ad_banner
އިމްތިޙާނުތަކުގައި މަކަރުހެދުން ... އުންމަތުގެ ހަލާކު!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

23 މޭ 2025

އިމްތިޙާނުތަކުގައި މަކަރުހެދުމަކީ އުންމަތުގެ ހަލާކެވެ.

އުންމަތްތައް، މަތީގެ އެންމެ މައްޗަށް އުފުއްލައިދޭ އެއްޗަކީ ޢިލްމާއި ތަޢުލީމެވެ. ހަމަ އެ ފަދައިން އުންމަތްތައް އަޑީގެ އެންމެ އަޑިއަށް ވައްޓައިލާ އެއްޗަކީ ޖާހިލުކަމެވެ. މާތްﷲ އިންސާނާއަށް އުނގަންނަވާދެއްވުމަށް ޓަކައި ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވިއެވެ. އަދި ކިއެއްހެއްޔެވެ؟ މާތް ﷲ Y އުޑުތަކާއި ބިންހެއްދެވީ އުނގަންނައިދެއްވުމަށް ޓަކައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. }ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا 1 - اللَّهއީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުން ވެސް އެ ފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެ ތަންތާނގައި އެކަލާނގެ أمرފުޅު ހިނގަހިނގައި ހުރެތެވެ. ހަމަކަށަވަރުން اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّهގެ علمފުޅު، ހުރިހައި އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށް ޓަކައެވެ.{

ކީރިތި ޤުރްއާނުން މާތްﷲ ބާވައިލެއްވި ފުރަތަމަ އާޔަތުގައި ކީރިތި ރަސޫލާއަށާއި މި އުންމަތަށް ކިޔެވުމަށާއި އުނގެނުމަށް އަމުރުކުރެއްވިއެވެ. اللَّه عز وجل ވަޙީކުރެއްވިއެވެ. }ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾‏ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾‏ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾‏ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾‏ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ 2 - ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހައި ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، (قلمން ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.{

ކިޔެވުމާއި އުނގެނުމަކީ މި އުންމަތުގެ މައްޗަށް މާތް اللَّه ފަރުޟުކުރައްވައިފައިވާ ކަމެއްކަން ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((طلَبُ العِلمِ فَريضةٌ على كلِّ مُسلمٍ 3  - ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟުވެގެންވާ ކަމެކެވެ.))

އެހެންކަމުން އުނގަންނައިދިނުމާއި އުނގެނުމަކީ އިސްލާމީ ފަރީޟާއެކެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އެންމެ ފުރަތަމަ ފަރީޟާއެވެ. ތަރައްޤީއާއި ކުރިއެރުމުގެ މަގުކަމުގައި ވާތީއެވެ. ދުނިޔަވީ ޙަޟާރަތުގެ މަގުކަމުގައި ވާތީއެވެ. ޤިޔާމަތްދުވަހުގެ ސަލާމަތުގެ މަގުކަމުގައި ވާތީއެވެ.  

ތަޢުލީމުދިނުމުގެ ތެރެއަށް މަކަރާއި ޙީލަތްހެދުން ފޭދި އަށަގަތުން

މަކަރާއި ޙީލަތުގެ މާޙައުލެއްގައި  ތަޢުލީމު ޙާޞިލުކޮށްދެވިއްޖެ ނަމަ، އެ ގައުމެއް، ދުނިޔޭގެ ގައުމުތަކުގެ އެންމެ ފުލަށް ވެއްޓިގެން ހިނގައިދާނެއެވެ. ޙަޔާތުގެ ތަފާތު މައިދާންތަކުގައި ފަހަތަށް ސޮއްސައިލައިފައިވާ ގައުމަކަށް ވެދާނެއެވެ. އިމްތިޙާނުތަކުގައި ދަރިވަރުންނަށް މަކަރާއި ޙިލާތްހެދުމަށް އެހީވެދޭ އުސްތާޒުންނާއި މުދައްރިސުންނާއި އެ ކަމަށް ހިތްވަރުދޭ ބެލެނިވެރީން ވާނީ ގައުމު ނާތަހުޒީބުކުރުމުގައި އަދި ގައުމު ކުރިއެރުމަށް ހުރަސްއަޅާ ސީދާ ބައިވެރީންކަމުގައެވެ. ގައުމުގެ ކުރިމަގު ނަގައިލާ ބަޔަކުކަމުގައެވެ. ގައުމުގެ ޙަޟާރަތް ހަލާކުކުރާ ބަޔަކަށެވެ.

އެއްވެސް މައިދާނެއްގައި މަކަރުހެދުމަކީ، އޮޅުވައިލުމަކީ ބޮޑުވެގެންވާ ޙަރާންކަމެކެވެ. އެއީ ޝަރުޢީ، އަޚުލާޤީ، ޤާނޫނީ، އިންސާނީ ޖަރީމާއެކެވެ. މަކަރާއި ޙީލަތަށް ބަލާ އިރު، އެންމެ ނުރައްކާތެރި މައިދާނަކީ އިމްތިޙާންތަކެވެ. އެ ކަމުން ކުރިމަގަށް ފޯރާ އަސަރު ފުންކަމުންނެވެ. އެ ކަމުގެ ސަބަބުން ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްވަރުވެގެންދާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. } لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ  - އެއުރެންކުޅަ ކަންތަކަށް އުފާކުރާ، އަދި، އެއުރެން ނުކުރާ ކަންތަކާ މެދު، ތާރީފު ލިބުމަށް އެދޭ މީހުންނީ، عذابން ސަލާމަތްވާނެ ތަނެއްގައި ތިބި ބަޔަކުކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.{

