ޢަބްދުﷲ ސަޢީދު
20 މޭ 2025
ރަސްގެފާނުގެ ރަސްމީ އަރުމާޒުގައި ހުންނަ ގުރާބަކަށް ގުރާބެއް ހައްދަވައި، ހަމަ އެ ނަންތައް ގުރާބުތަކަށް ދެއްވައި، އެ ތަކެތީގައި ފުރޮޅުލައްވައި ދޮށީ ދަރިކަލުންނަށް ކުޅިވަރެއްގެ ގޮތުގައި އެއްގަމުގައި ދުއްވާ ގޮތަށް އެއްގަމު އަރުމާޒު ހެއްދެވީ ދިޔަމިގިލި ބަންޑާރައިން ނުވަތަ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ)އެވެ. މީލާދުން 1704އިން 1721އަށް ރަސްކަންކުރެއްވި މި ރަދުން، ރަސްމީ އަރުމާޒުގެ ގުރާބުތަކަށް ކަލާސީންނާއި ދަންޑަހެލުން ލައްވާ ގޮތަށް އެއްގަމު އަރުމާޒުގެ ގުރާބުތައް ވެސް އެ އުޅަނދުތައް އެއްގަމުގައި ދަމާނެ ކަލާސީންނާއި ދަންޑަހެލެއް ލައްވައި، ރަސްމީ ގުރާބުތަކުގެ ވެރިއަކަށް ކޮލިލައްވައިފައިވާ ހުންނަވާ ރަނަހަމާންތި ބޭކަލެއް ހުންނަވާ ފަދައިން އެއްގަމު އަރުމާޒުގެ ވެރިޔަކަށް ބޭފުޅަކު ހަމަޖައްސަވައި ރަނަހަމާންތިކަމަށް ކޮލި ވެސް ލެއްވިއެވެ. މީގެ އިތުރަށް ރަސްމީ އަރުމާޒުގައި ހިމެނޭ ގުރާބުތަކެކޭ އެއް ގޮތަށް އެއްގަމު އަރުމާޒުގެ ގުރާބުތަކަށް ވެސް ބަޑިލައްވައި، ދައުލަތުގެ ރަސްމީ އުޅަނދުތަކަށް ހުންނަ ހުރިހައި ކަމެއް ފުރިހަމަކުރެއްވިއެވެ.
ދިޔަމިގިލި ބަންޑާރައިން އެއްގަމު އަރުމާޒު ހައްދަވައިދެއްވީ އެ ރަދުންގެ ދޮށީ ދަރިކަލުން، އުމުރުފުޅުން 13 އަހަރުގެ އިބްރާހީމް (ފަހުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)އަށެވެ. [އިބްރާހީމް ރަސްގެފާނު]ގެ ނަންފުޅުން މަޝްހޫރުވި މި ރަދުން ވަނީ ދިޔަމިގިލި ބަންޑާރައިންނަށް ފަހު، މީލާދުން 1721އިން 1750އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރައްވައިފައެވެ.
އެއްގަމު އަރުމާޒަކީ ދިޔަމިގިލި ބަންޑާރައިން އަރުމާޒު ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ އުތުރަށް (އުތުރު އަރުމާޒުގައި) ވަޑައިގަންނަވާން އުޅުއްވުމުން ދޮށީ ދަރިކަލުން އެ ދަތުރުފުޅުގައި ވަޑައިގަންނަވާން އެދިވަޑައިގަތުމުން އެ ދަރިކަލުންގެ ހިތްޕުޅު ހަމަޖައްސަވައިދެއްވުމަށް ޓަކައި ހެއްދެވި އަރުމާޒެކެވެ. ބޭރު ފުށުން މި ހެން މި ކަން ފެންނާން އޮތަސް މި ކަމުގައި ވަރަށް މުހިންމު ސިޔާސީ ޙިކުމަތްތަކެއް އެކުލެވިގެންވެއެވެ. އެކަން އެއްގަމު އަރުމާޒުގެ ކަންތައްތައް ހިނގައި ދިޔަ ގޮތުންނާއި އޭގެ ފަހުން ކަން ހިނގައި ދިޔަ ގޮތުން ވަރަށް ރަނގަޅަށް ސާފުވެއެވެ.
