ކަނީރު ޢަބްދުއްރަޙީމް
4 ޑިސެންބަރު 2025
ދީނީ ނުފޫޒެއް ނެތް މިނިވަން ސިކުނޑިއާ ހަވާލުވެއްޖެ ނަމަ މުޅި ދުނިޔޭގައި އޮންނާނީ އިންތިޒާމެއް ނެތް ވެރިކަމެކެވެ.
ޤުރުއާނާއި ސުންނަތުގެ އެއްވެސް ޙުކުމަކީ ސަލާމަތް ބުއްދިއާ ފުށުއަރާ އެއްޗެއް ނޫނެވެ. އެކަމަކު ފުރަތަމަ ކަނޑައަޅާންޖެހެނީ ދުނިޔޭގައި އިންސާނުންގެ ބުއްދި އެކަކު އަނެކަކާ ތަފާތުވާ އިރު، ރަނގަޅު/ނުބައި ވަކިކުރާން ހޮވާނީ ކޮން ބުއްދިއެއްކަމެވެ.
ދުނިޔޭގައި މައްސަލަތައް ނިންމުމާއި ހުރިހައި ކަންތައްތައް އެއްވެސް ދީނީ ނުފޫޒެއް ނެތް މިނިވަން ސިކުނޑިއާ ހަވާލުވެއްޖެ ނަމަ މުޅި ދުނިޔޭގައި އޮންނާނީ އިންތިޒާމެއް ނެތް ވެރިކަމެކެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުންގެ އިންސާނިއްޔަތު ހަލާކުވެ ނެތި ގެއްލިގެން ދާނީއެވެ. ސަބަބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް ބުއްދިއަށް އެއްވެސް އިމެއް ނެތި މިނިވަންކަން ލިބިއްޖެއްޔާ ނުވިސްނޭ ކުޑަ ކުއްޖާއަށްވާ ވަރު ވެސް ނުވާނެތީއެވެ.
ބަލައިލަމާ ހިނގާށެވެ!
ދައްތަ ނުވަތަ ކޮއްކޮއާ ބެހުމަކީ ކޮން ފަދަ ނުރުހެވޭ ކުށެއްހެއްޔެވެ؟ ދުނިޔޭގައި އެއްވެސް ބަޔަކު އެއްވެސް ހިސާބެއްގައި އެ ކަމާ އެއްބަހެއް ނުވެއެވެ. އެހެން ކާކު ކޮން ބަޔެއްހެއްޔެވެ. ﷲއާއި ރަސޫލާ ގަބޫލުނުކުރާ، އަދި ދީނެއް ނެތް މީހުން ވެސް މިއީ ވަރަށް ނުބައި، ކުށްވެރި އަމަލެއްކަމުގައި ދެކެއެވެ. އެކަމަކު އެއްވެސް ނުފޫޒެއް ނެތި، މިނިވަން ފިކުރެއްގައި ބުއްދިކޮށްފިއްޔާ މާސިންގާ ސުވާލެއް މި ކަމުގައި ކުރިމަތިވެއެވެ. އެ ދައްތަ ބޭބެއަށް އަރާމު ދިނުމަށް ޓަކައި ކައްކައިދެއެވެ. ނިދާ އެނދު ތަންމަތިއަޅައިދީ ބަލަހައްޓައެވެ. ހެދުން ރަފޫކޮށް ދޮވެ ސާފުކޮށްދެއެވެ. ބަލިވެއްޖެ ނަމަ، އެހީތެރިވެދީ ބޭނުންތައް ފުއްދައިދެއެވެ. ބޭބެއަށް އަރާމުކޮށްދޭން ދައްތަ ނުވަތަ ކޮއްކޮ ކުރާ މި ފަދަ ހުރިހައި ކަމަކީ ވަށައިގެން ތިބޭ ތިބީންގެ ތާރީފާއި ހެޔޮ ބަސް ލިބޭ ކަންކަމެވެ. އެކަމަކު ހަމަ އެ ދައްތަ ނުވަތަ ކޮއްކޮ، ބޭބެގެ ޖިންސީ އަރާމަށް ޓަކައި އޭނާގެ ހަށިގަނޑު ދިއްކޮށްލައިފި ނަމަ، މުޅި ދުނިޔެ އޭނާއަށް ލައުނަތްދީ މަލާމާތްކުރާން ފަށައެވެ. ކޮންމެ ކަމަކާ މެދު، ގޮތް ނިންމަނީ މިނިވަން ބުއްދީންކަމުގައިވާ ނަމަ، ކަންތައް އޮންނަ ގޮތުން ސުވާލު އުފެދެނީއެވެ. އެ ސުވާލަކީ ބޭބެއަށް އޭނާގެ ދައްތަ ނުވަތަ ކޮއްކޮގެ ފަރާތުން އެހެން ހުރިހައި އަރާމެއް ލިބިގަނެވިފައި ޖިންސީ އަރާމު ލިބިގަތުން މަނާވަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. މި ސުވާލަކީ އާދަކާދަޔާއި އަޚުލާގު ކަނޑައަޅައިފައިވާ އިމުގެ ތެރޭގައި ވަރަށް ނުރުހެވޭ ސުވާލެކެވެ. އެކަމަކު އެއްވެސް ނުފޫޒެއް ބާރެއް ނުފޯރާ ބުއްދި، އޭގެ ޖަވާބުގައި އެ ކަމަކީ އަޚުލާގީ ގޮތުން ކޮށްގެން ނުވާނޭ ކަމެކޭ ބުނުމަކުން ގަބޫލެއްނުކުރާނެއެވެ. މިނިވަން ވިސްނުމާއި ބުއްދި، އެ ކަމުގައި އެއްވެސް ނުބައެއް ގޯހެއް އޮންނަ ކަމަކަށް އެއްބަހެއް ނުވާނެއެވެ. ދެން ވެސް ބުނެފާނެއެވެ. އެކަމުން ދަރިފަސްކޮޅު އޮޅިގެން ހިގައިދާނެތީއެވެ. އެހެން ބުނެފި ނަމަ ފުރަތަމަ ޖަވާބަކަށްވާނީ ޚާއްސަކޮށް މި ޒަމާނުގައި ވިހެއުން ކޮންޓުރޯލުކުރެވޭކަމަށް ޓަކައި ތިއައީ ސަބަބަކަށް ނުވެއޭ ބުނުމެވެ. އެއާ އެކު ބުނެވޭނެ އަނެއް ވާހަކައަކީ ދަރިފަސްކޮޅު އޮޅުނިއްޔާ ވާނީ ކޮން ނުބައެއްހެއްޔޭއެވެ. ވީމާ އެ ކަމަކީ ގޯސް ކަމެއްކަން މިނިވަން ފިކުރާއި ބުއްދީން ގަބޫލެއް ނުކުރާނެއެވެ. ބުނާނީ ތިޔައީ ދީނާއި މަޒުހަބުގެ ނުފޫޒުގައި ދައްކާ ވާހަކަތަކެކޭއެވެ. ވީމާ ދީނީ މަޒުހަބީ ހިލިހިލާތަކުން ހައްޔަރުނުވާ މިނިވަން ފިކުރާއި ބުއްދީގެ ނިންމުމަކަށްވާނީ ކަމެއް ނުބައިކަމުގައި ސާބިތު ކުރެވޭނީ މިނިވަން ބުއްދީގެ ހެކިތަކާ އެކުގައިކަމަށް ބުނުމެވެ.
އެއީ ވަރަށް ލަދު ހުތުރު ވިޔާނުދާ އަމަލެކޭ ބުނެވިދާނެއެވެ. ނުފޫޒެއް ނުފޯރާ މިނިވަން ބުއްދި އޭގެ ޖަވާބު ދޭނެއެވެ. ތިއަބުނާ "ލަދު، ހުތުރު، ވިޔާނުދާ" ތިއައީ މަޒުހަބާ ދީނާ އާދަކާދައިން އުފަންކުރުވާ ޖުމްލައެކެވެ. މިނިވަން ބުއްދި ހީނފައި ބުނާނެއެވެ. އަޖައިބު ވެއްޖައީމެވެ. ނުވެސް ދެކޭ ބީރައްޓެއްސަކާ ދައްތަގެ ހަށިގަނޑު ހަވާލުކުރަނީ އެއީ ލަދުވެތިކަމާއި މާތްކަމެވެ. ތިމާ ކުޑައިރުއްސުރެ އެކުގައި އުޅުނު ބޭބެއާއި ހަވާލުކުރުމަކީ ލަދެއްނެތް ވިޔާނުދާވުމެވެ. މި ވާހަކަ ދެކޮޅު ޖެހޭހެއްޔޭ މިނިވަން ބުއްދި ސުވާލުކުރާނެއެވެ. ދެން އޮތީ އިންސާނާގެ ޒަމީރު އެ ކަމާ ދެކޮޅުހަދައޭ ބުނުމެވެ. މިނިވަން ބުއްދި އޭގެ ޖަވާބުގައި ބުނާނީ ޒަމީރު ނުރުހޭންވީ ސަބަބަކީ (ބުއްދީގެ ހެތްކަކީ) ކޮބައިހެއްޔޭއެވެ. ހަގީގަތަކީ މި ކަމަކީ އަންދުހު އަންޒަމާނުއްސުރެ އެންމެންގެ މެދުގައި ނުބައިކަމެއްކަމުގައި ބެލެވެމުން އަންނަ ކަމަކަށްވުމެވެ. މިނިވަން ފިކުރާއި ބުއްދިކޮށްގެން މި ކަމަކީ އައިބުކަމަކަށް ނުފެންނާނެއެވެ. އެ ގޮތުން މިސުވާލުގެ ޖަވާބުހޯދަން ގިޔާމަތާއި ހަމައަށް މަސައްކަތް ކުރިއަސް މައްސަލައިގެ ހައްލެއް ނުހޯދޭނެއެވެ.
