ad_banner
ބަޔެއްގެ ހައްގު ޝަކުވާއެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

18 މޭ 2025

ހައްގު ޝަކުވާ

ބައެއްގެ ޝަކުވާއެއް

ޝަކުވާއަކީ ވަރަށް ވެސް އާންމު ކަމެކެވެ. މި ދިޔަ ގަރުނުގެ އަރަބި އިލްވެރިއެއްކަމުގައިވާ ޑރ. މުސްތަފާ އައްސިބާއީ، އޭނާގެ 'ހަޔާތް އަހަންނަށް ދަސްކޮށްދިން ކަންކަން' މި ފޮތުގައި ލިޔުއްވައިފައި އޮވެއެވެ. [އަހަރުމެން އަބަދުވެސް ކުރާކަމަކީ ޝަކުވާކުރުމެވެ.]

މި ފަދައިން އަޅުގަނޑުމެންގެ އާންމު ފަރުދުން ސިފަކުރެވޭތީ ހަގީގީ ޝަކުވާއެއްގެ އަޑު އެހޭ ގޮތެއް ނޯވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތިރީގައި ލިޔެފައި އެ ވަނީ ހަގީގީ ޝަކުވާއެކެވެ. އެ ޝަކުވާގެ އަޑުއެހުން މުހިންމު ޝަކުވާއެކެވެ. އަދި އެއަށް ފަހު، އަވަސް ގޮތެއްގައި އެއަށް ހައްލެއް ހޯދުން މުހިންމު ޝަކުވާއެކެވެ.

މައްސަލައަކީތޯއެވެ؟ ބެލެނިވެރިންގެ އަތުން ޓިއުޝަންދޭނަމޭ ކިޔައިފައި ހާހުން ދެހާހުން ތިންހާހުން ފައިސާ ނަގައިފައި ބައެއް ޓީޗަރުން ފިލުމުގެ މައްސަލައެވެ. މި ފަދަ ޚިޔާނާތުގެ އަމަލުތައް ހިންގާ އިރު އެ މީހުންގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. އެ މީހުންގެ ޟަމީރެއް ނެތް ކަހަލައެވެ. ވަރަށް އާދައިގެ ނިކަމެތި މީސްމީހުންގެ އަތުން ވެސް ފައިސާ ނެގުމަށް ފަހު މި ފަދަ މީހުން ފިލަނީއެވެ. މީގެ ދެ މައްސަލައިގެ ވާހަކަ ލިޔެލާ ނަމެވެ. މިސާލެއްގެ ގޮތުންނެވެ. ހަނދާނުގައި ބަހައްޓާން ޖެހޭނީ މިއީ މިހާރު ވަރަށް ވެސް އާންމު ކަމެއްކަމެވެ.

ފުރަތަމަ މައްސަލަ ގުޅެނީ މާލޭގެ މަޝްހޫރު ބައިނަލް އަގުވާމީ އިސްކޫލެއްގެ މަތީ ކިލާސްތަކުގައި ކިޔަވައިދޭ ބިދޭސީ މުދައްރިސަކާއެވެ. ދެ މާއްދާއެއް ކިޔަވައިދޭން 5000 ރުފިޔާގެ ފީއެއް އޭނާ ދަރިވަރު އަތުން ނެގިއެވެ. ނަމަވެސް، ދެ ސެޝަނެއް ނަގައި ދިނުމަށް ފަހު، އޭނާ ޣައިބުވިއެވެ. ދެން އޭނާ ފެންމަތިވީ މަސް ނިމުމުންނެވެ. އާދެ، އަނެއްކާ ވެސް 5000 ރުފިޔާ ނެގުމަށެވެ. އޭނާ ހިތުން ދިވެހިން ވަރަށް ވެސް ގަމާރުވާނެއެވެ. އެއް ހޮރުން އެތައް ފަހަރަކު ކަށިޖަހާ އިރު ވެސް ދިވެހިންގެ މޮޔަ ސިކުނޑިތަކަށް ކަމެއް ކުރާކަށް ނޭނގޭނެއެވެ.

