އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
3 ޑިސެންބަރު 2025
ސިޔާސާ ޝަރުޢިއްޔާ ފޮތް
މަތީގައި އެ ވަނީ ކޮންމެ މުސްލިމެއްގެ އަތުގައި އޮންނާންޖެހޭ ފޮތެއްގެ ޢަރަބި ނަމުގެ ތަރުޖަމާއެވެ. އާދޭހެވެ! މިއީ އިސްލާމީ ފިޤުހުގެ މަޝްހޫރު އަދި މުހިންމު މަސްދަރެކެވެ. މަރުޖާއެކެވެ. އެހެންކަމުން މި ފޮތުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލާން މިއަދު ގަސްތުކުރީއެވެ.
ދިވެހިރާއްޖޭގެ ކޮލެޖު/ޔުނިވަރުސިޓީތަކުގައި އިސްލާމީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ އިރު، ޚާއްޞަކޮށް [ޝަރީޢާ]ގެ ދާއިރާއިން ކިޔަވާ ކުދީން، ކިޔަވާ އެއް މާއްދާއަކީ [ސިޔާސާ ޝަރުޢިއްޔާ]އެވެ. މި މާއްދާ ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި އެންމެ ބޮޑު ޝަކުވާއަކީ މި ދާއިރާއިން މަޢުލޫމާތު ހޯދާނެ މުހިންމު ފޮތްފޮތް، ޢަމުދުން އެންމެ ފޮތެއް ވެސް، ދިވެހިބަހުން ލިޔެފައި ނެތްކަމެވެ. މި ފޮތް ޝާއިޢުކުރެވުމާ އެކު، މި ކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބުނީކަން ކަށަވަރެވެ.
މި ފޮތަކީ އިސްލާމީ ތާރީޚުގައި މަޝްހޫރު ޢާލިމު އަދި ފަޤީހު އިބްނު ތައިމިއްޔާ، އެހެން ގޮތަކަށް ދަންނަވާ ނަމަ، އަލްޢައްލާމާ ޝައިޚުލްއިސްލާމި އަޙުމަދު ބްނު ޢަބްދިލްޙަލީމި ބްނި ތައިމިއްޔާ (728 ހ.) ލިޔުއްވައިފައިވާ [އައްސިޔާސަތުއްޝަރުޢިއްޔާ ފީ އިޞްލާހިއްރާޢީ ވައްރަޢިއްޔާ] މި ފޮތުގެ ދިވެހި ތަރުޖަމާއެވެ. މި ފޮތުގައި ވަނީ، އިސްލާމީ ސިޔާސަތުގެ އަލީގައި ވެރިކަމުގެ ކަންކަން އިޞްލާހުގެ މަގުން ހިންގައި ހަމަޖެހޭ ޞުލްޙަވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި ވެރީންނާއި ރައްޔިތުން ޢަމަލުކުރާން ޖެހޭ އަސާސްތަކާއި އުޞޫލުތަކާއި މަބްދައުތަކުގެ މައްޗަށް ކީރިތި ޤުރުއާނާއި ކައު އިތުރު ރަސޫލާ މުޙަންމދު ގެ ސުންނަތުގެ އަލީގައި އަލިއަޅުއްވައިލައްވައިފައެވެ. އިސްލާމީ ޤައުމެއްގެ ޙާކިމާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ރައްޔިތުންގެ ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ދައުލަތުގެ ބައިތުލްމާލު ޙިމާޔަތްކުރާނޭ ގޮތް މި ފޮތުގައި ތަފުޞީލުކޮށް ބަޔާންކުރައްވައިފައި ވެއެވެ.
މީގެ އިތުރަށް އިސްލާމީ ޤައުމެއްގައި ވެރިކަން ހިންގުމުގެ ޝަރުޢީ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތަކާއި މަގުސަދުތައް ބަޔާންކުރައްވައި، މުޖުތަމަޢުގައި ޢަދުލުވެރިކަން ގާއިމުކޮށް ސުލްހަމަސަލަސްކަން ދަމަހައްޓާނެ ގޮތް ވެސް ޤުރުއާނާއި ސުންނަތުގެ އަލީގައި މި ފޮތުގައި ބަޔާންކުރައްވައިފައި ވެއެވެ. އިބްނު ތައިމިއްޔާ (ރަޙިމަހުﷲ) ލިޔުއްވައިފައިވާ [އައްސިޔާސަތުއްޝަރުޢިއްޔާ ފީ އިޞްލާހިއްރާޢީ ވައްރަޢިއްޔާ]އަކީ އިސްލާމީ ޝަރީޢާ ނުވަތަ އިސްލާމީ ޢިލްމު ކިޔަވައިދޭ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި މަޤުބޫލު މަރުޖާއެކެވެ.
