ad_banner
ދަރިފުޅު

އަސްމާ އަބޫބަކުރު

18 މޭ 2025

ދަރިފުޅު

ރުޅިއަކީ ހާދަ ހެއްވާ އެއްޗެކެވެ. އެއް ބަޔަކު ކުރާ ކުށެއްގެ ސަބަބުން އެހެން މީހަކު ދެކެ ރުޅިއައުމަކީ އިންސާފެއް ނޫނެވެ.  ރުޅިވެރިކަން ކޮންޓްރޯލްނުކުރެވޭ ނަމަ ގިނަ ފަހަރު ލިބޭ އަނިޔާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑެވެ. ރުޅީގައި ސިކުންތެއް ހޭދަވެއްޖެ ނަމަ، ފަސްދޮޅަސް ސިކުންތަށް ސިކުނޑީގެ ހަމަޖެހުން އެބަ ނަގާލައެވެ.  އެ ކަން ދެނެނުގަނެވިގެން އަހަރެން މިއުޅެނީ ކީއްވެހެއްޔެވެ؟ އަހަރެން މިއީ ރުޅިގަދަ މީހެއްކަން އަހަންނަކަށް ނޭނގެއެވެ. އެ ކަން ހަނދާން ކޮށްދިނީ އަހަރެންގެ ބާރަ އަހަރުގެ ދަރިފުޅެވެ.

އަހަރެންގެ ނަމަކީ ސާޖިދެވެ. އަހަރެންގެ ލޯބި ދެ ދަރީންނާއި މަޑުމައިތިރި އަނބިމީހާއަކީ އަހަރެންގެ ދުނިޔެއެވެ. އެހެންނަމަވެސް އަހަރެންގެ ދުނިޔެއަށް ގިނަ ފަހަރު އާދެވެނީ ސްކޫލުގެ ރުޅިގަނޑު ހިފައިގެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ ދުވަހަކު ދިހަ ބާރަ މައްސަލަ އަންނާނެއެވެ. މައްސަލައިގެ ބާވަތުން ރުޅިގަދަ ވެގެން ގޮސް މީހަކު ހަލާކުވާ ވަރު ވެއެވެ.

މިދިޔަ ހަފުތާތެރޭގައި ވެސް އަހަރެންގެ ސިކުނޑި ހަފައި ކެއީ ސުކޫލުގެ ކިތައް މައްސަލަހެއްޔެވެ؟ ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިފައި އޮންނަ ކުޅިވަރު ޙަރަކާތްތަކަކީ ބެލެނިވެރީން ކަޅި ހުއްޓޭ އެއް ކަންތަކެވެ. އެއް ބަޔެއްގެ ދަރީން މޮޅުވާނީ ވޮލީއަށެވެ. އަނެއްބަޔެއްގެ ދަރީން މޮޅީ ހޭންޑްބޯޅައަށެވެ. ދެންތިބި ބެލެނިވެރީންގެ ދަރީން މޮޅުވާނީ އެތުލެޓިކްސްއަށެވެ. އެ ކުދީންގެ ބެލެނިވެރީން ތިބޭނީ އެ މީހުންގެ ދަރީންގެ ހުނަރު ދައްކާ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

"ސަރ. އަންނަ ހަފުތާ އަށް ކަލަންޑަރުކުރެވިފައިވާ ހޭންޑްބޯލް މުބާރާތް ޕްރެކްޓިސް މި ހަފުތާގައި އަދި ނުފެށިގެން މި އުޅެނީ." ލީޑިންގޓީޗަރ އަހުނާ ވާހަކައިން އެންމެންގެ ސަމާލުކަމަށް ގެނައެވެ. ބެލެނިވެރީން ގާތު މީޓިންގައި އަހަރެން ބުނެފައި ވާނީ އަންނަ ހަފުތާގައި ހޭންޑް ބޯލް ފެށޭނެކަމަށެވެ. އެ ކަމަށް ޖާރޒީތަކާ އެއްޗެހި ވެސް ގެނައި ފަހުން ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ސްވިމިންގ މުބާރާތެއް ގައުމީ ލެވެލްގައި ބާއްވާތީ އެ ކަމަށް ދަރިވަރުން ފޮނުވަންޖެހުނީއެވެ. މައްސަލައަކަށްވީ ސްވިމިންގއަށް ދެވޭ

ނީ އެ ކަމަށް ކޮންމެ ހައުސް އަކުން ވެސް ކަނޑައަޅައިފައިވާ ވަކި ކުދީންތަކަކަށްވީމައެވެ. ހުރިހައި ކުދީން އެއް ކަމެއްގައި ވެސް ބައިވެރިއެއް ނުކުރެވޭނެތާއެވެ.

