އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
19 މޭ 2025
ބިނާކުރަނިވި ފާޑުކިޔުމުގައި ހިމެނޭ އަސާސުގެ ތެރޭގައި ހާރޫނުގެފާނު އެކަލޭގެފާނުގެ ކޮއްކޯފުޅު މޫސާގެފާނަށް ވިދާޅުވި ބަސްފުޅު ވެއެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި މި ބަސްފުޅަކީ ((لَا تُشْمِتْ بِىَ ٱلْأَعْدَآءَ - الأعراف : 150 – މާނައީ : ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް ޢަދާވަތްތެރިން އުފާކުރިޔަ ނުދެއްވާށެވެ!))
މި ބަސްފުޅުން އެނގެނީ ބިނާކުރަނިވި ފާޑުކިޔުމުގެ މުހިއްމު ކަމެވެ. ތިބާ ކިޔާ ފާޑުކިޔުމަކީ ދީނުގެ ދުޝްމަނުންނަށް ދެވޭ ހަދިޔާއަކަށް ވެގެން ނުވާނެއެވެ.ތިބާގެ ތިމާގެ މީހަކާ ދެކޮޅަށް ކިޔާ ފާޑުކިޔުން، އޭނާގެ ޢަދާވަތްތެރިޔާއަށް ދެވޭ އިނާމަކަށް ވެގެން ނުވާނެއެވެ.
މިހާރަކަށް އައިސް ކުރިމަގަށް ޓަކައި ރޭވޭ މަޝްރޫޢުތަކާ ދެކޮޅަށް ފާޑުކިޔުމަކީ ވަރަށް ޢާންމު ކަމެކެވެ.މި ފަދަ މަޝްރޫޢުތަކާ ދެކޮޅަށް މަލާމާތުގެ ކޮމެންޓުތައް ކޮށް ގައުބުރިތައް އުކުމަކީ ފެތުރެމުންދާ ނުބައި ބަލިމަޑުކަމެކެވެ. ބައެއް މީހުންގެ ގާތުގައި އެއީ "ނަފުސާނީ" ކަމެކެވެ. ކާމިޔާބު މަޝްރޫއެއް ހަމަ ފެންނައިރަށް އެއަށް މަލާމާތްކޮށް ކޮމެންޓުކުރަން ފަށާނެތެވެ. މަޝްރޫޢުގެ ގާފޮޅާ ހަމައިން ވައްޓައިލައި ބިމާ ހަމަކުރެވޭތޯއެވެ.
މިއަދު މި ކަން އޮތީ "ޔޯލަވާހަކަ"އިގެ ތެރޭގައި އެކަންޏެއް ނޫނެވެ. މި ކަންކަން ވަނީ ދާދިވަރުގެ ދުނިޔެއަށް ނުކުމެފައެވެ. މީސްމީޑިއާގެ މަންސަތަކުގައި މި "ރޯގާ" ގެ ވަކިތައް ވަނީ ވަރަށް ބޮޑަށް ހިއްޕައިލައިފައެވެ. "ވަންހަނާ ފާޑުކިޔުން" ގެ ފަރުދާ ތެރޭގައި ފާޑުކިޔުމުގެ މަސައްކަތް ވަރަށް "އަރާމު" ގައި ތިބެގެން ކުރަމުންދާ ތަން ފެނެއެވެ. "ޒިންމާދާރުކަމެއް ނެތް ތަޙުލީލުތައް" ކުރަމުންދެއެވެ. މި ހުރިހައި ކަމެއް ކުރަނީ "ހެޔޮ ނިޔަތު"ގެ ދިދައިގެ ދަށުގައޯލައެވެ. "މަޞްލަޙަތު ރައްކައުތެރިކުރުން"ގެ ދަހިވެތިކަމުގައޯލައެވެ. މި ނަންބޯޑުތަކުގެ ދަށުން ޔޯލަ ވާހަކަތައް ފޭދިގެން ފެތުރިގެންދަނީ މަޝްރޫޢުތަކުގެ ބާރު ވަރުގަދަކުރުމަށް ބޭނުންވާ "ނަޒައްރިއްޔާތީ މާގަ" އޮޅުވައިލައިގެންނެވެ. ޝަރްޢީ ރިވެތި ބަސްތަކުން ޖަރީކޮށްގެންނެވެ. ފާޑުކިޔަނީ ދޭހަކޮށްގަތުމަށް ބުރަ އުފުލުމެއްނެތިއެވެ. ފާޑުކިޔުމުގައި ހުންނަ މަންހަޖުގެ އުނިކަމަށް ބަހަނާދެއްކުމަށް ޓަކައި "ހެޔޮ ނިޔަތް" ފުދިގެންނުވެއެވެ.ހެޔޮކަމަށް ގޮވައިލާ މުރީދުންގެ ތެރެއިން ކިތައް މީހުން އަމާޒަށް ވާޞިލުނުވެ ބެހިގެންގޮސްފައިވޭހެއްޔެވެ؟ ކިތައް ވަސޭހަތްތެރީންނާއި ނަސޭހަތްތެރީން މީހުން އިސްލާޙުކުރުމުގެ ބަދަލުގައި ކަންކަން އޮޅުވައިލައިފައިވޭ ހެއްޔެވެ؟
