އިސްމާޢީލު މުބާރަކު
20 މޭ 2025
(އިއްޔެގެ ނޫހާ ގުޅޭ)
1967ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުގެ ޖިއޮގްރަފިކަލް އަދި އިގްތިސާދީ ސަރަހައްދު ފުޅާވުމުގެ އިތުރަށް، ހިފައިފައިވާ ސަރަހައްދުތަކުގެ އިގުތިސާދު، އިސްރާއީލުގެ އިގުތިސާދާ ގުޅުވައި، އެ ގައުމުގެ އުފެއްދުންތަކަށް އާ މާރުކޭޓުތައް ހުޅުވައި، އިގުތިސާދީ މަޝްރޫއުތަކުގައި ގިނަ އަދަދެއްގެ އަގުހެޔޮ އަރަބި ލޭބަރުން ވަޒީފާއަދާކުރުން ހިމެނެއެވެ.
1970ގެ އަހަރުތަކުގައި އިސްރާއީލު ސަރުކާރުން އިގުތިސާދީ ތަދުބީރެއް އެކުލަވައިލިއެވެ. 1956ވަނަ އަހަރުގެ ހަނގުރާމައަށް ފަހު، އިސްރާއީލުން ނިކުތީ ދިގު މުއްދަތުގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށެވެ.
އޭގެ މައިގަނޑު މަގުސަދަކީ ލާދަ %23 ދަށްކޮށް، އެކްސްޕޯޓު %20 އިތުރުކުރުމެވެ.
ވިޔަފާރީގެ ޑެފިސިޓް 200 މިލިއަން ޑޮލަރަށް ކުޑަކުރުމާއި، އުޖޫރަ ޕްރީމިއަމް މަތި ނުކުރުމާއި، ފުރިހަމަ ވަޒީފާ ދެމެހެއްޓިފައި އޮތްއިރު ވަޒީފާ ލަސްކުރުމާއި، އަގުތައް %20 މަތިކުރުން ހިމެނެއެވެ
އިގުތިސާދީބަޣާވާތުގެ ނަމުން ނަންދެވިފައިވާ މި ތަދުބީރުގައި ހިމެނެނީ:
(1) ބޭރު ފައިސާގެ ކޮންޓްރޯލްތައް އުވާލުން.
(2) ލީރާގެ އެކްސްޗޭންޖް ވެލިއު ފްލޯޓްކޮށް 44 ޕަސެންޓް ދަށްކުރުން.
(3) އެކްސްޗޭންޖް ވެލިއު ސްޓޭންޑަރޑައިސްކުރުން.
އިސްރާއީލްގެ ސިމްހާ އެރްލިޗް އިއުލާން ކުރެއްވި ގޮތުގައި އާ އިގްތިސާދީ ޕްލޭންގެ ސަބަބުން އިސްރާއީލަކީ މެދުއިރުމަތީގެ ސްވިޒަލެންޑަކަށް ވެގެންދާނެ އެވެ.
އެހެންކަމުން މެދުއިރުމަތީގެ ޙިއްސާގެ ބާޒާރެއް އުފެދިއްޖެ ހާލަތެއްގައި އެމީހުންނާއި އަރަބި ގައުމުތަކާ ދެމެދު ވިޔަފާރީގެ މުޢާމަލާތު ކުރުމުގެ
އެއްބާރުލުން ހޯދުމަކީ މިކަންކަމުގެ ބިންގާ ކަމަށް އިސްރާއީލުން ދެކެ އެވެ. އަރަބި ދުނިޔެ އަކީ އެމީހުންގެ އިގްތިސާދީ އުންމީދުތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
އެހެންނަމަވެސް އިސްރާއީލުގެ މުދަލާއި އުފެއްދުންތަކަށް އަރަބި މާކެޓްތައް ހުޅުވާލުމަކީ އިސްރާއީލުގެ ސިނާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރަން ފެށި ދުވަހުން ފެށިގެން އަބަދުވެސް އިސްރާއީލުގެ މީހުންނަށް ޙާޞިލްކުރާން އުނދަގޫ ހުވަފެނެކެވެ.
އެމީހުން ވިޔަފާރީގެ މުޢާމަލާތުކުރުމާއި އަރަބި މާކެޓްތައް ފަތަޙަކުރުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެނީ، ބޭރުގެ އެހީއަށް ބަރޯސާވުން މަދުކޮށް، އިގުތިސާދީމިނިވަންކަމާ ގާތަށް ދިއުމަށްޓަކައެވެ.
