ad_banner
ކޮން މީހެއް؟ (13)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

21 މޭ 2025

ކޮން މީހެއް 13

(2025 މޭ 14ވަނަ ދުވަހުގެ ނޫހާ ގުޅޭ)

ނީނާގެ އަޑުގެ ރީތިކަމާއި، ނިޝާންގެ ނަން ސީދާ ބޭނުންކޮށްލި ގޮތުން ނިޝާންގެ ހިތުގައި ވިންދުޖަހައިލިއެވެ. އަދި ނިޝާނަށް ނޭނގި އޭނާގެ ހިތުން ޚާއްޞަ މަގާމެއް ނީނާއަށް ދެވިއްޖެއެވެ. 

އެހައި ގިނަ ޢަދަދެއްގެ ފައިސާ މީހަކު ހިލޭސާބަހަށް ދިނުމަކީ އިދުރީސްތައްޚާނަށް ވެސް ގަބޫލުކުރާން ފަސޭހަ ކަމެއް ނޫނެވެ. އިދުރީސް ތައްޚާނަކީ ވެސް ތަނަވަސްމީހެކެވެ. މާވަށުގައި ހުރި އެންމެ ފައިސާވެރި އެކެކެވެ. އެހެންކަމުން ނީނާ ނިޝާނާ މުޚާޠަބުކޮށް ދެއްކި ވާހަކަތައް އަޑުއަހާން އިނދެފައި އަނެއްކާ އިދުރީސް ތައްޚާނު ވަރަށް ސީރިއަސް ރާގެއްގައި ނީނާއާ ސުވާލުކޮށްފިއެވެ.

[ދަރިފުޅާ ކީއްވެ މިހެން ހެދީ؟ ބޭބެއަށް ވެސް މި ފައިސާ ދެއްކޭނެޔޭ.] އިދްރީސް ތައްޚާނު ބުނެލިއެވެ. [އެ ވަރަށް ފައިސާ ހިފައިގެން އައިސް މި އުޅެނީ.]

[އިދްރީސްބޭ، ތިޔަ ކަން އެނގެޔޭ! ނީނާއަށް ވެސް އެނގެޔޭ ބޭބެމެން ވެސް ވިޔަފާރިކުރާން އަންނާނީ ފައިސާ ހިފައިގެންކަން. އެހެންނަމަވެސް އިދްރީސްބެއާއި ނިޝާނަށް ދިން ހަދިޔާއެއްގެ ގޮތުން ނީނާ ތިޔަ ފައިސާ ދައްކައިދިނީ.] ނީނާ އޮޅުންފިލުވައިދިނެވެ. [ނިޝާނާއި އިދްރީސްބެ މި ރަށުގައި ނެތް ނަމަ، މިއަދު ނީނާއެއް ދުނިޔޭގައެއް ނުހުންނާނެޔޭ. އެހެންވެ ތިޔައީ އެ ކަމުގެ އަގާ އަޅައި ބަލާ އިރު، އަދި ވަރަށް ކުޑަ މިންވަރެއް.]

އިދްރީސް ތައްޚާނާއި ނިޝާން ދެބަފައިން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު ނީނާއާ ދިމާއަށް އިދްރީސްބެ ބުނެލިއެވެ. [ބުނާނެ އެއްޗެއް ވެސް ނޭނގުނު. ވަރަށް ލަދު ވެސް ގަނެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! މާތް ﷲއަށް ޙަމްދުހުރި! ﷲ ދަރިފުޅަށް ހެޔޮ ޖަޒާދެއްވާށި!]

ޖެހިގެން އައި ދުވަހު ހުރިހައި ސާމާނެއް މާވަށަށް ފޮނުވާން ބުނެފައި ގުދަނާ ބައްޕައާ ޙަވާލުކުރުމަށް ފަހު، މަންމަ ގޮވައިގެން އިދްރީސް ތައްޚާނުގެ ދެބަފައިންނާ އެކު، ނީނާ މާވަށަށް ފުރައިފިއެވެ.