ފާޑުކިޔުމުމަކީ އޭގެ ޒާތުގައި ނުރަނގަޅު ކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ޟަރޫރީކަމެއް ވެސްމެއެވެ.މަސްއަލައަކީ ފާޑުކިޔުން "ނަފުސާނީ ޝަހްވަތް" އަކަށް ބަދަލުވުމެވެ. މަޝްރޫޢުގައި ހިމެނޭ "އުނި ބާގަނޑުތައް" ވަޒަންކުރުމަށް ޓަކައި ބޭނުންކުރާ މީޔާރަކަށް ވުމެވެ. މަޞްލަޙަތަށް ބެލުމެއްނެތިއެވެ. އެކަމަށް ޓަކައި ކުރެވުނު މަސައްކަތުގެ އަގުވަޒަންކުރުމެއް ނެތިއެވެ. އެކަމުގައި ﷲގެ މަންހަޖެއް ވެސް ނެތެވެ. ޢިލްމީ އަޚްލާޤެއްވެސް ނެތެވެ.
މި ޒަމާނަކީ ބަހުގެ ދުވެލި ބާރު ޒަމާނެކެވެ.ޚިޔާލު ފާޅުކުރުމުގެ މައިދާން ފުޅައުވެފައިވާ ޒަމާނެކެވެ. އެހެނަސް ބައެއް މީހުންގެ ކާމިޔާބީތައް ތަޙައްމުލުކުރެވޭ ވަރަށް ވުރެ ހިތްތައް މާ ނުތަނަވަހެވެ. ފާޑުކިޔުމުގެ ވިހަ ޖަރާސީމުތައް ބާރުގަދަވެ، ބަލިމަޑުކަން ފަތުރަމުންދަނީ މިހެންވެގެންނެވެ. "ވަޒަންކުރުމުގެ" ނަމުގައި ކުރިއަސް، ތަރައްޤީކުރުމުގެ ފޭރާމުގައި ކުރިއަސް އެއީ ޙަސަދަވެރިކަމުގެ ވަށަލައިގެ ތެރޭގައި އޮތް ކަމެކެވެ. ކީރިތި ޤުރްއާނުގައި މި މަންޒަރު ކުރައްސަވައިދެއްވައިފައިވާ ގޮތަށް ބަލާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى- طه : 94- މާނައީ : އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، إسرآءيل ގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު انتظار އެއް ނުކުރައްވަމުއެވެ.)) މިއީ ފާޑުކިޔުންތެރީންނަށް މާތް ﷲ ދެއްވައިފައިވާ އިލާހީ ދަރުސެކެވެ. ﷲގެ ރަސޫލެއް ކަމުގައިވާ މޫސާގެފާނު ﷲގެ ޙަޟުރަތުގައި ދުވަސްކޮޅަކު ހޭދަކުރެއްވުމަށް ފަހު ގައުމުގެ މީހުންގެ ގާތަށް ވަޑައިގެންނެވި އިރު އެމީހުން ތިބީ ﷲގެ ދީނުން ބޭރުވެ ކުރީގެ ޙާލަތަށް ބަދަލުވެފައެވެ. މޫސާގެފާނު މި ކަމާހެދި ﷲގެ ވަޖްހުފުޅަށް ޓަކައި ކޯފާވިއެވެ. އަދި އެކަލޭގެފާނުގެ ބޭބޭފުޅު ހާރޫނުގެފާނަށް މަލާމާތް ރައްދުކުރެއްވިއެވެ. މޫސާގެފާނު ދެކެވަޑައިގަތް ގޮތުގައި އެ ކަމުގައި ހާރޫނުގެފާނުގެ ވަރަށް ބޮޑު އިހްމާލެއް އެބަ އޮތެވެ.ހާރޫނުގެފާނު ޖަވާބުދެއްވި ގޮތަށް ނިކަން ބަލައިބަލާށެވެ! އެކަލޭގެފާނުގެ ނަފްސު ދިފާޢުކުރައްވާކަށް މަސައްކަތެއް ނުކުރައްވައެވެ. އަދި އެމީހުންގެ މި ނުބައި ޢަމަލަށް ބަހަނާއެއް ދައްކަވާކަށް ވެސް މަސައްކަތެއް ނުކުރައްވައެވެ.