ad_banner
ކޮލަމް ހަމަ (32): ސިޓީގައި ތައްގަނޑުޖަހާކަށް ނުޖެހޭނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 މޭ 2025

ސިޓީއަކީ މުއައްސަސާގެ ހައިބަތު ދައްކައިދޭ ލިޔުމެކެވެ.

ޑިމޮކުރެސީގެ ސަބަބުން ދައުލަތުގެ ކަންކަމުގައި ފަހުބަސް ބުނާނެ ފަރާތެއް މިހާރު ނެތޭ ހީވާ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. ޝަރުޢީ/ގާނޫނީ ކަންކަމުގައި ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓުކަމަށް ވިޔަސް އިދާރީ ގޮތުން ފަހުބަސް ބުނާނެ ފަރާތެއް މިއަދު ނެތް ފަދައެވެ. ދައުލަތުގެ މައި ބައެއް އިދާރާތަކުން ލިޔެ ޢާންމުކުރާ ބައެއް ލިޔުންތަކާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި ހުންނަ ބައެއް ލިޔުންތައް ފެނުމުން ލޮލުން ކަރުނަ ހިލޭ ފަހަރު އާދެއެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުން އަދި ވަކީން ޚާއްޞަކޮށް ދައުލަތުގެ އެންމެ މަތީ އިދާރާތަކުން ލިޔެ ޢާންމުކުރާ އަދި މުޢާމަލާތުގައި ބޭނުންކުރާ ލިޔެކިޔުންތައް މީޔާރުކޮށް ހުންނާން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގެޒެޓުގެ އެޑިޓަރެއް ހުންނާން އެބަ ޖެހެއެވެ. ސަބަބަކީތޯއެވެ! ސަބަބަކީ ބަހުގެ ގަރީނާއެއްގެ ގޮތުން ބޭނުންކުރާ މަސަދަރެއްކަމަށް އެ ފަދަ ލިޔެކިޔުންތައް މީހުން ބަލާނެތީއެވެ. އެ ކަމުގެ ސަބަބުން ބަހަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެތީއެވެ.

ދައުލަތުގެ އެކި މުޢާމަލާތުގައި ބޭނުންކުރާ، ސިޓީ، ނޯޓު، ނޯޓު ސިޓީ، ސާކިޔުލަރު، މެމޯ، ނޫސްބަޔާން، އިޢުލާނު، އަމިއްލަ މީސްމީހުންގެ ސިޓީތަކަށް ދޭ ޖަވާބު، އީމޭލު (އަދި މި ނޫން ވެސް މި) ފަދަ ހުރިހައި ލިޔުންތައް ލިޔުމުގައި ވަކި މީޔާރެއް ހިފަހައްޓާންޖެހޭތީއެވެ. ދައުލަތުގެ ހައިބަތާއި ބަހުގެ ހަމަ ހިފެހެއްޓުމަށް ޓަކައެވެ. 

މި ބާވަތުގެ އުސޫލެއް [ބަޔަކު] އެކުލަވައިލާން އުޅުނަސް އެއީ [ގާނޫނީ ކަމެއް]ކަމަށް ދެކެގެން [ބާރުވެރި ފަރާތްތަކުން] އެ ކަން ހުއްޓުވައިގެންނެއް ނުވާނެއެވެ. ސަބަބަކީ ކަން އޮތް ގޮތް ބަޔާންކުރުމަކީ އެ ކަން ދަންނަ ފަރާތްތަކުން ކުރުމުގެ ހައްގު އޮންނާންވާނެ ކަމަކަށްވާތީއެވެ. އެހެނީ [އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެން]ވާކަމަށް ގާނޫނުއަސާސީގެ 27ވަނަ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ. އަދި [އުނގެނުމާއި އުނގަންނައިދިނުމާއި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ] ލިބިގެންވާކަމަށް ގާނޫނުއަސާސީގެ 29ވަނަ މާއްދާގައި އޮވެއެވެ. ހަމަ މި ފަދައިން މި ފަދަ ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭ ފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކުރުމަކީ މަނާ ކަމެއްކަން ވެސް  ގާނޫނުއަސާސީގެ 69ވަނަ މާއްދާއިން އެނގޭން އޮވެއެވެ.

ވީމާ، ދައުލަތުގެ އެކިއެކި މުޢާމަލާތުގައި ބޭނުންކޮށް އުޅޭ ލިޔެކިޔުމުގެ އެކި ބާވަތްތައް ހުންނާން ޖެހޭ ރަނގަޅު ގޮތް ބަޔާންކޮށް [ކޮންމެވެސް ފަރާތަކުން] އާންމުކުރާން އެބަ ޖެހެއެވެ. އެ ހައްގު އެބަ އޮތެވެ. އޭރުން ހަމަ ގައިމު ވެސް ރަނގަޅު ގޮތް އެންމެންނަށް ވެސް އެނގޭނެތާއެވެ. އެއަށް ޢަމަލުކުރުމާއި ނުކުރުމަކީ އެހެން ކަމެކެވެ. ގާނޫނީ ބާރުވެރިކަން ނެތަމަ ޢަމަލުނުކުރިޔަސް ކުށްވެރިއެއް ނުވާނެތާއެވެ.