ދެވަނަ މައްސަލަ ގުޅެނީ ސަރުކާރު އިސްކޫލެއްގައި ކިޔަވައިދޭ ބޭރު މުދައްރިސާއަކާއެވެ. އޭނާވެސް އެއް މާއްދާއިން ޓިއުޝަން ދިނުމަށްޓަކައި ބެލެނިވެރިޔާގެ އަތުން 2300 ރުފިޔާ ނެގިއެވެ. ނަމަވެސް، އޭނާ ވެސް ޣައިބުވެގެން ދިޔައީއެވެ. މެސެޖަކަށް ފޯނަކަށް ޖަވާބެއް ނުދެއެވެ.

މިފަދަ ލާއަޚުލާގީ ފަސާދައާއި ޚިޔާނަތުގެ އަމަލުތައް ޓީޗަރުންގެ ކިބައިން ފެށުމުން، އުފެދޭ ސުއާލުތައް އެބަ ހުއްޓެވެ. މި ފަދަ މީހުންގެ ކިބައިގައި ދިރިހުރި ޟަމީރެއް ނެތީބާވައެވެ؟ ޓީޗަރުން މި ފަދަ ޚިޔާނަތްތެރި އަމަލުތައް ހިންގާ އިރު، އެ މީހުންގެ ކިބައިގައި ހުންނާންޖެހޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކޮބައިބާވައެވެ؟ މި ސިފަތައް އެ މީހުންގެ ކިބައިގައި އުނިވެފައި އޮތުމުން، އެދުރުބެއިންނާއި އެދުރު ދައިތައަކަށްވުމުގެ ގާބިލުކަން އެ މީހުންގެ ކިބައިގައި ހުރިކަމަށް ބެލެވިދާނެހެއްޔެވެ؟

ދެން އުފެދޭ ސުއާލަކީ، މި ފަދަ ކަންކަން ހުއްޓުވޭނީ ކިހިނެއް ބާވައެވެ؟ މި ސުއާލުގެ ޖަވާބުގައި ބުނެވޭނީ ގަވައިދުތައް ހެދިގެންނެވެ. މިސާލަކަށް ޓިއުޝަން ފީ ކުރިއަށް ދެއްކުމުގެ ބަދަލުގައި ޓިއުޝަން ފީ ދުވަހުން ދުވަހަށް ދައްކާ ގޮތް ހަދާންވީ އެވެ. މާނައަކީ ޓިއުޝަން ނަގާ ދުވަހު، އެ ދުވަހަށްވާ ފައިސާ ދިނުމެވެ. މީގެ އިތުރަށް، އަމިއްލައަށް ޓިއުޝަން ދޭ މީހުން، ކަމާ ބެހޭ އިދާރައިގައި ރަޖިސްޓްރީވެފައި އޮތުމެވެ. ޓިއުޝަންދިނުމުގެ މަސައްކަތް އިޝްތިހާރުކުރާ ފަރާތްތަކުން، ކިޔަވައިދޭ މީހުންނާ ބެހޭ ގޮތުން 'ފީޑްބެކް' އެ މީހުންގެ ސައިޓުގައި އެންމެނަށް ފެންނަ ގޮތަށް ލިޔެވިފައި އޮތުމެވެ. އަދި، ޓިއުޝަނާ ބެހޭ ޝަކުވާތައް އުފުލައި އެ ކަން ތަހުގީގުކޮށް ފިޔަވަޅު އަޅާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.

އަޅުގަނޑުގެ އުންމީދަކީ ކަމާ ބެހޭ ފަރާތްތަކުން، މި ދެންނެވި މައްސަލަތައް ވީހައި ވެސް އަވަހަކަށް ބެއްލެވުމެވެ. އެއަށް ފަހު، ހައްގުވެރި ފަރާތްތަކަށް އެ މީހުންގެ ހައްގު ލިބޭނޭ ގޮތް ހައްދަވައިދެއްވުމެވެ.

ކޮމެންޓު