އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
16 މޭ 2025
"ޙިލްޔަތުލްއައުލިޔާއި" ނަމަކަށް ކިޔާ ފޮތުގައި އަލްއަޞްފަހާނީ އަދި "ޞިފަތުއްޞަފްވަތި" ނަމަކަށް ކިޔާ ފޮތުގައި އިބްނުލްޖައުޒީ ވިދާޅުވެފައިވާ ގޮތުގައި ((މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނާ ފާފައެއްކުރެވިގެން އުޅޭ މީހަކާ ބައްދަލުވެވަޑައިގަތެވެ. މީސްތަކުން އެއްވެ މި މީހާއަށް މަލާމާތްކޮށް އެއްޗެހިގޮވަމުންދިޔައެވެ. އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ވަޅަކަށް ވެއްޓިފައިވާ ނަމަ ތިޔަބައިމީހުން އޭނާ މި ވަޅުން ނުނަގާނަންހެއްޔެވެ؟ އެބައިމީހުން އޭނާ ނަގައި ސަލާމަތްކުރާނޫއޭ ދެންނެވުމުން ވިދާޅުވިއެވެ. ތިޔަބައިމީހުންގެ އަޚާއަށް އެއްޗެހިނުގޮވާށެވެ! އޭނާ އެ ކަމުން ސަލާމަތްކުރެއްވީތީ ﷲއަށް ޙަމްދުކުރާށެވެ! އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނު އޭނާދެކެ ކޯފާއެއް ނުވާނަންތޯއެވެ؟ ވިދާޅުވިއެވެ. އޭނާ ދެކެ ރުޅިއެއް ނާންނާނަމެވެ. ރުޅި އަންނާނީ އޭނާ ކުރި ކަންތައް ދެކެއެވެ. އޭނާ އެ ކަންތައް ކުރުން ހުއްޓައިލައިފި ނަމަ އެއީ ތިމަންކަލޭގެފާނުގެ އަޚެކެވެ.))
މުސްލިމުން އެހެން މީހުންނަށް އެއްޗެހިގޮވައިގެން ނުވާނެއެވެ. އިސްލާންދީން މުސްލިމުންނަށް ގޮވައިލަނީ މި ޚުލުޤާ ދުރުހެލިވުމަށެވެ. މުސްލިމުން، އަނގަ ހުތުރު ބަޔަކަށް ވެގެންނުވާނެއެވެ.
1- ކުށްވެރީންނަށް އެއްޗެހިގޮވުން ދީން މަނާކުރެއެވެ: ކުށްކުރާ މީހުންނަށް އެއްޗެހިކިޔުމަކީ އިސްލާންދީން ނަހީކުރާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوَۢا بِغَيْرِ عِلْمٍ - اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ.)) މި ބަސްފުޅުގައި މާތްﷲ މި ވަނީ އެއްޗެހިގޮވުމާއި ލަޢުނަތްލުން މަނާކުރައްވައިފައެވެ. މުސްލިމަކު ނުރަނގަޅު ކަމެއް ކޮށްފިނަމަ އެހެން މުސްލިމުންގެ ވާޖިބަކަށް ވާނީ އޭނާއަށް ނަސޭހަތްދިނުމެވެ. އޭނާއަށް ހެޔޮ މަގުދެއްކުމެވެ. މުސްލިމުންނަކީ އަނގަހުތުރު ބައެއްނޫނެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((ليس المُؤمِنُ بالطَّعّانِ ولا اللَّعّانِ ولا الفاحشِ ولا البَذيءِ [1] - މީހުންގެ އަބުރާބެހޭ މީހަކު ކަމުގައި ނުވަތަ މީހުންނަށް މަލާމާތްކުރާ މީހަކު ކަމުގައި ނުވަތަ މީހުންނަށް ބަދުދުޢާކުރާ މީހަކު ކަމުގައި ނުވަތަ މީހުންނާ ދިމާއަށް އަވަގުރާނަބަސްތައް ގޮވާ މީހަކު ކަމުގައި ނުވަތަ ލަދުވެތި ހުތުރުބަސްތައް ކިޔާ މީހަކު ކަމުގައި މުއުމިނާ ނުވެތެވެ.