އިބްނު ތައިމިއްޔާގެ މި މުހިންމު ފޮތް [އައްސިޔާސަތުއްޝަރުޢިއްޔާ ފީ އިޞްލާހިއްރާޢީ ވައްރަޢިއްޔާ] (ވެރިޔާއާއި ރައްޔިތުން އިސްލާޙުކުރުމުގެ ޝަރުޢީ ސިޔާސަތު) މިހާރު މި ވަނީ ދިވެހިބަހަށް ތަރުޖަމާކުރައްވައި ޗާޕުކުރައްވައި ޢަންމުކޮށް ޝާއިޢުކުރައްވައިފައެވެ. މި ދިޔަ ނޮވެންބަރު މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޝާއިޢުކުރެއްވި މި ފޮތަކީ، ދިވެހި އިސްލާމީ މުޖުތަމަޢަށް އެ މުޒާރާއިން ކުރެއްވި ވަރަށް މަތިވެރި ހަދިޔާއެކެވެ.
ގަދަ ނޫކުލައިގެ ލުއި ބަނޑޭރިގަނޑެއް ބޭރުގައި ހިމަނުއްވައިފައިވާ މި ފޮތުގެ ދިގުމިނަކީ (ނުވަތަ ފޮތް ހަރުގަނޑެއްގައި ބަހައްޓައިފި ނަމަ އުސްމިނަކީ 23.7 ސެންޓިމީޓަރެވެ. ފޮތުގެ ފުޅާމިނަކީ 16 ސެންޓިމީޓަރެވެ. 80 ގްރާމުގެ ހުދު ކަރުދާހުގައި ފޮންޓު ސައިޒު 14ގައި ލިޔުންތައް ހިމަނުއްވައިފައިވާ މި ފޮތުގެ ބޯމިނަކީ 2.5 ސެންޓިމީޓަރެވެ. އުފުލައި ގެންގުޅޭކަށް ވެސް މާ ބަރެއް ނޫނެވެ. ޖުމުލަ 454 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތުގެ ބަރުދަނަކީ ގާތްގަނޑަކަށް 729 ވަރަކަށް ގްރާމެވެ.
މި ފޮތަކީ މަތީތަޢުލީމުގެ ޙަވާލާ ފޮތަކަށްވާތީ ފޮތުގެ ލޭއައުޓަށް ވުރެ ބޮޑަށް ސަމާލުކަންދެއްވައިފައިވަނީ ކިޔައިލާން ފަސޭހަ، ކުށް މަދު ފޮތެއްގެ ގޮތުގައި ހެއްދެވުމަށްކަން ފާހަގަކުރެވެއެވެ.
ފޮތުގެ ބަނޑޭރިގަނޑުގެ ބޭރަށް ބަލައިލާ އިރު، ފޮތުގެ ސީދާ މެދުން ހަތަރު ވަރަކަށް ސެންޓީމީޓަރުގެ ތިރީގައި ދިވެހި ދައުލަތުގެ ނިޝާން ކުލަކޮށް ޗާޕުކުރައްވައިފައިވެއެވެ. ނިޝާނުގެ ތިރީގައި ކުޑަ ފޮންޓަކުން [އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ] މިހެން ލިޔުއްވައިފައިވެއެވެ. އެހެންކަމުން މިއީ އެ ވުޒާރާއިން ޝާއިޢުކުރެއްވި ފޮތެއްކަން ސާފުވެއެވެ. ވުޒާރާގެ ނަމުގެ ތިރީން ގާތްގަނަޑަކަށް ސެންޓިމީޓަރެއްގެ ތިރީގައި އޮތީ ފޮތުގެ އަސްލު ނަންކަމަށްވާ [السِّيَاسَةُ الشَّرْعِيَّةُ فِى إصْلَاحِ الرَّاعِى وَ الرَّعِيَّةِ] މި ފަދައިން ރަން ނުވަތަ ރީނދޫ ކުލައިން ލިޔުއްވައިފައެވެ. މި ނަމުގެ ތިރީގައި ނަމުން ދޭހަވާ މާނަ (ވެރިޔާއާއި ރައްޔިތުން އިސްލާޙުކުރުމުގެ ޝަރުޢީ ސިޔާސަތު) ހުދު ކުލައިން ލިޔުއްވައިފައި ވެއެވެ. އޭގެ ތިރީގައި އަށްކަން ބައްޓަމުގެ ހަތަރު ބައްޓަމަކުން ތައްޔާރުކުރައްވައިފައިވާ ކުޑަ ފަރުމާއެއް ހުއްޓެވެ. އޭގެ ތިރީގައި ތަންކޮޅެއް ކުޑަ ފޮންޓަކުން ފޮތުގެ އަޞްލު މުޞައްނިފުގެ ނަންފުޅު (ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ) ޢަރަބި އަކުރުން ލިޔުއްވައިފައި ވެއެވެ. އިބްނު ތައިމިއްޔާގެ ނަންފުޅުގެ ތިރީން 6.6 ސެންޓިމީޓަރު ދޫކޮށްލައްވައިފައި [ދިވެހި ތަރުޖަމާ] ލިޔުއްވައިފައި އޭގެ ތިރީގައި [އައްޝައިޚު ޢަލީ ނަޖީބު] މި ހެން ލިޔުއްވައިފައިވެއެވެ. ދެން މަތީގައި އޮތް ފަރުމާ ގެކޫޑަ ފަރުމާއަކާއި ދިގު ދެ ރޮނގުބުރި ގުޅުއްވައިގެން ހައްދަވައިފައިވާ ފަރުމާއަކަށް ފަހު، [މުރާޖަޢާ] މިހެން ލިޔުއްވައި އޭގެ ތިރީގައި [ޑޮކްޓަރު މުޙަންމަދު ޝަހީމް ޢަލީ ސަޢީދު] މިހެން ލިޔުއްވައިފައި ވެއެވެ.
ބަނޑޭރިގަނޑު ބަލައިލުމުން މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންގެވުމަކަށް އައްޝައިޚު ޢަލީ ނަޖީބު ތަރުޖަމާ ކުރައްވައި، ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު މުރާޖާކުރައްވައިފައިވާ ފޮތެއްކަން އެނގެއެވެ. ބަނޑޭރިގަނޑު ހުޅުވައިލުމުން އެތެރޭގެ ފުރަތަމަ ގަނޑުގައި، ހަމަ ބަނޑޭޜިގަނޑުގައި ހުރި ހުރިހައި ލިޔުންތަކެއް، ނިޝާނާއި ވުޒާރާގެ ނަމާއި ފަރުމާތައް އުނިކުރެއްވުމަށް ފަހު ލިޔުއްވައިފައި ވެއެވެ. މި ގަނޑުގެ އަނެއް ފުށް ހުސްކޮށް އޮތުމަށް ފަހު ޖެހިގެން އޮތް ގަނޑުގެ ފުރަތަމަ ފުށުގައި ވަށްކޮށް ބަސްމަލާ ލިޔުއްވައިފައިވެއެވެ. މި ގަނޑުގެ ވެސް އެތެރެފުށް އޮތީ ހުސްކޮށެވެ. ޖެހިގެން އޮތް ގަނޑުގެ ފުރަތަމަ ސަފުހާގެ މަތީގައި ޝާއިޢުކުރި ފަރާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާކަމަށް ލިޔުއްވައިފައިވެއެވެ. އަދި [ފުރަތަމަ ޗާޕު: 2025] މިހެން ލިޔުއްވައިފައި ވެސް އޮތެވެ.
ދެން އޮތީ ފޮތް ފާސްކުރި ނަންބަރާއި އައި އެސް ބީ ނަންބަރެވެ. މި ސަފުހާގެ ތިރީގައި ކޮޕީރައިޓާ ބެހޭ ބަޔާނެއް އޮތެވެ. މި ގަނޑުގެ އެތެރޭ ފަރާތުން ފެށިގެން ފޮތުގެ ސަފުޙާތަކަށް ނަންބަރު ދެއްވައިފައި ވެއެވެ. ފުރަތަމަ ސަފުހާއަކީ ފިހުރިސްތު ފެށޭ ސަފުހާއެވެ. ފިހުރިސްތު ނިމިފައިވަނީ އަށްވަނަ ސަފުހާއިންނެވެ. ފޮތުގެ ނުވަވަނަ ސަފުހާއާއި 10ވަނަ ސަފުހާއާއި 11ވަނަ ސަފުހާގައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދުގެ [ބަސް] ލިޔުއްވައިފިއެވެ. ވަޒީރުގެ [ބަހު]ގައި ފޮތާ ބެހޭ ކުރު ތަޢާރުފަކާއި ފޮތުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ. 12ވަނަ ސަފުހާއިން ފެށިގެން 17ވަނަ ސަފުހާގެ މެދަކާ ހަމައަށް އޮތީ ފޮތުގެ މުޤައްދިމާގެ ތަރުޖަމާއެވެ. އެއީ ފޮތުގެ ފެށުމެވެ. ފޮތުގެ މުޞައްނިފުގެ މުޤައްދިމާއެވެ.