އަރުމާޒު ނުވަތަ އަރުމާދަކީ އެއް ވެރިއެއްގެ ދަށުން ބަޔަކާ ދެކޮޅަށް ނުވަތަ ހަނގުރާމައިގެ ބޭނުމެއްގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ކިޔާ ނަމެކެވެ. ދިވެހިރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު ރަދުންނާއި ދައުލަތުގެ ބޮޑުން ހިމެނޭ ގޮތަށް ދައުލަތުގެ ވަރަށް ގިނަ އުޅަނދުތަކެއްގައި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައިލައްވާން ކުރައްވާ ދަތުރުފުޅުތަކަށް ވެސް އަރުމާޒު ކިޔައެވެ. މި ގޮތުން ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުތަކަށް ކިޔަނީ އުތުރު އަރުމާޒެވެ. ރާއްޖޭގެ ދެކުނަށް ކުރައްވާ ދަތުރުފުޅުތަކަށް ކިޔަނީ ދެކުނު އަރުމާޒެވެ. ރަސްރަސްކަލުންގެ އަރުމާޒު ދަތުރުފުޅުތަކަކީ ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމުގެ އިތުރަށް ރާއްޖޭގެ ރަށްރަށުގެ އިސް ބޭބޭފުޅުންނާ ބައްދަލުކުރައްވައި އެކި ކަންކަމުގައި މަޝްވަރާކުރައްވާ ދަތުރުފުޅެކެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާ އެކު، ރަށްރަށުގެ ރައްޔިތުންނާއި ރަދުންނަށް ވެސް ވަރަށް އުފާވެރި ދަތުރުފުޅެކެވެ.
ދިވެހިރާއްޖޭގެ ރަސްކަލަކު އެންމެ ފުރަތަމަ ކުރެއްވި އަރުމާޒު ދަތުރުފުޅެއްކަމަށް ތާރީޚުން ފެންނާން އޮތީ މީލާދުން 1335ވަނަ އަހަރު އައްސުލްޠާން ޢަބުލްފަތުޙި ޖަލާލުއްދީން ޢުމަރު ވީރު (1306-1335) ކުރެއްވި ދަތުރުފުޅެވެ. ޢުމަރުވީރު ރަސްގެފާނު އަވަހާރަވީ ވެސް އެ ދަތުރުފުޅުގައެވެ. އޭގެ ފަހުން ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުންނާއި ހުރާ ދަރިކޮޅުން މީލާދުން 1799އިން 1835އަށް ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (އެއްވަނަ)އާއި، މީލާދުން 1835އިން 1882އަށް ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ)އާ މި ދެ ބޭފުޅުން ވެސް އަރުމާޒު ދަތުރުފުޅުކުރެއްވިއެވެ. ދިވެހިރާއްޖޭގެ ރަސްރަސްކަލުން ކަނޑުމަގުން ކުރެއްވި އަރުމާޒު ދަތުރުފުޅުތަކާއި އެއްގަމު އަރުމާޒުގެ ދަތުރުފުޅާ މުޅިން ތަފާތެވެ.