އަރަބި ގައުމުތަކާއެކު ސިނާއީ އެއްބާރުލުން ދިނުމުގެ އިސްރާއީލުގެ ތަސައްވުރަކީ އިސްރާއީލުގެ ސިނާއަތާއި އާންމުކޮށް އަރަބި ސިނާއަތާ ދެމެދު މިހާރު އޮތް ތަފާތު އަސްލަކަށް ބަލައިގެންނެވެ . އިސްރާއީލުގެ މީހުން ދެކެނީ އަރަބި ސިނާއަތަކީ ފަހަތަށް ޖެހިފައިވާ އަދި އެމީހުންގެ ސިނާއަތާ ވާދަ ނުކުރެވޭ ސިނާއަތެއްގެ ގޮތުގައެވެ.
މިޞްރާއި އިސްރާއީލުގެ ސުލްޙަވެރިކަމުގެ މުޢާހަދާގައި ތެޔޮ ދަނޑުތައް މިޞްރަށް އަނބުރާ ގެންދިއުމުގެ މުހިންމުކަން ކަނޑައެޅި ނަމަވެސް، މުޅި މިޞްރުގެ ތެލަށް ވެސް ތެޔޮ ވަޅު އުފެއްދުން ކުރިއަށް ގެންދިއުމަށް އިސްރާއީލުން ޝައުޤުވެރިވިއެވެ.
އިސްރާއީލް ގެ މޫޝޭ ޒަންބަރު: މިޞްރުގެ މީހުންގެ އަތުން އަޅުގަނޑުމެންނަށް ބޭނުންވާ އަސާސީ އުފެއްދުމަކީ ތެޔޮ، އަދި އޭގެ މާނައަކީ ހަމައެކަނި ސިނާއީ ތެލެއް ނޫނެވެ. އެއީ އާންމުކޮށް މިޞްރުގެ ތެލެވެ.
އަނެއްކޮޅުން ފެނާއި ދަނޑުވެރިކަމުގެ ކަންކަމާ ބެހޭ އިސްރާއީލުގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި އިސްރާއީލަށް ފެނުގެ ނުރައްކާތެރި ދަތިކަމެއް ކުރިމަތިވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އިސްރާއީލްގެ ފެނާ ބެހޭ ވަޒީރު އެލީޝާ ކާލީ ހާމަކުރެއްވި ގޮތުގައި މިއަދު އިސްރާއީލުގެ އެންމެނަށް ފެން ފޯރުކޮށްދިނުމަކީ ކަށަވަރު ކަމެއް ނޫނެވެ.
އެ މީހުން ބަޔާން ކުރާ ގޮތުގައި އިސްރާއީލްގެ ސަރަޙައްދުތަކުގައި، ފެނުގެ ސިޔާސަތަށް ވަގުތުން ވަގުތަށް ބަދަލެއް ނާންނަ ނަމަ، އެއީ މުސީބާތެއްގެ ގޮތުގައި ކުރިމަތިވެދާނެ ކަމެކެވެ. މި މުސީބާތުގެ އަލީގައި އިސްރާއީލުގެ ސަމާލުކަން އަރަބި ކަނޑުގެ ސަރަހައްދުތަކަށް އަމާޒުވިއެވެ.
އުރުދުން ކޯރުގެ ފެން ތިބްރީސް ކޯރަށް ފޭބުމުގެ ކުރިން އިސްރާއީލާ ދިމާއަށް އަނބުރައިލާ ގޮތް ހެދިއެވެ. އޭގެ އިތުރަށް ލިޓާނީއާއި ހަސްބާނީގެ ފެން ބޭނުންކޮށް، ނީލަކޯރުގެ ފެން ވެސް އިސްރާއީލަށް ލިބޭނެ ގޮތް ހެދުމަށް ޓަކައި ވާހަކަދެކެވެމުން ދެއެވެ.