ދީނީ ފަތުވާއަކީ ވެސް އެ ފަދަ އެއްޗެއްތާއެވެ. ފަނޑިޔާރު ކުރައްވާ ޙުކުމާ އެއް ގޮތަށް މުފުތީގެ ފަތުވާ ތަންފީޒުކުރާކަށް ގާނޫނީ ގޮތުން ލާޒިމުނުވާތީ [އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން] ނެރުއްވައިފައިވާ ފަތުވާތަކަށް ވެސް ޢަމަލުނުކުރާ މީހުންނާއި މުއައްސަސާތައް އެބަ ހުރި ނޫންތޯއެވެ؟ ނަމަވެސް [ކަން އޮންނާންވީ ގޮތުގެ] ފަތުވާ ނެރުއްވީމާ އެ މަޖިލީހުގެ ދައުރު އަދާވީ ނޫންތޯއެވެ؟ މި ފަދައިން ދައުލަތުގެ އެކިއެކި ލިޔުންތައް ހުންނާންވީ ރަނގަޅު ގޮތް ވެސް ބަޔާންކޮށް [ކޮންމެވެސް ފަރާތަކުން] އާންމުކުރެއްވީމާ، އެކި އިދާރާތަކުން އެކި ގޮތަށް ޢަމަލުކުރާ ނަމަ، އެއީ ރަނގަޅު ގޮތް ނޭނގޭތީ ކުރާ ކަމަކަށް ނުވާނެތާއެވެ.

އަޅުގަނޑާ ބެހޭ ކަމަކަށް ނުވިޔަސް މި ބާވަތުގެ ކަންކަމާ މެދު، ފެންނަ އެއްޗެއް ނުދަންނަވައި ހުރުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫވާ ކަމަކަށް ވާތީ، އިއްޔެ އިވުނު ވާހަކައަކާ ގުޅިގެން ޚިޔާލެއް ފާޅުކޮށްލާ ހިތްވީއެވެ. ގާނޫނުއަސާސީގެ 27ވަނަ މާއްދާއާއި 29ވަނަ މާއްދާއާއި 69ވަނަ މާއްދާއިން ހިތްވަރު ލިބިގެންނެވެ.

އިއްޔެ އަޅުގަނޑު ގާތު، ދައުލަތުގެ އިދާރާއެއްގެ ހަމަ އިސް ބޭފުޅަކު ވިދާޅުވީ، އެ އިދާރާއިން ފޮނުއްވާ ސިޓީތަކުގައި ތައްގަނޑު ޖައްސަވާން ފެއްޓެވީ ސިޓީގެ އެތެރޭގައި އެ އިދާރާގެ ތައްގަނޑު ނުޖަހައި އޮވެގެންނޭ ވިދާޅުވެ އެހެން އިދާރާއަކުން އެ ސިޓީ އަނބުރައި ފޮނުއްވައިލެއްވީމައެވެ.

އެހެންކަމުން ސިޓީ ލިޔުމާ ބެހޭ ގޮތުން ޢަމަލުކުރައްވާން ވާނެ ރަނގަޅު ގޮތުގެ މައްޗަށް މަގާލެއް ލިޔެލާން ބޭނުންވީއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ އެއްވެސް ފަރާތަކުން ޢަމަލުކުރައްވާން އަދި ގަބޫލުކުރައްވާން ގާނޫނީ ގޮތުން ލާޒިމުވާނެ އުސޫލެއް ނޫނެވެ. ނަމަވެސް މި ލިޔުމުގައި އަޅުގަނޑު މި ހިމަނައިލަނީ ސިޓީ ލިޔުމުގައި ޢަމަލުކުރާން ޖެހޭކަމަށް ގާނޫނާއި ގަވާއިދުން ފެންނާން ހުރި، އަދި ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ވަޒީރުލްއަޢުޡަމުގެ އޮފީހުން އެކަށައަޅުއްވައި ޢާންމުކުރައްވައިފައިވާ  (އަދި މިހައި ތަނަށް ބާޠިލުނުކުރައްވައި ހުރި) ލިޔުންތަކުން ފެންނާން ހުރި އުސޫލުތަކެވެ. ދިވެހިބަހުގެ ރަދީފުން ފެންނާން ހުރި މާނަތަކަށް ވެސް ރިޢާޔަތްކޮށްގެންނެވެ. އަޅުގަނޑު އަމިއްލައަށް އުފައްދައިފައިވާ އުޞޫލެއް މި ލިޔުމުގައި ބަޔާންކޮށްފައެއް ނުވާނެއެވެ.