ދިޔަމިގިލި ބަންޑާރައިން އެ ރަދުންގެ ދޮށީ ދަރިކަލުންނަށް ކުޅިވަރެއްގެ ގޮތުގައި ހައްދަވައިދެއްވި އެއްގަމު އަރުމާޒުގައި ރަސްމީ އަރުމާޒުގައި ހިމެނޭ ގުރާބަކަށް ގުރާބެއް ހައްދަވައިދެއްވިއެވެ. އެ ގުރާބުތަކަކީ ބޮޑު ގުރާބާއި، ބޮޑު ހިއްތަން ގުރާބާއި، ކުޑަ ހިއްތަން ގުރާބާއި، އިސްވަރު ގުރާބާއި، މާލޭ ގުރާބާއި، ކެލާ ގުރާބާއި، ކިހާދޫ ގުރާބާއި، ބޮޑު ބަނޑުއޮޑިއާއި، ކުޑަ ބަނޑު އޮޑިއާއި ބޮޑު އޮޑިއެވެ. މި ގުރާބުތަކުގެ ތެރެއިން އެންމެ ބޮޑު ގުރާބަކީ ދަރިކަލުން އިބްރާހީމް މަނިއްޕުޅު ވަޑައިގަންނަވަން ހައްދަވައިދެއްވި ގުރާބެވެ.
އެއްގަމު އަރުމާޒުގެ ވެރީންގެ ގޮތުގައި ލެއްވި ދަންޑަހެލާއި ރަނަހަމާންތި ކަލޭފާނަށް ދިޔަމިގިލީ ބަންޑާރައިން އެންގެވީ އެއްގަމު އަރުމާޒުގެ ކޮންމެ ކަމެއް ވެސް ކުރައްވާންވާނީ އެ ދެބޭފުޅުން މަޝްވަރާކުރައްވައި އެއްބަސްވެ ވަޑައިގެންނެވޭ ގޮތަކަށްކަމަށެވެ. އަދި ދަރިކަލުން ވިދާޅުވިޔަސް ނުރަނގަޅު ކަމެއްކަމަށް އެ ދެ ބޭކަލުންނަށް އެއްބަސްވެވަޑައިގެންނެވޭ ކަމެއް ނުކުރެއްވުމަށް ރަދުން އަމުރުކުރެއްވިއެވެ. ރަދުންގެ ވިދާޅުބަސްފުޅަކީ [އަހުރެންގެ މި ދަރިކަލުން ބުނިކަމުގައި ވިޔަސް، މިޔާ ޚިލާފަށް ގޮތަކަށް ތިޔަބައިމީހުން ހަމަ އެއްކަމެއް ވިޔަސް ނުކުރާހުށިކަމެވެ.]
ގުރާބުތައް ދަތުރަށް ތައްޔާރުކުރައްވައި އާދިއްތަ ދުވަހެއްގެ ފުރަތަމަ ސާޢަތުގައި ދިޔަމިގިލީ ބަންޑާރައިން ރަސްމީ ޢިއްޒަތުގައި ކަނޑުމަތީ އަރުމާޒުގައި ދިވެހިރާއްޖޭގެ އުތުރަށް ފުރައިވަޑައިގަތެވެ. އަރުމާޒުގެ ގުރާބުތަކުގައި ނަގައިފައި ހުރީ ބޯވަ އެޅި ބޮޑުރިލެވެ. އަދި ގުރާބުތަކަށް ވަނީ ރަދުންގެ ޚާއްޞަ ދިދަކޮޅު ނަގައި، ދިދަ ފަތި ދަމައި ޒީނަތްތެރިކޮށްފައެވެ. ގުރާބުތައް ފުރައިގެން ދިޔައީ ރަސްމީ ޢިއްޒަތުގައި ބަޑިޖަހައި ބަޑީގެ ސަލާމު އަރުވައިފައެވެ. ރަދުންގެ ރަސްމީ އަރުމާޒު ފުރާވަޑައިގެންނެވިތާ ގަޑިއެއް ހައި އިރު ފަހުން ރަދުންގެ ދަރިކަލުންގެ އެއްގަމު އަރުމާޒުގެ ދަތުރަށް އެ މަނިއްޕުޅު ވެސް އަރައިވަޑައިގަތެވެ. ގުރާބުތަކެއް ފައްޗަކަށް ތަރުތީބުން ކަލާސީން ގެންދިޔައީ މަގުމަތީގައި ދަމަމުންނެވެ. އެއްގަމު އަރުމާޒުގެ ހުރިހައި ގުރާބެއްގައި ވެސް ހުރީ ދިދަ ނަގައި ދިދަފަތި ދަމައިފައެވެ. އަދި ދަތުރަށް ފެއްޓެވީ އަރުމާޒުން ބަޑި ޖެއްސެވުމަށް ފަހު މެދުޒިޔާރަތްމަގުން މާލޭގެ އިރުމަތީކޮޅަށެވެ.