[2] )) ނަބިއްޔާ e މި ވަނީ ކުށްކުރާ މީހުންނާ ދިމާއަށް ހަޑިހުތުރުބަސްތައް ގޮވައިހެދުން މަނާކުރައްވައިފައެވެ.ފާފަ ކުރާ މީހާ ފާފައަށް އަރައިގަންނަނީ އޭނާ ﷲ ދެކެ ލޯބިނުވާތީއެއްނޫނެވެ. އެހެނަސް އޭނާގެ މައްޗަށް ޝައިޠާނާވެރިވެގަތުމުގެ ސަބަބުންނެވެ. އަލްބުޚާރީގައި މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލާގެ ޒަމާނުގައި ޢަބްދުﷲ ކިޔާ މީހަކު އުޅުނެވެ. އޭނާ މަޝްހޫރުވެފައިވަނީ " ޙިމާރު" ގެ ލަޤަބުންނެވެ. އޭނާ ރާ ބޮއެގެން އޭނާގެ ގައިގައި ޙައްދުޖެއްސެވިއެވެ. އެހެން ދުވަހަކު މީނާ އަނެއްކާ ރާ ބޮއެގެން ރަސޫލާގެ އަރިހަށް ގެނައުމުން އޭނާގެ ގައިގައި ޙައްދުޖެއްސެވިއެވެ.އެހިނދު މީހަކު ބުންޏެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އޭނާއަށް ލަޢުނަތްލައްވާނދޭވެ! މި އަޑު އިވިވަޑައިގެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. ((لَا تَلْعَنُوهُ فَوَاللهِ مَا عَلِمْتُ أَنَّهُ يُحِبُّ اللهَ وَرَسُولَهُ [3]- ތިޔަބައިމީހުން އޭނާއަށް ލަޢުނަތްނުދޭށެވެ!ﷲގަންދީ ވިދާޅުވަމެވެ. އޭނާގެ ފުށުން ﷲއަށާއި އެކަލާނގެ ރަސޫލާއަށް ލޯބިވުންނޫން ކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގަތްފައެއްނުވެއެވެ.))
2- ކުށްނުކުރާ މީހަކު ނެތް: މި ބިމުގައި ކުށް ނުކުރާ މީހަކު ނުވެއެވެ. މާތް ﷲ އެކަމުން ރައްކައުތެރިކޮށްދެއްވި އިންސާނަކު މެނުވީއެވެ. ފާފަކުރާ ކޮންމެ މީހަކާ ދިމާއަށް އެއްޗެހިގޮވަން ފަށައިފިނަމަ އަޅުގަނޑުމެން މި ދިރިއުޅޭ ބިން އެއްޗެހިގޮވުމުގެ ތިއެޓަރަކަށް ވެގެން ހިނގައިދާނެއެވެ. رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. (( كُلُّ بَنِي آدَمَ خَطَّاءٌ، وَخَيْرُ الْخَطَّائِينَ التَّوَّابُونَ[4] - ކޮންމެ އާދަމުގެދަރިއަކީ ގިނަގިނައިން ކުށް ކުރެވޭ މީހެކެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު ބަޔަކީ ގިނަގިނައިން ތައުބާވާ މީހުންނެވެ. )) ކުށްކުރެވޭ މީހާއާ ދިމާއަށް އެއްޗެހިގޮވައި އޭނާއަށް ފުރައްސާރަކުރަން އޭނާއެއް ނޭދޭނެތެވެ.