ސިޓީ:

ސިޓީއަކީ މީހަކު ނުވަތަ އިދާރާއަކުން މީހަކަށް ނުވަތަ އިދާރާއަކަށް، އަންގާން ބޭނުންވާ ވާހަކައެއް ލިޔެ ފޮނުވާ ތަފުސީލީ ލިޔުމެކެވެ. މި ލިޔުމުގައި ފޮނުވާ މީހެއްގެ ނުވަތަ އިދާރާއެއްގެ އެޑްރެހާއި ލިބޭންވާ ފަރާތުގެ ނަމާއި ލަގަބާއި މަގާމު ލިޔެފައި އޮންނާނެއެވެ. އަދި ސިޓީގައި ސޮއިކުރާ މީހާގެ ހައިސިއްޔަތާއި މަގާމު އެނގޭނޭ ގޮތަށް ލިޔެ ސޮއިކޮށްފައި އޮންނާނެއެވެ.

މި ލިޔުމުގައި ބަލައިލާނީ ރަސްމީ ސިޓީގެ ބާވަތްތަކަށެވެ. އެއީ:

1.    ރަސްމީ ރަސްމީ ސިޓީ (ރަސްމީ އިދާރާއަކުން ރަސްމީ އިދާރާއަކަށް ފޮނުވާ ސިޓީ)

2.    ރަސްމީ އަމިއްލަ ސިޓީ (ރަސްމީ އިދާރާއަކުން އަމިއްލަ ފަރާތަކަށް ނުވަތަ އަމިއްލަ މީހަކަށް ފޮނުވާ ސިޓީ)

3.    އަމިއްލަ ރަސްމީ ސިޓީ (އަމިއްލަ ފަރާތަކުން ނުވަތަ މީހަކު ރަސްމީ އިދާރާއަކަށް ފޮނުވާ ސިޓީ)

މި މަގާލުގައި އަޅުގަނޑު ހަމައެކަނި މި ބަލައިލަނީ ރަސްމީ ރަސްމީ ސިޓީ ލިޔުމުގައި ބޭނުންކޮށް އުޅޭން އެންމެ ރަނގަޅު ގޮތުގެ މައްޗަށެވެ.

ރަސްމީ ރަސްމީ ސިޓީ:

ރަސްމީ ރަސްމީ ސިޓީއަކީ ރަސްމީ އިދާރާއަކުން ރަސްމީ އިދާރާއަކަށް ފޮނުވާ ސިޓީއެވެ. މި ފަދަ ސިޓީގައި އެންމެ މަތީގައި ބަސްމަލާ (بسم الله الرحمن الرحيم) ލިޔެ، އެ ދިމާ ތިރީގައި ބަސްމަލާއާ ވިދިގެން ދައުލަތުގެ ނިޝާން އޮންނާންވާނެއެވެ. ސިޓީ ލިޔާ އިދާރާގެ ރަސްމީ ނަމާއި އެޑްރެސް ސިޓީގެ ކަނާތް ފަރާތުގައި މަތީ ކަނުގައި ދައުލަތުގެ ނިޝާނަށް ވުރެ މަތި ނުވާނޭ ގޮތަށް އޮންނާންވާނެއެވެ. ރަސްމީ ނަންލިޔެފައިވާ އަކުރު ވާންޖެހޭނީ ސިޓީ ލިޔާ އަކުރަށް ވުރެ ފަލަކޮށް ކުލަ ގަދަކޮށް ހުންނަ އަކުރުތަކަށެވެ. ވާތް ފަރާތުގައި އެޑުރެހަށް ވުރެ މަތިނުވާނޭ ގޮތަކަށް ސިޓީގެ ނަންބަރު ޖަހާން ވާނެއެވެ. ނަންބަރު ޖަހާނީ ކަނާތުން ވާތަށް ފުރަތަމަ ތަރުތީބު ނަންބަރު ޖެހުމަށް ފަހު ކަތި ރޮނގެއް ޖަހައި އަހަރުގެ އަދަދުގެ ފަހު ދެ އަކުރު، ނުވަތަ އަހަރުގެ ހަތަރުއަކުރު (މިސާލަކަށް: 2025) ލިޔެ ކަތި ރޮނގެއް ޖެހުމަށް ފަހު ސިޓީ ފޮނުވޭ އިދާރާގެ ނަންބަރު ޖަހައި ކަތި ރޮނގަކަށް ފަހު، ސިޓީ ލިޔާ އިދާރާގެ ނަންބަރު ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފައިވާ ނަންބަރު ޖަހާނީއެވެ. ބޭނުން ނަމަ އޭގެ ފަހަތަށް ރޮނގުބުރިއެއް ޖަހައި އެ އިދާރާގެ ސެކްޝަންގެ އަކުރު ޖެހިދާނެއެވެ.