ރަސްގެފާނުގެ ރަސްމީ އަރުމާޒު ރާއްޖޭގެ ރަށްރަށަށް ބަނދަރުކޮށް އެ ރަށްރަށަށް ރަދުން ފައިބައިވަޑައިގެން ހަރަކާތްތައް ބާއްވަވާ ގޮތަށް އެއްގަމު އަރުމާޒު ވެސް މާލޭގެ އެކި ތަންތަނަށް ގެންދެވީ މަޑުކުރައްވަމުންނެވެ. އެ މަންޒިލުތަކުގައި ފޭލިގެ ޖައްސަވައި ކުޅިވަރުކުޅުއްވައި ރޭކުރައްވައި ހައްދަވައެވެ. އާންމުކޮށް މަންޒިލެއްގައި ތިން ދުވަހު މަޑުކުރައްވައެވެ. މިގޮތަށް އެއް މަންޒިލުން އަނެއް މަންޒިލަށް ވަޑައިގަންނަވާއިރު ބައެއް ހިސާބުތަކުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަނޑައަޅުއްވައިފައިވާ މުއްދަތަށް ވުރެ ތަންކޮޅެއް މުއްދަތު އިތުރުކުރައްވައެވެ. އަދި މާލޭގެ ކަމުވޮށިވެގެންވާ ބޮޑެތި ބޭބޭފުޅުން ހުއްދަ ހޯއްދަވައިގެން ޒަންޖަބީލު ފަދަ ސަރުބަތު އަރުމާޒަށް ގެންނެވުމުގެ ހުއްދަ ދެއްވައެވެ. ގިނަ ރޭރޭ އިބްރާހީމް މަނިއްޕުޅު އަވަހާރަފުޅު ލައްޕަވަނީ އަރުމާޒު މަޑުކުރައްވާ މަންޒިލުތަކުގައި ޖައްސަވާ ފޭލިގެކޮޅުގައެވެ.
ދުވާލު ކަލާސީން ލައްވައި މަގުތަކާއި ރަށުތެރެ ސާފުކުރައްވައި ގޮނޑުތައް ނަންގަވައި، ވާތައް އަލިކުރައްވަމުން ގެންދެވިއެވެ. މި ކަމުގައި ރައްޔިތުން ވެސް ބައިވެރިވެ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވިއެވެ. ޒުވާބުކޮށް އަރައިރުންވާ ބަޔަކު ފެނިވަޑައިގެންފި ނަމަ، މީހުން ފޮނުއްވައިގެން އެބަޔަކު ސުލުހަކުރައްވައެވެ. ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި، ބަލިވެ އުޅޭ މީހުންނަށް ބޭސްވެރީން ލައްވައި، ބޭސްކޮށްދެއްވިއެވެ. އަދި ފަންޑިތަވެރީން ލައްވައި ފަންޑިތަ ހައްދަވައިދެއްވިއެވެ. އަރުމާޒު މަޑުކުރައްވާ ބައެއް ހިސާބުތަކުގައި ބައެއް ރޭރޭ ކުޅިވަރު ކުޅުއްވައި ރައްޔިތުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައެވެ. އަނެއްބައި ރޭރޭ އަލްޤާޟީ ޙަސަން ތާޖުއްދީންގެ ދީނީ ނަސޭހަތާއި ވަޢުޡު ވިދާޅުން އޮވެއެވެ. ރޭގަނޑަށް ގިނަ އަދަދެއްގެ މީހުން އެއްގަމު އަރުމާޒު އޮންނަ ސަރަޙައްދަށް ޖަމާވެއެވެ. ނަމާދު ވަގުތު ޖެހުމުން އެންމެ ކައިރި މިސްކިތަކަށް އަރައިވަޑައިގަންނަވައެވެ. ނަމާދުފުޅުން ނިމިވަޑައިގެން އަނެއްކާ ވެސް ގުރާބަށް ވަޑައިގެން މަސައްކަތްޕުޅު ފަށްޓަވައެވެ. މި ދުވަސްކޮޅު މާލެތެރެއަށް ހީވީ ބޮޑު ޢީދެއް އައިސްފައި އޮތް ހެންނެވެ.