ބެލެނިވެރީން މީސްމީޑިއާގައި އެ ކަމަށް ނުރުހުން ފާޅުކޮށް އިސްކޫލާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ބައެއް ބެލެނިވެރީން ސީދާ ސުކޫލަށް ގުޅައިފައި ވެސް އެ ވާހަކަ ދެއްކިއެވެ. ވަކި ދަރިވަރުންތަކެއް މޮޅުކުރާން ސުކޫލްގެ މެނޭޖުމަންޓް އުޅޭކަމުގެ ދޮގު ތުހުމަތު އަޅުވަމުން ދިޔައެވެ. ކަން އޮތްގޮތް ބަލައިލަނީ މަދު ބަޔެކެވެ.

ހެނދުނު ސުކޫލަށް ދާ ގޮތަށް ގިނަ ފަހަރު އަހަރެން ގެއަށް އަންނަނީ ކެއުމުގެ ވަގުތުތަކުގައެވެ. އަންހެނުން ގަޑިއަށް ކާންހަދައިފައި ހުރެއެވެ. އަހަރެންގެ ކުދީން މަންމައާ ގާތްކަން އަހަންނަށް ވެސް އެނގެއެވެ. ގިނަ ވަގުތު އެ ކުދީން އުޅޭނީ މަންމައާ އެކީގައެވެ. އެހެންނަމަވެސް ގޭގެ ހުރިހައި ޒިންމާއެއް އަހަރެން ނަގަމެވެ. ހަފުތާއަށް ވާވަރަށް ގެއަށް ބޭނުންވާ ސާމާނު ހުކުރު ދުވަހު ގަންނަމެވެ. އެންމެ އުނދަގޫކަމަކީ ކުއްޔަށް ހިފައިފައި ހުންނަ ދެ ކޮޓަރިއާ ސިޓިންގރޫމަކީ އަހަރެމެންނަށް ހަމަޖެހިލައިގެން އުޅެވޭ ވަރުގެ ތަންކޮޅަކަށް ވިއަސް އަންހެނުންގެ ކޮންމެވެސް ތިމާގެ މީހަކު ޑޮކްޓަރަށް ދެއްކުމަށް ނޫނީ ކޮންމެ ވެސް އެހެންކަމަކު އަބަދުވެސް އޮންނަނީ މާލެ އަންނަންޖެހިފައެވެ. އެ ކަމާ އަހަރެންގެ ބޮލަށް ވަރަށް އުނދަގޫވެއެވެ.

އެއްޗެއް ނުބުނާން ހިތުގައި އެތައް ކަމެއް ބަހައްޓައިގެން ހުންނާން ޖެހުމުން ރުޅި އާދެވެނީ އަހަރެންގެ ދަރީންނާ އަނބިމީހާ ދެކެއެވެ. އަހަރެން ސުކޫލްގައި ދިމާވި ކަމެއްގައި ހިތްހަމަނުޖެހިގެން އައީ ގެއަށެވެ. އެ ވަގުތު އަހަރެންގެ ދޮށީދަރިފުޅު ޒައިދު ދުވެފައި އަހަރެންގެ ގާތަށް އަތުވެއްޖެއެވެ.

"ބައްޕާ. މި ފިލާވަޅު ހަދާން ބައްޕަގެ އެހީތެރިކަން ބޭނުން." ޒައިދަށް ބުނެވޭ އެންމެ ރީއްޗަށް އެ ވާހަކަ ބުންޏެވެ. އެ ވަގުތު އަހަރެން ހިތްހަމަ ނުޖެހުނީ ޒައިދު ދެކެއެވެ. ވީކަމެއްވީ ސުކޫލުންނެވެ. ރުޅިގަނޑު ރައްދުކުރެވުނީ ދަރިފުޅަށެވެ.