މިސާލު: 13/2025/400/B-102

(މިހާރު ސިޓީގައި ނަންބަރު ޖަހަނީ ދައުލަތުގެ ސިޓީބިޓީގެ މުޢާމަލާތުގައި ބޭނުންކުރާ [ޖެމްސް]އިން ދޭ ނުވަތަ [ޖެނެރޭޓުކުރާ] ނަންބަރުކަމަށް ވާތީ، މިހާރު ޢަމަލުކުރާންޖެހޭނީ ހަމަ ގައިމު ވެސް ބޭނުންކުރެވޭނީ އެ ނަންބަރުކަމަށް ވާތީ އެ ގޮތަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެއީ ޢަމަލުކުރާން ޖެހޭނެ ގޮތް ވެސް މެއެވެ.)

ދެން ގާތްގަނޑަކަށް ދެ ފޮޅުވަތް ދޭތެރޭގެ ދެ ދުރުމިނެއް ދޫކުރުމަށް ފަހު އާ ޕެރެގުރާފެއްގައި ސިޓީ ލިބޭ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމާއި ލަޤަބާއި ނަމަށް މުޚާޠަބުކޮށް އެޑްރެސް ކުރާނީއެވެ.

މިސާލަކަށް: މިނިސްޓަރ އޮފް އެންޓި-ކޮރަޕްޝަން އޭންޑް ކްރިމިނަލް އިންވެސްޓިގޭޝަން، އޮނަރަބްލް ޑރ. ސިރާޖުއްދީނު މުޙަންމަދަށް

އެޑްރެސް ކުރުމަށް ފަހު، އާ ޕެރެގުރާފެއްގައި ވެދުން ސަލާމުގެ ޢިބާރާތް ލިޔާނީއެވެ.

މިސާލަކަށް: ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ދެން އަނެއްކާ ވެސް އާ ޕެރެގުރާފަކުން ފަށައިގެން ސިޓީގެ މައިގަނޑު ލިޔާނީއެވެ.  މައިގަނޑު ލިޔުމަށް ފަހު ސިޓީ ނިންމައިލާނީ އާ ފެށުމަކުން ފަށައިގެން [އިޙުތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.] މިހެން ލިޔުމަށް ފަހުއެވެ. އޭގެ ފަހުން އާ ފެށުމަކުން ހިޖުރީ ތާރީޚާއި މީލާދީ ތާރީޚު ޖަހައި ވާތް ފަރާތުގައި [ޚާދިމުކުމް] މިހެން ލިޔުމަށް ފަހު، އޭގެ ތިރީން ސޮއިކުރާނެ ޖާގަ ދޫކޮށް، [ޚާދިމުކުމް] މެދަށް ވާ ގޮތަށް ސިޓީގައި ސޮއިކުރައްވާ ވެރިޔާގެ ނަން ލިޔެ، ނަމުގެ ތިރީގައި މަޤާމު ލިޔާނީއެވެ. ސިޓީގެ ކަނާތް ފަރާތު ތިރީގައި، ސޮއިކުރެއްވި ވެރިޔެއްގެ ނަމަށް ވުރެ ތިރީގައި ލިބެންވާ ފަރާތުގެ އެޑްރެސް ލިޔާނީއެވެ. ދެން ސިޓީގެ ވާތް ފަރާތު ތިރީގައި އެންމެ ތިރީގައި ސިޓީ އިބާރާތް ކުރި މުވައްޒަފާއި ސިޓީ ޓައިޕުކުރި މުވައްޒަފުގެ ނަމުގެ ރަމްޒު ލިޔާނީއެވެ.

މިސާލަކަށް: ޢޢޖ/މޝ (ޢިބާރާތްކޮށް ޓައިޕުކުރީ އެކަކު ނަމަ އެއް ފަހަރު ރަމްޒު ނަން ބޭނުންކުރުން) މިއީ އެ އިދާރާއެއްގެ އިދާރީ ބޭނުމަށް ކުރާ ކަމެކެވެ.

ދެން ސިޓީ ފޮނުއްވާނީ ސިޓިގައި [ޚާދިމުކުމް]ގެ ތިރީގައި، ނަމުގެ މަތީގައި އޮންނަ ހުސް ޖާގައިގައި ސިޓީގައި ސޮއިކުރައްވާން ހަމަޖެހިފައިވާ ވެރިޔަކު ސޮއިކުރެއްވުމަށް ފަހުގައެވެ.