އެއް ދުވަހަކު ބައްޕާފުޅުގެ ކަނޑުމަތީ އަރުމާޒުގެ ގުރާބުތަކުގެ ތެރެއިން [ކުޑަ ބަނޑުއޮޑި] ކިޔާ ގުރާބު ރ. އަތޮޅު އެކުރުއްފުށި މަރުމައްޗަށް އަރައި މުގުރުނު ޚަބަރު އިބްރާހީމް މަނިއްޕުޅަށް ލިބިވަޑައިގަތެވެ. މި ޚަބަރު ލިބިވަޑައިގެންނެވުމުން އެއްގަމު އަރުމާޒުގައި ހިމެނޭ އެ ނަން ކިޔާ ގުރާބު ފަނޑިޔާރު މިސްކިތުގެ ކަންމައްޗަށް މުގުރުނީ ކަމަށް ހައްދަވައި އެ ގުރާބުގެ މީހުންގެ ވަށިފޮށި ހިފައިގެން ސަލާމަތްވާން އުޅޭ ގޮތަށް ހައްދަވައި އެހެން ގުރާބުތަކަށް ނެންގެވީއެވެ. އެ ހާދިސާގެ ފަހުން ބައްޕާފުޅުގެ އަރުމާޒު މާލެ ވަޑައިގަންނަވަނިކޮށް [ބޮޑުއޮޑި] ކިޔާ ގުރާބު ޅ. މަޑިވަރު ތޮށްޓަށް އެރި ޚަބަރު ލިބިވަޑައިގަތެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އެއްގަމު އަރުމާޒުގައި އޮތް އެ ނަން ކިޔާ ގުރާބު ފަރަށް އެރީކަމަށް ހެއްދެވިއެވެ. މި ދެ ހާދިސާއިން އިބްރާހީމް މަނިއްޕުޅަށް ދަސްފުޅުވީ ކަނޑުމަތީގެ އުޅަނދެއް ފަރަށް އަރައިގެން ކަންތައްތައް ވާ ގޮތާއި، ކަންތައްތައް ކުރާނެ ގޮތެވެ. އޮޑިދޯނިފަހަރު ފަރުފަރަށް އުރުނީމާ މީހުން އުޅޭ ގޮތާއި ސަލާމަތްވާން ކުރާންޖެހޭ ކަންތައްތަކެވެ. އަދި ރަސްކަމުގެ ފަރާތުން ކާރިސާގެ ދަނޑިވަޅުތަކުގައި ކަންތައްތައް ކުރައްވާން ޖެހޭ ގޮތާއި ރައްޔިތުންނަށް ކޮށްދެއްވާން ޖެހޭ ކަންތައްތަކާއި ރައްޔިތުންގެ ހާލުއަހުވާލު ގާތުން ބެއްލެވުމުގެ މުހިންމުކަމެވެ. ރަދުންގެ ރަސްމީ އަރުމާޒު މާލެ ވަޑައިގަތް ދުވަހު ދަރިކަލުންގެ އެއްގަމު އަރުމާޒު ވެސް ގަނޑުވަރަށް ވަޑައިގަތެވެ.