3- އެއްޗެހިގޮވުމަކީ ފާފައެއް: އިސްވެ ބަޔާންކުރި ޙަދީސްފުޅުގައި ވާ ފަދައިން މުއުމިނުންގެ އަޚްލާޤިއްޔާތުގެ ތެރޭގައި މީހުންގެ އަބުރާބެހުމާއި، މީހުންނަށް މަލާމާތްކުރުމާއި، މީހުންނަށް ބަދުދުޢާކުރުމާއި ، މީހުންނާ ދިމާއަށް ލަދުވެތި ހުތުރުބަސްތައް ކިޔުން ނުވެއެވެ. އެއްޗެހިގޮވުމުގެ ނުބައިކަން ބަޔާންކޮށްދެއްވައި رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ޙަދީސް ކުރެއްވިއެވެ. ((سِبَابُ الْمُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ [5]- މުސްލިމާއަށް އެއްޗެހިގޮވުމަކީ ފާސިޤުކަމެކެވެ. އަދި އޭނާއާ ހަނގުރާމަކުރުމަކީ ކުފްރެކެވެ. )) މައިންބަފައިންނަށް އެއްޗެހިގޮވުމަކީ ބޮޑުފާފައެކެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهِ ، قِيلَ: يَا رَسُولَ اللهِ، وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ؟ قَالَ: يَسُبُّ الرَّجُلُ أَبَا الرَّجُلِ فَيَسُبُّ أَبَاهُ وَيَسُبُّ أُمَّهُ [6]- ހަމަކަށަވަރުން އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި މީހާ އޭނާގެ މައިންބަފައިންނަށް ލަޢުނަތްލުންވެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! މީހާ އޭނާގެ މައިންބަފައިންނަށް ލަޢުނަތްލާނީ ކިހިނެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. މީހާ އޭނާގެ ބައްޕައަށް އެއްޗެހިގޮވައި އޭނާގެ މަންމައަށް އެއްޗެހިގޮވުމެވެ.))
4- މީސްތަކުން ފަޟީޙަތްނުކުރުން: އިސްލާންދީން މި ވަނީ މީހުންނަށް އެއްޗެހިގޮވުމާއި ލަޢުނަތްލުން މަނާކުރައްވައިފައެވެ. މީހަކު އުރެދުމަކަށް އަރައިގަތް ތަން ފެނިއްޖެނަމަ ދީން ގޮވައިލަނީ އެމީހާ ދުރަށް ގެންގޮސް އެހެން މީހުންނަށް ނޭނގޭ ގޮތަށް ނަސޭހަތްދީ އެ ކުށާ ދުރުހެލިކުރުވުމެވެ.އެ ކަން ވަންހަނާކޮށް ފޮރުވައިދިނުމެވެ. އެ ކުށް ކުރި މީހާ އެ ކަން ފާޅުކޮށް އިޝްތިހާރު ނުކުރާނަމައެވެ. އޭނާ އެކަންފާޅުކުރިޔަސް އޭނާއަށް އެއްޗެހިގޮވައިގެން ނުވާނެއެވެ. އޭނާގެ މައްޗަށް އޮތީ ކަމާބެހޭ މަސްއޫލުފަރާތަށް އެ ކަން އެންގުމެވެ. މި ޒަމާނުގައި މީސްމީޑިއާގެ އޮޅިތަކުގައި ބަދަލުކުރެވޭ މެސެޖުތަކުގައި ލިޔެ މީހުން ފަޟީޙަތްކުރާ ގޮތަށް ފަޟީޙަތްކުރުމަކީ ، އިސްލާމީ އަޚްލާޤާ ޚިލާފު ކަމެކެވެ. މީހުންނަށް ކުރެވޭ ނުރަނގަޅު ކަންތައްތައް ވަންހަނާކުރުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ. [7]- މުސްލިމަކު ބޭޒާރުނުކޮށް ވަންހަނާކުރިމީހާ މާތްﷲ ދުނިޔެއާއި އާޚިރަތުގައި ރައްކައުތެރިކޮށްދެއްވާނެއެވެ.))