މިއީ އިސްރާއީލުގެ އިގުތިސާދީ ބައެއް އުންމީދުތަކެވެ. ދާދި ފަހުން ބައެއް އަރަބި ގައުމުތަކާ އެކު ތަސްދީގުކުރި ހާދިސާތަކާއި އެއްބަސްވުންތަކާއި، މެދުއިރުމަތީގެ ބާޒާރެއް ގާއިމްކުރުމަށް ފުޅާ ދާއިރާއެއްގައި ގޮވައިލުމާއި، އިސްރާއީލުގެ އުފެއްދުންތައް ބައެއް އަރަބި ގައުމުތަކަށް އެކްސްޕޯޓްކުރުމަކީ މި އުންމީދުތަކުގެ ހެތްކެކެވެ. ޢަރަބި ޤައުމުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ގޮސް ޢަރަބީން އިސްރާއީލަށް އޮޅުކުރާން އެބަ މަސައްކަތްކުރެއެވެ. ސީރިޔާގެ އިންޓެރިމް ރައީސް އެއްގެ ގޮތުގައި ހުރި ކުރީގެ އަލްޤައިދާގެ އިސްވެރިޔާ ވަނީ މި ކަމަށް ފެހި ސިގްނަލްދީފައެވެ.
ޔަހޫދީންގެ ޚަންޖަރު
އިސްރާއީލުގެ ދާއިމީ އަމާޒަކީ މެދުއިރުމަތީ ސަރަހައްދު މޮނޮޕޮލިސްކުރުމާއި، އަރަބިންގެ ޙާޒިރީ ނައްތާލުމާއި ނުވަތަ ޢަރަބީންގެ ބިންތަކުން ޢަރަބީން ނެރުމެވެ.
މީލާދީން 1957ވަނަ އަހަރުގެ ކުރީކޮޅު، އިސްރާއީލުގެ ދުޝްމަނު ޢަރަބީންނަށް އެ މީހުންގެ މަޤްޞަދު ޙާޞިލްނުވެ އަނބުރައި އައިކޮޅަށް ދާން މަޖުބޫރުވުމުން، އެ މީހުންގެ އަމާޒުތައް ހާސިލުނުކުރެވުނުކަން ދުނިޔެއަށް ސާފުވިއެވެ.
އެ ގޮތަށް އެ ކަންވީ އެއީ ބައިނަލްއަޤްވާމީ ޙާލަތްތަކާއި އިސްތިޢުމާރީ އުންމީދުތަކުގެ ނަތީޖާއެކެވެ. ތިން ކަމެއް އެއިން ނުކުތެވެ. އެއީ:
1- އޭރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުރި އައިޒޮންހަވާ ޔަހޫދީ ބެން ގުރިއަންއަށް ވައުދުވީ، ދިހަ އަހަރުގެ ތެރޭގައި އިސްރާއީލުގެ މައްސަލަތައް ހައްލުކުރާނޭކަމަށެވެ .
2 - އޭރު އަރަބި ދުނިޔޭގައި ފަރަންސޭސި ވިލާތް އޮތީ އިސްތިޢުމާރީ ދައުރެއް އަދާކުރުމުގައެވެ. ފަރަންސޭސީން އެ މީހުން ހިފައިގެން ތިބި ބިންތަކުގެ ބާރު ބައިމަދު ޝީޢީންނަށް ދީ، ފަހުން ވެސް ޢަރަބި ދުނިޔޭގައި ފިތުނަ އުފެދޭ ގޮތަށް ކަންކުރިއެވެ.
3 - އިނގިރޭސިވިލާތާއި އެމެރިކާގެ މަސްލަހަތު ގުޅި ލައިމެހިފައި ވަނީ ޞިހުޔޫނިއްޔަތުގެ މަސްލަހަތާއެވެ. އެކަން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
ހަގީގަތުގައި އިސްތިޢުމާރީ ހަތަރު ބައި(ކަމުގައިވާ - ފަރަންސޭސި ވިލާތާއި އިނގިރޭސިވިލާތާއި އެމެރިކާއާއި އިސްރާއީލު)ގައި - ވަކިވަކި މަސްލަހަތުތަކެއް އެއް ބަޔަކު އަނެއް ބަޔަކަށް ހުރިކަމުގައި ވިޔަސް، އެ އެންމެންގެ ވެސް އާންމު އެއް މަސްލަޙަތަކީ އެއީ އަރަބި އެއްބައިވަންތަކަން ނައްތައިލުމާއި އަރަބި ސަރަހައްދު ކޮންޓްރޯލުކުރުމެވެ.