އެއްގަމު އަރުމާޒުގެ ދަތުރުފުޅަށް ފަހުގައި ކަލާސީންނާއި ދަންޑަހެލުން މިހާރުގެ ގޮތުން ނަމަ ސިފައިންގެ ބައެއް ގޮތުގައި ހަމަޖެއްސެވީއެވެ. މި ގޮތުން އެ މީހުން ހަ ވަރަށް ބައިކުރައްވައި އެ މީހުންގެ ޚާއްޞަ މަސައްކަތަކީ ބަނޑުދިނުންކަމުގައި ހަމަޖެއްސެވިއެވެ. ބަނޑުދިނުމަކީ ހަވަރަށް (ދިވެހިރާއްޖޭގެ ލަޝްކަރަށް) އުޖޫރައެއްގެ ގޮތުގައި ދައުލަތުން ދެއްވާ ހަނޑޫ، އެ ބޭބޭކަލުންގެ ގޭގެއަށް ބެހުމެވެ. އެއްގަމު އަރުމާޒުގެ ބަނޑޭރީންނަކީ ބަނޑު ދިނުމުގައި ހަނޑޫ މިނާ މީހުންކަމުގައި ހަމަޖެއްސެވިއެވެ. މި ބަދަލާ އެކު މަހަކު ދެ ފޮއިގައި ބަނޑުދޭން ފެށްޓެވިއެވެ. އޭގެ ކުރީގައި ބަނޑުދެނީ މަހަކު އެއް ފަހަރުއެވެ. އެއީ ވެސް ކޮށާރު ދޮށަށް ބަލައި ދިޔައީމައެވެ.
ދިޔަމިގިލި ބަންޑާރައިން، އެއްގަމު އަރުމާޒު ހެއްދެވި މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވެވަޑައިގެންނެވިކަން ތާރީޚުން ހެކިދެއެވެ. އެ ޒަމާނުގައި ރަސްކަމުގެ ތަޚުތަށް ދަހިވެތިވެފައި ތިބޭ ފަރާތްތަކުން ރަސްގެފާނު ރަށުން ބޭރަށް ވަޑައިގަންނަވާ ދަނޑިވަޅުތަކުގައި ރަސްކަން އަތުލައިގަތުމަށް މަސައްކަތްކުރުމަށް އެއްގަމު އަރުމާޒުގެ ސަބަބުން ހުރަސްއެޅުނެވެ. ރަސްކަމުގެ ބޮޑުންގެ ތެރޭގައި ސިއްރު މަޝްވަރާތައްކޮށް ރަސްކަން ފުރޮޅާލުމުގެ ކަންކަންކުރާނެ ފުރުސަތެއް ނުލިބުނެވެ. އެއްގަމު އަރުމާޒުގެ ސަބަބުން ރަސްކަމުގެ ހުރިހާ ބޮޑުން ވެސް އުޅުއްވާން ޖެހިވަޑައިގެންނެވީ ވަރަށް އަވަދިނެތިއެވެ. ހަމައެއާ އެކު އެއްގަމު އަރުމާޒުގެ ކުޅިވަރުތަކާ އެކު ރަދުން މާލޭގައި ވަޑައިގެން ނެތްކަމުގެ ފަޅުކަމެއް ނެތެވެ. އޭގެ ބަދަލުގައި ރަސްމީ ޢިއްޒަތާއި ޝާހީ ރަސްމުތަކާއި ކުޅިވަރާއި އިޖުތިމާޢީ ހަރަކާތްތަކުގައި އެންމެން ތިބީ މަސްއޫލުވެފައެވެ. ރައްޔިތުންނަށް އެއްގަމު އަރުމާޒުވީ ހާއުފާވެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ގެނުވި މަހާސަމާއަކަށެވެ.