(12)

[މާވަށު ނިބޫ ބުރުޖު] ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު

މާވަށަށް ގޮސް އިދްރީސް ތައްޚާނުބެމެން ގެޔަށް އެ މީހުން ގެންގޮސް ގެއަށް ލައިދިނުމަށް ފަހު، ނީނާ އޭނާގެ މަންމަ ގޮވައިގެން އެ މީހުންގެ 'ރިސޯޓަށް' (މާވަށު އެއަރޕޯޓް ގާރޑްން ހޮޓެލަށް) ހިނގައްޖެއެވެ. ރިސޯޓްގައި ތިބި ތިބުމުގައި އިދްރީސް ތައްކާނު ވެސް، އަދި ނީނާގެ އެދުމުގެ މަތީން ނިޝާން ވެސް، ވަރަށް ގިނަގިނައި ރިސޯޓަށް އައިސް ގޮސް އުޅެއެވެ. މި ކަމުގެ ސަބަބުން ދެ ޢާއިލާގެ ދެމެދުގައި އިހުނަށްވުރެ މާ ބޮޑަށް ވެސް ގުޅުންތައް ބަދަހިވެއްޖެއެވެ. 

ނީނާގެ މަންމަ، އެއް ހަފުތާގައި ރިސޯޓްގައި އިނުމަށް ފަހު، ނީނާގެ ރުހުން ހޯދައިގެން ރަށަށް ހިނގައްޖެއެވެ. މިހާރު ނީނާއާއި ނިޝާން ވެސް ވަރަށް ރައްޓެހިކަމާ އެކު ވާހަކަދައްކައި އުޅެއެވެ.  . މި ދެ މީހުން އެކަނި ބައްދަލުވާ ފަހަރު ވެސް ހިސާބަކަށް އާދެއެވެ

އެއް ދުވަހަކު ދެ މީހުން އެކަނި ވީ ވަގުތެއްގައި ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަދައްކައިލައިފިއެވެ. 

[ނިޝާން ޖޮބެއްގައިތަ އުޅެނީ. މެރިޑްތަ؟]

[ޖޮބެއް ނުލިބޭ އަދި. މުދިންބެ ރިޓަޔަރކުރީމާ އިމާމުކަމަށް އެދޭން ވެގެން މި ހުންނަނީ. ޖޮބެއް ނުލިބޭތީ އަދި މެރީކުރާކަށް ޚިޔާލެއް ވެސް ނުކުރަން.] ނިޝާން ޖަވާބު ދިނެވެ. [އެކަމަކު އަދި ދެ އަހަރު އެބަ އޮތްކަމަށް ވަނީ، މުދިންބެ ރިޓަޔަރވާން ވެސް.]

[އިމާމު ކޯސްތަ ހެދީ؟]

[އަސްލު ނިޝާން ހެދީ އެޗް.އާރު. ބެޗްލާރސް ހަދައިގެން އައިސް އުޅޭތާ ތިން އަހަރު ވެއްޖެ. އެކަމަކު ރަށަކުން ވަޒީފާއެއް ނުލިބޭނެތާ. އިމާމް ކޯހެއް ނަހަދަން.] ނިޝާން އޮޅުން ފިލުވައިދިނެވެ. [ޑިޕްލޮމާ އިން ޤިރާއަތު ހެދީން. އެއީ ދެން ޤުރުއާން ކިޔަވާން ޝައުޤު ހުންނާތީ ހަދައިލި ކޯހެއް. މޭޖާރ އެއްޗަކީ އެޗް.އާރ.]

[ރިސޯޓް ކަމުނުދަނީތަ މި ތާގެ ޖޮބަކަށް ނާންނަނީ؟] ނީނާ ސުވާލުކުރިއެވެ. [މިހާރު ވެސް އެޗް އާރު މެނޭޖަރަކަށް އިޢުލާނުކޮށްފައި އެބަ އޮތް.]

[އެޕްލައި ކުރިޔަކަސް ނުލިބޭ. ދެ ފަހަރަކު އިމާމުކަމަށް ވެސް އެދުނިން.] ނިޝާން އޮޅުން ފިލުވައިދިނެވެ. [އަޅައިގަންނަ ގޮތެއް ނުވޭ. ޖަވާބު ދިން، އިންޓަރވިއުއަށް ނުހޮވޭކަމަށް.]