މި ކަހަލަ މި ފަދަ އެންމެ ކަމެއްނޫނެވެ.
މި ޒަމާނުގައި މިނިވަން ބުއްދީން މިފަދަ އެތައް އެތައް މައްސަލަތައް ނެރެ ސުވާލު އުފައްދައެވެ. ކުރީގައިވެސް އުޅުނު މިފަދަ މީހުން އެމީހުންގެ މިނިވަން ބުއްދިން ހޯދާ ހާވައިގެން އުފައްދާ ސުވާލުތަކަށް މިނިވަން ބުއްދީގެ ޖަވާބުތައް ދިނުމުގައި އެކަހެރިވެ އެ މައްސަލަތަކުގެ އޮއިވަރުގައި ޖެހިގެންދިއައެވެ. ޔަގީންކޮށްލާން އިސްލާމްދީނުގެ ތެރޭން އުފެދުނު ބައިތަކުން ކުރެ "ބާޠިނިއްޔާ"އޭ ކިޔުނު ބައިގަނޑުގެ މައުލޫމާތު ހޯދައިލާށެވެ. އެ މީހުންގެ އިސް އެކަކުކަމުގައިވާ މަޝްހޫރު ލީޑަރު ޢުބައިދުﷲ ބުނުޙަސަން އަލްޤިރުވާނީ ލިއުނު ފޮތް "އައްސިޔާސަތު ވަލްބަލާޣުލްއަކީދު ވަންނާމޫސުލްއަޢުޡަމް"ގައި އޮވެއެވެ.
[މީހުން ބުއްދިވެރީންކަމުގައި ދައުވާކުރާ އިރު، މި ކަހަލަ މޮޔަ ކަންތައްތައް ކުރާކަމާ މެދު އަޖައިބުވެ އަންތަރީސްވެވެއެވެ. އެމީހާގެ އަނބިމީހާއަށް ވުރެ މާ ރީތި، މާ ފުރިހަމަ ދަރީން، ކޮއްކޮއިން، ދައްތައިން، އެ މީހާއާ އެކު އުޅޭއިރު އެ ދަރި ނުވަތަ ދައްތަ/ކޮއްކޮ އެ ހަވާލުކުރަނީ ދުރު ހިލޭ މީހުނާއެވެ. މި ޖާހިލު ކަލޭގެ އޭނާގެ ބުއްދީގެ ބޭނުން ހިފާ ނަމަ، އެ ގެނެވޭ ދުރުހިލޭ މީހާއަށް ވުރެ އެ ދަރީގެ، ނުވަތަ ދައްތަގެ، ނުވަތަ ކޮއްކޮގެ މައްޗަށް ހައްގުކަން ބޮޑީ އޭނާކަން އަމިއްލައަށް އިހުސާސްކުރެވުނީހެވެ. ހަގީގަތުގައި މި ހުރިހައި މޮޔަކަމެއްގެ ސަބަބަކީ އޭނާއަށް ވުރެ، ބާރުގަދަ ފަރާތަކުން އޭނާއަށް ދުނިޔޭގެ އަރާމު ޙަރާމްކުރުމެވެ.] މި އިބާރާތްތަކަށް އޭގެ ގޮތް ނެތްކަމާއި ލަދުހަޔާތެއް ނެތްކަމުގެ މައްޗަށް ލައުނަތްދޭށެވެ. ހިތްފުރެނދެން ނަފުރަތުކުރާށެވެ. އެކަމަކު އެއާ އެކު ފިކުރުކޮށްލާށެވެ. މިނިވަން އެއްވެސް ނުފޫޒެއް ނުފޯރާ ބުއްދިއެއްގެ ނަޒަރުން އެ ވާހަކަތަކާ އިދިކޮޅަށް ހޯދާނީ ކޮން ހެތްކެއްހެއްޔެވެ؟ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މިނިވަން ބުއްދިވެރީން އެއްވެ ހެދުނާއި ހަވީރު އެ މިނިވަންކަމުގައި ބުއްދިކުރިއަސް އެމީހުންގެ ވާހަކަތައް ދެކޮޅުޖައްސާނީ ކޮން ފަދައަކުން ހެއްޔެވެ؟