ދަނޑުވެރިކަން ކުރުމާއި ޢިމާރާތްކުރުމުގައި މަކަރާއި ޙިލަތްހެދުން ބޮޑު ކުށަކަށްވާ އިރު އިންސާނުން ބިނާކުރުމުގައި މަކަރާއި ޙީލަތްހެދުމުގެ ކުށް މާ ބޮޑުވާނެއެވެ. އެ ކަމުގެ އަސަރު މުޅި ގައުމަށް ފެތުރިގެންދާނެތީއެވެ. އެ ކަމުގެ ސަބަބުން ގައުމު ޚަރާބުވެގެން ހަލާކުވެގެން މަރުވެގެން ހިނގައިދާނެތީއެވެ. اللَّه I ވަޙީކުރެއްވިއެވެ. }أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ - 5 ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއް ފަދައިން، ތިމަންރަސްކަލާނގެ، إيمانވެ، صالح عملތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافرވި މީހުންނެކޭ އެއް ފަދައިން، ތިމަންރަސްކަލާނގެ تقوىވެރީން ލައްވާނެހެއްޔެވެ؟{

އިމްތިޙާނުގައި މަކަރުހެދުމަކީ ރަގަނޅު މީހާއާއި ނުރަނގަޅު މީހާ، ޢިލްމުވެރިޔާއާއި ޖާހިލު މީހާ، ފިލާވަޅުދަސްކޮށްގެން އިމްތިޙާނުހަދާ މީހާއާއި ފިލާވަޅު ދަސްނުކޮށް އިމްތިޙާނުހަދާ މީހާ އެއްވަރުކޮށްދޭ ކަމެކެވެ. އަދި ކިއެއްހެއްޔެވެ؟ ގިނަ ފަހަރަށް މަކަރުހެދި މީހާއަށް މާކުސް ލިބޭލެއް މާ ގިނަވެދެއެވެ. ގައުމު ހަލާކުވަނީ މިހެންވެގެންނެވެ. ޖާހިލުން ގިނަވުމުގެ ސަބަބުންނެވެ. އެހެނަސް މި ދެ ބައިމީހުން އެއްވަރެއް ނުވާނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. }قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ 6 - ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރީންނެވެ.{

އިމްތިޙާނުތަކަކީ އަމާނާތެކެވެ. އިމްތިޙާނުތަކުގައި މަކަރާއި ޙީލަތް ހެދުމަކީ ޚިޔާނަތެކެވެ. މުއުމިނުން އަމާނާތަށް ޚިޔާނަތްތެރިވެގެން ނުވާނެއެވެ. އެއީ މުއުމިނުންގެ ގައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މާތް اللَّه ވަޙީކުރެއްވިއެވެ. }يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ 7 - އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللَّهއަށާއި، رسولއާއަށް ތިޔަބައިމީހުން خيانةތެރިނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانةތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން خيانةތެރިނުވާށެވެ!{

މަކަރުހަދައި އޮޅުވައިލާ މީހުންނަކީ އިސްލާމީ އުންމަތަށް ނިސްބަތްވެގެންވާ ބަޔެއްނޫންކަން ބަޔާންކޮށްދެއްވައި ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((مَن غَشَّنا فليسَ مِنّا 8 އަހުރެމެންނަށް މަކަރުހަދާ މީހަކީ އަހުރެމެންގެ މީހެއްނޫނެވެ.))

ކޮންމެ މައިދާނެއްގައި ވިޔަސް އަދި ކޮންމެ ތަނެއްގައި ވިޔަސް މަކަރުހަދައި އޮޅުވައިލުމަކީ އިސްލާންދީން ބަލައިގަންނަ ކަމެއްނޫނެވެ. އެއީ މި ދީނުގެ މާތް އަޚްލާޤާއި ސުލޫކާ ޚިލާފު ކަމެކެވެ. މަކަރުހެދުމަށް ވާގިވެރިވާ މީހަކީ ހަމަ އެފަދަ މީހެކެވެ. ކޮންމެ ވަސީލަތަކުން ވިޔަސް މަކަރާއި ޙީލަތުން އުފެދޭނީ ޢާލިމެއްގެ ފޭރާމުގައި ހުރި ޖާހިލެކެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((المُتَشَبِّعُ بما لَمْ يُعْطَ كَلابِسِ ثَوْبَيْ زُورٍ 9  - އޭނާއަށް ނުދެވޭ އެއްޗެއް އޭނާއަށް ދީފައިވާކަމަށް ބުނެ ކައިހަދާ މީހާ، އެހެން މީހެއްގެ ދެ ހެދުން ވަގަށް ނަގައިގެން ލައިގެން އުޅޭ މީހެއް ފަދައެވެ.))

މަކަރުހެދުމަކީ އޮޅުވައިލުމާއި ދޮގުހެދުމާއި އަނިޔާވެރިކަމެވެ. މިއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. ޙަރާންކުރައްވައިފައިވާ ހުތުރުކަން ބޮޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.

 

މަރުޖާ:


[1]  - الطلاق: 12

[2]  -العلق  : 1-5 

[3]  - أخرجه ابن ماجه (٢٢٤)، والبزار (٦٧٤٦)، وأبو يعلى (٢٨٣٧) وابن حبان في ((المجروحين)) (١/١٦٩)، وابن عدي في ((الكامل في الضعفاء)) (١/١٧٩)

[4]  - آل عمران: 188

[5]  - ص: 28

[6]  - الزمر: 9

[7]  - الأنفال: 27

[8]  - أخرجه الترمذي في ((العلل الكبير)) (٣٤٨) وابن ماجه (٢٢٢٥)، والطبراني (٢٢/١٩٩) (٥٢٤)

[9]  - أخرجه البخاري (٥٢١٩ ومسلم (٢١٣٠)

ކޮމެންޓު