[އަޅެ މި ފަހަރު ވާ ގޮތެއް ބަލާން، އަވަހަށް އެޕްލައިކޮށްބަލަ! އޮންލައިންކޮށް އެޕްލައިކުރެވޭނެ. ސެޓިފިކެޓު ނުފޮނުވިޔަސް އޯކޭވާނެ. ވަނަވަރާ އެކު ފޮނުވާ!] ނީނާ ބުނެލިއެވެ. [ބަސްދީގަތުމަށް އަންނަ އިރު، ސެޓްފިކެޓްގެ ކޮޕީ ގެނައިމާ ރަނގަޅުވާނެ. އިމާމުކަން ކުރާ ހިތް ވޭތަ؟]

[ވަރަށް އިންޓަރެސްޓް ހުރޭ. ރަށުގައި އިމާމުވެ ހުކުރުކޮށް ވެސް އުޅެން.] ނިޝާން އޮޅުންފިލުވައިދިނެވެ. [އެކަމަކު އިމާމްކަމުގެ ވަޒީފާގެ މުސާރަ ކުޑަވީމާ މައްސަލައަކީ.]

[އިމާމުކަން ކުރެވޭނެނު އެހެން ވަޒީފާއެއް އަދާކުރަމުން ވެސް!] ނީނާގެ ޚިޔާލު ފާޅުކުރިއެވެ. [މިސާލަކަށް އެޗް.އާރު ޖޮބެއްގައި އުޅެމުން ވެސް.]

***

ނިޝާން އިދްރީސްއަށް މާވަށު އެއަރޕޯޓް ގާޑްން ހޮޓެލްގެ ހިޔުމަން ރިސޯސް މެނޭޖަރެއްގެ ވަޒީފާއާއި އިމާމެއްގެ ވަޒީފާ ލިބިއްޖެއެވެ. އަދި ހުކުރުކުރުމުގެ ވަޒީފާ ވެސް ހަވާލުކުރެވުނީ އޭނާއަށެވެ. އެޗްއާރު މެނޭޖަރެއްގެ މުސާރައަށް މަހަކު 2000 ޑޮލަރާއި އިމާމެއްގެ މުސާރައަށް 1000 ޑޮލަރާއި ކުރާ ކޮންމެ ހުކުރަކަށް 200 ޑޮލަރު ހަމަޖެހުނެވެ. އަދި އެހެން މުވައްޒިފުންނެކޭ އެއް ފަދައިން ސަރވިސް ޗާޖް ލިބެއެވެ. އެހެންކަމުން ދިވެހި ރުފިޔާއިން ބަލާނަމަ، މަހެއްގެ މައްޗަށް ފަސްދޮޅަހަކަށް ހާސް ރުފިޔާ އެ ތަނުން ގެއަށް ގެންދާން ލިބޭކަމަށް ނިޝާން އޭނާގެ މަންމަ ގާތު އެއް ދުވަހަކު ބުންޏެވެ.

ނިޝާނަށް ހޮޓެލްގެ ވަޒީފާ ލިބުމާ އެކު ނީނާއާ ސީދާސީދާ ބައްދަލުވެ އުޅުން ރަނގަޅު ނުވާނެކަމަށް ވިސްނިގެން ނީނާ ހުންނަ 'ގަނޑުވަރަށް' ގޮސް އުޅުން ނިޝާން ހުއްޓައިލައިފިއެވެ. ނަމަވެސް މެސެންޖަރުންނާއި ވައިބަރުން ދެ މީހުން މެސެޖުކުރެއެވެ. ގުޅުން ވަރަށް ބަދައްސެވެ.

އެއް ދުވަހަކު ނީނާ ވަރަށް ދިގު މެސެޖެއް ނިޝާނަށް ފޮނުވައިފިއެވެ.

[ނިޝާން ގާތު ދައްކާނެ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ނަމަވެސް އެ ވާހަކަތައް ޢިބާރާތްކުރާނެ ގޮތެއް ނުވިސްނެއެވެ. ބުނެދޭނެ ކިތަންމެ އެއްޗެއް އެބަހުއްޓެވެ. އެކަމަކު ބުނެދޭނެ ގޮތެއް ޚިޔާލަކަށް ނާދެއެވެ. ކުރާން ބޭނުން ކިތަންމެ ސުވާލެއް އެބަހުއްޓެވެ. އެހެނަސް ކުރާންވީ ކޮން ސުވާލެއް ކަމެއް ނޭނގެއެވެ. އޮޅުން ފިލުވާން ބޭނުން ކިތަންމެ ކަމެއް އެބަ ހުއްޓެވެ. އެހެންނަމަވެސް އެ ވާހަކަތައް އަހާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ބުނެލާން ވަރަށް ބޭނުން ވާހަކައެއް އެބަ އޮތެވެ. ނަމަވެސް ބުނާނެ ލަފުޒެއް ދޫމައްޗަށް ތިލައެއް ނުވެއެވެ. އަންހެންކުއްޖަކު ފިރިހެނެއްގެ ގާތުގައި ވަކި ވާހަކައެއް ބުނުމަކީ ހުތުރުކަމެކޭ ހިތަށް އަރައެވެ. އެކަމަކު އެކަން އަހަރެންގެ ސިކުނޑި ގަބޫލެއްނުކުރެއެވެ. ނިޝާން ކުރިމަތީން ފެނުމާ އެކު، މި ހުރިހައި ކަމެއް ހަނދާނެއް ނުހުރެއެވެ. ބަޓް އައި ރިމެމްބަރ އެންޑް ނޯ ސަމްތިންގ ޓްރޫ. އައި އޮންލީ ނޯ ދެޓް އެންޑް ވަންނަ ސޭ އައި ލަވްޔޫ ސޯ މަޗް."