ހަމަ މި ފަދައިން ޒިނޭ ޙަރާމްކަން ވެސް މިނިވަން ބުއްދީން ސާބިތުކުރާން އުޅެބަލާށެވެ. އެއީވެސް ނުވާނެކަމެކެވެ. ސަބަބަކީ މިނިވަން ބުއްދީގެ ސުވާލަކަށްވާނީ އަންހެނަކާ ފިރިހެނަކާ ދެ މީހުންގެ ރުހުމުގައި އެ ކަން ކުރުމުން އޭގެ ގެއްލުމަކީ ކޮބައިހެއްޔޭ އެހުމެވެ. ހުޅަނގުގެ ގާނޫނުތަކުގައި އެ ފަދަ ގުޅުން ނުވަތަ ޒިނޭއަކީ ކުށަކަށް ނުވަނީ އެހެންވެގެންނެވެ. އެ ގާނޫނުތައް ހަދާ މީހުންނަށް އެ ގޮތަށް ދެ މީހުން ރުހިގެން ގުޅުން ބެހެއްޓުމުގައި އެއްވެސް ގެއްލުމެއް ނުފެންނާތީއެވެ. އިނގިރޭސީންގެ ގާނޫނު ހަދާ މަޖިލީހުގައި އެންމެންހެން އަތްތިލަބަޑިޖަހައި ތަރުހީބުދީ އުފާކުރީ ދެ ފިރިހެނުން ވެސް ރުހިއްޖިއްޔާ ޖިންސީ ގުޅުން ބޭއްވުން ހުއްދަކުރާ ގާނޫނު ފާސް ކޮށްފައި ދާދި އިހަކަށްދުވަހުއެވެ. އެ ކަން އެގޮތަށް ފާސްވީ ވެސް އެ މީހުންގެ މިނިވަން ބުއްދިއަށް އެ ކަމަކީ އެއްވެސް ނުބައެއް އޭގައިވާ ކަމެއްކަމުގައި ނުފެނިގެންނެވެ.
މިއީ އަޖައިބުވާވަރުގެ ކަމެއް ނޫނެވެ.
އިންސާނީ ވިސްނުމާއި ބުއްދީން ހަދާ ގާނޫނުތަކަށް ލާޒިމުވާ އެއް ސިފައަކީ އެ ގާނޫނުތަކުން އިންސާނުން ތަރުބިއްޔަތުކުރެވި އަމާންކަމާއި ހަމަޖެހުން ލިބިދިނުމުގައި އަބަދު ވެސް ފޭލުވުމެވެ. އަދި އޭގެ ސަބަބުން ބުއްދީގެ އަގު ވެއްޓި ދެކޮޅުނުޖެހޭކަން އިހުސާސުވަމުން އައުމެވެ. އެ ވާ ގޮތަކީ ހަމައެކަނި ބުއްދީގެ އެހީގައި ގާނޫނު ހަދާ އިރު، ހަމަ ކޮންމެ މީހެއްގައި ތަފާތު ބުއްދިއެއް އޮންނަކަމެވެ. އިއްޔެ ބަޔަކަށް އެއްބަސްވެވި ހެދުނު ގާނޫނުތައް މިއަދުގެ ބުއްދިތަކަށް ކަމުނުދަނީ އެހެންވެއެވެ. އެއް ދުވަސްވަރެއްގައި ބުއްދިކުރެވޭ ގޮތަށް އަނެއްބައި ދުވަހު ބުއްދިކުރެވޭ ގޮތްނުވާތީއެވެ. އެހެނީ އިންސާނުންގެ ބުއްދީގައި އެކައްޗެއް ކިޔައި އެއްބަސްވެވޭ ފަދަ ފެންވަރެއްނުހުރެއެވެ. އެހެން ނޫން ނަމަ ބުއްދީގެ ބޭނުން އެކަނިކޮށްގެން (މިނިވަން ބުއްދިއަކުން) ރަނގަޅު ގާނޫނުތަކެއް ހެދުނީހެވެ.