"ގެއަށް އައިސް ވަންނަ ތަނުން ކޮންމެ ވެސް އެއްޗެކޭ މީނަ ވެސް ކިޔާނެ. މި ގަޑީގަ ބައްޕައަކަށް ނުވާނެ." އެ ދަރިފުޅުގެ މައުސޫމުކަން ފެނި ވެސް އަހަރެންގެ ހިތަށް އެއްޗެއް ނޭރިއެވެ. ބޮލުގައި ވަކި ހިއްޕައިފައިވަނީ މިއަދު ސުކޫލްގައި ހުރި މައްސަލަތަކެވެ. ޓީޗަރުން ސްކޫލުން ވަކިވެގެން ދާ މައްސަލައެވެ. އެންމެ ޓީޗަރެއް ގެއްލުމަކީ އެތައް ކުދީންތަކެއް ކިޔެވުމަށް ހުރަސް އެޅޭ ކަމެކެވެ. މިހާރަކަށް އައިސް ޓީޗަރުން ސުކޫލަށް ސަލާމް ބުނާ ރޭޓު އެހާމައްޗެވެ. އަނެއް ބަޔަކު ކެނޑިގެން ދަނީއެވެ. ސްކޫލް ހުޅުވޭ ހަފުތާއަކީ ވެސް ޓީޗަރުން ޗުއްޓީ މޯޑުގައި ތިބޭ ހަފުތާއެކެވެ. ފުރަތަމަ ހަފުތާ ގެއްލުނު ގަޑިތައް އަދި ދަރިވަރުންނަށް ހަމައެއްނުވެއެވެ. މިހާރު އެއްމަސްވީއެވެ.

ޒައިދު ދެކެ ރުޅި އާދެވުނީ އޭނާ ކަމެއް ކޮށްގެންނެއް ނޫނެވެ. އެކަމަކު އަހަރެން ވެސް މީ އިންސާނެކެވެ. ކޮންމެ ދުވަހަކު އޮންނަނީ މައްސަލަތަކެވެ. އެންމެ ދުވަހަކު ސުކޫލަށް ޓީޗަރުން ހަމަވާނަމަ ވެސް އަހަރެންގެ ސިކުނޑިއަށް ހަމަޖެހުން ލިބޭނެއެވެ. ފޮތްތަކުގައި ލިޔެފައި ވަނީ ކޮންމެ މައްސަލައަކަށް ޙައްލެއް އޮންނަކަމަށެވެ. އެކަމަކު އެ ކަން އެ ގޮތަކަށް ނުވެއެވެ. ޓީޗަރުން ކެނޑޭން ފަށާއިރަށް މީސްމީޑިޔާގައި ލިޔާން ފެށީ ޕްރިންސިޕަލްގެ ދޯހަޅިކަމުން މުދައްރިސުން ވަކިވާކަމަށެވެ. އެކަހަލަ ސުރުޚީތައް ފެނުމުން އަހަރެންގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

"ސާޖިދު. ހިނގައިބަލަ މިއަދު ހަވީރު ކުދިވެރީން ގޮވައިގެން ހުޅުމާލެއަށް ޖައްސައިލާން. ހުޅުމާލޭގައި ފޮތްމަޢުރުޒެއް ބާއްވައިގެން އުޅޭތީ އެ ތަނުން ފޮތްގަންނަން ބޭނުންވޭ. ޒައިދާއި ޒައިނަށް ޢީދު ހަދިޔާއަށް އަހަރެން ބޭނުންވަނީ އެ ކުދިން ކިޔާހިތްވާ ކަހަލަ ފޮތްތަކެއް ގެނެސް ބަހައްޓާން. މިހިރަ ފޮތް ހަރުގަނޑުގައި އެ ކުދީން އަތްވެސް ނުލާ. މާކުރީގެ ފޮތްތަކެއްވީމާކަންނޭނގެ." ރަމްޝާ ކިތަންމެ ބޭނުންވިއަސް އަހަރެން ދާނީ ކިހިނެއްހެއްޔެވެ؟