ޞިހުޔޫނީންގެ ވަހުމުގައި ޢަރަބިންނަކީ ފަހަތަށް ޖެހިފައިވާ ކުރީ ޒަމާނުގެ ބަދަވީންގެ ޤައުމުތަކެކެވެ. މި ވިސްނުމުގެ މައްޗަށް ބިނާކޮށް، އެ މީހުން އަމިއްލައަށް ނިންމައިފައިވާ ގޮތަކީ، އެ ސަރަޙައްދުތަކުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމާއި، އެމީހުން ނައްތައިލުމާއި، ނުވަތަ އިސްތިޢުމާރުކުރުމެވެ.
އެހެންކަމުން އެ މީހުން ގަބޫލުކުރާ ގޮތުން އަޚުލާޤީ މިންގަނޑަކީ ދުނިޔޭގެ ބިމުގައި އިންސާނުންގެ ހަމަހަމަކަން ޤަބޫލުކުރުމެއް ނޫން ކަމާއި، އޭގެ ބަދަލުގައި އެއީ ނާޒީ ނަސްލީ ނަޒަރިއްޔާތަށް ބަލާ އިރު، މޮޅު ރައްޔިތުންނާއި ދެރަ ރައްޔިތުން ވަކިކޮށް، އެ މީހުން ގިންތިކުރުމެވެ.
މި ކަން އިސްރާއީލް ފާޅުކުރާ ތަދުބީރުތަކުން ދުނިޔެއަށް ވަރަށް ރަނގަޅަށް ސާފުވެއެވެ. ޢަރަބީންނަށް ކުރިމަތިލާން ޖެހިފައިވާ ދުޝްމަނަކީ ހަމައެކަނި މީގެ އަހަރުތަކެއް ކުރީން އިސްރާއީލުގެ ނަމުގައި ފަލަސްތީނުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒެއް ނޫނެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ކެޕިޓަލިސްޓް މޮނޮޕޮލީތައް އެއްކޮށްލައިގެން އުފެދިފައިވާ ޖަމާޢަތެކެވެ.
[ދަ ޑޭގަރ އޮފް އިޒްރޭލް] (އިސްރާއީލުގެ ޚަންޖަރު)އަކީ އިންޑިއާގެ ލިޔުންތެރިއެއްކަމަށްވާ އާރް. ކޭ. ކަންޖަނާ، ލިޔުއްވި ފޮތެކެވެ. އޭނާ އިސްރާއީލު ސިފަކުރެއްވީ އަރަބި ދުނިޔޭގެ ކަރަށް ހެރިފައިވާ ޚަންޖަރެއްގެ ގޮތުގައެވެ .
މި ފޮތް (އިސްރާއީލުގެ ޚަންޖަރު) މިހާރު ކޮންމެހެން ތަޢާރަފް ކުރާން ނުޖެހޭ، ސަބަބަކީ، މީލާދީން 1967ވަނަ އަހަރުގެ ޖޫން މަހުގެ އަނިޔާވެރިކަމުގެ ކުރީން މި ފޮތް ފުޅާ ދާއިރާއެއްގައި މަޝްހޫރުވެގެން ދިޔައެވެ. އޭގައި އެކުލެވިގެންވާ ވާހަކަތައް ގުޅިފައިވަނީ 1967ވަނަ އަހަރުގެ ޢުދުވާނުގެ ތެރޭގައި އިސްރާއީލުން ހާސިލްކުރި ކަންކަމާއި، އޭގެ ފަހުން ހިނގި ކަންތައްތަކާއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މީލާދީން 6 އޮކްޓޯބަރ 1973ގެ އަރަބި އިސްރާއީލް ހަތަރުވަނަ ހަނގުރާމައާއެވެ. ދެން މީލާދީން 1979ވަނަ އަހަރުގެ ކުރީކޮޅު މިޞްރާއި އިސްރާއީލުގެ މުޢާހަދާއާއި، އެ ދުވަސްވަރު މި ސަރަޙައްދަށް އައި ގިނަ ބަދަލުތަކެވެ.