ކޮންމެއަކަސް ދާދިފަހުގެ ގާނޫނީ މާހިރުން ވެސް ބުއްދިއާއި ވިސްނުމާ ފިކުރުގެ މޮޅުކަމުގެ ވާހަކަދެއްކުމާ އެކު، އެތަކެއް އަހަރު ބަހުސްކޮށް ޖަލްސާކޮށް ދިރާސާތައްކުރިއެވެ. ދެން ވެސް ބުނާންޖެހުނީ ގާނޫނު ހެދުމުގައި ދިމާވާ މައިގަނޑު މައްސަލަ އަހަރުމެންނަށް އަދިވެސް ހައްލުނުކުރެވޭ ވާހަކައެވެ. ގާނޫނުގައި ރަނގަޅާއި ނުބައި ކަނޑައަޅައި ނިންމާންވީ ކޮން ހިސާބަކުންކަން ނޭނގޭ ވާހަކައެވެ. މި ފަހުގެ އެންމެ މަޝްހޫރު ގާނޫނީ މާހިރުންގެ ތެރޭގައި ހިމަނައިލެވުނު އެކަކު ކަމުގައިވާ ޖޯޖް ވިޓީރޮސް ޕޭޓަން މި މައުޟޫޢުގައި ލިއުނު އޭނާގެ ފޮތް [އުސޫލު ގާނޫނު]ގައި އޮވެއެވެ.
[ނަމޫނާ ގާނޫނެއްގައި ރައްކާތެރިވާންޖެހޭ ފައިދާތަކަކީ ކޮބައިހެއްޔެވެ؟ މިއީ މުޅި އެތި ގަބޫލުކުރުމުގެ ސުވާލެކެވެ. އޭގައި ގާނޫނުގެ ފަލްސަފާ އޭގެ ގޮތުގައި އޮންނާންޖެހެއެވެ. މައިގަނޑު ގޮތެއްގައި މި މައްސަލަ ނުކުންނަނީ ގުދުރަތީ ގާނޫނުގެ ސަބަބުންނެވެ. އެކަމަކު އެސުވާލުގެ ޖަވާބު އަހަރެމެން ފަލްސަފާގެ ތެރޭން ހޯދާން ބަލާ އިރު، މިހާ ފަލްސަފާއަށް އޭގެ ޖަވާބެއް ނުދެވެއެވެ. (އަދި މިހާވަރަކުން ނުވެއެވެ.) އެހެނީ މިހައި ތަނަށް ވެސް އެ އެތި ގަބޫލުކުރެވެނީ ކިހައި ހިސާބަކުންތޯ ކަނޑައެއްނޭޅެއެވެ. އެހެންވާ ގޮތަކީ އެ ދިމާއަށް ގޮސް އެ ކަން ކުރެވޭން އޮތީ ހަމައެކަނި މަޒުހަބުތަކުގެ ތެރޭންނެވެ. އެކަމަކު މަޒުހަބުގެ ހައްގުތައް ގަބޫލުކުރެވޭނީ އަގީދާއިންނެވެ. ނުވަތަ އެ ވާ ގޮތް އޮޅުންފިލައިގެންނެވެ. ހަމައެކަނި ދައްކާ ވާހަކަތަކުން ލިބޭ ހެކިތަކަކުންނޫނެވެ.] ހަމަ މި މޭރުމުން އިތުރަށް އޭނާ ލިޔެފައި ހުރި ބައެއް ވާހަކަތަކާ މެދު ވަރަށް ތަފާތު ރައްދުތަކާއި ވާހަކަތައް އެކި ފެންވަރުގެ ގާނޫނީ މީހުން ދެމުން ލިޔަމުންގެނެއެވެ. ޖޯޖު ޕޭޓަން ލިޔެފައި އޮވެއެވެ.
ގާނޫނުގެ ބޭނުމަކަށްވާނީ ކޮން ކަމެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކިތަކަށް މީހުން ދީފައި ވާނޭހެއްޔެވެ. އެ ފަދަ ކޮންމެ މީހަކު ލިޔެފައިވަނީ ގާނޫނު އޮންނާންވީ މިވެނިހެންވެގެންނޭ ބުނަމުންނެވެ. މިނިވަން ފިކުރާއި މިނިވަން ބުއްދިއަށް ކަންކަން ފެންނަ ލެއް ތަފާތުކަން މި ލިޔުންތަކުން އެނގެއެވެ.
"ދި އޮތޮޑޮކްސް ނެޗުރަލް ލޯ ތިއަރީ ބޭސްޑް .........."