ސިޓީގެ އެއްވެސް ތަނެއްގައި ތައްގަނޑުޖަހާކަށް ނުޖެހޭނެއެވެ. ސަބަބަކީ ތައްގަނޑުގައި ވެސް އޮންނާނީ އެ އިދާރާއެއްގެ ނަމާއި ނިޝާންކަމަށް ވާތީ ސިޓީގައި މި ބައި ހިމެނިފައިވާތީއެވެ. އަދި ސޮއިކުރެއްވި ވެރިޔަކާއި ވެރިޔާގެ ނަމާއި މަގާމު ވެސް އެނގޭން އޮންނާތީއެވެ. މި ގޮތަށް ތަނއްގަނޑު ޖަހާން ޖެހޭނީ އެ އިދާރާއަކުން ނަމާއި މަގާމު ނުޖައްސަވައި ހަމައެކަނި ސޮއިކުރެއްވުމަށް ފަހު އާންމުކުރައްވާ ސިޓީ ނޫން އެހެން ލިޔުންތަކުގައެވެ. މި ފަދަ ބައެއް ލިޔުންތަކުގައި އެއްވެސް ބޭފުޅަކު ސޮއިނުކުރައްވައި ހަމައެކަނި ތައްގަނޑު ޖައްސަވައިފައި ބައެއް ލިޔުން (މިސާލަކަށް: ނޫސްބަޔާން، އިޢުލާނު) ޢައްމުކުރައްވައިފައި އެބަ ހުރެއެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. މި ފަދަ ލިޔުންތަކުގައި ވެސް ތައްގަނޑުޖަހާންވާނީ ޒިންމާދާރު ވެރިޔަކު ސޮއިކޮށްލެއްވުމަށް ފަހު ސޮއިގެ ކައިރީގައެވެ. ސަބަބަކީ ކޮންމެ މީހަކަށް ވެސް ތައްގަނޑުޖަހައިލެވިދާނެތީ ލިޔުމުގެ އިތުބާރު ވަރުގަދަކުރުމަށް ޓަކައެވެ. މި ދެންނެވި ފަދަ (ސިޓީ ނޫން) ލިޔުންތަކުގައި ތައްގަނޑުޖަހާންވާނެއެވެ. ސޮއިކުރެއްވި ބޭފުޅެއްގެ ނަމާއި މަގާމު ލިޔުއްވާކަށް ނުޖެހޭނެއެވެ. ސޮއި އޮތީމާ ރަނގަޅުވާނެއެވެ.

ސިޓީ ލިޔުމުގައި ހިފަހައްޓާން ޖެހޭ ބައެއް ހަމަތައް:

އާންމު ގޮތެއްގައި ރަސްމީ ސިޓީ ލިޔެ އުޅެނީ އޭ4 ސައިޒުގެ ގަނޑުގައިކަމަށް ބަލައިގެން ސިޓީ ލިޔުމުގައި ގެންގުޅޭ ހަމަތައް މި ދަންނަވަނީއެވެ.

1.    އެއް ސަފުހާއަށް ވުރެ ދިގު ސިޓީއެއް ލިޔާ ނަމަ ދެވަނަ ސަފުހާއިން ފެށިގެން ސަފުހާ ނަންބަރު ޖެހުން.

2.    ސަފުހާގެ މަތީގައި މެދަށް ވާ ގޮތަށް ވިޔަ އަކުރުން ނަންބަރުޖެހުން. (މިއީ އިދާރީ ފަސޭހައަކަށް ޓަކައި ކުރާ ކަމެކެވެ.)

3.    ކޮންމެ އައު ފެށުމެއް (ޕެރެގުރާފެއް) ފަށާ އިރު، ލިޔުންގަނޑުގެ އެންމެ ކަނާތްފަރާތު ކައިރީން ފެށިގެން ގާތްގަނޑަކަށް ދެ ސެންޓިމީޓަރު އެތެރެއަށް ޖައްސައި ފެށުން.

4.    ލިޔުންގަނޑުގެ ދެ އަރިމަތި (ފެށޭ ކައިރިއާއި ނިމޭ ކައިރި) އެއް ވަރަކަށް ބެހެއްޓުން.  

5.    އެއް ސިޓީއެއްގައި ތަފާތު ގިނަ މައްސަލަތައް ނުލިޔުމާއި، ކޮންމެ މައްސަލައަކަށް ވަކި ސިޓީއެއް ލިޔުން.  (މިއީ އޮޅުން ކުޑަވެ، އިދާރީ ގޮތުން ފަސޭހަތަކެއް ލިބޭނެތީ ހަދާން ޖެހޭ ގޮތެކެވެ.)

6.    ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސަރުކާރުގެ އިދާރާއަކުން ސިޓީއެއް ފޮނުއްވާ ނަމަ، އެ ސިޓީގައި ސޮއިކުރައްވާނީ އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާއެވެ. އެހެން އިދާރާތަކަށް ފޮނުއްވާ ސިޓީގައި އެ އިދާރާގެ އެންމެ އިސްވެރިޔާގެ އިތުރަށް އިސްވެރިޔާ ހުއްދަ ދެއްވައިފައިވާ އެ އިދާރާއެއްގެ އެސިސްޓެންޓް ޑިރެކްޓަރު ފެންވަރުގެ މަގާމުން ފެށިގެން މަތީ މަޤާމުގައި ތިއްބަވާ ވެރީންނަށް ވެސް، އިސްވެރިޔާ މަނާކުރައްވައިފައި ނެތް ނަމަ، ސޮއިކުރެއްވޭނެއެވެ.