މި މެސެޖު ލިބުމާ އެކު، ނިޝާންގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ މެސެޖަށް ހަރުދަނާ ނިޝާން، ޖަވާބުދިނީ ވަރަށް ޑިޕްލޮމެޓިކްކޮށެވެ. އޭނާ ދިވެހިބަހުން ލިޔުނެވެ. "އަޅުގަނޑުގެ ވެރީންނާއި ރައްޓެހީން އަޅުގަނޑު ދެކެ ލޯބިފުޅުވުމަކީ އަޅުގަނޑުގެ މަސައްކަތާއިގެން ކުރިއަށް ދާން ލިބޭ ވަރަށް މަތިވެރި ހިތްވަރެކެވެ. އަޅުގަނޑުގެ ޚިދުމަތް ބަލައިގަނެ، އަޅުގަނޑުގެ މަސައްކަތް ވެރީންނަށް ކަމުދިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްޖަމަޖެހުމެކެވެ. އެހައިމެ މަތިވެރި އުފަލަކާއި ޝަރަފެކެވެ. ޝުކުރު ދަންނަވަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!]

މި މެސެޖް ލިބުމާ އެކު، ނީނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ނަމަވެސް އޭނާގެ މަގުސަދު ނިޝާނަށް ނުވިސްނުނީކަމަށް ހީކޮށް އަލުން މެޖެސެއް ކޮށްލިއެވެ. [މިއަދު މެންދުރު ކެއުމަށް ނީނާގެ 'ޖިފުޓިއަށް' އަންނާން ދަޢުވަތުދެން. އެކެއް ޖަހާ އިރަށް އިންތިޒާރުކުރާނަން. ސެކިޔުރިޓީއަށް އަންގައިފައި ބާއްވާނަން.]

މެންދުރު ކެއުމަށް އިންސާފުކުރަމުންދިޔަ އިރު ހާލުއަޙުވާލަށް ފަހު، ނީނާ ފޮނުވި މެސެޖް ނުވިސްނުނުތޯ ސުވާލުކޮށްލިއެވެ.

[ނޫން އަޅުގަނޑަށް ވިސްނުނު. އެހެންނަމަވެސް އަޅުގަނޑާ އެކަށީގެންވާ ކަމަކަށް ނުވާތީ... ޖެހިލުންވަނީ.]

[އަޅުގަނޑޭ ނުކިޔަބަލަ. މިއީ ފްރެންޑްސް. މައިންބަފައިން ވެސް އެހާ ރައްޓެހި.] ނީނާ އަމުރުކުރިއެވެ. [ދެން އެކަށީގެން ނުވެޔޭ ތިޔަ ބުނަނީ ކީއްވެ؟ އަހަރެން މުއްސަނދީމަތަ؟ ނޫނީ ނިޝާން ހައި ރީތި ނޫނީތަ؟]

[އެހެންވެގެން އެކަށީގެން ނުވެޔޭ ހިތަށް އަރަނީ.]  [އަދި ނިޝާނަށް ވުރެ ނީނާ މާ ރީތި ވެސް މެ.] ނިޝާން ޖަވާބު ދިނެވެ.

[ސީދަލަށް ބުނޭ! ނީނާދެކެ ލައިކްވޭތަ ނޫންތަ؟] ނީނާ ވަރަށް އަމުރުވެރި ރާގަކަށް ސީދާ ސުވާލުކޮށްފިއެވެ. [ކޮންމެ ޖަވާބެއް ދިނަސް ރުޅިއެއް ނާންނާނަން. އެކަމަކު ނިޝާން ނީނާއަށް ވުރެ މާ ރީތި.]