[އެންމެ ގަބޫލުކުރެވޭ އާންމު ގާނޫނުތަކުގެ މައިގަނޑެއްކަމުގައި ވަނީ މަޒުހަބު ނުވަތަ ދީނުގެ ތެރޭން ލިބިފައި ހުންނަ ހައްގުތަކެވެ. އަހަރެމެން ގާނޫނުގެ މި އުސޫލު ދީނާ ވަކިކޮށްލައިފިއްޔާ އެއްބަސްވެވޭނެ ގޮތްތަކެއް (ގާނޫނެއް) ހޯދާނީ ކޮން ތާކުންހެއްޔެވެ؟]
މާނައަކީ ﷲގެ ވަޙީ މުޅީން އެއް ފަރާތްކޮށްލައި ވިސްނުމާއި ފިކުރު މިނިވަންކޮށް ދޫކޮށްލެވިއްޖެ ނަމަ، ހެޔޮ/ނުބައި ވަކިކުރެވޭނެ ބިންގަލެއް ނޯންނާނެކަމެވެ. އިންސާނާއަށް މަގުފުރެދުމާއި ބުއްދިނުކުރެވުމުގެ ފުންވަޅުގަނޑުތަކަށް ވެއްޓޭންޖެހޭނެކަމެވެ. އެއިން ވަޅުގަނޑެއްގައި ސަލާމަތާއި ތެދުމަގުގެ ކުޑަވެސް އުންމީދެއްނުވާނެއެވެ. ސަބަބަކީ ވަޙީގެ އެހީއާ ނުލައި، އިންސާނާ އޭނާގެ ބުއްދީން ބޭނުންކުރުމަކީ މިނިވަންކަމާ އެކު، ނުފޫޒެއްނެތި ޚިޔާލާއި ފިކުރުކުރެވެނީކަމުގައި ގަބޫލުކުރިއަސް ހަގީގަތުގައި އެހެން އެ ކަން ވުމުން އިންސާނާއަށް އެ ވެވެނީ އޭނާގެ ނަފުސުގެ އެދުންތަކުގެ އަޅަކަށެވެ. އެއީ ބުއްދި އަޅުވެތިކުރެވުމުގެ މާ ނުބައި ގޮތެކެވެ. ކޮންމެ ކަމެއްގައި، މިނިވަން ސިކުނޑިއަކުން ވިސްނުމުގެ މޮޅު ވާހަކަދައްކައި އެ ގޮތް ގަބޫލުކުރާ މީހާއަކީ ހަގީގަތުގައި އިންތިހާ ދަރަޖައިގެ އަމިއްލަ ނަފްސުގެ އަޅަކަށްވެފައި ހުންނަ މީހެކެވެ. އެ ފަދަ މީހުންނާ އަޅައިބަލާ އިރު، ބޮޑަށް ހަގީގަތާއި އެއް ގޮތަށް ވިސްނައި ހިތްވަރުލެވޭ މީހުންނަކީ، އަހަރެމެންގެ ސިކުނޑި މިނިވަނެއް ނޫނޭ، އެ ސިކުނޑިއަކީ އެދުންތަކާއި ނަފުސުގެ އަޅެކޭ ބުނާމީހުންނެވެ.
ގާނޫނީ ފަލްސަފާއާ ބެހޭ ގޮތުން ވާހަކަދައްކާ މި ޒަމާނުގެ [ބުއްދިވެރީން]ގެ ވާހަކަތައް މަޝްހޫރުވެފައިވަނީ [non-cognitive theory]ގެ ނަމުންނެވެ. މި ކަމުގެ އެންމެ އިސް އެކަކުކަމުގައިވާ ޑަކުޓަރު ފްރެޑްގެ ބަހުން މި ފަލްސަފާގެ ޚުލާސާ އޭނާ ލިޔަނީ މިހެންނެވެ.