7.    ސިޓީ އިބާރާތް ކުރުމުގައި ހިސާބު އަދަދު ލިޔާ ނަމަ، 10އަށް ވުރެ ދަށުގެ ޢަދަދުތައް ލިޔާން ވާނީ ތާނައިންނެވެ. 10އަށް ވުރެ މަތީގެ އަދަދެއް ތާނައިން ލިޔުނު ކަމުގައި ވިޔަސް އެ އަދަދެއް ވިޔަ އަކުރުން ލިޔަންވާނެއެވެ.

8.    ދިވެހިރާއްޖެ އޮންނަ ފޮޅުވަތުގެ ވާތްފަރާތުގައި ސިޓީގެ ނަންބަރު ޖެހުމަށް ފަހު، ސިޓީގެ މުޚާޠަބުކުރާ ޢިބާރާތް ލިޔާނީ  މަދުވެގެން އެއް ފޮޅުވަތް ދޫކޮށްފައެވެ.

9.    ސިޓީގެ ދެ ފަރާތުން ކުރެ ފަރާތެއްގެ ހަވާސާ ދެ ސެންޓިމީޓަރަށް ވުރެ ހަނިކޮށްގެން ނުވާނެއެވެ.

10.       ސިޓީގެ މަތީ ހަވާސާ (ބިސްމިއަށް ވުރެ މައްޗަށް) ދެ ސެންޓިމީޓަރަށް ވުރެ ބޮޑުކޮށްގެން ނުވާނެއެވެ.

11.       ސިޓީގެ ތިރީ ހަވާސާ ދެ ސެންޓިމީޓަރަށް ވުރެ ކުޑަކޮށްގެން ނުވާނެއެވެ. ތިރީ ހަވާސާގައި އެ އިދާރާއެއްގެ ފޯނު ނަންބަރުތަކާއި މީސްމީޑިއާގެ މައުލޫމާތު ހިމެނިދާނެއެވެ.

12.       ބިސްމީގެ ފޮންޓު ސައިޒު ބަހައްޓާންވާނީ 12 އާއި 20 އާ  ދެމެދުގެ މިންވަރަކަށެވެ. (ސިޓީގެ ފޮންޓަށް ވުރެ ބިސްމި ފަލަކުރީމާ ބަލައިލާން ހުތުރވާނެއެވެ.)

13.       އާންމުކޮށް ދިވެހިބަހުގައި ބޭނުންކޮށްއުޅޭ ބޭރު ލަފުޒުތަކާއި، ކޮންމެހެން ބޭނުންކުރައްވާން ލާޒިމުވާ ލަފުޒުތައް ފިޔަވައި ބޭރު ބަސްބަހުގެ ލަފުޒުތައް ބޭނުންކުރައްވައިގެން ނުވާނެއެވެ. (މިއީ ސިޓީ ނޫނަސް ރަސްމީ ހަމަ ކޮންމެ ލިޔުމެއްގައި ވެސް ޢަމަލުކުރާން ޖެހޭ ގޮތެވެ. ގާނޫނުން ލާޒިމުކުރަނީ އެ ގޮތެވެ.)

14.       ކިޔާންޖެހޭ އިބާރާތެއްގެ ގޮތުގައި ތާރީޚެއް ލިޔާ ނަމަ ލިޔާނީ ފުރަތަމަ އަހަރު، ދެން މަސް، ދެން ދުވަސް، މި ތަރުތީބުންނެވެ.

މިސާލަކަށް: 2020 މާރިޗު 20ވަނަ ދުވަހުގެ ކުރީން، ނުވަތަ، 2020 މާރިޗު 23 ވާ އާދީއްތަ ދުވަހަށް، މި ގޮތްގޮތަށެވެ.

15.       ކޮންމެ ސިޓީއެއްގައި ވެސް ވެދުން ސަލާމުގެ އިބާރާތަށް ފަހު އާ ފޮޅުވަތެއްގައި އެ ސިޓީގެ މައުޟޫޢަކާ ގުޅޭ ގޮތުން އަރިމަތީ ސުރުޚީއެއް ލިޔުމަކީ ބޭނުންތެރި ކަމެކެވެ. (ސަބަބަކީ ސިޓީ ބަލައިގަންނަ މުވައްޒަފަށް މުޅި ސިޓީ ނުކިޔައި، އެ ސިޓީއެއް ޙަވާލުކުރާން ޖެހޭ ސެކްޝަނާ ޙަވާލުކުރާން ފަސޭހަވާނެތީއެވެ.)