[ލައިކް ވޭ ވަރަށް ބޮޑަށް.] ނިޝާންގެ ޖަވާބު ވަރަށް ކުރެވެ.

[ތޭންކްޔޫ! އެހެންވީއްޔާ މިރޭ ނިދާންވާނީ ދެ މީހުން އެކީގައި. އަހަރެންގެ ރޫމްގައި.]

[މާފުކުރޭ! ކިތަންމެ ލައިކް ވިޔަސް ލޯބިވިޔަސް، ކާވެނީގެ ކުރީން ނުކެރޭނެ ތިޔަ ކަން ކުރާކަށް.]

ނިޝާންގެ މި ޖުމުލައިން ނީނާ ވަރަށް ހައިރާންވެއްޖެއެވެ. މި ޒަމާނުގެ ޒުވާނެއްގެ ފުށުން އިވޭނެކަމަށް އިންތިޒާރުކުރި ވާހަކައެއްނޫނެވެ. ކުއްލިއަކަށް ހަނދާނަށް އައީ ދާއޫދާއި އަލޫފު އޭނާއާ އެކަހެރިކޮށް ބައްދަލުވާން ފުރުޞަތު ބޭނުންވާ ވަރާއި އެ ފަދަ ކޮންމެ ފުރުޞަތެއްގައި އެ މީހުންގެ ޝައުޤު ހުންނަ ގޮތެވެ. އެހެންކަމުން ނިޝާނަކީ ވަރަށް މާތް އިންސާނެއްކަން ނީނާއަށް ޔަގީންވެއްޖެއެވެ. އަދި ހިތުގައި އޮތް ގަދަރު އެތައް ގުނައެއް އިތުރުވެއްޖެއެވެ.

[އެހެންވިއްޔާ މެރީކުރާން އެއްބަސްތަ؟] ނީނާ ސީދާސީދަލަށް އަސްލު ސުވާލު ދޫކޮށްލިއެވެ. [އައި ލަވް ޔޫ ސޯ މަޗް.]

[ބައްޕައާ މަޝްވަރާކޮށްލުމަށްފަހު މާދަމާ ޖަވާބެއް ދޭނަން.] ނިޝާންގެ ޖަވާބުތައް ހުންނަނީ ވަރަށް ސާފުކޮށް ސީދާކޮށް ކުރުކޮށެވެ.

[މިރޭ ދާނަން ޢިޝާނަމާދުން ނިމިގެން ނިޝާން ގެޔަށް ދާ ވަގުތާ ދިމާކޮށް ތިގެއަށް.] ނީނާގެ ގަސްތު ކިޔައިދިނެވެ. [ނީނާ ތިޔަކަމުގެ ހުއްދަ ހޯދާނަން.]

[އެންމެ ރަނގަޅު.] ނިޝާން ހިނިތުންވެލިއެވެ.

***

ދެ ޢާއިލާގެ ރުހުން ލިބުމާއެކު ނީނާ ބޭނުންވީ ދެ މީހުން ދިރިއުޅޭނެ ހިޔާވައްސެއް މާވަށުގައި ބިނާކުރުމަށް ފަހު، ކާވެނީގެ ކަންތައް އަވަހަށް ނިންމައިލާށެވެ. މި ކަމަށްޓަކައި މާވަށުން ދިހަ ހާސް އަކަފޫޓްގެ ބިމެއް ގަނެ، 15 ބުރީގެ ދެ ޓަވަރު ބިނާކުރާން ފަށައިފިއެވެ. މަސައްކަތް ހަވާލުކުރީ މިހާރު ރާއްޖޭގެ އެންމެ އިތުބާރު ކޮންސްތްރަކްޝަން ކުންފުނިކަމަށްވާ 'ފަރަގު ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކުޝަން ކޮމްޕެނީ'އާއެވެ. މަސައްކަތް ނިންމާން އެއްބަސްވެވުނު މުއްދަތަކީ 18 މަސްދުވަހެވެ. 15 ބުރިއަށް ވުރެ، އުހަށް ނަގާން ސިވިލް އޭވިއޭޝަނުން ހުއްދަ ނުދިނީއެވެ.