ފޮތުގެ ފުރަތަމަ ސުރުޚީއަކީ [އަމާނާތްތައް އަދާކުރުން] މި މައުޟޫޢުގެ ދަށުގައިވާ މަޢުލޫމާތެވެ. ދެން އޮތީ [ތަނެއްގެ ވެރިކަން، އެ ކަމަށް އެންމެ އެކަށީގެންވާ މީހާއާ ޙަވާލުކުރުން] މި މައުޟޫޢުގެ މައްޗަށް ލިޔުއްވައިފައިވާ ފިލާވަޅެކެވެ.
ކޮންމެއަކަސް ޤުރުއާނާއި ސުންނަތުގެ އަލީގައި ލިޔުއްވައިފައިވާ މި ފޮތުގައި ވެރީންނާއި ރައްޔިތުންގެ ޒިންމާތަކާއި ވަޖިބުތަކާ ގުޅޭ ހަމަ ހުރިހައި މައުޟޫޢަކަށް ލިޔުއްވައިފައިވެއެވެ. އެންމެ ފަހު މައުޟޫޢަކީ [މުދަލާއި މަތިވެރިވުމުގެ އެދުން، ގިނަ ވެރީންގެ މައްޗަށް ގަދަވެފައިވުން] މިއެވެ.
މި ފޮތުގެ މައްޗަށް ތަފުޞީލުކޮށް ބަލައިލުމަކީ ކުއްލިއަކަށް ކުރެވޭނެ ކަމަކަށް ނުވާތީ މިހައި ހިސާބުން އަޅުގަނޑު ގަސްތުކުރަނީ ނިންމައިލާށެވެ.
އާދޭހެވެ! ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، ފޮތުގެ ލޭއައުޓާއި ފަރުމާއަށް ވުރެ މި ފޮތް ތައްޔާރުކުރެއްވުމުގައި އިސްކަންދެއްވައިފައިވަނީ ކިޔާން ފަސޭހަކުރެއްވުމާއި ކުށް މަދުކުރެއްވުމުގެ މައްޗަށްކަން މަތިމަތީން ފޮތް ބަލައިލުމުން ސާފުވެއެވެ. މިއީ ކިޔައިލާން ފަސޭހަ ގޮތަކަށް ފަރުމާ ފޮންޓުން، ފޮންޓު ސައިޒު 14ގައި ލިޔުއްވައިފައިވާ ފޮތެކެވެ. އެހެންކަމުން އެ މަގުސަދު ކިތަންމެ ހައި ވެސް ރަނގަޅަކަށް ހާސިލުވާކަމަށް ދެންނެވިދާނެއެވެ.
މިއީ ކިޔައިލާން ފަސޭހަ، ކުށްމަދު ފޮތެކެވެ. ދިވެހި ކޮންމެ މުސްލިމެއްގެ އަތުގައި މި ފޮތުގެ ކޮޕީއެއް އޮތުން މުހިންމެވެ. މި ފޮތުގައި ވިއްކާ އަގެއް ޖައްސަވައިފައި ނެތަސް ރަސްމީ ގަޑީގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްތިގުބާލުން -/150ރުފިޔަގެ އަގަކަށް މި ފޮތް ބައްލަވައިގަންނަވާން ލިބިވަޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޗާކުކުރައްވައިފައިވަނީ މަދު ޢަދަދަކަށް ވާތީ ލަސް ނުކުރައްވައި މީގެ ކޮޕީއެއް ބައްލަވައިގަތުން މުހިންމުކަމަށް ދެކެމެވެ. އަޅުގަނޑު މިހާރު ކޮޕީއެއް ހޯދައިފީމެވެ. ދެން އޮތީ ތިޔަ ބޭފުޅުންގެ ކޮޕީއެވެ.