........................ Reason is and ought only to
[ބުއްދިއަކީ ހަގީގަތުގައި އިންސާނީ ޖަޒުބާތުގެ އަޅެކެވެ. އެ ވާންވާނީ ވެސް ހަމައެކަނި އެ ޖަޒުބާތުގެ އަޅަކަށެވެ. އޭގެ މަސައްކަތަކީ އެ ޖަޒުބާތަށް ކިޔަމަންވެ ހޭހަންކުރުން ނޫން އެހެންކަމަކަށް ވެގެންވެސް ނުވާނެއެވެ.] އެ ފަލްސަފާގެ ނަތީޖާ ބަޔާންކުރަމުން އެ ޑަކުޓަރު ލިޔެއެވެ. [އަދި އޭގެ އިތުރަށް އެހެން ކޮންމެ އެއްޗެއް، – މިސާލަކަށް: އާދައިގެ ނިންމުމެއް، ލަދުވެތިކަމާއި ޖެހިލުންވުން، މޯޅިއަށް ދެމުން، ރަނގަޅު/ނުބައި ނުވަތަ މިވެނި ކަމެއް ވާންވާނެ، މިވެނި ކަމެއް މިހެންވާނެ ފަދަ ޖުމުލަތަކަކީ ވެސް އިންސާނާގެ އެދުމާއި ޖަޒުބާތުގެ އުފެއްދުންތަކެވެ. އިލްމާއި އަޚުލާގުގެ ކަންފުޅެއް ވެސް އެއަކާ އެކުލެވިފައެއް ނުވެއެވެ.] (ފްރެޑްމަން: ލީގަލް ތިއަރީ، ލަންޑަން 1967)
މި ބަހުސް އިހަށް ބާއްވައިލައިފައި އެ މީހުންގެ މި ވާހަކަތަކުގެ ރަނގަޅު/ނުބައި ބަލައިލާ އިރު، އެ ވާހަކަތަކަކީ މުޅިންމެ ތެދު ވާހަކައެވެ. އެހެނީ ހެއްދެވި ފަރާތުގެ ބަސްފުޅުތަކާ ދުރަށްޖެހި، އޭގެ ނުފޫޒާއި ވަކިވެއްޖެ ނަމަ، ބުއްދިއެއް ފިކުރެއް އަޚުލާގެއް ބޭނުމެއްނުވާނެއެވެ. އެއެއް ނޯންނާނެއެވެ. އެ ހިސާބުން އިންސާނާގެ ހުރިހައި ކަމަކަށް (އޭނާގެ އަމަލުތަކާއި ގޮތްތަކަށް) ބާރުފޯރުވާނީ އޭނާގެ ޖަޒުބާތާއި އެދުންތަކެވެ. އެ އެދުންތަކާއި ޖަޒުބާތުތައް އޭނާ ގެންދާ ކޮންމެ ތާކަށް އޭނާ ދާންޖެހެއެވެ. ދާނެއެވެ. އެއިން ކަމެއް އޭނާގެ ވިސްނުމާއި ފިކުރަށް ފުށުއެރިއަސް އޭނާގައި އޭނާގެ އެދުންތައް ދުރުކޮށްލާނެ ކަނޑައެޅިފައިވާ ބިންގަލެއް އިމެއް ނޯންނާނެއެވެ. އިނގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުގައި އެއްޖިންސުން ކައިވެނިކުރާން ހުއްދަކޮށްފައިވަނީ މިހާލަތުގައެވެ. ބައެއް [ބުއްދިވެރީން]ނަކަށް އެ ކަމަކާ ނުރުހެވެއެވެ. އަދި އެ ކަން ހުއްދަކޮށް ހަމަޖައްސާ މީހުންނަކީ ވެސް އެ ކަމާ ހިތްހަމަޖެހޭ ބަޔެއްނޫނެވެ. އެހެނެއްކަމަކު އެދުންތަކުގެ އަޅަކަށްވުމާ އެކު ބުއްދިއަކަށް އެ ފަދަ ކަމެއް ނުކޮށް ދޫކޮށްލެވޭ ގޮތެއްނޯވެއެވެ. އެ މައްސަލައިގައި އެ ކަމާ މެދު ވިސްނާން (ވުލްފެންޑަން ކޮމިޓީއޭ ކިޔާ) ބައަކު ހަމަޖެހުނެވެ. މަޖިލީހުގައި އެ ކަން ފާސްވެގެން ދިއައީ އެ ކޮމިޓީގެ ލަފައާ އެއް ގޮތަށެވެ. އެ ކޮމިޓީގެ ރިޕޯޓުގެ މި އިބާރާތްތައް ވަރަށް އިބުރަތްތެރިއެވެ.
[ޤާނޫނެއްގެ ހިޔަލުގައި އެކު އުޅޭ ބަޔަކު ދިރިއުޅުމުގައި ޤާނޫނާ ޚިލާފުވުމާއި ދީނާ ޚިލާފުވުމުގެ ކުށް ދެކެ ގަންނަ ބިރު އެއްވަރު ނުވާހައި ހިނދަކު އެ ބަޔެއްގެ ތެރޭގައި ނުފޫޒު ގަދަވާނީ އަމިއްލަ އެދުމާއި ބަދުއަޚުލާގީ ކަންތައްތަކެވެ. އެއީ ސާފުކޮށް ބުނާ ނަމަ ގާނޫނުތަކުގެ ބޭރުންނެވެ.]