އެކަލޭގެފާނުގެ ބަހަނާއަކަށް ހެއްދެވީ " ގައުމު ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. " އެކަލޭގެފާނު އެދިވަޑައިގަތީ " ލިބިވަޑައިގެންނެވި ދެރަޔަށް ޢަދާވަތްތެރިން އުފާކުރިޔަ ނުދެއްވުމަށެވެ." އަލްއިމާމުއްސަޢުދީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ. ((وكادوا يَقْتُلونَني - الأعراف : 150 - އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ.)) އެބަހީ އަޅުގަނޑު ފަރުވާކުޑަކުރިކަމަށް ނުބައްލަވާށެވެ! އެއަށް ފަހު ވިދާޅުވިއެވެ. ((فلا تُشْمِتْ بيَ الأعداء – الأعراف : 150 - މާނައީ : ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް ޢަދާވަތްތެރިން އުފާކުރިޔަ ނުދެއްވާށެވެ!)) މި ބަސްފުޅުގެ މާނައަކީ " ދުޝްމަނުން އަބަދު ވެސް އަޅުގަނޑުގެ ކިބައިން ކުށެއް ފެނޭތޯ ތިބެނީ ބަލާށެވެ.)) ވީމާ ((وَلَا تَجْعَلْنِى مَعَ ٱلْقَوْمِ ٱلظَّٰلِمِينَ - الأعراف : 150 - މާނައީ : އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ!)) މާނައަކީ އެމީހުންނާ މެދު މުޢާމަލާތު ކުރައްވާ ގޮތަށް އަޅުގަނޑާ މެދު ކަލޭގެފާނު މުޢާމަލާތު ނުކުރައްވާށެވެ!
އަޅުގަނޑުމެންގެ ނާސިހުންނާއި ވާސިހުން، ވާޢިޡުންނާއި ޚަޠީބުން ދީނުގެ ދުޝްމަނުންނަށް ފުރުޞަތު ނުލިބޭ ގޮތަށް ފާޑުކިޔުމަށް އިސްކަންދޭކަށް ނުވޭހެއްޔެވެ؟ ރިވެތި އަޚުލާޤުގެ ތިލަފަތުން ބަސްކިރުވުން ކިހިނެއް ވާނެހެއްޔެވެ؟ ޝައްކުއުފައްދާ މީހުންގެ އަނގަތެރެއަށް ލައިދެވޭ އެއްޗަކަށް މުޞްލިޙުންގެ ކުށްތައް ނަހަދަމާ ހެއްޔެވެ؟ އިތުބާރުގެ ފާލަން ހަލާކުކޮށްނުލައި ޙައްޤަށް ނަޞްރުދޭ ބަޔަކަށް ވަމާ ހެއްޔެވެ؟ އިޞްލާޙުކުރުން ފަރުޟެއް ކަމުގައިވާ އިރު އިޞްލާޙުގެ މަސައްކަތުގައި "ރިވެތި ބަހުން ބަޔާން"ކޮށްދިނުމުގެ އަދަބަކީ ވެސް ހަމަ ވާޖިބެކެވެ.
ފާޑުކިޔުން ބިނާކޮށްދޭ ދަންމަރަކަށް ހަދާށެވެ! ރޯކޮށް އަންދާ ދަރުގަނޑަކަށް ނަހަދާށެވެ!
ބައެއް ލަފުޒުގެ މާނަ:
ޚަޠީބު ނ. (1) ޚުޠުބާ ކިޔާ މީހާ. (2) ހުކުރުނަމާދުގެ އިމާމު.
ނަޒަރިއްޔާތު ނ. (1) ޢިލްމީ ގޮތުން ޤަބޫލުކުރެވޭ އާންމު އުސޫލު. (2) ދެކޭ ގޮތް. (3) އުޞޫލު
ނާސިޙު ނ. ނަސޭޙަތްދޭ މީހާ
އަރާމު ނ. ހަށިގަނޑަށް ލިބޭ ހަމަހިމޭންކަމާއި ފަސޭހަކަން.
ވާޢިޒު ނ. ދީނީ ނަސޭޙަތްދޭ މީހާ
ވާސިހު ނ. ވަސޭހަތްދޭ މީހާ
މާގަ ނ. މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް.
ޚަޠީބު ނ. (1) ޚުޠުބާ ކިޔާ މީހާ. (2) ހުކުރުނަމާދުގެ އިމާމު.