ކުށްކުރާ މީހުންނަށް އެއްޗެހިގޮވުމާ ދުރުހެލިވާންވީ ކީއްވެ؟
ކޮންމެ މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. މުޖުތަމަޢުގެ ފޭރާން ބަދަހިކަންމަތީ ދެމެހެއްޓުމަށް ޓަކައި މި އަޚުވަންތަން ދަމަހައްޓަން ޖެހެއެވެ.ކައުރަސޫލާ e މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު މަދީނާގެ މުޖުތަމަޢުގައި ހިމެނޭ އަންޞާރީންނާއި މުހާޖިރުން މުއާޚާތު ކުރެއްވިއެވެ. މި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ޓަކައި އެކަކު އަނެކަކު ލޯބިވާން ޖެހޭނެއެވެ. އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ލަޢުނަތްލުމަކަށް ނުރުހޭނެތެވެ. އިންސާނާ އޭނާގެ އަމިއްލަ ނަފުސަށް އެއްޗެހިގޮވުމަށް ލޯތްބެއް ނުކުރާނެއެވެ. ވީމާ އެހެން މީހުން ވެސް މި ފަދަ ކަމަކަށް ލޯތްބެއް ނުކުރާނެއެވެ. ނަބިއްޔާ صلى الله عليه وَسَلَّمَ ޙަދީސް ކުރެއްވިއެވެ. ((لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِه[8] - އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކޮންމެ ކަމެއް އޭނާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން ތިބައިމީހުންގެ ކުރެ ހަމަ އެކަކު ވެސް އީމާންވެގެންވާ މީހަކު ކަމުގައި ނުވެއެވެ.))
މީހުންނަށް އެއްޗެހި ގޮވުމަކީ މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާނެ ކަމެކެވެ. މި ކަމުގެ ސަބަބުން އަރާރުންތައް އުފެދި މުޖުތަމަޢުގެ އެކުވެރިކަން ކިލަބުވެގެން ހިނގައިދާނެއެވެ. މިއީ އިސްލާންދީން މަނާކުރާ ކަމެކެވެ.
އިސްލާންދީން މުސްލިމުންނަށް ގޮވައިލަނީ މީސްތަކުންނަށް ރިވެތި ބަހުން މުޢާމަލާތުކުރުމަށެވެ. އަރަހުށި ހުސްޠާހިރުވަންތަ ރަސްކަލާނގެ ﷲ ވަޙީކުރެއްވިއެވެ. (( وَقُولُواْ لِلنَّاسِ حُسْناً [9] - އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!)) މުޖުތަމަޢު ހެޔޮ މުޖުތަމަޢަކަށް ވާނީ ހެޔޮބަސް ބުނެގެންނެވެ. ހުތުރު ބަހާ ދުރުހެލިވެގެންނެވެ.
މަރުޖާ:
[1] - أخرجه الترمذي (١٩٧٧)، وأحمد (٣٨٣٩)
[2] - އެބަހީ ފުރިހަމަ މުއުމިނަކު ކަމުގައި ނުވެތެވެ. ނުވަތަ މުއުމިނުންގެ ގައގައި ހުންނަން ޖެހޭ ސިފަތަކެއް ކަމުގައި މި ސިފަތައް ނުވެތެވެ.
[3] - أخرجه البخاري (٦٧٨٠). والبغوي في ((شرح السنة)) (١٠/ ٣٣٧).
[4] - أخرجه الترمذي (٢٤٩٩)، وابن ماجه (٤٢٥١)، والدارمي (٢٧٦٩). وأحمد (١٣٠٤٩)
[5] - أخرجه البخاري (٤٨)، ومسلم (٦٤)
[6] - أخرجه البخاري (٥٩٧٣)، ومسلم (٩٠) و أبو داود (٥١٤١)
[7] - أخرجه مسلم (٢٦٩٩) والترمذي (٢٩٤٥) وأحمد (١٦٩٥٩)، وعبد الرزاق (١٨٩٣٦)
[8] - أخرجه البخاري (١٣) و مسلم (٤٥)
[9] - البقرة: 83