16.       ދެ ޕެރެގްރާފުގެ ދޭތެރޭގެ ދުރުމިން، ދެ ފޮޅުވަތް ދޭތެރޭގެ ދުރުމިނަށް ވުރެ ދުރުވާން ވާނެއެވެ.

17.       އެއް ސަފުހާއިން ސިޓީ ނިންމައިނުލެވިއްޖެ ނަމަ، ސިޓީގެ ނިންމުން ގެންނަންވާނީ ސިޓީގެ ފަހު ސަފުހާއަށް ސިޓީގެ މައިގަނޑު މައުޟޫޢުގެ ބައެއް އަރާ ގޮތަށެވެ.

18.       ސިޓީގައި ތާރީޚު ޖަހާނީ ފުރަތަމަ ހިޖުރީ ތާރީޚެވެ. ހިޖުރީ ތާރީޚާ ދިމާ ތިރީގައި މީލާދީ ތާރީޚު ޖަހާންވާނެއެވެ. ތާރީޚު ޖަހާނީ ފުރަތަމަ ވިޔަ އަކުރުން ދުވަސް، ތާނައިން މަސް، ވިޔަ އަކުރުން އަހަރު މި ގޮތަށެވެ. މި ގޮތަށް ލިޔާ އިރު ލިޔާނީ ދެ ތާރީޚުގެ ދެމެދަށް ފޮޅުވަތެއް ދޫނުކޮށެވެ.

19. ރަސްމީ ކޮންމެ ލިޔުމެއް ވެސް ލިޔާންވާނީ ބަހުގެ ހަމަތަކާއި ގަވާއިދުތަކާ އެއް ގޮތަށްކަމަށް ވާތީ، ސިޓީ ވެސް ލިޔާންވާނީ ހަމަ މި ގޮތުގެ މަތީންނެވެ.

ނުކުތާޖެހުމާއި ލަފުޒު ދުރުކުރުމާއި ސުކުންނުޖެހުން:

ގިނަ މުވައްޒަފުންނަށް އެންމެ އުނދަގުލީ އަކުރުތަކުގައި ނުކުރާޖެހުމާއި ލަފުޒު ދުރުކުރުންކަމަށް ވާތީ، އެ ކަމުގައި ވެސް ފަސޭހަ ގޮތެއް ދަންނަވައިލާނަމެވެ.

(ހ) ނުކުތާޖެހުން.

ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ކޮންމެހެން ނުކުތާ ދޫނުކޮށް ހިފަހައްޓާން ޖެހޭ ތިން އަކުރެއްކަމަށް ގަވާއިދުގައި އޮންނަނީ ޚ، ޣ، ޝ މި ތިން އަކުރެވެ. މާނަ އަރައިރުން ނުވާނަމަ، އެހެން އަކުރުތަކުގައި ނުކުތާޖެހުމަކީ މިހާރު ގަވާއިދު ލާޒިމުކުރާ ކަމެއް ނޫނެވެ. ވީމާ ޙާޟިރީ، މުވައްޡަފު ފަދަ ލަފުޒުތައް މިހާރަކު ލިޔާނެ ގޮތެއް ވިސްނާކަށް ނުޖެހޭނެއެވެ. މުވައްޒަފު، ހާޒިރީ، ހަގީގަތް، ގައުމީ، ގަބޫލު ފަދަ ލަފުޒުތައް ނުކުތާ ޖަހާކަށް ލާޒިމެއް ނޫނެވެ. ނުކުތާ ޖަހާން ބޭނުން މުވައްޒަފަކަށް އެ ފުރުސަތު އޮންނާނެއެވެ. ޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޖަހާން ނުޖެހޭ ތަނެއްގައި ނުކުތާ ޖެހުމަށް ވުރެ ނުޖެހުން މާ ރަނގަޅުތާއެވެ. ނަމަވެސް ހަނދާން ބަހައްޓާން ޖެހޭ ކަމަކީ ޚ، ޣ، ޝ މި ތިން އަކުރު އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެކަމަށް ގަވާއިދުގައި އޮންނާތީ ޚާދިމުކުމް، ޝުކުރިއްޔާ، ޣާޒީ ފަދަ ލަފުޒުތަކުގައި ނުކުތާޖެހުން ލާޒިމެވެ. އަދި ޢަމަލު، އަމަލު، މި ދެ ލަފުޒުގެ މާނަ މާ ބޮޑަށް ތަފާތުވީމާ، ޢަމަލު ލިޔާން ޖެހޭ ތަނެއްގައި ނުކުތާ ނުޖަހައި [އަމަލު] މިހެން ލިޔެގެންނެއް ނުވާނެއެވެ.