ބަރާބަރު ދިހަ މަސްދުވަހުން ދެ ޓަވަރު ނިންމައިލި އިރު، ދެ ޓަވަރުގެ ތިރީ ތިންބުރި އެއްކޮށްލައި އެންމެ ތިރީ ދެބުރި، ބޮޑު ޝޮޕިންގ މޯލެއްގެ ގޮތުގައި ތަރައްޤީކުރިއެވެ. އަދި ތިންވަނަ ބުރިއަކީ (އިނގިރޭސި ގޮތަށް ނަމަ ސެކަންޑް ފްލޯއަކީ) ޖަލްސާތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ބޮޑު މާލަމެވެ. ބޭނުން މީހަކަށް ފްލެޓް ވިއްކާ ގޮތަށާއި ކުއްޔަށް ދޭ ގޮތަށް އެތައް އެޕާޓްމަންޓްތަކެއް ޚާއްޞަކުރިއެވެ. އެންމެ މަތީ ޓެރަސް ހުންނަނީ ދާލަމަކުން ދެ ޓަވަރު ގުޅައިލައިފައެވެ. އެއް ޓަވަރުގެ މަތީގައި މުޅި ހުވަދޫ ކަނޑާއި ތ. އަތޮޅު ފުރިހަމައަށް ބަލައިލެވޭ ގޮތަށް ބޮޑު ތިން ޓެލެސްކޯޕެއް ހަރުކޮށްފައި ހުރެއެވެ. މިއީ ބޭނުން މީހަކަށް ކުޑަ އަގަކަށް ޚިދުމަތް ލިބޭ ގޮތަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ނަމަވެސް އަނެއް ޓަވަރުގެ ޓެރަސް ތައްޔާރުކޮށްފައިވަނީ ނީނާގެ އަމިއްލަ ބޭނުންތަކަށެވެ. ސްވިމިންގ ޕޫލަކާއި ކުޑަ ބަގީޗާއަކާ ވެސް އެކީގައެވެ. މިއީ ދިވެހިރާއްޖޭގައި މާލެއިން ބޭރުގައި މި އުސްމިނަށް ބިނާކުރެވުނު ފުރަތަމަ ޢިމާރާތެވެ. އަދި އެންމެ ފަހުގެ ޒަމާނީ ލިފުޓެއް ހަރުކޮށްފައި ހުރި ފުރަތަމަ ޢިމާރަތް ވެސް މެއެވެ.

މި ޢިމާރާތުގެ އެންމެ ތިރީގައި ހުންނަ ޝޮޕިންގ މޯލަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ހުރިހައި ޚިދުމަތެއް ލިބޭ، އަދި ވަރަށް އަގުހެޔޮކޮށް މުދާ ލިބޭން ހުންނަ ތަނެކެވެ. މި ޢިމާރާތުގެ ސަބަބުން މާވަށަށް ހިޖުރަކުރާ މީހުން އިތުރުވެ، ތަފާތު ގެސްޓްހައުސްތައް ވެސް އެ ޢިމާރާތުގައި ޤާއިމުކުރެވިއްޖެއެވެ. މި ޓަވަރަށް [މާވަށު ނިބޫ ބުރުޖު]ގެ ނަންދީ ރަސްމީކޮށް އެ ޢިމާރާތް ހުޅުއްވައިދިނީ، ނީނާގެ މަންމައާއި ބައްޕައާއި ނިޝާންގެ ބައްޕައެވެ.

މި ޢިމާރާތުގައި ނީނާއާއި ނިޝާނަށް، ފަސް މެންބަރުންގެ ޢާއިލާއަކާ އެކު ދަތި ނުވެ ދިރިއުޅެވޭ ވަރަށް ލަގްޒަރީ އެޕާޓްމެންޓްތައް ތައްޔާރުކޮށްފައި ހުއްޓެވެ.

ކޮންމެއަކަސް [މާވަށު ނިބޫ ބުރުޖު] ރަސްމީކޮށް ހުޅުވުނުތާ ހަތްވަނައަށް ވީ ދުވަހުގެ ރޭ ވަރަށް ކުލަގަދަ ޑުރޯން ޝޯއަކާއި ހަވާއެރުވުމުގެ ރަސްމިއްޔާތަކާ އެކު، ނީނާއާއި ނިޝާންގެ ކާވެނީގެ ގޮށްޖަހައިފިއެވެ. މިއީ މުންޑޫގެ އެތައް ޒުވާނުންނަކާއި މާވަށުގެ ގިނަ ޖިންސުއްލަޠީފުންގެ ހިތްތައް ކަތިލެވުނު ކުލަގަދަ އިޙުތިފާލެކެވެ.

(ނިމުނީ)

 

ކޮމެންޓު