އެކަމަކު ޤުރުއާން، އިންސާނާ ބޭނުންހައި ގޮތަކަށް ހިތަށް އަރާހައި ކަމެއް ކުރާކަށް ޖާގައެއްނުދެއެވެ. އެ ފޮތުން ދައްކައިދެނީ ސާފުސީދާ ތެދުމަގުގެ އިމެވެ. އޭގައި ފައުޅުކޮށް ބަޔާންކޮށްދީފައިވަނީ އިންސާނާގައި ރަނގަޅާއި ނުބައި އެކުލެވިފައިވާކަމެވެ. އެ އިންސާނާ އެ ނުބައި ކަންތައްތަކުގެ ތެރޭގައި އެކަނި ދޫކޮށެއްނުލެވެއެވެ. އެ ފޮތް ބުނެދޭ ގޮތުގައި ވަޙީގެ އަލީގައި ބަލާ އިރު، މިނިވަން ބުއްދީގެ ނަމަކީ އަމިއްލައެދުންތަކެވެ.
މި ކަމާ ގުޅޭ ބައެއް ފިލާވަޅު ކިޔައިލަމާ ހިނގާށެވެ!
[ހައްގު ޤުރުއާން އެއުރެންގެ އެދުންތަކަށް ތަބާވީ ނަމަ، އުޑުތަކާއި ބިމާއި އެ ތާނގައި ވާހައި ބަޔަކު ފާސިދުވެ ނުބައިވެގެން ހިނގައްޖައީހެވެ.] (سورة المؤمنون: 71)
[ފަހެ، އެމީހެއްގެ ވެރި ރަސްކަލާނގެ حضرةން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެ މީހެއްގެ ނުބައި عمل އެ މީހަކަށް زينةތެރިކުރައްވައިފައިވާ މީހަކާއި، އެއުރެންގެ هوى نفسގެ އެދުންތަކަށް تبعވެގެންވާ މީހުންނާ އެއް ފަދަވެގެން ވޭހެއްޔެވެ؟] (سورة محمد: 14)
[އަދި އެއުރެންގެ ވެރިރަސްކަލާނގެ وجهފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاءކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفسހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافلކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبعވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! (سورة الكهف: 28)
[ފަހެ އެ ދުވަހަށް އީމާންނުވެ އޭނާގެ ހަވާނަފްސަށް ތަބާވެއްޖެ މީހާ ހަމަކަށަވަރުން އެ ކަމުން (އެބަހީ ގިޔާމަތް ދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ. އޭރުން ކަލޭގެފާނު ހަލާކުވެދާހުއްޓެވެ.] (سورة طه : 16)
[..... އަދި ﷲގެ ހަޟުރަތުން ތެދުމަގަކާ ނުލައި، އެ މީހެއްގެ އަމިއްލަ އެދުމަށް ތަބާވީ މީހަކަށް ވުރެ މަގުފުރެދުން ބޮޑީ ކާކުހެއްޔެވެ؟.. ] (سورة القصص: 50)
[އެކަމަކަށްޓަކައި (ބައިބައިވުން ދުރުހެލިވެ އެންމެން އެކަތިގަނޑަކަށް ވުމަށް) ފަހެ ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން ސީދާވެ ވަޑައިގަންނާށެވެ. އެއުރެން އެދޭ ބާޠިލު ގޮތްތަކަށް ކަލޭގެފާނު ތަބާވެވަޑައިނުގަންނަވާށެވެ! ......" (سورة الشورى: 15)
[....... ފަހެ ތިޔަބައިމީހުންގެ ނަފުސުތައް ނޭދޭކަމަކައިގެން ތިޔަބައިމީހުންގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެ ކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟" (سورة البقرة:78)
ޚުލާސާއަކީ މިއެވެ. އިސްލާމްގެ މައިގަނޑު ބިންގަލަކީ އަމިއްލަނަފްސުގެ އަޅެއްކަމުގައިވާ ބުއްދިއެއް ނޫނެވެ. އަދި އެއީ ﷲ ދެއްވި ތެދުމަގުން އެއްކިބާނުވެ، ތިމާއަށް އޮތް އިމުގައި ސާބިތުވެގެންވާ ބުއްދިއެވެ. ސަލާމަތް ބުއްދިއަކީ މިއީއެވެ. (ކަނީރުގެ ތަރުޖަމާއެއް)