"މިއަދު އެބަ އޮތް ސްކޫލްގެ ޔުނިފޯމް ބޮޑީސް ޙަރަކާތް ފެށުމުގެ ރަސްމިއްޔާތު. މަށަކަށް ނުދެވޭނެ. ރަމްޝާ ދޭ ކުދީން ގޮވައިގެން. ބޭނުން ވަރަކަށް ފޮތް ގަނެލާ." ސްކޫލްގެ ޗުއްޓީ ދުވަހެއް އެހެން ދުވަހެއް ޓީޗަރުންނަކަށް ވެސް ނުލިބެއެވެ. އެ މީހުން މަސައްކަތުގައި އުޅޭކަމުގައި ވާނަމަ އަހަރެން ބޭނުންވަނީ އެ ކަންތައް ހިނގާނުހިގާ ގޮތް ބަލާށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި މަސައްކަތްތައް ރާވައިގެން ކުރިއަށް ނުގެންދާން އަންގައިފައިވެއެވެ. އެކަމަކު ރަސްމީ ދުވަހަކު ހުރިހައި ކަމެއް ނުވެއެވެ. ބަންދު ދުވަހު ކަންކަން ރާވަންޖެހެނީ މިފަދަ ސަބަބުތަކަށް ޓަކައެވެ.

ޢާއިލާއަށް ވަގުތު ނުދެވުމަކީ ވެސް ކިހާބޮޑު މައްސަލައެއްހެއްޔެވެ؟ ރަށުން ފުރައިގެން ޢާއިލާއާ އެކު މި ތަނަށް ހިޖުރަކުރީ ޢާއިލާ އެކީގައި އުޅުމަށެވެ. އެކަމަކު އަހަރެންގެ މަސައްކަތް ހުންނަ ގޮތުން ވަގުތު ދޭން ކިތަންމެ ބޭނުންވިއަސް އެ ކަމެއް ނުވެއެވެ. ކޮންމެ ދުވަހަކު ފަތިހު ތެދުވެ ފަތިސް ނަމާދު ކޮށްގެން ފަށާގޮތަށް ސްކޫލް ނިންމައިފައި ގެއަށް އާދެވޭނީ ރޭގަނޑުއެވެ. އައުމާ އެކު ސްޓްރެސް ފިލުވާލެވެނީ ޢާއިލާއަށެވެ. އެ ކަން އިޙްސާސް ކުރެވުނީ މިރޭ ހިނގައިދިޔަ ކަންތައްތަކުންނެވެ. ޒައިދު ފިލާވަޅު ހަދާން އެހީތެރިވާން ބުނުމުން ވެސް އަހަރެން ގާތަށް އައީ ރުޅިއެވެ.

ރުޅި މަޑުވެގެން ދަރިފުޅު ކޮބައިތޯ ބަލާން އެ ކުދީންގެ ކޮޓަރިއަށް ވަން އިރު ޒައިދު އޮތީ އޭރު ވެސް ގެންގުޅުނު ފޮތް ހިފައިގެން ނިދައިފައެވެ. ޒައިން ވެސް އޮތީ ނިދައިފައެވެ. އަހަރެން މަޑުމަޑުން ގޮސް ފޮތްނަގައިފައި ޒައިދު މިރޭ ހެދި ފިލާވަޅު ޗެކުކޮށްލީމެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާ ލިޔެފައިވާ ޕެރެގްރާފުގެ ސުރުޚީގައި ވަނީ "ފުރަތަމަ ހިތްހަމަނުޖެހުނަސް ފަހުން ރަނގަޅުވާނެ" މިހެންނެވެ. ދަރިފުޅު ލިޔެފައިވާ ޕެރެގްރާފު އަހަރެން ކިޔާން ފެށީމެވެ.