(ށ) ލަފުޒު ދުރުކުރުން:

ލަފުޒު ދުރުކޮށް ލިޔުމަކީ ވެސް އެ ކަމަށް ޚިޔާލު ބަހައްޓާ މީހަކަށް އެއްވެސް އުނދަގޫ އުސޫލެއް ނޫނެވެ. ދިވެހިބަހުގެ ލަފުޒުތައް ބެހޭ އަށް ބައިގެ ތެރެއިން [އަކުރު] ފިޔަވައި އަނެއް ހަތް ބައި ކޮންމެ ހާލަތެއްގައި ވެސް ލިޔާނީ ދުރުކޮށްގެންނެވެ. އަކުރުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒަކާ މެހިގެންދާ ލަފުޒެއް ނަމަ، ހުރިހައި ޙާލަތެއްގައި ވެސް ލިޔާނީ ދުރުނުކޮށެވެ. (މިސާލު: އޮފީހެވެ. މަދަރުސާއެވެ.) އަދި ގިނަކުރުމަށް ޓަކައި ނުވަތަ އެ ނޫން ގޮތެއްގައި ވެސް ތަކުރާރުކުރާ ލަފުޒުތައް ލިޔާނީ ދުރުނުކޮށެވެ. (މިސާލު: ފޮތްފޮތް، އަތޮޅުއަތޮޅު، ކައިރިކައިރީގައި)

ހަމަ އެކަނި މި މިންވަރަށް ހަނދާން ބެހެއްޓިޔަސް ލިޔުމުގެ ވަރަށް ބޮޑު ބައެއް ހުންނާނީ ގަވާއިދާ އެއް ގޮތަށެވެ.

(ނ) ބައެއް ސުކުނުގެ ބަދަލުގައި އުބުފިލިޖެހުން:

ބޭރު ބަސްބަހުގެ ލަފުޒުތަކުގައި /އ/، /ތ/، /ޣ/، /ޢ/ ފަދަ އަކުރުތަކުގައި ސުކުންކުރާ ނަމަ، ކިޔާ އިރު، އެ ފަދަ ތަންތާނގައި އުބުފިލިޖެހުމަށް ފަހު އެ މީހަކު ބޭނުން ނަމަ ސުކުނުގެ އަޑުން ކީދާނެތާއެވެ. އެ ފަދަ ތަންތާނގައި ސުކުންކުރީމާ ދިވެހިބަހުން ކިޔާ ގޮތް ތަފާތުވާތީ އޮޅިދާނެކަމަށް ޓަކައި މި ގޮތަށް ޢަމަލުކުރާންޖެހެނީއެވެ. ވީމާ، މި ދަންނަވާ ފަދަ ލަފުޒުތަކުގައި ރަނގަޅުވާނީ ސުކުނުގެ ބަދަލުގައި އުބުފިލިޖެހިއްޔާއެވެ. (މިސާލަކަށް: ނޯތު، އެލިޒަބަތު، މައުޒޫނު، މައުމޫން، ތަޢުލީމު، އިޢުލާނު، މަޣުރިބު، ވަޟުޢީ)

އަޅުގަނޑު މި މަގާލުގައި މި ދަންނަވައިލީ ވަރަށް އަސާސީ މިންވަރަކަށެވެ. މިއީ ތަފުސީލުކޮށް ލިޔާ ނަމަ، ދިގު ފޮތެއްގައި ނޫނީ ނުލިޔެވޭނެ ވާހަކަތަކެއްކަމަށް ވާތީ، މިހައި މިންވަރަށް ލިޔެ މި ވަގުތުން ނިންމައިލާނަމެވެ. ނަމަވެސް މި މަގާލުގައި މި ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އާންމުކުރައްވައިފައި ހުރި ގަވާއިދާއި ހަމައާއި އުސޫލުކަން ފާހަގަކުރެއްވުން އެދެމެވެ. އަޅުގަނޑަށް ފެނިގެން އަޅުގަނޑު އެކަށައެޅި އުސޫލެއް ނޫނެވެ. ޢަމަލުކުރެއްވުމާއި ނުކުރެއްވުމަކީ އަދި ގަބޫލުކުރެއްވުމާއި ނުކުރެއްވުމަކީ ވިދާޅުވާ ބޭފުޅުންގެ ކަމެކެވެ. ނިންމައިލަމުން ވެސް އަޅުގަނޑު ފާހަގަކޮށްލާން އުޅުނު އެންމެ މުހިންމު ނުކުތާ ދަންނަވައިލާނަމެވެ. ސިޓީގައި ތައްގަނޑުޖަހާކަށް ނުޖެހޭނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

މަގާލު     ނ.     ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

މީޔާރު     ނ.     (1) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމު ހަމަ.

މީޔާރު    ނއ.     އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.

ލަގަބު    ނ.     ލިބިފައިވާ މަޤާމަކާ ނުވަތަ ހޯދައިފައިވާ ޝަރަފަކާ ގުޅޭ ގޮތުން ނުވަތަ ޙާޞިލްކުރި ސަނަދަކާ ގުޅޭ ގޮތުން މީހެއްގެ ނަމުގެ ކުރިޔަށް ލާ ނަމެއް.

ކޮމެންޓު