ރަދުންގެ ދަރިކަލުން އިބްރާހީމް މަނިއްޕުޅުގެ އެއްގަމު އަރުމާޒުން ރަށުގެ މަގުތަކާއި ރަށުތެރެ ސާފުކުރައްވައި، ގޮނޑުތައް ނަންގަވައި، ވާތައް އަލިކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ހެއްދެވުމުން ރައްޔިތުންގެ ލޯތްބާއި ތާއީދު އެ މަނިއްޕުޅަށް ވަރަށް މަތީ ދަރަޖައަކަށް ލިބިވަޑައިގަތެވެ. ދިޔަމިގިލި ބަންޑާރައިންނަށް ފަހު ރަސްކަމަށް ވަޑައިގަންނަވާން ހުންނެވީ ރައްޔިތުން ދެކެ ނުހަނު ލޯބިފުޅުވާ ހިންގުންތެރި، މުރާލި، ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރިއެވެ. އަދި އެ މަނިއްޕުޅު މާލޭގެ އެކިއެކި މިސްކިތްތަކަށް އަރުއްވައި ނަމާދުކުރައްވައި، ބައެއް ރޭރޭ އަލްޤާޟީ ޙަސަން ތާޖުއްދީނު ލައްވައި ދީނީ ވަޢުޡު ވިދާޅުވުން ކުރިއަށް ގެންދެވުމުން އެ މަނިއްޕުޅަކީ ދީނީ ކަންތައްތަކަށް ނުހަނު ލޯބިފުޅުކުރައްވާ ޢަދުލުވެރި ބޭފުޅެއްކަން ރައްޔިތުންނަށް ޔަގީންވިއެވެ. އެއްގަމު އަރުމާޒުގެ ސަބަބުން ދިޔަމިގިލި ބަންޑާރައިންގެ ރަސްކަމާ އިދިކީލި ސިޔާސީ ހުރިހާ ފިކުރުތަކެއްގެ ވަރަ ބިނދިގެން ދިޔައެވެ. އެ ރަދުންނަށް ފަހު، ރަސްކަމަށް ވަޑައިގަންނަވާން ހުންނެވި ދޮށީ ދަރިކަލުންނަށް އެ ރަދުން ދަސްފުޅުކޮށްދެއްވާން ބޭނުންފުޅުވި ރަސްކަމާއި ދުނިޔެވީ ވަރަށް ގިނަ ކަންތައްތަކަކާއި ފިލާވަޅުތަކެއް ދަސްފުޅުކޮށްދެއްވުނެވެ. މި ކަންކަމުގެ ސަބަބުން ދިޔަމިގިލި ބަންޑާރައިންގެ ރަސްކަމަކީ ރައްޔިތުންނަށް ހުރިހައި ގޮތަކުން ވެސް ހިތްހަމަޖެހުމާއި އުފާވެރިކަމާއި އަމާންކަން ލިބިފައި އޮތް ދުވަސްވަރެއްކަމުގައި ވިއެވެ. އަދި އެ ރަދުންނަށް ފަހު، ރަސްކަންކުރެއްވި ދަރިކަލުން އިބްރާހީމް ރަސްގެފާނަކީ ވަރަށް ބުއްދިފުޅު ހުރި، ދީލަތިކަމާއި މީހުންނަށް އޯގާތެރިކަން ހުރި، [ރަޙްމަތް ބޮޑު] ބޭފުޅަކުކަމުގައި ވިއެވެ. (ނިމުނީ)
މަރުޖާ:
ނަސީމާ މުޙައްމަދު.(2010) ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން. ދެވަނަ ޗާޕު (2014)
މަލިމް މަނިއްޕުޅު މުޙައްމަދު ދީދީ. އެއްގަމު އަރުމާޒު. ސަރުކާރުގެ ޚަބަރު 149 ވަނަ ޢަދަދު.
ފޮޓޯ: ކުޅެފައިވާ ހިއްޗަށް ވަޑައިގަތުމުގެ މަންޒަރެއް. )ފޮޓޯ ކްރެޑިޓް: ހައްގުވެރިފަރާތަށް)