ފުރަތަމަ ވެސް އޮތީ އަހަރެން ވިސްނާންޖެހޭ ކަހަލަ ޢިބާރާތެކެވެ. [ފައިނަލް އިމްތިހާނު އަންނަ އިރު، އަހަރެން ވަރަށް ހިތްހަމަ ނުޖެހެއެވެ. އެކަމަކު އިމްތިހާނު ނިމުމުން އަހަރެން ކުޅޭނެ ވަރަށް ބައިވަރު ބަންދު ދުވަސް ލިބެއެވެ. އެކަމާ އުފާވެއެވެ. ޑޮކްޓަރު ދޭ ބޭސް ހިތިރަހަލާތީ އަހަރެން އެއް ގޮތަކަށް ވެސް ހިތްހަމައެއްނުޖެހެއެވެ. އެކަމަކު ބަލި ރަނގަޅުވާތީ އެ ކަމާ އަހަރެން ޝުކުރުވެރިވަމެވެ. އަހަރެން ހިތްހަމަ ނުޖެހޭ އަނެއްކަމަކީ ގޭގައި ހުންނަ އެލާމް ގަޑިއެވެ. ފުރަތަމަ އެ އަޑުއިވޭ އިރަށް އަހަރެން އެ ގަޑި ދެކެ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެ ގަޑިއަށް ފަހުން ޝުކުރުވެރިވަމެވެ. އެއީ އަހަރެން ތަންތަނަށް ގަޑިއަށް ދެވެނީ އެ ގަޑީގެ ސަބަބުންކަމަށް ވާތީވެ. އަދި އަހަރެން ﷲގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެއީ އަހަރެންގެ ބައްޕަ ރަނގަޅުކަމުންނެވެ. ފުރަތަމަ ރުޅިއައި ކަމުގައިވިއަސް ބައްޕަ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ރުޅިމަޑުވުމުން ބައްޕަ ގެނެސްދޭ ކުޅޭއެއްޗިއްސާއި ތަންތަނަށް ގޮސް ކާންދޭ މީރު ކާއެއްޗެތީގެ ސަބަބުން އަހަރެން ފަހުން އުފާވެއެވެ.]

ދަރިފުޅު ލިޔެފައިވާ ޕެރެގްރާފުގައިވާ ބަސްތައް ފެނުމުން އަހަރެން ސިކުނޑީގައި ތަކުރާރުކޮށް އެނބުރެމުން ދިޔައީ ކުރިން ޚިޔާލު ވެސް ކުރެވިފައި ނުވާ ޚިޔާލުތަކެކެވެ. އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެން ގޭގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭ ކަމުގެ މާނައަކީ އަހަރެންގެ ގެއެއް އޮތް ކަމާއި މާތްاللهގެ ރަޙުމަތުން އަހަރެން މި ހުރީ ގެއެއްވެސް ނެތް މީހުންނަށް ވުރެ ރަނގަޅު ޙާލަތެއްގައިކަމެވެ. އަހަންނަށް ޢާއިލާގެ ޒިންމާ އުފުލާންޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އަދި ރުޅިއަންނާން ޖެހޭ ކަމެއްވެސް ނޫނެވެ.  އަހަރެން މުޅި އާއިލާގެ ޒިންމާ އުފުލާން ޖެހުމުގެ މާނައަކީ އަހަރެންގެ އާއިލާއަކާއި އަނބިމީހާއާއި ދަރީން ތިބި ކަމާއި މާތްاللهގެ ރަޙްމަތުން އާއިލާއެއް ނެތި މި ދުނިޔޭގައި އެކަނި ތިބި މީހުންނަށް ވުރެ ނަސީބު ރަނގަޅުކަމެވެ. އަހަރެންގެ ރައްޓެހިންނާއި ގާތްތިމާގެ މީހުން އަންނަމުންދާއިރު، އޭގެ މާނައަކީ އަހަރެންގެ އުފަލާއި ހިތާމައިގެ ކޮންމެ ޙާލަތެއްގައި އަހަރެންނަށް ސަޕޯޓްކުރާނެ މީހުން ތިބިކަމެވެ. ކުރިން އަހަންނަށް މިކަންކަން ނޭނގުނީ ކީއްވެބާއެވެ. އަހަރެން ދަރިފުޅަށް ހާދަ ވިސްނެއެވެ. 

މިހާރު ސްކޫލް ނިންމާފައި ގެއަށް އަންނައިރު ސްކޫލުން ދިމާވާ ކަންކަމުގެ ރުޅިއެއް އަހަރެންގެ ސިކުނޑި ކައެއް ނުހަދައެވެ. ގެއަށް އައުމާއެކީ އުފާވެރިކަން އިޙްސާސް ކުރެވެން ފެށިއެވެ. އަނބިމީހާގެ ކެތްތެރިކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި އަނބިމީހާގެ ދައުރު ފެނި އަހަރެން މިއަދު އަނބިމީހާއަށް ޝުކުރުވެރިވަމެވެ. އަދި އަހަރެންގެ ޢާއިލާއާ އެކީ މާލެ އާދެވުނު ކަމުގެ ފޮނި އިޙްސާސް ކުރެވެން ފަށައިފިއެވެ. (ނިމުނީ)

ކޮމެންޓު