ފަލަސްތީނުގެ މައްސަލައަކީ އަރަބި ދާޚިލީ ބަލިކަށިކަމުގެ ތެރެއިންނާއި މުސްލިމުންނާއި ޢަރަބީން ބައިބައިވުމުގެ ތެރޭން އުފެދިފަވާ ބަލިކަށިކަމުގެ ތެރޭން ހަކަތަ ލިބިގަނެގެން އޭގެ ވުޖޫދު ޤާއިމްކޮށްފައިވާ މައްސަލަ އެކެވެ. އެ ކަމްޒޯރީކަން ކޮންމެ ގޮތެއް ހަދައިފައިވެސް ދެމެހެއްޓުމަކީ އިސްރާއީލް ވުޖޫދަށް ގެނެސްދިނުމުގައި އެހީތެރިވެދިން ބާރުތަކުން ކުރަމުން ގެންދާނެ ކަމެކެވެ. ނަމަވެސް މި ބަލިކަށިކަމާއި ކަމްޒޯރީކަމަކީ ދާއިމަށް ދެމިއޮންނާނެ ކަމެއް ވެސް ނޫނެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މި ފަދައިން ވަޙީ ކުރައްވައިފައިވެއެވެ.
} وَحَرَامٌ عَلَىٰ قَرْيَةٍ أَهْلَكْنَاهَا أَنَّهُمْ لَا يَرْجِعُونَ{ (ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ އަހުލުވެރިން އެނބުރި ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވައިފައިވެއެވެ.) (الأنبياء: 95)
}حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ{ (ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ.) (الأنبياء - 96)
ޖެރޫސަލަމަކީ ދެ ފަހަރެއްގެ މަތީން ހަލާކުކުރެއްވި ރަށެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ތިންވަނަ ފަހަރަށް ވެސް ޔަހޫދީން އެ ތަނަށް ވަދެއްޖެކަން އެނގެއެވެ. އެކަން އެނގެނީ ކީރިތި ޤުރުއާނުގައި }وَإِنْ عُدْتُمْ عُدْنا{ މިހެން އަންގަވައިފައި ވާތީއެވެ. މާނައީ: ތިޔަބައިމީހުން ބިމުގައި ފަސާދަ ކުރުމައިގެން އެ ރަށަށް އެނބުރި އަތުވެއްޖެ ނަމަ ތިމަން ﷲ ތިޔަބައިމީހުންނަށް އަޒާބް ދެއްވުމައިގެން އެނބުރި ވޮޑިގަންނަވާނަމެވެ. (سورة الإسراء: 8)
އެ މީހުން ފަސާދަކުރުމައިގެން އެތަނަށް ވަދެއްޖެ ކަން މިއަދު ނޭނގޭ އެކަކުވެސް ނުހުންނާނެއެވެ.
މުހިންމު ނުކުތާ އަކީ ޔައުޖޫޖު މައުޖޫޖު ފާޅުކުރެއްވުމުގެ ކުރީން އެ މީހުންނަށް އެ ރަށަކަށް ނުވަދެވޭނެކަން ﷲ ބަޔާންކުރައްވައިފައިވާކަމެވެ. އެ މީހުން އެ ތަނަށް ވަނުމުގައި ޔައުޖޫޖު މައުޖޫޖު ފާޅުވުމުގެ ޓައިމްލައިން ބަޔާންވެފައި ވާކަމެވެ. އުސް ތަންތަނުން ފޭބުމުގެ މުރާދަކީ ދުނިޔޭގެ މަތީން ފެށިގެން ތިރިއަށް ބާރު ހިންގާ ގޮތުގައި އެ މީހުން ވުޖޫދުވުމެވެ. ކަނޑާއި ވަޔާއި ޖައްވުގައި މިއަދު އޮތީ ޖެރޫސަލަމަށް އެމީހުން ވެއްދި މީހުންގެ ބާރެވެ. ޖެރޫސަލަމަކީ ދެ ފަހަރަށް ހަލާކުކުރެއްވިކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާ ރަށެވެ. (والله اعلم)
އިސްލާމްދީނާއި މުސްލިމުންނަށް ނަޞްރާއި މަތިވެރިކަން ލިބޭނެ ދުވަހެއް އަންނާނެއެވެ.‘ޙައްޤު ފާޅުވެ ބާތިލް ނެތި ގެންދާނެއެވެ.
}وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا{ (އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދު ގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައި ވެއެވެ.) (سورة الإسراء: 81)
(ނިމުނީ)
ލަފުޒެއްގެ މާނަ:
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.