައި ވިހިވަނަ ސައްތައިގެ ފަސްދޮޅަހުގެ ތެރޭގައި ކިޔިފައިވާ ޖޯކުތަކަކީ ބޭރުގެ ދުޝްމަން ފަރާތަކުން އުފައްދައިފައިވާ ޖޯކުތަކެކެވެ. ހިޝާމު ޖާބިރު އޭނާގެ ފޮތް "އަރަބީންގެ ގާތުގައި ސިޔާސީ ޖޯކުތައް: މަލާމަތްކުރުމާއި ނަފްސާނީ ހަނގުރާމައިގެ އާލަތެއް" މި ފޮތުގައި ހެކިދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި އެއީ އިސްރާއީލާއި އެމެރިކާއިން އެކުލަވައިލަމުން ގެންގޮސްފައިވާ ޖޯކުތަކެކެވެ. މިޞްރުގެ އޭރުގެ ޒަޢީމު ޖަމާލު ޢަބްދުއްނާޞިރު އޭނާގެ ޚިޠާބެއްގައި މި ފަދަ ޖޯކުތައް ނުފެތުރުމަށް ވެސް އެދިވަޑައިގަތެވެ. މިޞްރުގެ ވެރިކަމަށް ސާދާތު އިސްވެވަޑައިގަތުމުން އެމެރިކާއިންނާއި އިސްރާއީލުން މިޞްރު ސަރުކާރާ ދެކޮޅަށް ޖޯކު ހެދުން ހުއްޓައިލިއެވެ. ސާދާތަކީ އެމީހުންގެ ގާތް އެކުވެރިއަކަށް ވާތީއެވެ.

އެމެރިކާގެ ސިޔާސީ މަސްރަޙަކީ ވެސް ޖޯކުން ގައު އުކެމުންދާ މަސްރަޙެކެވެ. މަޝްހޫރު ވޯޓަރ ގޭޓްގެ ފަޟީޙަތާ އެކު އެމެރިކާގެ ޓީވީ ޕުރޮގުރާމެއް މި ކަމަށް ޚާއްޞަކުރެވުނެވެ. އެއީ (Saturday Night Live) ނަމަކަށް ކިޔާ ޕްރޮގުރާމެވެ. މިއީ 92 މިނެޓުގެ ޕުރޮގުރާމެކެވެ. މި ޕުރޮގްރާމު ވައިގައިހިފުމުގެ ސަބަބުން ކެނެޑާއާއި ބްރެޒީލާއި ދެކުނު ކޮރެއާއާއި އިޓަލީއާއި ސްޕޭން ފަދަ ގައުމުތަކުގައި ވެސް މި ފަދަ ޕްރޮގުރާމުތައް އުފައްދާން ފެށިއެވެ. ބާސިމު ޔޫސުފު ނަމަކަށް ކިޔާ މިޞްރު ބޭފުޅަކު "دغدغة العمالقة"ގެ ނަމުގައި މި ފަދަ ޕުރޮގުރާމެއް އުފައްދަވައި ދުރަށް ދެއްކެވިއެވެ. މި ޕުރޮގުރާމަކީ މިޞްރުގެ އާންމު ރައުޔަށް ބޮޑު އިންޤިލާބެއް ގެނައި ސިޔާސީ ޖޯކުގެ ޕުރޮގުރާމެކެވެ.

ސީބީއެސްގެ ތަންފީޒީ ޑިރެކްޓަރު ވިންޑީ މެކްމޮހަން އަށް އެ މަޤާމުން އިސްތިޢުފާދެއްވާން މަޖުބޫރުވެވަޑައިގަތީ ހަޖޫޖަހާ މި ކަހަލަ ޕުރޮގްރާމުތަކާހެދިއެވެ.

ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖޯކަކީ ހަމަ އެކަނި ސަރުކާރާ އިދިކޮޅު ޖަމާޢަތްތަކުން ބޭނުންކުރާ  ވަސީލަތެއްނޫނެވެ. ސަރުކާރުން ވެސް އާންމު ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅުމަށް ޓަކައި މި ވަސީލަތް ބޭނުންކުރެއެވެ.

 
ޙަވާލާ:

[1]  - ފިރްޢައުނަކީ މިސްރުގެ ރަސްރަސްކަލުންގެ ލަޤަބެވެ. ކޮންމެ ފިރްޢައުނަކީ ނުބައި ޖައްބާރު އަނިޔާވެރިއެއްނޫނެވެ.

[2]  - މާނައަކީ ހުނުމަށް ލޯބިކުރާ މީހާ .. މި ފޮތުގައި 265 ޖޯކު ހިމެނެއެވެ. މި ފޮތް އެކުލަވައިލެވިފައިވަނީ ޢީސާގެފާނުގެ ކުރިން ފަސްވަނަ ސައްތައާއި 4 ވަނަ ސައްތައާ ދެމެދުގައެވެ.  

ކޮމެންޓު